ވާހަކަ

ދޭތޯ ތި ހިތް - 5

2

މަގަށް ނިކުމެވުމާއެކު ސަރުވާއަށް ހޯދާލެވުނީ ބައްޕަ ފެނޭތޯއެވެ. ތަންކޮޅެއް ދުރުގައި އޮތް ރަތްކުލައިގެ ކާރު ފެނުމުން އޭނާ ހިނގައިގަތެވެ. އޭރު ވެސް އެ ހިތުގައި ރަސްކަންކުރަމުން ދިޔައީ ޒިވްޔަންއެވެ. ލޯ ކުރިމަތިން ސިފަވަނީ އެ ރީތި ސޫރައެވެ. ރޫހަށް ފިނިކަން ގެނެސްދޭ ފުރިހަމަ ހިނިތުންވުމެވެ. ލާ ކޮންމެ ނޭވާއެއްގައި ވެސް އެ ލުއި ފިރިހެންވަންތަ ވަސް އެކުވެލިގެންވާ ކަހަލައެވެ. ރަނގަޅަށް ވެސް އޭނާގެ ހިތާއި ނަފުސު ޒިވްޔަންގެ ޖާދޫގައި ގައިދުވެއްޖެއެވެ. ވަކިވާން ޖެހުމުން މޮޅިވެރިކަން ހިތުގައި ވިޔަސް، ވަދާއީ ސަލާން ބަދަލުކުރަމުން ޒިވްޔަން ބުނި ޖުމްލައިން އެ ހިތަށް އުއްމީދު ގެނެސްދީފިއެވެ. މިރޭ ވެދިޔަ ކަންތައް އަދިވެސް އޭނާއަށް ގަބޫލުކުރަން ދައްޗެވެ. ހުވަފެނެއްގައި އުޅެވޭ ކަހަލައެވެ. ބިރުގަންނަނީ އެ ރީތި ހުވަފެނުން ހޭލަން ޖެހިދާނެތީއެވެ.

''ކިހިނެއް ހުރިހާ ކަމެއް ދިޔައީ؟...'' ސަރުވާ ކާރަށް އެރުމާއެކު އާފާގު ސުވާލުކޮށްލިއެވެ. ސަރުވާގެ މޫނުން އާފާގުއަށް އުފާވެރިކަން ފެނުނެވެ. އޭނަ ހީކުރީ އެއީ ކިޔާރާއަށް ލިބުނު ކާމިޔާބީގެ ސަބަބުން ސަރުވާއަށް އައި ބަދަލައެއް ކަމެވެ. ފަހަރެއްގައި ވެސް ސަރުވާގެ ހިނިތުންވުންތަކުގެ ފަހަތުގައި ފިރިހެނަކު ވެދާނެޔޭ އާފާގުގެ ހިޔާލަކަށް ވެސް ނަޔެވެ.

''ހުރިހާ ކަމެއް ވެސް ބަރާބަރަށް ދިޔައީ...'' ދެ މާނަ އެކުލެވިގެންވާ ޖުމުލައެއް ސަރުވާއަށް ބުނެވުނެވެ.

ދަރިފުޅަށް ހިނިތުންވަމުން އާފާގު ކާރު ދުއްވާލިއެވެ.

ސަރުވާގެ ހިތުގައި ކުޅެލަމުން ދިޔައީ އުފާވެރިކަމުގެ ރާގެކެވެ. ބަޔާންކުރަން ދަތި އުފާވެރިކަމެއް އިހުސާސްކުރެވެމުން ދިޔައެވެ. ކާރުގެ ކުޑަދޮރުން ބޭރު ބަލަން އިން ކަމުގައިވިޔަސް އޭނަގެ ހިޔާލުތަކުގައި ވަނީ ޒިވްޔަންއެވެ. އެ ނަން އެ ހިތުގައި ރަން އަކުރުން ލިޔެވިގެން ގޮސްފިއެވެ.

*****

ކޮޓަރިއަށް ވަން ސަރުވާއަށް ހިނިތުންވެވުނީއެވެ. ދެއަތްތިލަ ޖޯޑުކޮށްލަމުން ގެނެސް މޭގައި ޖައްސާލެވުނެވެ. އަދި މަޑުމަޑުން ކޮޓަރި ތެރޭ އެނބުރިލިއެވެ. ލަވައެއްގެ ތަންކޮޅެއް ކިޔަމުން ގޮސް އެނދަށް ވެއްޓިގަތެވެ. ހިޔާލުތަކުގެ ދުނިޔެއަށް މުޅި ނަފުސު ދޫކޮށްލެވުނެވެ.

''ދޮންތި...'' ސަރުވާގެ ކޮޓަރީގެ ދޮރުގައި ބަތޫލް ޓަކިދިނެވެ. ބަޔޮލެޖީ ޕާސްޓް ޕޭޕަރު ފޮތެއް ހިފައިގެން އޭނާ އައީ އޮޅުންއަރާ އެއްޗެއް އޮތުމުން ސަރުވާގެ އެހީތެރިކަމަށެވެ. ސަރުވާގެ ޖަވާބެއް ނުލިބުމުން ބަތޫލްއަށް ލިބުނީ ހައިރާންކަމެވެ. އޭނާއަށް ތަޅުގައި ހިފާލެވުނެވެ. ތަޅުނުލައި ހުރުމުން އޭނާ ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ.

އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް ސަރުވާއަށް ބަތޫލް ބަލައިލިއެވެ. ޕާޓީން އައި ގޮތަށް ހެދުންވެސް ބަދަލުކޮށްލުމެއް ނެތި އެނދަށް ވެއްޓި އޮތުމުން ބަތޫލްއަށް ހައިރާންކަން ލިބުނެވެ. އޭނާ ގޮވުމުން ވެސް އަޑެއް ނީވުމުން ސުވާލުވެސް އުފެދިއްޖެއެވެ.

''ދޮންތި...'' އެނދުކައިރިއަށް ހުއްޓެމުން ސަރުވާގެ ފައިގައި ބަތޫލް ކޮއްޓާލިއެވެ. ސިހިގެން ދިޔަވަރުން ސަރުވާއަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ. ބަތޫލްއާއި އޭނާގެ ނަޒަރު ބައްދަލުވުމުން އަވަސްއަވަހަށް ސަރުވާ ކޮޅަށް ތެދުވުނެވެ. މޫނުގެ ކުލަވަރުތައް ވެސް ފަރުދާކޮށްފިއެވެ.

''އަހަރެން ގޮވާގޮވައި ވެސް އަޑެއް ނީވުނެއްނު... ކޮން ހިޔާލަކަށްތަ މާ ވަރަކަށް ގެއްލިގެން ތިއުޅެނީ؟... އަދިވެސް އޭނާ މަތިން ހަނދާންކުރުމުގަތަ؟...'' ބަތޫލްގެ ސުވާލުތައް ގިނަވާން ފެށިއެވެ. ހިތުގެ ރާޖާއާ ބައްދަލުވެއްޖެކަން ބަތޫލްއަށް ހާމަކުރަން ސަރުވާގެ ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިޔާލު ބަދަލުވެއްޖެއެވެ. ބަތޫލް ގާތު އެއްޗެކޭ ބުނުމެކޭ މުޅި ދުނިޔެއަށް ބްރޯޑްކާސްޓް ކުރުމެކޭ ތަފާތެެއް ނުހުންނާނެއެވެ. ދޫފުރޮޅިގެން ގޮސް މަންމަމެން ކުރިމަތީ ވެސް ހާމަކޮށްފާނެއެވެ.

''ކަމަކުތަ؟...'' ބަތޫލްގެ ވާހަކަތަކަށް ސަމާލުކަން ދިނުމެއް ނެތި ސަރުވާ ސުވާލުކޮށްލިއެވެ. ސަރުވާއަށް ބަލަން ހުރި ބަތޫލް އޭނާގެ އަތުގައި އޮތް ފޮތް ދައްކާލިއެވެ.

''ދޮންތިގެ އެހީ ބޭނުންވެގެން މިއައީ... މާދަން އޮތް އިތުރު ގަޑީގެ ކްލާހަށް ދަންވާއިރަށް އެބަޖެހޭ މި ނިންމަން...'' ބަތޫލް ބުންޏެވެ. އޭނާ ގޮސް ލިޔާ މޭޒު ކައިރީގައި އިށީނެވެ.

''ދޮންތި އެބަ އަންނަން ފެންވަރާލައިގެން...'' ސަރުވާ ބުންޏެވެ. އަލަމާރި ހުޅުވާލަމުން ޓީޝާޓަކާއި ހަރުވާޅެއް ނަގައިގެން އޭނާ ގޮސް ވަނީ ފާހާނާއަށެވެ. ސަރުވާ ނިކުންނަން ދެން ފަސޭހަ ސުވާލުތައް ނިންމުމުގައި ބަތޫލް ވަގުތު ހޭދަ ކުރިއެވެ.

''ކޯޗެއް ނޭނގިގެން ތިއުޅެނީ؟...'' އިވުނީ ސަރުވާގެ އަޑެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން އޭނަ އައިސް ބަތޫލްގެ ގާތަށް ހުއްޓުނެވެ. ސަރުވާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ނުފިލާ ހިނިތުންވުމެއްގެ އަސަރު އެ ތުންފަތުގައި ވެއެވެ.

ބަތޫލް ދައްކާލީ އޭނާއަށް އުނދަގޫ ސުވާލުތަކެވެ. ރީތިވާ މޭޒުގެ ގޮނޑި ހިފައިގެން އައިސް ބަތޫލްގެ ގާތުގައި ސަރުވާ އިށީނެވެ. އަދި ބަތޫލްގެ އަތުގައި އޮތް ފަންސުރު އަތުލަމުން ސުވާލުތައް ކިޔާލިއެވެ. އެއަށްފަހު ބަތޫލްއަށް ކިޔައިދޭން ފެށިއެވެ.

''ދޮންތިއަށް ކޮންމެވެސް ކަމެއް ވެއްޖެ!...'' މަސައްކަތުގެ ތެރެއިން ބަތޫލް ސަރުވާއަށް ބަލައިލިއެވެ.

''ސާބަހޭ، ބޭކާރު ސުވާލުނުކޮށް މިއަށް ސަމާލުކަން ދީބަލަ...'' ސަރުވާ ދެލޯ ހަނިކޮށްލިއެވެ. ތުންދަމާލަމުން ބަތޫލް އަނެއްކާވެސް ސުވާލުތަކަށް ސަމާލުކަން ދިނެވެ.

''އަހަރެން ގާތު ބުނެބަލަ...'' އަނެއްކާވެސް ބަތޫލް ސުވާލުކޮށްލިއެވެ. ސަރުވާއަށް އައިސްފައިވި ބަދަލުތައް ނުފެންނަ ކަމަށް ހަދަން އޭނާއަށް ނިކަން އުނދަގޫވެއްޖެއެވެ. ހިތުގައި އުފެދިގެން އައި ސުވާލުތަކުގެ ޖަވާބު އޭނާ ހުރީ ބޭނުން ވެފައެވެ.

''ޕިސްޕިސް... ތިހާ ވަރުން ކިހިނެއް ޕޭޕަރަށް ސަމާލުކަން ދެވޭނީ... ބޭކާރު ވާހަކަ ދައްކަންޏާ ކޮޓަރިން ބޭރުކޮށްފާނަން...'' ސަރުވާ އިންޒާރެއް ދިނެވެ. ''ކަމެއް ނުވެޔޭ ބުންޏަސް ގަބޫލެއް ނުކުރާނެ...''

*****

ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އިށީން ސަރުވާއަށް ސައިޑް ޓޭބަލް މަތީ އޮތް ފޯނަށް ބަލައިލެވުނީ ރިންގުވާން ފެށުމުންނެވެ. ގުޅަނީ ކިޔާރާއެވެ. ވަގުތުވެގެން އެ ގުޅަނީ ހަބަރު ހޯދަންކަން ސަރުވާއަށް ޔަގީންކުރެވުނެވެ. އޭނާ ފޯނަށް ޖަވާބު ދިނެވެ.

''ކޮބާ... ކިހިނެއް ދިޔައީ؟...'' ކިޔާރާގެ އަޑުން ވެސް ކެތްތެރިކަން ކުޑަވެފައިވާކަން އެނގެއެވެ. ''އަހަރެން ދުށީމޭ ޒެންއާއި ދެމީހުން ބޭރަށް ދަނިކޮށް..''

''އާމްމްމް...'' ކިޔާރާއަށް ދޭނެ ޖަވާބަކާ މެދު ސަރުވާއަށް ވިސްނާލެވުނެވެ. ''ރަނގަޅަށް ދިޔައީ..''

''އޯ... މައި... ގޯޑް!...'' އަކުރުތަކަށް ދަމަމުން ކިޔާރާ ބުންޏެވެ. އޭނާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ''އެންމެފަހުން ސަރޫއަށް ވެސް ކަމުދާ ކަހަލަ މީހަކު ފެނުނީ... އައި ނީޑް އޯލް ދަ ޑީޓެއިލްސް... ނަންބަރު އެކްސްޗޭންޖް ނުކުރަންތަ؟...''

''ނަންބަރެއް ނުދެން...'' ސަރުވާ ހަނދާންވީ ވެސް ދެނެވެ. ނިތުގައި މަޑުމަޑުން ޖަހާލަމުން ތުންފަތުގައި ދަތްއަޅާލެވުނެވެ.

''މައި ގޯޑް!، ދެން ކިހިނެއް ވާހަކަދައްކާނީ؟... އަބަދުވެސް އިއްތިފާގަކުން ބައްދަލުވަންދެން ހުންނާނީތަ؟... އަހަރެން އަމިއްލައަށް ނަންބަރު ދިނުން އެއީ ރަނގަޅު ގޮތެއް ނޫން... ޔޫ ބޯތު ނީޑް ޓޫ މީޓް އެގެއިން... ސަންޑޭގަ ބާބެކިއުއެއް ބާއްވަމާ؟... އަހަރުމެން ހަތަރު މީހުން އެކަނި ދާނީ... އޭރަށް ސަރޫއަށް ޒެންއާއި އެކުވެރިވާން ވެސް އިތުރު ފުރުސަތެއް ލިބޭނެއެއްނު...'' ކިޔާރާގެ ހިޔާލު ސަރުވާއަށް ކަމުދިޔައެވެ. ޒިވްޔަންއާ ބައްދަލުވާނެ އިތުރު ފުރުސަތެއް މަގުފަހިވެގެން ދިއުމުން އޭނާގެ ހިނިތުންވުން ފުންވިއެވެ. ކިޔާރާއާ ވަދާއުގެ ސަލާން ބައްދަލުކުރަމުން އޭނާ ފޯނު ބޭއްވިއެވެ. އެނދުގައި އޭނާ ހަމަޖެހިލިއެވެ. ނިދީގެ އެއްވެސް އަސަރެއް އެ ދެލޮލުގައި ނުވެއެވެ. ހިޔާލުތަކުގައި ވަނީ ޒިވްޔަންއެވެ. ހިނިތުންވުމަކާއެކު އެނދުގައި އޮތް ދިގު ބާލީހުގައި ބައްދާލަމުން ފުރޮޅިލިއެވެ.

*****

ފޯނުގެ އެލާމަގެ އަޑު ކޮޓަރިތެރޭ ގުގުމަމުން ދިޔައެވެ. އަރައިގެން އައި އިރުގެ ނިޝާނެއް ވެސް ކޮޓަރި ތެރެއަކުން ނުފެނެއެވެ. ކުޑަދޮރުގެ ބޯފަރުދާތައް ދަމާލާފައިވުމުން ކޮޓަރި ތެރެއިން ފެންނަމުން ދިޔަ ހަމައެކަނި އައްޔަކީ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. އޭސީގެ ގަދަ ފިނިކަން ކޮޓަރިތެރޭގައި ރަސްކަން ކުރަމުން ދިޔައެވެ. އެލާމްގެ އަޑަށް ޒިވްޔަންއަށް ކަންނެތްކަމާއެކު ދެލޯ ހުޅުވާލެވުނެވެ. އެ ދެލޮލުގައި އަދިވެސް ވަނީ ނިދީގެ އަސަރެވެ. އެލާމް ކަނޑާލަމުން ރަޖާގަނޑު ގެނެސް މޫނާއެކުގައި ނިވާކޮށްލިއެވެ. ދެލޯމަރާލެވުނީ އިރުކޮޅަކަށެވެ. އަނެއްކާ ވެސް ފޯނު އެލާމްވާން ފެށިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޒިވްޔަން ދެލޯ ހުޅުވާލިއެވެ. އޭނާގެ ނިދި މުޅިން ހަރާބު ވެއްޖެއެވެ. އެލާމް ކަނޑާލަމުން އޭނާ ކޮޅަށް ތެދުވުނެވެ. ހުސްގަޔާ ހުރި ޒިވްޔަން މޯޅިއަށް ދެމިލުމާއެކު ހަށިގަނޑުގެ މަސްތައް ވެސް ވާންވެގެން ދިޔައެވެ. ދެލޯ އުނގުޅަމުން، އާފުރެމުން އޭނަ ދިޔައީ ފާހާނާއާ ދިމާއަށެވެ.

ފެންވަރާލައިގެން ޒިވްޔަން ނިކުތެވެ. މިހާރު އެ މޫނުން ފެންނަނީ ތާޒާކަމެވެ. ކޮޓަރި ތެެރެއަށް ޝަވާޖެލްގެ މީރުވަސް ފެތުރިގެން ދިޔައެވެ. ތެތްކަން އެކުލެވިގެންވި ފަން އިސްތަށިގަނޑުގައި އަތްތިލަ ހިންގާލަމުން އޭނާ ގޮސް ވަނީ ކޮޓަރީގައި ހުރި ވޯލްކް-އިން ކްލޯސެޓަށެވެ. ކަޅާއި ހުދުން ފަރުމާކުރެވިފައިވާ ތަނެކެވެ. ތިން ފާރަށް ވާހެން ކަބަޑު ވަނީ ބަހާލެވިފައެވެ. އެއްފަޅީގައި ހުރީ އޮފީސް އަންނައުނުތަކާއި، ބެލްޓާއި، ސޫޓްތަކެވެ. އަނެއްފަޅީގައި ހުރީ ހަވީރީ ހެދުންތަކެވެ. އޮފީސް ބޫޓާއި، ކެޝުއަލް ބޫޓުތަކަށް ވެސް ހާއްސަކުރެވިފައި ވަކި ހަރުގަނޑެއް ހުއްޓެވެ. ކްލޯސެޓްގެ މެދަށް ވާ ގޮތަށް އިސްކޮޅުގެ ދިގުމިނުގެ ލޯގަނޑެއް ހުރި އިރު، ލޯގަނޑާ ކުރިމައްޗަށް ވާނެހެން ހުރީ ހުދުކުލައިގެ ވަށް ސޯފާއެކެވެ. އެތަނަށް ނަޒަރު ހިންގާލިޔަސް ފެންނަނީ މުއްސަނދިކަމުގެ ކުލަވަރުތަކެވެ. މުޅިން ވެސް ބްރޭންޑެޑް އެއްޗިއްސެވެ.

ކޮނޑެއްގައި އަޅުވާފައި އޮތް ހުދުކުލައިގެ ގަމީހެއް ނަގައި ގަޔަށް މަހާލިއެވެ. އަދި ނޫކުލައިގެ ފަޓުލޫނު ނަގަމުން އުނުގައި އަނދެފައި އޮތް ތުވާލި ވެސް ނައްޓާލިއެވެ. ތުނބުގައި ރީތި ރާގެއް އަޅުވާލަމުން ޒިވްޔަން ފަޓުލޫނު ލައިފިއެވެ. އެއަށްފަހު އޭނާ ގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. ލޯގަނޑުގެ އަރިމަތީގައި ހުރި ކަބަޑުގެ މަތީ ހުރި ކެލްވިލް ކްލެއިން ސެންޓް ކަލެކްޝަންގެ ތެރެއިން ފުޅިއެއް ނަގައި ހަށިގަނޑަށް ސެންޓް ބުރުވާލިއެވެ. އެއާއެކު މުޅިތަން އެއްވަސްވެގެން ދިޔައީ ފިރިހެންވަންތަ ސެންޓް ވަހަކުންނެވެ.

ގަމީހުގެ ގޮށްތައް އަޅުވާނިމުމުން ޒިވްޔަން ބެގީ ޖަހާލިއެވެ. ދެން އޭނާ ހުޅުވާލީ ކަބަޑުގެ ވަތްގަނޑެކެވެ. ގަމީހާއި ގުޅުވައިގެން ނެގި ޓައީ ކަރަށް މަހާލަމުން ބޮލުގެ އެއްފަޅިއެއްވާނެހެން އިސްތަށިގަނޑުގައި އޭނާ ފުނާ އެޅިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ދިން އަވަސް ނަޒަރާއެކު ސޯފާގައި ޒިވްޔަން އިށީނީ ބޫޓަށް އަރާށެވެ. ބޫޓަށް އަރައި ނިމުމާއެކު ސެންޓުފުޅިތައް ކައިރީ ހުރި ކަޅުކުލައިގެ މަހުމާފޮށީގެ ސްޓޭންޑް ތަކުގައި އަޅުވާފައި ހުރި ގަޑިތަކުން މިއަދަށް ކަމުދާ ގަޑި ނަގަމުން އަތުކުރީ އަޅާލިއެވެ. ނިކުންނަން ދިއުމުގެ ކުރިން އަދި އެއްފަހަރު ސެންޓް ބުރުވާލިއެވެ.

*****

''ގުޑް މޯނިންގް މޯމް...'' ޒިވްޔަން ކާކޮޓަރިއަށް އައިސް ވަންނަމުން އޭނާގެ މަންމަ ކުލްޘޫމާއަށް ހެނދުނުގެ ސަލާން ރައްދުކޮށްލިއެވެ. ހާދިމުންނަށް އިރުޝާދު ދޭން ހުރި ކުލްޘޫމާ އޭނާގެ ހަގު ދަރިފުޅަށް ހިނިތުންވެލިއެވެ. ޒިވްޔަންއަކީ އޭނަގެ ހިތުގެ ވިންދެވެ. ލިބުނު ދެ ފިިރިހެން ދަރިންގެ ތެރެއިން އެންމެ ބޮޑު ކުލުނެއް ހިތުގައި އޮންނަނީ ޒިވްޔަން އަށެވެ. ކުޑައިރުއްސުރެ ފެށިގެން އޭނާއާ އެންމެ ގާތީ ވެސް ޒިވްޔަން އާއެވެ. ދޮށީ ދަރިފުޅު މިރާހްއަކީ އަބަދުވެސް މީހުންނާ ދުރު ކުއްޖެކެވެ. އުމުރަށްވުރެ އަބަދުވެސް ހަރުވާނެއެވެ. މިރާހްއާއި ޒިވްޔަންގެ މިޒާޖު ވެސް އުޑާ ބިމާހާ ތަފާތެވެ. ޒިވްޔަން ފަދައިން ކުދިކުދި ކަންތަކުގައި އޭނަގެ ގާތަށް މިހާރްއެއް ނާންނާނެއެވެ. އެހާ ބަސްމަދު ވާނެއެވެ. ލޯބިވާކަން ވެސް މިރާހް ހާމަކުރާ ގޮތް ތަފާތެވެ. މައިންބަފައިން އޭނާއަށް ނިންމައިދޭ ނިންމުންތަކަކީ އޭނާއަށް އެންމެ ރަނގަޅު ގޮތެވެ. އެއާ ހިލާފަށް ޒިވްޔަންއަކީ އޭނާގެ ހިޔާލުތައް މައިންބަފައިންނާ ހިއްސާކުރާ ޒުވާނެކެވެ. މައިންބަފައިންގެ ނިންމުންތަކަށް ގޮންޖަހަން ވެސް އޭނާ ފަހެއް ނުޖެހޭނެއެވެ.

''އަވަހަށް އިށީނދޭ... މިހާރު މާމަ އަންނަން އުޅޭނެ...'' ޒިވްޔަންއަށް ހިނިތުންވެލަމުން ކުލްޘޫމާ ބުންޏެވެ. އެވަގުތު ކާކޮޓަރިއަށް ވަދެގެންއައީ އާއިލާގެ ހުރިހާ ކަމަކާ ހަވާލުވެ ހުންނަ، ފަހުގެ ނިންމުންތައް އިއްވާ އިސްމީހާއެވެ. ފާކިސްތާނު ވައްޓަފާޅީގެ ހެދުމެއްގައި ހުރިއިރު މީހާގެ ހައިބަތު ހަރަކާތްތަކުން ހާމަވެއެވެ. ހަތަރެސްފައިގައި ގަހަނާ ނާޅާތަނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކަރުގައި ވެސް އޮތީ މޫތިތަކުން ފަރުމާކޮށްފައި އޮތް ހާރެކެވެ.

''މާމާ...'' ޒިވްޔަން ހިނިތުންވެލިއެވެ. މާމަ ދަރިފުޅަށް މާހުތާބު ދިނީ އޯގާތެރި ހިނިތުންވުމެކެވެ. ކުލްޘޫމާ އަވަސްވެގަތީ މާހުތަބް އިށީންނަން މޭޒުގެ ކޮޅުގައި ހުރި ގޮނޑި ދަމާލަދޭށެވެ. އަދަބުއިހުތިރާމު ވެސް އަދާކޮށްފިއެވެ. ގޮނޑީގައި އިށީން މާހުތާބް ޅީދަރިފުޅަށް ޝުކުރު އަދާކޮށްލިއެވެ.

''ދަރިފުޅު މިދުވަސްކޮޅު އަބަދު ބޭރުގަތަ އުޅެނީ؟... ގެއިން ހާދަ ނުފެނެޔޭ...'' މާހުތާބް ޝަކުވާކޮށްލިއެވެ.

މުސްކުޅިވެ އެ މޫނުގައި ޖެހިފައި ހުރި ރޫތަކުން ކިޔައިދެނީ ދުނިޔޭގެ ތަޖުރިބާތަކެވެ. ޒުވާން އުމުރުގައި ރީތިކަން ލިބިފައިވާކަމުގެ ނިޝާންތައް އަދިވެސް އެ މޫނުމަތިން ފާޅުވެއެވެ. އުމުރުން ދުވަސްވެފައި ވިޔަސް ސިއްހަތަށް އޭނާ ފުރިހަމަ ސަމާލުކަން ދެއެވެ. ރައްޓެހިން ފަލަވެ ސިއްހީ މައްސަލަތައް ޖެހޭއިރު އެފަދަ ކަމެއް އަދި އޭނާއަށް ކުރިމައްޗެއް ނުވެއެވެ. އަދިވެސް ޒުވާންކަމަށް ލޯބިކުރާކަން ހާމަކޮށްދެނީ ކަޅުކޮށްފައި އޮތް އިސްތަށިގަނޑުންނެވެ. ފެންނަފެނުމަށް ބޮޑާކަމާއި ކިބުރުވެރިކަން އެކުލެވިގެން ވިޔަސް މާހުތާބްއަކީ ހިތްހެޔޮ މީހެކެވެ. އާއިލާ ދެކެ އޭނާ ނުހަނު ލޯބިވެއެވެ. އެ ހުރިހާ އެންމެންގެ ތެރެއިން ވެސް އޭނާއަށް ހާއްސަ ވަނީ ޒިވްޔަންއެވެ. އެއީ އޭނާގެ ފަހުރޭ އަބަދުމެ މާހުތާބް ބުނާނެއެވެ.

''މާމާ، މިދުވަސްކޮޅު ރެސްޓޯރެންޓް ވަރަށް ބިޒީކޮށް ދަނީ...'' ޒިވްޔަން އައިސް މާމަގެ ކޮލުގައި ބޮސްދިނެވެ. ''މާމަ އަދިވެސް ހާދަ ރީއްޗޭ...''

''ހޫނ... މާމަ ރުއްސަން ބޭނުމިއްޔާ މީހަކާ އިންނަން އުޅޭ... ހުސްހަށިބަޔަށް ހުންނާކަށް ނުވާނެ... މާމަ ދަރިފުޅަށް ކަމުދާ ކަހަލަ ކުއްޖެއް ހޯދައިދެންތަ؟...'' ކާމޭޒު ދޮށުގައި ޒިވްޔަން އިށީނުމާއެކު މާހުތާބް ބުންޏެވެ.

''މަންމާ...'' ކުލްޘޫމާއަށް ގޮވާލެވުނެވެ. ޒިވްޔަންއަށް މާހުތާބްގެ ސުވާލުން އުނދަގޫ ވެއްޖެކަން ކުލްޘޫމާއަށް ނަގައިގަނެވުނެވެ. ދަރިފުޅުގެ ދިފާއުގައި އެއްޗެއް ނުބުނެ ކުލްޘޫމައަށް ނުހުރެވުނެވެ.

''މިހާރު އަހަރެން ކަންބޮޑުވާ ހިސާބަށް ގޮސްގެންނޭ މި ސުވާލުކުރީ... ދެން ޖަވާބު ދީބަލަ... މާމަ ކުއްޖަކު ހޯދައިދީފިއްޔާ ދަރިފުޅު އިންނާނަންތަ؟...'' މާހުތާބް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. ޒިވްޔަންއަށް ބަލައިލެވުނީ މާމަގެ މޫނަށެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް އޭނާއަށް ނޭނގުނެވެ. އޭނާއަށް ކަމުދާ ކުއްޖަކު އެބަހުއްޓޭ ވެސް ބުނަން ބޭނުންވިއެވެ. ނަމަވެސް އެ ގުޅުން ކަނޑައްތު ކުރަންޖެހޭ ދިގު ރާސްތާއެއް އެބައޮތެވެ.

މާހުތާބްގެ މޫނަށް ޒިވްޔަންއަށް ބަލައިލެވުނެވެ. އޭނާ ޖަވާބު ދޭނެ އިރެއްގެ އިންތިޒާރުގައި މާހުތާބު އިނުމުން ޒިވްޔަންއަށް ވިސްނާލެވުނެވެ. މާމަގެ ސުވާލުތަކުން އެންމެ ފަސޭހައިން ސަލާމަތްވެވޭނެ ގޮތަކާ މެދު ފިކުރު ހިންގާލިއެވެ.

''މަންމަގެ ސުވާލުން އެ ސޮރު މިހާރު އެއިނީ ބިރުގެންފަ...'' ޒިވްޔަންގެ ކުރިމަތީ ތަށި ބަހައްޓަމުން ކުލްޘޫމާ ބުނެލިއެވެ. އަދި ޒިވްޔަންގެ ކޮނޑުގައި އަތްތިލަ ބާއްވާލިއެވެ. މަންމަގެ މޫނަށް ދިން އަވަސް ނަޒަރަށް ފަހުގައި ޒިވްޔަން އޭނާގެ ސަމާލުކަން މާމައަށް ހުއްޓާލިއެވެ.

ޒިވްޔަންގެ ޖަވާބަށް މާހުތާބު ދިޔައީ އިންތިޒާރުކުރަމުންނެވެ.

''އަހަންނަށް ކަމުދާ ކަހަލަ ކުއްޖަކު ގެނެސްފިއްޔާ މާމަ ރުހުން ދޭނަންތަ؟...'' ޒިވްޔަން ވެސް ކޮށްލީ ސުވާލެކެވެ. މޭޒުމަތީ ތަށި އަތުރަމުން ދިޔަ ކުލްޘޫމާއަށް ލިބިގެން ދިޔައީ ހައިރާންކަމާއި ސިހުމެވެ. ހަރަކާތްތައް މަޑުޖައްސާލަމުން އޭނައަށް ބަލައިލެވުނީ ޒިވްޔަންގެ މޫނަށެވެ. ދެން މާހުތަބްގެ މޫނަށެވެ. އޭނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ހިތްވެސް ތެޅިލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟