ލިފްޓްގެ ދޮރު ހުޅުވުމުން ވެސް ސަރުވާއަށް ހުރެވުނީއެވެ. އޭރު އޭނާއާއެކު ލިފްޓަށް އެރި ހުރިހާ މީހުން ނިކުމެގެން ގޮސްފިއެވެ. ފުން ނޭވާތަކެއް ދޫކޮށްލަމުން ފިނިވެފައިވި ދެއަތްތިލަ އޭނާއަށް ޖޯޑުކޮށްލެވުނެވެ. ހިތަށް ވިސްނައިދެމުން އޭނާ އެންމެފަހުން ލިފްޓުން ނިކުތެވެ. ހިތުގައި އޭނާ އަޒުމެއް ކަނޑައެޅިއެވެ. ޒިވްޔަންއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރެވޭނީ ހިތުގެ ބިރާ ކުރިމަތިލައިގެންނެވެ. ޒިވްޔަން ފެންނަ ކޮންމެ ފަހަރަކު ޖެހިލުންވެ ފިލަން ދުވަން ވެއްޖެއްޔާ ހިތުގެ މަންޒިލާ ހަމައަށް ވެސް ވާސިލެއް ނުވެވޭނެއެވެ.
ބޭރަށް ނިކުތް ސަރުވާއަށް ދުވާރު ކައިރީގައި އޮތް ކަޅުކުލައިގެ ރޭންޖް ރޯވާ ފެނިއްޖެއެވެ. ހިނިތުންވުމަކާއެކު ކުރިއަށް ހިނގައިގަތް ވަގުތު ޒިވްޔަން ކާރުން ފައިބައިފިއެވެ. އަދި ސަރުވާ އަރަން ކާރުގެ ކުރީ ސީޓު ހުޅުވާލަ ދިނެވެ.
''ގުޑް އިވްނިންގް...'' ސަރުވާ އައިސް އޭނާ ކައިރިއަށް ހުއްޓިލުމުން ޒިވްޔަން ބުންޏެވެ.
ޒިވްޔަންއަށް ސަރުވާ ބަލައިލިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ މުށިކުލައިގެ ފްޓްލޫނެއްގައި ޒިވްޔަން ބެގީކޮށް ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ހުރިއިރު އިޝްތިހާރުތަކުން ފެންނަ މޮޑެލްއަކާ ތަފާތެއް ނެތެވެ. ކަޅުކުލައިގެ އަވިއައިނަކުން އެ ރީތި ދެލޯ ވަނީ ފޮރުވާލައިފައެވެ. ބައިމަތިފުޅާ ހަށިގަނޑަށް ޓީޝާޓް ހިފާލާފައި އޮތްއިރު މުލައްދަނޑީގެ ބާރު ވަނީ ހާމައަށެވެ. ޒިވްޔަންގެ ހުންނަ ހެދުން އެޅުމުގެ ސްޓައިލް ސަރުވާއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އެ މޫނުމަތިން ފެންނަ ތާޒާކަމާއި, ނޭފަތުގައި ޖެހުނު ފިރިހެންވަންތަ ސެންޓްވަހުން ހިތުގެ ވިންދު އަވަސް ކުރިވިއެވެ.
ކާރަށް އަރައި ހަމަޖެހިލި ސަރުވާއަށް ބަލައިލަމުން ޒިވްޔަން ހިނިތުންވެލިއެވެ. ކާރުގެ ދޮރުލައްޕާލަމުން ކުޑަކޮށް ދުވެފައި އައިސް އޭނާ ޑްރައިވަރުގެ ސީޓުގައި ހަމަޖެހިލިއެވެ. ފަަހަތު ސީޓުގައި އިން ކިޔާރާ އިނީ ހެވިފައެވެ. ދޫހިމޭނުން ބޭއްވުން އުނދަގޫ ކަމަކަށްވުމުން ތިރީ ތުންފަތުގައި އޭނާއަށް ބާރަށް ދަތްއަޅާލެވުނެވެ.
''ލެޓްސް ގޯ...'' ދައިސާން ބުންޏެވެ. ލޮލުގެ ހިމަކޮޅުން ސަރުވާއަށް ބަލައިލަމުން ޒިވްޔަން ކާރު ދުއްވާލިއެވެ.
ފުންނޭވާތަކެއް ދޫކުރަމުން ދިޔަ ސަރުވާ އިނީ ފިނިވެފައެވެ. ޒިވްޔަންއާއި އެހާ ގާތުގައި އިނދެވުމުން ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެންނެވެ.
ޒިވްޔަންގެ އެއް އަތުން ކާރުގެ ހުންގާނުގައި ހިފަހައްޓާލައިގެން އިންއިރު އަނެއް އަތް އޮތީ ސަރުވާގެ ސީޓާ ޖެހިގެން ހުރި އާމް ރެސްޓް މަތީގައެވެ. ޒިވްޔަންއަށް ސިއްރު ނަޒަރުތައް ދެމުން ދިޔަ ސަރުވާއަށް ޒިވްޔަންގެ އަތަށް ވެސް ބަލައިލެވެއެވެ. އެ އަތުގެ ނާރުތައް ފުފިގެން އައިސްފައިވާ ގޮތް އޭނާއަށް ނުހަނު ކަމުދިޔައެވެ. ހިތަށް ވެރިވާން ފެށި ހިޔާލުތަކާއެކު ސަރުވާ އަވަސްއަވަހަށް އޭނާގެ ނަޒަރު ބޭރަށް ހުއްޓާލިއެވެ.
*****
ހަވީރުގެ ވަގުތަށް ވުމުން ބާބެކިއު އޭރިޔާގައި މީހުން ވެސް ގިނައެވެ. ނޫކަށިފުރައިގެ ޒުވާނުންގެ އިތުރުން އާއިލާތައް ވެސް ހޭލަމޭލަވަމުން ދިޔައެވެ. ޒިވްޔަންމެން އައީ އެމީހުންގެ ހާއްސަ ކުޑަ ބާބެކިއު ސްޓޭންޑެއް ހިފައިގެންނެވެ. ސަރުވާއާއި ކިޔާރާ ކުރީގައި ތިބެ ހިނގަމުން ދިޔައިރު ސާމާނުތައް ހިފައިގެން ދައިސަންއާއި ޒިވްޔަން ފަހަތުން އާދެއެވެ. މީހުންނާ އެކަހެރި ހިސާބުގައި މަޑުކޮށްލަމުން ގެނައި އެއްޗެހިތައް ބެހެއްޓިއެވެ. ޒިވްޔަންއާއި ސަރުވާއަށް ހަވާލުކުރެވުނީ ސެޓަޕް ހެދުމަށެވެ. ދައިސާންއާއި ކިޔާރާއަށް އެއްޗެހި ރޯފިލުވުމެވެ.
ދައިސާން ގޮވައިގެން ކިޔާރާ ހިނގައިގަތީ ރާޅުފަށް ކައިރިއަށެވެ. ސަރުވާއާއި ޒިވްޔަން އެކަނިވެލުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ. ދަމުންދަމުން ޒިވްޔަންއާ ވާހަކަދެއްކުމަށް ސަރުވާ ގާތު ލޮލުގެ އިޝާރާތުން ކިޔާރާ ބުންޏެވެ.
ބާބެކިއު ސްޓޭންޑް ސެޓަޕް ހަދަމުން ދިޔަ ޒިވްޔަންއަށް ބަލަން ސަރުވާ ހުއްޓެވެ. ޒިވްޔަން ގެންނަ ހަރަކާތްތަކުން، ޒިވްޔަންގެ ބާރުގަދަ މުލައްދަނޑީގެ މަސްތަކަށް އަންނަ ވާންކަން ފެނި ސަރުވާއަށް ހިންދިރުވާލެވެއެވެ. ވަޔާއެކު ނިތްކުރިއަށް ފައިބާ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލާ ގޮތުގައި ވެސް ސިހުރެއް ވާކަހަލައެވެ. ލޮލުގައި އޮތް އަވިއައިނުނަގައި ޓީޝާޓުގެ ކަރުގައި އަޅުވާލުމުން އެތޫނުފިލި ދެލޯ ކަޝްފު ވިއެވެ. އިރުގެ އަލި އެ ރީތި ދެލޮލުގައި ނަށަމުން ދިޔަ ގޮތުން ސަރުވާގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ.
ޒިވްޔަން ވެސް ސަރުވާއަށް ބަލައިލިއެވެ. ލަދުރަކި ހިނިތުންވުމެއް ސަރުވާގެ ތުންފަތަށް ވެރިވިއެވެ. ޝަހާދަތް އިނގިލީގެ ނިޔަފަތީގައި ދަތްއަޅާލަމުން ސަރުވާ އަވަސް ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހިނގައިގަތީ ޒިވްޔަންގެ ގާތަށެވެ. ހިތް އެދޭ މަންޒިލަށް ވާސިލުވުމަށް ގަސްދުކުރި ދަތުރުގެ ފެށުމެވެ.
''ނީޑް ހެލްޕް؟...'' ސަރުވާ އެހިއެވެ. ކޯލް ގޯނި ހުޅުވާލި ޒިވްޔަން ސަރުވާއަށް ބަލައިލަމުން ބޯޖަހާލިއެވެ. މާނަފުން އުފާވެރިކަމެއް ޒިވްޔަންގެ މޫނުގައި ވިއެވެ.
ދެ ޒުވާނުން ވެގެން ހުރިހާ ކަމެއް ތައްޔާރު ކުރިއިރު ދެމެދުގައި ވާހަކަދެކެވެން ފަށައިފިއެވެ. ޒިވްޔަން ދަސްކުރަން ބޭނުންވެފައި ހުރި ސަރުވާ ވިސްނަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
''ޒެންގެ ހޮބީއަކީ ކޮބާތަ؟...'' އަލިފާންގަނޑު ރޯކުރަން ހުރި ޒިވްޔަންއާ ސަރުވާ ސުވާލުކުރިއެވެ. ސަރުވާ ހުރީ ޒިވްޔަންގެ ގާތުގައެވެ. ދޭތެރެއަކުން ޒިވްޔަން ކޮށްލާ ހަރަކާތްތަކުން ދެމެދުގައި އޮތް ދާއިރާ ހަނިވެގެން ދެއެވެ. އެ ހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވޭ ކޮންމެ ފަހަރަކު ސަރުވާގެ ގައިން ހީބިހި ނަގައިގެން ދެއެވެ.
''ފުޓްބޯލް...'' ޒިވްޔަންގެ ޖަވާބު އަވަހެވެ. ސަރުވާއަށް ހެވުނެވެ.
''ވަޓް އެބައުޓް ޔޫ؟...'' ބުމަ އަރުވާލަމުން ޒިވްޔަން އަހާލިއެވެ. ބޯއަރިކޮށްލަމުން ސަރުވާގެ މޫނަށް ފުން ނަޒަރެއް ދިނެވެ.
''އާމްމްމް...'' ސަރުވާ ލަދުގަންނަގޮތް ވިއެވެ. ''ބޭކިންގް، ސްނޯކްލިންގް އެންޑް ޑައިވިންގް...''
ސަރުވާ ދިން އާދަޔާ ހިލާފު ޖަވާބަށް ޒިވްޔަންގެ ސަމާލުކަން ހުއްޓުނެވެ. އާންމުގޮތެއްގައި އަންހެންކުދިންގެ ފަރާތުން ލިބޭ ޖަވާބުތަކާ މުޅިންވެސް ތަފާތެވެ. ޒިވްޔަންގެ ހިނިތުންވުން ފުން ވެއްޖެއެވެ. އިތުރަށް ސަރުވާއާ މެދު ޝައުގުވެރިކަން އުފެދުނެވެ.
''އައި ލަވް ޑައިވިންގް ޓޫ...'' ޒިވްޔަން ބުންޏެވެ. އެ ދެމެދުގައި ވާހަކަ ދެކެވެމުން ދިޔަ ވަރަކަށް އެއްގޮތް ކަންތައް ފާހަގަވާން ފެށިއެވެ. އެއީވެސް ގުޅުން ބަދަހިވާން ލިބުނު ރަނުގެ ފުރުސަތެކެވެ.
''ވަރަށް މިފަހުން ނައިޓް ޑައިވިންގްއަކަށް ވެސް ދިޔައިން...'' ޒިވްޔަން ކިޔައިދިނެވެ. ފޯނުގައި ރައްކާކުރެވިފައި ހުރި މަންޒަރުތައް ވެސް ސަރުވާއަށް ދެއްކިއެވެ. ޝައުގުވެރިކަން ސަރުވާގެ ދެލޮލުގައި ވިއެވެ. ޒިވްޔަންގެ ވާހަކަތައް އަޑުއަހައި އޭނާ ފޫއްސެއް ނުވެއެވެ. ހިތް އެދެނީ އެ ވާހަކަތަކައް ދިގުލައިގެން ދިއުމަށެވެ.
މާހައުލު ބަދަލުކޮށްލަން ޒިވްޔަން އޭނާ ގެނައި ބްލޫޓޫތު ސްޕީކަރުން އިނގިރޭސި ލަވައެއް ޖަހާލިއެވެ. ލަވައިގެ ޖާދޫގައި ސަރުވާ ޖެހުނެވެ.
''އައި ލައިކް ޔޯރ ސޯންގް ޓޭސްޓް...'' ސަރުވާ ބުންޏެވެ. ހުޅިޖަހާފައި އޮތް އިސްތަށިގަނޑު މިނިވަންކަމާއެކު އޭނާ ދޫކޮށްލިއެވެ. މޫނުގައި ބޮސްދިން ފިނި ރޯޅީއާއެކު ސަރުވާގެ ދިގު އިސްތަށިގަނޑު ވިހުރިގެން ދިޔައެވެ. އާގަމަ އަރާފައި ހުރި ޒިވްޔަންއަށް ސަރުވާ ބަލައިލުމުން، އަވަސްއަވަހަށް ޒިވްޔަން ދުރަށް ނަޒަރު ހިންގާލިއެވެ. ނުތަނަވަސްކަމާއެކު ބޮލުގެ ފުއްކިބައިގައި ވެސް ފިރުމާލައިފިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ސިއްރުކުރަން ސަރުވާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.
''ހާދަ ރޮމޭންޓިކް ލަވައެކޭ...'' އިވިގެން ދިޔައީ ކިޔާރާގެ އަޑެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުން އޭނާ ހިތްހަމަޖެހުނެވެ. ޒިވްޔަންއާއި ސަރުވާގެ ނަޒަރު ބައްދަލުވިއެވެ. މިފަހަރު ލަދުން އިސްޖަހާލުމުގެ ގަސްދެއް ސަރުވާ ނުކުރިއެވެ. ޒިވްޔަން ވެސް މެއެވެ. މަހިނޫރުގެ ވިދުން އެކުލެވިގެންވި ސަރުވާގެ ދެލޮލުގެ ޖާދޫއަށް ހިތް ހުޅުވާލީއެވެ.
''ދެން އަހަރުމެންނަށް ދޯ މަސައްކަތް އޮތީ؟...'' މަސްމިރުސްލައި ތައްޔާރުކޮށްފައި ހުރި ސޮސެޖާއި ކުކުޅުފައި ޓައްޕުތަކުގެ މަތި ނަގަމުން ކިޔާރާ ބުންޏެވެ. ޒިވްޔަންގެ ގާތުގައި ހުރި ދައިސާންއާއި ކިޔާރާ ނަޒަރު ބައްދަލުކޮށްލިއެވެ.
ސަރުވާ ޖެހިލީ ކިޔާރާގެ ގާތަށެވެ. އަތްގާތްކޮށްލަދޭށެވެ. އެގޮތް ކިޔާރާއަށް ކަމުނުދިޔައެވެ. އަތަށް އަންގީ ލައްވަން އުޅުނު ސަރުވާގެ އަތުގައި އޭނާ ޖަހާލިއެވެ.
''ނޫން!، ދޭބަލަ ޒިވްޔަން ގޮވައިގެން މޫދު ކައިރިއަށް، އޭނާ އަދިވެސް އެ ހުރީ އެކަނިވެލަން ބޭނުންވެފަ... ހީ ލައިކްސް ޔޫ!...'' ސިއްރުން ސަރުވާގެ ކަންފަތް ދޮށުގައި ކިޔާރާ ބުނެލިއެވެ. ނޫންކަމަށް ހަދާފައި ޒިވްޔަންއަށް ސަރުވާ ބަލައިލިއެވެ. ޒިވްޔަންއާ ހަތަރުކަޅި ބައްދަލުވުމުން ސަރުވާ ހިނިތުންވެލިއެވެ.
''ގޯ...'' ސަރުވާގެ އަތުގައި ކޮއްޓާލަމުން ކިޔާރާ ބުނެލިއެވެ. ''މިފަހަރު ނަންބަރު ދޭތި!...''
ކިޔާރާ ބާރުއަޅަން ފެށުމުން ސަރުވާ ހިނގައިގަތީ މޫދާއި ދިމާއަށެވެ. ފަޔާ ވަކިކޮށްލެވުނު އުސްކަށީގެ ފައިވާން ދުރުގައި ބަހައްޓަމުން ރާޅުފަށާ ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. ދަމުން ޒިވްޔަންއަށް އޭނާ ބަލައިލިއެވެ. ހިމޭންކަމުގެ ދުލުން ސަރުވާ ދިން އިޝާރާތް ޒިވްޔަންއަށް ނަގައިގަނެވުނެވެ. އިރުކޮޅެއް ފަހުން ސަރުވާގެ ފަހަތުން ޒިވްޔަން ވެސް ހިނގައިގަތެވެ.
ފަޓުލޫނުގެ ޖީބަށް އަތްޖަހާލައިގެން މަޑު ހިނގުމެއްގައި ދިޔަ ޒިވްޔަންއަށް ޒުވާން އަންހެންކުދިންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ޒިވްޔަންއަށް ފަރިދެއްކެން ވެސް އުޅުނެވެ. ނަމަވެސް ޒިވްޔަންގެ ސަމާލުކަން މުޅިންހެން ދެވިފައިވަނީ ރާޅުފަށް ކައިރީ ހުއްޓިގެން ހުރި ހޫރުޕަރީއަށެވެ. ސަރުވާ ނޫން ފަރާތެއް އޭނާއަށް ނުފެންނަ ކަހަލައެވެ. ދަމާބާރެއް އެ ދެެމެދުގައިވާ ކަހަލައެވެ. ރަނގަޅަށް ވެސް ސަރުވާ އޭނާ ދީވާނާކޮށްލައިފިއެވެ.
ސަރުވާގެ ދޮން މޫނަށް އިރުގެ އަލި އެޅިފައިވާ އިރު، ހިތްގައިމުކަމެއް އެކުލެވިގެން ވިއެވެ. ޖެހިލާ ރޯޅިތަކުން އިސްތަށިގަނޑާ ސަމާސާކުރަން ފެށިއެވެ. ރާޅުތައް އައިސް ފައިތިލަ ފޮރުވާލުމުން ލޮބުވެތި ހިނިތުންވުމެއް ސަރުވާގެ ތުންފަތުގައި ކުޅެލިއެވެ. ސިއްރުސިއްރުން އެ މަންޒަރު ފޯނުގައި ޒިވްޔަން ރައްކާކޮށްލިއެވެ.
''ބިއުޓިފުލް...'' ފޯނު ޖީބަށް ލަމުން ސަރުވާގެ ގާތަށް ޒިވްޔަން ދިޔައެވެ. ޒިވްޔަންގެ ތައުރީފުން ސަރުވާގެ ހިތް އުފާވިއެވެ.
އެ ވަގުތު ޖެހި ރާޅުން ބޫޓު ސަލާމަތްކުރަން ޒިވްޔަން އަވަސްއަވަހަށް ދުރަށް ޖެހިލުމުން ސަރުވާއަށް ހީލެވުނެވެ. ދޮންވެލިގަނޑު މައްޗަށް ވެއްޓުނު ޒިވްޔަންގެ އަވިއައިނު ނަގައި ސަރުވާ ދިއްކޮށްލިއެވެ.
''ބޫޓު ބާލާފައި އަހަންނާއެކު ހިނގާލަން ދެވިދާނެ؟...'' ސަރުވާ ދައުވަތު ނުދީގެން ޒިވްޔަން ހުރި ކަހަލައެވެ. އަވަސްއަވަހަށް އޭނާގެ ބޫޓު ދޮންވެލިގަނޑު މަތީ ބަހައްޓަމުން ފަޓުލޫނުގެ ފައިކުރި އޮޅާލިއެވެ. ފުރިހަމަ ހިނިތުންވުމަކާއެކު ސަރުވާގެ ގާތަށް އޭނާ ދިޔައެވެ.
އޮއްސެމުން ދިޔަ އިރުގެ ރީތިކަން މިއަދު ސަރުވާއަށް އެތައް ގުނައަކުން އިތުރު ވެއްޖެއެވެ. އޭނާއާ ގާތުގައި ހުރި ޒިވްޔަންއަށް އިރުއިރުކޮޅާ ބަލައިލައެވެ. ހަމަ އެފަދައިން ޒިވްޔަން ވެސް ސަރުވާއަށް ބަލައިލައެވެ. ހަތަރުކަޅި ބައްދަލުވާ ކޮންމެ ފަހަރަކު ދެ ޒުވާނުންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއެވެ. ހިމޭންކަމުގައި ވަގުތު ފާއިތުވަމުން ދިޔަކަމުގައި ވިޔަސް ދެ ހިތުގެ ހާލު އެކަކުއަނެކަކަށް އިހުސާސްކުރެވޭ ކަހަލައެވެ. ދޫހިމޭންވެފައިވި ހިނދު ލޮލުގެ އިޝާރާތުން އެތައް ކަމެއް ހާމަކުރެވުނެވެ.
ބާބެކިއު ނިމުނީ ސަރުވާއާއި ޒިވްޔަންގެ ހަޔާތުގައި މުޅިން އާ ބާބެއްގެ ފެށުމާއެކުގައެވެ. އެކުވެރިކަމުގެ ނަން ދެވިފައި ވިޔަސް އެ ގުޅުން އިތުރަށް ބަދަހިވެެގެން ދިއުމުގެ ގަސްދު ދެ ހިތުގައި ވެސް އޮތެވެ. ނަންބަރު ބަދަލުކުރެވުމުން ސަރުވާ އިތުރަށް ހަމަޖެހުނެވެ. ޒިވްޔަންއާ ގާތަށް އަޅާލެވުނު އިތުރު ފިޔަވަޅެކެވެ.
*****
އިޝާ ނަމާދުން ފޭބި ސަރުވާއަށް އޭނާގެ ފޯނު ބަލައިލެވުނެވެ. އެނދުގައި އިށީންނަމުން ފޯނު ހުޅުވާލީ ވައިބާއިން އައިސްފައި ހުރި މެސެޖުތައް ފެނިފައެވެ. ދަތުރުގެ ފޮޓޯތައް ކިޔާރާ ފޮނުވާފައި ހުއްޓެވެ. ވަގުތުން ފޮޓޯތައް ހާވާލެވުނެވެ. ދޮންވެލިގަނޑުމަތީ އޭނާއާއި ޒިވްޔަން އެކީގައި ކާން ތިބި ފޮޓޯއަށް ސަރުވާއަށް ބަލަން އިނދެވުނެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ގޮސް ޒިވްޔަންގެ ވަކިން ހުރި ފޮޓޯއެއް ލޮލުގައި އަޅައިގަތެވެ. ބާބެކިއު ސްޑޭންޓްކައިރީގައި ހުރި ފޮޓޯއެކެވެ. އަތުގައި އޮތް ޓޮންގުން ކުކުޅުފަޔެއް ފުރޮޅަން ހުރިއިރު ހިތްގައިމުކަމެއް އެ ފޮޓޯގައި އެކުލެވިގެންވެޔޭ ސަރުވާގެ ހިތަށް އެރިއެވެ. ފޮޓޯ ޒޫމްކޮށް ޒިވްޔަންގެ މޫނަށް ބަލަން ހުއްޓައި ސިހުނީ ބަތޫލްގެ އަޑަށެވެ. ސިހުނުވަރުން އަތުން ފޯނު ދޫވެގެން ގޮސް އެނދުކައިރީ އޮތް ކާޕެޓު މައްޗަށް ވެއްޓުނެވެ.
''މައި ގޯޑް!...'' ސަރުވާގެ ފޯނު ނަގަމުން ބަތޫލް ބުނެލިއެވެ. އަނގަ ތަންމިނަށް ހުޅުވާލަމުން ފޯނުން ފެންނަމުން ދިޔަ ޒިވްޔަންގެ ފޮޓޯއަށް އޭނާ ބަލަން ފެށިއެވެ.
''ކޮން އިރަކު ކޮޓަރިއަށް ވަނީ...'' ބަތޫލްގެ އަތުން ފޯނު އަތުލަމުން ސަރުވާ ބުންޏެވެ. ފޯނުގެ ސްކްރީނަށް ގެއްލިފައި އިނދެވުމުން ސަރުވާ އެތެރެއަށް ވަން އަޑެއް ވެސް އޭނާއަކަށް ނީވުނެވެ.
''އިރުކޮޅެއް ވެއްޖެ...'' ބަތޫލް ބުންޏެވެ. ''އޭނާ ހާދަ ރީއްޗޭ...''
''އަސްލުވެސްތަ؟...'' ސަރުވާއަށް އަހާލެވުނެވެ.
''ޔެސް!، ޕީޕަލް މެގަޒިންގެ ސެކްސިއެސްޓް މޭން އެލައިވް ލިބުން ހައްގު... ދޮންތީ...'' ތޫލި އަޑަކުން ބަތޫލް ބުންޏެވެ. އެ ވަގުތު ބަތޫލްގެ އަނގަމަތީގައި ފުންމައިގެންފައި ސަރުވާ އަތް އަޅައިފިއެވެ.
''ތަންކޮޅެއް މަޑުން ވާހަކަދައްކަބަލަ...'' ސަރުވާ އެދުނެވެ.
''އޯކޭ އޯކޭ... ދެން ބުނެބަލަ.... އާރ ޔޫ ފްރެންޑްސް ވިތު ހިމް ނައު؟...'' ބަތޫލް އެހިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު ސަރުވާ ބޯޖަހާލިއެވެ.
''ދޮންތީ...'' ސަރުވާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބަތޫލް ބުންޏެވެ. ''ޔޫ ބޯތު ވިލް ލުކް ގުޑް ޓުގެދާރ!...''
ސަރުވާއަށްޓަކައި ބަތުލް ހުރީ ނުހަނު އުފާވެފައެވެ. އަނގައިގެ ދަތްތައް ވެސް ފެންނަވަރުގެ ފުޅާ ހިނިތުންވުމަކާއެކުގައި އޭނާ ސަރުވާއާ ވާހަކަދައްކަމުން ދިޔައެވެ.
''މަންމަމެން ގާތު މިއިން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ...'' ސަރުވާ ބުންޏެވެ. ބަތޫލް ނިކަން އަވަހަށް ބޯޖަހައިފިއެވެ.
''އެކަމަކު ކޮންމެެވެސް ދުވަހަކުން ބުނަން ޖެހޭނެތާ...'' ވިސްނަން ހުރެފައި ބަތޫލް ބުނެލިއެވެ.
''އެ ދުވަސް އައިސް ޖެހުނީމަ އެކަމާ ވިސްނާނީ...'' ސަރުވާ ބުނެލިއެވެ. ''ނަމާދުކޮށްފިންތަ؟...''
''ޔެސް...'' ބަތޫލް އަވަސްއަވަހަށް ބުންޏެވެ.
''އެހެންވިއްޔާ ހިނގާ މަންމައަށް އެހީވާން...'' ބަތޫލް ގޮވައިގެން ސަރުވާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ކޮޓަރިން ނިކުތް އިރު މަންމައަށް އެހީވެދޭން ބައްޕަ ހުރިތަން ފެނުނެވެ. ހިނިތުންވެލެވުނު ބަތޫލްއާއި ސަރުވާ ބަދިގެއަށް ވަނެވެ.
''މަންމާ، މިރޭ ނުއެއް ކެވޭނެ...'' ތަށި އަތުރަން އުޅުނު ޒުބެއިދާއަށް ސަރުވާ ބަލައިލިއެވެ.
''އޯހ... ބާބެކިއު ދޯ... މަންމަ ހަނދާންވެސް ނެތޭ، އެހާ އަވަހަށް ދަރިފުޅު އައިސްފިވިއްޔާ...'' ޒުބެއިދާ ބުންޏެވެ.
''ކިޔާ ތަނަކަށް ދާންޖެހިގެން އަވަހަށް ނިންމާލަން ޖެހުނީ...'' ސަރުވާ ބުނެދިނެވެ.
''ކޮން ދުވަހަކުތަ ދަރިފުޅު ހޮސްޕިޓަލަށް ނިކުންނަން ޖެހެނީ؟...'' އާފާގު އަހާލިއެވެ.
''އަންނަ ހަފުތާގަ...'' ސަރުވާ ޖަވާބު ދިނެވެ.
*****
ދިހައެއް ޖެހިފަހުން ޒިވްޔަންގެ ފުރަތަމަ މެސެޖު ސަރުވާއަށް ލިބުނެވެ. އެނދުގައި އޮތް ސަރުވާއަށް ފުރޮޅިލެވުނެވެ. އަތުގައި އޮތް ވާހަކަ ފޮތް އޭނާ ލައްޕާލިއެވެ.
''ވަޓް ޔޫ ޑުއިންގް؟...'' ޒިވްޔަން ލިޔުނު މެސެޖަށް ބަލަން އެތައް އިރަކު ސަރުވާ އޮތެވެ.
''ހާއި...'' ދޭނެ ޖަވާބެއް ވިސްނަން އޮވެފައި ސަރުވާ ލިޔުނެވެ. ''ވާހަކައެއް ކިޔަނީ...''
''ތެންކިއު ފޯރ ޓުޑޭ......'' ސިކުންތެއް ވެސް ނުވަނީސް ޒިވްޔަންގެ ޖަވާބު އައެވެ. ''ކޮން ވާހަކައެއްތަ ތި ކިޔަނީ؟...''
''ލަވިންގް މިސްޓަރ ޑެނިއަލް...'' ފޮތުގެ ބޭރުގަނޑުގެ ފޮޓޯއެއް ނަގައި ޒިވްޔަންއަށް ސަރުވާ ފޮނުވާލިއެވެ.
''ރޮމޭންސް...'' ޒިވްޔަން ޖަވާބުގައި ލިޔުނެވެ.
''ޒެންވެސް ވާހަކަ ކިޔަންތަ؟...'' ސަރުވާގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.
''ޔެސް، އެކަމަކު ބޮޑަށް މިސްޓްރީ އެއްޗިސް ކިޔައީ... އެކަމަކު ސަރޫ ބުނެފިއްޔާ ލޯބީގެ ވާހަކައެއް ވެސް ކިޔައިފާނަން... ކޯޗެއްތަ އަހަންނަށް ރެކޮމެންޑް ކުރާނީ؟...''
ސަރުވާ އަވަސްއަވަހަށް ފޯނުން ''ބުކްސް'' އެޕްލިކޭޝަން ހުޅުވާލިއެވެ. ކިޔާފައި ހުރި ވާހަކަތައް ހާވާލަމުން އެންމެ ކަމުދާ ވާހަކަ ޒިވްޔަން ގާތު ބުންޏެވެ. އެއާއެކު އެ ދެމެދުގައި ތަފާތު އެކިއެކި މައުޟޫއުތަކަށް ވާހަކަދެކެވެން ފެށުނެވެ. ޒިވްޔަންގެ ހިޔާލާއި ވިސްނުން ސަރުވާއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. ވާހަކައިގެ ތެރޭން ޑައިވިންގްއަށް ގޮސް އޭނަ ނަގާފައި ހުރި ފޮޓޯތައް ވެސް ޒިވްޔަންއާއި ހިއްސާކުރިއެވެ. އަދި ފީނަން ގޮސް އުޅުމުގައި ދިމާވި ކަންތައް ވެސް ފޫހިކަމެއް ނެތި ޒިވްޔަންއާ ހިއްސާކުރިއެވެ.
ވަގުތު ދިޔަ ގޮތެއް ވެސް ސަރުވާއަކަށް ނޭނގުނެވެ. ނިދީގެ ޒައްރެއްގެ މިންވަރު ވެސް އެ ދެލޮލުގައި ނެތެވެ. ދޭއް ޖެހިކަން ވެސް ރޭކާލީ ގަޑި ބަލައިލެވުމުންނެވެ. އެހާ ލަސްވަންދެން ހޭލާ އުޅުމަކީ ސަރުވާގެ އާދައެއް ނޫނެވެ.
''ވަރަށް ލަސްވެއްޖެ، ފަތިސް ނަމާދަށް ވެސް ތެދުވަން ޖެހޭނެ، އަދި މާދަން ހެނދުނާ އެބައޮތް ޑްރައިވިންގް ޓެސްޓު ވެސް...'' ސަރުވާ ލިޔުނެވެ. ވަކިވާން ބޭނުން ނުވިޔަސް ހެނދުނު އޮތް ޑްރައިވިންގް ޓެސްޓަށް ގަޑި ޖެހިދާނެތީ އިތުރު ގޮތެއް އޭނާއަކަށް ނެތެވެ.
''ގުޑް ނައިޓް އެންޑް ގުޑް ލަކް ފޯރ ޓުމޯރޯ...'' ޒިވްޔަންގެ މެސެޖުން ސަރުވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
''ގުޑް ނައިޓް...'' ސަރުވާ ލިޔުނެވެ. ފޯނު ގެނެސް މޭގައި ޖައްސާލަމުން ސަރުވާއަށް ހީނލެވުނެވެ. އޭނާއަށް ނިދުނީ ވެސް މޭގައި ފޯނު ޖައްސައިގެން އޮތްވައެވެ.
(ނުނިމޭ)