ކާކޮޓަރިއަށް ވެރިވެފައި އޮތީ އާދަޔާ ހިލާފު ހިމޭންކަމެކެވެ. މާހުތާބު ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ޒިވްޔަން އިނެވެ. އޭނާގެ ނަޒަރު ހިނދުކޮޅަކަށް ވެސް މާހުތަބްގެ މޫނާ ވަކިނުވެއެވެ. ހަމަ އެފަދައިން މާހުތަބް ވެސް އިނީ އޭނާގެ މާމަ ދަރިފުޅަށް ބަލަހައްޓައިގެންނެވެ. ޒިވްޔަންގެ މޫނު ދަސްކުރަން ބަލަމުން ދިޔަ ކަހަލައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެވުނީ ކުލްޘޫމާ އަށެވެ. އެފަދަ ސުވާލެެއް ޒިވްޔަން މާހުތާބްއާ ކުރުމުން އޭނާ ހުރީ ކަންބޮޑުވެފައެވެ. މާހުތާބް ހިތްމަނުޖެހިދާނެތީ ވެސް މީހާ ފިނިވާ ގޮތް ވެއްޖެއެވެ.
''ދަރިފުޅަށް ކަމުދާ ކަހަލަ ކުއްޖެއް ހުރީތަ؟...'' މާހުތާބްގެ ތުންފަތް ދެމިލީ ހިނިތުންވުމަކާ އެކުގައެވެ. އޭނާގެ މޫނުން ޝައުގުވެރިކަން ފާޅުވެއްޖެއެވެ. ހަމަޖެހުމުގެ ނޭވާއެއް ކުލްޘޫމާއަށް ދޫކޮށްލެވުނީ ދެނެވެ. މާހުތާބްގެ މިޒާޖު ރަނގަޅަށް އެނގޭތީ އޭނާ ހުރީ ހާސްވެފައެވެ. ނަމަވެސް ޒިވްޔަންއާ ގުޅުވާލެވުމުން މާހުތާބްގެ މިޒާޖު މުޅިންހެން ބަދަލުވެގެން ދެއެވެ. އާއިލާގެ އެހެން މެންބަރުންގެ މައްޗަށް ނުފޫޒު ފޯރުވިޔަސް ޒިވްޔަންއަށްޓަކައި އެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވެގެން ދެއެވެ. ޒިވްޔަންގެ ކޮންމެ އެދުމަކަށް ރުހުން ދެނީ އުފަލާ އެކުގައެވެ.
''މިސާލަކަށް މިބުނީ... ކަމުދާ ކަހަލަ ކުއްޖެއް ހުރިއްޔާ މާމަ ބުނާނީ ކީކޭ؟...'' ޒިވްޔަން ހިނިތުންވެލިއެވެ. ޒިވްޔަންއާ ދިމާއަށް މާހުތާބް އެނބުރިލިއެވެ.
''މާމަ ޒެންގެ ހޮވުން އުފަލާއެކު ބަލައިގަންނާނަން، ދަރިފުޅަށް ކޮންމެކޮންމެ ކުއްޖެއް ކަމުނުދާނެކަން މާމައަށް އެނގޭ، އެހެންވީމާ ދަރިފުޅުގެ ހޮވުން ވަރަށް ހާއްސަވާނެ... މާމައަށް ދައްކާލަން ތިކުއްޖަކު ގެންނާނެ ދުވަހެއްގެ އިންތިޒާރުގައި މިހިރީ...'' މާހުތާބް ވެސް ހިނިތުންވެލިއެވެ. ދުލުން ހާމަ ނުކުރި ކަމުގައި ވިޔަސް، ޒިވްޔަންއަށް ކަމުދާ ކުއްޖެއް ފެނިއްޖެކަން މާހުތާބްއަށް ޔަގީންކުރެވުނެވެ.
''އަދި ކަމުދާ ކުއްޖެއް ނެތޭ، މާމަގެ ހިޔާލު ހޯދަން ވެގެންނޭ އެހެން ބުނީ، މިހާރު އެނގިއްޖެ އަހަންނަށް ކަމުދާ ކުއްޖަކަށް މާމަގެ ރުހުން ލިބޭނެކަން ވެސް...'' ޒިވްޔަން ވާހަކަ އޮޅުވާލަން އުޅުނެވެ. ޒިވްޔަންގެ ތުންފަތަށް ވެރިވި ސިއްރުވެރި ހިނިތުންވުން ހުޝިޔާރުވެ އިން މާހުތާބްއަށް ފާހަގަ ކުރެވުނެވެ. ހިނިތުންވުމަކުން ފުއްދާލީ ޒިވްޔަން އެކަމަށް ތައްޔާރުވުމުން ހުދު އޭނާ ގާތު ބުނާނެކަން ޔަގީންކުރެވޭތީއެވެ. ޒިވްޔަންގެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އެ ހިތަށް ލިބުނެވެ. ޒިވްޔަންއަށް ކަމުދާ ކުއްޖަކު ގެއަށް ނުގެނެސްގެން އުޅެތީ އޭނާ ހުރީ އެ ޒިންމާ އަމިއްލަ އަތަށް ނަގަން ތައްޔާރަށެވެ. ނަމަވެސް، ޒިވްޔަންގެ ވާހަކަތަކާއި އެ ތުންފަތަށް ވެރިވި ހިނިތުންވުމުން ޒިވްޔަންއަށް ވަގުތު ދޭން މާހުތާބް ގަސްދުކުރިއެވެ.
''ހާދަ ވާހަކަ ގިނަ ހެނދުނެކޭ...'' ކާކޮޓަރިއަށް ވަދެގެން އައީ ރުސްލާންއެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރި ރުސްލާންގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ދައްކައިދެއެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. އޭނާގެ ވައްޓަފާޅިއާއި މީހާގެ ހަރަކާތްތަކުން ވެސް ހައިބަތު ހުރިކަން ހާމަކޮށްދެއެވެ. ބޮލާއި ތުނބުޅީގެ އިސްތަށިތަކުގައި ކަޅަށްވުރެ ހުދު އިސްތަށިތައް ގިނަވެފައި ވިޔަސް، އަދިވެސް އެ މޫނުމަތިން ޒުވާންކަމާއި ސްމާޓްކަން ފާޅުވެއެވެ. ޒިވްޔަންއަށް ލިބިފައިވަނީ އޭނާގެ ބައްޕަގެ ސިފަތަކެވެ. ނަކަލެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާހުތާބްގެ ހިތުގައި ޒިވްޔަންއަށް އެހާ ބޮޑު ކުލުނެއް އުފެދިފައި ވަނީވެސް އެހެންވެއެވެ.
ރުސްލާންއަކީ މާހުތާބްއާއި ފައިރޫޒްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބައްޕަގެ މަރަށް ފަހު، ޢާއިލީ ވިޔަފާރިއާ ރުސްލާން ހަވާލުވެ ވިޔަފާރި ގެންގޮސްފައިވާ އުސްމިންތަކާ މެދު މާހުތާބް ނުހަނު ފަހުރުވެރިވެއެވެ. ''ބްލޫ ލެގޫން'' އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރި އަރާފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ފަސް ރިސޯޓު ހިންގައެވެ. ހުރިހާ ރިސޯޓެއް ވެސް ފަރުމާކުރެިވފައިވަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު ލަގްޒަރީ ހިދުމްތައް ދެވޭނެ ފަދައިންނެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ވެސް މަޝްހޫރުކަން ހޯދާފައި ވެއެވެ. ދުނިޔޭގެ ފެންވަރުން ގުނާލެވޭ އެވޯޑުތައް ވެސް ވަނީ ހާސިލުކޮށްފައެވެ.
ދަރިފުޅަށް މާހުތާބް ބަލައިލީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ. މަންމައާއި ހެނދުނުގެ ސަލާން ބައްދަލުކުރަމުން މާހުތާބްގެ ކަނާތްފާރާތުން ފުރަތަމައަށް ހުރި ގޮނޑީގައި ރުސްލާން އިށީނެވެ. ގޮނޑީގައި ހަމަޖެހިލަމުން ކުލްޘޫމާއަށް ވެސް ފުރިހަމަ ހިނިތުންވުމެއް އޭނާ ދިނެވެ.
''މިރާހް ކޮބާތަ؟...'' ހެނދުނުގެ ނާޝްތާ ތައްޔާރުވުމާއެކު މާހުތަބް އަހާލިއެވެ. ހިސާބެއްގެ ހިތްހަމަނުޖެހުން އޭނާގެ އަޑުގައި ވިއެވެ. ކެއުމަށް އިންސާފުކުރަން މާހުތަބް އޮންނަނީ ވަކި ގަޑިތަކެއް ކަނޑައަޅައިފައެވެ. ހަތްގަޑި ބައިގައި ހެނދުނުގެ ނާސްތާ ފެށެން ޖެހޭނެއެވެ. އާއިލާގެ ހުރިހާ މެންބަރުންނަށް ވެސް އަންގާފައި އޮންނަ ގޮތަކީ އެއީ އެވެ. އެ ގަޑިއަށް ކޮންމެ މީހަކު ވެސް ކާމޭޒު ދޮށަށް ހާޒިރުވާން ޖެހޭނެއެވެ.
ގަޑި ކައިރިވިއިރުގައި ވެސް މިރާހް ނުފެނުމުން މާހުތާބްގެ މޫޑު ސަކަރާތް ވެއްޖެއެވެ. މިފަހަކަށް އައިސް މިރާހްގެ ފަރާތުން ފެންނަ ކަންތައްތަކުން އޭނާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. އެ ވާހަކަ ކުލްޘޫމާއާ ދައްކަން ވެސް ހިތުލައިގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
''މާމާ ސޮރީ...'' އިވުނީ މިރާހްގެ އަޑެވެ. އޭނާ އަވަސްއަވަހަށް އައިސް ގޮނޑީގައި އިށީނެވެ. އެކަނި އައި މިރާހް ފެނުމުން ވަކިން ބޮޑަށް މާހުތާބް ހިތްހަމަނުޖެހުނެވެ. މިރާހް ލަސްވީ ކީއްވެކަން ވެސް އޭނާއަށް ވިސްނައިގަނެވުނެވެ.
''މިއަދު ވެސް ތާރާ ބައިވެރި ނުވާ ދުވަހަކީތަ؟...'' މާހުތާބްއަށް އޭނާގެ ނުރުހުންތެރިކަން ސިއްރެއް ނުކުރެވުނެވެ. މިރާހްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަ ވާން އޭނާ ބޭނުމެވެ. ރުސްލާންގެ ފިޔަވަޅުތަކުގެ ދަށުން ކުންފުންޏާ ދެން ހަވާލުވާން ހުރި މޫނަކީ ވެސް މިރާހްއެވެ. އެއްވެސް މީހަކަށް މިރާހްގެ ފަރާތުން ކުޑަމީސް އުނިކަމެއް ފާހަގަކުރުވުމުގެ ޖާގައެއް ދެވެން ނެތެވެ. އޭނާގެ ބޮލުގެ ރިހުމަކަށް ތާރާ ވެފައިވަނީ ވެސް އެހެންވެއެވެ. ތާރާއަކީ މާލޭގައި ގެދޮރު ހުރި މަހުޖަން އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ވިޔަފާރީގެ ގުޅުން ބަދަހިކުރަން ތާރާއާއި މިރާހްގެ ކައިވެނި ރޭވިގެން ދިޔަ އިރު، މާހުތާބްއަށް އުއްމީދުކުރެވުނީ ތާރާއާއެކު މިރާހްގެ ދިރިއުޅުން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ. ނަމަވެސް ފެންނަމުން ދަނީ މުޅިންވެސް ތަފާތު މަންޒަރެކެވެ. ތާރާގެ އެއްވެސް އުޅުމެއް ނެތެވެ. އާއިލީ ގުޅުމަށް އަހައްމިޔަތުކަމެއް ނުދެއެވެ. ކަންބޮޑުވާ ދަރަޖައަށް ކަންތައް ގޮސްފިއެވެ.
''ބޮލުގައި ރިއްސާތީ އުޅެނީ...'' އަނބިމީހާގެ އުނިސިފަތައް އާއިލާއަށް ސިއްރުކުރަން މިރާހްއަށް މަޖުބޫރުވީ ދޮގު ހަދާށެވެ. މިހާރަކަށް އައިސް އެއީ އާދަޔަކަށްވެ ނިމިއްޖެއެވެ. އޭނާގެ މަޖުބޫރީ ހާލަތާ މެދު މިރާހްއަށް ވިސްނާލެވުނެވެ. އާއިލާގެ އުފަލަށްޓަކައި އޭނާއަށް މަޖުބޫރުވެފައިވަނީ އޭނާގެ އުފާތައް ގުރުބާން ކުރާށެވެ. އެ ހިތުގައި އޮތް ލޯތްބަށް ވެސް ފުރަގަސް ދޭށެވެ. ލޯބިނުވާ މީހަކާއެކު ޒަވާޖީހަޔާތެއް ފަށާށެވެ. އެކަމުން ހިތަށް ލިބެމުންދާ ތަކުލީފުތައް ވަންހަނާކުރަން މިރާހް ނިކަން މޮޅެވެ. ވޭނުގައި އޭނާ ހަފުސްވެގެން ދިޔަޔަސް އުއްފުވެސް އޭނާ ނުބުނާނެއެވެ. ޢާއިލާ ދެކެ ވާ ލޯތްބަށްޓަކައެވެ. މައިންބަފައިން އޭނާއާ މެދު ދެކެމުން އަންނަ އުއްމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިވެގެން ދާކަށް ފުރުސަތެއް ނުދެވޭނެއެވެ. ހުރިހާކަމަކަށް އޭނާ ކެތްކުރަނީ ވެސް އެހެންވެއެވެ.
''މިހާރު ހާދަ ގިނަ ދުވަސް ވެއްޖެޔޭ... މިއަދު ޗުއްޓީއެއް ނަގައިގެން ތާރާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާން މަންމައަށް ފެންނަނީ...'' ކުލްޘޫމާ ކަންބޮޑުވެއްޖެއެވެ. މިރާހްގެ ދެލޮލުގައި ފޮރުވިފައިވާ އުދާސްކަން އޭނާއަށް ފާހަގަކުރެވެއެވެ. ތާރާއާއި ދެމެދު މައްސަލައެއް ޖެހުނީބާއޭ ވެސް ހިތަށް އެރިއެވެ. ސުވާލުކުރިޔަސް މިރާހްގެ ފަރާތުން އެއްބާރުލުމެއް ނުލިބެއެވެ. އަބަދުވެސް ބުނަނީ ރަނގަޅު ކަމަށެވެ. އޭނާއާ މެދު ކަންބޮޑު ނުވުމަށެވެ. ނަމަވެސް ދަރިފުޅު ސިއްރުކުރަން ބޭނުންވާ އުދާސްކަން ކުލްޘޫމާއަށް އިހުސާސްކުރެވެއެވެ. ދެރަވަނީ ދަރިފުޅަށް މަދަދުވެރިވާނެ ގޮތެއް ނޭނގޭތީއެވެ.
''ތާރާ ބަލިވެ އުޅޭއިރު ދަރިފުޅު އޮފީހަށް ދާނެ ކަމެއް ނެތް...'' ރުސްލާން ވެސް ކުލްޘޫމާގެ ވާހަކައަށް އެއްބާރުލުން ދިނެވެ. މިރާހް ބޯޖަހާލީއެވެ. އޮފީހުގެ މަސައްކަތުގައި ހޭދަކުރަން ލިބޭ ވަގުތުތަކަކީ އޭނާގެ ސިކުނޑިއަށް ލުޔެއް ގެނެސްދޭ ހަމައެކަނި ވަގުތުތަކެވެ. ތާރާގެ ސަބަބުން ސިކުނޑިއަށް ލިބޭ އުދާސްކަމާ ދުރުވާން ލިބޭ ހަމައެކަނި ވަގުތުކޮޅު ވެސް މެއެވެ. މިއަދު އެ އުފަލުން ވެސް އޭނާ މަހުރޫމް ވީއެވެ.
''ރެސްޓޯރެންޓް ދަނީ ކިހިނެއްތަ؟...'' ރުސްލާން ބަލައިލީ ޒިވްޔަން އަށެވެ.
''ރަނގަޅު...'' ޒިވްޔަން ބުނެދިނެވެ. އޭނާއާ ދައިސާންއަށް ބައްޕަގެ ފަރާތުން ލިބެމުންދާ އެއްބަރުލުމަށް ޒިވްޔަން ހިތުގެ ފުންމިނުން ޝުކުރު އަދާކުރިއެވެ. އާއިލީ ވިޔަފާރިއާ ވަކިވެގެން މުޅިން ތަފާތުކަމެއް ފަށަން އުޅުމުން، މާމަ ނުރުހުންވެދަނެއޭ އޭނާގެ ހިތަށް ފުރަތަމަކޮޅު އެރިއެވެ. ނަމަވެސް ބައްޕަގެ ފަރާތުން އޭނައަށް ލިބުނީ އެއްބާރުލުމެވެ. ތަޖުރިބާ މަދުވުމުން ތަފާތު ކަންކަމުގައި ލަފާވެސް ދިނެވެ. މާމަ ވެސް އޭނާއަށް ދިނީ ހިތްވަރެވެ. ސާބިތުކަމާއެކުގައި ކުރިއަށް ދާން އިތުރު ޖޯޝެއް ކަމުގައިވީ ލޯބިވާ އާއިލާއެވެ.
އެންމެންގެ ސަމާލުކަން ޒިވްޔަންއަށް ހުއްޓުމުން މިރާހްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކޮއްކޮއަށް ލިބިފައިވާ މިނިވަންކަމާ މެދު އޭނާ ހަސަދަވެރިއެއް ނުވެއެވެ. އެއާ ހިލާފަށް އެ ހިތުގައި ވަނީ ލޯތްބާއި އުފާވެރިކަމެވެ. އޭނާ ފަދައިން މަޖުބޫރީ ހާލަތުގައި ގައިދުވެ، ޒިވްޔަންގެ ދިރިއުޅުން އެހެން މީހުންގެ އުފަލަށްޓަކައި ގުރުބާން ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އު ފުރުސަތު އޭނާ ނުވެސް ދޭނެއެވެ. އޭނާއަށް ހާސިލުނުކުރެވުނު މިނިވަންކަމާއި އުފާވެރިކަން ޒިވްޔަންއަށް ލިބެން މިރާހް ބޭނުމެވެ.
ނާސްތާ ނިމި ފަހަރަކު މީހަކު ކާމޭޒު ދޫކޮށްދާން ފެށިއެވެ. މާހުތާބް އިނީ ކުލްޘޫމާއާ ވާހަކަދައްކަން މަޑުކޮށްލައިގެންނެވެ. ޚާދިމުންނަށް އަތްގާތްކޮށްލަދޭން ހުރި ކުލްޘޫމާއަށް މާހުތާބް ގޮވާލުމުން އަވަސްއަވަހަށް މާހުތަބްގެ ގާތަށް އަތުވެއްޖެއެވެ. ކުލްޘޫމާއަށް މާހުތާބް އިޝާރާތްކޮށްލީ ގޮނޑީގައި އިށީނުމަށެވެ. މާހުތާބްގެ އިޝާރާތަށް ކުލްޘޫމާ ބޯލެނބިއެވެ. މާހުތާބް ދައްކަން އުޅޭ ވާހަކައަކާ މެދު އޭނައަށް ނަފުސު ތައްޔާރުކޮށްލެވުނެވެ.
''ތާރާއާއި މިރާހްގެ ކައިވެންޏަކީ އަހަރުމެންނަށް ހެދުނު ގޯހެއްތަ؟...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު ކުލްޘޫމާގެ މޫނަށް މާހުތާބް ނަޒަރު ހުއްޓާލިއެވެ. އޭނައަށް ގޯހެއް ހެދިއްޖެކަން ގަބޫލުކުރަން ކިތަންމެ އުނދަގޫވީ ނަމަވެސް ތާރާގެ ސަބަބުން އޭނާއަށް ވިސްނާލަން މަޖުބޫރު ވެއްޖެއެވެ. ފެންނަ މަންޒަރުތަކުން އަމުދުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ގޮސްފިއެވެ. ކައިވެންޏަށް ފަހު މިރާހްގެ ޠަބީއަތު ބަދަލުވަމުންދާކަން މާހުތާބްއަށް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
''މަންމާ، ކީއްވެ ތިހެން ތިބުނީ؟......'' ކުލްޘޫމާއަށް ވެސް ސުވާލުކޮށްލެވުނެވެ.
''އަހަރެން އުއްމީދުކުރި ކަހަލަ ހަރުދަނާ ކުއްޖަކަށް ތާރާ ނުވި... އާއިލާއާ ގުޅުން ބަދަހިކުރަން ތާރާ މަސައްކަތެއް ނުކުރޭ، ކެއުމުގައި ބައިވެރިވަނީއެއް ނޫން، އަބަދު ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުންނަހެން ހީވަނީ......'' މާހުތަބް ބުންޏެވެ. މޭޒުމަތީ އޮތް ދެއަތްތިލަ އޭނާ ޖޯޑުކޮށްލިއެވެ. ފުން ވިސްނުމަކަށް މާހުތާބް ގެއްލުނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ނިންމުމަކާ މެދު ހިތުގައި ސުވާލު އުފެދިއްޖެއެވެ. ތާރާގެ އުޅުން އޭނާއަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.
''މަންމާ، ތާރާ އައިސްފައިވަނީ އަހަރުމެންނާ މުޅިން ތަފާތު އާއިލާއަކުން، އެއީ މިޒަމާނުގެ ވައްޓަފާޅި ގެންގުޅޭ ބައެއް... މި އާއިލާގެ ކަންތައް ދަސްކުރަން ތާރާއަށް ވަގުތު ވެސް ބޭނުންވާނެއެއް ނޫންތަ... އެ ދެކުދިން ނުލާހިކު ގުޅޭ... މިރާހްއަށް ތާރާ ކަމުދާތީއެއްނު ކައިވެންޏަށް އެއްބަސް ވާނީ ވެސް... ކައިވެންޏަށްފަހު މިރާހް ކުރިއަށްވުރެ ހަރުދަނާވެފައިވާތަން ފެންނަނީ...'' މާހުތާބްގެ ކަންބޮޑުވުންތައް ކުލްޘޫމާއަށް ދޭހަކުރެވިއްޖެއެވެ. ''މަންމަ ކަންބޮޑުނުވެބަލަ، ތާރާއަށް ވަގުތު ދިނީމަ ހުރިހާކަމެއް ރަނގަޅު ވާނެޔޭ...''
''މިރާހްގެ ދިރިއުޅުން ހުރިހާ ގޮތަކުންވެސް ފުރިހަމަވާން މަންމަ ބޭނުންވާތީ މިގޮތަށް ވާހަކަ ދެއްކެނީވެސް، ފިރިމިހާއަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބޭނީ ރަނގަޅު އަންބެއް ގާތުގައި ހުރުމުން، ރުސްލާންއަށް ވެސް މިއަދު އާދެވިފައިވާ މަގާމަށް އާދެވުނީ ކުލްޘޫމާގެ އެއްބާރުލުން ލިބިގެން......'' މާހުތާބްއަށް ބުނެވުނެވެ. އޭނާގެ ނަޒަރު ކުލްޘޫމާގެ މޫނާ ވަކިނުވެއެވެ.
''މަންމަ ކަންތަކާ މެދު މާބޮޑަށް ނުވިސްނަބަލަ... ތާރާއަށް މި އާއިލާގެ ވައްޓަފާޅި އަހަރެން ދަސްކޮށްދޭނަން...'' ބަހުގެ ޔަގީންކަން ކުލްޘޫމާ ދިނެވެ.
''އެންމެ ރަނގަޅު، ދެން ކަންތަކާ މެދު މަންމަ ނުވިސްނާނަން، އެކަމަކު ތާރާގެ އެ ހުންނަ ކުޑަކުދިންގެ އާދައަށް ނިމުމެއް ގެންނަން އެބަޖެހޭ، މިރާހްގެ އަނބިމީހާއަށް ވާއިރު ހަރުދަނާކަމެއް ހުންނަން ޖެހޭނެތާ، މީހުން ފާޑުފާޑުގެ ވާހަކަ ދައްކާ އަޑުއަހަން މަންމަ ބޭނުމެއް ނޫން...'' ހިތުގައި ތާރާއާ މެދު އޮތް ކަންބޮޑުވުންތައް މާހުތާބް ބަންޑުންކޮށްލިއެވެ.
''އަހަރެން ތާރާއާއި ވާހަކަދައްކާނަން...'' ކުލްޘޫމާ ބުންޏެވެ.
''އެންމެ ރަނގަޅު...'' ކުލްޘޫމާގެ އަތްމައްޗަށް ތާރާ ދޫކޮށްލުމަށްފަހު މާހުތާބް ނިކުންނަން ދިޔައެވެ. ކާކޮޓަރިން ނިކުތް މާހުތާބްއަށް ބަލަން ކުލްޘޫމާއަށް އިނދެވުނެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެކެވުނު ވާހަކައާ މެދު ފުންކޮށް ވިސްނުން ހިންގާލެވުނެވެ.
*****
''ތާރާ...'' މިރާހް ކޮޓަރިއަށް ވަން އިރު ތާރާ އޮތީ ބޮލުގައި ރަޖާއަޅައިގެން ނިދާށެވެ. ހެނދުނު ސަޔަށް ދަމުން އޭނާ ދިޔައީ ތާރާއަށް ގޮވައިފައެވެ. ނަމަވެސް މިހާރު އަނެއްކާ އެ އޮތީ ނިދަން އަރައެވެ. ކަރުގައި އޮތް ޓައީއަށް ދޫކޮށްލުމަށްފަހު މިރާހް އެނދުގައި އިށީނެވެ.
''ދެން...'' މިރާހް ގޮވަން ފެށުމުން ތާރާ ހިތްހަމަނުޖެހުނެވެ.
''މާމަ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ ހުރީ...'' މިރާހް ބުންޏެވެ. ތާރާ ދެކެ ލޯބި ނުވިޔަސް އެކަން ސިއްރުކުރަން މިރާހް މަސައްކަތްކުރެއެވެ. އެ ކައިވެނި ކާމިޔާބުވާން އޭނާ ބޭނުންވާތީއެވެ. ޢާއިލާ ދެކެ ވާލޯތްބަށްޓަކައެވެ.
ހިތުގައި އެހެން މީހަކަށް އޮތް ލޯތްބަކީ ތާރާއަށް ވެވޭ ބޭއިންސާފެއްކަމުގައި މިރާހް ދެކެއެވެ. އެ ލޯބި ހިތުގެ އަޑީގައި ކަފުންކޮށް ވަޅުލީވެސް އެހެންވެގެންނެވެ. ތާރާއަށް އެ ހިތުން ފުރުސަތު ދޭށެވެ. ލޯބި ދޭށެވެ. ތާރާގެ ހުރިހާ އުނިސިފަތަކާއެކު ވެސް އޭނާ ތާރާ ގަބޫލުކުރީ އާ ހަޔާތެއް ބިނާކުރުމުގެ އުއްމީދުގައެވެ. ނަމަވެސް ތާރާގެ ފަރާތުން ފެންނަނީ ރުޅިވެރިކަމާއި ރުންކުރުކަމެވެ. ސިނގުރުޅިގަނޑު ފިލައިގެން ދާހިނދުގައި މިރާހްއަށްޓަކައި އޮތް ކުލުނާއި ލޯބި ހާމަކުރާނެއެވެ. ހިތާހިތުގެ ގުޅުމަކަށް ވުރެން އެ ދެމެދުގައި އޮތީ ޖިސްމުގެ ގުޅުމެކެވެ.
''ދެން އެކަމާ އަހަރެން ކީއްކުރަންވީ؟... މިރާހް އަހަންނަށް ވަގުތު ނުދޭއިރު ކީއްވެގެންތަ އަހަރެން މިރާހްގެ ޢާއިލާއަށް ވަގުތު ދޭންވީ؟... ރޭގައި މަރީގެ އުފަންދުވަހުގެ ޕާޓީއަށްވެސް މިރާހްއަށް ދެވުނު ކަމަކަށް ނުވި، އަބަދު ކޮންމެވެސް މަސައްކަތެއްގައި... ވަރަށް ފޫހިވޭ!...'' މޫނުގައި އަޅައިގެން އޮތް ރަޖާގަނޑު ހިއްލާލަމުން ތާރާ ބުނެލިއެވެ. އޭނާގެ ލޮލުގައި ކަރުނަ ވިދާލިއެވެ.
''އައިމް ސޮރީ...'' މިރާހް މައާފަށް އެދުނެވެ. ތާރާގެ ލޮލުގައިވި ކަރުނަތަކުން ކުށްވެރިކަމުގެ އިހުސާސް ކުރެވުނެވެ.
''ސޮރީއޭ ބުނީމަ ހުރިހާކަމެއް ހައްލުވޭތަ؟...'' ތާރާ ފުސްމޫނު ހެދިއެވެ. ރުޅީގެ ހަރަކާތާއެކު ކަރުނަ ފޮހެލިއެވެ. އަދި ތުންއަނބުރާލިއެވެ.
''މިއަދު މުޅިން ހޭދަކުރާނީ ތާރާއާއެކު، އޮފީހަކަށް ނުދާނަން، އޯކޭ...'' މިރާހް ބުންޏެވެ. އެއާއެކު ތާރާގެ މޫނުގެ ކުލަވަރު ބަދަލުވާންފެށިއެވެ. ''ކޮންކަމެއް ކުރަންތަ ތާރާ ބޭނުމީ؟...''
''ވެލް ފޯރ އެ ސްޓާޓާރ...'' ތާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރުޅީގެ ލިސާންތަކަށް ނިމުމެއް އައީ ކުއްލިއަކަވެ. އެ މޫނު އުޖާލާވެ އުފާވެރިކަން ދެލޮލުން ބަބުޅަން ފެށިއެވެ. ތާރާއަށް އައި ބަދަލުތަކުން މިރާހްގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ.
ތާރާ ގޮސް ވަނީ މިރާހްގެ އުނގުތެރެއަށެވެ. އަދި ފުން ނަޒަރަކުން މިރާހްގެ މޫނަށް ބަލައިލިއެވެ. އެ ރީތި މޫނުން އޭނާގެ ހިތަށް ރާހަތެއް ގެނެސްދިނެވެ. އޭނާގެ ހިތް މިރާހްއަށް ލެނބިގެން ދިޔައީ ވެސް އެ ރީތިކަން ފެނިފައެވެ. މިރާހް ހާސިލުކުރަން އޭނާ ބޭނުންވީ ވެސް ހިތުގައި އުފެދިގެން އައި ޖަޒުބާތުތަކުން އޭނާ މޮޔަކޮށްލުމުންނެވެ. ކައިވެނީގެ ހުށަހެޅުން ލިބުނު ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެެންމެ އުފާވެރި ދުވަހެވެ. މިރާހްގެ އަންބަކަށްވުމުގެ ފޮނި ހުވަފެންތައް ފުރަތަމަ ބައްދަލުވުމާއެކު ވެސް އޭނާ އައީ ދެކެމުންނެވެ. ރައްޓެހިންނަށް ފިރިމީހާ ތައާރަފުކޮށްދޭން އޭނާ ބޭނުންވެއެވެ. އެ ފުރުސަތުތައް ނުލިބޭ ކޮންމެ ފަހަރަކު މިރާހް ދެކެ އޭނާއަށް ރުޅިއާދެވެއެވެ. އަމުދުން މިހާރު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާތީ ތާރާ ހުންނަނީ ހިތްހަމަނުޖެހިފައެވެ.
ތާރާގެ ހިތްހަމަޖައްސައިދޭން ތާރާއާއެކު ގިނަ ވަގުތު ހޭދަކުރަން މިރާހް އަޒުމުކަނޑައެޅިއެވެ. އެނޫން ގޮތަކަށް އެ ދެމެދުގައި ޖެހޭ މައްސަލަތަކަށް ހައްލެއް ނުލިބޭނެއެވެ. މަސައްކަތާއި ޒަވާޖީ ހަޔާތަށް ހަމަހަމައަށް ވަގުތު ދޭން އޭނާ އަޒުމު ކަނޑައެޅިއެވެ. އޭރުން ހުރިހާކަމެއް ވެސް ރަނގަޅުވެގެން ދާނެކަމަށް އޭނާ އުއްމީދުކުރިއެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރަން ފެށުމުން ލޯބި ވެސް ވެވިދާނެއެވެ.
ތާރާގެ ދެ ލޮލުގައިވި މަސްތުކަން މިރާހްއަށް ދޭހަ ކުރެވުނެވެ. ދެކޮޅު ހެދުމެއް ނެތި ތާރާގެ އުފަލަށްޓަކައި އެ ހަށިގަނޑު ތާރާއަށް ވެދުންކުރިއެވެ.
ހެނދުނު ދިހައެއް ޖަހާ ދިޔަފަހުން، އަތުގުޅުވާލައިގެން ގެއިން ނިކުންނަން ދިޔަ މިރާހްގެ ދެމަފިރިން ބޮޑުކޮޓަރީގައި އިން ކުލްޘޫމާއަށް ފެނުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިރާހްގެ އަތުގައި މުލައްދަނޑީގައި ތާރާ އޮޅިލައިގެން ހުރިއިރު މިރާހްގެ މޫނުމަތިން ވެސް އުފަވެރިކަން ކުލްޘޫމާ ދުށްޓެވެ. ދެމަފިރިންގެ ދެމެދުގައި ހުރިހާކަމެއް ވެސް ރަނގަޅޭ ހިތަށް އެރުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގެ ވަހުމްތަކާ ދުރުވެލަމުން އޭނާ ގަބޫލުކުރީ ލޯމަތިން ފެންނަމުން ދިޔަ މަންޒަރެވެ.
*****
ރެސްޓޯރެންޓްގެ ބަދިގެއިން ގޮސް ވަދެވެން ހުރި އޮފީހަށް ޒިވްޔަން ވަނެވެ. އޭރު ދައިސާން ހުރީ ފޯންކޯލެއްގައެވެ. ޒިވްޔަން ފެނުމުން އޭނާ ހިނިތުންވެލިއެވެ. ޒިވްޔަން ވެސް ދައިސާންއަށް ހިނިތުންވެލަމުން ގޮސް އޭނާއަށް ހާއްސަކުރެވިފައިވާ މޭޒު ދޮށުގައި އިށީނެވެ.
''މާދަން ހަވީރު ބާބެކިއުއެއް ބާއްވަން މިއުޅެނީ، ދާނަންތަ؟...'' ފޯންކޯލް ނިމުމާއެކު ދައިސާން ކުރިމަތިލީ ޒިވްޔަންއާއެވެ. ލެޕްޓޮޕްގެ ސްކްރީނާ ނަޒަރު ވަކިކޮށްލަމުން ޒިވްޔަން އިސްއުފުލާލިއެވެ.
''ކޮންބައެއް ދަނީ؟...'' ޒިވްޔަން އެހިއެވެ. ތަފާތު ޖޯޝެއް އެ އަޑުގައި ވެއެވެ.
''މާގިނަ ބައެއް ނޫން، ކިޔާއާއި އޭނާގެ ބެސްޓީ، ދެން އަހަރެން... ޒެން ދާން ބޭނުމިއްޔާ ޒެން ވެސް ހިމަނާ ގޮތަށް...'' ދައިސާން ބުންޏެވެ. އޭރު ވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ ކިޔާރާ ބުނި ޖުމުލައެވެ. ކޮންމެހެން ހަދާފައި ވެސް ޒިވްޔަން ގެންނަން ކިޔާރާ އޮތީ އިރުޝާދު ދީފައެވެ. ފުރަތަމަ ސުވާލުވެސް އުފެދުނެވެ. ނަމަވެސް ސަރުވާ ބައިވެރިވާނެކަން އެނގުމުން ކިޔާރާގެ ބޭނުން އޭނާއަށް ނަގައިގަނެވުނެވެ.
''ސަރޫ ދާނެކަން ޔަގީންތަ؟...'' ޒިވްޔަންއަށް ގޮނޑިން ތެދުވެވުނެވެ. ޒިވްޔަންއަށް އައި ބަދަލުން ދައިސާން ގާތަށް އައީ ނުލަފާ ހިންޏެކެވެ.
''ސަރޫއޭ؟...'' ދައިސާން ބުމަ އަރުވާލިއެވެ. އެއާއެކު ޒިވްޔަންގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.
''އާނ... ދެން ބުނެބަލަ...'' ޒިވްޔަންއަށް ބޮލުގެ ފުއްކިބައިގައި ފިރުމާލެވުނެވެ.
''ސަރޫ ވެސް ދާނެ... އެހެންވީމަ ކިޔާއަށް އަންގަންވީދޯ؟...'' ދައިސާންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަވަސްއަވަހަށް ޒިވްޔަން ބޯޖަހާލިއެވެ. އޭނަ ހުރީ ވަރަށް އުފަލުންނެވެ. ސަރުވާއާ ބައްދަލުކުރުމުގެ އިތުރު ފުރުސަތެއް ލިބުނީތީއެވެ.
''ފުރަތަމަ ނަޒަރުން ލޯބި ވެވިފަ ތިހިރީ!...'' ހިޔާލުތަކަށް ގެއްލިފައި ހުރި ޒިވްޔަން ސިހުނީ ދައިސާންގެ ޖުމުލައިންނެވެ.
'އިޒް އިޓް ދެޓް އޮބްވިޔަސް؟...'' ޒިވްޔަން އަހާލިއެވެ. އެއާއެކު އިިވިގެން ދިޔައީ ދައިސާންގެ ބާރު ހުނުމުގެ އަޑެވެ. ޒިވްޔަންއަށްވެސް ހެވުނެވެ.
(ނުނިމޭ)