ނިދަން އަރާ އޮތް ސަރުވާ އެނދުގައި ފުރޮޅެމުން ދިޔައެވެ. އޭނާއަށް ނިދޭ ގޮތެއް ނުވިއެވެ. ނިންޖަށް ވުރެ ހިތުގައި އުފެދިފައިވާ އިހުސާސްތަކުގެ ބާރު ގަދައެވެ. ތުންފަތާ ކުޅެލަމުން ދިޔަ ހިނިތުންވުމާއެކު ޒިވްޔަން އޭނާއަށް ލޯބި ހުށަހެޅި މަންޒަރު ލޯކުރިމަތިން ސިފަ ކުރެވުނެވެ. ލޯބީގެ އާލަމުގައި އެތައް ވައުދަކާއި އަހުދުތަކެއް ކުރެވިއްޖެއެވެ. ޒިވްޔަންގެ މައްޗަށް ސަރުވާގެ ފުރިހަމަ އިތުބާރު އޮތެވެ. އެ ހިތުގައި ޒިވްޔަން ލޯތްބާއެކު ފިރުމާލަދޭނެކަމުގެ ޔަގީންކަން ވެސް އޮތެވެ. ހުވަފެނީ ދުނިޔެއެއްގައި އުޅެވޭ ކަހަލައެވެ. ހަޔާތުގެ ރާސްތާގައި އެ ހިތް އިހުތިޔާރު ކުރި ބައިވެރިޔަކީ ޒިވްޔަންއެވެ. އޭނާގެ ހުރިހާ އުއްމީދެއްގައި ކުލަޖެހިފައިވަނީ ޒިވްޔަންއާ އެކުގައެވެ.
ހިޔާލުތަކުގެ ދުނިޔޭގައި ފިޔަޖަހަމުން ދިޔަ ސަރުވާއަށް ނިދުނު އިރެއް ވެސް ނޭނގެއެވެ. ސިހިފައި ހޭލެވުނީ ފޯނުގެ އެލާމަށެވެ. ކަންނެތް ކަމާއެކު އޭނާއަށް ލޯހުޅުވާލެވުނެވެ. އޭރު ފޯނުގެ އެލާމަށް އުނދަގޫވެގެން މޫނުގައި ކިޔާރާ ބާލީސް އަޅައިފިއެވެ.
ބާލީސް ދަށުގައި އޮތް ފޯނު ނަގައި ސަރުވާ ބަލައިލިއެވެ. ފޯނުގެ އަލި ލޮލަށް އެޅުމުން ދެލޯ ވެސް ހަނިކޮށްލެވުނެވެ. އޭރު ގަޑިން ފަހެއް ޖެހީއެވެ. ނަމާދަށް ހޭލުމަށް ކުރި އެލާމެވެ. އެލާމް ނިއްވާލަމުން އިރުކޮޅެއް ވަންދެން އެނދުގައި ސަރުވާ އޮތެވެ. އިބިލީހުގެ ވަސްވާހުގައި ޖެހި އަނެއްކާ ވެސް ނިދިދާނެތީ ގަދަކަމުން އޭނާ އެނދުން ތެދުވުނެވެ. އާފުރިލަމުން ހިނގައިގަތީ ފާހާނާ އަށެވެ.
ނަމާދުކޮށްލައިގެން ސަރުވާ ކައިރިވެލީ ކޮޓަރީގައި ހުރި ނެސްޕްރެސޯ މެޝިން ކައިރިއަށެވެ. މެޝިނަށް ޕޮޑް ލައްވާލަމުން ކޮފީ ޖޯޑު ބެހެއްޓިއެވެ. ނެސްޕްރެސޯ މެޝިން ޖައްސާލަމަށްފަހު ސައިޑް ޓޭބަލް މަތީ އޮތް ފޯނު އޭނާ ނެގިއެވެ. ޒިވްޔަންގެ ފަރާތުން އައިސްފައި އޮތް މެސެޖު ފެނުމުން ސަރުވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
''ގުޑް މޯނިންގް...'' ޒިވްޔަންގެ މެސެޖާ ގުޅުވައިގެން ސަރުވާ ފޮނުވާލިއެވެ. އެވަގުތު ޑެކަށް ނިކުންނަން ހުރި ސްލައިޑިންގް ޑޯރގައި މަޑުމަޑުން ޓަކިދިން އަޑު ސަރުވާއަށް އިވުނެވެ. ދޮރާ ކައިރިވެލަމުން ފަރުދާ ދުރުކޮށްލިއެވެ. ކުރިމަތީ ހުއްޓި ހުރީ ޒިވްޔަންއެވެ. ސަރުވާ ހިނިތުންވެލިއެވެ.
ކޮފީ ޖޯޑު ހިފައިގެން ސަރުވާ ޑެކަށް ނިކުތެވެ. ފަތިހުގެ ފިނިކަން އެ ހިނދު އޭނާއާ ބައްދަލުކޮށްފިއެވެ. ހަށިގަނޑުގެ ލޯލިތައް ވެސް ކޮޅަށް ޖެހުނެވެ. އިރު އަރަން ވަގުތު އޮތުމުން ދުނިޔެ މަތި އަދިވެސް ފެންނަނީ އަނދިރިކޮށެވެ. އުދަރެހުން ކޮންމެވެސް ވަރަކަށް ރަތްކުލައިގެ ފަނޑުކަން ފާޅުވެއެވެ.
ސަރުވާ ގޮސް އިށީނީ ޑެކުގައި ހުރި ސޯފާގައެވެ. ޒިވްޔަން އޭރު ހުރީ މޫދަށް ފައިބަން ހުރި ރެއިލިންގްގައި ހިފަހައްޓައިގެން ދުރަށް ބަލަންށެވެ. ސަރުވާގެ ހިލަންވުމާއެކު ފަސްއެނބުރި އޭނާ ބަލައިފިއެވެ.
''ކޮފީއެއް ބޭނުންތަ؟...'' ސަރުވާ އަހާލިއެވެ. އަތުގައި އޮތް ކޮފީ ޖޯޑު ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައި ސަރުވާ ބެހެއްޓިއެވެ. ކޮފީގެ ވަހުން މާހައުލުގައި އޮތީ ހުވަނދުލެވިފައެވެ.
''އުހޫނ...'' ޒިވްޔަން މަނާވެގަތެވެ. އޭނާ އައިސް ސަރުވާ ގާތު ސޯފާގައި އިށީންނަމުން ސަރުވާއަށް ހިނިތުންވެލިއެވެ.
ދެ ޒުވާނުން ވެސް ތިބީ އިރުއަރަމުން ދިޔަ މަންޒަރު ބަލާށެވެ. މިއަދަކީ ދެ ޒުވާނުންގެ ހަޔާތުގައި ވެސް މުޅިން އައު ބާބެއްގެ ފެށުމެކެވެ. ހިތުގެ ހާލު ބަޔާންކޮށް ވިންދުޖަހަމުން ދިޔަ ލޯބި ގަބޫލު ވެވިއްޖެއެވެ. އުއްމީދުތަކުން ފުރިގެންވި ހުވަފެންތަކެއް ވެސް ދެކެވިއްޖެއެވެ. ޒިވްޔަން ފަދައިން އެއީ ސަރުވާގެ ވެސް ފުރަތަމަ ލޯބީގެ ގުޅުމެވެ. މުޅިން އައު ޖަޒުބާތުތަކެއް ވިޔަސް، އެކުގައިވުމަށް ހުވާކޮށް ލޯބިދޭން ވެސް ވައުދުވެވިއްޖެއެވެ.
ޒިވްޔަންގެ ގާތަށް ޖެހިލަމުން ސަރުވާއަށް ޒިވްޔަންގެ ކޮނޑުގައި ބޯއަޅާލެވުނެވެ. އެ ހިނދު އެ އަތުގެ ހިމާޔަތުގެ ތެރެއަށް ސަރުވާ ގެންނަމުން ޒިވްޔަން ހިނިތުންވެލިއެވެ. އުފާވެރިކަން އެ ދެލޮލުގައި ވިއެވެ. ހިމޭންކަމާއެކު އިރުއަރަމުން ދިޔަ މަންޒަރު ބަލަމުން ދިޔައެވެ. ގިނަ ވާހަކަތަކެއް ނުދެކެވުނަސް ދެ ހިތުގައި އޮތް ލޯބި ހިމޭންކަމުގެ ދުލުން ހާމަކޮށްދެއެވެ.
''އަހަރެން ހަނދާން ވަނީ ސަރޫއާ ފުރަތަމަ ބައްދަލުވި ދުވަސް...'' އިރުގެ ދޯދިތަކުން އުދަރެސް ޖަރީކުރަމުން ދަނިކޮށް ޒިވްޔަން ބުނެލިއެވެ. ''އެ ދުވަހު ސަރޫ ވާރޭގައި ޖެހިފައި ހުއްޓައި ފެނުމުން އަހަރެންގެ ސަމާލުކަން މުޅިން ހުއްޓުނު، ކާރު މަޑުކޮށްލަމުން ސަރޫއަށް ބަލަން އިނދެވުނު، ހިތްވަރުކޮށްލަމުން އެހީވާން ދިޔައީ ވެސް... އެކަމަކު އެ ދުވަހު ވާހަކަދައްކާލުމުގެ ފުރުސަތެއް ވެސް ނުލިބުނު... އޭގެ ފަހުން ފާޓީން ސަރޫ ފެނުމުން ވަރަށް އުފާވި... އިއްތިފާގީ ބައްދަލުވުމަކަށް ފަހު މިއަދު އަހަރެން އެންމެ ބޭނުންވި ލޯބި ލިބިއްޖެ...''
''އެ ދުވަހު ޒެން ދިން ކުޑަ އަދިވެސް އޮންނާނެ...'' ޒިވްޔަންގެ މޫނަށް ބަލަމުން ސަރުވާ ބުނެދިނެވެ. ''އެއީ އަހަރުމެން ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގެ ރަމްޒެއް...''
''އެހެންތަ؟... އެއީ އަހަރެންގެ ފަރާތުން ސަރޫއަށް ދިން ހަދިޔާއެއް ކަމުގައި ހީކޮށްލާ...'' ޒިވްޔަން ހިނިތުންވެލިއެވެ. ''އެ ދުވަހާ މެދު ވިސްނާލާފައި ހިއެއް ވެސް ނުކުރަން އަހަރެންގެ އަތުތެރޭ ސަރޫ ހުންނާނެ ދުވަހެއް އައިސްދާނެކަމަށް، މިއަދު އަހަރެން ވަރަށް އުފާވެއްޖެ...''
ޒިވްޔަންގެ ވާހަކަތަކުން ސަރުވާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. އެއީ އެ ދެލޯ ދުށުމަށް ހޯދަމުން ދިޔަ ހިތުގެ ރާޖާއެވެ. ޒިވްޔަންގެ ހިތުން އޭނާއަށް ދީފައި އޮތް މަގާމު އިހުސާސްކުރެވި ހިތަށް ރާހަތެއް ލިބުނެވެ. އޭނާގެ ނަސީބާ މެދު ޝުކުރުކުރެވުނެވެ.
''ޒެންއަށް އެނގޭތަ އެރޭ ފާޓީން ޒެން ފެނުނީމަ އަހަރެން ހީކުރީ ދައިސާން ކަމަށް، ވަރަށް ދެރަވި......'' ފާޓީން ޒިވްޔަންއާ ބައްދަލުވި ރޭގައި ހިތުގައި އުފެދުނު ޖަޒުބާތުތައް ވެސް ސަރުވާ ހިއްސާކުރިއެވެ. ފޮރުވުމެއް ނެތި ޒިވްޔަންއަށް އެ ހިތުގެ ހުރިހާ އިހުސާސެއް ސަރުވާ ބަންޑުން ކުރިއެވެ.
''އަހަންނާއި ކިޔާރާ؟... ނެވާރ...'' ޒިވްޔަން މޫނަށް ގޮތެއް ހަދާލުމުން ސަރުވާއަށް ހެވުނެވެ. ''އަހަރެން ބޭނުންވާ ފަދަ ކުއްޖަކަށް ފުރަތަމަ ވެސް ފެނުނީ ސަރޫ... އައިމް އޯލް ޔޯރސް... އަހަންނަކީ ހަމައެކަނި ސަރޫގެ ހައްގެއް...''
ޒިވްޔަންގެ މޭގައި ސަރުވާއަށް ފިރުމާލެވުނެވެ. ޒިވްޔަން ވެސް ސަރުވާގެ ބޮލުގައި ބޮސްދިނެވެ.
*****
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ހަތަރެއް ޖެހިއިރު މިރާހް ގެއަށް އަތުވެއްޖެއެވެ. ޕާޓީއަށް ދާން ތައްޔާރުވަމުން ދިޔަ ތާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރީތިވާ މޭޒުގެ ގޮނޑީގައި އިނދެފައި އޭނާ ފަސްއެނބުރި މިރާހްއަށް ބަލައިލިއެވެ.
''ގިފްޓް ނުގެންނަންތަ؟...'' ހުސްއަތާ ހުރި މިރާހް ފެނި ތާރާ އަހާލިއެވެ.
''އާރގް... ހީވިޔޭ ކަމެއް ހަނދާން ނެތުނުހެން...'' ކަރުގައި އޮތް ޓައިއަށް ދޫކޮށްލަމުން މިރާހް ބުނެލިއެވެ.
''އިޓްސް އޯކޭ... ވަގުތު އެބައޮތެއްނު، ދާ މަގުމަތީގަ ދާނީ ގިފްޓެއް ގަންނަން...'' ތާރާ އޭނާގެ ސަމާލުކަން ހުއްޓާލީ ކުރަމުން ދިޔަ މޭކަޕަށެވެ. މިރާހް އައިސް ހުއްޓުނީ ތާރާގެ ފުރަގަހަށެވެ. ލޯގަނޑުން ފެންނަމުން ދިޔަ މިރާހްގެ ސޫރައަށް ތާރާ ނަޒަރެއް ދިނެވެ.
''ކިހިނެއްވީ؟... ހަޑީތަ؟...'' މިރާހް ބަލަން ހުރުމުން ތާރާ ލަދުގަންނަ ގޮތް ވެއްޖެއެވެ.
''އުހޫނ...'' މިރާހް ބޯހޫރާލިއެވެ. ތާރާގެ ރީތިކަމަށް އޭނާގެ ދެލޯ ހުޅުވާލެވުނީއެވެ. ހިތް ވެސް ތެޅިލިކަން ގައިމެވެ.
''ދެން މިރޫ...'' މިރާހްގެ ތޫނު ނަޒަރުން ތާރާ ލަދުން ވިރެން ފެށިއެވެ. އިސްތިރިކޮށްލެވުނެވެ.
ކުޑަފައި މައްޗަށް ތިރިވަމުން ތާރާގެ އަތުގައި މިރާހް ހިފާލިއެވެ. އަވަސްވެފައިވި ހިތަކާއެކު އިސްއުފުލައި މިރާހްއާއި ސަރުވާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ދެލޮލުން ފެންނަމުން ދިޔަ ޖަޒުބާތުތަކުން ތާރާގެ މެޔަށް ފިނިވެލިއެވެ. ނާރުތަކުގައި ދައުރުވަމުން ދިޔަ ލޭ ހަލަބޮލިވެ ހިތުގެ ވިންދުވެސް ހަމައިން ނެއްޓިގެން ގޮސްފިއެވެ.
''ޔޫ ލުކް ބިއުޓިފުލް...'' ތާރާގެ އަތްތިލައަށް މިރާހް ބޮސްދިނެވެ. ހިތަށް އޭނާ ވިސްނައިދިނެވެ. ލޯތްބަށް ދެވަނަ ފުރުސަތެއް ދިނުމަށެވެ. މިފަހަރު އަޒުމުވެސް ވަރުގަދައެވެ.
''މިރޫ...'' ތާރާގެ ނޭވާ ހިނދުރީގައި ތާށިވެއްޖެއެވެ. އޭނާއަށް މިރާހްގެ ދެލޮލުން ލޯބި ފެނުނުހެން ވެސް ހީވިއެވެ.
މިރާހް ތާރާއާ ކައިރިއަށް ޖެހިލިއެވެ. އެ ހޫނު ނޭވާތައް އިހުސާސްކުރެވުމާއެކު ތާރާއަށް މަޑުމަޑުން އެސްފިޔަތައް މަރާލެވުނެވެ. މިރާހްއަށް ދައުވަތު ދެމުންނެވެ. އެ ލޯތްބަށްޓަކައި އެ ހިތް ވަނީ ބޭގަރާރުވެފައެވެ. އެންމެ ބީހިލުމަކަށް ވެސް ހިތާއި ޖާނުން ގުރުބާން ވެދާނެއެވެ.
*****
''މަރީ... މިދަނީ އިނގޭ... ޓްރެފިކްގެ ސަބަބުންނޭ ލަސްވަނީ...'' ތާރާ ފޯނުން ވާހަކަދައްކަމުން ދިޔައީ މަރިޔަމްއާއެވެ. ކާރު ދުއްވަން އިން މިރާހް ތާރާއަށް ބަލައިލީ ލާނެއް ހިނިތުންވުމަކާއެކުގައެވެ. އެ ވަގުތު ތާރާ ލޯއަޅާލިއެވެ.
''ކީކޭ ބުނީ؟...'' ތާރާ ފޯނު ބޭއްވުމުން މިރާހް ބުނެލިއެވެ.
''ދޯކާ ދިނީކަމަށް ހީކޮށްގެން ހުރީ... މިރޫއާ ހެދި ވާހާ ކަންތަކޭ...'' ތުންދަމާލާފައި ތާރާ ބުނެލިއެވެ.
''އަހަރެން އެކަނި ކުށްވެރިކުރަން ނޫޅޭ...'' އަނބިމީހާއާ ސަމާސާކޮށްލަން މިރާހް ބޭނުންވިއެވެ. ތާރާގެ މައުސޫމް ހަރަކާތްތަކުން ހިތުގައި ކޮއްޓާލައިފިކަން ގައިމެވެ.
''ދެން...'' ތާރާ ލަދުގަންނަ ގޮތް ވެއްޖެއެވެ. ''މިރޫ ކާރު ދުއްވަބަލަ... މިއަދު މަރީ އަހަރެން މަރާނެކަން ޔަގީން...''
''ހާސްނުވެބަލަ... އަހަރެން މިހުރީއެއްނު...'' މޭގައި އަތްޖައްސާލަމުން މިރާހް ބުންޏެވެ. ތާރާ މިރާހްއަށް ބަލައިލަމުން ހިނިތުންވެލިއެވެ. މިރާހްއަށް އަންނަމުންދާ ބަދަލުތަކުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.
ޕާޓީ އޮތީ ބީޗްގައެވެ. މިރާހްއާއި ތާރާއަށް ދެވުނު އިރު ގިނަ އަދަދެއްގެ މެހެމާނުން އައިސް ފާޓީ ފެންނަނީ ހަލަބޮލިކަމާއެކުގައެވެ. މެހެފިލްއަށް ޝާމިލްވެފައި ތިބި މެހެމާނުންގެ ތެރެއިން ތާރާ ހޯދާލީ މަރިޔަމް ފެނޭތޯއެވެ. ތަންކޮޅެއް ދުރުގައި، ޕާޓީގެ ބެކްޑްރޮޕް ކައިރީގައި މަޑުކޮށްލައިގެން ތިބި އަލަތު ދެމަފިރިން ކައިރީ ހުރި މަރިޔަމް، ތާރާގެ ލޮލުގައި އަޅައިގަތެވެ. މިރާހްގެ މުލައްދަނޑީގައި އަތް އަޅުވާލަމުން ތާރާ ހިނގައިގަތެވެ.
''މަރީ...'' ކައިިރިވުމުން ތާރާ ގޮވާލިއެވެ. އަދި އަތުން ހަނާ އަޅާލިއެވެ.
''އާދެވިއްޖެދޯ؟...'' މަރިޔަމް ފަސް އެނބުރިލިއެވެ. ތާރާއާއި މިރާހްއަށް އޭނާ ހިނިތުންވެލިއެވެ. މަރިޔަމް އައިސް ތާރާގެ ގައިގައި ބައްދާލިއެވެ.
''ވަރަށް ބޮޑަށް މައާފަށް އެދެން...'' ވާހަކަ ފެށީ މިރާހްއެވެ. އޭނާ ފުރަތަމަ ވެސް މަރިޔަމްގެ އުފަންދުވަހުގެ ޕާޓީއަށް ނާދެވުމުން ސުލްހަވެރިކަމަށް ދިއްކޮށްލީ އެކުވެރިކަމުގެ އަތެވެ. މިރާހްއަށް މަރިޔަމް ބަލައިލީ ހައިރާންކަމާއެކުގައެވެ. ތާރާއާއި އޭނާގެ ނަޒަރު ބައްދަލުވުމުން އެކުވެރިޔާގެ އުފާވެރިކަން ފެނި މަރިޔަމްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
''ޔޫ އާރ ފޮގިވެން...'' މަރިޔަމް ބުންޏެވެ. މިރާހް ހިނިތުންވެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ކޮތަޅުން މަރިޔަމްއަށް ގެނައި ހަދިޔާ ދިއްކޮށްލިއެވެ.
''އަހަންނަށްތަ ހަދިޔާ ގެންނަނީ؟...'' މަރިޔަމްއަށް ހެވުނެވެ.
''ތީ މިރޫގެ ފަރާތުން މަރީއަށްއަށް ގެނައި އުފަންދުވަހުގެ ހަދިޔާ...'' ތާރާ ހެވިފައި ހުރެ ބުނެލިއެވެ. މަރިޔަމް ހަދިޔާ ބަލައިގަތެވެ.
"ދެން ހިނގާބަލަ އަހަރުމެންނަށް މެރީޑް ކަޕްލް ތައާރަފުކޮށްދޭން...'' މަރިޔަމް ގާތުން ތާރާ އެދުނެވެ. މަރިޔަމް އަަވަސްވެގަތެވެ. ތާރާގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ. ދެ އެކުވެރިންގެ ފަހަތުން މިރާހް ވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
''ގާރލް!... ވަޓް ޑިޑް ޔޫ ޑޫ ޓު ހިމް؟...'' ސިއްރުސިއްރުން ތާރާގެ ކަންފަތް ދޮށުގައި މަރިޔަމް އަހާލިއެވެ. ''މިރާހް ހީވަނީ މުޅިން ތަފާތު މީހެއް ހެން...''
''ދެމީހުން ސުލްހަވީ...'' ފަސްއެނބުރި މިރާހްއަށް ބަލައިލަމުން ތާރާ ހިނިތުންވެލިއެވެ.
''އޭރުވެސް އަހަރެން ބުނިން ދޯ ރުޅި އިސްނުކޮށް މިރޫއާ ވާހަކަދައްކާށޭ، އެކަމަކު ތާރާ ހުރީ ގޮތްދޫކުރާކަށް ނޫން، މިހާރު ވިސްނުނީމަ ވަރަށް އުފާވެއްޖެ، ތި ދެމީހުން އެހާ ގުޅޭ...'' މަރިޔަމް ބުންޏެވެ. ''ދެންވެސް ރުޅި އިސްނުކުރާތި...''
''އޯކޭ ލައިފް ކޯޗް...'' ތާރާ ބުނެލިއެވެ.
*****
ތާރާއާއި އޭނާގެ ރައްޓެހިންނާ ބައްދަލުވުމުން، ދުރުގައި ހުރި މޭޒެއްގައި އެ މަންޒަރު ބަލަން ހެވިފައި މިރާހް އިނެވެ. ތާރާގެ އުފާވެރިކަން އޭނާއަށް މުހިންމު ވެއްޖެއެވެ. ހިޔާލަކަށް ގެއްލިފައި އިން މިރާހް ސިހިގެން ދިޔައީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ. މީހާގެ ހަށިގަނޑަށް ހަރުކަމެއް ވަގުތުން އަތުވެއްޖެއެވެ. ކުށް ހީއަކަށް ހަދައި އިވުނު އަޑަށް ސަމާލުކަން ދޭން އޭނާ ބޭނުމެއް ނުވިއެވެ. އެހެން އިންދައި ކުރިމައްޗަށް އައިސް ހުއްޓުނީ އިސްކޮޅުން ދިގު އަންހެންކުއްޖެކެވެ. މިރާހްގެ މުޅި ޠަބީއަތު ބަދަލުވެއްޖެއެވެ. އިރުކޮޅެއް ކުރިން އެ މޫނުގައިވި އުފާވެރިކަމުގެ ހިިނިތުންވުމަށް ބަނަކަން ވެރިވެއްޖެއެވެ.
''ވާހަކަވެސް ދައްކަން ބޭނުން ނުވަނީތަ؟...'' އަންހެންކުއްޖާ އިސްވެ ބުންޏެވެ. އޭނާ އިށީނީ މިރާހްގެ ކުރިމައްޗަށް ވާހެން ހުރި ގޮނޑީގައެވެ. މިރާހް ބަލައިލީ ދުރަށެވެ.
''ވައިފް ކޮބާތަ؟...'' ދެންވެސް މިރާހް އަނގައިން ނުބުންޏެވެ. ހިތަށްވީ އުނދަގުލާއެކު އޭނާއަށް ގޮނޑިން ތެދުވެވުނެވެ. ހޭލައިގެން ދިޔަ އިހުސާސްތަކުން އަމިއްލަ ނަފުސު ދެކެ ވެސް އޭނާއަށް ރުޅި އާދެވިއްޖެއެވެ. ބޭނުންވީ އެ އިހުސާސްތަކަށް ފިލަންށެވެ.
''ދަނީތަ؟... އަހަންނާ ވާހަކައެއް ނުދައްކާނަންތަ؟...'' އޭނާ ބުނެލިއެވެ. ކުރިއަށް މިރާހް އަޅަން އުޅުނު ފިޔަވަޅުތަކުގައި ކަސްތަޅު އެޅުނު ކަހަލައެވެ. އެ އަޑުގައިވި މޮޅިވެރިކަމުން އޭނާގެ ހިތުގެ ނާރުތަކާ ކުޅެލިއެވެ. ކަފުންކުރި ލޯބީގެ ޖަޒުބާތުތަކަށް ދިރުން ލިބުނު ކަހަލައެވެ. މީހާގެ ހަމަޖެހުން މުޅިން ގެއްލިއްޖެއެވެ.
''ޖޫދާ...'' މަޑުމަޑުން މިރާހްއަށް ބުނެވުނެވެ. އެ ހިތުގެ ކެކުޅުމުގެ އަޑު ދުލާހަމައަށް އައިސްދާނެތީ ޖެހިލުންވުން އުފެދުނެވެ. އެ އިހުސާސްތައް ހަނދާން ނައްތާލައި، ތާރާއަށް އެ ހިތުން ޖާގަ ދޭން ގަސްދުކުރި ހިނދު ކުރިމަތިލާން މި ޖެހުނީ ކޮންފަދަ ނުބައި ސަމާސާއަކާ ހެއްޔެވެ؟
''އައިމް ސޮރީ...'' މިރާހްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކަންތައް ވެދިޔަ ގޮތުން ޖޫދާގެ ގާތުން މައާފަށް އެދެން އޭނާ ހުރީ ހަގީގަތުގައި ވެސް ބޭނުންވެފައެވެ. ދިލަ ހިތަށް ލުޔެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ޖޫދާއާ ބައްދަލުވުމާއެކު ހިތުގެ ޒަހަމްތަކުގައި ލޭކޮށިގެން ގޮސްފިއެވެ. އައު ހަޔާތަކަށް ކުރަމުން ދިޔަ ފޮނިކަން އަރުތެރޭގައި ހިތިވެއްޖެއެވެ.
''އަހަރުމެން ދެމީހުންގެ ދެމެދުގައި ކަންތައް ވެދިޔަ ގޮތް ހަނދާން ނައްތާނުލެވޭނެތަ؟...'' ޖޫދާ ގޮސް ހުއްޓުނީ މިރާހްގެ ކުރިމައްޗަށެވެ. އިސްއުފުލައި ޖޫދާގެ މޫނަށް މިރާހް ބަލައިލިއެވެ. ޖޫދާގެ މޫނުން ފެންނަމުން ދިޔަ ކުލަވަރުތައް ނަގައިގަންނާނެ ގޮތެއް މިރާހްއަކަށް ނޭނގުނެވެ. އަވަސްއަވަހަށް ދުރަށް އޭނާ ނަޒަރު ހުއްޓާލިއެވެ.
''އަހަންނަށް އެނގޭ މިރާހް އެފަދައިން ކަންތައް ކުރީ ކީއްވެގެންކަން... މޭއި ބީ އިޓް ވޯޒް ފޯރ ދަ ބެސްޓް... މިރާހް ވެސް އާ ހަޔާތެއް ފެށީ... އަހަރެން ވެސް އާ ހަޔާތެއް ފަށައިފިން... މާޒީ މުޅިން ހަނދާން ނައްތާލަން އަހަރެން ބޭނުމީ... ވީ ކޭން ބީ ފްރެންޑް އެގެއިން، އަބަދު ފިލައިގެން ވެސް ނޫޅެވޭނެ...'' ޖޫދާގެ ޖުމްލައިން މިރާހްއަށް ހައިރާންކަން ލިބުނެވެ. ކުރިއަށް ހިނގައިގަންނަން އުޅެފައި ވެސް އޭނާއަށް ބަލައިލެވުނީ ޖޫދާގެ މޫނަށެވެ. ޖޫދާ ހިނިތުންވެލިއެވެ.
''ޤަބޫލުނުކުރެވުނީދޯ؟... ޔެސް!، އަހަރެން ވެސް މެރީކޮށްފިން...'' ޖޫދާއަށް މިރާހްގެ ދެލޮލުގައިވި ކުލަވަރު ދިރާސާކޮށްލެވުނެވެ.
މިރާހްއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އެކަމާ ގުލުވައިގެން ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. ޖޫދާ ވެސް ޒަވާޖީ ހަޔާތެއް ފަށައިފިކަން އެނގުމުން އެ ހިތުގައި ރިހުމެއް އުފެދުނެވެ. މާޒީ ހަނދާން ނައްތާލާފައި ޖޫދާ ވެސް މުސްތަގުބަލާ ކުރިމަތިލައިފިއެވެ. ނަމަވެސް އޭނާގެ ހިތަށް ވަގުތު ހުއްޓިފައިވަނީ ކީއްވެ ހެއްޔެވެ؟ މާޒީގެ ބަނަ ސަފުހާތަކުން ނުނިކުމެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ތާރާއަށްޓަކައި ލަމުން ދިޔަ ހިތްވަރު ވެސް ޖޫދާ ފެނުމާއެކު ފުނޑުފުނޑުވެެގެން ގޮސްފިއެވެ. އެ ހިނދު ހިތުގެ ގިލަންވެރިކަން އައިސް މީހާ ވަށާލިއެވެ.
ތާރާ މިރާހްއަށް ގޮވާލުމުން އޭނާ ސިހުނެވެ. އަވަސްއަވަހަށް ހިތުގެ ތަޖުބާތުތަކުގެ މައްޗަށް ކުރި ހޯދަމުން، މޫނުގައިވި އުދާސްކަން ތާރާއަށް ސިއްރުކޮށްލިއެވެ. ޖޫދާއާ ވަކިކޮށްލި ނަޒަރު އޭނަ ހުއްޓާލީ ތާރާއަށެވެ. ތާރާގެ ތުންފަތުގައިވި ހިނިތުންވުމުން މިރާހްގެ ހިތުގައި ވޭނެއް އުފަންކުރުވިއެވެ. ތާރާގެ މައްޗަށް ބޭއިންސާފު ވެވިއްޖެކަމުގެ އިހުސާސް ވެސް ކުރެވުނެވެ.
ތާރާ އައިސް މިރާހް ގާތަށް ހުއްޓުނެވެ. އޭނާގެ ނަޒަރު ޖޫދާއަށް ވެސް ހުއްޓުނެވެ. ހައިރާންކަން ތާރާއަށް ލިބުނެވެ. ޖޫދާއާ އޭނާ ބައްދަލުވި ފުރަތަމަ ފަހަރެވެ.
''އައިމް ޖޫދާ... މިރާހްގެ ފްރެންޑެއް...'' އިސްވެ ޖުދާ ވާހަކަދެއްކިއެވެ. ޖޫދާގެ ޖުމްލައިން މިރާހް ހިތްހަމަނުޖެހުނެވެ. އެއްވެސް ކަހަލަ ގުޅުމެއް އެ ދެމެދުގައި ބާއްވަން އޭނާ ބޭނުމެއް ނޫނެވެ. އެކުވެރިކަމަށް ޖުދާ ދިއްކޮށްލި އަތުގައި ވެސް ނުހިފީ އެހެންވެއެވެ. މާޒީ އޭނާ ބޭނުންވީ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އަމުދުން ތާރާއަށް އެކަމުގެ ހިލަމެއް ވާން އޭނާގެ ހިތެއް ނޭދެއެވެ.
''އެހެންތަ؟... އަދި ފުރަތަމަ ފަހަރަށް މި ބައްދަލުވީ...'' ތާރާ ހިނިތުންވެލިއެވެ.
''ބޭރުގަ އުޅެފަ މިއައީ... އެހެންވެ ވެޑިންއަށް ވެސް ނާދެވުނީ... ބިޒްނަސް ކަންތަކުގަ ދެމީހުން ފްރެންޑް ވާނީ ވެސް...'' ޖޫދާ މޮޅު ވާހަކައެއް ހަދާލިއެވެ. ސަލާމްކުރުމަށް ތާރާއަށް އަތްތިލަ ދިއްކޮށްލިއެވެ.
މިރާހްގެ މައްޗަށް ތާރާގެ ހިތުގައި އޮތް އިތުބާރުގެ ސަބަބުން މިރާހްއާއި ޖޫދާގެ ދެމެދުގައި އޮތް ނުތަނަވަސްކަން ނަގައިނުގަނެވުނެވެ. އެކަން ފާހަގަކުރެވުނީ ޖޫދާ އަށެވެ. ޖޫދާގެ ތުންފަތަށް ވެރިވީ ސިއްރުވެރި ހިނިތުންވުމެކެވެ. ތާރާ އޭނާގެ އަތުގައި ހިފާލުމުން ސިއްރު ނަޒަރެއް މިރާހްއަށް ދިނެވެ. މިރާހް ހުރީ ތާރާއަށް ބަލަހައްޓައިގެންނެވެ. ތާރާ އެތަނުން ގެންދަން ބޭނުންވެފައި ހުރިކަން މިރާހްގެ މޫނުން ސާފުކޮށް އެނގެއެވެ.
''އަހަރެން ވެސް ދާން ޖެހިއްޖެ، ހަޒްބެންޑް އެ ގޮވަނީ...'' ދުރުގައި ހުރި ޒުވާނަކު ދައްކާލަމުން ޖޫދާ ބުނެލިއެވެ. ''އިޓް ވޯޒް ސޯ ނައިސް ޓު ފައިނަލީ މީޓް ޔޫ ތާރާ، ޔޫ ބޯތް ލުކް ގުޑް ޓުގެދާރ......''
(ނުނިމޭ)