ވާހަކަ

ނުފޫޒަކުން - 14

1

ނިހާން ގެއިން ނިކުންނަންދެން ކާރު ކައިރީގައި މަޑުކޮށްލައިގެން ރޫޔާ ހުއްޓެވެ. ގެއިން ނިކުތް ނިހާން ފެނުމުން ރޫޔާގެ ތުންފަތަށް ވެރިވި ހިނިތުންވުން ކާރު ތެރޭގައި ތިބި މައިންބަފައިންގެ ލޮލުގައި އަޅައިގަތެވެ. އެ ހިނދު ހަންނާ އާއި ހަބީބް އެކަކު އަނެކަކަށް ދިނީ މާނަވީ ހިނިތުންވުމެކެވެ.

"ވާއު... ހާދަ ލޯތްބޭ" ރޫޔާއާ އަރައި ހަމަވެފައި ނިހާން ބުންޏެވެ.

ރޫޔާއަށް ހެވުނެވެ. އެއީ މިފަހަކަށް އައިސް ރޫޔާ ހަމަ ފެންނަ ކޮންމެފަހަރަކު ނިހާން އެންމެފުރަތަމަ ބުނާ ޖުމުލައެވެ. ރޫޔާއަށް މިހާރު އެންމެ އިންތިޒާރުވެސް ކުރެވެނީ ނިހާން އެހެން ބުނާނެ އިރަކަށެވެ. ނިހާންގެ ޖާދޫވި ނަޒަރުން ސަލާމަތްވުމަށް ލަސްލަހުން އޭނާ އެސްފިޔަތައް ތިރިކޮށްލިއެވެ. "އަދި މިހާރު ވަކިން ލޯބި" ރޫޔާގެ އެ ލޯބިވެތި އަދާއިން ނިހާންގެ ހިތް ލޯބިން ފުރުނެވެ.

"އަހަރެންނު ތިހެން ބުނަންވީ.. ނިހާން މިރޭ ކީއްވެ ތިހާ ރީތިވެގެން ތިއައީ؟" ރޫޔާ ބުންޏެވެ.

"މިރޭ މީ އަހަރެމެންގެ ފަސްޓް ޑޭޓެއްނު" ހީލަމުން ނިހާން ބުންޏެވެ.

"އެއްކަލަ ނިހާން.... ޑޭޓަށް ދާނީ ރައްޓެހިވެގެން އުޅޭނަމައެއްނު. މިރޭ މިދަނީ މަންމަ އާއި ބައްޕަގެ ޑޭޓު ހަރާބުކޮށްލަން އަހަރެމެން ދެ މީހުން" ރޫޔާ ބުންޏެވެ. "ދެންވެސް އާދޭ އަރަން"

"ރޫ މަޑުކޮށްބަ" ނިހާން ބުންޏެވެ. ރޫޔާ ނިހާނަށް ބަލައިލިއެވެ.

"ދެންމެ ތި ބުނީނު ޑޭޓަށް ދާނީ ރައްޓެހިވެގެން އުޅޭނަމައޭ. މިރޭ އަހަރެމެންގެ ފަސްޓް ޑޭޓަށްވެސް ހެދިދާނެ. ރޫ އަހަންނާ ރައްޓެހިވާންވީނު" ނިހާން ބުންޏެވެ. ރޫޔާއަށް ނިހާންގެ މޫނަށް ބަލައިލެވުނެވެ. ހައިރާންވެފައެވެ. އެއީ ނިހާން ސީރިޔަސްކޮށް ބުނި އެއްޗެއް ބާއެވެ؟ ނުވަތަ ދެމީހުން ކުރަމުން ދިޔަ ސަމާސާގެ ތެރެއިން މަޖަލަކަށް ބުނި އެއްޗެއް ހެއްޔެވެ؟ ރޫޔާ ނިހާނަށް ބަލަހައްޓައިގެން ހުރީ ގަބޫލުކުރަންވީ ގޮތެއް ނޭނގިފައެވެ. ނިހާނާ ސުވާލު ކުރިމަތިކުރަންވީ ގޮތެއް ނޭނގިފައެވެ.

"ދަރިފުޅުމެން ކާރަށް އެރީމަ ދުއްވާލެވޭނީ" އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރި ރޫޔާ އާއި ނިހާން ސިހުނީ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ހަންނާ ވާހަކަދެއްކި އަޑަށެވެ. އެކަކު އަނެކަކަށް ތަފާތު ނަޒަރެއް ބަދަލުކޮށްލުމަށްފަހު ކާރަށް އެރިއެވެ.

"މަޖަލަށް ބުނި އެއްޗެއްކަން އެނގޭ" ކާރު ދުއްވާލިފަހުން ނިހާނަށް ރޫޔާ ބުންޏެވެ.

****

މޭޒުގައި ބޯޖަހައިގެން އިން ޝައުންގެ ބުރަކަށީގައި މީހަކު ފިރުމާލިކަން އިހުސާސްވެފައި ބޯ އުފުއްލާލިއެވެ. ކައިރީގައި ހުރި ފަޒީލާ ފެނުމުން ޝައުން ހީލިއެވެ.

"ދަރިފުޅު އައިއިރު ފަޒިއްތަ ހުރީ ނަމާދަށް. އީނާ ބުނީމަ އެނގުނީ އައިސް އިންކަން" ފަޒީލާ ބުންޏެވެ.

ޝައުން ބަހެއް ނުކިޔައި އިނދެފައި ދެއަތް މައްޗަށް ދަމާލާފައި ފުންނޭވައެއް ދޫކޮށްލިއެވެ. ދެލޮލުން ނިދީގެ އަސަރު ފާޅުވާން ހުއްޓެވެ. ފަޒީލާ ޝައުންގެ އަތުގައި ހިފަހައްޓާލާފައި ކޮފީއެއް ގެންނަންހޭ އަހާލިއެވެ. ދެން އައިއިރު ފަޒީލާގެ އަތުގައި އާވިއަރާ ކޮފީތައްޓެއް ހުއްޓެވެ.

"މެންދުރު ކެއިންތަ؟" ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ފަޒީލާ އެހިއެވެ.

ޝައުން ދެފަރާތަށް ބޯހޫރާލިއެވެ. ކޮފީތަށީގައި ވެސް އަތްޖައްސާނުލައި އޭނާ އިނެވެ.

"ބަލީތަ؟" ފަޒީލާ އަހާލިއެވެ. "މިއަދު ހާދަ ވައްތަރަކަށޭ ތި އިންނަނީ"

"ފަޒިއްތަ މިގޭގަ އުޅޭތާ ކިހާ ދުވަހެއްވެއްޖެތަ؟" އިރުކޮޅަކު ހިމޭނުން އިނދެފައި ޝައުން އަހާލިއެވެ.

"ފަޒިއްތަގެ އުމުރުން ސޯޅަ އަހަރުގަ. އޭރު ފަޒިއްތަ އުޅުނު ގޭ މީހުންނާ ޖެހުނު މައްސަލައެއްގަ ގެއިން ނިކުމެގެން މާލެ އައީ. ޝައުންގެ މާމަ އާއި ކާފަ ފަޒިއްތައާ ދިމާވީ ހޮސްޕިޓަލުން. އެއީ ފަޒިއްތަ ހުމެއް ޖެހިގެން ދައްކަން ގޮސްހުއްޓާ. އެ ދުވަހު ދެކެވުނު ވާހަކައެއް ދައްކާފަ އެ ދެމަފިރިން ގެއަށް އައިއިރު އައީ ފަޒިއްތަ ގޮވައިގެން. އޭރު ޝަމްސުއްނިސާ ކިޔަވަންދާން ފުރުމުގެ ތައްޔާރީތައް ވަމުން ދިޔައީ. އެހާ ދުވަހުން ފެށިގެން މި އުޅެނީ. ކިހިނެއްވީ؟" ފަޒީލާ ވާހަކަދެއްކިއެވެ.

"މާމަ އާއި ބޮޑުބޭބެ ދެއްކި ވާހަކަތަކެއް އަޑުއިވުނީ. ހަނާން އެއީ ކާކު؟" ޝައުން އެހިއެވެ.

އެ ހިނދު ފަޒީލާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ހަނާނަކީ ކާކުކަން ޝައުން ބުނެދޭނީ އޭނާއެއް ނޫނޭ ހިތަށް އެރިއެވެ. އެއީ އޭނާ ދައްކަން ރަނގަޅު ވާހަކައެއް ނޫންކަން އެ ވަގުތު ހަނދާންވިއެވެ.

"ކޮންވާހައެއް އެމީހުން ދެއްކީ؟" ނާހަން ހުރެފައިވެސް ފަޒީލާ އަހާލިއެވެ.

"ނޭނގެ. މާމަގެ ކޮންމެސް މިޝަންއެއް ފެއިލްވީއޯ. މިއީ ހަނާންގެ ބަފާގެ ކަންތަކޯ. ކުރީ ދުވަހު އަޅުގަނޑު ގެންގުޅުނު ފޮޓޯއެއްގަ އިން އަންހެންކުއްޖެއް ފެނިފަވެސް ކިޔަން ފަށައިފި ހަނާނެކޭ. މާމަމެން ކޮން މިޝަންއެއްގެ ވާހަކަ އެ ދެއްކީ. މާމަ ނުފޫޒުގަދަ މީހެއްކަން އެނގޭ. އެކަމަކު ފަޒިއްތައަށް ހީވޭތަ މާމަ ގޯހެއް ހަދާފާނެއޭ" ޝައުން ވާހަކަދެއްކިއެވެ.

ފަޒީލާ ތުންފަތްމައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ގިސާމަތުގެ ބޮޑު މިޝަން ފެއިލްވުން އެއީ އޭނާ އުފާކުރާނޭ ކަމެކެވެ. އެ ރޭވުން ނާކާމިޔާބުވޭތޯ އޭނާގެ ވެރި ރައްބަށް އެތައް ދުއާއެއް އޭނާ ދެންނެވިއެވެ. މިއަދު އެ ލިބުނީ އުފާވެރި ހަބަރެކެވެ. މާތް ﷲ އެ އަންހެންކުއްޖާ ރައްކާތެރިކޮށްފިއެވެ. އެހެނީ އެ އަންހެންކުއްޖާގެ މަރު އޮތީ ގިސާމަތުގެ އަތުގައި ނޫންކަން އެކަލާނގެ ސާބިތުކޮށްދެއްވައިފިއެވެ. ދެން ފަޒީލާ ބަލައިލީ ޝައުންގެ މޫނަށެވެ. އޭނާ ބޭނުންވާ ޖަވާބުތައް އަދި ނުދެވޭކަން ފަޒީލާއަށް އެނގެއެވެ. ތަފާތު ނަޒަރަކުން ޝައުން ބަލަހައްޓައިގެން އޭނީ އެހެންވެއެވެ.

"ހަނާން ކިޔާ ކުއްޖަކު ފަޒިއްތަ ދަންނަންތަ؟" ޝައުން ސުވާލު ތަކުރާރު ކޮށްލިއެވެ.

"އެއީ މިގޭ ކުއްޖެއް" ފަޒީލާ ބުންޏެވެ.

އިތުރު ތަފްސީލު ޝައުންއަށް ދޭން އޭނާއަށް ނުކެރުނެވެ. ހަގީގަތް އެނގޭއިރަށް ޝައުން ގޭތެރޭގައި އެ ވާހަކަ ދައްކައިފާނެއެވެ. އަނެއްކޮޅުން އެތައް ސުވާލެއް ކުރިމަތިކުރާނެއެވެ. އޭރުން ގިސާމަތު ހުރިހާ ރުޅިއެއް ބާލާނީ ފަޒީލާ އަށެވެ.

"އިތުރަށް ކިޔައެއް ނުދެވޭނެތަ؟" ޝައުން އެހިއެވެ. ފަޒީލާއަށް އިތުރަށް ނުބުނެވުނެވެ.

"ބޮޑުބޭބެގެ ދަރިފުޅުތަ؟ ނޫނީ މިގޭ ކާކުގެ ދަރިއެއް. ކީއްވެތަ އަހަންނަށް އެއްވެސް އެއްޗެއް ނޭނގެނީ. މިގޭ ދަރިއެއް ނޫންތަ މިއީ. ކީއްވެތަ ސިއްރުކުރަނީ؟ މިގޭ އަހަންނަށް ނޭނގޭ ވަރަށް ވާހަކަ އެބަހުރި. ފަޒިއްތާ ޕްލީޒް ކިޔައިދީބަލަ" ޝަކުވާގެ ރާގެއްގައި ޝައުން ވާހަކަދެއްކިއެވެ.

"ހަމަޖެހޭ ދަރިފުޅާ. އެންމެ ފުރަތަމަ ތި ސުވާލުތައް މާމައާ ކޮށްބަލަ. މާމަ ކައިރިން ޖަވާބެއް ނުލިބުނިއްޔާ ދެން އާދޭ ފަޒިއްތަ ކައިރިއަށް" ލޯތްބާއެކު ޝައުންގެ މޫނުގައި ފިރުމާލަމުން ފަޒީލާ ބުންޏެވެ.

ފަޒީލާގެ މޫނަށް ބަލައިލާފައި ޝައުން ބޯޖަހާލިއެވެ. ފަޒިއްތަގެ މަޖުބޫރީ އޭނާއަށް އިހުސާސް ވެއްޖެއެވެ. އޭނާ ނިންމީ ފަޒިއްތަ ބުނިގޮތަށް ކަންތައް ކުރާށެވެ.

****

ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އިށީން ރޫޔާ އިނީ ހުވަފެނީ ދުނިޔެއެއްގައެވެ. މައިންބަފައިން ކައިރީގައި ތިބި ނަމަވެސް ނިހާނާއެކު އޭނާ ހޭދަކުރި ވަގުތަކީ ހަނދާނުން ފިލުވާލަން ދަތި ވަގުތުތަކެވެ. ނިހާން އޭނާއަށް ބަލައިލާ ގޮތާއި ގޮވާލާ ގޮތް ތަފާތެވެ. ދުލުން އިގުރާރު ނުވި ނަމަވެސް އޭނާއަށް ނިހާންގެ ހިތް ދަސްވަމުން ދިޔައެވެ. ރޫޔާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައީ ސައިޑް ކަބަޑުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ބަލައިލިއިރު އަރާފައި އިނީ ނިހާންގެ ނަމެވެ. އަވަސް އަވަހަށް ރޫޔާ ފޯނު ނެގިއެވެ.

"ނިދީތަ؟" ނިހާންގެ އަޑު އައެވެ. އެ އަޑުގައި ވެސް ތަފާތު އަސަރެއް ހުއްޓެވެ. ކަންފަތާ ފޯނު ދުރުކޮށްލާފައި ރޫޔާއަށް ފޯނަށް ބަލައިލެވުނެވެ. ފޯނުގެ ޑިސްޕްލޭ އިން ނިހާންގެ ތަސްވީރު ނުފެނުނަސް އެ ސޫރަ އޭނާގެ ހިތުގައި ކުރަހާލެވިގެން ދިޔައެވެ.

"ނޫން... ނިހާން ނިދީތަ؟" ރޫޔާ ބުންޏެވެ.

"އާނ. ނިދާފަ މިއޮތީ. ހުވަފެނެއްގަ ރޫ އާ އެއްކޮށް. އެއްކަލަ ވާދީގަ. ކެނޯ ތެރޭގަ. ދެމީހުން އެކަނި. މުޅި ޖައްވު ގުގުމަމުން ދަނީ އުދުހެމުން ދިޔަ ސޫފިތަކުގެ ނަލަ އަޑުން. އެނގޭތަ؟ ރޫ ތި އިނީ ރަތް ކުލައިގެ ފިނިފެންމާތަކުގެ ތެރޭގަ. ހުދު ކުލައިގެ ހެދުމެއްގަ. ތި ޖާދޫވީ ދެލޮލުން ބަލަހައްޓައިގެން ތި އިންނަނީ ސީދާ އަހަރެންގެ މޫނަށް. ތުންފަތުގައި ތިވާ ހިނިތުންވުން... އަހަރެން މޮޔަކޮށްލައިފި. ރޫ... އަހަރެންގެ ރޫޔާ...." ނިހާން ވާހަކަދައްކަމުން ދިޔައެވެ.

ހިތެއްގެ ބައްޓަމަށް އޮތް ބާލީސް މަތީގައި ރޫޔާ ބޯ އަޅާލައިގެން އަރިއަކަށް އޮތް އިރު ފޯނު އޮތީ މައްޗަށް އޮތް ކަންފަތް މަތީގައެވެ. ތުންފަތުގައިވީ ހިނިތުންވުމެކެވެ. ދެލޯ ވަނީ މެރިފައެވެ. އޭނާގެ ހުވަފެނީ ދުނިޔޭގައި ހަގީގަތުގައިވެސް އެވަނީ ނިހާނާއެކު އެ ވާދީގައެވެ. ކެނޯ ތެރޭގައި ނިހާންގެ ހާޒިރުގައެވެ. ނިހާން ދުލުން ކިޔާ ވަރަކަށް އެ މަންޒަރުތައް ދިޔައީ ރޫޔާގެ ސިކުނޑީގައި ކުޅެވެމުންނެވެ.

"މިއީ ވަރަށް ހާއްސަ ދުވަހެއް. ރޫ... " ނިހާން ބުންޏެވެ.

"އެބަ އަޑުއަހަން. ކުރިއަށް ދޭބަލަ. ނުހުއްޓިބަލަ... އަހަރެމެންނަކީ ދުވަހަކުވެސް މި ވާހަކަ ފުރިހަމަ ނުވަނީސް ހުއްޓާލާނެ ބައެއް ނޫން" ރޫޔާ ބުންޏެވެ.

ނިހާން ފުން ނޭވައެއް ދޫކޮށްލި އަޑު ހަމަ ރަނގަޅަށްވެސް ފޯނުން ރޫޔާއަށް އިވުނެވެ. އެ ހިނދު ރޫޔާ ދެ ބުމަ ގޮށްޖަހާލާފައި ފޯނު ކަންފަތާ ދުރުކޮށްލާފައި ބަލައިލިއެވެ. އޭނާއަށް ހަމަ ދުނިޔެއަށް އާދެވުނީއެވެ. އޮވެވުނީ ނިހާނާ ދުރުގައިކަން އެނގުމުން އެކަނިވެރި އިހުސާސެއް ކުރެވިގެން ދިޔައެވެ.

"ރޫ... އަހަރެން މޮޔަވަނީ...." ނިހާން ބުނެލި އަޑު އިވުނެވެ. ރޫޔާ ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ.

"ކީއްވެ؟ ކާކު؟ ކާކު ނިހާން މޮޔަކުރަނީ؟" ރޫޔާ އެހިއެވެ.

"ދެންމެ ތިބުނީނު. މި ވާހަކަ ފުރިހަމަ ނުކުރަނިސް ނުހުއްޓާށޭ. އަހަރެން ބޭނުން މި ވާހަކަ ފުރިހަމަކުރަން.... ރޫ... ތިހެން އަހަންނަށް ނަހަދާ ތި މޫނު ދައްކާލަބަލަ. ވީޑިޔޯ ކޯލެއް ކުރަންތަ؟" ނިހާން ބުނެލި އަޑު އިވުނެވެ. އެ ވާހަކަތަކާ ރޫޔާ ގަޔާވިއެވެ. މިރޭ ނިހާންގެ އަމަލުތަކާ ވާހަކަތައް މާބޮޑަށް ވެސް ތަފާތެވެ. ރޫޔާ ތެދުވިއެވެ. ވީޑިޔޯ ކޯލު ކުރުމުގެ ބޭނުމެއް ނެތެވެ. އޭނާ ބޭނުންވަނީ ކުރިމަތީގައި ހުރެ ނިހާނަށް ފެންނާށެވެ. އޭނާ ގޮސް ހުއްޓުނީ ބެލްކަނީ ދޮރު ކައިރީގައެވެ. ފޮތިގަނޑު ކަހާލުމަށްފަހު ދޮރުރުވެސް ހުޅުވާލިއެވެ.

"ބެލްކަނީގެ ދޮރު ހުޅުވާލާފަ ނިކުމެބަލަ" ރޫޔާ ބުންޏެވެ.

އެ ދެމެދުގައި ސިކުންތެއް ފާއިތުވިހެންވެސް ހިއެއް ނުވެއެވެ. ނިހާން ދޮރު ކަހާލާފައި ނިކުތެވެ. ދާދި ކައިރީގައި ރޫޔާ ހުރިތަން ފެނުމުން ނިހާންގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

"ފެނިއްޖެތަ؟" ހެވިފައި ރޫޔާ ބުންޏެވެ.

"ފެނިއްޖެ. އެކަމަކު އަދި މިވަރަކުން ހިތެއް ނުފުރޭ. ރޫ އަހަންނަށް ކަމެއް ކޮށްދީބަލަ" ނިހާން ބުންޏެވެ. ފޯނު ކަނޑާލާފައި ދެކުދިން ވާހަކަދައްކަމުން ދިޔައީ އެކަކު އަނެކަކާ ކުރިމަތިވާ ގޮތަށް ތިބެއެވެ.

"ކޮންކަމެއް؟" ރޫޔާ އެހިއެވެ.

"އަހަރެން މިރޭ ތި ކޮޓަރީގަ ރޫ ގެ ބާލީސް ކައިރީގަ ބާއްވަބަލަ" ނިހާން ބުންޏެވެ.

ރޫޔާއަށް ހެވުނެވެ.

"ރޫ ހީލީމަވެސް ހާދަ ރީއްޗޭ" ނިހާން ބުންޏެވެ.

"ދެންހެޔޮ. މިރޭ ކިހިނެއްވެފަ ތި ހުންނަނީ. ކޮންކަހަލަ ވާހަކަތަކެއް ތި ދައްކަނީ؟" ރޫޔާ ބުންޏެވެ. ނިހާނަށް ވެސް ހެވުނެވެ.

"މާދަމާ ފުރަތަމަ ދެ ސެޝަން ނިމުނީމަ ލިބޭނެ އެއްގަޑިއިރާ ފަންސާސް މިނެޓްގެ ބްރޭކެއް. އަހަރެން ރޫއާ މީޓުކޮށްލަން ބޭނުންވަނީ އެއްކަލަ ވާދީ އިން. އަހަރެން މަޑުކޮށްގެން ހުންނާނަން ޕްލަމް ގަސް ކައިރީގަ. ޕްލިޒް... ވައިޓް ޑްރެސްއެއްގަ މާދަމާ ދައްޗޭ"

ރޫޔާއަށް ހުރެވުނީ ނިހާންގެ އެ ބަސްތަކުގައި ޖެހި ބަސްހުއްޓިފައެވެ. ހަގީގަތުގައިވެސް އޭނާ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވަނީ ހެއްޔެވެ؟ ދެކުދީންގެ މެދުގައި ފެށުނު ވާހަކަ ފުރިހަމަކުރަންވީ ވަގުތު ޖެހުނީއެވެ.

"ތިކަން ކޮށްދެވޭތޯ ބަލާނަން. ދެން ހިނގާ ނިދަން ދާން.... މަންމައާ ބައްޕަ ރައުންޑަށް އަންނާނެ އިރުކޮޅަކުން" ހީލާފައި ރޫޔާ ބުންޏެވެ.

ނިހާން އެތެރެއަށް ވަނީ ރޫޔާ އެތެރެއަށް ވަނުމުންނެވެ. ވަންނަ ހިތްވެގެނެއް ނޫނެވެ. ބޭނުންވަނީ އިރުއަރަންދެން އެތަނުގައި ހުންނާށެވެ. ފުރުސަތު ލިބިއްޖެނަމަ އެއަށްވުރެވެސް ކައިރިއަށް ދާށެވެ. ރޫޔާގެ ހިތް ނަގައި މުޅި އުމުރަށް އޭނާގެ ހިތުގައި ގައިދުކޮށްލާށެވެ. ދުވަހަކުވެސް މީހަކު ދެކެ ލޯބިވެވިދާނެ ކަމަށް ހީނުކުރާ މިންވަރަށް އޭނާއަށް ރޫޔާ ދެކެ ލޯބިވެވިއްޖެއެވެ. ދުވަހަކުވެސް، ދުވަހަކުވެސް އެ ލޯބި އޭނާގެ ހިތުން ފިލައިގެން ނުދާނެ މިންވަރަށެވެ.

****

އެނދުން ތެދުވި ގޮތަށް ގަޑި ބަލައިލާފައި ޝާނާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ނިހާންގެ ކޮޓަރިއާ ދިމާލަށް އޭނާ ބަލައިލިއެވެ. ނިހާން ވާނީ ޔުނިވާސިޓީއަށް ގޮސްކަން އެނގޭއިރުވެސް އޭނާ އެ ކޮޓަރި ތަޅުގައި ހިފާލިއެވެ. ނިހާން އަންނަންވާއިރަށް އެތެރެ ރަނގަޅަށް ހާވާލާނަމޭ ހިތާއެވެ. އެހެންވިޔަސް އެކަން އޭނާއަށް ކާމިޔާބެއް ނުވިއެވެ. އެ ކޮޓަރި ހުރީ ތަޅުލައިފައެވެ. ޝާނާ އަނގައަށް ގޮތެއް ހަދާލިއެވެ. އޭނާ އަލުން އައިސް އިށީނީ ކާމޭޒު ކައިރީގައެވެ. މަންމަވެސް ގޭގައި ނެތީ ހެއްޔެވެ؟ އެހެންނޫނީ މި ގަޑީގަ އަނގަ ތަޅުވަން ގޭތެރޭގެ ކޮންމެވެސް ދިމާލެއްގަ އުޅޭނެއެވެ. ފޯނު ހުޅުވާފައި އޭނާ ގުޅާލީ ލަވީރާގެ ނަންބަރަށެވެ.

"ހުވާ މިބުނީ ލޯބި ޖޯޑެއް.... ވަރަށް ލޯބިލޯބިކޮށް އެބައުޅޭ. އަހަރެން މި އިނީ އެމީހުން ކުރިމަތީގަ" ޝާނާ ގުޅާނީ ނިހާންގެ ހަބަރު އޮޅުންފިލުވަންކަން އެނގޭތީ ލަވީރާ އެންމެ ފުރަތަމަވެސް ފެށީ ނިހާނާއި ރޫޔާގެ ވާހަކަތަކެވެ.

"ހެވޭ. ލަވީ... ޕްލީޒް އެމީހުންގެ ވާހަކަ އަހާކަށް ނޫން މިގުޅީ. އަހަންނަށް ނޯޓްސް ދޭން ގެއަށް އަންނައްޗޭ ބުނަންވެގެން" ޝާނާ ބުންޏެވެ.

"އޯކޭ އޯކޭ ބަލާނަން ދެވޭތޯ" ލަވީރާ ބުންޏެވެ. "މިހާރު ކިހިނެއްތަ؟"

"ހުން ފިލައިފި. އެކަމު ގައިގަ ވަރަށް ބޮޑަށް ރިއްސާ. ހިލާ މަންމަ އެއްބަހެއް ނުވި މިއަދު ދާކަށް. އެހެންނޫނީ ހީވޭތަ އަހަރެން ނުގޮސް ހުންނާނެހެން" ޝާނާ ބުންޏެވެ.

"ޓޭކް ރެސްޓް. ރަނގަޅުވަންދެން މަޑުކޮށްލާ ބަސްއަހައިގެން. އޭ ދެން ބާއްވަނީ އިނގޭ. ލެކްޗަރާ އަތުވެއްޖެ" ލަވީރާ ބުންޏެވެ.

ހިމޭނުން އިނދެ ސައިބޮމުން ދިތަ ޝާނާ އެ ވަގުތުވެސް ވިސްނަމުން ދިޔައީ ނިހާނާއި ރޫޔާގެ ލޯތްބަށް ހުރަސްއަޅާނެ ގޮތަކާ މެދުގައެވެ.

****

ގޭ ދޮރުމަތިން އެކަކު އަނެކަކަށް ފެނުމާއެކު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އިސްވެ ފުރަތަމަ ވާހަކަދެއްކީ ހަންނާއެވެ. ސަލާމްކޮށްލަން އަތްދިއްކޮށްލީ ވެސް ހަންނާއެވެ.

"ނިހާން ބުންޏޭ ވަރަށް ހެޔޮބައެކޭ. ހަންނާ ދޯ ކިޔަނީ" ލަތީފާ ބުންޏެވެ.

"އާނ. ރަނގަޅުތަ؟" ހަންނާ ބުންޏެވެ. އޭނާއަށް އަދި ލަތީފާގެ ނަމެއް ނޭނގެއެވެ.

"ލަތީފާ ކިޔަނީ. އަހަރެންވެސް މި އުޅެނީ ދަރިފުޅަށް ކިޔަވައިދޭން އައިސް. ދޮށްޓަށް ހުންނަނީ ފިރިހެން ކުއްޖެއް. އެ ސޮރު ކިޔަވަނީ މަދީނާގަ" ލަތީފާގެ ވާހަކަތައް އޮޅުންފިލުވައިދިނެވެ.

"މާޝާﷲ. މާތްﷲ ތި އާއިލާގެ ތަރައްގީއަށް ހެޔޮ ސިއްހަތެއް ދެއްވާށި" ހީލަމުން ހަންނާ ބުންޏެވެ.

"ޝާނާ ބުނި ކްލާސް ކުއްޖެއް އުޅެޔޭ. އެއީ ހަންނާގެ ދަރިފުޅު ދޯ" ލަތީފާ ބުންޏެވެ.

"އާނ. އެ ދަރިއަށް ކިޔަވައިދޭން ދެމަފިރިން އެއްކޮށް އައިސް މިއުޅެނީ" ހަންނާ ބުންޏެވެ.

"ދެން މި ރަހުމަތްތެރިވެވުނީތާ ދޯ. އެއްދުވަހަކުން ވާނެ ދެ އާއިލާއެކު ސައެއް ބޯލަން. މިކަހަލަ ތަނެއްގަ ޖެހިގެން ދިވެހި އާއިލާއެއް އުޅުމަކީ ވަރަށް ބޮޑު ނަސީބެއް. އަހަރެން ﷲ އަށް ހަމްދުކުރަން. މިދަނީ އިނގޭ. ޝާނާ މިއަދު ހުމާ އޮތީމަ އޭނަ ހޭލަންވާއިރަށް ޕާނެއް ހޯދަން ނިކުމެ މިއުޅެނީ" ލަތީފާ ބުންޏެވެ.

"އެހެންތަ ޝާނާއަށް ސަލާމް ބުނެދެއްޗޭ އަހަރެންގެ" ހަންނާ ބުންޏެވެ.

****

ޕްލަމް ގަސްދޮށުގައި ހުރި ނިހާން ގަޑި ބަލައިލިއެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ރޫޔާއަށެވެ. މާގިނައިރެއް ނުވެ ފަރި ހިނގުމެއްގައި އެ ދިމާލަށް ރޫޔާ އަންނަތަން ފެނުނެވެ. ކައިރީގައި ރޫޔާ ހުއްޓުމާއެކު ނިހާން ފުރަތަމަވެސް ބުނެލީ ރޫޔާ ކައިރީގައި އޭނާ އަބަދުވެސް ބުނާ ވާހަކައެވެ. ރަކި ހިނިތުންވުމެއް ރޫޔާގެ ތުންފަތް މައްޗަށް ވެރިކޮށްލަމުން ނިހާންގެ އަތުގައި ފޯނުން ޖަހާލިއެވެ.

"ކޮބާ ޕްލޭނަކީ" ރޫޔާ ބުންޏެވެ.

ނިހާން ހީލިއެވެ. ދެން ރޫޔާއަށް ދިއްކޮށްލީ އޭނާގެ އަތެވެ. ރޫޔާ ނިހާނަށް ބަލައިލިއެވެ. އެ ހިނދު ލޮލުގެ އިޝާރާތުން އެ އަތްތިލައިގައި ހިފާށޭ ރޫޔާ ކައިރީގައި ބުނި ކަހަލައެވެ. ރޫޔާ ވަގުތުން ނިހާންގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ލައްވާލިއެވެ.

"ކޮންތާކަށް" ނިހާން ހިނގައިގަތުމުން ރޫޔާ އެހިއެވެ.

"އަހަރެމެންގެ ރަހުމަތްތެރިކަން ފެށުނު މަންޒިލަށް" ނިހާން ބުންޏެވެ.

"ވާއު... ކީއްކުރަން" ކުޑަކުއްޖެއް ފަދައިން ރޫޔާ ބުންޏެވެ.

"ޝްޝްޝް.... އިތުރަށް ސުވާލުކުރާނީ އެތަނަށް ގޮސް. މިއަދަކީ އަހަންނަށް ވަރަށް ހާއްސަ ދުވަހެއް" ނިހާން ބުންޏެވެ.

އެ ހިނދު ނިހާންގެ މޫނަށް ރޫޔާ ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ދެކުދިން ފައިބައިގެން ދިޔައީ ވާދީއަށް ފައިބަން އޮންނަ ހިމަ މަގުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟