ވާހަކަ

ދޭތޯ ތި ހިތް - 9

1

ހެނދުނުހެނދުނާ ހޭލައިގެން އައިސް ބަދިގެއަށް ވަން ތާރާ ފެނުމުން ކުލްޘޫމާއަށް ލިބުނީ ހައިރާންކަމެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު އަވަސްއަވަހަށް އޭނާއަށް ތާރާގެ ގާތަށް އާދެވުނެވެ. ހިސާބަކަށް އޭނާ ހުރީ ކަންބޮޑު ވެސް ވެފައެވެ. ހެނދުނާ ތާރަ ގޭތެރެއިން ފެނުމަކީ ވެސް ނާދިރުކަމެކެވެ. އަމުދުން ބަދިގެއިން ފެނުމަކީ މުސްތަހީލުކަމެކެވެ. ހައިރާންކަން ވެސް ލިބުނީ އެހެންވެއެވެ.

''ދަރިފުޅާ...'' ކުލްޘޫމާއަށް ތާރާގެ އަތުގައި ހިފާލެވުނެވެ. ''ހުރިހާކަމެއް ވެސް ރަނގަޅުތަ؟...''

''ލައްބަ... މަންމައަށް އެހީވާން މިއައީ...'' ހިނިތުންވެލަމުން ތާރާ ބުންޏެވެ. ކުލްޘޫމާއަށް ލިބުނީ ހައިރާންކަމެކެވެ. ކަންފަތަށް އިވުނު ޖުމުލަ ގަބޫލުކުރަން ދަތިވެ އޭނާއަށް ތާރާގެ މޫނަށް ބަލަން ހުރެވުނީއެވެ. އެފަދަ ކަމަކަށް ތާރާ ޝައުގުވެރިކަން ފާޅުކޮށްފާނެ ކަމަކަށް އޭނާ ދުވަހަކު އުއްމީދެއް ވެސް ނުކުރެއެވެ. ފެންނަމުން ދިޔައީ ހަގީގަތެއް ކަން ގަބޫލުކުރަން އޭނާއަށް އުނދަގޫ ވެއްޖެއެވެ.

ކުލްޘޫމާ ބަލަން ފެށުމުން ތާރާ ލަދުގަނެއްޖެއެވެ. އެކަން ފާހަގަ ކުރެވުމާއެކު ކުލްޘޫމާއަށް އޭނާގެ ނަޒަރު ތާރާގެ މޫނާ ވަކިކޮށްލެވުނެވެ. ވިސްނާނުލައި ހުއްޓައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުން ކުލްޘޫމާއަށް ބަދިގެ ހޯދައިލެވުނީ ތާރާއާ ހަވާލުކުރާނެ މަސައްކަތެއް ފެނޭތޯއެވެ. ތާރާގެ ވައްޓަފާޅި ފެނިފައިވާތީ ހަވަލުކުރާނެ މަސައްކަތެއް ވެސް ނޭނގުނެވެ. ކައްކާއިން ހެނދުނުގެ ނާޝްތާ ތައްޔާރުކުރުމުގައި އުޅުނު އިރު، ޚާދިމަކު ކާމޭޒުމަތި ހެނދުގެ ސަޔަށް ތައްޔާރުކުރަން ތަށިތައް އަތުރަނީއެވެ.

''ދަރިފުޅު އާދެބަލަ މަންމައާއެކު...'' ކުލްޘޫމާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ތާރާގެ އިސްނެގުމުން އޭނާގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ.

''އަޅުގަނޑު ބޭނުން ގޭތެރޭގެ ކަންތައް ދަސްކުރަން...'' ލަދުން ހުރެވެސް ތާރާ ވާހަކަދެއްކިއެވެ. އުޅެބޮޑުވަމުން އައިއިރު އޭނާގެ ހުރިހާ އިޝާރާތަކަށް ބަލަން ނޯކަރުން ތިބެއެވެ. ކޮންމެ އިނގިއްޔަކަށް ނޯކަރަކު ހުރެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަންމައާއި ބައްޕަގެ ފަރާތުން ލިބުނު ފައިސާއާއި ޝާހީ ދިރުއުޅުމުން އޭނާގެ ވިސްނުން ބައްޓަންވެގެން އައީ މުޅިން ތަފާތު ގޮތަކަށެވެ. ނަމަވެސް މާހުތާބްއާ ދެކެވުނު ވާހަކައަށް ފަހު އަމިއްލަ ނަފުސަށް ވެސް ބަދަލުތަކެއް ގެންނަން ތާރާ ހުރީ ގަސްދުކޮށްގެންނެވެ. ފުރަތަމަ ކަމަކަށް ވެސް އޭނާގެ ސިނގުރުޅިގަނޑު ކޮންޓްރޯލުކުރަން އޭނާ ހުރީ ބޭނުން ވެފައެވެ. ހިތް އެދޭ ގޮތަށް ކަންތައް ނުވުމުން އަންނަ ރުޅީގައި މިރާހްއާ ދެބަސްވާން ޖެހޭތީ އޭނާއަށް ހާސްކަން ލިބެއެވެ. ހިތަށް ވެސް ތަދުވެއެވެ. މިރާހް އޭނާ މަތިން ފޫހި ވެދާނެތީ ވެސް ހިތް ބިރުގަނެއެވެ. މިރާހްއަށް ރަނގަޅު އަންބަކަށް ވާން އެ ހިތް އެދެއެވެ. މިރާހްއަށް ހުރިހާ ކަމެއްކޮށްދޭން ވެސް ބޭނުންވަނީ އެ ދެއަތުންނެވެ. ލޯބި އިތުރުވާނެ ގޮތްތަކަކީ އެއީ ކަން ވެސް އިންޓަނެޓުން ކިޔުނު އާޓިކަލްއެއްގައި އޮތެވެ.

ކުލްޘޫމާގެ ހިޔަނިހެން ގާތުގައި ތާރާ ހުއްޓެވެ. ކުލްޘޫމާގެ ފަރާތުން ލޯތްބާއި އޯގާތެރިކަން އިހުސާސްކުރެވުނެވެ. އުފަން މަންމަގެ ފަރާތުން ދުވަހަކު އެފަދަ ގާތްކަމެއް އޭނާއަކަށް ނުލިބެއެވެ. މަންމަގެ ނަޒަރުގައި ލޯބިވާކަން ހަމަކޮށްދެވެނީ އަގުބޮޑު ހަދިޔާއާއި ފައިސާ ދެވުމުންނެވެ. ދަރިންނަށް ވަގުތު ދިނުމަކީ މަންމަ އެއް އިރެއްގައިވެސް ގެންގުޅުނު އުސޫލެއް ނޫނެވެ. ތާރާއަށް ލިބިފައިވާ ބޮޑާކަމައި ކިބުރުވެރިކަމަކީ ވެސް އޭނާގެ މަންމަގެ ފިޔަވަޅުތަކުގެ ދަށުން ހިނގުމުގެ ނަތީޖާއެވެ. ގޭތެރޭގެ އެއްވެސް ކަމެއް ދަސްވެފައި ނުވާތާނގައި ފިރިމީހާއަށް އަދާކޮށްދޭން ޖެހޭ ހައްގުތައް ވެސް ނޭނގެއެވެ. ލަދުން ހުރެވެސް ކުލްޘޫމާގެ ގާތުން ތާރާ ސުވާލުކުރިއެވެ. މިރާހް ދެކެވާ ލޯތްބަށްޓަކައި ދިރިއުޅުމަށް ބަދަލުތައް ގެންނަން ވެސް އޭނާ ހުރީ ތައްޔާރަށެވެ.

ކާކޮޓަރިއަށް ވަން މާހުތާބްއަށް ތާރާ ފެނުމުން އެ މޫނު އުޖާލާވެއްޖެއެވެ. ދެ ލޮލުން ވެސް ތަފާތު ވިދުމެއް ފެނިލިއެވެ. އޭނާގެ ނިންމުމާ މެދު ހިތުގައި އޮތް ހުރިހާ ޝައްކާއި ވަހުމެއް ފިލައިގެން ގޮސްފިއެވެ. ތާރާއާ މެދު އިތުރު އުއްމީދުތަކެއް ވެސް ކުރެވުނެވެ.

ސައިބޮމުން ދިޔަ މިރާހްއަށް ތާރާގެ މޫނަށް ބަލައިލެވުނެވެ. ތާރާ އޭނާއަށް ދެމުން ދިޔަ ސަމާލުކަމުން މިރާހްއަށް އިނީ އުނދަގޫވެފައެވެ. މިއަދު އޭނާގެ އޮފީސް ގަމީހާއި ފަޓުލޫނު ވެސް އިސްތިރިކޮށްފައި ހުރީ ތާރާއެވެ. އެކަމުން ލިބުނު ހައިރާންކަން ފިލައިގެން ނުދެއެވެ. ހެނދު ނާޝްތާއަށް އައުމާއެކު އޭނާއަށް ތަށި ނަގައިދީ ބޭނުންވާ އެއްޗެހި ވެސް އަޅައިދިނީ ތާރާއެވެ. ކޮންމެ ހަރަކާތަކުން ވެސް ފެންނަނީ އެ ހިތުގައި އޭނާއަށްޓަކައި އޮތް ލޯތްބެވެ. ހިތް އެދޭ މަންޒަރެވެ. މިރާހްއަށް އިސްޖަހާލެވުނީ އެ ހިތުގައި ތާރާއަށްޓަކައި އެފަދަ އިހުސާސެއް ނެތުމުންނެވެ. ކުށްވެރިކަމުގެ އިހުސާސްތަކުގައި ނަފުސު ބަނދެވުނެވެ. މުޅި މީހާ މާޔޫސްކޮށްލިކަމުގައި ވިޔަސް އެފަދަ ލިސާނެއް މޫނުން ފާޅުވުމުގެ ފުރުސަތެއް އޭނާ ނުދިނެވެ. ގަދަކަމުން ހިނިތުންވެލީ ތާރާގެ ހިތަށް އުފާވެރިކަން ގެެނެސްދިނުމަށެވެ.

ހެނދުގެ ސަޔަށް ފަހު މާހުތާބްއާއި ކުލްޘޫމާ މަޑުކޮށްލައިގެން ތިބީ ބޮޑުކޮޓަރީގައެވެ. ރޭގައި ތާރާއާ ދެކެވުނު ވާހަކަަތައް މާހުތާބް ހިއްސާކުރިއެވެ. ވަކިން ބޮޑަށް ކުލްޘޫމާގެ ހިތަށް އުފާވެރިކަން ލިބުނެވެ.

''ކުލްޘޫމާ ބުނީ ހަމަ ތެދެއް، މަންމަ މާބޮޑަށް ކަންތަކާ މެދުގައި ވިސްނާ ފިކުރުކުރެވުނީ... ތާރާއަކީ ރަނގަޅު ކުއްޖެއް... އުޅެބޮޑުވި މާހައުލުގެ ގޮތުން މި އާއިލާގެ ވައްޓަފާޅިއަށް ހޭނެން އުނދަގޫވެގެން އުޅެނީ... ވަގުތު ދިނުމުން ހުރިހާކަމެއް ބަދަލުވެދާނެކަން ތާރާ މިއަދު ހާމަކޮށްދީފި... އަހަރުމެންގެ އެއްބާރުލުމާއެކު ތާރާ ހީވާގި ކުއްޖަކަށް ހެދޭނެ...'' މާހުތާބްގެ ތުންފަތުގައި ވަނީ ފުން ހިނިތުންވުމެކެވެ. އެ ވާހަކައަށް އެއްބަސް ވެލުމުގެ ގޮތުން ކުލްޘޫމާ ބޯޖަހާލިއެވެ.

''މިރާހްއާ މެދު އޮތް ކަންބޮޑުވުންތައް ފިލައިފި... ދެން ހުރީ ޒިވްޔަން... ހެނދުނު ސައިގަޑީގަ ވެސް ފޯނުން ދެލޯ ވަކިނުވޭ...'' މާހުތާބް ވިސްނާލިއެވެ. ''އަހަންނަށް ހީވަނީ އެ ސޮރަށް ކަމުދާ ކުއްޖެއް އެބަހުރިހެން...''

''އެކަހަލަ އެއްވެސް ވާހަކައެއް ނުވެސް ދައްކާ...'' ކުލްޘޫމާއަށް ވެސް ޒިވްޔަންގެ މިޒާޖަށް އައިސްގެން އުޅޭ ބަދަލުތައް ވަނީ ފާހަގަވެފައެވެ. އެ ވާހަކަތައް ދައްކަން ބޭނުން ނުވަނީއެވެ.

''ލަދުން ހުރެދާނެ އަހަރުމެން ގާތަށް އަންނަން ނުކެރިފައިވެސް...'' މާހުތާބް އިތުރުކޮށްލިއެވެ. ''ޒިވްޔަންގެ ހޮވުން ރަނގަޅުވާނެ ކަމަށް މި ބަލަނީ......''

މާހުތާބްގެ ދެލޮލުން ކޮންމެވެސް ވަރަކަށް ކަންބޮޑުވުން ކުލްޘޫމާ ދުށްޓެވެ. ޒިވްޔަންގެ ހޮވުމަށް ރުހުން ދޭނެ ވާހަކަ މާހުތާބް ބުނިކަމުގައި ވިޔަސް، ކޮންމެކޮންމެ ކުއްޖަކާ މާހުތާބް ގަޔާނުވާނެކަން ކުރިން ވެސް އޭނާއަށް އެނގުނެވެ. ޒިވްޔަން ދެކެވާ އިންތިހާ ލޯތްބަށްޓަކައި މާހުތަބް ވާހަކަ ފޮނިކޮށްލުމުން ނިކުމެދާނެ ނަތީޖާއަކާ މެދު އެ ހިތުގައި އޮތީ ބިރުވެރިކަމެވެ.

''މަންމާ...'' ކުލްޘޫމާ ގޮވާލިއެވެ. ''ޒިވްޔަންއަށް އޭނާގެ ދިރިއުޅުމުގެ ކަންތައް ނިންމުމުގެ ފުރުސަތު ދިނުން އެންމެ ރަނގަޅުވާނީ... އޭނާއާއި މިރާހްގެ ވިސްނުން މުޅިންހެން ތަފާތު... ކަމަކަށް މަޖުބޫރުކުރަން ހަދައިފިއްޔާ އަހަރުމެންނާ ދުރަށް ދާން ވެސް އެ ސޮރު ފަހެއް ނުޖެހޭނެ...''

''ތިހެންވެގެންނޭ ޒިވްޔަން ބުނި ހުރިހާ ކަމަކާ ރުހިގެން މަންމަ މި ހުންނަނީ... އެކަމަކު އެ ސޮރުގެ ހޮވުން ބަލަން މަންމަ ބޭނުން... ރަނގަޅު އާއިލާއަކުން އަންނަ ކުއްޖަކަށް ވާން ވެސް މަންމަ ބޭނުން... ލޯބީގައި އެޅޭ ކޮންމެ ފިޔަވަޅަކީ އެންމެ ރަނގަޅު ފިޔަވަޅުކަމުގައި ނުވެދާނެ...'' މާހުތާބް އޭނާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. ޒިވްޔަންއަށް ދެވުނު މިނިވަންކަމާ މެދު އޭނާ ބިރުގަނެއެވެ. ޒިވްޔަންގެ ވިސްނުން އަންދާޒާކޮށްލުމަކީ ދަތިކަމެކެވެ.

''މި ވަގުތަށް ޒިވްޔަންއަށް ވަގުތު ދޭން އަހަންނަށް ފެންނަނީ... އޭނާ އަހަރުމެން ގާތަށް އަންނަންދެން މަޑުކޮށްލުން އެއީ އެންމެ ރަނގަޅު ގޮތް...'' ކުލްޘޫމާ ބުންޏެވެ.

*****

ދުވަސް ކުރިއަށް ދިޔައިރު ޒިވްޔަންގެ ފަރާތުން ސަރުވާއަށް މެސެޖުތައް ލިބެމުން ދިޔައެވެ. އޭނާ ހުންނަނީ ޒިވްޔަންގެ ފަރާތުން މެސެޖެއް ނުލިބިގެންނެވެ. މިއަދު އެ ދެމެދުގައި ވާހަކަދެކެވެމުން ދިޔައީ ޒިވްޔަންއަށް ސަރުވާ ކިޔަން ދިން ވާހަކައާ ގުޅުވައިގެންނެވެ. ވާހަކައިން ޒިވްޔަންއަށް ކަމުދާ ތަންތަންކޮޅު ސަރުވާއަށް ފޮނުވަމުން ދިޔައިރު ގިނައީ ދެ މާނަ އެކުލެވިގެންވާ ޖުމުލަތަކެވެ. އެ ހިތުގެ ހާލު ސަރުވާއަށް އަންގަން އުޅޭ ކަހަލައެވެ. ސަރުވާއަށް މެސެޖުތައް ކިޔާލެވޭ ކޮންމެ ފަހަރަކު ހިތުގެ ތެޅުން އަވަސްވާން ފަށައެވެ. ކަންފަތް ދޮށުގައި ޒިވްޔަން ވާހަކަދައްކާހެން ވެސް ހީވެއެވެ.

''ގުޅާލަންތަ؟...'' ޒިވްޔަން އެންމެފަހުން ލިޔުނެވެ. ހިތް ތެޅުނުވަރުން ސަރުވާއަށް އެނދުމައްޗަށް ފޯނު ދޫކޮށްލެވުނެވެ. އެނދުން ތެދުވަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އިރުކޮޅެއް ވަންދެން ފޯނަށް ބަލަން އޭނާއަށް ހުރެވުނެވެ. ދެކޮޅަށް ހިނގަން ހުރެފައި އޭނާ އައިސް ފޯނު ނެގިއެވެ. ލިޔުނު މެސެޖަށް ބަލަން ހުރެފައި އޭނާއަށް ދެލޯ މަރާލެވުނެވެ. މެސެޖު ފޮނުވިތާ ސިކުންތެއް ވެސް ނުވެއެވެ. އަންނަން ފެށީ ފޯންކޯލެކެވެ.

ސަރުވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މޭގައި ފިރުމާލަމުން އޭނަ ފޯނު ނެގިއެވެ. ހިތްތެޅެމުން ދިޔަ އަޑު ފޯނުން ޒިވްޔަންއަށް އިވިދާނެތީ ވެސް އޭނާ ނުތަނަވަސްވިއެވެ.

''ހެލޯ...'' ޒިވްޔަންގެ ބަރު އަޑު ފޯނުން އިވުމާއެކު ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ބޭއިހުތިޔާރުގައި ސަރުވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެ އަޑުގެ ޖާދޫގައި ޖެހި މީހާގެ ހާސްކަން ފިލައިދާން ނެގީ ސިކުންތުކޮޅެކެވެ.

''ޒެން...'' ސަރުވާ ގޮވާލިއެވެ. ފޯނުން ޒިވްޔަންއާ ވާހަކަދައްކާލެވުމުން ވެސް ހިތް އުފާވިއެވެ.

''އޯލް މޯސްޓް ފޮގޮޓް... ކިހިނެއްތަ މިއަދު ޑްރައިވިންގް ޓެސްޓް ދިޔައީ؟...'' ޒިވްޔަން ހަނދާންވުމާއެކު އަހާލިއެވެ. އޭނާ ދައްކާ ހުރިހާ ވާހަކައަކަށް ޒިވްޔަން ސަމާލުކަން ދޭކަން ސަރުވާއަށް ފާހަގަ ކުރެވުނެވެ. އުފާވެސް ވިއެވެ.

''މިއަދު ކެންސަލްވީ، މާދަން ދާން ޖެހެނީ...'' ސަރުވާ ބުންޏެވެ.

''މިރޭ އަހަންނާއެކު ޓެސްޓް ޑްރައިވްއަކަށް ދާންވީއެއްނު؟...'' ސަރުވާއާއެކު ވަގުތުކޮޅެއް ހޭދާކޮށްލުމުގެ ހިޔާލެއް ޒިވްޔަންއަށް ލިބުނެވެ. ސަރުވާގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުއްޓެވެ.

''ޓެސްޓް ޑްރައިވް؟...'' ސަރުވާއަށް އަހާލެވުނެވެ. ދެ ޒުވާނުން އެކަނިވާން ލިބޭނެ ފުރުސަތެއްކަން އެނގުމުން ސަރުވާގެ ހިތްތެޅިލިއެވެ.

''ކިހިނެއްވީ؟ އަހަރެން މޮޅުވާނެޔޭ ދުއްވަން...'' ސަމާސާ ރާގަކަށް ޒިވްޔަން ބުނެލިއެވެ.

''އަހަރެން ނުބުނަމެއްނު ޒެންއަށް ދުއްވަން ނޭނގެޔޭ... މިހާރު ތިހެން ބުނީމަ ޝައްކު ވެއްޖެ، ކިޔާއަށް ވުރެން އަސްލު ނުފަރިތަ ދޯ؟...'' ސަރުވާއަށް ހިނިތުންވެވުނެވެ.

''އައިމް ނޮޓް ދެޓް ބޭޑް...'' ޒިވްޔަންގެ ގާތަށް ވެސް ހިނި އަތުވެއްޖެއެވެ. ''ގައިމު އިއްޔެވެސް އަހަންނާއެކު ކާރުގަ ދިޔައީމެއް ނޫންތަ؟...''

''އޯކޭ... ޒެން ދެން ރިކުއެސްޓް ކުރީމަ ފުރުސަތެއް ދީފާނަން...'' ސަރުވާ ބުންޏެވެ.

''ކޫލް!، ކޮންއިރަކުން ސަރޫއަށް ވަގުތެއް ވާނީ؟...'' އަވަސްއަވަހަށް ޒިވްޔަން އަހާލިއެވެ. އޭނާގެ އަޑުންވެސް އުފާވެއްޖެކަން އެނގެއެވެ.

''އާމްމްމް... ނުވައެއް ޖަހާއިރު ރަނގަޅުތަ؟...'' ވިސްނާލަމުން ސަރުވާ ބުނެލިއެވެ. އެހާއިރަށް ރޭގަނޑުގެ ކެއުން ވެސް ނިމިދާނެއެވެ.

''އޯކޭޭ... ނުވައެއް ޖާހިއިރަށް ދާނަން ބަލާ... ޑީން އެބަ ގޮވާ... އަހަރެން މިރޭ ގޮސް ސަރޫއަށް ގުޅާނަން، ލުކިންގް ފޯވާޑް ޓު ސީ ޔޫ...'' އަވަސްއަރުވާލަމުން ޒިވްޔަން ބުންޏެވެ. އޭރު ދައިސާން ޒިވްޔަންއަށް ގޮވާ އަޑު ފޯނުން ސަރުވާއަށް އިވެއެވެ. އިތުރަށް ވާހަކަ ދިގުނުކޮށް ސަރުވާ ފޯނު ކުރުކޮށްލީ ބިޒީ ގަޑިއެއްކަން އެނގުމުންނެވެ.

ކަންފަތާ ސަރުވާއަށް ފޯނު ވަކިކޮށްލެވުނެވެ. އޭރު ވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ފޯނު ބާއްވަމުން ޒިވްޔަންގެ އެންމެ ފަހުން ބުނި ބަސްތަކެވެ. ހިނިތުންވުމަކާއެކު ސަރުވާއަށް އެނދަށް ވެއްޓިގަނެވުނެވެ.

''ޒެން...'' ސަރުވާއަށް މަޑުމަޑުން ބުނެވުނެވެ. އެ ހިތް ޒިވްޔަންއަށް ދެވިއްޖެކަން ގައިމެވެ.

*****

ރޭގަނޑު ކެއުން ނިންމާލުމާއެކު ބޭރަށް ދިއުމުގެ ހުއްދައަކަށް ސަރުވާ އެދުނެވެ. ސުވާލުކުރުމެއް ނެތި ޒުބެއިދާ ހުއްދަ ދިނެވެ. ކިޔާރާއާއެކު މިފަހަކަށް އައިސް އަބަދު ސަރުވާ ބޭރަށް ދާތީ އޭނާއަށް ހީކުރެވުނީ މިރޭ ވެސް ބޭރަށް ދަނީ ކިޔާރާއާއެކު ކަމަށެވެ. ސަރުވާ ހުރީ މަންމަ އިތުރު ސުވާލެއް ކޮށްފާނެތީ ވެސް ހާސްކަމެއްގެ ތެރޭގައެވެ. މަންމަ އޭނާއަށް ކުރާ އިތުބާރު ސަރުވާއަށް އަންްދާޒާ ކުރެވުނެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގަން އޭނާ ބޭނުމެއް ނޫނެވެ.

ސަރުވާގެ ހިތުގައި ފޮރުވިފައި އޮތް ސިއްރު ނަގައިގަނެވުނީ ބަތޫލްއަށެވެ. އޭނާއަށް ހިނި އާދެވުނު ކަމުގައިވިޔަސް އިތުރު އެއްޗެއް ނުބުންޏެވެ. ދޮންތިއަށްޓަކައި އޭނާ އުފާވިއެވެ. ދޫހިމޭނުން ބާއްވަން އޭނާއަށް އުނދަގޫ ވިޔަސް ސަރުވާ ދިން އިންޒާރުތަކުން ދުލުގައި ތަޅެއް އަޅަން މަޖުބޫރުވެއްޖެއެވެ. އޭނާއަށް މިހާރު ކިޔެވުމުގައި އެންމެ ބޮޑު ފަސޭހައެއް ވެސް ލިބެނީ ސަރުވާގެ ފަރާތުންނެވެ. ދޫފުރޮޅިއްޖެނަމަ ކުރިމަތިވާނެ ގޮންޖެހުންތައް ތަސައްވަރުކުރެވޭތީ ބަތޫލް ހުންނަނީ ހަމަހިމޭންކަންމަތީގައެވެ.

*****

ބަރާބަރު ނުވައެއް ޖެހިތަނާ ޒިވްޔަންގެ ފޯނު ކޯލެއް ސަރުވާއަށް ލިބުނެވެ. ސަރުވާ އަވަސްވެގަތީ ބޭރަށް ނިކުންނާށެވެ. ލިފްޓަށް އަރަމުން އޭގައި ހުރި ލޯގަނޑަށް އަވަސް ނަޒަރެއް ދިނެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި އައިސްބްލޫކުލައިގެ ޖިންސެއްގައި ސަރުވާ ހުރިއިރު އިސްތަށިގަނޑު އޮތީ އޮމާންކޮށް ވޫލްކޮޅަކުން އައްސާލައިފައެވެ. އަތުގައި އޮތް ކާކީކުލައިގެ އަތްދަބަހަށް ފޯނު ލަމުން އޭނާ ބަލައިލީ ތިރިއަށްދާކަމުގެ ނިޝާން އަރާފައި ހުރި ލިފްޓުގެ ސްކްރީނަށެވެ.

ސަރުވާ މަގަށް ނިކުތުމާއެކު، މަގުގެ އަނެއް ފަރާތުގައި އޮތް ކާރަށް ލެނގިލައިގެން، ސޯޓުގެ ޖީބަށް އަތް ޖަހާލައިގެން ހުރި ޒިވްޔަން ފެނިއްޖެއެވެ. މަގުން ދިޔަ އަންހެންކުދިންގެ ތޫނު ނަޒަރު ޒިވްޔަންއަށް ހުއްޓެމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ޒިވްޔަން ސަމާލުކަމެއް ނުދިނެވެ. އޭނާއަށް ސަރުވާ ފެންނަ އިރަށް ހިނިތުންވެލިއެވެ. އަދި ސަރުވާގެ ގާތަށް އަތުވެއްޖެއެވެ. ސަރުވާ ވެސް ޒިވްޔަންއަށް ރީތި ހިނިތުންވުމެއް ދިނެވެ.

''ސޯ...'' ޒިވްޔަން ބުމަ އަރުވާލަމުން ފެށިއެވެ. ''ސަރޫ ދުއްވާނީ...''

''ޔޫ ޓްރަސްޓް މީ ވިތު ޔޯރ ކާރ؟...'' ސަރުވާ ދެލޯ ބޮޑުކޮށްލިއެވެ. ހިނިތުންވުމަކާއެކު ޒިވްޔަން ބޯޖަހާލިއެވެ. ކާރާ ދިމާއަށް ޒިވްޔަން އިޝާރާތް ކޮށްލިއެވެ. ޒިވްޔަންއާ އެއްހަމައެއްގައި ސަރުވާ ހިނގައިގަތެވެ. ކާރުގެ ދޮރު ޒިވްޔަން ހުޅުވާލަ ދިނުމުން ސަރުވާ ޝުކުރު އަދާކޮށްލިއެވެ.

ކާރުގެ ސީޓުގައި ސަރުވާ ހަމަޖެހިލިއެވެ. ލަންޑަންގައި އުޅުނު ދުވަސްވަރު އޭނާގެ އަތުގައި ކާރެއް އޮތްކަމާއި ދުއްވަން ފަރިތަކަން ސަރުވާ ސިއްރުކުރީ އޭނާއަށް ދުއްވަން ދަސްކޮށްދޭން ޒިވްޔަން ހުށަހެޅުމުންނެވެ. އެކުގައި ވަގުތު ހޭދަކޮށްލަން ވެސް ފުރުސަތު ފަހިވެގެން ދިޔައީތީއެވެ.

ސީޓް ބެލްޓް އަޅުވަން އުޅުނު ވަގުތު ބެލްޓަށް އިނީ ބާރުވެފައެވެ. އުޅެއުޅެ ވެސް ގުޑާ ނުލައިގެން އުޅެނިކޮށް ޒިވްޔަން ގާތަށް ޖެހިލައިފިއެވެ. ޒިވްޔަން ކައިރިވުމުން ސަރުވާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ހިތްވެސް ބާރަށް ތެޅެން ފެށިއެވެ. ޒިވްޔަންގެ ނަޒަރު އޭނާގެ މޫނާ ވަކިނުވެއެވެ. ލަދުން އިސްޖަހާލަން ބޭނުން ވިޔަސް އެ ދެލޮލާއި ސަރުވާއަށް ނަޒަރު ވަކި ނުކުރެވުނެވެ. އެހާ ގާތުގައި ތިބެވުމުން ޒިވްޔަންގެ ރީތި މޫނަށް އޭނާ ފުން ނަޒަރެއް ދިނެވެ. އެ ހޫނު ނޭވާތައް ވެސް އިހުސާސް ކުރެވުނެވެ.

''ދެއާރ ޔޫ ގޯ...'' ސީޓްބެލްޓް އަޅުވައިދެމުން ޒިވްޔަން ބުންޏެވެ. އޭނާގެ ހިތް ވެސް ވަނީ އަވަސްވެފައެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ސަރުވާއަށް އިރުޝާދުތައް ދިނެވެ. ހިނިތުންވުމަކާއެކު އަޑު އަހަން ސަރުވާ އިނެވެ.

''ލަންޑަންގައި އުޅުނު އިރު ކާރު ދުއްވަންދޯ؟...'' ކާރު ދުއްވަމުން ދިޔަ ސަރުވާއަށް ބަލައިލަމުން ޒިވްޔަން އަހާލިއެވެ. ޒިވްޔަން ކުއްލިއަކަށް އެ ސުވާލުކުރުމުން ކާރުގެ ދުވެލި މަޑުކޮށްލަމުން ސަރުވާއަށް ބުރަކި ވެސް ޖައްސާލެވުނެވެ. އެ ވަގުތު ޒިވްޔަންގެ ހުނުމުގެ އަޑު އިވުނެވެ. ބައްދަލުކުރަން ސަރުވާ ވެސް ބޭނުންވާކަން ޔަގީންކުރެވި ހިތަށް ރާހަތެއް ލިބުނެވެ. ހިތުގެ ހާލު ސަރުވާއަށް އަންގައިދޭނެ ގޮތަކާ މެދު ޒިވްޔަންއަށް ވިސްނާލެވުނެވެ.

''ޒެން އެހާވަރުން ބުނީމަ ނޫނެކޭ ބުނަން ނުކުރޭނެތާ...'' ސަރުވާ ބަހަނާއެއް ދެއްކިއެވެ. ޒިވްޔަން ހިނިތުންވެލީއެވެ. އޭރު އަނބުރާ އެޕާޓްމެންޓާ ހަމައަށް އާދެވިއްޖެއެވެ. ޒިވްޔަންއާއެކު ހޭދަކުރަން ލިބުނު ވަގުތުކޮޅަށް ނިމުން އަންނާތީ ސަރުވާގެ ހިތަށް މާޔޫސްކަން ލިބުނެވެ.

''އައި ހޭވް ސަމްތިންގް ފޯރ ޔޫ...'' ސަރުވާ ކާރު މަޑުކޮށްލުމުން ޒިވްޔަން ބުންޏެވެ. ހައިރާންކަމާއެކު ޒިވްޔަންއަށް ސަރުވާ ބަލައިލިއެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ ތަފާތު ވިދުވަރެކެވެ. ނޭވާވެސް ހިނދުރީގައި ތާށިވެއްޖެއެވެ. ކާރުގެ ފަހަތު ސީޓުގައި އޮތް ކަޅުކުލައިގެ ކޮތަޅެއް ޒިވްޔަން ނަގައި ސަރުވާއަށް ދިއްކޮށްލިއެވެ. ޒިވްޔަންއާ ހަތަރުކަޅި ހަމަކުރަމުން، ޒިވްޔަން ދިއްކޮށްލި ހަދިޔާގައި ސަރުވާ ހިފިއެވެ.

''ހުޅުވާލަބަލަ...'' ސަރުވާ ކޮތަޅުގައި ހިފުމާއެކު ޒިވްޔަން އެދުނެވެ. ހިނިތުންވުމަކާއެކު ސަރުވާ ކޮތަޅު ހުޅުވާލިއެވެ. އޭގައި އޮތީ އޭނާއަށް އެންމެ ކަމުދާ ލިޔުންތެރިޔާގެ އެންމެ މިފަހުގެ ވާހަކަ ފޮތެވެ. ސަރުވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފޮތް ނަގައި ޒިވްޔަންއަށް ދައްކާލެވުނު ހިނދު އޭނާއަށް ހެވިއްޖެއެވެ.

''ތެންކިއު...'' ސަރުވާގެ ހިތް ޝުކުރުން ފުރުނެވެ. ޒިވްޔަންގެ އެފަދަ ކޮންމެ ހަރަކާތަކުން ވެސް ފާޅުވަނީ ލޯތްބެވެ. ސަރުވާގެ ހިތް ފުރިގެން ދިޔައެވެ. އޭނާގެ ހިތް ޒިވްޔަންއަށް ހިބައިން ދެވުނެވެ.

ކާރުން ފައިބަމުން ސަރުވާއާއެކު އިމަރާތުގެ މައިދޮރާ ހަމައަށް ޒިވްޔަން ދިޔައެވެ. ސޯޓުގެ ދެ ޖީބަށް އަތްޖަހާލަމުން ރޭގަނޑުގެ ވަދާއީ ސަލާން ސަރުވާއާ ބައްދަލުކޮށްލިއެވެ. އުފާވެރިކަމުގެ ހިނިތުންވުމަކާއެކު ޒިވްޔަންއަށް ސަރުވާ ބަލައިލިއެވެ.

ސަރުވާ ގޮސް ލިފްޓަށް އަރަންދެން ޒިވްޔަން މަޑުކޮށްގެން ހުއްޓެވެ. ފަސްއެނބުރި ސަރުވާ ބަލައިލުމުން ޒިވްޔަން ދިނީ އެ ފުރިހަމަ ހިނިތުންވުމެވެ. އާސްމާނުގެ ތެރޭގައި އުދިހިލެވުނުކަމުގެ އިހުސާސް ސަރުވާއަށް ކުރެވުނެވެ. އަތުގައި އޮތް ކޮތަޅު ގެނެސް މޭގައި ޖައްސާލެވުނެވެ. ލިފްޓް ހުޅުވުމުން ސަރުވާއަށް މަޖުބޫރުވީ ޒިވްޔަންއާ ވަކިވާށެވެ. ލިފްޓަށް ސަރުވާ އެރުމާއެކު ޒިވްޔަން ވެސް ކާރާ ދިމާއަށް މިސްރާބުޖެހިއެވެ.

''އައިމް އިން ލަވް...'' ސަރުވާގެ ހިތް އެ ހިތުގެ ހާލު ބުނެދިނެވެ. ބައްދަލުވިތާ އެހާ ގިނަ ދުވަސް ނުވި ކަމުގައިވިޔަސް އެ ހިތް ޒިވްޔަންއަށް ދެވިއްޖެކަން ގައިމެވެ. އެ ދެމެދުގައި ވަނީ ތަފާތު ގުޅުމެކެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟