ވާހަކަ

ދޭތޯ ތި ހިތް - 11

ހުކުރު ދުވަހެވެ. އަށެއް ޖަހަން އުޅެނިކޮށް ސަރުވާ ބަލާ ކިޔާރާ އައިސްފިއެވެ. ދަތުރަށް ޕެކްކުރި ކުޑަ ދަބަސް ހިފައިގެން ގޮސް ޓެރެސްއަށް އޭނާ ނިކުތެވެ. ހެނދުނުގެ ސަޔަށް ފަހު އާފާގްގެ ދެމަފިރިން ތިބީ ޓްރެސްގައި ހުރި އުނދޯލީގައެވެ. ސަރުވާ ފެނުމާއެކު ޒުބެއިދާ ހިނިތުންވެލިއެވެ. ސަރުވާގެ ފަހަތުގައި ހުރި ކިޔާރާއަށް ވެސް ބަލައިލިއެވެ.

''ދަނީ...'' ސަރުވާ ގޮސް އުނދޯލި ކުރިމައްޗަށް ހުއްޓުނެވެ.

''ބަލައިގެން އުޅެއްޗޭ...'' ޒުބެއިދާ ބުންޏެވެ. ސަރުވާ އެހާ ވަރުން އެ ދަތުރުގައި ބައިވެރިވާން ބޭނުންވުމުން އިންކާރުކުރަން އޭނާއަށް ނުކެރުނީއެވެ. ރިސޯޓަކީ އޭނާ މާ ގަޔާވާ މަންޒިލެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ އުފަލަށްޓަކައި އެ އިހުސާސްތަކާ ވެސް ދުރުވެލީއެވެ. އާފާގު ފަދައިން ސަރުވާއަށް ފުރިހަމައަށް އޭނާ އިތުބާރުކުރެއެވެ. ގޯސްމަގެއް އިހްތިޔާރުނުކުރާނެކަމުގެ ޔަގީންކަން ހިތުގައި ވެއެވެ.

''އާންޓީ ހާސްނުވޭ... ސަލާމަތުން ސަރޫ ގެނެސްދޭނަމޭ...'' ކިޔާރާ ޔަގީންކަން ދިނެވެ. ކިޔާރާއަށް ބަލައިލި ޒުބެއިދާ ހިނިތުންވެލިއެވެ. މަންމައާއި ބައްޕަގެ ގައިގައި ބައްދާލަމުން ނިކުންނަން ސަރުވާ ހިނގައިގަތެވެ. ސަރުވާއަށް ބަލަން އިން ޒުބެއިދާގެ އަތުގައި އާފާގު ހިފާލިއެވެ. އަދި މަޑުމަޑުން ފިތާލިއެވެ.

*****

''ކާރު ދޫކޮށްލީތަ؟...'' ބޭރަށް ނިކުމެވުމާއެކު ކިޔާރާ ގޮސް ހުއްޓުނީ ފިޔާތޮށިކުލައިގެ ސްކޫޕީއެއް ކައިރިއަށެވެ. ލިބުނު ހައިރާންކަމާއެކު ސަރުވާ ބަލަން ހުރީ ކިޔާރާގެ މޫނަށެވެ. ސައިކަލުގެ މަޑި ދަށުން ހެލްމެޓެއް ނަގައި ސަރުވާއަށް ކިޔާރާ ދިއްކޮށްލިއެވެ. ދެން އޮތް ހެލްމެޓް އޭނާގެ ބޮލުގައި އެޅިއެވެ.

''ކާރު ގަރާޖުގަ އޮތީ...'' ކިޔާރާ ސައިކަލަށް އަރަމުން ވާހަކަދެއްކިއެވެ. ކިޔާރާ ހަތަރުކަޅި ހަމަކުރަން ފަސްޖެހުނު ގޮތުން ސަރުވާއަށް ބުމަ އަރުވާ ލެވުނެވެ.

''ތަނެއްގަ ޖައްސާލީދޯ؟...'' ސަރުވާއަށް ޝައްކެއް ވިއެވެ. ސައިކަލަށް ތަޅުދަނޑި ޖަހަމުން ކިޔާރާ ދެލޯއަޅާލިއެވެ. ކިޔާރާ މޫނަށް ގެނައި ކުލަވަރުން ސަރުވާއަށް ހެވުނެވެ.

''ދުއްވަން ނޭނގޭ މީހަކު އައިސް ކާރުގަ ޖެއްސީއޭ... ނަސީބަކުން މާބޮޑު ވަރެއް ނުވޭ... ސަރޫ އަހަންނާ ދިމާކުރާނެކަން އެނގޭތީ ނުބުނީވެސް...'' ހެލްމެޓް ރަނގަޅުކޮށްލުމަށްފަހު ކިޔާރާ ކިޔައިދިނެވެ. ''ދެން އަވަހަށް ދާން ހިނގާ... ޑީން މެސެޖު ވެސް ކޮށްފި، ފާޑެއްގެ ޝެޑިއުލްއެއް ހަދައިގެން އުޅެނީ...''

ސައިކަލު ފަހަތަށް އަރައި ސަރުވާއަށް ހަމަނުޖެހެވެނީސް ކިޔާރާ ދުއްވާލީ ބާރަށެވެ. ސަރުވާ އިނީ މޭގަނޑު އަނގަޔަށް އައިސްފައެވެ. މާލެ ދެވެންދެން އިންނަން ޖެހުނީ ނޭވާ ހިފަހައްޓައިގެންނެވެ. ކިޔާރާއާއެކު ދުއްވާ އެއްޗަކަށް ނާރަން އެ ވަގުތު އަމިއްލަ ނަފުސަށް އޭނާ ވައުދުވެއްޖެއެވެ. ކޮންމެ ފަހަރަކު ހުންނަން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ކިޔާރާ ހުއްޓުމެއް ނެތި އަނގަތަޅުވަމުން ދިޔައިރުގައި ބިރުގެންފައި އިން ސަރުވާއަށް އެކަމަށް ސަމާލުކަމެއް ވެސް ނުދެވުނެވެ.

ފުރުން ހަމަޖެހިފައި އޮތީ ޖެޓީ ހަޔެކުންނެވެ. ސައިކަލު ޕާކްކުރަމުން ކިޔާރާ ވަށައިގެން ހޯދާލިއެވެ. ވަގުތުގެ ގޮތުން އެތަން ހަލަބޮލިއެވެ. އެކިއެކި މަންޒިލުތަކަށް ފުރަން އައިސް ތިބި މީހުންގެ ތެރެއިން ޒިވްޔަންއާއި ދައިސާން ފެނޭތޯ ހޯދަމުން ދަނިކޮށް ވަށް ބުރާއި ތަންކޮޅެއް ދުރުގައި ހުއްޓި ތިބިތަން ފެނިއްޖެއެވެ. އަވަސްއަވަހަށް ދެ އެކުވެރިން ހިނގައިގަތެވެ.

''އާދެވިއްޖެދޯ... ކޮން އިރެއް އަހަރުމެން މިތާ މަޑުކޮށްގެން ތިބޭތާ...'' އަތުކުރީ އޮތް ގަޑިއަށް ބަލަމުން ދައިސާން ޝަކުވާކުރިއެވެ.

''ލަވް... ޓްރެފިކްގަ ޖެހުނީއޭ...'' ކިޔާރާ ބުންޏެވެ. ''އަވަސްކުރަން އުޅުނަސް މާލޭގެ ޓްރެފިކާ ހުރެ ގަޑިއަށް ތަނަކަށް ނުދެވޭނެ...''

ސަރުވާ ބަލައިލީ ޒިވްޔަން އަށެވެ. ގަޔަށް ދޫ ހުދުކުލައިގެ ގަމީހަކާއި ކާކީކުލައިގެ ސޯޓެއްގައި ޒިވްޔަން ހުރި އިރު، ކޮނޑުގައި އޮތީ ކަޅުކުލައިގެ ލުއީ ވޫޓަން ބެކްޕެކެކެވެ. އެހެނިހެން ދުވަސްތަކުގައި ފެންނަގޮތާ މުޅިން ތަފާތުވެފައި ހިތްދަމައިގަންނަ ގޮތެއް ހުރިކަން ސަރުވާއަށް ފާހަގަ ކުރެވުނެވެ.

''ހިނގާ އަވަހަށް ދަމާ...'' ލޮލުގައި އޮތް އަވިއައިނު ނަގައި ގަމީހުގެ ޖީބަށް ލަމުން ޒިވްޔަން ސަރުވާއަށް ހިނިތުންވެލިއެވެ. ޒިވްޔަންގެ ފަހަތުން އެންމެން ހިނގައިގަތެވެ. ޒިވްޔަން ގޮސް ހުއްޓުނީ ވާޓަރު ކައިރީގައި އޮތް ލޯންޗެއް ކައިރިއަށެވެ. ޒަމާނީ ކުލަތަކުން ފަރުމާކުރެވިފައިވާ ލޯންޗެކެވެ. ޒިވްޔަންގެ އިންތިޒާރުގައި ތިބި ލޯންޗުގެ ފަޅުވެރިން ޒިވްޔަންއާއި އޭނާގެ ރައްޓެހިންނަށް އެހީތެރިވާން އަވަސްވެގަތެވެ. ސަރުވާ ކައިރިވެލުމާއެކު އޭނާގެ އަތުގައި އޮތް ދަބަސް ހޯދުމުގެ ހުއްދައަކަށް އެދުނެވެ. ހިނިތުންވުމަކާއެކު ސަރުވާ ބޯޖަހާލުމުން ދަބަސް ދިއްކޮށްލިއެވެ.

ލޯންޗަށް ސަރުވާ އަރަން އުޅުނު ހިނދު ލޯންޗަށް އަރައި ހުރި ޒިވްޔަން އޭނާއަށް އަތްދިއްކޮށްލިއެވެ. އުފަލާއެކު ޒިވްޔަންގެ އަތުގައި ސަރުވާ ހިފާލިއެވެ. އުފާވެރިކަމުގެ އަސަރު ދެ ޒުވާނުންގެ ލޮލުން ވެސް ފާޅުވަމުން ދިޔައެވެ. ލޯންޗަށް އަރައި އިށީނުމާއެކު އިތުރު މުވައްޒިފަކު އައިސް ލައިފްޖެކެޓް އަޅުވައިދިނެވެ. އޭގެ އިރުކޮޅެއް ފަހުން ތަބަކަށް ލައިގެން ގެނައި ކޯލްޑް ޓަވަލް ދިއްކޮށްލިއެވެ. ފިނި ބުއިމެއް ގެނެސްދެންތޯ އަހާލުމާއެކު ޒިވްޔަން މަނާވެގަތެވެ.

ދުވަހަކީ ރީތި ދުވަހެކެވެ. އިރުގެ ހޫނުން ދުނިޔެ ދޮންވަމުން ދިޔަ އިރު ކަނޑުގެ ސަތަހައިން ރޯޅީގެ ނުސުނިޔާނުކަމެއް ވެސް ނުފެނެއެވެ. އޮމާންކަމާއެކު ފެތުރިފައި އޮތް ކަނޑުގެ ސަތަހައިގައި ބާނީތައް އުފައްދަމުން ދިޔައީ ބާރު ދުވެލީގައި ދިޔަ ލޯންޗެވެ. ސަރުވާ އިނީ ބޭރު ބަލަހައްޓައިގެންނެވެ. ދުރުދުރަށް ދާންދެން ފެތުރިފައި އޮތް މޫދާއި އުޑުގައި ދައުރުކުރަމުން ދިޔަ ވިލާތަކުން އެ ހިތަށް ފިނިކަން ގެނެސްދިނެވެ. ގުދުރަތުގެ ރީތިކަމަށް ސަރުވާ ގެއްލިފައި އިން އިރު ޒިވްޔަންއަށް އިނދެވުނީ ސަރޫވާގެ ޖާދޫގައި ޖެހިފައެވެ. ސަރުވާގެ ތުންފަތާއި ހިނިތުންވުން ކުޅެލާ ގޮތާއި އެ ދެލޮލުގައި ވި މައުސޫމްކަމުގެ ވިދުމުން އެ ހިތް އަވަސްކުރުވިއެވެ. ބޭއިހުތިޔާރުގައި އޭނާއަށް ހިނިތުންވެވެއެވެ.

ފަނަރަ މިނެޓުގެ ދަތުރަކަށްފަހު ރިސޯޓުގެ ފަޅުތެރެއަށް ލޯންޗު ވަނުމާއެކު ލޯންޗުގެ ދުވެލި މަޑުވެއްޖެއެވެ. ވިލުނޫކުލައާއި ދޮންވެލީގެ ހުދުކަން ގުޅިލާމެހިގެން ގޮސްފައި އޮތީ ހިތްގައިމުކަމާއެކުގައެވެ. ޖެޓީއަށް ލޯންޗު ލެފިއިރުގައި ޒިވްޔަންގެ އިސްތިގުބާލުގައި ރިސޯޓުގެ ބޮޑެތި މީހުން އައިސް ތިއްބެވެ.

ލޯންޗުން ފޭބުމާއެކު ހޫނު މަރުހަބާއެއް ލިބުނެވެ. އެންމެން ދިޔައީ މެހެމާނުންގެ އިސްތިގުބާލަށް ޖެޓީގައި ހާއްސަކުރެވިފައި ހުރި ބޮޑު ލައުންޖަށެވެ. ލައުންޖުގައި ހުރި ސޯފާތަކުގައި އިށީނުމާއެކު ފިނި ކުރުނބާތައް ގެނެސްދިނެވެ. ފޯނުގައި މަންޒަރުތައް ރައްކާކުރަން ކިޔާރާ އުޅުނެވެ. ލިބެމުން ދިޔަ މެހެމާންދާރީން ސަރުވާ އިނީ ލަދުގަންނަ ގޮތް ވެފައެވެ.

ފްރޮންޓް އޮފީސް މެނޭޖަރު ނަވާލް އަކީ ޒިވްޔަން ދަންނަ މީހެކެވެ. ހިތްހެޔޮކަމުގެ ހިނިތުންވުމަކާއެކު ޒިވްޔަންއާއި ނަވާލް ވާހަކަދައްކަމުން ދިޔައެވެ. ޒިވްޔަންގެ ފަރާތުން ވެސް ފެންނަނީ ގާތްކަމެވެ. ވެރިމީހާގެ ބަދަލުގައި އޭނާއަކީ ގާތް އެކުވެރިއެއްކަމުގައި ދެކުމަށް ޒިވްޔަން ބުންޏެވެ. އޭނާއަށް ހާއްސަ ސަމާލުކަމެއް ނުބެހެއްޓުމަށް ވެސް އެދުނެވެ.

ޖެޓީގައި އޮތް ބަގީއާ ހަމައަށް ޒިވްޔަން ގެންގޮސްދިނީ ނަވާލެވެ. ހަތަރު މީހުންނަށް އިށީނދެވޭނެ ޖާގައިގެ ބަގީއެކެވެ. ބަގީގެ ޑިޒައިން ވެސް އާންމުކޮށް ރިސޯޓުގައި ދުއްވާ ބަގީތަކާ ތަފާތެވެ. ވީއައިޕީ މެހެމާނުންނަށް ހާއްސަކުރެވިފައިވާ އެއްޗެކެވެ. ބަގީގެ ތަޅުދަނޑިއާއި ޕްރެޒިޑެންޓަލް ސޫޓްގެ ކާޑު ޒިވްޔަންއާ ހަވާލުކުރަމުން އެހީއެއް ބޭނުންވެއްޖެނަމަ އޭނާއަށް އަންގާލަދިނުމަށް ނަވާލް އެދުނެވެ. ނަވާލްއަށް ހިނިތުންވެލަމުން ޒިވްޔަން ބޯޖަހާލިއެވެ.

''ހޫޒް އެކްސައިޓެޑް؟...'' ބަގީގެ ފަހަތު ސީޓުގައި އިން ކިޔާރާ ބުންޏެވެ. އަތުގައި އޮތް ކުރުނބާ ބޮމުން ފޯނުން އޭނާ ފޮޓޯ ނަގަން ފެށިއެވެ. އޭނާ ގާތުގައި އިން ދައިސާން އަތަށް ފޯނު ދެމުން ކުރުނބާ ބޮމުން ދިޔަ މަންޒަރު ނަގައިދިނުމަށް ވެސް އެދުނެވެ. ކިޔާރާ އެދުނު ފަދައިން ދައިސާން ފޮޓޯ ނަގައި ދިނެވެ.

ސަރުވާ އިނީ ޒިވްޔަންއާއެކު ކުރީގައެވެ. ޑްރައިވަރު ސީޓުގައި ހުރި ޒިވްޔަން ހިނިތުންވުމަކާއެކު ސަރުވާއަށް ބަލައިލިއެވެ. ސަރުވާގެ ނަޒަރު ހުއްޓިފައިވަނީ ޖެޓީގެ ވާތް ފަރާތުން ރަށާ ގުޅިފައި އޮތް ދިގު ތުނޑިއަށެވެ. މައި ރަށާއި ވަރަށް ދުރަށް ދެމިގެން ގޮސްފައި އޮތް ތުނޑިއެކެވެ.

ޒިވްޔަން ބަގީ ދުއްވާލިއެވެ. ކިޔާރާއާއި ސަރުވާގެ ފުރަތަމަ ފަހަރަށްވުމުން ޕްރެޒިޑެންޓަލް ސޫޓަށް ދިއުމުގެ ކުރިން ރިސޯޓް ދައްކާލަން ޒިވްޔަން ބަގީ ދުއްވިއެވެ. ޖެޓީން ފައިބައިގެން އަންނަ އިރު ފުރަތަމަ ހުންނަނީ ރިސެޕްޝަނެވެ. ރިސެޕްޝަނާ ކުރިމައްޗަށް ވާހެން ހުރީ ރިސޯޓުގެ ހަމައެކަނި ބުފޭ ރެސްޓޯރެންޓެވެ. ރެސްޓޯރެންޓާ އިންވެގެން ބާރއާއި ސްވިމިންގް ޕޫލެވެ. ބުފޭގެ އިތުރުން ތަފާތު ކެއުންތަކަށް ހާއްސަކުރެވިފައިވާ އިތުރު ދެ ރެސްޓޯރެންޓް ވެސް ރަށު ތެރޭގައި ހުއްޓެވެ. އޭގެ ތެރެއިން އެއް ރެސްޓޯރެންޓް ހުންނަނީ ރަށުގެ ހުޅަނގުފަރާތުން ގޮނޑުދޮށާ ކައިރީގައެވެ. އަނެއް ރެސްޓޯރެންޓް ހުންނަނީ ރަށާ ވަކިން ފަޅުތެރޭގައެވެ. އެތަނަށް ދިއުމަށް ހާއްސަ ބޯޓެއް އޮވެއެވެ.

ޕްރެޒިޑެންޓަލް ސޫޓް ހުރީ ވޯޓާ ވިލާ ޖެޓީގެ އެންމެ ކޮޅުގައެވެ. ދިހަ ވަރަކަށް މިނެޓަށް ބަގީ ދުއްވަން ޖެހުނެވެ. ސޫޓް ކައިރީގައި ބަގީ ބޭއްވުމަށް ހާއްސަ ހަޓެއް ހަދާފައި ހުއްޓެވެ. ބަގީ އެތަނަށް މަޑުކޮށްލުމާއެކު ޒިވްޔަންގެ ފަހަތުން އެންމެން ފައިބައިފިއެވެ.

ޒިވްޔަން ކުރީގައި ހުރެ ގޮސް މައި ދޮރު ހުޅުވާލިއެވެ. ދެ ކޮޓަރީގެ ކުޑަ ގެއެކޭ ތަފާތެއް ނެތެވެ. މައިދޮރު ހުޅުވާލުމުން ސޫޓަށް ވަދެވެން ހުރި ދޮރާ ދެމެދު ހުސްޖާގައެއް އޮތެވެ. މާގަސްތަކުގެ ވަށިގަނޑުތައް ހިނގަން ހުރި މަގުގެ ދެފަރާތުގައި އަތުރާލެވިފައި ހުއްޓެވެ. ސޫޓްގެ ދޮރު ހުޅުވާލުމުން ފުރަތަމަ ވެސް ފެނިގެން ދިޔައީ ދެ ކޮޓަރި ގުޅުވާފައި ހުރި ތަނަވަސް ބޮޑުކޮޓަރިއެވެ. މާސިންގާ ސޯފާތަކާއި ޓީވީގެ އިތުރުން، ބަދިގެއަށް ހާއްސަކުރެވިފައި ތަންކޮޅެއް ހުއްޓެވެ. ކޮޓަރިތައް ހުރީ ބޮޑުކޮޓަރީގެ ދެފަރާތަށް ވާހެން ބަހާލައިފައެވެ. ދެފަރާތުގައި ހުރި ކޮޓަރިތަކުން ވެސް ނިކުމެވެން އޮތީ ބޮޑު ޑެކަކަށެވެ. ފަތާފެންގަނޑުގެ އިތުރުން، ހެމޮކްއާއި އިށީނުމަށް ހާއްސަކުރެވިފައިވާ ސަރަންފީ ގޮނޑިއާއި ސޯފާތައް ހުއްޓެވެ. ބޭރުގައި ހުރެ ފެންވަރާލެވޭނެހެން ތަންކޮޅެއް ވެސް ހައްސާކުރެވިފައި ހުއްޓެވެ.

''ސޯ ބިއުޓިފުލް...'' އިންސްޓަގްރާމުގައި ލައިވް ކުރަމުން ދިޔަ ކިޔާރާ ބުންޏެވެ. ބޮޑުކޮޓަރީގެ ސްލައިޑިންގް ދޮރު ހުޅުވާލާފައި ޑެކަށް އޭނާ ނިކުތެވެ. ދުރުދުރަށް ދާންދެން ފެންނަމުން ދިޔަ މޫދާ އެކުވެގެން އައިސް މާހައުލު ފެންނަމުން ދިޔައީ ހިތްގައިމުކަމާއެކުގައެވެ.

ދައިސާން ވެސް ކިޔާރާގެ ފަހަތުން ޑެކަށް ނިކުތެވެ. ސަރުވާ ގޮސް ހުއްޓުނީ ބޮޑުކޮޓަރީގެ ފާރުގައި ހަރުކުވެރިފައި ހުރި ރީތި ކުރެހުމެއް ކައިރިއަށެވެ. އޭގައި ވަނީ އިހުގެ ދިވެހިންގެ ދިރިއުޅުމެވެ.

''ސަރޫ...'' ޒިވްޔަން ގޮވާލުމުން ސަރުވާ ދިޔައީ ސިއްސައިގެންނެވެ. ޒިވްޔަން އެތާނގައި ހުރިކަން ވެސް ރޭކާލީ ދެނެވެ. ފަސްއެނބުރި ސަރުވާއަށް ބަލައިލެވުނެވެ. ސޯޓުގެ ޖީބަށް އަތްޖަހާލައިގެން ޒިވްޔަން ހުރީ ސަރުވާގެ ފަހަތުގައެވެ. އެހާ ގާތުގައި ޒިވްޔަން ހުރުމުން ސަރުވާގެ ހިތް ތެޅިލިއެވެ.

''ސޮރީ...'' ސަރުވާ ސިހިގެން ދިއުމުން ޒިވްޔަން މައާފަށް އެދުނެވެ.

''އޯލް ގުޑް...'' ސަރުވާ ހިނިތުންވެލިއެވެ. ޒިވްޔަންގެ ތޫނުފިލި ދެލޮލަށް އޭނާ ނަޒަރު ހުއްޓާލިއެވެ.

''އައި ހޭވް ސަމްތިންގްސް ޕްލޭންޑް...'' ނުތަނަވަސްކަން ޒިވްޔަންގެ އަޑުން ސަރުވާއަށް ފާހަގަކުރެވުނެވެ. ޑެކްގައި ތިބި ދައިސާންއާއި ކިޔާރާއަށް އަވަސް ނަޒަރެއް ޒިވްޔަން ދިނެވެ.

''މިއަދު އެގާރަ ޖަހާއިރު އޮންނާނެ ބޭކިންގް ކުލާހެއް، ސަރޫ ބުނީމެއްނު ބޭކްކުރަން ބޭނުމޭ... އަހަންނާއެކު ދެވިދާނެތަ؟...'' ސަރުވާގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި ޒިވްޔަން ހާމަކުރިއެވެ. ސަރުވާގެ ޖަވާބު އައިސްފާނެ ގޮތެއް ނޭނގޭތީ ހިތުގައި ނުތަނަަވަސްކަން ވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެ ހުރިހާ ކަމަކާ އޭނާ ކުރިމަތިލީ އެ ހިތުގެ ހާލު ސަރުވާއަށް އަންގައިދޭން ބޭނުންވާތީއެވެ. ފަސްޖެހުމުގެ ބޭނުމެއް މިހާރަކު ނެތެވެ. ސަރުވާ ގަޔާވާނެ ހުރިހާ ކަމެއް އޭނާ ރާވާފައި ވަނީ ވެސް އެހެންވެއެވެ.

ޒިވްޔަންގެ ޖުމުލައިން ސަރުވާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އޭނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ޒިވްޔަންގެ ދެލޮލުން ފެނުނު ވިދުވަރުން ސަރުވާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.

''ކޫލް... ދެން މިއަދު ހަވީރު އޮންނާނެ ޑޯލްފިންގް ކްރޫޒްއެއް... ދެން މާދަން ހެނދުނު ރީފް ހޮޕިންގް އެކްސްކާޝަނެއް...'' ޒިވްޔަން ފައްޗަކަށް އަމުނާލިއެވެ. ސަރުވާއަށް ހެވުނެވެ. ޒިވްޔަން ކިޔައިދިނީ އޭނާ ކުރަން އެންމެ ބޭނުންވެފައި ހުރި ކަންތަކެވެ. އެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ބުރަވެ ދަތުރުގެ ކަންތައްތައް ޒިވްޔަން ރާވާފައިވާކަން ޔަގީންކުރެވުނެވެ. އުފާވެރިކަމުގެ ރާގެއް ހިތުގައި ކުޅެލިއެވެ. އޭނާގެ ހިތް ޒިވްޔަންގެ ހައްގަކަށްވެ ނިމިއްޖެއެވެ. ލަދުރަކި ހިނިތުންވުމަކާއެކު ސަރުވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

*****

ކޮޓަރީގެ އެނދުގައި ސަރުވާ އޮތެވެ. އެނދާ ކުރިމައްޗަށް ވާހެން ހުރި ސްލައިޑިންގް ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަން ކިޔާރާ ސަރުވާއަށް ބަލައިލިއެވެ.

''ކިހިނެއް ވެފަތަ ތި އޮންނަނީ؟...'' ކިޔާރާއަށް ލިބުނު ހައިރާންކަމާއެކުގައި އައިސް އެނދުގައި އިށީނެވެ. ބޮލުގައި އަޅާފައި އޮތް ބޮޑު ތޮފި ނަގައި އެނދުގެ އަރިމަތީ ހުރި ކަބަޑު މަތީގައި ބޭއްވިއެވެ.

ކިޔާރާގެ އަޑަށް ހިޔާލުތަކުން ސަރުވާއަށް ނިކުމެވުނެވެ. އެނދުގައި ދެފައި ވަށްކޮށްލަމުން އޭނާ އިށީނެވެ. އަދި ޒިވްޔަންއާ ދެކެވުނު ވާހަކަތައް ކިޔާރާއާ ހިއްސާކޮށްލިއެވެ. ކިޔާރާގެ މޫނުމަތިން ވެސް އުފާވެރިކަން ފެނުނެވެ.

''އަޅޭ، ޒެން ހާދަ ރޮމޭންޓިކޭ...'' ދެއަތް ޖޯޑުކޮށް ގެނެސް މޭގައި ޖައްސާލުމާއެކު ހުވަފެނީ ގޮތަކަށް ކިޔާރާ ބުންޏެވެ. ސަރުވާއަށް ހިނިތުންވެވުނެވެ.

''ސަރޫއަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ، ޓެލް ހިމް ހައު ޔޫ ފީލް...'' ސަރުވާގެ އަތުގައި ހިފާލަމުން ކިޔާރާ ބުނެލިއެވެ. ''ޒެންއަށް ސަރޫ ކަމުދާ ވަރުންނެއްނު މިތަނަށް ވެސް ގެނައީ... އައި ހޭވް ޓު ޓެލް ޔޫ، ހީ ރިއަލީ ނޯސް ހައު ޓު އިމްޕްރެސް އެ ލޭޑީ...''

''ސަރޫ... ސަރޫ... އަހަރެން ވަރަށް އުފާވެއްޖެ... ސަރޫއަށް އެންމެފަހުން ސަރޫ ބޭނުންވާ ކަހަލަ ބައިވެރިޔަކު ލިބެނީތާ...'' ސަރުވާގެ ގައިގައި ކިޔާރާ ބައްދާލިއެވެ. ކުރިއަށް ދިއުމަށް އެކުވެރިޔާއަށް އޭނާ ހިތްވަރު ދިނެވެ. ހިތުގެ ހާލު ޒިވްޔަންގެ ކަންފަތާ ހަމައަށް ގެންގޮސްދޭނެ ގޮތަކާ މެދު ހިޔާލު ވެސް ފާޅުކޮށްލިއެވެ. ހިނިތުންވުމަކާއެކު ކިޔާރާގެ ވާހަކަތައް އަޑު އަހަން ސަރުވާ އިނެވެ.

*****

ބޭކިންކް ކްލާހަށް ދިޔައީ ސަރުވާއާއި ޒިވްޔަން އެކަންޏެވެ. ބަހަނާއެއް ދައްކާފައި ދައިސާންއާއި ކިޔާރާ މަނާވެގަތެވެ. ޒިވްޔަން ހުރީ އެކަމާ ހިތްހަމަޖެހިފައެވެ. މަތި އޮމާންކޮށްލަން ދައިސާންއާއި ކިޔާރާއަށް ދައުވަތު ދިންކަމުގައި ވިޔަސް ހަގީގަތުގައި އޭނާ ބޭނުންވީ އޭނައާއި ސަރުވާ އެކަނި ދާށެވެ. ހިތުގެ މުރާދު ހާސިލުވުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

''ސޯ، ޔޫ ގައިސް ކޭން ގޯ ޓޫ ދި ބޭކިންގް ކްލާސް... އަހަންނާއި ޑީން މިދަނީ ބީޗަށް... ދެން މެންދުރު ބައްދަލުކުރަމާ ކާންދާން...'' ބާރއަށް ވަންނަމުން ކިޔާރާ ބުންޏެވެ. އޭނާ ދައިސާންއާއެކު މިސްރާބު ޖެހީ ބާރއާ އިންވެގެން ގޮނޑުދޮށުގައި ބަހައްޓާފައި ހުރި ކަބާނާތަކާ ދިމާއަށެވެ. ޒިވްޔަންއާއި ސަރުވާ ހިނގައިގަތީ ބާރގެ މަތީގައި ހަދާފައި ހުރި އޯޕެން އޭރިޔާ ލައުންޖަށެވެ. ސިޑިން މައްޗަށް އެރުމާއެކު ކްލާހާ ހަވާލުވެ ހުރި ޝެފް ޒިވްޔަންއަށް ހޫނު މަރުހަބާއެއް ކިޔެވެ. އޭނާ ސަރުވާއަށް ވެސް ހިނިތުންވުމެއް ދިނެވެ.

ސަރުވާ ހުރީ ޝައުގުވެރިވެފައެވެ. ފޮނި އެއްޗެހި ތައްޔާރުކުރުމަކީ އޭނާ ނިކަން ގަޔާވާ ކަމެކެވެ. ޔޫޓިއުބުން ވީޑީއޯ ބަލައިގެން އޭނާ ތަފާތު އެއްޗެހި ތައްޔާރުކުރާ ހިތްވެއެވެ. މިއަދު ޒިވްޔަންއާއެކު އޭނާގެ ހިތް އެދޭ ކަމެއް ކުރުމުގެ ފުރުސަތު ލިބުމުން އުފާވެރިކަން އިތުރުވެއްޖެއެވެ. ޝެފްގެ އިރުޝާދުގެ ދަށުން ކުރިއަށް ދިޔައިރުގައި ސަރުވާއަށް އިރުއިރުކޮޅާ ބެލެނީ ޒިވްޔަން އަށެވެ. ދެ ޒުވާނުންގެ ނަޒަރު ބައްދަލުވާ ކޮންމެ ހިނދަކު ޒިވްޔަން ހަދިޔާކުރަނީ އެ ރީތި ހިނިތުންވުމެވެ. ސަރުވާގެ ހިތް ލޯބީގެ ޖާދޫގައި އަރަގުވަމުން ދިޔައެވެ.

ސަރުވާގެ މޫނުން ފެންނަމުން ދިޔަ އުފާވެރިކަން ޒިވްޔަންގެ ހިތަށް ރާހަތެއް ގެނެސްދިނެވެ. އެ ހިނިތުންވުން ގާތުން ދުށުމުގެ ފުރުސަތު ލިބުމުން ނަފުސަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިއްބައިދިނެވެ.

*****

އިރުއޮއްސެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ދޯނީގެ ކުރީކޮޅުގައި ހުރި ޒިވްޔަންއަށް ބަލަން ސަރުވާ ހުއްޓެވެ. އޭރު ޖެހެމުން ދިޔަ ރޯޅިތަކާއެކު ސަރުވާގެ އިސްތަށިގަނޑު ވިހުރިލައެވެ. އިރުގެ ދަޅަތައް އެ މޫނަށް އެޅިފައިވާއިރުގައި ބަލައިލަން ހިތްގައިމެވެ. ޒިވްޔަންގެ ގާތަށް ސަރުވާ ގޮސް ހުއްޓުނެވެ. ޒިވްޔަންގެ ތޫނު ނަޒަރު ސަރުވާއާ ބައްދަލުވިއެވެ.

''ތެންކިއު...'' ސަރުވާ ބުންޏެވެ. މިއަދު ޒިވްޔަންގެ ފަރާތުން ލިބެމުން ދިޔަ ހާއްސަކަމުން ސަރުވާގެ ހިތް ވަނީ ފުރިފައެވެ. ކްރޫޒްއަށް އައުމުގެ ކުރިން ރިސޯޓުގައި ހުރި ލައިބްރަރީއަށް ވެސް ޒިވްޔަން އޭނާ ގެންގޮސްދިނެވެ. އެތަނުން ބޭނުން ފޮތެއް ގެންދިއުމުގެ ހުއްދަ ވެސް ދިނެވެ. ސަރުވާއަށް އޭނާގެ ހިތުގެ ރާޖާ ފެނިއްޖެއެވެ. އޭނާ ބޭނުންވާ ފަދަ ލޯތްބެއް ޒިވްޔަންއާއެކު ފުރިހަމަ ކުރެވިދާނެކަމުގެ ޔަގީންކަން ވެސް ޒިވްޔަން ދީފިއެވެ. އޯގާތެރިކަމާއި ލޯބި ޒިވްޔަންގެ ނަޒަރުން ސަރުވާއަށް އިހުސާސްކުރެވިއްޖެއެވެ. އެ ހިތް އުފަލާއެކު ޒިވްޔަންއަށް އޭނާ ވެދުން ކުރިއެވެ.

ސަރުވާއަށް ބަލައިލި ޒިވްޔަން ހިނިތުންވެލިއެވެ. ސަރުވާއަށް އޭނާ އަތްތިލަ ދިއްކޮށްލިއެވެ. އޭރު އެ ދެޒުވާނުން ފިޔަވައި އިތުރު މީހަކު އެތާނގައި ނެތެވެ. ދައިސާންއާއި ކިޔާރަ ތިބީ ދޯނީގެ މަތީގައެވެ. އޮއްސެމުން ދިޔަ އިރުގެ ހިތްގައިމުކަމުގެ ތެރެއިން ދެ ޒުވާނުންނަށް އެކަނިވެލުމުގެ ފުރުސަތު އޮތީ މަގުފަހިވެފައެވެ.

ޒިވްޔަން ދިއްކޮށްލި އަތުގައި ސަރުވާ ހިފީ ލޯތްބާއެކުގައެވެ. އޭރު އެ ކޯތާފަތަށް މަޑު ރަތްކުލައެއް ވެސް ވެރިވެއްޖެއެވެ. ލަސްލަހުން އިސްތިރިކޮށްލެވުނެވެ.

''ސަރޫ...'' ޒިވްޔަންއަށް ގޮވާލެވުނެވެ. ކުއްލިއަކަށް ޒިވްޔަން ފިނިވެއްޖެއެވެ. ދުވަހަކު ވެސް އޭނާއަށް ކުރިމަތިވި ގޮތެއް ނޫނެވެ. ހުރިހާ ކަމަކާ ވެސް އޭނާ ކުރިމަތިލަނީ ކެރިގެންނެވެ. ނަމަވެސް ސަރުވާއާ އެހާ ގާތުގައި ހުރެވުމުން މީހާ ފިނިވެއްޖެއެވެ.

އިސްއުފުލާލަމުން ޒިވްޔަންއާއި ސަރުވާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޒިވްޔަންގެ ދެލޮލުން އޭނާއަށް ފެނުނީ ލޯތްބެވެ. ސަރުވާގެ ހިތް ތެޅިލިއެވެ. ޒިވްޔަން ކުރިއަށް އަޅާލި ފިޔަވަޅާއެކު އެ ދެމެދުގައި އޮތް ދުރުމިން ވެސް ނިމިގެން ގޮސްފިއެވެ. އޮއްސެމުން ދިޔަ އިރުގެ ކުލަތައް ޒިވްޔަންގެ ދެލޮލުގައި ނަށަމުން ދިޔަ މަންޒަރު އެހާ ގާތުން ފެނި ސަރުވާގެ މެޔަށް ފިނިވެގެން ދިޔައެވެ. ދޫ ހިމޭންވެފައިވި ހިނދު ޒިވްޔަންގެ ހޫނު ނޭވާތައް އެ މޫނަށް އިހުސާސްކުރެވުނެވެ.

ސަރުވާގެ އަތުގައި މަޑުމަޑުން ޒިވްޔަންގެ ހިފާލިއެވެ. އެ އަތުގެ ބީހިލުމާއެކު ސަރުވާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ގައިން ހީބިހި ވެސް ނަގައިގެން ދިޔައެވެ.

ހިމޭންކަމާއެކު ފާއިތުވި ސުކޫތައް ނިމުމެއް އައީ ކިޔާރާގެ ހަޅޭކަށެވެ. ސިހިގެން ދިޔަ ސަރުވާއަށް ޒިވްޔަންއާ ދުރަށް ޖެހިލެވުނެވެ. އޭނާއަށް ކިޔާރާ ހަޅޭއްލެވި ސަބަބު ނަގައިގަނެވުނެވެ. ދޯނީގެ ކައިރިން ދިޔަ ކޯމަސް އައިނު ފެނުމުން ސަރުވާއަށް ހެވުނެވެ. ޒިވްޔަންއަށް ވެސް ދައްކާލިއެވެ.

ޒިވްޔަން ބަލަން ހުރީ ސަރުވާގެ މޫނަށެވެ. ވަށައިގެން އޮތް ގުދުރަތުގެ ރީތިކަމަށް ވުރެން ވެސް އޭނާގެ ނަޒަރުގައި ފުރިހަމަވީ ސަރުވާއެވެ. ވަގުތު މިފަހަރު ފުރުސަތު ނުދިންކަމުގައި ވިޔަސް، އެ ހިތުގެ ހާލު ސަރުވާއަށް ފަހުން އަންގައިދޭން ހިތުގައި އަޒުމުކަނޑައެޅިއެވެ.

(ނުނިމޭ)