ރިސޯޓަށް އަނބުރާ ދިއުމަށް މިސްރާބު ޖެހީ އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވާން ފެށުމުންނެވެ. އިރުގެ ކުލަތައް ފަނޑުވެ ތަރިތަކުގެ ބެބުޅުން ފާޅުވާން ފެށިއެވެ. ދުރުދުރުން ހަނދުވެސް އޭގެ ޝާއްބަކަން ސާބިތުކޮށްދޭން މަސައްކަތްކުރަމުން ދިޔައެވެ. ސަރުވާ އިނީ ދޯނީގެ އަރިމަތީގައި އިށީނުމަށް ހާއްސަކުރެވިފައިވާ ގޮނޑިބަރީގައެވެ. ދުރުގައި އިން ޒިވްޔަންއަށް އޭނާ ބަލައިލިއެވެ. އޭނާގެ ހިޔާލުތަކުގައި ވަނީ އިރުކޮޅެއް ކުރިން އެ ދެމެދުގައި ބަދަލުކުރެވުނު ވަގުތުކޮޅެވެ. ހާއްސަކަމެއް އެ ވަގުތުކޮޅުގައި އެކުލެވިގެންވިކަން ގައިމެވެ. ސަރުވާއަށް އެނޫން ކަމަކަމާ މެދު ނުވިސްނެއެވެ.
ރޭގަނޑުގެ ކެއުމަށް ހަތަރު ރައްޓެހިން ވެސް ދިޔައީ ރިސޯޓުގެ ފަޅުތެރޭގައި ހުރި ރެސްޓޯރެންޓަށެވެ. އެއީ ރިސޯޓުގެ އެންމެ ހާއްސަ މަންޒިލެވެ. ބޭރުގައި ހުރި މޭޒެއްގައި އިށީނދެލައިގެން ތިބިއިރު ގުދުރަތުގެ ފުރިހަމަކަން އޮތީ ވަށާލައިފައެވެ. ޖެހިލާ ރޯޅިތަކުގައި ވެސް ވަނީ އަރާމުކަމެކެވެ.
ސީފުޑްއަށް ހާއްސަކުރެވިފައިވާ ރެސްޓޯރެންޓުގެ މެނޫއަށް ބަލަން އިން ސަރުވާގެ ނަޒަރު މޭނޫއާ ވަކިވެ ޒިވްޔަންގެ މޫނަށް ހުއްޓުނެވެ. އޭނާ ހަނދާންވީ ކާއެއްޗިއްސާ ގުޅުވައިގެން އެ ދެމެދުގައި އެއްދުވަހު ދެކެވުނު ވާހަކައަށެވެ. ނޭނގި ނަމަވެސް ސަރުވާއަށް ހިނިތުންވެވުނެވެ.
ވާހަކައިގައި ތިބެ ރޭގަނޑުގެ ކެއުން ކުރިއަށްދިޔައެވެ. މާދަމާއަށް ރޭވިފައި އޮތް ޕްރޮގްރާމްތަކާ މެދު ވެސް މަޝްވަރާ ކުރެވުނެވެ. ވާހަކައިގެ ތެރެއިން އިރުއިރުކޮޅާ ސަރުވާގެ މޫނަށް ޒިވްޔަން ބަލައިލާނެއެވެ. ވާހަކައިގައި ސަރުވާ ބައިވެރިކުރުވާނެއެވެ. ޒިވްޔަންގެ ކޮންމެ ހަރަކާތަކަށް ސަރުވާގެ ހިތް ދިޔައީ ލެނބެމުންނެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ބޮޑު އުށްބައްތީގެ ފަނޑުއަލިކަމުގެ ތެރެއިން ފެންނަމުން ދިޔަ ޒިވްޔަންގެ ރީތި ސޫރައިން ހިތުގައި ޖަޒުބާތުގެ އޮއިވަރެއް އުފައްދާލައިފިއެވެ. އެ ތޫނު ނަޒަރުން ނޭވާ ވެސް ހިފަހައްޓާލަން ޖެހެއެވެ. އެ ހިތުގެ އަޑު ޒިވްޔަންގެ ކަންފަތާ ހަމައަށް ގެންގޮސް ދިނުމަށް ޖެހެމުން ދިޔަ ރޯޅިތަކުގެ އަރިހުން ވެސް އެދެވުނެވެ.
*****
ޖެހިގެން އައި ދުވަސް މުޅިން ހޭދަވެގެން ދިޔައީ ކަނޑުމަތީގައެވެ. ހެނދުނުހެނދުނާ ރިސޯޓުން ފުރި ގޮތަށް އަނބުރާ ރިސޯޓަށް އާދެވުނީ ހަވީރު ވެސް ވީފަހުންނެވެ. ސަރުވާއަށް ލިބިފައިވާ އުފަވެރިކަން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ފީނައި ކަނޑުއަޑީގެ ރީތިކަން ބަލައިލަން ލިބުނު ކޮންމެ ހިނދުކޮޅެއް ސިކުނޑީގައި ވަނީ ބިންވަޅު ނެގިފައެވެ. ހަމައެއާއެކު ޒިވްޔަންއާއެކު އުފާވެރި ހަނދާންތަކެއް ގަތާލުމުގެ ފުރުސަތު ލިބުމުން ތުންފަތާ ކުޅެލެމުން ދިޔަ ހިނިތުންވުމަށް ނިމުމެއް ނުވާ ކަހަލައެވެ.
ބޯޓުގެ ދިރުބާކޮޅުގައި ސަރުވާ އިށީނދެލައިގެން އިނެވެ. ކަނޑުގެ އޮމާން ސަތަހައިގައި ބާނީތައް އުފައްދަމުން ދޯނި ކުރިއަށް ދިޔައެވެ. ޖެހިލާ ރޯޅިތައް ހުރަހަކާ ނުލައި ސަރުވާގެ މޫނުގައި ބޮސްދެމުން ދިޔައެވެ. އިރުވެސް އޭގެ ވަދާއީ ސަލާން ދުނިޔެއާ ބައްދަލުކުރަން ފަށައިފިއެވެ.
މީހެއްގެ ހިލަންވުމުން ސަރުވާ ފަސްއެނބުރިލިއެވެ. އޭރު އޭނާގެ ގާތަށް އައިސް ހުއްޓުނު ޒިވްޔަން ފެނި ސަރުވާ ހިނިތުންވެލިއެވެ. ޒިވްޔަން ހުރީ ހުސްގަޔާއެވެ. ކުއިކްސިލްވާ ބްރޭންޑްގެ ނުލާއި ކަޅުކުލައިގެ ސޯޓެއްގައި ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގައި ލޮނުގެ އަސަރު ހުއްޓެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑުގައި އަތްތިލަ ހިންގާލަމުން ސަރުވާގެ ގާތުގައި ޒިވްޔަން އިށީނެވެ.
ޒިވްޔަން އިށީނުމުން ސަރުވާގެ މެޔަށް ފިނިވެއްޖެއެވެ. އެހާ ގާތުގައި ޒިވްޔަން އިނުމާއި އެ ހަށިގަނޑު ހާމަކަން ބޮޑުކަމާއެކު ފެނުމުން ހިތް ވެސް ތެޅެން ފެށީ ބާރުބާރަށެވެ. ފުންނޭވާއެއް ދޫކޮށްލީ ޖަޒުބާތުތަކުގެ މައްޗަށް ކާމިޔާބު ހޯދުމަށެވެ.
''ފޮޓޯތައް ދައްކާލަން މިއައީ...'' އަތުގައި އޮތް ގޯޕްރޯ ދައްކާލަމުން ޒިވްޔަން ބުންޏެވެ. ސަރުވާ ހިނިތުންވެލިއެވެ. ކުރިއަށް ދިއުމުގެ އިޝާރާތެއް ކަމުގައި ޒިވްޔަން ދެކުނެވެ. ކުރިއަށްވުރެ ބޮޑަށް ސަރުވާގެ ގާތަށް ޒިވްޔަން ޖެހިލިއެވެ. އަދި ސަރުވާއަށް ފޮޓޯތައް ދައްކަން ފެށިއެވެ.
ޒިވްޔަންއާއެކު ފޮޓޯތައް ބަލަމުން ދިޔައިރު ސިއްރުސިއްރުން ޒިވްޔަންގެ މޫނަށް ސަރުވާ ބަލައިލައެވެ. އެ ދެމެދުގައި ހަނިވަމުން އައި ދާއިރާ އިހުސާސްކުރެވުނީ ސަރުވާ އަށެވެ. އުފާވެރިކަމުގެ ވިންދު ވެސް ހިތުގައި ޖަހަން ފެށިއެވެ.
''ޒެން...'' ޒިވްޔަންގެ މޫނާ ނަޒަރު ވަކިކޮށްލަމުން ސަރުވާ ބަލައިލީ ފެންނަމުން ދިޔަ ރިސޯޓުގެ ގަސްކަރައަށެވެ.
''ޔެސް؟...'' ޒިވްޔަން ބަލައިލީ ސަރުވާގެ މޫނަށެވެ.
''ތެންކިއު ފޯރ ދިސް...'' ހިތުގެ ފުންމިނުން ސަރުވާ ބުންޏެވެ. އަދިވެސް ހިއްސާކުރަން ބޭނުން ވާހަކަތައް ހިތުގެ އަޑީގައި ވަންހަނާވެފައި ވިއެވެ. ޖެހިލުންވުމުގެ އަސަރާއެކު ހިތުގެ ހާލު ދުލާ ހަމައަށް ގެނެސްނުދެވުނެވެ. ސަރުވާއަށް އިސްޖަހާލެވުނެވެ.
''ސަރޫ އުފާވެއްޖެއްޔާ އަހަރެން ބޭނުންވި ކަންތައް ހާސިލުވެއްޖެ ކަމަށް ހީކޮށްލާ...'' ޒިވްޔަން ބުންޏެވެ. ''އަހަރެން ބޭނުން މިރޭ ސަރޫއާ ވާހަކައެއް ދައްކާލަން...''
ޒިވްޔަން މިފަހަރު އިސްނެގިއެވެ. ދަތުރަށް ވެސް ނިމުން އައީއެވެ. ސަރުވާގެ ދެލޮލުން ވެސް ލޯބި އޭނާއަށް ފެންނަމުން އެބަދެއެވެ. ދެ ހިތުގައި ވެސް ޖަހަމުން ދިޔައީ އެއް ވިންދެކެވެ. ދައުރުވަމުން ދިޔައީ އެއް އިހުސާސެކެވެ. ދުލާ ހަމައަށް ފުރަތަމަ އެ ވާހަކަތައް ގެންނަން ގަސްދުކުރީ ޒިވްޔަންއެވެ.
''ކޮން ވާހަކައެއްތަ؟...'' ސަރުވާގެ ހިތް ތެޅިލިއެވެ. އިސްއުފުލައި ޒިވްޔަންއަށް އޭނާ ބަލައިލިއެވެ.
''ކުޑަ އިންތިޒާރެއްކޮށްލަން ޖެހޭނެ...'' ޒިވްޔަން ހިނިތުންވެލިއެވެ. ދެ ޒުވާނުންގެ ނަޒަރު ގުޅިލާމެހުނެވެ. ފުންކަނޑެއް ފަދަ އެ ދޮލުގައިވި ސިއްރުތައް ސަރުވާގެ ހިތާ ހަމައަށް ގެންގޮސްދިނީ ލޮބުވެތިކަން އެކުލެވިގެންވި ޒިވްޔަންގެ ހިނިތުންވުމެވެ. ޖަޒުބާތުގެ ކަނޑުގައި ހިތް ގެނބުނުކަމުގެ އިހުސާސް ސަރުވާއަށް ކުރެވުނެވެ. ލަދުރަކި ހިނިތުންވުމެއް ވެސް ތުންފަތާ ކުޅެލިއެވެ.
''އަހަރެން އިންތިޒާރުކުރާނަން...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު ސަރުވާ ބުނެލިއެވެ. ޒިވްޔަންގެ މޫނަށް އުޖާލާކަން ވެރިވާން ފެށިއެވެ.
*****
ރޭގަނޑުގެ ކެއުމަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ސަރުވާއަށް ބަލަން އެނދުގައި ކިޔާރާ އިނެވެ. ސަރުވާ މާ ވަރަކަށް ފަރިވާތީ ވެސް ދިމާކޮށްލިއެވެ.
''ކިޔާ...'' ތުންފަތުގައި ރަތްކުލަ ޖައްސާލަމުން ކިޔާރާގެ ކުރިމައްޗަށް ސަރުވާ ހުއްޓުނެވެ. މިރެއަށްޓަކައި ސަރުވާ ލައިގެން ހުރީ ރަތްކުލައިގެ މެކްސީއެކެވެ. އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލައިފައެވެ.
''މިރޭ ހާއްސަ ރެއަކީ ދޯ؟... އަހަރެން ދުށީމޭ ބޯޓުގައި ދެމީހުން ތިބިތަން... ޔޫ ބޯތު ލުކް ސޯ ކިއުޓް ޓުގެދާރ...'' ސަރުވާއަށް ދިން އަވަސް ނަޒަރާއެކު ކިޔާރާ ބުންޏެވެ. ކިޔާރާގެ ވާހަކަތަކުން ސަރުވާ ރަކިވެއްޖެއެވެ.
''ޔޫ އާރ ބްލަޝިންގް...'' ކިޔާރާ އިތުރަށް ދިމާކޮށްލިއެވެ.
''ޒެން ބުނި މިރޭ ވާހަކައެއްދައްކަން ބޭނުމޭ...'' ސަރުވާ ހާމަކޮށްލިއެވެ.
''ސަރޫ...'' ކިޔާރާ ދެލޯބޮޑުކޮށްލިއެވެ. އަދި އަނގަމަތީ އަތް އަޅައިފިއެވެ.
''ދިސް އިޒް އިޓް ސަރޫ...'' ހަގީގަތުގައި ވެސް އެކުވެރިޔާގެ ނަސީބާ މެދު ކިޔާރާ ހުރީ އުފާވެފައެވެ. ސަރުވާގެ ގައިގައި އޭނާއަށް ބައްދާލެވުނެވެ.
''ކިޔާ... އަހަންނަށް ޒެން ދެކެ ލޯބިވެވިއްޖެ...'' ސަރުވާ އެ ހިތުގެ ހާލު އެކުވެރިޔާއަށް ބުނެދިނެވެ. ކިޔާރާ ތޫޅި ހަޅޭކެއްގެ އަޑުވެސް ލައްވާލިއެވެ.
''ފައިނަލީ މައި ގާލް އިޒް އިން ލަވް!...'' އިހުނަށްވުރެ ބާރަށް ސަރުވާގެ ގައިގައި ކިޔާރާ ބައްދާލިއެވެ. ''ހާދަ އުފާވެއްޖެޔޭ...''
''އަހަންނަށް އަދިވެސް ޤަބުލުނުކުރެވިފައި މި ހުންނަނީ...'' ސަރުވާ ބުންޏެވެ. ''މާ އަވަހަށް ހުރިހާ ކަމެއް ވެސް މިވަނީ...''
''ގާރލް!، ލިސިން ޓު މީ... ލޯބިވާން ސަތޭކަ އަހަރެއް ނުނަގާނެޔޭ... އިޓް ޖަސްޓް ހެޕެންސް...'' ސަރުވާއާ ދުރަށް ޖެހިލަމުން ކިޔާރާ ބުންޏެވެ. އޭނާއަށް ދެއަތުން ސަރުވާގެ ކޮނޑުގައި ވެސް ހިފަހައްޓާލެވިއްޖެއެވެ.
''ސަރޫއަށް ޒެން ކަމުދެއެއެއްނު، އަމިއްލައަށް ތިބުނީ ލޯބި ވެސް ވަމޭ، ދެން ބިރުން އުޅެނީ ކީއްކުރަން؟... ޒެންގެ ހުށަހެޅުން ގަބޫލުކުރޭ... އެއީ ސަރޫ މި ހުރިހާ ދުވަހު ހޯދަމުން އައި ބައިވެރިޔާ... ޒެންއާއިއެކު ސަރޫ ބޭނުންވާނެ ފަދަ ދިރިއުޅުމެއް ލިބޭނެކަން އަހަންނަށް ޔަގީން...'' ކިޔާރާ ބުނެލިއެވެ. ސަރުވާގެ ހިތުގައި އޮތް ނުތަނަވަސްކަމާއި ދުރުވެލުމަށް އޭނަ ނަސޭހަތްތެރިވިއެވެ.
''އޯކޭ... އޯކޭ...'' ސަރުވާ ބޯޖަހާލިއެވެ. ''އަހަރެން ބިރު ވެސް އެބަގަނޭ... ޒެން ލޯބިވެއޭ ބުނުމުން ރިއެކްޓްކުރާނީ ކިހިނެއްތަ؟...''
''ފޮލޯ ޔޯރ ހާޓް... އޭރަށް ހުރިހާ ކަމެއް ދާނީ ރަނގަޅަށް... އަސްލު ޒެން ހާދަ ރޮމޭންޓިކްއޭ ދޯ... ސަރޫގެ ހިތް އަތުލަން ރޭވި ކަންތަކަށް އަހަރެން ދޭނަން ސަތޭކަ... ޓު ބީ އޮނެސްޓް، އަހަރެން ކުރިން ހިއެއް ނުކުރަން ޒެން އެހާ ރޮމޭންޓިކް މީހަކަށް ވެދާނެ ކަމަކަށް، ސަރޫއަށް ޒެން ފެނިފަ ލަވްސްޓަރަކް ވީމަ ވެސް ހައިރާންވި...'' ކިޔާރާގެ ޖުމުލައިން ސަރުވާއަށް ހެވުނެވެ. ބާރަށް ހީގަނެވުމުން އަނގަމަތީގައި ވެސް އޭނާ އަތްއަޅައިފިއެވެ.
''ޒެންއާ ދިމާ ނުކުރޭ...'' ސަރުވާއަށް ބުނެވުނެވެ.
''އަވަހޭދޯ އަހަންނަށް ދޯކާ ދޭން ވެސް... ބަލާތި، ޒެން ނޫން މީހަކު ދެން ނުވެސް ފެންނާނެ...'' ކިޔާރާ ދިމާކޮށްލިއެވެ. ދެ އެކުވެރިން ވާހަކައިގައި ތިއްބައި ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ދެ އެކުވެރިން ވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.
''ގުޑް ލަކް...'' ދޮރުހުޅުވަން ދަމުން ކިޔާރާ ބުނެލިއެވެ. ސަރުވާ ހިނިތުންވެލިއެވެ.
''ލޭޑީސް...'' ކިޔާރާ ދޮރުހުޅިވާލިއިރު ކުރިމަތީ ހުރީ ދައިސާންއެވެ. ''ރެޑީ ޓު ގޯ؟...''
ކިޔާރާގެ ފަހަތުން ސަރުވާ ވެސް ނިކުތެވެ. ބޮޑުކޮޓަރީގެ ސޯފާގައި ޒިވްޔަން އިނެވެ. ސަރުވާ ފެންނައިރަށް އޭނާ ކޮޅަށް ތެދުވެލަމުން އަތުގައި އޮތް ފޯނު ޖިންސުގެ ޖީބަށް ލިއެވެ.
''ޔޫ ލުކް ޕްރިޓީ...'' ސަރުވާގެ ގާތަށް ގޮސް ހުއްޓުނު ޒިވްޔަން ސިއްރުސިއްރުން ސަރުވާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
''ޒެން ވެސް ދެން ގޯހެއް ނޫން...'' ސަރުވާ ބުނެލިއެވެ.
''ގޯހެއް ނޫން؟...'' އެއްބުމަ އަރުވާލަމުން ލައިގެން ހުރި ހުދުކުލައިގެ އަތްދިގު ކުރުތާގައި ޒިވްޔަން އަތް ޖައްސާލިއެވެ. ޒިވްޔަންގެ ރާގުގައި ވަނީ ސަރުވާއާ ސަމާސާކޮށްލުމުގެ ނިޔަތެވެ.
''އައި މީން...'' ސަރުވާ ފިނިވާ ގޮތް ވެއްޖެއެވެ.
''ޔޫ މީން؟...'' ސަރުވާއަށް ޒިވްޔަން ބަލައިލިއެވެ. ލަދުން ހުރެ ސަރުވާ އިސްތިރިކޮށްލިއެވެ. ޒިވްޔަންގެ ތޫނު ބެލުމުން ކޯތާފަތަށް ހޫނުކަމެއް ވެސް އިހުސާސްކުރެވުނެވެ. ނޭފަތުގެ ކޮޅު ވެސް ރަތް ވެއްޖެއެވެ.
''ޔޫ ލުކް ހޭންޑްސަމް...'' ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކު ސަރުވާ ބުނެލިއެވެ. ތިރީތުންފަތުގައި ވެސް އޭނާ ދަތްއަޅާލިއެވެ.
ޒިވްޔަންގެ ފިިރިހެންވަންތަ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ސަރުވާ ފިޔަވަޅުތައް އަވަސްކޮށްލީ ޒިވްޔަންއަށް ފިލަންވެގެންނެވެ. އެކަން ނަގައިގަނެވުމުން ޒިވްޔަންގެ ތުންފަތުގައިިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.
ބަގީގައި ދިއުމުގެ ބަދަލުގައި ރެސްޓޯރެންޓަށް ދާން ހަތަރު އެކުވެރިން ވެސް މިސްރާބު ޖެހީ ފައިމަގުގައެވެ. ވާހަކައިގައި ތިބެ ކުރިއަށް ދިޔައިރު ސަރުވާއާއި ޒިވްޔަން ސަމާސާކޮށްލައެވެ.
*****
''މިރާހް...'' އެނދުގައި ފޯނު ހިފައިގެން އޮތް ތާރާ ގޮވާލީ ސޯފާގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން މިރާހްއަށެވެ. ލޮލުގައި އޮތް ނަންބަރު އައިނު ރަނގަޅުކޮށްލަމުން ތާރާއަށް މިރާހް ބަލައިލިއެވެ.
''މާދަން ހަވީރު ފްރީ ވާނެތަ؟...'' ތާރާ ސުވާލުކޮށްލިއެވެ.
''މާދަން ހަވީރު؟...'' މިރާހް ވިސްނާލިއެވެ. މިރާހް ދޭނެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔަ ތާރާ ހަށިގަނޑު ސީދާކޮށްލަމުން އެނދުގައި އިށީނެވެ. އާންމު ގޮތެއްގައި އެފަދަ ޖަވާބެއް މިރާހްގެ ފަރާތުން ލިބިއްޖެ ނަމަ ރުޅިވެރިކަން އިސްކުރަން އާދަވެފައި ވިޔަސް މިފަހަރު ތާރާ އިހުތިޔާރުކުރީ މަޑުމައިތިރި ކަމެވެ.
''ޔެސް... މާދަން ހަވީރު އެބައޮތް ވެޑިންގްއެއް...'' ތާރާ ބުނެލިއެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ މިރާހްގެ ޖަވާބަކަށެވެ. އެކަން ފާހަގަ ކުރެވުމުން މިރާހް އަވަސްއަވަހަށް މާދަމާ އޭނާގެ ޝެޑިއުލް އޮތްގޮތް ބަލައިލިއެވެ. އެއަށްފަހު ތާރާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
''ދެވިދާނެ... ކިހާއިރަކުތަ ދާން ޖެހެނީ؟...'' މިރާހް ސުވާލުކޮށްލިއެވެ.
''ފަހެއް ޖަހާއިރަށް ދާން ޖެހެނީ... ހުޅުމާލޭގަ އޮތީ... ބީޗް ޕާޓީއެއް...'' ތާރާގެ މޫނު އުޖާލާވެއްޖެއެވެ.
''އޯކޭ... ހަތަރެއް ޖަހާއިރަށް އަހަރެން ގެއަށް އަންނާން، އޭރަށް ރެޑީވެލައިގެން ދެވޭނެތާ...'' މިރާހް ބުނެލިއެވެ. ''ކާކުގެ ވެޑިންގް އެއްތަ؟...''
''މަރީ އެނގެއެއްނު؟... އޭނާގެ ކަޒިން ކޮއްކޮއެއްގެ ވެޑިން......'' ތާރާ އޮޅުންފިލުވައި ދިނެވެ.
''މަރީގެ ޕާޓީއަށް ނުދެވުނީމަ މައާފަށް އެދެން ވެސް ފުރުސަތު ލިބޭނެތާ...'' މިރާހް ބުނެލިއެވެ. ތާރާގެ ރައްޓެހިންގެ ދިގު ލިސްޓުގެ ތެރެއިން ދެނެފަރިތަ ހަމައެކަނި މޫނަކީ މަރިޔަމް އެވެ. ރަނގަޅު ރައްޓެއްސެއްގެ ކުލަވަރު ވެސް ފެނުނީ މަރިޔަމްގެ ފަރާތުންނެވެ.
''ޔެސް... މިރޫ ޖެހޭނެ ގިފްޓެއްވެސް ގެންގޮސްދޭން...'' ފޯނާ ކުޅެމުން ތާރާ ވާހަކަދެއްކިއެވެ.
*****
ރޭގަނޑު ކެއުމަށް އިންސާފުކޮށް ނިމުމުން އެންމެން ދިޔައީ ބާރ އަށެވެ. އެރޭގެ މުނިފޫހިފިލުވުމަށް ހާއްސަކޮށް ބާރގައި ކަރޯކޭ ނައިޓް ކުރިއަށް ދިޔައެވެ. ޒިވްޔަންގެ ފަހަތުން އެންމެން ގޮސް އިށީނީ ސްވިމިންގް ޕޫލް ކައިރީގައި ހުރި ގޮޑިތަކެއްގައެވެ. އެ ވަގުތު ވެއިޓަރަކު ވެސް އަތުވެއްޖެއެވެ. ބުއިމެއް ބޭނުންތޯ އަހާލުމުން އެންމެން ވެސް ބޯހޫރާލުމާއެކު ހިނިތުންވުމެއް ދީފައި ވެއިޓަރު ގޮސްފިއެވެ.
''މާދަން ފުރަން ޖެހޭތީ ވެސް ފޫހިވެފަ މި ހުންނަނީ...'' ގޮނޑީގައި އޮށޯންނަމުން ކިޔާރާ ބުނެލިއެވެ. ''ކަރޯކޭ ނައިޓް މީވަ ކޮންބައެއް ލަވަ ކިޔާ ހިތްވަނީ؟...''
ކިޔާރާގެ ސުވާލާއެކު ދައިސާންއާއި ސަރުވާ ބަލައިލީ ދުރަށެވެ. މަނާވެގަތުމުގެ އިޝާރާތެކެވެ. ފޫހި އަޑެއް ކިޔާރާ ލައްވާލިއެވެ.
''ޒެން؟...'' ޒިވްޔަން ހިމޭނުން އިނުމުން ކިޔާރާ އަހާލިއެވެ.
''ވައި ނޮޓް؟... ހުސްކޮށް މިހާރު ވެސް އެއޮތީ...'' ޒިވްޔަންގެ ޖަވާބު އިވިފައި ސަރުވާއަށް ލިބުނީ ހައިރާންކަމެވެ.
''ހިނގާ އަވަހަށް ދާން... އަަހަރެން ލަވަ ޗޫޒް ކުރާނީ...'' ކިޔާރާ ކޮޅަށް ތެދުވުނެވެ. ''ޒެންއަށް ލަވަ ކިޔަން އެނގޭދޯ؟...''
''އެއީ ދެން އެހާ އުނދަގޫ ކަމެއްތަ؟...'' ޒިވްޔަން ހިނިތުންވެލިއެވެ.
''ދިސް ވިލް ބީ އެ ޑިޒާސްޓާރ... ބަޓް ލެޓްސް ގޯ!...'' އަތްޖަހާލަމުން ކިޔާރާ ބުނެލިއެވެ. ޒިވްޔަންއަށް ވުރެ ކުރިން ކިޔާރާ ހިނގައިގެންފިއެވެ. ސަރުވާއަށް ބަލައިލަމުން ހިނިތުންވެލި ޒިވްޔަން ހިނގައިގަތީ ކިޔާރާގެ ފަހަތުންނެވެ.
ކިޔާރާއާއި ޒިވްޔަން ލަވަ ކިޔަން ފެށުމުން އެ މަންޒަރު ފޯނުގައި ރެކޯޑްކުރަން ސަރުވާ ފެށިއެވެ. އޭނާއަށް އޭރު ހެވެނީއެވެ. ދައިސާން ވެސް ހުނުމުގައި ބައިވެރިވަމުން ދިޔައެވެ. ދެތިން ލަވަ ކިޔާލުމަށް ފަހު ކިޔާރާ އެނބުރި އަތުވެއްޖެއެވެ. ޒިވްޔަން މަޑުކުރީއެވެ.
''ހީ ކޭން ސިންގް...'' ކިޔާރާ އައިސް ސަރުވާ އިން ގޮނޑީގައި އިށީނެވެ. ''މިހާރު ސޯލޯ ލަވައެއް ކިޔަން އެ އުޅެނީ...''
މައިކު ހިފައިގެން ހުރި ޒިވްޔަންގެ ނަޒަރު ހުއްޓުނީ ސަރުވާގެ މޫނަށެވެ. ސަރުވާ ވެސް އިނީ ޒިވްޔަންއަށް ބަލަހައްޓައިގެންނެވެ. އޭރު އެ ހިތުގެ ހިނގުން އަވަސް ވެއްޖެއެވެ. ފުންނޭވާތަކެއް ވެސް ދޫކޮށްލެވުނެވެ. އިވިގެން ދިޔައީ އެލްވިސްގެ ''ކާންޓް ހެލްޕް ފޯލިންގް އިން ލަވް ވިތު ޔޫ'' ލަވައިގެ ރާގެވެ. ބޭއިހުތިޔާރުގައި ސަރުވާއަށް ހިނިތުންވެވުނެވެ.
''ވައިސް މެން ސޭއި،
އޮންލީ ފޫލްސް ރަޝް އިން،
ބަޓް އައި ކާންޓް ހެލްޕް،
ފޯލިންގް އިން ލަވް ވިތް ޔޫ...''
ޒިވްޔަން ލަވަ ފެށިއެވެ. އެ ހިތުގެ ހާލު ސަރުވާއަށް އަންގައިދެމުން ދިޔަ ކަހަލައެވެ. ޒިވްޔަންގެ ބަރު އަޑުން ލަވަ ކިޔަމުން ދިޔަ އިރު، ސަރުވާގެ ހިތުގެ އެންމެ ހިމަ ނާރުތަކާއި ވެސް ކުޅެލައިފިއެވެ. ޖަޒުބާތީ ވެސް ވެވުނެވެ. ނޭނގި ހުއްޓައި ދެލޯ ވެސް ފެންކަޅި ވެއްޖެއެވެ. އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނީ ރޮވިދާނެތީއެވެ. ޒިވްޔަންގެ ހިތުގެ އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. އެ ލޯބި ހިތުން ރުހުމުން އޭނާ ގަބޫލު ވެސް ކޮށްފިއެވެ.
''ޓޭކް މައި ހޭންޑް،
ޓޭކް މައި ހޯލް ލައިފް، ޓޫ...
ފޯރ އައި ކާންޓް ހެލްޕް،
ފޯލިންގް އިން ލަވް ވިތް ޔޫ''
ލަވަ ނިމުމާއެކު ހޫނު ތަރުހީބުގެ އަޑުތައް އިވިގެން ދިޔައެވެ. އެންމެނަށް ޒިވްޔަން ޝުކުރު އަދާކުރަމުން، އަތުގައި އޮތް މައިކު ސްޓޭންޑްގައި ހަރުކޮށްލިއެވެ. އޭނާގެ ނަޒަރު ގޮސް ސަރުވާގެ މޫނަށް ހުއްޓުނެވެ. ހަތަރުކަޅި ބައްދަލުވި ހިނދު ސަރުވާ ޒިވްޔަންއަށް ހިނިތުންވެލިއެވެ. ޒިވްޔަންގެ ހިތް އެދެމުން ދިޔަ ޖަވާބު އޭނާގެ ހިތާ ހަމައަށް ގެންގޮސް ދިނީ ސަރުވާގެ މޫނުން ފާޅުވަމުން އައި ޖަޒުބާތުތަކުންނެވެ. އެ ހިތް ހުޅުވާފައި އޮތް ފޮތެއްގެ އުސޫލުން ޒިވްޔަންއަށް ދަސްވެއްޖެއެވެ. ބަޔާންކުރަން ދަތި ރާހަތެއްގެ ފޮނިކަން ހިތަށް އިހުސާސްކުރެވުނެވެ.
''ޒެން... ހާދަ ރީތި ލަވައެއް ތި ކިޔާލީ...'' ޒިވްޔަން އައިސް ހުއްޓުމާއެކު ކިޔާރާ ތައުރީފުކޮށްލިއެވެ. ގާތުގައި އިން ސަރުވާއަށް ވެސް އޭނާ ބަލައިލިއެވެ. އިސްޖަހާލި ސަރުވާގެ އަތުގައި އޭނަ މަޑުމަޑުން ކޮއްޓާލިއެވެ.
''ސަރޫ...'' ޒިވްޔަން ގޮވާލިއެވެ. ޒިވްޔަންއަށް އިޖާބަދީ ސަރުވާ އިސްއުފުލާލިއެވެ.
ސަރުވާއަށް ޒިވްޔަން ދިއްކޮށްލީ އޭނާގެ އަތެވެ. ކިޔާރާއަށް ލިބުނު އުފާވެރިކަމާއެކު އަނގަމަތީ އަތް އަޅައިފިއެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ތުންފަތުގައި ދަތް އަޅާލެވުނީ ދޫ ހިމޭންކުރުމުގެ ނިޔަތުގައެވެ.
ޒިވްޔަންގެ އަތުގައި ސަރުވާ ހިފީ ސާބިތުކަމާއެކުގައެވެ. ޒިވްޔަންގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ސަރުވާގެ ހިތުގައި ފިރުމާލަ ދިނެވެ. އޭނާ ކޮޅަށް ތެދުވުނެވެ. ސަރުވާ ގޮވައިގެން ޒިވްޔަން ހިނގައިގަތީ ބާރ އިން ލާފައި ނިކުމެވެން އޮތް ތުނޑިއާ ދިމާއަށެވެ.
''ފައިނަލީ...'' ދޫހިމޭންކޮށްގެން އިން ކިޔާރާއަށް ބަލައިލެވުނީ ދައިސާންއަށެވެ. ދައިސާންގެ މޫނުން ވެސް ފެންނަނީ އުފާވެރިކަމެވެ.
*****
ހަނދުގެ ދަރުބާރުގައި ބަބުޅަމުން ދިޔަ ތަރިތަކުގެ އަލިކަމަށް ފަނޑުވުމެއް ނެތް ފަދައެވެ. ދުރުދުރަށް ފެތުރިފައި އޮތް ތުނޑިއަށް ބިއްސާ ރާޅުތަކުގެ ހިތްގައިމުކަން ފަޒާގައި ގުގުމައެވެ. ރާޅުތަކުގެ ގޯނާތަކުން ރެދަންގެ ޖާދޫވެސް ފާޅުވެއެވެ. ނޫކުލައިން ރެދަން ބަބުޅާ ހިނދު ބަލައިލަން ވަރަށްވެސް ރީއްޗެވެ.
ރާޅުފަށުން ސަރުވާއާއި ޒިވްޔަން ހިނގަމުން ދިޔައެވެ. ސަރުވާ ލައިގެން ހުރި އުސްކަށީގެ ފައިވާން އޭނާގެ އަތުގައި އޮތެވެ. އެއް އަތުން މެކްސީގެ ފަސްބައި ހިއްލާލީ ރާޅުތަކުން ތެމުނަ ނުދޭށެވެ. ފަހަތަށް ދޫކުރަމުން ދިޔަ ކޮންމެ ފިޔަވަޅެއް ރެދަންގެ އަސަރުން ދިއްލިފައި ހުއްޓެވެ. ސަރުވާއަށް ބެލެނީ ޒިވްޔަންގެ މޫނަށެވެ. ހަމައެފަދައިން ޒިވްޔަންގެ ނަޒަރުވެސް ސަރުވާއާ ވަކިނުވެއެވެ.
ސަރުވާގެ އަތުގައި ޒިވްޔަން ހިފުމުގެ ހުއްދައަކަށް އެދުމުން ސަރުވާ ބޯޖަހާލިއެވެ. ހިނިތުންވުމަކާއެކު ސަރުވާގެ އަތުގައި ޒިވްޔަން ހިފައިލިއެވެ. ދެ ޒުވާނުންގެ އަތުގެ އިނގިލިތައް ގުޅިލާމެހުނެވެ.
''ސަރޫ...'' ކުރިއަށް ހިނގަމުން ޒިވްޔަން ވާހަކަދެއްކިއެވެ.
''ހޫމްމްމް...'' ސަރުވާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
''އައި ލައިކް ޔޫ...'' ޒިވްޔަން އެންމެފަހުން އެ ހިތުގެ ހާލު ސަރުވާއަށް ހާމަކޮށްފިއެވެ. ހިތަށް ލުޔެއް ލިބުނު ކަމުގެ އިހުސާސްްވެސް ކުރެވުނެވެ.
''އަހަންނާ ރައްޓެހިވާނަންތަ؟...'' ޒިވްޔަން އެދުނެވެ. ލަދުރަކި ހިނިތުންވުމަކާއެކު ސަރުވާ ބޯޖަހާލިއެވެ.
ޒިވްޔަންއަށް ލިބުނު އުފަލާއެކު ސަރުވާގެ ގައިގައި އޭނާއަށް ބައްދާލެވުނެވެ. ސަރުވާ ދެކޮޅެއް ނުހެދިއެވެ. އެ އަތުގެ ހިމާޔަތުގެ ތެރެއަށް އޭނާ ވަނެވެ. ޒިވްޔަންގެ ތަނަވަސް މޭގައި ސަރުވާ މޫނު ފޮރުވާލިއެވެ. ޒިވްޔަންގެ ހިތުގެ ތެޅުން އިހުސާސްކުރެވުމުން ބާރަށް ޒިވްޔަންގެ ހަށިގަނޑުގައި ސަރުވާ ބައްދާލިއެވެ. ސަރުވާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ޒިވްޔަންއަށް ދެލޯ މަރާލެވުނެވެ. ހިތުގެ މަންޒިލާ ހަމައަށް ވާސިލު ވެވިއްޖެކަމުގެ އުފާވެރިކަން އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ.
(ނުނިމޭ)