ހަވީރެވެ. އޮފީސް ނިންމާލާފައި ގެއަށް ދިޔަ މަގުމަތީގައި މާ ވިއްކާ ފިހާރައެއް ފެނުމުން މިރާހްއަށް ކާރު މަޑުކޮށްލެވުނެވެ. އިރުކޮޅެއް ވަންދެން ވިސްނަން އިނުމަށް ފަހު ކާރު ޕާކްކޮށްލާފައި އޭނާ ކާރުން ފޭބިއެވެ. ލޮލުގައި އަވިއައިނު އަޅަމުން އޭނާ ދިގު ފިޔަވަޅުތަކެއްގައި ގޮސް މާ ވިއްކާ ފިހާރައަށް ވަނެވެ. މި ދުވަސްކޮޅު ތާރާގެ ފަރާތުން ތަފާތު ހަދިޔާތައް އޭނާއަށް ލިބެއެވެ. ކޮންމެ ހަދިޔާއަކާއެކު ވާ ލޯބި ވެސް ހާމަކޮށްދެއެވެ. އަތުކުރީ އޮތް އެންމެ ފަހުގެ ގަޑިއަކީ ވެސް ތާރާގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އޭނާ ދެކެ ތާރާ ވާ ލޯބި ފެނި ތާރާއަށްޓަކައި އިތުރު ހިތްވަރެއްލުމަށް މިރާހް އޭނާގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. އަލަތު ލޯބީގެ ހިތިކަން މާޒީގެ ސަފުހާތަކާ ހަވާލުކޮށްލުން ނޫން އިތުރު ގޮތެއް ނެތެވެ. ލިބުމެއް ނެތް ލޯތްބަކަށް އިންތިޒާރުކޮށް ގިލަންވެރިކަމުގައި ހިތް މާޔޫސްވުމުގެ ފުރުސަތު ދޭންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެކެ އިންތިހާއަށް ލޯބިވާ އަނބިމީހާއަށް އެ ހިތުން ފުރުސަތު ދިނުން އަހައްމިއްޔަތުކަން ބޮޑެވެ.
ތާރާއަށް ކަމުދާ މާތަކުގެ ތެރެއިން ރަތް ފިނިފެންމަލާއި، ކާނޭޝަން މާތަކުން ބުކޭއެއް ހެދިއެވެ. މާ ވިއްކާ ފިހާރައިން ނިކުތުމަށްފަހު އޭނާ ދެން މިސްރާބު ޖެހީ ގަހަނާ ވިއްކާ ފިހާރައަކަށެވެ. އޭރު މިރާހްގެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވިއެވެ. އެ ހިތުގައި މުޅިން އައު އަޒުމެއް ވިއެވެ. މާޒީ ހަނދާން ނައްތާލާފައި ތާރާއާއެކު އުފާވެރި ހަޔާތެއް ބިނާކުރުމުގެ ގަސްދު ހިތުގައި ވަރުގަދަވެގެން ދިޔައެވެ. ތާރާ ދެކެ ލޯބިވާން ހިތަށް އޭނާ ވިސްނައިދޭނެއެވެ.
ސޯފާގައި އޮލަ ވާހަކައެއްގައި ތިބި ކުލްޘޫމާއާއި މާހުތާބްއަށް މައިދޮރުން ވަދެގެން އައި މިރާހް ފެނުނެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު މާހުތާބް ބަލައިލީ ކުލްޘޫމާގެ މޫނަށެވެ. ފެނުނު މަންޒަރުން ދެމީހުން ވެސް ތިބީ އުފާވެފައެވެ.
*****
ކޮޓަރިއަށް މިރާހް ވަން އިރު އޭނާއާ ބައްދަލު ކުރީ ހަމަހިމޭން މާހައުލެކެވެ. ހައިރާންކަން ވެސް ލިބުނެވެ. ދޮރު ލައްޕަމުން އޭނާ ތާރާއަށް ގޮވާލިއެވެ. ބެލްކަނީގައި ފޯނެއްގައި ހުރި ތާރާ އެތެރެއަށް ބޯދިއްކޮށްލީ އެ ވަގުތުއެވެ. މިރާހްއާއި އޭނާގެ ނަޒަރު ގުޅިލާމެހިގެން ދިއުމާއެކު ތާރާގެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. އަވަސްއަވަހަށް ފޯނު ކަނޑާލަމުން އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. މިރާހްގެ ފަރާތުން އެފަދަ ސިފައެއް ފެނުނީ ފުރަތަމަ ފަހަރަށެވެ. މީހާ ހައިރާންވީވެސް އެހެންވެއެވެ.
''މިރޫ...'' ލޯބިން މިރާހްއާ މުހާތަބު ކުރާ ނަމުން ތާރާ ގޮވާލިއެވެ. އެއްއަތުން މާބޮނޑިީގައި މިރާހް ހިފަހައްޓާލައިގެން ހުރިއިރު އަނެއް އަތުގައި އޮތީ ބޭރު ނުފެންނަ ކޮތަޅެކެވެ. ޝައުގުވެރިކަން ތާރާގެ ދެލޮލުން ފާޅުވެއްޖެއެވެ.
''ރޮމޭންޓިކް ވާންވެސް ދަސްކުރީތަ؟...'' މިރާހްގެ ގާތަށް އައިސް ތާރާ ހުއްޓިލިއެވެ. ހިނިތުންވުމަކާއެކު ތާރާއަށް މިރާހް މާބޮނޑި ދިއްކޮށްލިއެވެ. އުޖާލާވެފައިވާ މޫނަކާއެކު ތާރާ މާބޮޑީގައި ހިފިއެވެ. ވަސްގަނެލަމުން އޭނާގެ ނަޒަރު ހުއްޓުނީ މިރާހް ދިއްކޮށްލި ކޮތަޅަށެވެ. ޖެހިގެން ހުރި ސޯފާގައި މާބޮނޑި ބާއްވަމުން މިރާހް ދިއްކުރި ކޮތަޅުގައި ހިފިއެވެ. އޭގައި އޮތީ ކުޑަ މަހުމާ ފޮއްޓެކެވެ. ޝައުގުވެރިކަން އެކުލެވިގެންވާ ނަޒަރަކުން މިރާހްއަށް ބަލައިލަމުން ފޮށި ހުޅުވާލިއެވެ. ފަޓުލޫނުގެ ޖީބަށް އަތް ޖަހާލައިގެން ހުރި މިރާހްއަށް ހިނިތުންވެވުނެވެ. ތާރާގެ މޫނުން ފެނުނު އުފާވެރިކަމުން ހިތަށް އުއްމީދެއް ގެނެެސްދީފިއެވެ.
''އޯހ...'' ފޮށީގެ ތެރޭގައި އޮތީ ހުދުރަނުން ފަރުމާ ކުރެވިފައިވާ ހާރެކެވެ. ހާރުގައި އަޅުވާފައި އޮތް ރޫބީގައި ތާރާ ފިރުމާލިއެވެ. އެއް އިރެއްގައި ވެސް ގަހަނާއަށް ލޯބިކުރުމަކީ ތާރާގެ އާދައެއް ނޫނެވެ. ހަފްލާއަކަށް ގޮތްބޮޑު ހާރާއި ފަށް އެޅިކަމުގައި ވިޔަސް އާންމު ދިރިއުޅުމުގައި ރަނަށް އޭނާ ލޯތްބެއް ނުކުރެއެވެ. ނަމަވެސް މިރާހްގެ ފަރާތުން ލިބުނު ހަދިޔާ އޭނާ އުފަލާއެކު ގަބޫލުކުރިއެވެ.
''މޭ އައި؟...'' އަތް ދިއްކޮށްލަމުން މިރާހް ކުރިއަށް ޖެހިލިއެވެ. ހިނިތުންވެލަމުން މިރާހްއަށް ތާރާ ފުރަގަސްދިނެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައި އޮތް އިސްތަށިގަނޑު ކޮނޑުގެ އެއްފަރާތަކަށް ގެނެސް އެ ދޮން ކަނދުރާ މިރާހްއަށް ހާމަކޮށްލިއެވެ. އެ ދެމެދުގައިވި ދާއިރާ ހަނިކޮށްލަމުން ތާރާގެ ފުރަގަހުން މިރާހް ހުއްޓުނެވެ. އެ ހޫނު ނޭވާ ތާރާއަށް އިހުސާސްކުރެވުނެވެ. ލޯ މަރާލެވުނީ މިރާހްގެ އިނގިލިތަކުގެ ކުރި ކަނދުރާއަށް އިހުސާސް ކުރެވުމުންނެވެ. ނޭވާ ވެސް ހިފަހައްޓާލެވުނެވެ.
''ތެންކިއު...'' މިރާހް ހާރު އަޅުވައިދިނުމުން ރޫބީގައި ފިރުމާލަމުން ތާރާ ބުންޏެވެ. ފުރަގަހުން ތާރާގެ ތުނި ހަށިގަނޑު މިރާހް ވަށާލިއެވެ. އަދި ތާރާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. ހިނދުރީގެ ތެރެއަށް ވިރިގެން ދިޔަ ހިތްގައިމު ވަހާއި މިރާހްގެ ޖިސްމުގެ ހޫނުކަން އިހުސާސްކުރެވުމުން ތާރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
''އަހަންނަށް ތާރާގެ ހިތުގައި ޖެއްސިފައިވާ ނަމަ މައާފަށް އެދެން... މިއީ އައު ފެށުމެއް...'' މިރާހް އޭނާގެ ހިތަށް ވިސްނައިދެމުން ބުންޏެވެ.
''އަހަރެން ވެސް މިރޫގެ ފަރާތުން މައާފަށް އެދެން... އަހަންނަކީ ރުޅިގަދަ މީހެއްކަން ގަބޫލުކުރަން، ކުދިކުދި ކަންތަކާ ރުޅިއައިސް ޒުވާބު ވެސް ކުރެވިއްޖެ... ދެން އެފަދަ ކަމެއް ތަކުރާރުކުރަން އަހަރެން ބޭނުމެއް ނޫން... އަހަރެން މިރޫ ދެކެ ވަރަށް ބޮޑަށް ލޯބިވޭ... ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަަރެންގެ މީހަކަށް ވާން ބޭނުންވި...'' ހިތުގެ ހާލު ތާރާ ހާމަކުރިއެވެ.
''ތާރާ އަހަރެން ދެކެ ރުޅި އައުން ހައްގު، ކުރިން އަހަންނަށް ވަގުތެއް ވެސް ނުދެވުނު... އެއީ އަހަންނަށް ހެދުނު ގޯހެއް، މިހާރު އެކަންވެސް ވިސްނިއްޖެ...'' ތާރާގެ ކަނދުރާގައި މިރާހް ބޮސްދިނެވެ.
''ވެލިޑް ޕޮއިންޓް... ދެން ހުރިހާކަމެއް ހަނދާން ނައްތާލަމާ... ދިސް އިޒް އެ ނިއު ބިގިނިންގް...'' މިރާހްގެ އަތުގައި މަޑުމަޑުން ފިރުމާލަމުން ތާރާ ބުންޏެވެ.
*****
''ޒެންގެ ލެސަންއާއެކު އެންމެފަހުން ލައިސެންސް ލިބިއްޖެ...'' ފޯނުން ޒިވްޔަންއާ ވާހަކަދައްކަމުން ދިޔަ ސަރުވާ ބުނެލިއެވެ. އޭނާ ހުރީ ކޮޓަރީގެ ބެލްކަނީގައެވެ. ރޯޅިތަކުން ހަށިގަނޑަށް ފިނިކަން އިހުސާސްކުރެވުނެވެ. އިރުވެސް ވަދާއުގެ ސަލާން ބަދަލުކުރަން ފަށައިފިއެވެ.
''އަހަންނަށްތަ ހުރިހާ ކްރެޑިޓެއް ދެނީ؟...'' ސަމާސާ ރާގަކަށް ޒިވްޔަން ބުންޏެވެ. ސަރުވާގެ ހުނުމުގެ އަޑު އިވުނެވެ. އެ ޖާދުވީ އަޑުގެ ތެރެއަށް ޒިވްޔަންއަށް ގެއްލިފައި ހުރެވުނެވެ. އޭނާއަށް ލޯކުރިމަތިން ސަރުވާ ތަސްވީރުކޮށްލެވުނެވެ.
''ހުކުރު ދުވަހު ފްރީވާނެތަ؟...'' ޒިވްޔަން އެހިއެވެ.
''އަނެއްހެން ކަމެއް ނޯންނާނެ...'' ސަރުވާ ބުންޏެވެ.
''ޕާކެޓް... ޓްރިޕެއް ރާވަން މިއުޅެނީ... ސަރޫ ދާނަންތަ؟...'' ޒިވްޔަން އެހިއެވެ. އޭނާ ހުރީ ސަރުވާއާއެކު ވަގުތު ހޭދަކުރަން ބޭނުންވެފައެވެ. އެކުގައި ކިތަންމެ ވަގުތެއް ހޭދަކުރެވުނަސް އޭނާގެ ހިތެއް ނުފުރެއެވެ. އަބަދުމެ ސަރުވާގެ ގާތުގައި ހުންނަން އެދެވެއެވެ. އެ ރީތި ސޫރަ ދުށުމަށް ހިތް ބޭނުންވެއެވެ. ލިބުނު ހިޔާލަކާއެކު ސަރުވާގެ ހިތާ ހަމަައަށް ވާސިލުވެވޭނެ ފަދައިން ކަންތައްތަކެއް އޭނާ ރާވާލައިފިއެވެ. ސަރުވާގެ އާނބަސް ލިބުމުން ރޭވުމާ އެއްގޮތަށް ކުރިއަށް ދާން ވީއެވެ.
''ޓްރިޕެއް؟...'' ސަރުވާގެ ހިތް ތެޅިލިއެވެ.
''އާނ، ކިޔާ އެންޑް ޑީން ވެސް ދާނެ...'' ސަރުވާ ނޫނެކޭ ބުނެފާނެތީ ޒިވްޔަން އިތުރުކޮށްލިއެވެ. ދުރާލައި ހުރިހާ ކަމަކަށް ޒިވްޔަން ތައްޔާރުވެގެން ހުރި ކަހަލައެވެ.
''އޯހ... ކޮންތަނަކަށްތަ ދަނީ؟...'' ސަރުވާ ހުރީ ދާން ބޭނުން ވެފައެވެ. ނަމަވެސް ހުރިހާ މައުލޫމާތެއް އެނގުން އޭނާއަށް މުހިންމެވެ. މަންމަގެ ހުއްދަ އޭނާއަށް ހޯދޭނީ އޭރުންނެވެ.
''ރިސޯޓަށް...'' ޒިވްޔަން ހާމަކުރިއެވެ.
''ރިސޯޓް؟...'' ސަރުވާއަށް ބުނެވުނެވެ.
''މާލެއާއި ކައިރިވާނެ، ފަނަރަ މިނެޓް ތެރޭ ދެވޭނެ...'' ޒިވްޔަންއަށް ސަރުވާގެ ރާގު ދޭހަ ކުރެވުނެވެ. ''މިވަގުތު ޖަވާބު ނުދިނަސް ރަނގަޅުވާނެ...''
''ވިސްނާލާފަ ބުނާނަން...'' ސަރުވާއަށް ވިސްނެމުން ދިޔައީ ހުއްދަ ހޯދާނެ ގޮތަކާ މެދުގައެވެ. ޒިވްޔަން އެހާ ލޯބިން ދިން ދައުވަތަށް ނޫނެކޭ ބުނަން ވެސް ނުކެރުނެވެ.
''ކޫލް...'' ޒިވްޔަން ބުންޏެވެ. އެވަގުތު މަންމަގެ އަޑު ސަރުވާއަށް އިވުނެވެ. އޭނާއަށް ވަގުތުން ތެޅިގަނެވުނެވެ.
''ފަހުން ގުޅާނަން...'' ބެލްކަނީގައި ހުރި ސަރަންފީން ތެދުވަމުން ސަރުވާ ބުންޏެވެ. އޭނާ ފޯނު ކަނޑާލި ވަގުތު ޒުބެއިދާ އައިސް ބެލްކަންޏަށް ނިކުންނަނީއެވެ. މޫނުގައިވި ސިހުމުގެ އަސަރު ސިއްރުކުރަން ސަރުވާ ހިނިތުންވެލިއެވެ.
''ބައްޕަ އެބަ ހޯދާ......'' ޒުބެއިދާ ބުންޏެވެ. މަންމަގެ ޖުމުލައިން ސަރުވާއަށް ހައިރާންކަން ލިބުނެވެ. މަންމަގެ ފަހަތުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ހިތުގައި އޭރު ސުވާލު ވެސް އުފެދިއްޖެއެވެ.
''ދަރިފުޅަށް ހަދިޔާއެއް ދޭން މިއުޅެނީ...'' ބޮޑުކޮޓަރީގެ ސޯފާގައި އިން އާފާގުއަށް ސަރުވާ ފެނުމާއެކު ހިނިތުންވުމެއް ދިނެވެ. އަދި ކޮޅަށް ތެދުވުނެވެ. އާފާގު ގާތު ހުރި ބަތޫލްއަށް އޭނާގެ އުފާވެރިކަން ސިއްރުކުރަން ދަތިވެފައިވާކަން އެ މޫނަށް ދިން ފުރަތަމަ ނަޒަރާއެކު ވެސް ސަރުވާއަށް ނަގައިގަނެވުނެވެ. ކޮންމެ މީހެއްގެ މޫނަށް ހައިރާންކަމާއެކު ސަރުވާ ބަލައިލިއެވެ.
ސަރުވާއަށް އާފާގު ހަދިޔާ ކުރީ ކާރެކެވެ. ދުވާރު ކައިރީގައި ޕާކްކޮށްފައި އޮތް ރަތްކުލައިގެ ކާރު ދައްކާލަމުން އޭގެ ތަޅުދަނޑި ވެސް ސަރުވާއާ ހަވާލުކޮށްލިއެވެ. ސަރުވާ ހުރީ ބަސް ހުއްޓިފައެވެ. ލޮލުން ކަރުނަ ވެސް ހިލިއްޖެއެވެ. ބައްޕަގެ ގައިގައި އޭނާއަށް ބާރަށް ބައްދާލެވުނެވެ. އޯގާތެރިކަމާއެކު ސަރުވާގެ ބޮލުގައި އާފާގު ފިރުމާލިއެވެ.
''ތެންކިއު...'' ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ސަރުވާ ބުންޏެވެ. ޒުބެއިދާގެ ގައިގައި ވެސް ސަރުވާ ބައްދާލިއެވެ. ހުރިހާ މަންޒަރެއް އޭނާގެ ފޯނުގައި ރައްކާކުރަން ބަތޫލް އުޅުނެވެ.
''ކަމުދޭތަ؟...'' ކާރު ކައިރިއަށް ހުއްޓިލަމުން އާފާގު ސުވާލުކޮށްލިއެވެ. އަވަސްއަވަހަށް ސަރުވާއަށް ބޯޖަހާލެވުނެވެ.
''ދަރިފުޅު ލައިސެންސް ލިބެންދެން ބައްޕަ މި ހުންނަނީ... ދެން ދަރިފުޅަށް ފަސޭހައިން ހުރިހާ ތަނަކަށް ވެސް ދެވޭނެއެއްނު...'' ސަރުވާ ދެކެ އާފާގު ވާ ލޯބި އެ ދެލޮލުން ހާމަވެއެވެ. ބައްޕައަށްޓަކައި ސަރުވާގެ ދެލޮލުގައި ވަނީ ޝުކުރުވެރިކަމެވެ.
''އޯކޭ... ދެން މިހާރު މާ ޑްރާމާ ބައި ބޮޑުވެއްޖެ، އަހަރެން ގޮވައިގެން ހިނގާބަލަ ޓެސްޓް ޑްރައިވަކަށް...'' ބާތޫލް ބުންޏެވެ. ސަރުވާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ސަރުވާއަށް އެއްޗެއް ނުބުނެވެނީސް ބަތޫލް ގޮސް ކާރުގެ ކުރީ ސީޓަށް އަރައިފިއެވެ.
''އެބުނާހެން، ދޭބަލަ އޭނާ ގޮވައިގެން... ބާރަށް ނުދުއްވައްޗޭ...'' ޒުބެއިދާއަށް ހެވުނެވެ. ސަރުވާގެ ބުރަކަށީގައި އޭނާ ފިރުމާލިއެވެ. މަންމައަށް ދިން ނަޒަރާއެކު ސަރުވާ ގޮސް ކާރަށް އަރައިފިއެވެ.
އުފާވެރި ހިނިތުންވުމެއް ޒުބެއިދާއަށް ހަދިޔާކުރަމުން ޒުބެއިދާގެ ކޮނޑުގައި ހިފާލަމުން އޭނާގެ ގާތަށް އާފާގު ގެނައެވެ. އަދި ސަރުވާ ކާރު ދުއްވާލަން ދެން މަޑުކޮށްލިއެވެ. ދަރިންގެ އުފާވެރިކަން ފެނި އާފާގުގެ ދެމަފިރިންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.
*****
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ގަސްތަކަށް ފެންދޭން ޓެރެސްގައި ޒުބެއިދާ ހުއްޓެވެ. އޭނާއަށް އަތްގާތްކޮށްލަދޭން އާފާގު އުޅުނެވެ. އަތުގައި އޮތް ކަތުރުން ޒުބެއިދާ އިރުޝާދުދީފައިވާ ފަދައިން ގަސްތަކުގައި ދޮންވެފައިވާ ފަތްތައް ބުރިކުރަމުން ދިޔައެވެ. މަންމައާއި ބައްޕައަށް ބަލަހައްޓައިގެން ބެލްކަނީގެ ދޮރު ކައިރީގައި ސަރުވާއަށް ހުރެވުނެވެ. ޒިވްޔަންއާ އެކު އެފަދަ ފުރިހަމަ ލޯތްބެއް ފަށަން އޭނާ ބޭނުމެވެ. އެ ހިޔާލުން ވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
''މަންމާ...'' ފުންނޭވާއެއް ދޫކޮށްލަމުން ސަރުވާ ގޮވާލިއެވެ. ބޯގަންވިލާ ގަސްތަކަށް ފެންދޭން އުޅުނު ޒުބެއިދާ ފަސް އެނބުރި ބަލައިލިއެވެ. ސަރުވާގެ މޫނުން ވާހަކައެއް ބުނަން ބޭނުންވެފައި ހުރިކަން އޭނާއަށް ނަގައިގަނެވުނެވެ. ގަސްތަކަށް ފެންދޭން ގެންގުޅުނު ޖަގު ބަހައްޓަމުން އޭނާގެ ސަމާލުކަން ސަރުވާއަށް ހުއްޓާލިއެވެ. އާފާގު ވެސް ސަރުވާއަށް ބަލައިލިއެވެ.
''ހުކުރުދުވަހު ކިޔާ އުޅެނީ ދަތުރު ދާން... އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟...'' ސަރުވާގެ ނަޒަރު ފުރަތަމަ ހުއްޓުނީ މަންމަގެ މޫނަށެވެ. އެއަށްފަހު ބައްޕައަށް ވެސް އަވަސް ނަޒަރެއް ދިނެވެ.
''ކޮންބައެއްތަ ދަނީ؟...'' ޒުބެއިދާއަށް ސުވާލުކޮށްލެވުނެވެ.
''ކިޔާއާއި އޭނާގެ ރައްޓެހިންތަކެއް... ރިސޯޓަކަށް ދަނީ...'' ސަރުވާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މަންމަގެ ޖަވާބު އައިސްފާނެ ގޮތެއް ނޭނގޭތީއެވެ. ތެދުތެދަށް ހުރިހާކަމެއް ހާމަކޮށްފި ނަމަ މަންމަ ކަންބޮޑުވެދާނެއެވެ.
''ހަމައެކަނި މަންމަގެ ހުއްދައަށްތަ އެދެނީ؟...'' ސަމާސާ ރާގަކަށް އާފާގު އަހާލިއެވެ. ''ކޮން ރިސޯޓަކަށްތަ ދަނީ؟...''
''މާލެ ކައިރި... ދެ ދުވަސް ވަރު އެކޮޅުގައި ހޭދަކުރާ ގޮތަށް ދަނީ...'' ސަރުވާ އޮޅުންވިލުވައި ދިނެވެ.
''ދަރިފުޅުގެ ޗުއްޓީ ނިމެން ވެސް ގިނަ ދުވަހެއް ނެތްތާ، ހޮސްޕިޓަލަށް ދާން ފެށީމަ ދެން ވަގުތެއް ވެސް ނުވާނެ... އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލަން ވެސް ލިބޭނެ ހަމައެކަނި ދުވަސްކޮޅު މިއީ...'' ސަރުވާ ދިއުމުގެ ހުއްދަ ދިނީ އާފާގުއެވެ. ސަރުވާއަށް އޭނާ ކުރާ ފުރިހަމަ އިތުބާރުގެ ސަބަބުންނެވެ. ޒުބެއިދާ ވެސް ބޯޖަހާލަމުން ހިނިތުންވެލިއެވެ.
މަންމައާއި ބައްޕައަށް ޝުކުރު އަދާކުރަމުން ސަރުވާ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއަށެވެ. ދަމުން ޒިވްޔަންއަށް މެސެޖުކޮށްލިއެވެ. ވަގުތުން ޒިވްޔަންގެ ފަރާތުން ޖަވާބު ލިބުނެވެ. ސަރުވާގެ ތުންފަތުގައި ކުޅެމުންދިޔަ ހިނިތުންވުން ފުން ވެއްޖެއެވެ.
*****
''ފާޑަކަށް ތި ހެނީ ކީއްވެގެންތަ؟...'' ޒިވްޔަންއަށް ބަލަން އިނދެފައި ދައިސާން އެހިއެވެ. އަތުގައި އޮތް ކޮފީތަށި ވަތުތަށީގައި ބަހައްޓަމުން ޒިވްޔަންއަށް އޭނާގެ ސަމާލުކަން ވެސް ހުއްޓާލިއެވެ. ދެ ޒުވާނުން ތިބީ ކޮފީއެއްގައެވެ.
''ޝީ ކޭން ގޯ...'' ޒިވްޔަންއަށް ބުނެވުނެވެ.
''ކޯންތާކަށް؟...'' ހައިރާންކަން ލިބުނު ދައިސާންއަށް އަހާލެވުނެވެ.
''ރިސޯޓަށް... ހުކުރު ދުވަހު...'' ދައިސާންއަށް ޒިވްޔަން ހަނދާންކޮށްދިނެވެ. އެވަގުތު ދައިސާންގެ ހުނުމުގެ އަޑު އިވުނެވެ.
''ކިހިނެއް ހަނދާން ނެތޭނީ؟... އެނޫން ވާހަކައެއް ނުދައްކާ، ސަރޫގެ ޖަވާބެއް ނުލިބިގެން އަބަދު ފޯނަށް ބަލަން ހުންނަނީ... ޒެންއަށް ތިވަރު ވެދާނެޔޭ އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން...'' ހެމުންހެމުން ދައިސާން ދިމާކޮށްލިއެވެ. ދައިސާންއަށް ޒިވްޔަން ދެލޯއަޅާލިއެވެ. ދައިސާން އަމާންކަން ދިނެވެ.
''ހިތުގެ ހާލު ނުބުނެވިގެން އެންމެ ފަހުން އަހަންނާއި ކިޔާ ވެސް ތިކަމުގެ ތެރެއަށް ވައްދައިފި... މިފަހަރު ޖެހޭނެ ސަރޫއަށް ބުނެދޭން... ރޯމިޔޯގެ ހިތް ދައްކަންވާނެ...'' ދައިސާންގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ވިއެވެ.
''ބުނާނަމޭ، އައި ހޭވް ޕްލޭންޑް އެވްރީތިންގް...'' ޒިވްޔަން ހިނިތުންވެލިއެވެ.
(ނުނިމޭ)