ވާހަކަ

ދޭތޯ ތި ހިތް - 14

ވަދާއުގެ ސަލާން ބަދަލުކޮށްލަމުން ޖޫދާ ހިނގައިގަތެވެ. ޖޫދާ ދިޔަ ދިމާއަށް ބަލަން ހުރި މިރާހްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ޖޫދާއާ ގުޅުވައިގެން ތާރާ ސުވާލެއްކޮށްފާނެތީ އެ ހިތުގައި އޮތީ ކަންބޮޑުވުމެވެ. ކުރިމަތިވެދާނެ ސުވާލަކަށް ދޭނެ އަވަސް ޖަވާބަކާ މެދު ވެސް ވިސްނާލެވުނެވެ.

''މިރޫގެ ފްރެންޑުން ތިބޭ ވާހަކައެއް ވެސް ނުބުނަމެއްނު، އަހަރެން ހީކުރީ ޒެން އެކަނިކަމަށް މިރޫގެ ފްރެންޑަކަށް ހުންނަނީ...'' ސަމާސާ ރާގަކަށް ތާރާ ބުނެލިއެވެ. ''އަންހެން ކުއްޖެއް ވީމަ ބުނަން ނުކެރުނީދޯ؟...''

މިރާހްއަށް ލިބުނު ނުތަވަސްކަން ފޮރުވާލަން އޭނާ އިހުތިޔާރުކުރީ ހިނިތުންވުމެކެވެ. ތާރާއާ ހަތަރުކަޅި ހަމަކުރަން އުނދަގޫވުމުން ވަށައިގެން އޮތް މާހައުލަށް އަވަސް ނަޒަރެއް އޭނާ ދިނެވެ.

''ޝީ އިޒް ނައިސް... މިރޫގެ އަންހެން އެކުވެރިޔެއް ހުއްޓަސް އަހަންނަށް މައްސަލައެއް ނޫނޭ... އައިމް ނޮޓް ދެޓް ނެރޯ މައިންޑެޑް...'' ތާރާގެ ވާހަކަތަކުން އެ ހިތުގައި މިރާހްއަށް އޮތް އިތުބާރު ހާމަވެގެން ދެއެވެ. އެކަމުގެ ސަބަބުން މިރާހްގެ ހިތަށް ލިބުނީ އިތުރު ހާސްކަމެކެވެ. އޭނާއާއި ޖޫދާގެ މާޒީ ތާރާއަށް ހާމަވެއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ތާރާ ދެރަވެ ހިތުގައި ޖެހޭ ފަދަ ކަމެއް އޭނާގެ ފަރާތުން ކުރިމަތިވާކަށް މިރާހް ބޭނުމެއް ނޫނެވެ. ތާރާ އުފަލުގައި ބަހައްޓަން އޭނާ ބޭނުމެވެ. ލޯބި ދޭން ވެސް މެއެވެ. ނަމަވެސް ތަގުދީރު އޭނާއާ ކުރަމުން ދިޔަ ނުބައި ސަމާސާތަކުން ހަދާނެ ގޮތް މިރާހްއަށް ހުސްވެއްޖެއެވެ. ސިކުނޑިއަށް ބަރުވެ ބޮލުގައި ރިއްސަން ފެށިއެވެ.

ތާރާގެ އަތުގައި މިރާހްއަށް ހިފާލެވުނެވެ. ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު އޭނާ ހިނގައިގަތީ ޖޫދާގެ ނަޒަރުން ސަލާމަތްވުމަށެވެ. އަދިވެސް ޖޫދާ އޭނާއާއި ތާރާއަށް ބަލަމުން ދިޔަކަން ފާހަގަކުރެވުނެވެ. ޖޫދާއާއެކު ހުރި ޒުވާނާއަށް ވެސް މިރާހް ބެލިއެވެ. ދެނެފަރިތަކަމެއް އެ މޫނުގައި ވިޔަސް އޮޅުންފިލުވުމުގެ ނިޔަތެއް ނެތެވެ. އޭނާ ބޭނުންވީ އަނެއްކާ ވެސް ޖޫދާގެ ހަނދާންތަކާ ދުރަށް ދާށެވެ. އެ ހަނދާންތަކުގައި ބަނދެވިއްޖެނަމަ ހިތަށް ތަކުލީފެއް ނޫނީ ނުލިބޭނެއެވެ. މިހާރު ތާރާއާ މެދުގައި ވެސް އޭނާ ވިސްނަން އެބަޖެހެއެވެ. ތާރާ ދެކެ ލޯބިވާން އަމިއްލަ ނަފުސަށް ވި ވައުދުގެ މަތީ ދެމިހުންނަން އޭނާ ބޭނުމެވެ. އޭނާގެ މުސްތަގުބަލު ވަނީ ތާރާއާއެކުގައެވެ. ހަލާލު އަނބިމީހާ ހުރެމެ ހިލޭ އަންހެނަކާ މެދު ހިޔާލު ކުރުމަކީ ވެސް ހުއްދަވެގެންވާކަމެއް ނޫނެވެ.

*****

''ޕާޓީ ރަނގަޅު ދޯ؟...'' ހެދުން ބަދަލުކޮށް ތާޒާވެލައިގެން ފާހާނާއިން ނުކުތް ތާރާ ސުވާލުކޮށްލީ އެނދުގައި އިން މިރާހްއާއެވެ. މިރާހް ފޯނަށް ބަލަން އިންކަމުގައި ވިޔަސް އޭނާގެ ހިޔާލުތަކުގައި ވަނީ މުޅިން އެހެން ކަމެކެވެ.

''މީރާހް؟...'' ޖަވާބެއް ނުލިބުމުން ތާރާ ގޮވާލިއެވެ. ރިތިވާ މޭޒުގެ ގޮނޑީގައި އިށީންނަމުން މިރާހްއަށް އޭނާ ބަލައިލިއެވެ.

''ކީކޭ؟...'' ތާރާގެ އަޑަށް ސިހުނު މިރާހްއަށް ބުނެވުނެވެ. ފޯނު ބާއްވަމުން މޫނުގައި އޭނާއަށް ފިރުމާލެވުނެވެ. ވިސްނަން ހަދައިގެން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ.

''މުޅިން އެހެން ދުނިޔެއެއްގަ ދޯ؟... މާދަން ބިޒީ ދުވަހަކީތަ؟...'' ތާރާއަށް ހީކުރެވުނީ މާދަން އޮފީހުގެ މަސައްކަތާ މެދު މިރާހް ވިސްނަނީ ކަމަށެވެ.

''އާނ، މާދަމާ އެބަ އޮތް ތިން މީޓިންގް...'' ހިތުގެ ހާލު ތާރާއަށް ވަންހަނާ ކުރަމުން އޮފީހުގެ ވާހަކަތައް މިރާހް ފެށީ އެހެންކަމަކަށް އޭނާގެ ވިސްނުން އަނބުރާލަން ބޭނުންވެފައި ވާތީއެވެ.

''މިއަދު އޮތް މީޓިންގްތައް މާދަމާއަށް ބަދަލުކުރީތަ؟...'' މޫނުގައި މޮއިސްޗަރައިޒާ އުނގުޅަން އުޅުނު ތާރާއަށް އަހާލެވުނެވެ. އޭނާއަށް ވަގުތު ހުސްކުރަން ދުވަހުގެ ތާވަލަށް މިރާހް ބަދަލު ގެނައީކަން ޔަގީންކުރެވުނެވެ. މިރާހްގެ ސަމާލުކަން އޭނާއަށް ދީފައިވާތީ ތާރާ އުފާވިއެވެ.

''އެވަރުކަމެއް ނޫނޭ އެއީ... ތާރާއަށް ވެސް ވަގުތު ދޭން ޖެހޭނެއެއްނު...'' މިރާހް އެނދުން ތެދުވުނެވެ. ގަމީހުގެ ގޮށްތައް ނައްޓަމުން ގޮސް ދާވިށިގަނޑަށް ލިއެވެ. ފާހާނާއަށް ވަންނަން ދިއުމުގެ ކުރިން އޭނާ އައިސް ތާރާގެ ކޯތާފަތަށް ވެސް ބޮސްދިނެވެ. ސިކުނޑިއަށް ވާންކުރަމުން ދިޔަ ހިޔާލުތަކާ ދުރުވާން އޭނާ ހުރީ ބޭނުންވެފައެވެ.

މިރާހްގެ ފަރާތުން ލިބުނު ލޯބީގެ ސަމާސާތަކުން ތާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފާހާނާއަށް ގޮސް މިރާހް ވަން މަންޒަރު ރީތިވާ މޭޒުގެ ލޯގަނޑުން ބަލަން އިނދެފައި ކޯތާފަތުގައި ވެސް އޭނާއަށް ފިރުމާލެވުނެވެ.

''މައި ލަވް...'' ތާރާގެ ހިނިތުންވުން ފުންވިއެވެ.

*****

ދުވަސްތައް ހަލުވިކަމާއެކު މާޒީގެ ތެރެއަށް ސަފުހާތައް ދޫކުރަމުން ދިޔައެވެ. ކޮންމެ ދުވަހަކާއެކު ސަރުވާއާއި ޒިވްޔަންގެ ލޯތްބަށް ވެސް ފުރިހަމަކަން ގެނެސްދެމުން ދިޔައެވެ. ކޮންމެ ދުވަހަކު ހަވީރު ޒިވްޔަންއާއެކު ސަރުވާ ދުއްވާލަން ދެއެވެ. އެއީ ދުވަހުގެ ބިޒީ ޝެޑިއުލްގެ ތެރޭން އެކުގައި ހޭދަކޮށްލަން ލިބޭ ހަމައެކަނި ވަގުތުކޮޅު ވެސް މެއެވެ. ކިތަންމެ ބިޒީ ވިޔަސް ހަވީރަށް ޒިވްޔަން ވަގުތު ހޯދައެވެ. ސަރުވާއާއެކު ހޭދަކޮށްލަން ލިބޭ ކޮންމެ ވަގުތަކީ އެ ހިތަށް އުފާވެރިކަން ގެނެސްދޭ ވަގުތުތަކެކެވެ.

އާދައިގެ މަތިން އިރުއޮއްސެމުން ދިޔަ މަންޒަރު ބަލަން ސަރުވާއާއި ޒިވްޔަން ތިބީ ރަސްފަންނުގައެވެ. ވަގުތުގެ ގޮތުން މާހައުލު ފެންނަމުން ދިޔައީ ހަލަބޮލިކަމާއެކުގައެވެ. ޒިވްޔަންގެ އަތުގައި ހިފާލަމުން ސަރުވާ ގޮސް އިށީނީ ހުސްކޮށް ހުރި ޖޯއްޔެއްގައެވެ. އޭރު މީހުންގެ ނަޒަރުތައް ހުއްޓެމުން ދިޔަކަން ސަރުވާއަށް ފާހަގަކުރެވުނެވެ. ހިސާބަކަށް މީހާ ލަދުގަންނަ ގޮތް ވެސް ވެއްޖެއެވެ.

''ކީއްވެތަ މީހުން އެހާ ވަރަށް އެ ބަލަނީ...'' ޖޯލީގައި އިށީންނަމުން ސަރުވާއަށް ބުނެވުނެވެ.

''ސަރޫ ރީތިވީމައެއްނު...'' ސަމާސާ ރާގަކަށް ޒިވްޔަން ބުންޏެވެ. ލޮލުގައި އޮތް އަވިއައިނު ނަގަމުން ޖޯލީގައި އޭނާ ހަމަޖެހިލިއެވެ. އަދި ސަރުވާއާ ދިމާއަށް އެނބުރުލިއެވެ.

''ދެން...'' ސަރުވާއަށް މަޑުމަޑުން ޒިވްޔަންގެ މުލައްދަނޑީގައި ޖަހާލެވުނެވެ.

''ހާދަ ބާރުގަދަވެއްޖެޔޭ... ޖިމަށް ދާން ފެށީތަ؟...'' ސަރުވާގެ ހަރަކާތުން ތަދުވެއްޖެކަމުގެ އަސަރުތައް މޫނަށް ގެންނަމުން ޒިވްޔަން ހީލިއެވެ. ޒިވްޔަންގެ ސަމާސާތަކުން ރުޅި މޫނު ހަދަން އުޅުނު ސަރުވާއަށް އެންމެފަހުން ހެވުނެވެ.

''ދުވަސްތައް ދިޔަ ގޮތެއް ވެސް ނޭނގޭ ދޯ... މިހާރު ތިން މަސް މިވީ...'' ސަރުވާގެ މޫނަށް ބަލަމުން ޒިވްޔަން ބުނެލިއެވެ. މާނަ ފުން ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.

''ދޯ...'' ސަރުވާގެ މޫނުން ވެސް އުފާވެރިކަން ފެނެއެވެ. ޒިވްޔަންއާއެކު އެ ހަޔާތަށް ބަހާރު މޫސުން އައިސްފިއެވެ. ދެކެމުން އައި ކޮންމެ ހުވަފެނެއް ވަނީ އުއްމީދުން ރަންގުވެފައެވެ. ދުވަސްތައް ދިޔަ ގޮތެއް ވެސް ނޭނގެއެވެ. ޒިވްޔަންއާއެކު ހޭދަކުރަން ލިބޭ ކޮންމެ ދުވަހަކީ އުފާވެރިކަމުން ފުރިގެންވި ދުވަސްތަކެވެ. އެ ލޯބިން އެ ރޫހަށް ދިރުން ގެނެސްދީފިއެވެ. އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ސަރުވާ ބޭނުމެވެ. އެކަމާ މެދު ޒިވްޔަންގެ ހިޔާލު އޮތްގޮތް ވެސް އެނގެން އޭނާ ހުރީ ބޭނުންވެފައެވެ.

''އައި ހޭވް ސަމްތިންގް ފޯރ ޔޫ...'' ފަޓުލޫނުގެ ޖީބުން ކުޑަފޮށްޓެއް ނަގަމުން ޒިވްޔަން ވާހަކަދެއްކިއެވެ. ސަރުވާއަށް ލިބުނީ ހައިރާންކަމެވެ. އެއްފަހަރު ޒިވްޔަންގެ އަތުގައި އޮތް ކުޑަ ފޮށްޓަށާއި، އަނެއްފަހަރު ޒިވްޔަންގެ މޫނަށް އޭނާ ބަލައިލިއެވެ. މެޔަށް ވެސް ފިނިވެގެން ގޮސްފިއެވެ. ވާން އުޅޭ ގޮތެއް ނޭނގި ނޭވާ ހިފަހައްޓާލެވުނެވެ. ހިތްވެސް ތެޅިލިއެވެ.

ޒިވްޔަން ދިއްކޮށްލި ކުޑަ ފޮށީގައި ސަރުވާ ހިފިއެވެ. އަވަސްވެފައިވި ހިތަކާއެކު ހުޅުވާލިއެވެ. ދެ ލޮލުގައިވި ތަފާތު ވިދުމުގެ އަސަރު ކުއްލިއަކަށް ފަނޑުވިއެވެ. ފޮށީގައި އޮތީ ސަރުވާ އުއްމީދުކުރި ޖަވާބެއް ނޫނެވެ. ހިސާބަކަށް މާޔޫސްކަން ވެސް ލިބުނެވެ. ފޮށީގައި އޮތް ރަނުގެ ކެވެލިކޮޅު ސަރުވާ ނެގިއެވެ. އޭގައި ކުދިކުދި އަލިމަސްކަށި ވެސް ހަރުކުރެވިފައި ވިއެވެ. އުއްމީދުކުރި ހަދިޔާއަށް ނުވިޔަސް އޭގައި ފިރުމާލަމުން ސަރުވާ ހިނިތުންވެލިއެވެ.

''ސަރޫ...'' ސަރުވާގެ އަތުގައި ކެވެލިކޮޅު އަޅުވާލަދެމުން ޒިވްޔަން ގޮވިއެވެ. ''އަހަރެން ބޭނުން ވާހަކައެއް ދައްކަން...''

ސަރުވާގެ އަތްތިލައިގައި ޒިވްޔަން ހިފާލިއެވެ. އެ އަތަށް މަޑުމަޑުން ފިތާލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ދެލޮލުން ސަރުވާއަށް ފެނުނީ މީގެ ކުރިން ދެކެފައި ނުވާ އަސަރެކެވެ. ޒިވްޔަން ބުނަން އުޅޭ ވާހަކައަކަށް ސަމާލުވެލެވުނެވެ. ނޭވާ ވެސް ހިފަހައްޓާލެވުނެވެ. އޭނާގެ ހިތުގެ އަޑު ޒިވްޔަންއަށް ދޭހަ ކުރެވުނީ ހެއްޔެވެ؟

''އަހަރެން ބޭނުން ސަރޫގެ އާއިލާއާ ބައްދަލުކޮށްލަން...'' ފަސްޖެހިލުމުގެ އަސަރު ޒިވްޔަންގެ ހިތަށް ވެރިވިކަމުގައި ވިޔަސް ހިތުގެ އެދުން ދުލާ ހަމައަށް އޭނާ ގެނައެވެ. އޭރު ވެސް އޭނާގެ ނަޒަރު ސަރުވާގެ މޫނާ ވަކިނުވެއެވެ. ސަރުވާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ޒިވްޔަންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެ ވާހަކައަށް ސަރުވާ ދޭނެ ޖަވާބެއް ނޭނގި އޭނާ ހުރީ ހާސްވެފައެވެ. ނަމަވެސް ސަރުވާގެ އުފާވެރިކަމުން އަންގައިދިނީ ދެ ހިތުގެ މަންޒިލު ވެސް އެއްގޮތްކަމެވެ.

''ރައްޓެހިވެގެން މާގިނަ ދުވަހު ހުންނާކަށް އަހަރެން ބޭނުމެއް ނޫން... ދިރިއުޅުމެއް ފަށަން އަހަރެން ބޭނުންވަނީ ހަމައެކަނި ސަރޫއާއެކު، އެކަން ފާއިތުވި ދުވަސްތަކުގައި އަހަންނަށް ޔަގީންވެއްޖެ...'' ޒިވްޔަން ބުނެލިއެވެ. ސަރުވާއަށް ޒިވްޔަންއަށް ބަލަން އިނދެވުނެވެ. އެހެން ޒުވާނުންނާއި ޒިވްޔަންގެ ހިޔާލު މުޅިން ތަފާތުވުމުން އުފާވެސް ވިއެވެ. ޒިވްޔަން އެ ހިތަށް ހާއްސަވަނީ ވެސް އެ ސަބަބާ ހުރެއެވެ.

''ސަރޫ... ކީއްވެ އެއްޗެއް ނުބުނަނީ...'' ޒިވްޔަން ބުންޏެވެ. ސަރުވާގެ ހިމޭންކަމުން އޭނާއަށް ނުތަނަވަސްކަމެއް ލިބުނެވެ. ސަރުވާގެ މޫނުގެ ކުލަވަރުތައް ދޭހަ ކުރުމުގައި އޭނާއަށް ގޯހެއް ހެދުނީ ބާވައޭ ވެސް ހިތާ ސުވާލުކުރެވުނެވެ.

''ޒެންގެ ވިސްނުމާއި އަހަރެންގެ ވިސްނުން އެއްގޮތްކަމުން...... އަހަރެން ވެސް ބޭނުން މަންމައާއި ބައްޕައަށް ޒެން ތައާރަފުކޮށްދޭން...'' ސަރުވާގެ ޖުމުލައާއެކު ޒިވްޔަންގެ މޫނު އުޖާލާވެގެން ދިޔައެވެ. ސަރުވާގެ އަތްތިލައިގައި އޭނާއަށް ބޮސްދެވުނެވެ.

''ޒެން...'' ސަރުވާއަށް އަވަސްއަވަހަށް އަތްދަމައިގަނެވުނެވެ. އޭނަ ލަދު ވެސް ގަނެއްޖެއެވެ. ވަށައިގެން އޮތް މާހައުލަށް އޭނާއަށް ބަލައިލެވުނެވެ.

''ސޮރީ... އައި ވޯޒް އެކްސައިޓެޑް...'' ޒިވްޔަން މައާފަށް އެދުނެވެ. އޭނާ ވެސް ރަކިވާ ގޮތް ވެއްޖެއެވެ. ޒިވްޔަންއަށް ބަލަން އިން ސަރުވާއަށް ހެވުނެވެ.

''ޒެން ލަދުގަތީމަ ވަކިން ރީތި، ސްޕެޝެލީ ވެން ޔޯރ އިއާސް ޓާރން ރެޑް...'' ހުނުމުގެ ތެރޭން ސަރުވާ ބުންޏެވެ. ޒިވްޔަން އެ ވަގުތު ތުންދަމާލަމުން ސަރުވާއަށް ބާރަށް ހީގަނެވުނެވެ. އޭނާއަށް ވަގުތުން އަނގަމަތީ އަތްއަޅާލެވުނެވެ. ޒިވްޔަން ވެސް ހެވިދާނެތީ ތުންފަތުގައި ދަތް އަޅާލިއެވެ.

''ސަރޫ ހިނިތުންވީމަ ވަކިން ރީތި...'' ސިއްރެއް ބުނާހެން ޒިވްޔަން ބުނެލިއެވެ. ''ވަރަށް އަންރޮމޭންޓިކް ގޮތަކަށް ދޯ ސަރޫއަށް ޕްރޮޕޯސް މި ކުރެވުނީ...''

''ޒެން ޕްރޮޕޯސް ކުރީތަ؟... ކޮން އިރަކު؟...'' ސަރުވާ ދެލޯ ބޮޑުކޮށްލިއެވެ. ސިއްރުވެރި ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ. ޒިވްޔަންއާ ސަމާސާކުރަން އޭނާ ބޭނުންވިއެވެ.

''ވެރީ ފަނީ...'' ޒިވްޔަން ދެލޯ ހަނިކޮށްލިއެވެ.

''ހެހެހެ... އަންރޮމޭންޓިކް އެއް ނޫން... އެހެންނޫނަސް އަހަރެން ބޭނުމެއް ނޫން ގޮތް ބޮޑު ޕްރޮޕޯޒަލްއެއް... ބިއިންގް ސިމްޕަލް އިޒް ބެޓާ... މީ ޒެން ދިން ރިންގް ކަމަށް އެކަމަކު ބަލާނީ އިނގޭ...'' ސަރުވާ އޭނާގެ އަތުގައި އޮތް ކެވެލިކޮޅު ދައްކާލިއެވެ.

''އައިމް ސޯ ޑަމްބް... ޝުޑް ހޭވް ބްރޯޓް އެ ރިންގް...'' ބޮލުގެ ފުއްކިބައިގައި އަތްތިލަ ހިންގާލަމުން ޒިވްޔަން ބުނެލިއެވެ.

''ޔޫ އާރ މައި ޑަމްބޯ...'' ސަރުވާ ބުންޏެވެ.

''ޔެސް! އައިމް އޯލް ޔޯސް...'' ޒިވްޔަން އިތުރުކޮށްލިއެވެ.

އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިވާން ފެށުމުން ސަރުވާއާއި ޒިވްޔަން ދާން ހިނގައިގަތެވެ. ކުރިއަށް ހިނގަމުން ދަނިކޮށް ސަރުވާގެ އަތުގައި ޒިވްޔަން ހިފާލިއެވެ. އަދި އަތުގެ އިނގިލިތައް މަހާލަމުން ސަރުވާއަށް ރީތި ހިނިތުންވުމެއް ދިނެވެ. ހިތަށް ލިބުނު ރާހަތާއެކު ސަރުވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޒިވްޔަންއަށް އޭނާ ބަލައިލީ ހުވަފެނީ ގޮތަކަށެވެ. އަދިވެސް މިއީ ހަގީގަތެއްކަން ގަބޫލުކުރަން އުނދަގުލެވެ.

''ވިލް ދެއި ލައިކް މީ؟...'' ކާރަށް އަރައި ހަމަޖެހިލަމުން ޒިވްޔަން ސުވާލުކޮށްލިއެވެ. ވަގުތުގެ ގޮތުން މަގުގައި ދުއްވާ އެއްޗިސް ގިނައެވެ. ޓްރެފިކްގައި ޖެހިފައި ވަނިކޮށް ސަރުވާއަށް ޒިވްޔަން ބަލައިލިއެވެ.

''ކީއްވެ ނުވާންވީ... މަންމައާއި ބައްޕަ ވަރަށް ސްވީޓް ވާނެ... އަހަރެންގެ ހޮވުން އެންމެންނަށް ވެސް ކަމުދާނެ...'' ޒިވްޔަންގެ ސުވާލުގެ ފަހަތުގައިވާ މާނަ ދޭހަކުރެވުމުން ސަރުވާ ވާހަކަދެއްކިއެވެ. ގެއާ ހަމައަށް ދެވެންދެން ހުއްޓާލުމެއް ނެތި އާއިލާގެ ވާހަކަތައް ޒިވްޔަންއާ ސަރުވާ ހިއްސާކުރިއެވެ. އެއީ ކުރިން ވެސް ޒިވްޔަންއަށް އަޑުއިވިފައިވާ ވާހަކަތަކެއް ކަމުގައި ވިޔަސް ފޫހިކަމެއް ނެތި އަޑުއަހަން އިނެވެ.

''ބަތޫ މިހާރު ވެސް ހުންނަނީ ޒެންއާ ބައްދަލުނުވެގެން... ފާޑަކަށް ރުޅި މޫނު ހަދައިގެން އުޅެނީ ވެސް...'' ސަރުވާ ބުނެލިއެވެ. އޭރު ސަރުވާ އުޅޭ އެޕާޓްމެންޓާ ކައިރިއަށް އާދެވިއްޖެއެވެ.

''ތިރިއަށް އަންނާށޭ ބުނަން ވީއެއްނު؟... އަހަރެން ބޭނުން ސަރޫގެ ކޮއްކޮއާ މިއަދު ބައްދަލުކޮށްލަން...'' މަގުގެ އެއްފަރާތުގައި ކާރު ޕާކްކޮށްލަމުން ޒިވްޔަން އެދުނެވެ.

''އާރ ޔޫ ޝުއާރ؟... ބަތޫ ވަރަށް އަނގަގަދަވާނެ...'' ސަރުވާ އަހާލިއެވެ. ޒިވްޔަން ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

''ވެއިޓް ހިޔާރ!... އަންނާނަން ބަތޫ ގޮވައިގެން...'' ކާރުން ފައިބަމުން ސަރުވާ ބުނެލިއެވެ. އުފާވެރިކަން އޭނާގެ ރާގުގައި ވިއެވެ. ބަތޫލްއަށް ޒިވްޔަން ތައާރަފުކޮށްދޭން އޭނާ އަވަސްވެގަތެވެ. އެ ގުޅުން ސިއްރެއްގެ ގޮތުގައި ބާއްވަން މިހާރު އޭނާ ބޭނުމެއް ނޫނެވެ. ހިތަށް ޔަގީންކަން ލިބިއްޖެއެވެ. އެ ހިތް އެދެމުން ދިޔަ ހަޔާތުގެ ބައިވެރިޔަކީ ޒިވްޔަންއެވެ.

*****

ކާރަށް ލެނގިލައިގެން ފޯނާ ކުޅެން ހުރި ޒިވްޔަންއަށް ސަރުވާ ގޮވާލި އަޑު އިވުނެވެ. ފޯނު ފަޓުލޫނުގެ ޖީބަށް ލަމުން އޭނާ އިސްއުފުލައި ބަލައިލިއެވެ. އޭރު ސަރުވާ އައިސް އޭނާއާ އަރައި ހަމަކުރަނީއެވެ. ސަރުވާގެ އަތުގައި އޮޅުލައިގަނެގެން ހުރި އިސްކޮޅުން ކުރު އަންހެންކުއްޖާއަށް ޒިވްޔަން ބަލައިލީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ.

''އޯ މައި ގޯޑް... ހީ އިޒް ސޯ ހޭންޑްސަމް...'' ތަންކޮޅެއް ބާރަށް ވާހަކަދެކެވުނުކަން ބަތޫލްއަށް ރޭކާލުމާއެކު އަނގަމަތީގައި އޭނާ އަތްއަޅައިފިއެވެ. އޭނާ ހުރީ ރަކިވެފައެވެ. ސަރުވާގެ ފުރަގަހަށް ވަދެ ޒިވްޔަންއަށް ފިލަން އުޅުނެވެ. ކޮއްކޮގެ ހަރަކާތުން ސަރުވާއަށް ހެވުނެވެ.

''ހޭއި ބަތޫލް... އައިމް ޒިވްޔަން... ނައިސް ޓު މީޓް ޔޫ...'' ޒިވްޔަން ތައާރަފުވެލިއެވެ. ޒިވްޔަން ސަލާމްކުރުމަށް ދިއްކޮށްލި އަތުގައި ލަދުން ހުރެ ބަތޫލް ހިފާލިއެވެ. އިރުކޮޅެއް ވަންދެން ޒިވްޔަންގެ އަތުން ދޫކޮށްލަން ނޭނގިފައި ހުއްޓައި ސިހުނީ ސަރުވާ އޭނާގެ އަތުގައި ވިކާލުމުންނެވެ.

''ހާއި...'' ހިކަނދިމަސްގަނޑުގައި ފިރުމަމުން ބަތޫލް ބުނެލިއެވެ.

''ޒެން ގާތު އޭރުވެސް ބުނީމެއްނު ބަތޫ ކުޑަކޮށް ކްރޭޒީ ވާނެޔޭ...'' ސަރުވާގެ ޖުމުލައާއެކު ބާރަށް ދޮންތިއޭ ކިޔައި ބަތޫލް ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. އެ ވަގުތު އެންމެންނަށް ހީގަނެވުނެވެ. ބަތޫލް ވެސް ހިނިތުންވެލިއެވެ. ޒިވްޔަންއާއި ސަރުވާއަށް އޭނާ ބަލއިލިއެވެ. އެ ދެމެދުގައި އޮތް ލޯބި އޭނާއަށް އިހުސާސްކުރެވުނެވެ. ދޮންތިއަށްޓަކައި އޭނާ އުފާވިއެވެ. އިރުކޮޅެއް ވަންދެން ބަތޫލްއާ ވާހަކަދައްކާލަން ޒިވްޔަން މަޑުކުރިއެވެ. ދާން ޖެހުނީ ދައިސާން ގުޅަން ފެށުމުންނެވެ.

*****

''ބަތޫ...'' ލިފްޓުގައި ހުރި ބަތޫލްއަށް ސަރުވާ ގޮވާލިއެވެ. ''މަންމަމެންނަށް ޒެން ކަމުދާނެތަ؟...''

''ކީއްވެ ތިހެން ތިބުނީ؟...'' ބަތޫލްއަށް ލިބުނު ހައިރާންކަމާއެކުގައި އަހާލެވުނެވެ. އޭރު ލިފްޓު އެންމެ މަތީ ފަންގިފިލާއަށް ގޮސް ހުޅުވެނީއެވެ.

''ދެން ނޭނގޭ...'' ލިފްޓުން ފައިބަމުން ސަރުވާއަށް ކޮނޑު އަރުވާލެވުނެވެ. ''ޒެން ވާނީ އަހަރެން ގެއަށް ގެންނަ ފުރަތަމަ ފިރިހެންކުއްޖާއަށް، އެހެންވެ އެކަމާ ހަމަ ވިސްނެނީ...''

''ދޮންތީ... ހާސްނުވެބަލަ... މަންމަ އަދި ބައްޕައަށް ވެސް ޒެން ކަމުދާނެޔޭ... ހުރިހާ ކަމަކުން ވެސް ޕާފެކްޓް... ރީތިކަމާއި ސްމާޓްކަމުން އެކަނި ވެސް އަހަރެން ދޭނެން ސަތޭކަ...'' ސަރުވާގެ ހިތްހަމަޖައްސާލަދޭން ބަތޫލް ބުނެލިއެވެ. އެޕާޓްމެންޓްގެ ދޮރުހުޅުވާލާފައި ދެބެއިން އެކުގައި ވަނެވެ.

''މަންމަ ގާތު ބުނަންދެން ބަތޫ ހުންނާނީ މަޑުން އިނގޭ...'' ފަޔާއި ވަކިކޮށްލި ބޫޓު ފައިވާން ހަރުގަނޑުގައި ބަހައްޓަމުން ސަރުވާ ބުނެލިއެވެ. ''އައި މީން އިޓް...''

''ފައިން... ނޫޅެމޭ ބުނާކަށް... އެކަމަކު ޒެންއާ ބައްދަލުކޮށް ދިނީތީ ތޭންކްސް... ހީ އިޒް ސޯ ހޭންޑްސަމް... ދޮންތަ ހާދަ ލަކީއޭ... ޒެންގެ ކޮއްކޮއެއް ހުރޭތަ؟...'' ސަރުވާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބަތޫލް ބުނެލިއެވެ. ބަތޫލްއަށް ބަލައިލި ސަރުވާއަށް ދެފަރާތަށް ބޯހޫރާލެވުނީއެވެ.

''ކޮން ވާހަކައެއްގަތަ؟...'' ސަރުވާއާއި ބަތޫލް ސިހުނީ ޒުބެއިދާގެ އަޑަށެވެ. އަވަސްއަވަހަށް ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލައިފިއެވެ. ދެބެއިންނަށް ލިބުނު ސިހުން ޒުބެއިދާއަށް ފާހަގަކުރެވުނެވެ.

''ބަލަމުންދާ ސީރީޒްއަކާ ބެހޭ ގޮތުން...'' ބަތޫލް ބުންޏެވެ. ސަރުވާގެ ފަހަތުން ގޮސް ބަތޫލް ވަނީ ސަރުވާގެ ކޮޓަރިއަށެވެ. އެ މަންޒަރު ބަލަން ޒުބެއިދާ ހުއްޓެވެ. މިފަހަކަށް އައިސް ސަރުވާގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން އޭނާއަށް ވަނީ ފާހަގަވެފައެވެ. އެ ހިތުގައި ސުވާލު އުފެދުނެވެ. ވިސްނަމުން ގޮސް ޒުބެއިދާ ވަނީ ބަދިގެއަށެވެ.

(ނުނިމޭ)