ބާރުބާރަށް ތެޅެމުން ދިޔަ ހިތުގެ އިހުސާސްތަކުގެ މައްޗަށް ކުރިހޯދަން މަސައްކަތްކުރާ ހާލު ފުންނޭވާއެއް ސަރުވާއަށް ދޫކޮށްލެވުނެވެ. އަމިއްލަ ނަފުސަށް ހިތްވަރު ހޯދައިދޭން އުޅޭ ކަހަލައެވެ. އޭނައަށް އިސްއުފުލާލެވުނީ އުނދަގުލާއެކުގައެވެ. އެވަގުތު ސަރުވާގެ މޫނަށް ވެރިވެގެން އައީ ހައިރާންކަމުގެ ކުލަވަރުތަކެވެ. ކިޔާރާ އަތުން އިޝާރާތްކޮށްލީ އެޒުވާނާގެ ފުރަގަހުން އައިސް ހުއްޓުނު އެހެން ޒުވާނަކަށެވެ. ސަރުވާއަށް ބަލަން ހުރެވުނީ އެވެ. ގަބުއަރާފައެވެ.
''ހާއި...'' ދައިސާން ކުރިއަށް ޖެހިލައި ސަލާމްކުރުމަށް އަތްދިއްކޮށްލިއެވެ. ދައިސާންއަކީ ވެސް އިސްކޮޅުން ދިގު ޒުވާނެކެވެ. ކަސްރަތުކުރުމަށް ލޯބިކުރާކަން އެހަށިގަނޑަށް ހިފާލާފައި އޮތް ކަޅުކުލައިގެ ސޫޓުން ވެސް އެނގެއެވެ.
ސަރުވާގެ ހިތުގައި އޭރު އުފެދިފައިވި ރިހުމުގެ އަސަރުތައް ފިލާ ގޮސްފިއެވެ. އޭނައަށް ދައިސާންގެ އަތުގައި ހިފާލެވުނެވެ. އަދި ސިއްރުސިއްރުން ދައިސާންގެ ގާތުގައި ހުރި ޒުވާނާއަށް ވެސް ބަލައިލެވުނެވެ. ހިތް ބާރުބާރަށް ތެޅެން ފެށީ އެޒުވާނާގެ ކަތި ނަޒަރު ހުއްޓިފައިވާކަން އިހުސާސްކުރެވުމުންނެވެ. އޭސީގެ ފިނީގެ ތެރޭން ވެސް މީހާއަށް ހޫނުވާކަމުގެ އިހުސާސް ސަރުވާއަށް ކުރެވުނެވެ. ހިތްވެސް މޭގެ ތެރޭގައި ތެޅެން ފެށީ މީހާ ބިރުގަންނަ ވަރަށެވެ. އަވަސް ނޭވާތަކެއް ސަރުވާއަށް ދޫކޮށްލެވުނެވެ. އިހުނަށްވުރެން ކިޔާރާގެ ގާތަށް ޖެހިލެވުނީ އެޒުވާނާގެ ތޫނު ނަޒަރުން ފިލަން އުޅޭ ފަދައަކުންނެވެ. އެހިނދު އެޒުވާނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިގެން ދިޔަ މަންޒަރު ސަރުވާއަށް ފެނުނެވެ. ހިސާބަކަށް މީހާ ލަދުގަންނަން ވެސް ފެށިއެވެ.
ސަރުވާ އޭނަގެ އަތުގައި ބާރަށް ހިފާލުމާއެކު ކިޔާރާއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ސަރުވާއަށް އައިސްފައިވި ބަދަލުތައް ނަގައިގަންނަން އޭނައަށް ގިނަ އިރެއް ނުނެގިއެވެ. ކުޑަކޮށް އަނގަވެސް ހުޅުވާލެވުނެވެ. އިރުކޮޅެއް ވަންދެން ސަރުވާގެ މޫނަށް ބަލަން އޭނައަށް ހުރެވުނެވެ. ސިކުނޑިއަށް ވެރިވެގެން އައި ޚިޔާލާއެކު ކިޔާރާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. އޭނަ އަވސްވެގަތީ ކުރިމަތީ ހުރި ޒުވާނާއަށް ސަރުވާ ތަޢާރަފްކޮށްދޭށެވެ.
''ސަރޫ... މީ ޒިވްޔަން... ދައިސާންގެ ބިޒްނަސް ޕާޓްނާރ އެންޑް ބެސްޓް ފްރެންޑް...'' ކިޔާރާ ބުންޏެވެ. އޭނަ ސަރުވާގެ އަތުގައި ހިފާ ޒިވްޔަންގެ ކުރިމައްޗަށް ވެސް ނެރެފިއެވެ. ސަރުވާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ޒިވްޔަންގެ ތޫނުފިލިދެލޮލަށް ދިން އަވަސް ނަޒަރާއެކު ނޭވާ ވެސް ހިފަހައްޓާލަން ޖެހުނެވެ. އެދެލޮލުން އޭނައަށް ފެނުނީ އެކުވެރިކަމުގެ ދަޢުވަތެވެ. ގެންނަންވީ ހަރަކާތެއް ނޭނގިފައި ޒިވްޔަންގެ ދެލޮލަށް ގެއްލިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ.
''ހާއި...'' ބަރު ފިރިހެންވަންތަ އަޑެކެވެ. ގައިގެ ލޯލިތައް ވެސް ކޮޅަށް ޖެހިގެން ދިޔަފަދަ އިހުސާސެއް ސަރުވާއަށް ކުރެވުނެވެ. ޒިވްޔަން ސަލާން ކުރުމަށް ދިއްކޮށްލި އަތަށް ބަލަން އޭނައަށް ހުރެވުނީއެވެ. ފިނިދަލެއް އޭނަގެ އަތުގައި ހިއްލަން ފެށިއެވެ. ކޯތާފަތަށް ވެސް ހޫނުކަމެއް އިހުސާސްކުރެވުނެވެ. ހެދުމުގެ ފަސްބައި މުށުގެ ތެރޭ ބާރުކޮށްލައިގެން ހުރުމަށްފަހު، ސަރުވާއަށް ޒިވްޔަންގެ އަތުގައި ހިފާލެވުނެވެ. އެއީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅެކެވެ. ހިތުގެ ތެރޭގައި ވިންދުޖަހަން ފެށި ޖަޒުބާތުތަކުން އިތުރު ހާސްކަމެއް ލިބުނެވެ. ހިތަށް އިލްހާމުވެގެން ދިޔައީ އެދެމެދުގައި ދަމާބާރެއްވާކަމެވެ. ޒިވްޔަންގެ ދެލޮލުގައިވާ ފުރިހަމަކަމުގެ ތެރެއަށް ނަފުސު ދޫވެގެން ދަނީ އިހްތިޔާރުން ބޭރުގައެވެ.
އޭނަގެ ޚިޔާލުތަކުގެ ވެރިޔާ އެހުރީ ކުރިމަތީގައެވެ. އޭނައަށް އެއަތުގައި ވެސް ހިފާލެވުނީއެވެ. ގާތުގައި ހުރެ އެމޫނަށް ބަލައިލުމުގެ އިތުރު ފުރުސަތެއް ވެސް ލިބުނީއެވެ. މިއީ ހުވަފެނެއް ނޫނެވެ. ހަޤީޤަތެކެވެ.
ޒިވްޔަންގެ އަތުގައި ހިފާލި ގޮތަށް ސަރުވާއަށް އެއަތުން ދޫކޮށްލަން ނޭނގިފައި ހުރެވުނެވެ. ހުވަފެނީ ދުނިޔެއަށް ގައެވެ. ހަމަހޭވެރިކަންވީ ކިޔާރާ އޭނަގެ އަތުގައި ވިކާލުމުންނެވެ. ސިހިގެން ދިޔަވަރުން ސަރުވާއަށް އަޑެއް ވެސް ލައްވާލެވުނެވެ. އޭރު ވެސް ޒިވްޔަންގެ ތޫނު ނަޒަރު އޭނައާއި ވަކިނުވެއެވެ. ގަތްލަދުން ސަރުވާއަށް އަވަސްއަވަހަށް އިސްޖަހާލެވުނީ މޫނަށް ވެރިވާން ފެށި ރަތްކަން ޒިވްޔަންއަށް ސިއްރުކުރާށެވެ.
''ޕްލީޒް އެކްސްކިއުޒް އަސް ފޯރ އެ މިނެޓް...'' ސަރުވާގެ އަތުގައި ހިފާލަމުން ދައިސާންއާއި ޒިވްޔަންއަށް ކިޔާރާ ބުންޏެވެ. އޭނަ ހިނގައިގަތީ ފާޚަނާ ބަރިއާއި ދިމާއަށެވެ. ސިއްރުން ޒިވްޔަންއަށް ސަރުވާ ބަލައިލިއެވެ. އެވަގުތު ޒިވްޔަންގެ ކަންފަތް ދޮށުގައި ދައިސާން އެއްޗެކޭ ބުނެލުމާއެކު ޒިވްޔަންގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އަނގައިގެ ހުދު ދަތްތައް ވެސް ފެނިގެން ދިޔައެވެ.
ޒިވްޔަން ދިން ނަޒަރުން ސަރުވާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަވަސްއަވަހަށް ޒިވްޔަންގެ މޫނާއި ނަޒަރު ވަކިކޮށްލަމުން ފިޔަވަޅުތައް ބާރުކޮށްލިއެވެ. ހީވީ ޒިވްޔަންއަށް ފިލަން އުޅުނު ހެންނެވެ.
*****
''ދެޓްސް ޔޯ މިސްޓްރީ މޭން؟...'' ފާޚަނާއަށް ވަދެވުމާއެކު ކިޔާރާ ދޮރުތަޅުލައިފިއެވެ. އޭނައަށް ސަރުވާގެ ކޮނޑުގައި ހިފަަހައްޓާލެވުނެވެ. އަޑުގައި ވަނީ ޝައުޤުވެރިކަމެވެ.
''އާނ...'' ސަރުވާއަށް ބުނެވުނެވެ. އެއާއެކު ކިޔާރާގެ ތޫލި ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ. އަތްތިލަބަޑި ވެސް ޖަހާލިއެވެ.
''ވެލް... ވެލް... ވެލް...'' ކިޔާރާ ހީލިއެވެ. ސަރުވާއާއި ދިމާކޮށްލަން އޭނަ ހުރީ ބޭނުންވެފައެވެ. ''ޔޫ އާރ ޓޯޓަލީ އިން ޓު ހިމް... ހުއްޓުން އަރާފައި ހުރި ގޮތުން ވެސް އަހަންނަށް ހީވިޔޭ ކަމެއް އުޅޭހެން... ޒިވްޔަންއަކީ ރަނގަޅު މީހެއް... ސަރޫއާއި ވަރަށް ގުޅޭނެ...''
''ދެން...'' ސަރުވާއަށް ލަދުން ބުނެވުނެވެ. އަދިވެސް އޭނަގެ ޚިޔާލުތަކުގައި ވަނީ ޒިވްޔަންއެވެ. އެރީތި ހިނިތުންވުމެވެ. އެތޫނުފިލި ދެލޮލެވެ.
''ސަރޫގެ މިސްޓްރީ މޭންއާއި ތި ބައްދަލުވީ... މިފުރުސަތުގެ ބޭނުން ހިފަންވާނެ... ޒިވްޔަން ހުރީ ސިންގަލްކޮށޭ... އޭނަ އަބަދު ވެސް އަހަންނާ ދައިސާންއާ އެކު ތާރޑް ވީލްއަކަށް ހުންނާނެ، ދެން ދައިސާން އެކުވެރިޔެއް ވީމަ އެއްޗެއް ނުބުނަނީ ވެސް، ބަޓް އިޓްސް ސޯ އެނޯއިންގް...'' މޫނަށް ގޮތެއް ހަދާލަމުން ކިޔާރާ ބުންޏެވެ. ކިޔާރާގެ ޖުމްލައިން ސަރުވާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އުއްމީދުގެ ހުޅުކޮޅު ވެސް ހިތުގައި ރޯވެގެން ދިޔައެވެ.
''ހާދަ ބޭސިކް މޭކަޕެކޭކޮށްފަ ތިހިރީ... ނޯ އައިޝެޑޯ، ނޯ މަސްކާރާ އެންޑް އައިލައިނާ، ހަމައެކަނި ލިޕްސްޓިކް ޖައްސާފަ ތިހިރީ... ތިހެން ހުރެ ޒިވްޔަން ކުރިމައްޗަށް ދާކަށް ނުވާނެ... އާދެބަލަ އަހަންނާއެކު...'' ސަރުވާއަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ކިޔާރާ ބުންޏެވެ. ސަރުވާގެ އަތުގައި ހިފާލަމުން އޭނަ ކައިރިވެލީ މޫނު ދޮންނަ ތަށިގަނޑާއެވެ. އެތާމަތީ އޭނަގެ ކްލަޗް ބާއްވަމުން އެހުޅުވާލިއެވެ. އޭގެ ތެރެއަށް ލާފައި ހުރި މޭކަޕްކުރާ ސާމާނުތައް ފެނި ސަރުވާއަށް ހައިރާންކަން ލިބުނެވެ. އެހުރިހާ އެއްޗެއް އޭގެ ތެރެއަށް ލީ ކިހިނެއް ބާވައޭ ވެސް ހިތަށް އެރިއެވެ. އެއްއިރެއްގައި ވެސް މޭކަޕްކުރުމަކީ އޭނަ ގަޔާވާ ކަމެއް ނޫނެވެ. އެކަމަށް ހޭދަކުރަން ޖެހޭ ވަގުތު ގިނައީއެވެ.
މޭކަޕް ކުރުމަށް ލިބިފައިވާ ހުނަރުން ސަރުވާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ކިޔާރާ ގެނައެވެ. ހިތްހަމަޖެހޭވަރު ވުމުން އޭނަ ހިނިތުންވެލިއެވެ. އަދި ސަރުވާ ގާތު މޫނުބަލާ ލޯގަނޑަށް ނަޒަރެއް ދިނުމަށް އެދުނެވެ. މަޑުކުލަތަކެއް ބޭނުންކޮށްފައިވުމުން ކޮންމެވެސް ވަރަކަށް ޤުދުރަތީ ފުރިހަމަކަން އެކުލެވިގެންވާހެން ހީވެއެވެ. ސަރުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާ ވެސް ޒިވްޔަންގެ ކުރިމައްޗަށް ނިކުންނަންޖެހޭނެކަން ހަނދާންވުމުން ޖެހިލުންވާން ފެށިއެވެ.
''ސަރޫ...'' ލޯގަނޑަށް ބަލަން ހުރި ސަރުވާއަށް ކިޔާރާ ގޮވާލިއެވެ. ''ހާސްވާވަރުގެ ކަންތަކެއް ނޫނޭ... ދެމީހުން ވާހަކަދައްކާލީމައެއްނު އެނގޭނީ ޒިވްޔަންއަކީ ސަރޫއަށް ކަމުދާކަހަލަ މީހެއްކަން ވެސް... އަހަންނަށް ޔަޤީން ޒިވްޔަން ވެސް ސަރޫއާއި ވާހަކަދައްކަން ބޭނުންވެފަކަން ހުރީ... އޭނަ ސަރޫއަށް ބަލަން ހުރި ތަން އަހަރެން ދުށީމޭ...''
ކިޔާރާ ހުރީ އޭނައަށް ވެދެވެން އޮތް ކޮންމެ އެހީއަށް ސަރުވާއަށް ފޯރުކޮށްދޭށެވެ. ސަރުވާއަށް ޒިވްޔަން ވަރަށް ބޮޑަށް ކަމުގޮސްފިކަން ސަރުވާ ނުބުނިކަމުގައި ވިޔަސް ކިޔާރާއަށް ނަގައިގަނެވުނެވެ. އެކަމާ އޭނަ އުފާވެސް ވިއެވެ.
''އަދި އެއްވާހަކަ... މީހާ ގަބުއަރާފައި ނުހުންނައްޗޭ... އިޓްސް އޭން އިންސްޓެންޓް ވައިބް ކިލާރ...'' ފާޚަނާގެ ދޮރު ހުޅުވާލަމުން ކިޔާރާ ބުންޏެވެ. އޭނަ ސަރުވާއަށް ހިތްވަރުދެމުން އޭނަގެ ގާތަށް ޒިވްޔަން ފޮނުވާނެ ވާހަކަ ބުންޏެވެ. ކިޔާރާއަށް ސަރުވާ ހިނިތުންވެލިއެވެ. ޕާޓީއަށް އޭނަ ނަޒަރު ހިންގާލިއެވެ. ނޫކަށިފުރައިގެ ޒުވާނުންތަކުން މެހެފިލް އޮތީ ފުރިފައެވެ. އެންމެންގެ ތެރޭން ސަރުވާގެ ނަޒަރު ހޯދާލީ ޒިވްޔަން ފެނޭތޯއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ދައިސާންއާއެކު ހުރި ޒިވްޔަން އޭނައަށް ފެނިއްޖެއެވެ. ޒިވްޔަންއާއި އޭނަގެ ނަޒަރު ބައްދަލުވުމާއެކު ހިތްތެޅެން ފަށައިފިއެވެ. ސަރުވާއަށް ފުރަގަސްދެވުނެވެ. އޭނައަށް ހިނގައިގަނެވުނީ ދުރަށެވެ. އަވަސްކުރަން ހަދައިގެން، ތަބެއްގައި ބުއިންތައް ބަހަމުން ދިޔަ ވެއިޓަރެއްގެ ގައިގައި އަޅައިނުގަތީ ވެސް ކިރިޔާއެވެ.
ދުރުގައި ސަރުވާއަށް ބަލަން ހުރި ކިޔާރާއަށް އޭނަގެ ނިތުގައި މަޑުމަޑުން ޖަހާލެވުނެވެ. އޭނަ ސަރުވާގެ ގާތަށް ދާން އުޅުނު ވަގުތު އެޚިޔާލު ދޫކޮށްލެވުނީ ޒިވްޔަން ހިނގައިގަތްތަން ފެނުމުންނެވެ. ޒިވްޔަންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލުމަށްފަހު އޭނަ ދިޔައީ ދައިސާންގެ ގާތަށެވެ.
ޒިވްޔަންގެ އަމާޒުކަމުގައިވީ ސަރުވާއެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ސަރުވާގެ ގާތަށް ދިއުމަށް މިސްރާބު ޖެހި ތަނާ އަންހެންކުއްޖަކު އައިސް އޭނަގެ ކުރިބައްދައިފިއެވެ. ޒިވްޔަން އެކުއްޖާއަށް އަވަސް ނަޒަރެއް ދިންކަމުގައި ވިޔަސް އޭނަގެ ދެލޮލުން ޝައުޤުވެރިކަމެއް ފާޅެއްނުވިއެވެ. އޭނައަށް ބަލައިލެވުނީ ސަރުވާ އަށެވެ.
''އެކްސްކިއުޒް މީ...'' ޒިވްޔަން ބުންޏެވެ. އެއާއެކު އަންހެންކުއްޖާގެ މުޅި މޫޑު ޚަރާބުވެއްޖެއެވެ. ރަކިވެފައި ޒިވްޔަންއަށް ބަލައިލިއެވެ. ޒިވްޔަން އޭނައަށް ފަސްދީ ހިނގައިގަތުމުން މޫނު ވެސް ހަދާލިއެވެ.
''ސޮރީ...'' ސަރުވާއަށް ބުނެވުނެވެ. ހިނިތުންވުމާއެކުގައި ވެއިޓަރު ސަރުވާއަށް ބަލައިލިއެވެ. އަދި އަތުގައި އޮތް ތަބައް ދިއްކޮށްލީ ބުއިމެއް ބޭނުންވޭތޯ އަހާލަމުންނެވެ. ހިނިތުންވުމަކާއެކު ސަރުވާ ނޫނެކޭ ބުންޏެވެ. ވެއިޓަރު ބޯޖަހާލަމުން ހިނގައިގަތީ ދެންތިބި މެހެމާނުންގެ ގާތަށެވެ.
''ހާއި!...'' އިވިގެންދިޔައީ އިތުރު މީހެއްގެ އަޑެއް ނޫނެވެ. އެހާ ގާތުން އެބަރު އަޑު އިވުމުން ސަރުވާ ސިހޭ ގޮތް ވެސް ވެއްޖެއެވެ. ލަގޮނޑިއަށް ދިޔައީ ފިނިވެގެންނެވެ. ހަރަކާތެއް ވެސް ނުގެނެވެނީސް ޒިވްޔަން އައިސް ހުއްޓުނީ އޭނަގެ ކުރިމައްޗަށެވެ. އެވަގުތު ސަރުވާގެ ނޭފަތުގައި ހަރުލައިގެން ދިޔައީ އެމީރު ވަހެވެ. މުޅި ނަފުސު ވެސް ހޭލައިގެން ދިޔަ ކަހަލައެވެ.
''ސޮރީ...'' ސިހިގެން ދިޔަ ސަރުވާ ފެނި ޒިވްޔަން މަޢާފަށް އެދުނެވެ. އިސްއުފުލައި ޒިވްޔަންގެ މޫނަށް ސަރުވާ ބަލައިލިއެވެ. ޒިވްޔަން ހުއްޓި ހުރީ ސަރުވާއާއި ނުހަނު ގާތުގައެވެ. އެކަޅުބުމައާއި، ބޯއެސްފިޔަތަކުން ހިޔަނިއެޅިފައިވި ދެލޯ ފެނުމުން ސަރުވާއަށް ހިންދިރުވާލެވުނެވެ. އަނެއްކާ ވެސް ހަށިގަނޑުގެ މައްޗަށް ކުރިހޯދައިގެން ދިޔައީ ބަޔާންކުރަން ދަތި ޖަޒުބާތުތަކަކުންނެވެ.
އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ދައްކާނެ ވާހަކައެއް ނޭނގުމުން ޒިވްޔަންއަށް އޭނަގެ ބޮލުގެ ފުއްކިބައިގައި އަތްތިލަ ހިންގާލެވުނެވެ. މީހާ ހުއްޓުންއަރައިގެން ދިއުމުން އޭނަ ވެސް ހުރީ ހައިރާންވެފައެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އޭނައަށް ސަރުވާ ވަރަށް ބޮޑަށް ކަމުގޮސްފިއެވެ. ސަރުވާ ވިއްސާރާގައި ޖެހިފައި ހުރި މަންޒަރު އޭނައަށް އަދިވެސް ފެންނަ ކަހަލައެވެ. އިއްތިފާޤީ ބައްދަލުވުން އޭނަ ވެސް ހިތުގައި ރައްކާކުރިއެވެ. ސަރުވާއަށް އޭނަ އެހީވަން ދިޔައީ ވެސް ހިތުގައި އުފެދުނު ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ. ނަމަވެސް، އެދުވަހު ވަގުތު އޭނައަށް ކެހިދިނުމުން ވާހަކަދައްކާލުމުގެ ފުރުސަތު ނުލިބި ވަކިވާން ޖެހުނީއެވެ. އިތުރު މީހަކަށް ނޭނގުނު ކަމުގައިވިޔަސް، މިއަދު ވެސް ހަމަ އެގަޑީގައި ސަރުވާއާއި ބައްދަލުވެދާނެ ކަމުގެ އުއްމީދުގައި އެމަގުގައި ކާރު ޕާކްކޮށްގެން އިންތިޒާރުކުރިއެވެ. ވަގުތުތައް ދިގު ލައިގެން ދިއުމުން ހިތަށް ލިބުނީ މޮޅިވެރިކަމެވެ. މާޔޫސްކަމެވެ. ނަމަވެސް ތަޤުދީރުގެ ރޭވުންތެރިކަމާ މެދު އޭނަ މިހާރު ހުރީ ހިތްހަމަޖެހިފައެވެ. އޭނައަށް ލިބުނު ދެވަނަ ފުރުސަތުގެ ބޭނުން ހިފަން އޭނަ ހުރީ ގަސްދުކޮށްގެންނެވެ.
ސަރުވާއަށް ވެސް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އެދެމެދުގައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ސަރުވާއަށް ބަލައިލަމުން ޒިވްޔަން ހިނިތުންވެލިއެވެ. އެހިނިތުންވުން ސަރުވާގެ ހިތުގެ ފުނުގައި ބިންވަޅު ނެގިގެން ދިޔައެވެ.
''ނައިސް ޓު މީޓް ޔޫ އެގެއިން...'' ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ޒިވްޔަން ބުންޏެވެ. ސަރުވާއަށް ހިނިތުންވެވުނެވެ. ޒިވްޔަން ވެސް އެބައްދަލުވުން މަތިން ހަނދާން އެބަހުރިތާއޭ އޭނަގެ ހިތަށް އެރިއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ސަރުވާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.
''އަހަންނަށް އެހީވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ...'' ދޭނެ ޖަވާބަކާ މެދު ފުންކޮށް ވިސްނަން ހުރެފައި ސަރުވާ ބުނެލިއެވެ. ޒިވްޔަންގެ ބެލުމުގައި ގާތްކަމެއް ވާކަމުގެ އިހުސާސް ސަރުވާއަށް ކުރެވުނެވެ. ޝައުޤުވެރިކަން ވެސް މެއެވެ.
ޒިވްޔަން ހިނިތުންވެލީއެވެ. އެހިނިތުންވުންތަކުން ސަރުވާގެ ހިތާ ކޮންމެ ފަހަރަކު ކުޅެލައެވެ. ހިތަށްވަމުންދާ ގޮތް ޒިވްޔަންއަށް ބޭޒާރުވެދާނެތީ ވެސް ސަރުވާ ޖެހިލުންވާން ފެށިއެވެ.
''ފޯމަލް އިންޓްރޮޑަކްޝަނެއް ވެސް ނުދެވޭތާ... އައިމް ޒިވްޔަން... ޔޫ ކޭން ކޯލް މީ ޒެން...'' ޒިވްޔަން ބުންޏެވެ. ތުންފަތުގައިވި ހިނިތުންވުން ފުންވެ ދެކޮލަށް އަޑިކޮޅު އެޅިގެން ދިޔައެވެ.
''ސަރުވާ... ސަރޫ'' ސަރުވާ ބުންޏެވެ. ޒިވްޔަންގެ އެކުވެރި މިޒާޖުން ވާހަކަދައްކަން ސަރުވާއަށް ފަސޭހަވާން ފެށިއެވެ. ލަސްލަހުން ވިޔަސް ޒިވްޔަން ކުރިމަތީގައި ހުންނަން ފަސޭހަވާން ފެށިއެވެ.
''ސަރޫ...'' ޒިވްޔަން ކިޔާލިއެވެ. އޭނަގެ ނަން ޒިވްޔަންގެ ދުލުން އިވިގެން ދިޔަ ގޮތް ވެސް ސަރުވާއަށް ހާއްސަ ވެއްޖެއެވެ. ހަށިގަނޑުގެ ލޯލިތައް ވެސް ކޮޅަށް ޖެހުނެވެ. ބޭއިހްތިޔާރުގައި ސަރުވާއަށް ހިނިތުންވެވުނެވެ.
''ސޯ......'' ޒިވްޔަން ބުނެލިއެވެ. އޭނަގެ ނަޒަރު ސަރުވާގެ މޫނާއި ވަކި ނުވެއެވެ. ''ހައު ލޯންގް ހޭވް ޔޫ ބީން ފްރެންޑްސް ވިތް ކިޔާ؟...''
''ސްކޫލްގަ ކިޔަވަން އުޅުނީއްސުރެން...'' ސަރުވާ ޖަވާބު ދިނެވެ.
''ކިޔާރާ ފެނުނީއްސުރެން ދައިސާން ހުންނަނީ ދީވާނާވެފަ...'' ޒިވްޔަން ބޯހޫރާލިއެވެ. އޭނައާއި ސަރުވާގެ ދެމެދުގައި އޮތް ބީރައްޓެހިކަމުގެ ފާރަށް ނިމުން ގެންނަން އޭނަ ބޭނުންވިއެވެ. އެދެމެދުގައި މިވަގުތަށް އޮތް ހަމައެކަނި އެއްގޮތްކަމަކީ ދެފަރާތުގެ އެކުވެރިންނެވެ.
އެކުވެރިންނާ ގުޅުވާލައިގެން ޒިވްޔަން ވާހަކަ ފެށީވެސް އެހެންވެއެވެ. ފަހަރަކު ފިޔަވަޅެއް އަޅަމުން ސަރުވާއާ ދެމެދު ގާތްކަން އުފައްދަން އޭނަ ހުރީ އަޒުމުކަނޑައަޅައިގެންނެވެ.
''އިނގޭ ތިކަން...'' ސަރުވާ ވެސް އެއްބަސް ވިއެވެ. ''ބާލީ އިން ބައްދަލުވި ވާހަކަ ކިޔައިދިން އިރު ހީވީ ރޯމިޔޯ އެންޑް ޖޫލިއެޓްގެ ބައްދަލުވުން ހެން...''
ޒިވްޔަންގެ ބަރު ހުނުމުގެ އަޑު އިވުނެވެ. އެހުނުމުގެ ތެރެއަށް ސަރުވާއަށް އޭނަގެ ނަފުސު ދޫކޮށްލެވުނެވެ. ފާއިތުވަމުން ދިޔަ ކޮންމެ މިނެޓަކާއެކު އެހިތުގެ މައްޗަށް ޒިވްޔަންގެ ބާރު އިހުސާސްކުރެވެމުން ދިޔައެވެ. އޭނައަށް ޒިވްޔަން ވަރަށް ބޮޑަށް ހާއްސަވެއްޖެކަން ގައިމެވެ.
''ޔޫ ލުކް ބިއުޓިފުލް...'' ހިނދުކޮޅަކަށް ވެރިވެގެން ދިޔަ ހިމޭންކަމަށް ފަހު ސަރުވާގެ ރީތިކަމަށް ޒިވްޔަން ތައުރީފުކޮށްލިއެވެ.
''ތެންކިއު...'' ސަރުވާގެ ހިތް ތެޅިލިއެވެ. ތައުރީފުގެ ބަސްތަކުން ކޯތާފަތުގެ ކުލަވެސް ބަދަލުވާންފެށިއެވެ. ލަސްލަހުން އެސްފިޔަ ތިރިކޮށްލެވުނެވެ. ލަދުރަކި ހިނިތުންވުމެއްގެ ކުލަވަރު ސަރުވާގެ ތުންފަތުގައި ވިއެވެ.
''މާޝާﷲ'' ޒިވްޔަންއަށް ހިތާހިތުން ބުނެވުނެވެ. ހުޅުކޮޅުގެ ދަހިވެތިކަމަށް ދަމައިގަންނަ ޕަރުވާނާއެކޭ ޒިވްޔަން ތަފާތެއް ނެތެވެ. ސަރުވާގެ ރީތިކަން އެހިތުގައި ތޫފާނެއް އުފައްދާލައިފިއެވެ. އެތައް އިހުސާސެއް އުފަންކުރުވައިފިއެވެ. ޝާއްބަކަން އެކުލެވިގެންވި އެސޫރަ ހިތުގެ އެންމެ ފުންމިނުގައި ބިންވަޅު ނެގުނެވެ.
''ކިޔާ ބުންޏެއްނު ޒިވްޔަންއަކީ ދައިސާންގެ ބިޒްނަސް ޕާޓްނަރޭ... ކޮންކަހަލަ ބިޒްނަސްއެއްތަ މެނޭޖްކުރަނީ؟...'' ލަދުރަކިކަން ހިތުގައި ވަންހަނާކުރަމުން ސަރުވާ ބުންޏެވެ. ޒިވްޔަންއާއި މެދު ޝައުޤުވެރިކަން އުފެދުނު ވަރުން އިތުރަށް އެނގެން ވެސް އެނަ ހުރީ ބޭނުން ވެފައެވެ.
''ޒެން...'' ޒިވްޔަން އޭނަގެ ނަން ރަނގަޅުކޮށްލަ ދިނެވެ. ގާތްކަމެއް ސަރުވާއާއި ބާއްވަން އެދޭކަން އެއަޑުން ސަރުވާއަށް ނަގައިދިނެވެ.
''ޒެން...'' މައުނަވީ ހިނިތުންވުމަކާއެކު ސަރުވާ ބުންޏެވެ.
''ދެމީހުން ގުޅިގެން ވަރަށް ފަހުން ހުޅުމާލޭގައި ރެސްޓޯރެންޓެއް ހުޅުވީ... އަސްލު ބައްޕަގެ ވިޔަފާރިން ނިކުމެ އަމިއްލަ މަސައްކަތެއް ކުރަން ބޭނުންވީ... އެކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ ދައިސާންގެ ފަރާތުން...'' ޒިވްޔަން ބުނެދިނެވެ. ޒިވްޔަންގެ ފަރާތުން އޭނަގެ ބައްޕައަކީ ނަން މަޝްހޫރު ވިޔަފާރިވެރިއެއްކަން އެނގުނެވެ. ރާއްޖޭގައި މަތީފެންވަރުގެ ރިސޯޓްތަކާއި ހޮޓެލްތައް ހިންގާފަރާތެކެވެ. ޝައުޤުވެރިކަމާއެކު ޒިވްޔަންގެ ވާހަކަތައް އަޑުއަހަން ސަރުވާ ހުއްޓެވެ. އެދެމެދުގައި އޮތް ބީރައްޓެހިކަމުގެ ފަރުދާ ކެހިގެން ގޮސްފިއެވެ. ޖެހިލުންވުމުގެ އަސަރުތައް ވެސް ސަރުވާގެ ހިތުންފިލާ ގޮސްފިއެވެ. ޒިވްޔަންގެ ސަމާސާ މިޒާޖު އޭނައަށް ވަރަށް ކަމުދިޔައެވެ. ޒިވްޔަންއާއި ވާހަކަދައްކަން އިތުރު ހިތްވަރެއް ލިބުނެވެ.
''މިހާރު އަހަންނާ ބެހޭގޮތުން ވަރަށް ވާހަކަ ދެކެވިއްޖެއެއްނު... ޓެލް މީ އެބައުޓް ޔޯރ ސެލްފް...'' ވާހަކައިގައި ތިބެ ސަރުވާއާއި ޒިވްޔަން ބޭރަށް ނިކުތެވެ. ވައިރޯޅީގެ ސަމާސާއާއެކު ސަރުވާގެ އިސްތަށިގަނޑު ވިހުރިގެން ދިޔައެވެ. ހިމަހޯލިއިގިލިތަކުން މޫނަށް ފޭބި އިސްތަށިކޮޅުތައް ކަންފަތުގައި އަޅުވާލިއެވެ.
ބަނިޔާދަކަން އެކުލެވިގެންވި ސަރުވާގެ ހަރަކާތްތަކަން ބަލަން ޒިވްޔަންއަށް ހުރެވުނީއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ސަރުވާއަށް ހުރެވުނީ ޒިވްޔަންއާއި ނުހަނު ގާތުގައިކަން ރޭކާލީ ދެނެވެ. ކުޑަކޮށް ދުރަށް ޖެހިލަމުން ސަރުވާ އޭނަގެ ތަޢާރަފެއްދިނެވެ.
''ޑޮކްޓާރ ސަރުވާ... އިޓް ހޭސް އަ ނައިސް ރިންގް ޓު އިޓް...'' ޒިވްޔަން ކިޔާލިއެވެ. ދެލޮލުގައި ތަފާތު ވިދުމެއް ވިއެވެ. ހިތާއި ޖާނުން އެފުން ދެލޮލުގެ ތެރެއަށް ގެނބިގެންދާން ސަރުވާއަށް އޭނަގެ ހިތް ދޫކޮށްލެވުނެވެ.
ސަރުވާ ސިހިގެން ދިޔައީ އޭނަގެ ފޯނު ރިންގްވާން ފެށުމުންނެވެ. ހުވަފެނީ އާލަމުން އޭނައަށް ނިކުމެވުނީ ދެނެވެ. ކްލަޗް ތެރޭގައި އޮތް އޭނަގެ ފޯނު ސަރުވާ ނެގިއެވެ.
''ބައްޕަ!...'' ސަރުވާއަށް ބުނެވުނެވެ. ޒިވްޔަންގެ ވާހަކައިގައި ގައިދުވެފައި ހުރެވުމުން ގަޑިން ވީއިރެއް ވެސް އޭނައަކަށް ނޭނގުނެވެ. ސަރުވާއަށް ވަގުތުން ތެޅިގަނެވުނެވެ. ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.
''ބައްޕާ... މިދަނީ...'' ސަރުވާ ބުންޏެވެ. އަދި ފޯންކޯލް ކުރުކޮށްލިއެވެ.
''ދާންވެއްޖެ...'' ޒިވްޔަންއަށް ސަރުވާ ބަލައިލިއެވެ. ޒިވްޔަން ބޯޖަހާލީއެވެ. ސަރުވާ ދެން ހިނގައިގަތީ އެތެރެއަށެވެ. ކިޔާރާ ގާތު ދާންވެއްޖެކަން އަންގާލަމުން ސަރުވާ ނިކުންނަން ހިނގައިގަތެވެ. އޭނައަށް ބޭރަށް ނިކުމެވުނުއިރު ކުރިން ހުރި ތަނުގައި މަޑުކޮށްލައިގެން ހުރި ޒިވްޔަން ފެނުނެވެ. ދާން އުޅެފައިވެސް ޚިޔާލު ބަދަލުކޮށްލަމުން ޒިވްޔަންގެ ގާތަށް ސަރުވާ ދިޔައެވެ.
''ތެންކިއު ފޯ ދި އިވްނިންގް...'' ސަރުވާ ބުންޏެވެ.
''ދަ ޕްލެޝާރ އިސް އޯލް މައިން...'' ޒިވްޔަން ކުރިއަށް ޖެހިލިއެވެ.
''ބާއި...'' ހިތާއި ދެކޮޅަށް ސަރުވާ ބުނެލިއެވެ. މާޔޫސްކަން އެދެލޮލުން ޒިވްޔަންއަށް ފެނުނެވެ.
''މީ އަދި ވަކިވުމެއް ނޫނެއްނު... ފްރެންޑްސް؟...'' ސަލާންކުރުމަށް ޒިވްޔަން އަތްދިއްކޮށްލިއެވެ. ޒިވްޔަން ދިއްކޮށްލި އަތުގައި ސަރުވާ ހިފާލީ ހިނިތުންވުމަކާއެކުގައެވެ. އެޖުމްލައިން ސަރުވާގެ ހިތަށް އުއްމީދު ގެނެސްދިނެވެ. ޒިވްޔަންއަށް ފަސްދީ ކުރިއަށް ހިނގައިގަތް ސަރުވާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ.
''ޝިޓް!...'' ލޯކުރިމަތިން ސަރުވާ ގެއްލުމާއެކު ޒިވްޔަންއަށް ބުނެވުނެވެ. އޭނައަށް ސަރުވާގެ ނަންބަރު ނުހޯދުނުކަން ވެސް ރޭކާލީ ދެނެވެ. އިތުރު ބައްދަލުވުމަކުން ހިތުގެ މުރާދު ހާސިލުކުރަން އޭނަ ގަސްދުކުރިއެވެ. ދެން އޭނައަށް ސަރުވާ ގެއްލިގެން ނުދާނެތީއެވެ.
(ނުނިމޭ)