"ޝްޝްޝް.... އިތުރަށް ސުވާލުކުރާނީ އެތަނަށް ގޮސް. މިއަދަކީ އަހަންނަށް ވަރަށް ހާއްސަ ދުވަހެއް" ނިހާން ބުންޏެވެ.
އެ ހިނދު ނިހާންގެ މޫނަށް ރޫޔާ ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ދުވަހުގެ މުހިއްމުކަން އޭނާއަށް އިހުސާސް ވެއްޖެއެވެ. ހިތުގައި އާދަޔާހިލާފަށް ވިންދު ޖަހަން ފެށިއެވެ. ދެކުދިން ފައިބައިގެން ދިޔައީ ވާދީއަށް ފައިބަން އޮންނަ ހިމަ މަގުންނެވެ.
ވާދީއަށް އާދެވުމާއެކު ރޫޔާ ހައިރާންވިއެވެ. މުޅި ސަރަހައްދު ވަނީ އެކި ކުލަކުލައިގެ މާތަކުން ޖަރީކޮށްފައެވެ. ވިނަތަކުގެ މަތީގެ އެކި ތަންތަންކޮޅުގައި ހުދާއި ރަތް އަދި ނުލާއި ފިޔާތޮށި ކުލައިގެ ތާޒާ ފިނިފެންމާ ބޮނޑި ބޮނޑިއަށް ބަހައްޓާފައިވާ އިރު، ކޮންމެ ދެ މާބޮނޑިއެއް ދޭތެރޭގައި ހިމަ ދިގު ލޯގަނޑެއް ހުއްޓެވެ. މުޅި ތަން ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ސަރަހައްދުގައި ހިފާލާފައިވަނީ ފޮނިފޮނި މީރު ވަހެކެވެ. ނިހާންގެ އަތުތެރެއިން އަތް ދަމައިގެންފައި ރޫޔާ ތަންކޮޅެއް ކުރިއަށް ޖެހިލިއެވެ. ދެއަތް ޖޯޑުކޮށްލައިގެން ހުރެ މުޅި ސަރަހައްދު ވަށައިގެން ބަލަން އޭނާ ފެށިއެވެ. ރޫޔާގެ ތުންފަތުގައިވި ފަރި ހިނިތުންވުމަށް ބަލަހައްޓައިގެން ހުރެ ނިހާން ތަންކޮޅެއް ދުރަށް ޖެހުނެވެ. އޭނާ އަތުން އިޝާރާތެއް ކޮށްލިއެވެ. އެއާއެކު އިސްކޮޅުން ގާތްގަނޑަކަށް އެއްވަރެއްގެ އަންހެން ކުދިންތަކެއް އައިސް ނިހާނާ އަރައި ހަމަވިއެވެ. އެ މަންޒަރު ފެނުމުން ރޫޔާ އައިސް ނިހާން ކައިރިއަށް ޖެހިލިއެވެ.
"މިއީ ކޮންބައެއް؟" ރޫޔާ އަހާލިއެވެ.
އިތުރަށް ރޫޔާ ބަހެއް ބުނާނެ ފުރުސަތެއް ނުދީ އެކުދިން ރޫޔާގެ އަތުގައި ހިފިއެވެ.
އަންހެން ކުދިންތައް ރޫޔާ ގެންދަން ފެށުމުން އޭނާގެ މޫނަށް ވެރިވީ ކަންބޮޑުވުމެވެ. އޭނާ ނިހާންގެ މޫނަށް ބަލައިލިއެވެ. އެ ހިނދު ނިހާން ކުރިއަށް ޖެހިލިއެވެ. އެއް އަތް އުފުލާލުމަށްފަހު ނިހާން ރޫޔާގެ މޫނުގައި އިނގިލިތަކުން ބީހިލިއެވެ. އެ ހިނދުކޮޅުގައި ވެސް ރޫޔާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.
"އަހަންނަށް އިތުބާރު ކުރަންތަ؟" ނިހާން ބުންޏެވެ. އެއާއެކު ރޫޔާ ބޯޖަހާލިއެވެ.
"އެހެންވިއްޔާ މި ކުދިންނާއެކު ދޭބަލަ. އެކުދިން ގެންދާ ތަނަކަށް. އެކުދިން ރޫ އަކަށް ދެރަގޮތެއް ނަހަދާނެ" ނިހާން ބުންޏެވެ.
ރޫޔާ ހިނގައިގަތެވެ. ނިހާނަށް އިތުބާރުކޮށްފައެވެ. ނިހާން ލޮލަށް ގެއްލެންދެން އޭނާ ނިހާނަށް ބަލަމުން ދިޔައެވެ.
ލޯމަތިން ރޫޔާ ގެއްލުނުތާ މާގިނައިރެއް ނުވެއެވެ. ނިހާނަށް އޭނާއާ ދިމާލަށް އައި ކުރާނާ ފެނި އަތުން ހަނާއަޅާލިއެވެ.
"މިތަނުގައި މިކަހަލަ ކަމެއްވާ މިއީ ފުރަތަމަ ފަހަރެއް ނޫން. އެކަމަކު ދިވެހި ދެކުދިންނަށް މިއީ ފުރަތަމަ ފަހަރު" ނިހާން ކައިރީ ހުއްޓި ސަލާމްކޮށްލަމުން ކުރާނާ ބުންޏެވެ.
"ބޭބެ ރޫޔާ ދަންނަން ދޯ" ނިހާން އަހާލިއެވެ.
"ހަބީބަކީ ވަރަށް ހެޔޮ އިންސާނެއް. ހަބީބްއާ އޭނާގެ އަނބިމީހާގެ ލޯބި ފެށުނު ތަނަކީ މިއީ. އޭރު މިތަން މިހާ ބޮޑެއް ނޫން. ތިއީ ވަރަށް ނަސީބު ރަނގަޅު ކުއްޖެއް" ނިހާންގެ ކޮނޑުގައި ޖަހާލަމުން ކުރާނާ ބުންޏެވެ.
"ބޭބެ ހުރިހާ ކަމެއް ތިކުދިންނަށް މި ހަމަޖައްސައިދިނީ އެއްވެސް އަގަކާ ނުލައި. އެއީ ހަބީބްއާ ބޭބެ އެކުވެރިކަމަށްޓަކައި. އަވަހަށް ހިނގާ. ކެނޯ އޮތީ ތައްޔާރަށް" ކުރާނާ ބުންޏެވެ.
ކުރާނާ ހިނގައިގަތުމުން އަތުކުރީގައި އޮތް ގަޑިއަށް ނިހާން ބަލައިލިއެވެ. މާގިނައިރެއް ނުވެ އޭނާގެ ހިތުގެ ރާނީ އޭނާއަށް ފެންނާނެއެވެ. އެ ކުދިން ރޫޔާ ގެންދިޔައީ އޭނާ އެދުނު ފަދައިން ތައްޔާރުކޮށްދޭށެވެ. އޭނާ ބޭނުންވަނީ މުޅި މާތަކުގެ ރާނީ ފަދައިން އޭނާއަށް ރޫޔާ ފެންނާށެވެ.
އަންހެންކުދިންތަކުގެ ހުނުމުގެ އަޑު އިވުމާއެކު ނިހާންގެ ހިތް ތެޅިލައިފިއެވެ. އަޑު އައި ދިމާލަށް އޭނާ ބަލައިލިއެވެ. އަންހެން ކުދިންތަކުގެ މެދުގައި ހުއްޓިގެން ސީދާ ނިހާނަށް ނަޒަރު ހުއްޓާލައިގެން އެހުރީ އޭނާގެ ހިތުގެ ވެރިޔާއެވެ. ރޫޔާ ލަސް ފިޔަވަޅުތަކެއްގައި ނިހާނާ ދިމާލަށް އަންނަމުން ދިޔައެވެ. ކަޅިޖަހާ ނުލައި ރޫޔާގެ ކޮންމެ ހަރާކާތަކަށް ނިހާން ބަލަމުން ދިޔައެވެ. ފަހަރަކަށް ވުރެ ފަހަރެއް އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ރޫޔާއާ ގާތަށް އޭނާއަށް ފިޔަވަޅު އެޅެމުން ދިޔައީ ބޭއިހުތިޔާރުގައެވެ.
ރޫޔާ ކުރިމަތީގައި ހުއްޓުމާއެކު ނިހާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ނަޒަރު ރޫޔާގެ ފައިން ފެށިގެން ބޮލާ ހަމައަށް ލަސްލަހުން ދަތުރުކޮށްލިއެވެ. ރޫޔާ ލައިގެން ހުރި ހުދު ހެދުމުގެ އުނގަނޑުން ފެށިގެން ތިރީގައިވަނީ އެކި ކުލަކުލައިގެ ފިނިފެންމާތަކެއް ހަރުކޮށްފައެވެ. ހެދުމުގެ ތިރީބައިން ހުދު ކުލައިގެ އެންމެ ތަންކޮޅެއްވެސް ފެންނާކަށް ނެތެވެ. ޝޯލް މަތިން ބޭންޑެއް ގޮތަށް އަޅާފައިވަނީވެސް މަލުން ޖަރީކޮށްފައިވާ ބޭންޑެކެވެ. ރޫޔާ ފެންނަމުން ދިޔައީ ތަފާތު ގޮތަކަށެވެ. ހަގީގަތުގައި ވެސް ނިހާނަށް ރޫޔާ ފެންނަމުން ދިޔައީ މާތަކުގެ ރާނީ ފަދައިންނެވެ.
"ނިހާން..." ރޫޔާ ގޮވާލިއެވެ. އޭނާ ނިހާނަށް ބަލައިލިއެވެ. ތިމަންނަގެ ހިތްވެސް އެދެމުން ދަނީ ނިހާން ތި އެދޭ އެދުމަށޭ ބުނާ ކަހަލައެވެ. ނިހާން ކުރަން އެ އުޅޭ ކަމެއް ރޫޔާގެ ސިކުނޑި ދެނެގަތްތާ ކިތަންމެ އިރެކެވެ. އުފަލުން އޭނާ ހުރީ ރޮވެން ކައިރިވެފައެވެ. ދެލޮލުން ކަރުނަ ނީރާލުމާއެކު ރޫޔާ އިސްއޮބާލިއެވެ.
"އަހަރެންގެ މަލުގެ ރާނީ ނުރޮއްޗޭ" ރޫޔާގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލާހެން ނިހާން ބުނެލިއެވެ. އެ ހިނދު ރޫޔާއަށް ހެވުނެވެ.
"ހިނގާބަލަ" ރޫޔާގެ އަތްތިލައިގައި ހިފާލަމުން ނިހާން ބުންޏެވެ.
"ކޮންތާކަށް ދެން ދާންވީ" ރޫޔާ އަހާލިއެވެ.
"ހެހެހެ... މުޅި ދުވަސް ރޫ ހުންނަންޖެހޭނީ އަހަރެންގެ އަރިހުގަ. އަހަރެން ރޭގަ ކަމަކަށް އެދުނިން. ރޫ ހަނދާން އެބަހުރިތަ؟" ނިހާން ބުންޏެވެ.
ރޭގެ ހުރިހާ ވަގުތެއް ރޫޔާގެ ހަނދާނަށް އައެވެ. މަންމައާއި ބައްޕައާއެކު ޑިނާއަށް ދާން އޭނާ ނިހާނަށް ދިން ދައުވަތުގައި ފުރަތަމަ ފަހަރަށް ނިހާންގެ ހިތުގެ އެދުން ރޫޔާއަށް އިއްވާލި ހަނދާނެވެ.
"އެއީ އަހަރެން ހަމަ އެހެން ހުރެފަ ބުނި އެއްޗެއް ނޫން. އެކަން މިއަދު ސާބިތުކޮށްދޭނަން" ނިހާން ބުންޏެވެ.
ނިހާނާއެކު ހިނގަމުން ދިޔަ ރޫޔާ އިރުކޮޅަކާ ނިހާންގެ މޫނަށް ބަލައިލައެވެ. މިއަދު އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުން އެތައް ގުނައެއް ބޮޑެވެ. ދުވަހަކުވެސް އެފަދަ ދުވަހެއް އޭނާއަށް ފެނިދާނެ ކަމަކަށް ހީކޮށްފައެއް ނެތެވެ. ނިހާން ފަދަ ޒުވާނެއް އަންނާނެ ކަމަކަށް އޭނާ އުންމީދުކޮށްފައެއްވެސް ނެތެވެ. އެހެނީ އޭނާގެ ލޯތްބަށް އެންމެ ފުރަތަމަ އެދުނު ޒުވާނާ އޭނާއަށް ދެއްކީ ޒުވާނާގެ މޮޔަ ފަރާތެވެ. ޒުވާނާ މަސައްކަތްކުރީ ގަދަ ބާރުން ލޯބި ހޯދާށެވެ.
****
ސިޑިން ފައިބައިގެން އައި ޝައުން ހުއްޓުނީ ބޮޑު ހޯލުގައި މާމަ އާއި ބޮޑުބެ އިންތަން ފެނުމުންނެވެ. ކައިގެން ބޭރަށް ދިއުމުގެ ބަދަލުގައި އޭނާ ގޭގައި މަޑުކުރީ މާމަގެ ފަރާތުން އޭނާގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. މިއަދު އެ ސުވާލުތައް އޭނާ ހިތުން ނެރޭނެއެވެ.
"އަނހަ ޝައުން... އާދެބަލަ ދަރިފުޅު" ޝައުން ފެނުމުން ގިސާމަތު ބުންޏެވެ.
ޝައުން ފައިބައިގެން އައިސް އިށީނީ ގިސާމަތު ކައިރީގައެވެ.
"މިރޭ ބޭރަށްވެސް ނުދާ ރެއެއްތަ؟ މި ގަޑީގަ ތިއީ ގޭތެރެއިން ފެންނަ ކުއްޖެއް ނޫނެއްނު" ގިސާމަތު ބުންޏެވެ. ބަހެއް ނުކިޔައި ޝައުން އިނީ ހިތުގައި އުފެދިފައިވި ސުވާލުތައް ގިނަކަމުންނެވެ. އެންމެ ފުރަތަމަ މާމައާ ކުރާނީ ކޮން ސުވާލެއްކަން ޔަގީން ނުކުރެވިފައި އިން ޝައުންގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ ގިސާމަތުގެ ތައްޓަށް ކޮފީ އަޅަން އޮތް ފަޒީލާ އަށެވެ. ލޮލުގެ އިޝާރާތުން ފަޒީލާ ބުނި އެއްޗެއް ޝައުންއަށް ދޭހަނުވިއެވެ.
"ހޫން... ދެންހެވޭ... ދެން ދޭ މިތަނުން" ފަޒީލާއަށް ގިސާމަތު ބުންޏެވެ.
ކޮފީތަށިން ކޯވަރެއް ބޯލާފައި ގިސާމަތު އަނެއްކާވެސް ބަލައިލީ ޝައުން އަށެވެ. އޭރުވެސް ޖެހި ބުދެއްހެން ޝައުން އިނެވެ. ހައިރާންވެފައި ގިސާމަތު ބަލައިލީ އަޖްވަދަށެވެ. އެ ހިނދު ދެކޮނޑު އަރުވާލަމުން އަޖްވަދު ވީކަމެއް ނޭނގޭ ކަމަށް ބުންޏެވެ. މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި ގިސާމަތު ޝައުންގެ ކޮނޑުގައި އަތްޖައްސާލިއެވެ. ސިހިފައި މާމަގެ މޫނަށް ޝައުން ބަލައިލިއެވެ.
"ކޮންކަމަކާ މާ ވަރަކަށް ތި ވިސްނަނީ" ގިސާމަތު އެހިއެވެ.
"މާމާ.... ހަނާން... ހަނާން އެއީ ކާކު؟" ޝައުން އެހިއެވެ.
ގިސާމަތު ބަލައިލީ އަޖްވަދުގެ މޫނަށެވެ. ދެން ޝައުންއަށް ބަލައިލާފައި ހީލިއެވެ.
"އެއީއެއްނު ދަރިފުޅުގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވެގެން ތިއުޅޭ ކުއްޖަކީ" ގިސާމަތު ބުންޏެވެ.
"އަޅުގަނޑު މި އެހީ މާމަ ހަނާން ދަންނަނީ ކިހިނެއްތޯ" ޝައުން ބުންޏެވެ. ގިސާމަތު ދޫ ބަންދުވިއެވެ.
"ބޮޑުބޭބެވެސް ހަނާން ދަންނަންދޯ. ކީއްވެ ނުބުނެވިގެން ތި އުޅެނީ؟" ޝައުން ބުންޏެވެ. ގިސާމަތު ހައިރާންކަމާއެކު އަޖްވަދަށް ބަލައިލާފައި ދެން ބަލައިލީ އަނެއްކާވެސް ޝައުން އަށެވެ. ޝައުން ކުއްލިއަކަށް ދައްކަން ފެށީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ މީގެކުރިން ޝައުން އަކީ އެހާ ސުވާލު ގިނަ ކުއްޖެއް ނޫނެވެ.
"ބުނެބަލަ މާމާ. އަޅުގަނޑަށް ނޭނގޭ ހާދަ ބޮޑެތި ސިއްރުތަކެކޭ މި ހުންނަނީ. ހަނާނަކީ އަޅުގަނޑާއެކު ސްކޫލުގަ ކިޔެވި ކުއްޖެއް. އަޅުގަނޑު ހަނާން ދެކެ ލޯބިވީ ސްކޫލު ދައުރުން ފެށިގެން. އެ ފޮޓޯއަކީ އަޅުގަނޑު ހަނާން އަތުން ވަގަށް ނެގި ފޮޓޯކޮޅެއް. މާމަ ބުނެބަލަ ހަނާން ދަންނަގޮތެއް" ޝައުން ދުލެއް ނުކުރިއެވެ. އޭނާ ތެދުވެގެން ގޮސް ގިސާމަތު ކައިރީގައި އިށީނދެފައި މާމަގެ ދެއަތުގައި ހިފަހައްޓާލިއެވެ.
"ކިހިނެއްވެގެން މިއަދު ތިހާ ތި ސުވާލުކުރަނީ؟" ގިސާމަތަށް އެއްޗެއް ބުނަން އުނދަގުވެގެން އުޅޭހެން ހީވުމުން އަޖްވަދު ބުންޏެވެ.
"މީގެކުރިން ގޭތެރޭގައި ހިނގާ ކަންކަމާ އެހާ ވިސްނާނުލެވޭ. މިހާރު އަޅުގަނޑުގެ ހުރިހާ ވަގުތެއް ހޭދަކުރެވެމުން މިދަނީ ހަނާނާ މެދު ވިސްނުމުގަ. ހަނާން އަޅުގަނޑުގެ ހަޔާތަށް ގެންނާނަމޭ މާމަ ބުނާއިރު ކީއްވެހޭ ހަނާން ވީތަނެއް މާމައަށް އެނގޭއިރު އަޅުގަނޑަށް ނޭނގެންވީ. އަނެއްކާ.... އަނެއްކާ ހަނާން އެއީ ބޮޑުބޭބެގެ.... "
ޝައުން އަށް އެހާ ހިސާބަށް ބުނެވޭއިރަށް ގިސާމަތު ފުންމައިގެން ތެދުވިއެވެ. ހަމައެއާއެކު ޝައުން ވެސް ކޮޅަށް ތެދުވިއެވެ.
"މާމާ ސިއްރުކުރަންޖެހޭ ވަރުގެ ކަމަކީ ކޮބާ؟ އަޅުގަނޑަކީ މިގޭ ކުއްޖެއް ވީމަތަ؟ ނޫނީ އަޅުގަނޑަކީ ބައްޕަ ނެތް ކުއްޖަކަށް ވީމަތަ؟" ހާލަތު ބަދަލުވެގެން އައިގޮތުން ޝައުންއަށް ޖަޒުބާތީ ވެވިއްޖެއެވެ.
އެއަށްފަހު ވީގޮތެއް ޝައުންއަށް ނޭނގުނެވެ. މާމަގެ އަތްތިލައިގެ ހޫނުކަން ޝައުންގެ ކޯތާފަތަށް އަރައިގެން ދިޔަތަނުގައި އަމިއްލަ އަތުން ހިފަހައްޓާލައިގެން ހުރެ ޝައުން ކުރިމައްޗަށް ބަލައިލިއެވެ. އޭރު އަޖްވަދު ހުރީ ގިސާމަތުގެ ދެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. ކުރެވުނު ކަންތަކާ ގިސާމަތު ވެސް ކަންބޮޑުވެފައި ހުރި ކަހަލައެވެ. މިނޫނީ އޭނާ ދަރިއަކަށް އަތް އިސްކޮށްފައެއް ނެތެވެ. އެކަމަކު ޝައުންއަށް އޭނާ އެ ދިނީ ދިނުން ހައްގު ހަދިޔާއެކެވެ. މާބޮޑު މީހަކަށް ވެގެން ނުބެހޭ ކަންތައްތަކާ ބެހުނީމަ އެވީ ވާންވިގޮތެވެ. މާމަ ދަރިއެއް ކަމަކު ޝައުންއަށް ވާހަކަދެއްކޭނެ މިންވަރު އޭނާ ވާނީ ކަނޑައަޅާފައެވެ. އިމުން ބޭރުވީމާ ވާނީ މިކަހަލަ ގޮތެކެވެ.
"ހަމަ މިހާރު މިތަނުން ދުރަށްދޭ" ޝައުންއަށް ގިސާމަތު އަމުރުކުރިއެވެ.
****
ދެ ދަރީން ގޮވައިގެން އަޒީމާއަށް ކާން އިށީނދެވުނީ އެހެން ރޭތަކަށް ވުރެ ތަންކޮޅެއް ލަހުންނެވެ. އިރުއޮއްސުނު ވަގުތު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. މުހްތާރަށް މިސްކިތުން އާދެވުނީ އެހާ ލަހުންނެވެ.
"މިއަދު ދަރިފުޅު ހާދަ ގޮތަކަށް އިން ދުވަހެއް" ކުރިމަތީގައި ހުރި ތައްޓަށް ބަލަހައްޓައިގެން އިން ނޭހާއަށް އަޒީމާ ބުންޏެވެ. ފައިކު ވެސް ނޭހާއަށް އެ ވަގުތު ބަލައިލިއެވެ. ނޭހާ ފާޑަކަށް އިނދެގެން އޭނާ ވެސް އެއްފަހަރު ސުވާލުކޮށްފިއެވެ.
"ވަޒީފާ އަކަށް ދާން އަޅުގަނޑު އެބަ ވިސްނަން" ނޭހާ ބުންޏެވެ.
އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ މުހްތާރަށެވެ. ދަރިން ހަރުދަނާ ވަޒީފާއެއް އަދާކުރާތަން ދުށުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ.
"ސީރިޔަސްލީ.... ގިސާމަތު އާންޓީމެންގެ އޮފީހުގަ ބޯކޮށް އެބައޮތް" ފައިކު ހިނިއައިސް އިނދެފައި ބުންޏެވެ.
"އުނހު ކަމަކުނުދާނެ. ދަރިފުޅާ. މީހަކާ އިންނަން ކިޔާއިރު ދަރިފުޅު ވަޒީފާ އަދާކުރުމާ މެދު ޝައުން ދެކޭގޮތްވެސް ބަލަންވާނެއްނު. ގިސާމަތުމެންވެސް އެހާ ރުހޭނެހެނެއް ހިއެއްނުވޭ" އަޒީމާ ބުންޏެވެ.
ތަށި ތެރެއަށް އޫ ދޫކޮށްލާފައި ނޭހާ ތެދުވިއެވެ. ޝައުންގެ ވާހަކަ ފެށުމުން އޭނާގެ ބޮލަށް އުނދަގު ވެއްޖެއެވެ. ހިތުން ފޮހެލަން އޭނާ ކުރާ މަސައްކަތުގައި މަންމަމެން ޝައުންގެ ވާހަކަދައްކައިގެން ހަނދާން އައުކުރުވަން މަސައްކަތް ކުރުމުން ނޭހާ ރުޅިވެސް ގަދަވިއެވެ.
"މަންމަމެން އަޑުއަހާ. އަޅުގަނޑު ޝައުންއާ މިހާރު އެއްވެސް ގުޅުމެއް ނެތް. ޝައުންއާ އަޅުގަނޑު ވަކިވެއްޖައިން. އަޅުގަނޑު ވަރަށް އަވަހަށް މީހަކާ އިންނާނަން. އަޅުގަނޑު އެހެން ކުއްޖަކާ ގުޅިއްޖައިން. އޭނާއަށް ކިޔަނީ ސާލިމް" ނޭހާ އެއްފައްޗަކަށް އަމުނާލިއެވެ. ހުރިހާ މީހުންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ނޭހާ އެވަރުގެ ނިންމުމެއް ނިންމި އިރެއްވެސް ނޭނގެއެވެ.
"ނުކައިތަ ތިދަނީ؟" ނޭހާ ހިނގައިގަތުމުން މުހްތާރު ބުންޏެވެ.
"އަޅުގަނޑު ފަހުން ނިކުންނާނަން ކާން. މަންމަ ތަށިތައް ނަގާއިރު އަޅުގަނޑަށް ވީ ކާއެއްޗެހި މަތިޖަހާފަ ބަހައްޓަދީ" ނޭހާ ބުންޏެވެ.
ނޭހާ ދިޔުމުން ތިންމީހުން އެކަކު އަނެކަކާ ބަހެއް ނުކިޔައި އިރުކޮޅަކު ހިމޭނުން ތިއްބެވެ. އެންމެ ކަންބޮޑުވެފައި އިނީ ފައިކުއެވެ. ހަމަ އަސްލަށްވެސް ނޭހާއާ ޝައުން ރުޅިވީ ހެއްޔެވެ؟ ޔަގީނުންވެސް އެކަހަލަ ވާހަކައެއް ޝައުން ނުބުނެއެވެ.
"ތެދަށް ބުނަންޏާ އަހަރެންގެ ދަރިފުޅު އެހާ ފޯރާ އާއިލާއެއްގެ ތެރެއަށް ވަންނަން އަހަންނަށް ނޭދެވޭ. ނޭހާގެ އުފަލަށްޓަކައި އެއްޗެއް ނުބުނެ ހުރީ. މިހާރު އެވީ ރަނގަޅަށް" މުހްތާރު ބުންޏެވެ.
"އެކަމަކު ކުޑަ މައްސަލައެއް ޖެހޭއިރަށް ނޭހާ...." އަޒީމާއަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
"ހަބަރުދާރު. އެކަކުވެސް ނޭހާއަށް މަޖުބޫރު ކޮށްގެން ނުވާނެ. ކަލޭމެންނަކަށް ނޭނގޭތަ ގިސާމަތުގެ އާއިލާއަކީ ކިހާ ފެންވަރެއްގެ އާއިލާއެއްކަން. އެ އާއިލާގެ ތެރެއަށް ގޮސްގެން ނޭހާ އުޅެންޖެހޭނެ ހާލެއްވެސް ނޭނގޭ" މުހްތާރު ބުންޏެވެ.
"ކީއްވެ؟ ކީއްވެ ތިހެން ތިބުނީ؟ ގިސާމަތަށްވެސް ނޭހާ ކަމުދޭ" އަޒީމާ ބުންޏެވެ.
"ބަލަ މުއްސަނދިކަން އިންސާނާގެ ދިރިއުޅުމަށް އަންނަނީ މުސީބާތާ އިންޒާރާއެކު. އެކަން ބަލައިނުގަނެވޭ ބައެއްގެ ތެރޭގައި ﷲ ގެ ރަހްމަތެއް ނޯންނާނެ. އަހަރެންގެ ދެ ދަރީންވެސް ބޮޑުކޮށްފަ އެ ތިބީ އެކުދިންނަށް މެދުމިނެއްގެ ދިރިއުޅުމަކީ ކޮބައިކަން އުނގަންނައިދީގެން. ބައްޕަ އުންމީދުކުރަނީ ފައިކު ހަޔާތަށްވެސް މެން މިންވަރެއްގެ ދިރިއުޅުމަށް ލޯބިކުރާ އަންބަކު ގެނައުން" މަޑުމައިތިރިކަމާއެކު ވާހަކަދައްކާފައި ފެންތަށި ހުސްކޮށްލައިގެން މުހްތާރު ހިނގައިގަތެވެ.
*****
ބަދިގޭގައި އުޅުނު ހަންނާ ބޯދިއްކޮށްލީ ސަލާމް ގޮވާލި އަޑު އިވުމުންނެވެ. ހަންނާ ބަލައިލުމާއެކު މަސައްކަތްކުރަން ހުރި ކުއްޖަކު ގޮސް ދޮރު ހުޅުވާލިއެވެ. ބޭރުގައި ހުރި ނުދަންނަ ފިރިހެންމީހާ ހަބީބްގެ ނަން ބުނުމުން އެ ފިރިހެންމީހާ އެތެރެއަށް ވައްދައި އިށީންނާނެ ތަން ދައްކާފައި މަސައްކަތު ކުއްޖާ އައިސް ވަނީ ބަދިގެއަށެވެ.
"ފިރިހެނެއް. ބޮސް ހޯދަން" އެ ކުއްޖާ ބުންޏެވެ.
ރީއްޗަށް ދެއަތް ދޮވެލައިގެން ހަންނާ ބޭރަށް ނިކުތީ ތަބަކަށް ޖޫސްތައްޓެއް ލައިގެންނެވެ. ފިރިހެންމީހާއަށް ހަންނާ ފެނުމާއެކު ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ޖޫސްތަށީގައި އެމީހާ ހިފުމުން ހަންނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
"ހަބީބް އަދި ގެއަށް ނުދުރުވޭ" ހަންނާ ބުންޏެވެ.
އެނގޭ. އަދި ނުނިމެއޭ މަސައްކަތް. މިއަދު މިއީ އާ ޕްރޮޖެކްޓެއް އިފްތިތާހުކުރުން އޮތް ދުވަސް" އެ މީހާ ބުންޏެވެ.
ހަންނާއަށް ލިބުނީ ހައިރާންކަމެވެ. ހަބީބް ގޭގައި ނެތްކަން އެނގި އެމީހަކު އައިސް އިނުމުން ހަންނާ ކަންބޮޑުވެސްވިއެވެ. ހިތުގައި އުފެދުނީ ނުތަނަވަސްކަމެކެވެ.
"ނޭނގުނު ކާކު ކަމެއް" ފިރިހެންމީހާގެ ތުންފަތަށް ވެރިވީ ނުރައްކާތެރި ހިނިތުންވުމެކެވެ.
****
ރޫޔާގެ އަތްތިލައިގެ ތެރެއިން ނިހާން އަތް މިނިވަންކޮށްލިއެވެ. ދެ ޒުވާނުން ތިބީ ރަހުމަތްތެރިކަން ފެށުނު ދުވަހު ތާރީހު ނޯޓުކުރި ގަސް ކައިރީގައެވެ. ރޫޔާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓައި ނިހާން ނެގީ ޖީބުގައި އޮތް ތަޅުދަނޑި ފައްޗެވެ. ފުރަތަމަ ތާރީހުގެ ތިރީގައި ނިހާން ތަޅުދަނޑިއަކުން ބިންވަޅު ނެގީ ހިތެއްގެ ބައްޓަމަށެވެ. ހިތުގެ އެތެރެ އޮތީ ހުސްކޮށެވެ. ރޫޔާގެ މޫނަށް ނިހާން ބަލައިލިއެވެ. ދެ ކުދިންގެ ތުންފަތުގައި ވެސް ވީ ހިނިތުންވުމެކެވެ. ހަގީގަތުގައި ވެސް ނިހާން މިއީ ތަފާތު މީހެކެވެ.
"ދެން އޮތީ އެންމެ ބޮޑު ކަންތައް" ރޫޔާގެ ކަންފަތްދޮށުގައި ވައި އަޑުން ނިހާން ބުންޏެވެ. ހިނިތުންވި ވަގުތު ނިހާންގެ ހޫނު ނޭވާއެއް ރޫޔާގެ ކަނދުރާއަށް ދޫކޮށްލިއެވެ. އެ ހިނދު ޝޯލްގެ އެތެރެއިން ކަނދުރާއަށް ނިހާންގެ ހޫނު ނޭވާގެ އިހުސާސް ރޫޔާއަށް ކުރެވިގެން ދިޔައެވެ.
"ނި ހާ ން...." ބޭއިހުތިޔާރުގައި ރޫޔާއަށް ގޮވާލެވުނެވެ.
"ޝްޝްޝް... އަހަރެންގެ ފަރާތުން މިކަހަލަ ލާނެއް ސަމާސާތައް ދެން ފެންނާނެ. ސޮރީ އަދި ރަނގަޅަށް ރަޖިސްޓްރީ ނުވެވެނީސް މި ފެށުނީ ދޯ... ހެހެހެ..." ނިހާން ބުންޏެވެ.
"މަޑުކޮށްބަ..." ނިހާން ހިނގައިގަތުމުން ރޫޔާ ބުންޏެވެ.
ނިހާން ހުއްޓުނެވެ. ރޫޔާގެ މޫނަށް ނިހާން ބަލައިލި ރޫޔާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ގޮތުންނެވެ.
"މި ފުރިހަމަ ނުވެއެއްނު" ރޫޔާ އިޝާރާތްކުރީ ގަހުގައި ނިހާން ބިންވަޅު ކަނޑާފައި އިން ހިތަށެވެ.
"އާދެބަލަ. ފުރިހަމަވާނޭ އަދި" ރޫޔާގެ އަތުގައި ހިފައިގެން ނިހާން ފޭބީ ކެނޯއަށް އަރާ ދިމާލަށެވެ. ދެކުދިންނަށް ތައްޔާރުކޮށްފައިވާ ކެނޯ އޮތީ ތައްޔާރަށެވެ. އެކި ކުލައިގެ މާތަކުން ބަރާވެފައެވެ. ކެނޯއަށް ރޫޔާ އެރީ ނިހާންގެ އަތުގައި ހިފައިގެންނެވެ.
"ކިހިނެއްވާން މި އުޅެނީ؟" ދަތުރު ފެށުމާއެކު ރޫޔާ ބުންޏެވެ.
(ނުނިމޭ)