ވާހަކަ

ދޭތޯ ތި ހިތް - 7

4

މުޅިދުވަސް މިރާހްއާއެކު ހޭދަކޮށްލަން ލިބުމުން ތާރާގެ ހިތުގައި އުފެދިފައި އޮތް ހިތްހަމަނުޖެހުމުގެ އަސަރުތައް ފިލައި ލޯބީގެ ކުލަތަކުން ރަންގު ވެއްޖެއެވެ. އޭނާ ގޮވައިގެން ޑޭއި ވިޒިޓަކަށް މިރާހް ރިސޯޓަށް ދިއުމުން ވަކިން ބޮޑަށް އުފާވިއެވެ. ހެނދުނުހެނދުނާ ހިނގައިދިޔަ އަރައިރުން މަތިން ވެސް އޭނާ ހަނދާން ނެތްފަދައެވެ. މިރާހްއާ އެކުގައި ހޭދަކުރެވުނު ވަގުތުތައް އިންސްޓަގްރާމަށް ދޫކޮށްލުމާއެކު ރައްޓެހިންގެ ފަރާތުން ލިބެން ފެށި ތައުރީފުގެ ބަސްތަކުން އިތުރަށް އޭނާ އުފާވިއެވެ.

އިރުއޮއްސެމުން ދިޔަ ވަގުތަށް ވުމާއެކު އުދަރެހުން ފެންނަމުން ދިޔައީ މަޑު އޮރެންޖު ކުލައެވެ. ވިލާތައް ވެސް ގިނަ ދުވަހަކަށް ވުމުން އެ މަންޒަރަށް އިތުރު ދިރުމެއް ގެެނެސްދިނެވެ. ރޯޅިތައް ވެސް މަޑުވެފައި ކަނޑުގެ ސަތަހައަށް ވެސް ވެރިވެފައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ބަލއިލަން ރީތި ހިތްގައިމުކަމެއް އިރުއޮއްސެމުން ދިޔަ މަންޒަރުގައި އެކުލެވިގެން ވިއެވެ.

ވޯޓާވިލާގައި ހުރި ހެމޮކްގައި އޮށޯވެލައިގެން އޮތް މީރާހްގެ އަތުގެ ތެރެއަށް ވަދެ އޮތް ތާރާއަށް ބަލައިލެވުނީ މިރާހްގެ ދެލޮލަށެވެ. ތާރާގެ ތުންފަތާ ކުޅެމުން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ކަސްރަތާއެކު ހަބަރިއަށް އަތުރާލެވިފައިވި މިރާހްގެ ބަނޑުގެ މަސްތަކުގައި އަތުގެ އިނގިލިތައް ހިންގާލަމުން ކުރިއަށްވުރެ ބޮޑަށް މިރާހްއާ ގާތަށް ތާރާ ޖެހިލިއެވެ. ޒަމާނާއި ފެޝަނާ އެއްގޮތަށް ބައްޓަން ވެފައިވާ މިރާހްގެ ހަށިގަނޑަކީ ތާރާއަށް ނުހަނު ކަމުދާ ސިފައެކެވެ.

''ސޮރީ...'' ހެނދުނު ހިނގައިދިޔަ އަރައިރުންވުމަށް ތާރާ މައާފަށް އެދުނެވެ. އެ ދެމެދުގައި ނުތަނަވަސްކަމެއް އޮންނަން ތާރާ ބޭނުމެއް ނުވެއެވެ. އޭނާ މީރާހް ދެކެ ލޯބި ވެއެވެ. ހިތަށް ތަދުވެ ރުޅިވެރިކަން އުފެދެނީ މިރާހް އޭނާއަށް ވަގުތު ނުދޭތީއެވެ.

''ތާރާގެ ގާތުން މައާފަށް އެދެން ޖެހޭނީ އަހަރެން... ތާރާއަށް ދެން އަހަރެން ވަގުތު ދޭނަން...'' މިރާހް ބުންޏެވެ. ޖެހިލި ލުއި ރޯޅިއާއެކު ތާރާގެ ފަން އިސްތަށިގަނޑު ވިހުރުނެވެ. އެ މޫނަށް ފޭބި އިސްތަށިކޮޅުތައް މިރާހް އެއްފަރާތްކޮށްލަދިނެވެ. ތާރާގެ ރީތިކަމާ އެ ހިތް ދެކޮޅެއް ނުހަދައެވެ. އެ ކަތި ނަޒަރުންނާއި ރީތިކަމުން ހަށިގަނޑު ހޭލައިގެންދެއެވެ. ޖިސްމުގެ ގުޅުމަށްވުރެ ހިތާހިތުގެ ގުޅުމެއް އެ ދެމެދުގައި އޮންނަން އޭނާ ބޭނުމެވެ. ބަސްނާހާ ހިތަށް އޭނާ ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ ތާރާ ދެކެ އޭނާއަށް ލޯބިވެވިދާނެ ހެއްޔެވެ؟

''ތެންކިއު...'' މިރާހްއާ ދެމެދުވި ދާއިރާ ހަނިކޮށްލަމުން އެ މޫނުން ތާރާ ވަސްގެނެލިއެވެ. ފިރިހެންވަންތަ އާފްޓާޝޭވްގެ ވަސް އޭނާގެ ހިނދުރީގެ ތެރެއަށް ވިރިގެން ދިޔައެވެ. މިރާހްއާ ނަޒަރު ބައްދަލުކުރަމުން، މިރާހްގެ ކަތުރުކަށިގަނޑުގައި ޝަހާދަތްއިނގިލި ހިންގާލިއެވެ. އޭރު ތާރާގެ ތުންފަތުގައި ވަނީ މަސްތީ ހިނިތުންވުމެކެވެ.

''އައި ލަވް ޔޫ...'' ތާރާ ބުންޏެވެ. ރައްދުދޭން ފަސްޖެހުނު މިރާހް ކުރިއަށް ޖެހިލައި ތާރާގެ ތުންފަތުގައި ބޮސްދިނެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. ލޯބިވާކަން ތާރާ ހާމަކޮށްފިނަމަ އެ ލަފުޒުތައް ޚުދު އޭނާގެ ދުލާ ހަމައަށް ގެންނަން މިރާހްއަށް ވަނީ ވޭނަކަށެވެ.

*****

ނިދަން ތައްޔާރުވަމުން ދިޔަ މާހުތާބްއަށް ހައިރާންކަމެއް ލިބުނީ ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑަށެވެ. ރީތިވާ މޭޒުގެ ގޮނޑިން އޭނާ ތެދުވުނެވެ. އަތުގައި އޮތް މޮއިސްޗަރައިޒާ ފުޅި ރީތިވާ މޭޒުމަތީ ބަހައްޓަމުން އޭނާ ހިނގައިގަތީ ކޮޓަރީގެ ދޮރު ހުޅުވުމަށެވެ. ދޮރުކުރިމަތީ ހުރި ތާރާ ފެނުމުން މާހުތާބްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ސުވާލުވެސް އުފެދުނެވެ. އިރުކޮޅެއް ވަންދެން ތާރާގެ މޫނަށް ބަލަން ހުރެފައި ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީ އެތެރެއަށް ވަނުމަށް ތާރާއަށް ދިން އިޝާރާތެއްގެ ގޮތުންނެވެ.

''މާމާ...'' ތާރާ އެތެރެއަށް ވަންނަމުން ގޮވާލިއެވެ.

''ހާދަ ލަސް ގަޑިއެއްގަ ތިއައީ... ހުރިހާކަމެއް ރަނގަޅުތަ؟...'' ކޮޓަރީގައި ހުރި ބޮޑު ސޯފާއަށް އިޝާރާތްކުރަމުން މާހުތާބް ބުންޏެވެ. މާހުތަބް ފަހަތުން ގޮސް ތާރާ ވެސް ސޯފާގައި އިށީނެވެ. އޭނާގެ އަތުގައި އޮތް ކޮތަޅު ސޯފަކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ ބާއްވަމުން މާހުތާބްއާ ދިމާއަށް އެނބުރިލިއެވެ.

''މާމަ ގާތުން މައާފަށް އެދެން މިއައީ... މާމަ ހިތްހަމަނުޖެހޭ ފަދަ ކަމެއް ދެން ތަކުރާރެއް ނުކުރާނަން...'' ތާރާގެ މޫނުން މާޔޫސްކަން މާހުތާބް ދުށްޓެވެ. ކުރެވުނު ކަންތަކާ މެދު ހަގީގަތުގައި ވެސް ތާރާ ދެރަވެފައި ހުރިކަން އޭނާއަށް ނަގައިގަނެވުނެވެ. ތާރާގެ މޫނަށް ބަލަން އިނދެފައި ތާރާގެ އަތުގައި އޭނާ ހިފިއެވެ.

''ދަރިފުޅާ މެދު މާމަގެ ވަރަށް ބޮޑެތި އުއްމީދުތަކެއް އެބަހުރި، އެހެންވެ ބައެއް ފަހަރު ދަރިފުޅާ މެދު ހަރުކަށިކަން ބެހެއްޓެނީ... މާމަ ގަބޫލުކުރަން ތާރާ އުޅެބޮޑުވީ ތަފާތު މާހައުލެއްގައިކަން، އެކަމަކު ތިއީ މިހާރު މި އާއިލާގެ މެންބަރެއް، މިރާހްގެ އަނބިމީހާ، ދަރިފުޅު ވާން ޖެހޭނެ ހުރިހާ އެންމެނަށް ވެސް ނަމޫނައަކަށް... މިރާހްއަކީ މި އާއިލާގެ މުސްތަގުބަލް... އެ ދަރިފުޅާ މެދު މާމާ ވަރަށް ފޮނި ހުވަފެންތައް ދެކެން... ތާރާއާ މެދުގައި ވެސް މާމަގެ އުއްމީދުތަކެއްވޭ... ބޭރުތެރޭގައި މީހުން ތަފާތު ވާހަކަތައް ދައްކަން ފަށައިފިއްޔާ ދަރިފުޅަށް ވެސް އެކަމުގެ ނެދެވޭ އަސަރުކުރަން ފަށާނެ......'' މާހުތާބްގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ. ކުލްޘޫމާގެ ވާހަކަތަކަށް ބުރަވެ ތާރާގެ މިޒާޖުގައި ހުރި ތަފާތުތައް އޭނާ ގަބޫލުކުރިއެވެ. ތާރާއަށް ވިސްނައިދޭން ބޭނުންވަނީ ވެސް އެހެންވެއެވެ. ހަރުދަނާ، ގެވެހި އަންބަކަށް ތާރާ ވާތަން ދެކެން ބޭނުންވާކަން ވެސް އޭނާ ހާމަކުރިއެވެ.

''މިހެން މާމަ ބުނުމުން ދަރިފުޅު ހީކުރާނީ މުސްކުޅި ވިސްނުމެކޭ، މި ޒަމާނަކަށް ނުފެތެޔޭ... އެކަމަކު ފިރިމީހާއަށް އެންމެ ބޮޑު ހިތްވަރެއް ލިބޭނީ ހަރުދަނާ އަންބަކު ގާތުގައި ހުރުމުން، ދެބަސްވުންތަކާ ދުރުވެ ދެމެދުގައި އޮތް ލޯބި އިތުރުވާނީ ވެސް އޭރުން...'' މާހުތާބް ބުންޏެވެ. ތާރާ އިނީ މާހުތާބްގެ ވާހަކަތައް ކަނުލާ އަޑުއަހަންށެވެ. މިރާހް ދެކެ އޭނަ ލޯބި ވެއެވެ. ބާއްޖަވެރި ހަޔާތެއް ލިބުމަށް އެދެވެއެވެ. އެހެންވުމުން މިރާހްގެ އާއިލާއަށް ވެސް ވަގުތު ދޭން ޖެހޭނެކަން އޭނާ ގަބޫލުކުރިއެވެ.

''މާމަ ބޭނުން ގޮތަކަށް އަހަރެން ކަންތައް ކުރާނަން...'' ތާރާ ބުންޏެވެ. މަޑުމަޑުން މާހުތާބްގެ އަތަށް ވެސް އޭނާ ފިތާލިއެވެ. އެ ދެލޮލުން ފެންނަމުން ދިޔަ ސާބިތުކަން ފެނި މާހުތާބްގެ ހިތަށް ހަމަޖެހުން ވެރިވެގެން ދިޔައެވެ.

''ވަރަށް އުފާވެއްޖެ... ދަރިފުޅަށް މާމަ އިރުބާރުކުރަން... ވާހަކަދައްކާލެވުމުން މާމާ އިތުރަށް ހިތްހަމަޖެހިއްޖެ... ދަރިފުޅު ތީ މިރާހްއަށް އެންމެ ރަނގަޅު ބައިވެރިޔާކަން ވެސް ޔަގީންވެއްޖެ...'' މާހުތާބްގެ ހިތުގައި އޮތް ކަންބޮޑުވުންތައް ފިލައިފިއެވެ.

މާހުތާބްގެ ގައިގައި ތާރާއަށް ބައްދާލެވުނެވެ. އެ ވަގުތު މާހުތާބްގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ. އެ ހިތުގައި އޮތް ބުރަކަން ފިލައި ލުއިވެގެން ދިޔަކަން އިހުސާސްކުރެވުނެވެ.

''މާމައަށް ދޭން ހަދިޔާއެއް ހިފައިގެން މިއައީ...'' ތާރާ ބުންޏެވެ. އަދި މޭޒުމަތީ އޮތް ކޮތަޅު ނަގައި މާހުތާބްއަށް ދިއްކޮށްލިއެވެ.

''އަނެއްކާ ކޯޗެއްތަ؟...'' މާހުތާބް ޝައުވެރިވެއްޖެއެވެ.

''ރިސޯޓް ސްޕާއިން ފެނުނު ކްރީމްތަކެއް، މާމަގެ ހަންގަނޑަށް ވަރަށް ރަނގަޅުވާނެ...'' ޒުވާންކަމަށް މާހުތާބް ކުރާ ލޯބި ފެނިފައިވުމުން މާހުތާބްގެ ހިތް ރުއްސާނެ އުކުޅުތައް ތާރާއަށް ވަނީ ދަސްވެފައެވެ. ހަގީގަތުގައި ސުލްހައިގެ ހަދިޔާއެއްގެ ގޮތުގައި ރީތިވާ އެއްޗިސް ހިފައިގެން އައީ މާހުތަބް އޭނާ ދެކެ ރުޅި އައިސްފައި ހުރެދާނެތީއެވެ. ނަމަވެސް މާހުތާބްގެ ފަރާތުން އޭނާއަށް ފެނުނީ އޯގާތެރިކަމެވެ.

''ދަރިފުޅު ހާދަ ރަނގަޅޭ...'' މާހުތާބް ނިކަން އުފާވެއްޖެއެވެ.

''މީ މޫނު ދޮންނަން ފޭސް ވޮޝް، ދެން މީ ހެނދުނު ލާން ކްރީމް، މިއީ ރޭގަނޑުގެ މޮއިސްޗަރައިޒާ...'' ކޮތަޅުގައި ހުރި އެއްޗެހީގެ ތަފުސީލުތައް ވަކިވަކިން ދެމުން ތާރާ ބުންޏެވެ. މާހުތާބްގެ ތުންފަތުގައިިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

*****

މެންދަމެވެ. އެނދުގައި ދެއަތަށް ފުރޮޅެމުން ދިޔަ ޒިވްޔަންއަށް ނިދޭ ގޮތެއް ނުވިއެވެ. މާދަމާ ސަރުވާއާ ބައްދަލުވުމުން ކަންތައް ކުރާނެ ގޮތަކާ މެދު ވިސްނަން ހަދައިގެން ޒިވްޔަންގެ ދެލޮލާ ނިދި ވަނީ ދުރުވެފައެވެ. ސަރުވާގެ ހިޔާލުތަކުން ވެސް އަމިއްލައަށް އޮވެ އޭނާއަށް ހިނިތުންވެވެއެވެ. އެ ސޫރަ ތަސްވީރުކުރަމުން ފުންނޭވާއެއް ޒިވްޔަން ދޫކޮށްލިއެވެ.

ނުނިދޭނެކަން ޔަގީންވުމުން އޭނާ އެނދުން ތެދުވުނެވެ. ޓީޝާޓެއް ބޮލަށް މަހާލަމުން އޭނާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ސްވެޓްޕޭންޓަށް ދެއަތް ޖަހާލައިގެން ހުރެ ގޮސް ލިފްޓަށް އޭނާ އެރިއެވެ. ޒިވްޔަންގެ މިސްރާބު ކަމުގައިވީ ބަދިގެއެވެ. އޭނާއަށް ނުނިދޭނެކަން ޔަގީންވުމުން ކޮފީއެއް ބޯ ހިތް ވިއެވެ.

މުޅި ގެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމާއި ފަނޑު އަލިކަމެވެ. ބަދިގެއަށް ވަން ޒިވްޔަންގެ ހަރަކާތްތަކުން ވެސް އެއީ އޭނާ އާންމުކޮށް ކުރާކަމެއްކަން އެނގެއެވެ. ކޮފީ ހަދައިގެން ޒިވްޔަން ދިޔައީ ގޭގެ ޓެރެސްއަށެވެ. އެތަނުގައި ވެސް ވަނީ ފަނޑު އަލިކަމެކެވެ. ޓެރެސްގެ ބޮޑު ބައެއް އޮންނަނީ ހިޔާ ކޮށްފައެވެ. ސޯފާތައް ޖަހާފައި ހުރިއިރު އުނދޯއްޔެއް ވެސް ހުއްޓެވެ. ވަށިގަނޑުތަކުގައި ތަފާތު މާގަސްތައް ވެއެވެ. ފަނޑު އަލީގެ ތެރޭން ގަސްތަކުގެ ހިޔަނިތައް އޮތީ މުޅި މާހައުލަށް ވެރިވެފައެވެ. ލުއި ރާގެއް ތުންފަތުގައި އަޅުވާލަމުން އޭނާ ގޮސް އިށީނީ އުނދޯލީގައެވެ. އަތުގައި އޮތް ކޮފީތަށީގެ އާވިން ފަޒާގެ ގުލްޝަން ވެފައިވަނީ ކޮފީގެ މީރު ވަހުންނެވެ. ދުރުން ފެންނަން އޮތް އުޑަށް ނަޒަރު ހިންގާލަމުން ޒިވްޔަން ކޮފީ ތަށިން ކޯވަރެއް ބޯލިއެވެ.

ޒިވްޔަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ ސަރުވާގެ އަލި މޫނު އަނދިރީގެ ތެރޭން ސިފަކުރެވުމުންނެވެ. އެއީ ހިތަށް ހަމަޖެހުން ގެނެސްދިންކަމެކެވެ. އެ ރީތި ހިނިތުންވުމުން ހިތުގެ ހިނގުން ވެސް އަވަސްކުރުވިއެވެ. ހިތުގައި ވިންދު ޖަހަން ފެށި ޖަޒުބާތުތަކުގެ ބާރު އޭނާއަށް އިހުސާސްކުރެވުނެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެކަން އޭނާ ދުވަހަކު ގަބޫލެއް ނުކުރެއެވެ. އޭނާ ހީކުރީ އެއީ ވާހަކަތަކާއި ފިލްމުތަކުން ފެންނަ ބުއްދިއަށް ގަބޫލުކުރަން އުނދަގޫ ހާލަތެއް ކަމަށެވެ. ނަމަވެސް މިއަދު ޚުދު އޭނާއަށް އެކަން ތަޖުރިބާ ކުރަން އެވަނީ ޖެހިފައެވެ. ވާރޭގައި ޖެހިފައި ހުރި ސަރުވާ ފެނުނު ދުވަހުން ފެށިގެން އެ ހިތް އިހުތިޔާރުން ދޫވެއްޖެއެވެ.

''ޒެން!...'' ޒިވްޔަން ސިހިގެން ދިޔައީ މިރާހްގެ އަޑެވެ. ހިޔާލުގެ ވާފަށް ކެނޑިގެން ދިޔައީނުން އަތުގައި އޮތް ކޮފީ ތަށި ވެސް ބަންޑުން ނުވީ ކިރިޔާއެވެ.

''ދޮންބެ...'' ބާރުވެގެން ދިޔަ ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުން ޒިވްޔަން ނުތަނަވަސްކަމުގެ ހިނިތުންވުމެއް ދިނެވެ. ޒިވްޔަންއަށް ބަލަން ހުރި މިރާހް އައިސް ޒިވްޔަންގެ ގާތުގައި އިށީނެވެ. އިސްޖަހަން އުޅުނު ޒިވްޔަންގެ މޫނުގެ ކުލަވަރުތައް އޭނާއަށް ފެނި ހިނި ވެސް އާދެވުނެވެ.

''ޖިންނިއަކާއެކު ހުއްޓާތަ މި އާދެވުނީ؟...'' މިރާހް ސަމާސާކޮށްލިއެވެ.

''ތިހެން ވެސް ބުނެވިދާނެ...'' މާނަފުން ހިނިތުންވުމަކާއެކު ޒިވްޔަން ބުންޏެވެ. ''ދޮންބެއަށް ވެސް ނުނިދިގެންތަ؟...''

''އުހޫނ... ތާރާ އަންނާނެ އިރުކޮޅަކުން...'' އަތުގައި އޮތް ދެ ކޮފީ މަގު ދައްކާލަމުން މިރާހް ބުނެލިއެވެ.

''އޯހ... ރޮމޭންޓިކް މިޑްނައިޑް އެޑެވެންޗާސް ދޯ؟...'' ލާނެއް ރަގަކަށް ޒިވްޔަން ހީލިއެވެ.

''ވާހަކަ އަނބުރަން ނޫޅޭ... ދޮންބެ ބިރުން ހުރެ ޒެން ގާތަށް މިއައީ ވެސް... މިތާ އަނދިރީގެ ތެރޭ އިނދެ ހިނިތުންވަމުން ދިޔަ ގޮތުން ހީވީ މޮޔައެއްހެން...'' މިރާހް ބުނެލިއެވެ.

''ހެހެހެ...'' ޒިވްޔަން ހީގަތެވެ. އަދި މިރާހްގެ މޫނަށް ބަލައިލިއެވެ. ބޮލުގެ ފުއްކިބައިގައި އަތް ހިންގާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. ވާހަކައެއް ދައްކަން ބޭނުންވެފައިވާކަން އެ ދެލޮލުން ބުނެދިނެވެ.

''ލޯބިވެވުމުން އެނގޭނީ ކިހިނެއްތަ؟...'' ޒިވްޔަންގެ ސުވާލުން މިރާހް ސިހުނެވެ. އޭނާއަށް ބަލަން އިނދެވުނީ ޒިވްޔަންގެ މޫނަށެވެ. އެ ސުވާލަށް ޖަވާބުދޭން ވެސް އޭނާއަކަށް ނޭނގުނެވެ. ދިރިއުޅުމުގެ އެ ބާބުގައި އޭނާ ވަނީ ނާކާމިޔާބުވެފައެވެ. ހަމައެއާއެކުގައި ލޯބީގައި އޭނާއަކީ މާހިރެއް ވެސް ނޫނެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯތްބަށް ފުރަގަސްދީފައި އޭނާ ޒަވާޖީ ހަޔާތެއް ފެށީ ބީރައްޓެއްސަކާއެކީގައެވެ. ލޯބީގެ މައުޟޫއުއަށް ޒިވްޔަންއަށް އިރުޝާދު ދިނުމުގައި އޭނާ ކުފޫ ވެސް ހަމަ ނުވެއެވެ.

''އެމީހެއްގެ މަތިން އަބަދު ހަނދުމަ ކުރެވެންޏާ އެހުރީ ލޯބިވެވިފައި...'' އިވުނީ ތާރާގެ އަޑެވެ. ދެބެއިންގެ ނަޒަރު ވެސް ތާރާއަށް ހުއްޓުނެވެ. ތާރާ ފެނުމުން މިރާހް ހިނިތުންވެލިއެވެ.

''ދޮންތަބެ ހާދަ އެކްސްޕީރިއެންސް އެބަހުއްޓޭ...'' ސަމާސާ ރާގަކަށް ޒިވްޔަން ބުންޏެވެ. ތާރާ އައުމުން މިރާހްގެ ދެމަފިރިންނަށް ވަގުތު ދެމުން ޒިވްޔަން ދާން އުޅުނެވެ. އޭރު ތާރާގެ ޖުމްލައާ މެދު އޭނާއަށް ފުންކޮށް ވިސްނެމުން ދިޔައެވެ.

''ދަނީތަ؟...'' އުނދޯލިން ޒިވްޔަން ތެދުވުމާއެކު ތާރާ އެހިއެވެ.

''ރޮމޭންޓިކް ނައިޓް އަހަންނާ ހެދި ހަރާބުވާކަށް ބޭނުމެއް ނޫން...'' ސްވެޓްޕޭންޓްގެ ޖީބަށް އަތްޖަހާލަމުން ޒިވްޔަން ބުންޏެވެ.

''ހޫމްމްމް... އަހަރުމެންނަށް ފިލަން ތި އުޅެނީ... ލޯބީގެ ސުވާލުކޮށްފަ ތިހާ ފަސޭހައިން ދުކޮށްލާނެހެން ހީވޭތަ؟...'' ތާރާ ބުންޏެވެ. މިރާހްގެ އާއިލާއާ އޮތް ގުޅުން ބަދަހިކުރަން ތާރާ ބޭނުންވިއެވެ.

ޒިވްޔަން ބަލައިލީ މިރާހް އަށެވެ. ހިނިތުންވުމަކާއެކު މިރާހް ބޯޖަހާލުމުން ޒިވްޔަން އަނެއްކާވެސް އިށީނެވެ. މި ދުވަސްކޮޅު ދޮންބެ އޮފީހުގައި މާ ބުރަކޮށް އުޅެތީ ވެސް އޭނާ ހުންނަނީ މާޔޫސްވެފައެވެ. އަމިއްލަ ނަފުސު ވެސް ކުށްވެރިކުރެވެއެވެ. އާއިލީ ވިޔަފާރި ދޫކޮށް އަމިއްލަ ވިޔަފާރިއެއް ފެށުން އެއީ އެންމެ ރަނގަޅު ނިންމުންބާވައޭ ވެސް ހިތަށް އަރައެވެ. ދޮންބެގެ ހިތުގައި އޭނާއާ މެދު ބުރަކަމެއް އޮވެދާނެތީ ޒިވްޔަން ނުތަނަވަސްވެއެވެ. ނަމަވެސް ދޮންބެގެ ފަރާތުން ފެންނަ ލޯތްބާއި އޯގާތެރިކަމުން ޒިވްޔަންގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ދޮންބެގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވެސް ހިތުގައި ވަނީ ޝުކުރެވެ. ބައެއްފަހަރު އައިސް ރެސްޓޯރެންޓްގެ އޮޕަރޭޝަން ބަލައި ރަނގަޅުކުރަން ޖެހޭ ކަންތައް ވެސް ކިޔައިދޭނެއެވެ. ދޮންބެ އޭނާ ދެކެ ވާ ލޯބި އެފަދަ ކޮންމެ ވަގުތެއްގައި ޒިވްޔަންއަށް އިހުސާސްކުރެވެއެވެ.

ދެބެއިން ސޯފާގައި ހަމަޖެހިލުމުން ތާރާ އިށީނީ ވަކިން ހުރި ސަރަންފީއެއްގައެވެ. ސަރަންފީއަށް ދެފައި އަރުވަމުން މިރާހް ދިއްކޮށްލި ކޮފީތަށީގައި އޭނާ ހިފިއެވެ. ތާރާއަށް ފިނިވެފައިވާކަން މިރާހްއަށް ފާހަގަކުރެވުމާއެކު ސޯފާ ކުރިމަތީ ހުރި މޭޒު ދަށުން ރަޖާއެއް ނަގައި ތާރާގެ ހަށިގަނޑު ރަޖާއިން ނިވާކޮށްލަދިނެވެ. މަންޒަރު ބަލަން އިން ޒިވްޔަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެރޭންޖް މެރިއޭޖްއަކަށް ދޮންބެ ގަބޫލުވުމުން އޭނާއަށް ފުރަތަމަ ހައިރާންކަން ވެސް ލިބުނެވެ. ގަބޫލުކުރަން ވެސް އުނދަގޫވިއެވެ. ނަމަވެސް މިއަދު އެ ދެމެދުގައި އުފެދެމުންދާ ލޯބި ފެނި، އެވެސް ރަނގަޅު ނިންމުމެއްތާއޭ އޭނާގެ ހިތަށް އެރިއެވެ.

''ދެން ޒެން ބުނެބަލަ... ޒެންއަށް ކާކު ދެކެ ލޯބިވެވިގެން ތި އުޅެނީ؟...'' ތާރާ ދުލެއް ނުކުރިއެވެ. މިރާހް ވެސް ހިނިތުންވުމަކާއެކު ޒިވްޔަންއަށް ބަލައިލިއެވެ. ޝައުގުވެރިކަން އެ މޫނުގައިވެއެވެ.

''ސަމްވަން...'' ޒިވްޔަން ލަދުގަންނަ ގޮތް ވިއެވެ.

''މޫނު ރަތްވަނީއެއްނު...'' މިރާހް ދިމާކޮށްލިއެވެ. ކޮއްކޮއަށްޓަކައި އޭނާ ނުހަނު އުފާވިއެވެ. އޭނާއަށް ހާސިލު ނުވި ލޯބީގެ ރާހަތު ކޮއްކޮއަށް ލިބުމަށް އެދެވުނެވެ. ކޮއްކޮގެ ލޯބި ކާމިޔާބުވުމަށް ވެސް އެދެވުނެވެ.

''ކޮން ނަމެއްތަ ކިޔަނީ؟...'' ފައްޗަކަށް ސުވާލު އަތުރަމުން ތާރާ ދިޔައެވެ.

''ސަރުވާ...'' ހުވަފެނީ ރާގަކަށް ޒިވްޔަން ބުންޏެވެ.

''ޔޫ އާރ ޓޯޓަލީ އިން ލަވް!...'' ތާރާ ބުންޏެވެ. ޒިވްޔަންގެ ހިނިތުންވުން ފުންވާން ފެށިއެވެ.

''ލަސްނުކޮށް ލޯބިވާކަން ހާމަކުރޭ... އެހެން ނޫނީ އެހެން މީހަކު ސަރުވާ ގެންގޮސްފާނެ...'' ތާރާ އިތުރުކޮށްލިއެވެ. ޒިވްޔަންގެ ހިތް ތެޅިލިއެވެ. އެކަން އެހެންވާން ފުރުސަތެއް އޭނާ ނުދޭނެއެވެ. ސަރުވާގެ ހިތް އޭނާއަށް ދޭތޯ މޮޔައަކު ފަދައިން ފަހަތުން ދާން ޖެހިއްޖެއްޔާ އެކަން ކުރަން ވެސް އޭނާ ފަހެއް ނުޖެހޭނެއެވެ.

''ތެންކިއު ފޯރ ދި އެޑްވައިސް، އައިލް އެކްސްކިއުޒް މައި ސެލްފް...'' ޒިވްޔަން ތެދުވުނެވެ. ''ގުޑް ނައިޓް...''

ޒިވްޔަން ދިއުމާއެކު ތާރާއާއި މިރާހްއަށް ނަޒަރު ބަދަލުކޮށްލެވުނެވެ. ތާރާގެ ތުންފަތުގައި ވަނީ ފުން ހިނިތުންވުމެކެވެ. އޭނާ ތެދުވެލަމުން ގޮސް މިރާހްގެ އުނގުގައި އިށީނެވެ.

*****

ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ގަޑި ނުތަންވަޅުވަމުން ދިޔަ ވަރަކަށް ސަރުވާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. މިހާރު ތިން ފަހަރު ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ ފަރިކަން ބަލައިފިއެވެ. ސަރުވާ ލައިގެން ހުރީ ރީނދޫކުލައިގެ ދޫ ހެދުމެކެވެ. ފައިގެ ތަނބިކައްޓާ ހަމައަށް ހެދުން އަންނަ އިރު، ހިމުގައި އަޅުވާފައި އޮތް ބެލްޓްގެ ސަބަބުން ހަށިގަނޑުގެ ފުރިހަމަ ބައްޓަމަށް ހެދުން ހިފާލާފައި އޮތެވެ. ދޮންދޮން ހަށިގަނޑާއި ހެދުމުގެ ކުލަ ނިކަން ގުޅެއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި އޮތް އިރު ބައެއް އިސްތަށިތައް ވަކިވެގެން ގޮސް އޮމާން ކަނދުރާއަށް ފައިބާފައި ހުއްޓެވެ.

''ހާދަ ވަރަކަށް ލޯގަނޑަށް ތި ބަލަނީ؟...'' ބަތޫލްގެ އަޑަށް ސަރުވާ ސިހުނެވެ. ތުންދަމާލަމުން ސަރުވާ ދޮރާ ދިމާއަށް ބަލައިލިއެވެ. ހުއްދަ ހޯދުމަކާ ނުލައި ބަތޫލް ކޮޓަރިއަށް ވަދެއްޖެއެވެ. ސަރުވާ ފަރިވެލައިގެން ހުރުމުން ބަތޫލް ލާނެއް ހިނިތުންވުމެއް ދިނެވެ.

''ބާބެކިއުއަށް ދާން ވެސް ތި ދަނީ މެގަޒިން ޝޫޓަކަށް މީހަކު ނުދާ ވަރަށް ރީތިވެލައިގެން... އަހަންނަށް އޭރު ވެސް ހީވިޔޭ ދޮންތިއަށް ކަމެއް ވެއްޖެހެން... ޕާޓީއަށް ދިޔަ ފަހުން އަބަދު ހުންނަނީ ހިޔާލުތަކަށް ގެއްލިފައި...'' އުކުޅުގައި ދެ އަތް ވިއްދާލަމުން ބަތޫލް ބުންޏެވެ.

''މާ އޯވާރ ދޯ؟...'' ބަތޫލްގެ ޖުމްލައިން ސަރުވާ ކަންބޮޑުވެއްޖެއެވެ. މޫނުގައި ކޮށްފައި ހުރި މޭކަޕަށް ވެސް ބަލައިލިއެވެ.

''ރަނގަޅަށް ދޯ މި ހީކުރެވުނީ؟... މައި ގޯޑް!، ޔޫ މެޓް ހިމް، ޑިޑިންޓް ޔޫ؟...'' ބަތޫލް އަނގަމަތީ އަތްއަޅާލިއެވެ. ''ޕާޓީން އޭނާ ފެނުނީދޯ؟... މައި ގޯޑް... ޔޫ އާރ ޑެސްޓިންޑް ފޯރ ހިމް...''

''ބަތޫ!...'' ސަރުވާއަށް ދަމާލެވުނެވެ. ބާރުބާރަށް ހިނގާފައި ގޮސް ބަތޫލްގެ އަނގަމަތީ އަތްއަޅައިފިއެވެ.

''މަޑުން ވާހަކަދައްކަބަލަ، މަންމައަށް އަޑު އިވިދާނެޔޭ...'' ސަރުވާ ކަންބޮޑުވިއެވެ.

''އޯކޭ... އޯކޭ...'' ބަތޫލް ބުންޏެވެ. ''ޕްރޮމިސް!... އެއްވެސް މީހެއް ގާތު ނުބުނާނަން...''

ޝައްކުން ފުރިގެންވި ނަޒަރެއް ބަތޫލްއަށް ސަރުވާ ދިނެވެ. ތުންދަމާލަމުން ބަތޫލް ހަށަން ބަނދެލިއެވެ. އަދި ކުސްތަޅާލިއެވެ.

''ގަބޫލުކުރަމޭ އަނގަގަދަކަން، އެކަމަކު މި ވަހަކަ ނުބުނާނަމޭ... ގޯޑް ޕްރޮމިސް...'' ބަތޫލް ވައުދުވިއެވެ. ދެންވެސް ސަރުވާ އޭނާއަށް ދިނީ ޝައްކުގެ ނަޒަރެކެވެ.

''ފައިން!، ނުބުންޏަސް ރަނގަޅު، އެކަމަކު އަހަންނަށް މިހާރު ޔަގީންވެއްޖެ ދޮންތިއާ އޭނާ ދިމާވެއްޖެކަން......'' ބަތޫލް ބުންޏެވެ. އެ ވަގުތު ސަރުވާގެ ފޯނު ރިންގުވިއެވެ. އަވަސްއަވަހަށް އޭނާ ޖަވާބު ދިނެވެ. ތިރީގައި ތިބިކަން ހާމަކޮށް ކިޔާރާ ފޯނު ކަނޑާލިއެވެ. އަލަމާރިން ނެގި އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ސަރުވާ އަތްމަތި އަވަސްކޮށްލިއެވެ.

''ގުޑް ލަކް...'' ކޮޓަރިން ނިކުންނަން ސަރުވާ ދަނިކޮށް ބަތޫލް ބުނެލިއެވެ.

''އެއްވެސް މީހެއް ގާތު ނުބުނާނެކަމަށް ވައުދުވަންޏާ ފަހުން ކިޔައިދޭނަން...'' ހިއްސާކުރަން ދެކޮޅުހެދުމުން ބަތޫލް ދެރަވެދާނެތީ ސަރުވާ ބުންޏެވެ. ސަރުވާގެ ޖުމްލައާއެކު ބަތޫލް ހިނިތުންވެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟