"އާދެބަލަ. ފުރިހަމަވާނޭ އަދި" ރޫޔާގެ އަތުގައި ހިފައިގެން ނިހާން ފޭބީ ކެނޯއަށް އަރާ ދިމާލަށެވެ. ދެ ކުދިންނަށް ތައްޔާރުކޮށްފައިވާ ކެނޯ އޮތީ ތައްޔާރަށެވެ. އެކި ކުލައިގެ މާތަކުން ބަރާވެފައެވެ. ކެނޯ އަށް ރޫޔާ އެރީ ނިހާންގެ އަތުގައި ހިފައިގެންނެވެ.
"ކިހިނެއްވާން މިއުޅެނީ؟" ދަތުރު ފެށުމާއެކު ރޫޔާ ބުންޏެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ.
ކެނޯ މަޑުކޮށްލީ ކުޅީގެ މެދާ ހަމައިގައެވެ. ވަށައިގެން ފެންނަ ގުދުރަތީ ހިތްގައިމު މަންޒަރަށް ހިތް ދޫކޮށްލައިގެން އިންދާ ރޫޔާ ސިހުނީ އޭނާއާ ދާދިގާތުގައި އެއްފައި މައްޗަށް ނިހާން އިށީނދެލުމުންނެވެ. ރޫޔާ ހައިރާންވެފައި ނިހާނަށް ބަލައިލިއެވެ. ލައިގެން ހުރި ހުދު ކުލައިގެ އަތްދިގު ތުނި ފޮތީގެ ގަމީހުގެ އެތެރޭގައިވާ ޖީބަށް ޖަހާލާފައި އިން ފިނިފެންމާ ރޫޔާއަށް ނިހާން ދިއްކޮށްލިއެވެ.
"ރޫ... މައި ލަވް... އައި ލަވް ޔޫ.... ވިލް ޔޫ ބީ މައި ވައިފް...."
ރޫޔާއަށް އަނގަމަތީގައި އަތްއެޅުނެވެ. ހީނލެވުނީ މުޅި ކާއިނާތުގައި ވަށައިގެން ސަނާ ކިޔަމުން އުދުހެމުންދިޔަ ކުދިދޫނިތަކަށްވެސް އިވޭހާ ވަރަށެވެ. ދެ ލޮލުގެ އަރިމަތިން އުފާވެރިކަމުގެ ކަރުނައިގެ ތެތްކަން ފާޅުވާން ހުރިއިރު ހިތުގައި ޖަހަމުންދިޔަ ވިންދު ހީވީ ލަސް ރާގަކަށް ބީޓުވާހެންނެވެ. ރޫޔާއަށް ބަހެއް ނުކިޔުނެވެ. ކުރެވުނުހާވެސް ކަމަކީ ބޯޖަހާލުމެވެ. ނިހާން ދިއްކޮށްލި މަލުގައި ރޫޔާ ހިފިއެވެ. ނޭފަތާ ހަމައަށް ގެނެސް އޭނާ ނިހާނަށް ބަލައިލިއެވެ. އެ މަލުގައި އޭނާ ވަސްބަލާލީ ނިހާނަށް ނަޒަރު ސީދާކޮށްލައިގެން ހުރެއެވެ.
"އަހަރެން އެބަ އިންތިޒާރުކުރަން" ނިހާން ބުންޏެވެ.
ރޫޔާ މަޑުމަޑުން ނިހާނާ ގާތަށް އެއްފިޔަވަޅު އަޅާލިއެވެ. ނިހާން ނުވިސްނާ ހުއްޓާ މަޑުމަޑުން ނިހާންގެ މޭގައި ރޫޔާ ބޯ އަޅާލިއެވެ.
"އަހަރެންވެސް. ނިހާނަށް ވުރެ ބޮޑަށް... މާބޮޑަށް... އައި ލަވް ޔޫ މޯ ދެން އެނީތިން" ރޫޔާ ބުންޏެވެ.
ނިހާނަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ އޭނާއަށް އިހުސާސްވެގެން ދިޔަ ހެންނެވެ. ރޫޔާގެ ގައިގައި ދެ އަތުން ވަށާލީ އެ އަންހެން ކުއްޖާއަށް އޭނާ އެދޭވަރު ހާމަކޮށްދިނުމަށެވެ. ކުއްލިއަކަށް ދެ ކުދީންވެސް ބަލައިލީ ބަޔަކު އަޑުގަދަކޮށްލި އަޑު އިވިފައެވެ. އެއްގަމުގައި ރޫޔާ ތައްޔާރު ކޮށްދިން އަންހެންކުދީންތައް އެއް ކުއްޖަކު އަނެއް ކުއްޖަކު ގައިގައި ބައްދައިގެން ތިބެ ހެނީއެވެ. ފަހުގެ ތާރީހެއްގައި ވާދީގައި އެކަހަލަ ކަމެއްވި އެއީ ފުރަތަމަ ފަހަރެވެ. އެ ކުދިން އުފާ ފާޅުކުރަމުން ދިޔައީ ރޫޔާ ފަދަ ރީތިކަން ހުސްކޮށްގެން ހުރި އަންހެން ކުއްޖަކު އެގޮތަށް ތައްޔާރުކުރަން ޖެހުނީތީއެވެ.
"ލެޓްސް ގޯ... ހިތުގެ އެތެރެ ފުރިހަމަކުރަންވީ ވަގުތުޖެހިއްޖެ" ނިހާން ބުންޏެވެ.
****
ރެސްޓޯރަންޓްގައި ޝައުންގެ ކުރިމަތީގައި އިން ނޭހާ އިނީ ހިމޭނުންނެވެ. އޭނާ ރެސްޓޯރަންޓްއަށް އައީ ޝައުން ގުޅާފައި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުންނެވެ.
"ހަމަ އެއްވެސް އެއްޗަކަށް އޯޑަރު ނުދޭނަންތަ؟ ކޮފީއެއްވެސް ނުބޯނަންތަ؟" ޝައުން ބުންޏެވެ.
"އަހަރެން މޫވްއޮން ކޮށްފިން" ނޭހާ ބުންޏެވެ.
"ހެހެ... ތިކަން ވާނީ ތިހެންކަން އެނގޭ. ނޭހާ އަހަންނާއެކު އުޅުނީ ސީރިޔަސްކޮށެއް ނޫން ދޯ" ކޮފީތަށިން ކޯވަރެއް ބޯލަމުން ޝައުން ބުންޏެވެ.
"ޝައުން އެއްވެސް އެއްޗެއް ހިތަށް ނާރާތަ ތިހެން ބުނަން. އަހަރެންގެ މުޅި ހަށިގަނޑު ޝައުން ހަދާނގޮތެއް ހަދަން ދީގެން މި ހުންނަނީ ކިތައް އަހަރު މިވީ ކައިވެނިކުރަން ކުރަން ކިޔާތާ. އަހަރެން ހަމަ ހައިރާންވެއްޖެ. ޝައުން ތިއީ ވަރަށް ގޮތެއް ނެތް ފިރިހެނެއް. ހުވާކޮށްފަ މި ބުނީ ޝައުން ކަހަލަ ފިރިހެނަކަށް ދުވަހަކުވެސް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ" ނޭހާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާ އިނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.
"އޯކޭ އޯކޭ... ނޭހާ ބޭނުން ގޮތެއް. މިއީ އަހަރެމެން ދެ މީހުންގެ އެންމެ ފަހު ބައްދަލުވުން. ދިޔުމުގެ ކުރިން އަހަރެން އެދޭ ކުޑަކުޑަ ކަމެއް ކޮށްލަދީ" ޝައުން ބުންޏެވެ.
އެއްވެސް ހަރަކާތެއް ނެތި ކަޅިޖަހާވެސް ނުލާ ނޭހާ އިނީ ޝައުންގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާއަށްޓަކައި ޝައުންގެ ހިތުގައި އެއްވެސް އިހުސާސެއް ނެތްކަން މިރޭ އޭނާއަށް ޔަގީންވެއްޖެއެވެ.
"ޕްލީޒް" ޝައުން ބުންޏެވެ.
"ބުނޭ. އަހަންނަކީ ޝައުންހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން" ނޭހާ ބުންޏެވެ.
"އަހަންނަށް... އަހަންނަށް.... ޑޯލް... ޑޯލްއަށް ގުޅޭނެ ނަންބަރެއް ނޫނީ ޑޯލް ވީތަނެއް ބުނެދީފާނަންތަ؟ އަހަންނަށް އެނގޭ ނޭހާއަށް ކޮންމެސް އެއްޗެއް އެނގޭނެކަން. މެއިލް އައިޑީ ނަމަވެސް ހޯދައިދީ" ޝައުން ބުންޏެވެ.
"ބަހެއް ނުބުނެ އިރުކޮޅެއް ވަންދެން އިނދެފައި ނޭހާ ފުންމައިގެން ތެދުވިއެވެ.
"ހަނދާންނެތުނީތަ؟ އޭނަ ކަލެއަށް އިންޒާރެއް ނުދޭތަ؟ އެހެންނޫނަސް ތިއީ އަހަންނަށް ވާނެކަމެއް ނޫން. އަހަރެން މިއަދު އޭނާއަށް ސެލިޔުޓް ކުރަން. އަހަރެންގެ ސިކުނޑިއަށް ވުރެ އޭނާގެ ސިކުނޑި ރަނގަޅުވީމަ ތި މަޅީގައި ނުޖެހި އޭނާ ސަލާމަތްވީ. އަހަރެން ގަމާރުކަމުން އަހަންނަށް ޝައުން ދެއްކި މޮޅެތި ވާހަކަތަކުގައި ޖެހެވުނީ. ނުވީތާކަށް އަހަންނަށް ޝައުންގެ ބީހުންތަކަށް ފުރަގަސް ނުދެވުނީ" ނޭހާ ވާހަކަދެއްކިއެވެ.
ޝައުން އެއްޗެއް ނުބުނެ އިނުމުން ނޭހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އަހަންނަށް ތިހަދާލި ގޮތް ކޮންމެހެން އޭނާއަށް ހަދަން އުޅޭނެކަމެއް ނެތް. ހަގީގަތަކީ އަހަންނަށް އޭނާގެ އެއްވެސް މައުލޫމާތެއް ނޭނގޭކަން. އެއަށްވުރެ ބޮޑު ހަގީގަތަކީ އަހަންނަށް އެނގުނަސް ކިޔައި ނުދޭނެކަން. އަހަންނަށް ރަނގަޅީ ދޮންބެ ހޯދަންވެސް އަހަރެން ދިރިއުޅޭ ގެއަށް ޝައުން ނައިއްޔާ"
ޝައުން ބަހެއް ނުކިޔައެވެ. އޭނާ ބަލައިލީ މޭޒުމަތީގައި އޮތް ކްލަޗް ހިފައިގެން ނޭހާ ހިނގައިގަތުމުންނެވެ. ހަގީގަތުގައި ނޭހާ ދެއްކި އެއްވެސް ވާހަކައަކަށް އޭނާ ދެކޮޅެއް ނުވެއެވެ. އަދި ދެރައެއްވެސް ނުވެއެވެ. އޭނާ ދެރަވީ ނޭހާގެ ފަރާތުން އޭނާ ހޯދަން ބޭނުންވި އެއްވެސް މައުލޫމާތެއް ނުލިބުމުންނެވެ. ނޭހާ އެތަނަށް ގެނައީވެސް ހިތުގައި ކުޑަކުޑަ އުންމީދެއް އޮތީމައެވެ. އިތުރަށް ކުރާނެ ކަމެއް ނުވަތަ ހަދާނެ ގޮތެއް އޭނާއަށް ނޭނގެއެވެ.
****
ފެންތަށީގައި ހަބީބް ހިފުމުން ހަންނާ ހިނގައިގަތެވެ. އޭނާ ހުއްޓުނީ ހަބީބް އޭނާގެ އަތުގައި ހިފުމުންނެވެ. ހަންނާ ބަލައިލުމާއެކު ހަބީބް އިޝާރާތްކޮށް އޭނާ ގާތުގައި އިށީނުމަށް ބުންޏެވެ. ހަންނާ، ހަބީބް އެދުނު ފަދައިން ކަންތައް ކުރިއެވެ. ހުސްތަށި ހަންނާ އަތަށް ދީފައި އަނބިމީހާއަށް ހަބީބް ބަލައިލިއެވެ.
"އަހަރެންގެ ބޭގަމްއަށް ކިހިނެތްވެފައި" ހަބީބް ބުންޏެވެ. ހަބީބްގެ އަޑުގައިވީ ސަމާސާއެވެ.
"އެއީ ކާކުތަ؟" ހިމޭނުން އިނދެފައި ހަންނާ ބުންޏެވެ.
"ކާކު...؟" ހަބީބްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ހައިރާންވެސް ވިއެވެ.
"މީހަކު އައީ. ހަބީ ހޯދަން. އޭނާއަށް އެނގޭ ގޭގައި ހަބީ ނޫޅޭކަންވެސް. އަހަރެން ވަރަށް ބިރުގަނޭ އެބަ" ހަންނާ ބުންޏެވެ.
ހަންނާއަށް ވުރެ ބޮޑަށް ކަންބޮޑުވީ ހަބީބްއެވެ. އެހެންނަމަވެސް އޭނާ އެކަން މޫނުމަތިން ނުދައްކައެވެ.
"ކިހިނެއް ހުރި މީހެއް. ސިފަތައް ކިޔައިދީބަލަ" ހަބީބް ބުންޏެވެ.
ހަންނާ އެ މީހާގެ ސިފަތައް ކިޔައިދިނެވެ. ހިތަށް އުނދަގޫ ކުރަމުންދިޔަ ކަންތައް ހަބީބްއާ ހިއްސާކުރެވުމުން ހިތަށް ލުޔެއް ލިބިއްޖެއެވެ.
"ދަންނަ މީހެއް ނޫން. އެކަމަކު އަހަރެން ހަންނާއަށް ޔަގީންކަންދެން. ތި ބުނާ މީހަކަށް މިގެއަށް ތި ވަދެވުނީ ފަހު ފަހަރަށް. އަހަރެން ތި މީހަކު ހޯދާނަން. ތި މީހަކު ފުލުހުންނާވެސް ހަވާލުކުރާނަން" ޔަގީންކަމާއެކު ހަބީބް ވާހަކަދެއްކިއެވެ.
"އެއީ... އެއީ އެ މީހުން ފޮނުވި މީހަކަށްވެސް ވެދާނެ. އަހަރެން ވަރަށް ބިރުގަނޭ. ކިހިނެއްވާން މިއުޅެނީ. ރޫ... ރޫޔާ..."
ހަންނާގެ ވާހަތަކުން ހަބީބްއަށް ހީވީ އޭނާގެ ހިތުގައި ކޮށި ވަޅިޔަކުން ޅިޔަ އަޅުވާލި ހެންނެވެ. ހިތުގައި ހިނގައިގަތީ ނުރައްކާތެރި ބިރެކެވެ. ލޭގައި ހޫނުކަމެއް އުފެދިއްޖެއެވެ. ނޭނގި ހުއްޓާ ނޭވާ އަވަސްވެ ހިތުގެ ތެޅުން އަވަސްވެއްޖެއެވެ.
"ވެދާނެ ތިކަހަލަ ކަމަކަށްވެސް. އަހަރެން ބަލާނަން. މާދަމާ އެއްކޮށް އުޅޭނީ ތިކަމުގަ. އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް އެހެން ބަޔަކަށް އަތްގަދަ ކުރެވޭނީ އަހަރެންގެ ނޭފަތުންލާ ނޭވާ ބަންދުކޮށްފަ" ހަންނާގެ ކޮނޑުގައި ހިފައި ކައިރިކޮށްލަމުން ހަބީބް ބުންޏެވެ.
އެއް އަތުން ހަންނާގެ ކޮނޑުގައި އޭނާ ފިރުމަމުން ދިޔައިރު ހިތުގައިވި ނުތަނަވަސްކަން އަދި ފިލައިގެން ނުދެއެވެ. އެ މީހަކީ ކާކު އޭނާ ހޯދަން އަޒުމް ކަނޑައެޅިއެވެ. ސެކިޔުރިޓީ އިތުރަށް ވަރުގަދަކުރަން އޭނާ ނިންމިއެވެ.
****
"ޝާނާ ކޮންތާކަށް" ކޮޓަރިން ނުކުމެގެން ބަދިގެއާ ދުރަށް ޝާނާ ހިނގައިގަތުމުން ލަތީފާ ވާހަކަދެއްކިއެވެ.
"މިއަންނަނީ ނިހާންއަށް ކާން ގޮވާލާފަ" ޝާނާ ބުންޏެވެ.
"އާދެބަލަ މިކޮޅަށް އިހަށް" ލަތީފާ ބުންޏެވެ.
އަނގަ ހަދާލާފައި ޝާނާ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ހަމަގަސްތުގައި މަންމަ އޭނާ ހިފެހެއްޓީކަން އޭނާއަށް އެނގުނެވެ.
"މި ކިޔުކަމްބާ ކޮށާލަބަލަ. ނިހާނަށް ގޮވަން މަންމަ މިދަނީ" ލަތީފާ ބުންޏެވެ.
"ހިފާބަލަ މި ވަޅީގަ" ޝާނާ ބަލަހައްޓައިގެން ހުރިގޮތުން ލަތީފާ ބުންޏެވެ.
ވަޅި ހިފައިގެން ހުރެ ޝާނާ ހިތްހަމަނުޖެހިފައި މަންމައަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. ނިހާނާ އަނގައިން ބުނެލާނެ އެންމެ ވަގުތުކޮޅެއްވެސް އޭނާއަށް ނުލިބެއެވެ. ޔުނިވާސިޓީން ނިހާން އޭނާއަށް ފުރުސަތެއް ނުދެއެވެ. ގޭތެރެއިން މަންމަ ފުރުސަތެއް ނުދެއެވެ. ހުރިހާ ވަގުތެއްގައި މަންމަ ހުންނަނީ ކައިރީގައި ޖައްސާފައެވެ.
މާގިނަ އިރެއްނުވެ ލަތީފާ އައީ ނިހާން ގޮވައިގެންނެވެ. މޭޒު ކައިރީގައި ހުރި ޝާނާއަށް ނިހާން ބަލައިނުލައެވެ. އިށީންގޮތަށް އޭނާ ތައްޓަށް ކާއެއްޗެހި އަޅަން ފެށިއެވެ.
"ޝާނާ ތެދުވެބަލަ މަންމަ އާއެކު ކާން" ލަތީފާ ބުންޏެވެ.
ފުންނޭވައެއް ދޫކޮށްލާފައި ޝާނާ ފުންމައިގެން ތެދުވިއެވެ. ގޮނޑި ތަންކޮޅެއް ބާރަށް ފަހަތަށް ކޮށްޕާލެވިއްޖެކަން އެނގުނީ ލަތީފާ ބަލައިލި ގޮތުންނެވެ.
"ސާލިމްގެ ހަބަރެއް ފަހުންވިތަ؟" ލަތީފާ އަހާލިއެވެ.
"ވަރަށް ހެނދުނު ހެނދުނާ ފްލައިޓް އޮތް ވާހަކަ ބުނި. ބުނި ދައްތަ ކައިރީގަ ބުނީމޭ" ނިހާން ބުންޏެވެ.
"އާ ބުނި. އެކަމަކު ފަހުން ހަބަރެއް ނުވޭ. ދައްތަ ދެ ފަހަރަކު ގުޅައިވެސްލިން. ފޯނަކަށް ނުގުޅޭ" ލަތީފާ ބުންޏެވެ.
"ވެދާނެ ދަތުރު ފެށީ ކަމަށް. އަޅުގަނޑަށްވެސް ފަހުން ހަބަރެއް ނުވޭ. އޮންލައިން ވެފައެއްވެސް ނެތް. ދެން ރަނގަޅުތާ. އިރާދަކުރެއްވިއްޔާ މާދަމާ ކޮންމެސް ވަގުތެއްގަ ސާލިމްއާ ބައްދަލުވާނެ" ނިހާން ވާހަކަދެއްކިއެވެ.
****
ކަންފަތް މަތީގައި ފޯނު ބާއްވައިގެން ރޫޔާ އޮތީ ނިހާންގެ ފޯނުގައެވެ. ކުޑަވަގުތުކޮޅަކަށް ނިހާން އެދުމުން ރޫޔާ އޮތީ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނިހާން އެ ކުރާ ކަމަކަށް ނިހާނަށް ވަގުތު ދީގެންނެވެ. ފިޔާތޮށި ކުލައިގެ ކޮޓަން ބާލީހުގައި ބައްދާލައިގެން ރޫޔާ އޮތީ ހެވިފައެވެ. ނިހާންގެ ފޯނުގައި އޭނާ އޮންނަތާ ގަޑިއެއްގެ އިރުވާން ކައިރިވެއްޖެއެވެ. އޭނާ ނިދިތޯ ޔަގީން ކުރުމަށް މައިންބަފައިން ކޮޓަރިއަށް ވަދެފައި ދިޔައިރުވެސް އޭނާ އޮތީ ހޭލައެވެ. މައިންބަފައިންގެ މައްޗަށް ނިދާފައެވެ.
"ބޭބް..." ނިހާންގެ އަޑު ރޫޔާގެ ކަންފަތުގައި ޖެހުނެވެ.
"ކީއްތިކުރީ. ވަރަށް ގިނައިރުވެއްޖެ" ރޫޔާ ބުންޏެވެ.
"ކީއްކުރާނީ ފަސްޓް ޓައިމް ވީމަ ގިނައިރުވީ. އެކަމަކު ދެން ފަހަރަކުން ވަރަށް ފަރިތަވާނެ" ނިހާން ބުންޏެވެ.
ނިހާން އެ ކިޔާ އެއްޗެއް އަދި ރޫޔާއަށް ނޭނގުނެވެ.
"ނޭނގުނު. ކޮންކަމެއް އެހާ ބުރަކޮށް ތިކުރަނީ؟" ރޫޔާ ބުންޏެވެ.
"މިކުރާ ކަމެއް އެނގިދާނެ. ބެލްކަނީގެ ދޮރު ހުޅުވާލަބަލަ" ނިހާން ބުންޏެވެ.
ރޫޔާ ފުންމައިގެން ތެދުވިއެވެ. ދުވެފައި ބެލްކަނީގެ ދޮރާ ދިމާލަށް ދިޔައެވެ. ބޮލުގައި ބުރުގާ ނެތްކަމާ ހުރެވުނީ ނިދާ ހެދުމުގައިކަން އެނގުމުން ރޫޔާ ހުއްޓުނެވެ. އެ ހުރި ގޮތަށް ހުރެ ދޮރުހުޅުވާކަށް އޭނާ ބޭނުންނުވިއެވެ.
"އެކަމު ބުރުގާވެސް ނާޅާ މި ހުރީ" ރޫޔާ ބުންޏެވެ.
ނިހާން ހީލި އަޑު އިވުނެވެ.
"އަހަރެން ހުރެދާނަން ދެލޯ މަރާލައިގެން" ނިހާން ބުންޏެވެ.
"އެކަމުވެސް..." ރޫޔާ ބުންޏެވެ.
"އެއީ އެހެން ބުނި އެއްޗެއް ނޫން. ދެންވެސް އަވަސްކޮށްބަލަ. އަހަރެން ބިރުގަނޭ މިތާ ހުންނަން. އަހަރެން ބޭނުމެއް ނޫން އަހަންނާ ކެނެޑާ އަންހެން ހަންޑިއެއް އަވަލަވާކަށް" ނިހާން ބުންޏެވެ.
ރޫޔާ ހީލިއެވެ. ބައެއްފަހަރު ނިހާން ބުނެލާ އެއްޗެހިން ރޫޔާއަށް ވަރަށް ހެވެއެވެ. ނިހާންގެ އޭނާ ލޯބިނުކުރާ އެންމެ ސިފައެއްވެސް ނެތެވެ.
ކުއްލިއަކަށް ރޫޔާ ދޮރުހުޅުވާލިއެވެ. ނިހާން ހުރީ ކުރިމަތީގައެވެ. ނިހާންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވެއްދީ ރޫޔާއެވެ. ދޮރު ކުރިން ހުރި ގޮތަށް ކަހާލާފައި ރޫޔާ އައިސް ނިހާން ކުރިމަތީގައި ހުއްޓުނެވެ.
"ތިއީ ކޮންކަމެއް؟ މަންމަ ނޫނީ ބައްޕަ އައިއްސިއްޔާ ކިހިނެއް ހަދާނީ" ރޫޔާ ބުންޏެވެ.
"ފޯނުން އެކަނި ވާހަކަދައްކައިގެން އަހަންނަށް ނުފުދޭ. ރޫ ދެކޭ ހިތްވަނީ. އަބަދުވެސް ކުރިމަތީގައި ހުންނަން ބޭނުންވަނީ. ޕްލީޒް އަހަރެން ކައިރީގަ ދާށޭ ނުބުނައްޗޭ" ނިހާން ބުންޏެވެ.
ރޫޔާ ދެފަރާތަށް ބޯހޫރާލިއެވެ.
"އެކަމު... އެހެން އިމާރާތެއްގައި ހުރެފައޭ އަނެއް އިމާރާތަށް ތި އައީ. ނިހާންއަށް ކަމެއްވިނަމަ.... އަހަރެން ކިހިނެތް ހަދާނީ؟" ރޫޔާ ބުންޏެވެ.
"ނުވެއެއްނު. ދެން ފަހަރަކުން މާ ފާސްޓްވާނެ" ނިހާން ބުންޏެވެ.
ކުރިމަތީގައި ހުރި ރޫޔާގެ މޫނަށް ބަލަހައްޓައިގެން ނިހާން ހުއްޓެވެ. އެ ކޮޓަރިއަށް ފެތުރިފައިވާ މަޑުމަޑު އޮރެންޖް ކުލައިގެ އަލީގެ ތެރެއިން ރޫޔާގެ މޫނު ފެންނަނީ ޖާދޫވީ ގޮތަކަށެވެ. ނިހާންގެ ހިތް މޮޔަވާ ފަދަ ރީތި ކަމެކެވެ.
"އަހަރެން ކައިރީގަ އިށީންނާކަށްވެސް ނުބުނާނަންތަ؟" ނިހާން ބުންޏެވެ.
"ކިޔަވާ ގޮނޑި ދަމާލާފައި ނިހާން ކައިރީގައި އިށީންނަން ރޫޔާ ބުންޏެވެ. ކޮޓަރީގެ އެކި ދިމާ ބަލަމުން ނިހާން އެ ގޮނޑީގައި އިށީނެވެ. ރޫޔާ އެނދުގައި އިށީންނަން އުޅެނިކޮށް ނިހާން އެއްލި އަތުން ރޫޔާގެ އަތުގައި ހިފެހެއްޓިއެވެ.
"ކީއްކުރަން ތިއުޅެނީ؟" ރޫޔާ ވަރަށް ހުޝިޔާރެވެ. އޭނާ ހުރީ ނިހާންގެ ކޮންމެ ހަރަކާތަކަށް ފާރަވެރި ވެގެންނެވެ.
"އަހަރެން އުނގުގަ އިށީނދެބަލަ. ރޫ ކީއްވެތަ އަހަންނާ ދުރަށްދާން ތި އުޅެނީ..." ނިހާން ބުންޏެވެ.
"ނުކެރޭނެ. ބިރުގަނޭ" ރޫޔާ ބުންޏެވެ.
ނިހާން ހީލިއެވެ. ރޫޔާ ހާދަ މައުސޫމެވެ.
"އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟" ނިހާން ބުންޏެވެ. ރޫޔާ ދެ ފަރާތަށް ބޯހޫރާލިއެވެ.
ކުއްލިއަކަށް ރޫޔާގެ އަތަށް ނިހާން ލުއްކެއް ޖެހިއެވެ. އެ ހިނދު ރޫޔާ އައިސް ޖެހުނީ ނިހާންގެ އުނގުގައެވެ. ލަދުވެތި ގޮތަކަށް ނިހާންގެ މޫނަށް ރޫޔާ ބަލައިލިއެވެ. ރޫޔާގެ ގައިގައި ނިހާން ދެއަތުން ވަށާލިއެވެ. ރޫޔާގެ ގައިން ދުވި ފޮނިފޮނި ވަހުން އެކަނިވެސް ނިހާންގެ މޭ ފުރިގެން އައެވެ. ނިހާންގެ އަތުގައި އޮތް ރިހި ކުލައިގެ އަނގޮޓި ރޫޔާގެ ވައަތުގެ ކަށި އިނގިއްޔަށް ހެޔޮވަރުކޮށްލީ ރޫޔާގެ ގައިގައި އެގޮތަށް ބައްދާލައިގެން އިނދެފައެވެ. ހައިރާންވެފައި އިނގިއްޔަށް ރޫޔާ ބަލައިލިއެވެ.
"އައި ކާންޓް ވެއިޓް ބޭބީ... އައި ވޯންޓް ޓު ގްރޯވް އޯލްޑް ވިދް ޔޫ" ރޫޔާގެ ކަންފަތާ އަނގަ ކައިރިކޮށްލާފައި ނިހާން ބުންޏެވެ.
ރޫޔާއަށް އަނގަމަތީގައި ދެ އަތް އެޅުނެވެ. ގަބޫލުރަންވެސް ދަތިވިއެވެ. ނިހާން އޭނާގެ ކައިވެންޏަށް އެދުނީ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ހީވެސްނުކޮށް ހުރި ވަގުތެއްގައެވެ. ނިހާން ހަމަ ތަފާތީއެވެ. ލޯބިވާ ވާހަކަ ބުނަން ތަފާތު ގޮތެކެވެ. ކައިވެންޏަށް އެދުނީ މާ ލޯބިކޮށެވެ. ރޫޔާގެ ހިތުގައި ލޯބި އުތުރިއަރައިގެން ދިޔައެވެ.
ރޫޔާގެ އަތުގައި ހިފާލައިގެން ނިހާން ކޮޅަށް ތެދުވެލިއެވެ. އޭނާ އަނގޮޓި އެޅުވި އަތުގައި ބޮސްދިނެވެ. އެއްފަހަރަކު ނޫނެވެ. ރޫޔާގެ މޫނާއި މޫނު ގާތްކޮށްލާފައި ކޯތާފަތުގައި ބޮސްދިނެވެ. މޫނު، މޫނު ގާތްކުރަމުން އައިސް އެންމެފަހުން ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބިވާ މީހާ އާއެކު ލޯބީގެ ހަދިޔާއެއް ބަދަލުކޮށްލެވިއްޖެއެވެ. ނިހާންގެ ކޮންމެ ހަރަކާތެއްގައިވީ ރޫޔާ ގަޔާވާ ގޮތެކެވެ. ހިނދުކޮޅަކަށް ފަހު ހިނދުކޮޅެއް އޭނާގެ ހިތުގައި ނިހާނާ މެދު އޮތް ޔަގީންކަމާ ގާތްކަން ބޮޑުވަމުން ދިޔައެވެ.
(ނުނިމޭ)