ވާހަކަ

ދޭތޯ ތި ހިތް - 3

2

މަންޒިލާ ހަމައަށް ދެވުނުއިރު ސަރުވާގެ މޭގަނޑު އޮތީ އަނގަޔަށް އަންނަވަރު ވެފައެވެ. ކިޔާރާ ކާރު ދުއްވި ގޮތުން އަދި ވެސް ހިތް ތެޅެމުން ދިޔައީ ބިރުވެރިކަމާއެކުގައެވެ. ސްޕީޑް ލިމިޓަށް ބެލުމެއް ނެތެވެ. ނުބައި ފަޅިއަކަށް ސައިޑް ލައިޓް ދީފައި ކާރު އަނބުރާލުމުން އެކްސިޑެންޓެއް ވެސް ނުހިނގީ ކިރިޔާއެވެ. އެވަގުތު ވެސް ކިޔާރާ ކުށްވެރިކުރީ އަނެއް ވެހިކަލް ދުއްވަން އިން މީހާ އެވެ. ޝޯޓްކަޓެއް ނަގަންވެގެން ވަންވޭއެއް ވެސް ފަޅާލައިގެން ބޮޑު ހައިޖާންގަނޑެއް ހިންގާލިއެވެ. ސައްހަސަލާމަތުން މަންޒިލަށް ދެވުމުން ހެއްދެވި ފަރާތަށް ޝުކުރުކުރެވުނު އަދަދެއްވެސް ނޭނގެއެވެ.

''ކާކުތަ ކިޔާއަށް ލައިސެންސް ދިނީ؟...'' ކާރުން ފައިބަމުން ސަރުވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކިޔާރާ ތުންއަނބުރާލިއެވެ. ކާރު ލޮކްކޮށްލަމުން ކާރުގެ ތަޅުދަނޑި އަތްދަބަހަށް އޭނަ އެޅިއެވެ.

''ގާރލް، އަހަރެން ދުއްވުން ބަރާބަރު ވާނެ، ސަރޫ ބިރުގަންނާތީއޭ މައްސަލައަކީ... އެހެންނޫނަސް އަހަރެން ދުއްވައިގެން ސަރޫއަށް ކަމެއް ވިތަ؟...'' ކިޔާރާ ހަށަން ބަނދެލިއެވެ. ކުރިމަތިން ފެންނަން ހުރި ދެބުރީގެ އިމާރާތަށް ވަންނަން އޭނަ ހިިނގައިގަތެވެ. އެއީ ކިޔާރާގެ ފިހާރައެވެ. އޭނަގެ ހާއްސަ ޑިޒައިނާރ ހެދުންތަކާއި، މޭކަޕް ސްޓޫޑިއޯއަށް ހާއްސަކުރެވިފައިވާ ތަނެވެ. އިމާރާތުގެ އަރިމަތީގައި ބޮޑު އަކުރުން ''ޑިޒައިނާރ ކިޔާ'' ޖަހާފައި ވެއެވެ.

ފިހާރައަށް ވަންނަން ދިޔަ ކިޔާރާއަށް އަދަބުއިހްތިރާމް އަދާކުރުމުގެ ގޮތުން މުވައްޒަފަކު އައިސް ދޮރު ހުޅުވާލަދިނެވެ. ކިޔާރާ ހިނިތުންވެލިއެވެ. އަދި ފިހާރައިގައި ތިބި އޭނަގެ މުވައްޒަފުންނަށް ސަރުވާ ތަޢާރަފްކޮށްދިނުމަށްފަހު ހިނގައިގަތީ އެންމެ މަތީ ފަންގިފިލާލައި ހުރި އޭނަގެ އޮފީހަށެވެ. އިވެންޓްތަކަށާއި، ހާއްސަ މެހެމާނުންގެ ހެދުންތައް ފަރުމާކުރުމަށް ހާއްސަކުރެވިފައިވާ ތަނެވެ.

ވަށައިގެން ސަރުވާ ނަޒަރު ހިންގާލިއެވެ. ތަފާތު ވައްތަރުގެ ފޮތިތަކާއި، މެނެކިންތަކުގައި ހުރި ހެދުންތަކަށް އޭނަ ބަލަމުން ދިޔައެވެ. ކިޔާރާގެ ހުނަރު ފެނި ސަރުވާގެ ހިނިތުންވުން ފުންވިއެވެ.

އޮފީސްބައިގެ ބިއްލޫރިދޮރު ހުޅުވާލާފައި ކިޔާރާ ވަނުމާއެކު އޭނަގެ އެސިސްޓެންޓް ދިލްފާ އައިސް ފިއެވެ. ބީރައްޓެހިކަމުގެ ނަޒަރެއް ސަރުވާއަށް ދެމުން އޭނަ ހިނިތުންވެލިއެވެ.

''ދިލްފާ، މީޓް ސަރުވާ، މައި ބެސްޓްފްރެންޑް...'' ސަރުވާ ތަޢާރަފްކޮށްދެމުން ކިޔާރާ ބުނެލިއެވެ. ހުރިހާ މުވައްޒަފުންނަށް ވެސް ނަމުން މުހާތަބުކޮށް، ކިޔާރާ ބަހައްޓާ ގާތްކަން ފެނި ސަރުވާއަށް ހިނިތުންވެވުނެވެ. ބީރައްޓެއްސަކަށް ކިޔާރާ ފެންނައިރަށް ފުރަތަމަ ވެސް ފާހަގަ ވާނީ ކިޔާރާގެ ގޮތްބޮޑުކަމެވެ. ކިބުރުވެރިކަމަށް ވެސް ދެކެފާނެއެވެ. ނަމަވެސް އެހުރިހާކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ހިތްހެޔޮކަމާއި އެކުވެރިކަން ފެންނާނީ ކިޔާރާއާއި ވާހަކަދައްކާލެވުމުންނެވެ.

''ހައު އިޒް ދިސް؟... ސަރޫގެ ބޮޑީ ޓައިޕާ ވެސް ގުޅޭނެ...'' ކިޔާރާ ގޮސް ހުއްޓުނީ މެނެކިންއެއްގެ ކުރިމައްޗަށެވެ. އޭގައި ހުރި ހެދުން އޭނަ ސަރުވާއަށް ދައްކާލިއެވެ. އެއީ ގަދަ ފެހިކުލައިގެ މެކްސީ އެކެވެ. މެކްސީގެ އެއް އަރިމަތިން ވަނީ ކަކުލުހުޅާ ހަމައަށް ފަޅާފައެވެ. ލޭސްފޮތިން އަތް ފަރުމާކުރވެިފައިވާއިރު ހެދުމުގެ އަތާއިއެކު މޭމަތީގައި ވަނީ މޫތިތައް ހަރުކުރެވިފައެވެ. ހަށިގަނޑުގެ ވަނާތަކަށް ބާރަށް ހިފާލާނެ ހެދުމަކަށް ވިޔަސް އެހާ ލޯބިން ކިޔާރާ ދިން ހަދިޔާއަކަށް ވުމުން ދެކޮޅު ހަދާކަށް ސަރުވާއަކަށް ނުކެރުނެވެ.

''ވަރަށް ރީތި...'' ހެދުމުގައި ފިރުމާލަމުން ސަރުވާ ބުންޏެވެ.

''އިޓް ވިލް ފިޓް ޕާފެކްޓްލިީ އޮން ޔޯ އަވާރ ގްލާސް ބޮޑީ...'' ކިޔާރާ ހިނިތުންވެލިއެވެ. އޭނަ ސަރުވާ ގާތު ދެން އެދުނީ އެހެދުން ލުމަށެވެ. ހެދުން މެނެކިންއާ ވަކިކޮށްލަމުން އޭނަ ސަރުވާގެ އަތުގައި ހިފައިގެން ހިނގައިގަތީ ޗޭންޖިންގް ރޫމާ ދިމާއަށެވެ. ޗޭންޗިންގް ރޫމަށް ދެވުމުން ސަރުވާގެ ބުރަކަށީގައި އަތްޖައްސާލަމުން އެތެރެއަށް ވެއްދިއެވެ. އަދި އޭނަގެ އަތުގައި އޮތް ހެދުން ސަރުވާގެ އަތަށް ލައިދެމުން ޗޭންޖިންގް ރޫމްގެ ދޮރު ލައްޕާލިއެވެ. ސަރުވާ ނިކުންނަން ދެން ކިޔާރަ ހުރީ ބޭރުގައި މަޑުކޮށްލައިގެންނެވެ. ބޭރުގައި ހުރިއިރު އޭނަ ދައްކަމުން ދިޔައީ މިރޭގެ އެވެންޓާއި ބެހޭ ވާހަކައެވެ. ދޭތެރެއަކުން ސަރުވާގެ ޚިޔާލަކަށް ވެސް އެދިފާނެއެވެ.

''ދެން ނިކުންނަން އުޅޭ...'' އަތުކުރީ އޮތް ހިމަ ގަޑިއަށް ބަލައިލަމުން ކިޔާރާ ބުނެލިއެވެ. އެވަގުތު ސަރުވާ ދޮރުހުޅުވާލިއެވެ. ސަރުވާ ފެނުމާއެކު ކިޔާރާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އުފަލާއެކުގައި ފުންމަން ވެސް ފެށިއެވެ.

''މާޝާﷲ!... ނިކަން ހިނގާލަބަލަ، އަހަރެން ބޭނުން ބަލަން...'' ކިޔާރާއަށް ބުނެވުނެވެ. ހަޤީޤަތުގައި ވެސް އެހެދުމުގައި ސަރުވާ ފެންނަ ގޮތް ވަރަށް ވެސް ފުރިހަމައެވެ. ދިގު އިސްކޮޅާއި، ހަށިގަނޑުގެ ފުރިހަމަ ވަނާތަކަށް މެކްސީ އޮތީ ހިފާލާފައެވެ. ކުރިއަށް އަޅާ ފިޔަވަޅުތަކާއެކުގައި ފޮތީގެ ދިހުން ފާޅުވެލާ ގޮތުގައި ވެސް ޖާދުލެއްވިއެވެ.

''ހޮޓް!...'' މޫނުމައްޗަށް ވިހެލާ ފަދަ ހަރަކާތެއް އަތަށް ގެންނަމުން، ސަރުވާ ހިނގާލާއިރު އެކުލެވިގެންވާ ފަރިކަމަށް ވެސް ކިޔާރާ ތައުރީފުކޮށްލިއެވެ.

''ގާރލް ވައި އާރ ޔޫ ސްޓިލް ސިންގަލް؟...'' ކިޔާރާ އުނަގަނޑުގައި އަތްވިއްދާލިއެވެ. ސަރުވާގެ ކަނދުރާގެ ފަޅުކަން ފިލުވާލަން އެމަރެލްޑުން ފަރުމާކުރެވިފައިވާ ހާރެއް ވެސް ގެނެސް އަޅުވައިފިއެވެ. ގޮތްގޮތަށް ސަރުވާގެ އިސްތަށިގަނޑު ހެދުމަށްފަހު އެންމެ ކަމުދަނީ މިނިވަންކަމާއެކު ދޫކޮށްލުމުންނޭ ކިޔާރާ ބުނެލިއެވެ. ސަރުވާ ޒީނަތްތެރިކޮށްލަމުން ދިލްފާގެ ޚިޔާލަކަށް ވެސް އޭނަ އެދުނެވެ. ދިލްފާ ވެސް ސަރުވާގެ ރީތިކަމަށް ތައުރީފުކުރަން ފެށުމުން ސަރުވާ ރަކިވާ ގޮތް ވެއްޖެއެވެ. އިސްކޮޅުގެ ދިގުމިނުގެ ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން އަމިއްލަ ސޫރައަށް އޭނަ ބަލައިލިއެވެ. އަދި ފަރާތްފަރާތަށް އެނބުރިލިއެވެ.

''މިރޭ ސަރޫއަށް ހިތްހިޔާނެ ފިރިހެންކުދިންގެ ލައިނެއް އޮތްނާނެކަން ޔަޤީން... އެއްކަލަ ސްޓްރޭންޖާރ މަތިން ހަނދާން ނައްތާލާ!، މިރޭ ވާހަކަދައްކަން ބޭނުންވާ ކުދިންނަށް ނޫނެކޭ ނުބުނާތި... އަބަދު އެންމެނަށް ނޫނެކޭ ބުނާނަމަ އުމުރު ހުސްވެގެންދާނީ ސިންގަލްކޮށް ހުއްޓާ...'' ސަރުވާގެ ފުރަގަހުން ހުއްޓިހުރި ކިޔާރާ ބުންޏެވެ. އޭނައަށް ފޯންކޯލެއް އަންނަން ފެށީ އެވަގުތުއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމާއެކު ކިޔާރާގެ މޫނު އުޖާލާވެގެން ދިޔައެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ހިނގައިގަތީ އޮފީހުން ނިކުމެވެން ހުރި ބެލްކަނި އަށެވެ. ފަސްއެނބުރި ކިޔާރާއަށް ސަރުވާ ނަޒަރެއް ދިނެވެ.

ފޯންކޯލް ނިންމާލުމަށްފަހު ކިޔާރާއަށް އާދެވުނުއިރު ސަރުވާ ހުރީ ހެދުން ބަދަލުކޮށްގެންނެވެ. މިރޭގެ ހަފްލާއަށް ހާއްސަކޮށް ކިޔާރާ ހަދިޔާ ކުރި ހެދުން ''ޑިޒައިނާރ ކިޔާ'' ޖަހާފައި އޮތް ބޮޑު ކޮތަޅަކަށް އަޅައިގެން ގެނެސް ދިލްފާ ދިއްކޮށްލިއެވެ. ހިނިތުންވުމަކާއެކު ކޮތަޅުގައި ސަރުވާ ހިފާލިއެވެ.

''ހާދަ ވަރަކަށް ހެވިފަ ތިހިރީ...'' ކިޔާރާއަށް ދިން އަވަސް ނަޒަރަށްފަހު ސަރުވާ ބުންޏެވެ. އިހުނަށްވުރެން ކިޔާރާގެ މޫނު އުޖާލާވެފައިވާކަން ފާހަގަ ކުރެވުނެވެ. އެހުރިހާ ބަދަލެއް އައީ ދައިސާންގެ ފޯންކޯލަށް ފަހުގައެވެ.

''ޔަންގް ލަވް... މިރޭ ސަރޫއަށް ދައިސާން ފެނުނީމަ އެނގޭނީ އަހަރެން މިދައްކާ ވާހަކައިގެ ތެދުކަން، ހީ އިޒް ސޯ ހޮޓް!...'' ހުވަފެނީ ގޮތަކަށް ކިޔާރާ ބުންޏެވެ. ދެއަތްތިލަ ޖޯޑުކޮށްލަމުން ގެެނެސް މޭގައި ޖައްސާލިއެވެ. ކިޔާރާއަށް ބަލަން ހުރި ސަރުވާ ދެފަރާތަށް ބޯހޫރާލިއެވެ.

''އޯކޭ... އޯކޭ... އަހަރެން ދާންވެއްޖެ... ހަވީރު ސަޔަށް އެބަޖެހޭ ހުސްނާއްތަ ގެއަށް ދާން...'' ސަރުވާ ބަލައިލީ ގަޑިއަށެވެ.

''ގެއަށް ގެންގޮސްދެންވީދޯ؟...'' ކިޔާރާ އޭނަގެ އަތްދަބަސް ހޯދަން އަވަސްވެގަތެވެ.

''ނޫން!... އަހަރެން ޓެކްސީއެއްގަ ގޮސްފާނަން...'' ސަރުވާ މަނާވެގަތެވެ. ސަރުވާއަށް ބަލައިލަމުން ކިޔާރާ ދެލޯއަޅާލިއެވެ. އެވަގުތު ސަރުވާއަށް ހުސްނާގެ މެސެޖެއް ލިބުނެވެ.

''ދެން ދަނީ... މިރޭ އަށެއްޖަހާއިރަށް އަންނާނަން...'' ވަދާއުގެ ސަލާމެއްގެ ގޮތުން ކިޔާރާގެ ގައިގައި ބައްދާލަމުން ސަރުވާ ބުންޏެވެ. އެއަށްފަހު މަޑުކުރުމެއް ނެތި ނިކުންނަން އޭނަ ހިނގައިގަތެވެ.

''ގަޑިއަށް އަންނައްޗޭ...'' ކިޔާރާ ހަނދާންކޮށްދިނެވެ. ފަސްެއެނބުރި ބަލައިލި ސަރުވާ ބޯޖަހާލިއެވެ.

*****

ހަފްލާ ފެށުމަށް ހަމަޖެހިފައި އޮތީ ދަރުބާރުގޭގައެވެ. އަށެއް ޖެހުމާއެކު ހަފްލާ ފެށިއްޖެއެވެ. ރާއްޖޭނެ ނަން މަޝްހޫރު ފަންނާނުންތައް އޭރު ހަފްލާއަށް އަންނަމުން ދިޔައެވެ. މީޑިޔާތަކުން ވެސް ހަފްލާ ކަވަރުކުރަން ކޮޅުކޮޅަށް ދުވަމުން ދިޔައެވެ. ސަރުވާއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ޓްރެފިކްގެ ސަބަބުން ލަސްވީއެވެ. ލަހުން އާދެވޭތީ އެކަން ވެސް އޭނަ ކިޔާރާއަށް އެންގިއެވެ.

''ދަރިފުޅު ނިމުނީމަ ބައްޕައަށް ގުޅާލައްޗޭ... ބައްޕަ ވެސް އޮފީސްކަމެއްގެ މިކޮޅުގަ މަޑުކުރާނަން...'' ކާރުން ފައިބަން އުޅުނު ސަރުވާއަށް އާފާގު ބުނެލިއެވެ.

''ދިހައެއް ޖަހާއިރު ބަލާ އާދެވިދާނެތަ؟... އެހާ ގިނައިރު ހުންނަން ގަސްދެއް ނުކުރަން...'' އާފާގުއަށް ހިނިތުންވެލަމުން ސަރުވާ ބުނެލިއެވެ.

''ޔޫ ލުކް އެމޭޒިންގް...'' ކާރުން ފޭބި ސަރުވާއަށް އާފާގު ބުންޏެވެ. އޭނަގެ ލޯބިވާ ދަރިފުޅު ފުރާފުރިހަމަ ވެއްޖެކަން ޤަބޫލުކުރަން އަދިވެސް އާފާގުއަށް އުނދަގުލެވެ. ނަމަވެސް މިހާރު އޭނައަށް ފެންނަމުން އެދަނީ ފުރިހަމަ ޖިންސުއްލަތީފެކެވެ. ދުނިޔޭގެ ކެހިވެރި ލޯތަކުން ދަރިފުޅު ހިމާޔަތްކުރަން ގޭގެ ހަތަރުފާރުތެރޭގައި ބަހައްޓަން ވެސް އޭނަގެ ހިތަށް އަރައެވެ. ނަމަވެސް ސަރުވާގެ އުފަލާއި މިނިވަންކަމަށް ހުރަސްއަޅަން އޭނަ ބޭނުމެއް ނުވެއެވެ. ދަރިފުޅުގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެއެވެ. ގޯސްމަގެއް ސަރުވާ އިހްތިޔާރުނުކުރާނެކަމުގެ ޔަޤީންކަން ވެސް ހިތުގައި އޮތެވެ.

ކާރުގެ ދޮރު ލެއްޕުމުގެ ކުރިން ސަރުވާ އޭނަގެ ބައްޕައަށް ފުޅާ ހިނިތުންވުމެއް ދިނެވެ. ސަރުވާ އެތެެރެއަށް ވަންނަން ހިނގައިގަތީ އާފާގު ކާރު ދުއްވާލުމުންނެވެ. އަތުގައި އޮތް ކްލަޗް ހުޅުވާލަމުން އޭނަ ފޯނު ނެގިއެވެ. އާދެވިއްޖެ ވާހަކަ ބުނެ އޭނަ ކިޔާރާއަށް މެސެޖެއް ފޮނުވާލިއެވެ. މެހެމާނުންގެ އިސްތިޤްބާލުގައި ހުރި ކިޔާރާ އޭނައަށް ފެނުނީ ދެނެވެ. ސަރުވާ ފެންނަ އިރަށް ކިޔާރާ އަތް ހޫރާލިއެވެ. ހިނިތުންވެލަމުން ސަރުވާ ހިނގައިގަތީ ކިޔާރާގެ ގާތަށެވެ.

''ވަޓްސް ރޯންގް؟...'' ކިޔާރާ ގާތަށް އައިސް ހުއްޓުނު ސަރުވާއަށް އެމޫނުން އުދާސްކަމެއް ފާހަގަކުރެވިއްޖެއެވެ. ހިނިތުންވެލައިގެން ހުއްޓަސް ސަރުވާއަށް ނިކަން ފަސޭހައިން ނަގައިގަނެވުނެވެ.

''ދައިސާން... ކުޑަކަމެއް ދިމާވެގެން ލަހުން އާދެވެނެ ވާހަކަ ބުނީމަ، އަހަރެން ހީކުރީ އަހަރެން އެންމެ ގާތުގައި ހުންނާނެ ކަމަށް...'' ކިޔާރާއަށް ތުންދަމާލެވުނެވެ. ސަރުވާއަށް ކިޔާރާގެ ގާތަށް ޖެހިލެވުނެވެ. އަދި ކިޔާރާގެ ގައިގައި ބައްދަލިއެވެ.

''އަހަރެން މިހުރީއެއްނު، ދައިސާން އަންނަންދެން ކިޔާގެ އެންމެ ގާތުގައި ހުރެދޭނަން...'' ސަރުވާގެ ޖުމްލައިން ކިޔާރާގެ ފުރިހަމަ ހިނިތުންވުން އަނބުރާ އަތުވެއްޖެއެވެ.

''މައި ސޭވިއާރ...'' ތަންކޮޅެއް ބާރަށް ސަރުވާގެ ގައިގައި ކިޔާރާ ބައްދާލިއެވެ.

މެގަޒިން ލޯންޗްކޮށް ނިމުމާއެކު ހުރިހާ އެންމެންގެ ހޫނު މަރުހަބާއެއް ކިޔާރާއަށް ލިބުނެވެ. ކިޔާރާގެ ކާމިޔާބީގައި ބައިވެރިވެ އަތްތިލަބަޑިޖަހަން ސަރުވާ ހުއްޓެވެ. މެއިން އިވެންޓް ނިމުމުން ލައިވް މިޔުޒިކް ފެށުނެވެ. އޭރު ފެޝަން ދާއިރާގެ ގިނަ ތަޖުރިބާކާރުން ކިޔާރާ ވަށާލައިގެން ތިއްބެވެ. ކިޔާރާއަށް ވަގުތު ދެމުން ސަރުވާ ހިނގައިގަތެވެ. ދުރުގައި މެހެމާނުން ކެއުމަށް ހާއްސަކުރެވިފައި ތަނެއް ހުއްޓެވެ. ސަރުވާ އެތަނާ ކައިރިއަށް ޖެހިލީ ހުރި އެއްޗެއް ބަލައިލުމުގެ ޝައުޤުވެރިކަމުގައެވެ.

ބުފޭ ބަލަމުން ދަނިކޮށް ތަންކޮޅެއް ބާރަށް ކިޔާރާ ގޮވާލި އަޑު ސަރުވާއަށް އިވުނެވެ. ފަސްއެނބުރި ސަރުވާއަށް ބަލައިލެވުނެވެ. އޭރު ގާތަށް އައުމަށް އެދި ކިޔާރާ އަތުން ހަނާ އަޅަމުން ދިޔައެވެ. ސަރުވާ ހިނގައިގަތީ ކިޔާރާގެ ގާތަށް ދިއުމަށެވެ. ކުރިއަށް އޭނަ އަޅަމުން ދިޔަ ފިޔަވަޅުތައް މަޑުޖައްސާލެވުނީ ކިޔާރާގެ ގާތުގައި ހުރި ޒުވާނާ ފެނުމުންނެވެ. ހިނދުކޮޅަކަށް މެޔަށް ފިނިވެގެން ދިޔަކަމުގެ އިހުސާސް ސަރުވާއަށް ކުރެވުނެވެ. ޤަބޫލުކުރަން ދަތިވެފައިވާ މީހަކު ފަދައިން ސަރުވާއަށް ބަލަން ހުރެވުނީ އެވެ. ކުރިއަށް ހިނގައިގަންނަށް އޭނައަށް އުނދަގޫ ވެއްޖެއެވެ. އެސްފިޔަތައް އަވަސްއަވަހަށް ތަޅުވާލެވުނީ މަންޒަރު ބަދަލުވެދާނެކަމަށެވެ. ނަމަވެސް ކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތަކަށް ބަދަލެއް ނައެވެ.

ސަރުވާގެ ހިތަށް ރިހުމެއްގެ އަސަރު އިހްސާސްކުރެވުނެވެ. ކިޔާރާގެ ގާތުގައި އެހުރީ އިތުރު ދެވަނަ މީހެއް ނޫނެވެ. އޭނަގެ ހިތުގެ ހަމަޖެހުން ގެންދިޔަ ޒުވާނާއެވެ. އެދިގު އިސްކޮޅެވެ. ބައިމަތިފުޅާ ހަށިގަނޑެވެ. ނޫކުލައިގެ ސޫޓެއްގައި ހުރިއިރު ފިރިހެންވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ފަދައެވެ. ފަޓުލޫނުގެ އަރިމަތީ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު އެތުންފަތުގައި ވަނީ އޭނައަށް ކުރީ ދުވަހު ހަދިޔާ ކުރި ރީތި ހިނިތުންވުމެވެ.

''ދައިސާން؟...'' ސަރުވާއަށް މަޑުމަޑުން ބުނެވުނެވެ. ހިތުގައި ރިހުމެއް އުފެދިއްޖެކަން ގައިމެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ތަޤުދީރުގެ ނުބައި ސަމާސާއެއް ހެއްޔެވެ؟

ސަރުވާގެ ހިތުގައި އުފެދިގެން އައީ އުދާސްކަމުގެ ތޫފާނެކެވެ. ޖަޒުބާތުތައް އޮއްބާލަން މަސައްކަތްކުރާ ހާލު ސަރުވާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެވަގުތު އެޒުވާނާގެ ތޫނު ނަޒަރު ސަރުވާއަށް ހުއްޓިއްޖެއެވެ. ސަރުވާއަށް ވަގުތުން އިސްތިރިކޮށްލެވުނެވެ. ކިޔާރާގެ ހައްގަކަށް ނުނިޔަތެއްގައި ބަލަން އޭނަ ބެނުމެއް ނޫނެވެ. ހިތަށް ކިތަންމެ އުނދަގުލެއް ވިޔަސް އޭނަ ޖެހޭނީ އެއިހުސާސްތަކާ ދުރުވާށެވެ. އެހެންނޫނަސް އެންމެ ބައްދަލުވުމަކުން އޭނަގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ތަޖުބާތުތައް އިހްތިޔާރުގެ ދަށުން ދޫވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ބަސްނާހާ ހިތަށް އޭނަ ވިސްނައިދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އެކުވެރިޔާގެ ހައްޤަކަށް އެފަދަ ނަޒަރަކުން ބެލުމަކީ ވެސް ހުއްދަ ވެގެންވާ ކަމެއް ނޫނެވެ.

''ކީއްވެ ތިހުންނަނީ... ކަމް... އައި ވޯންޓް ޔޫ ޓު މީޓް ހިމް...'' ގަބުއަރާފައި ހުރި ސަރުވާގެ އަތުގައި އައިސް ކިޔާރަ ހިފައިފިއެވެ. އަމިއްލަ އިހްތިޔާރެއް ނެތް މީހަކު ފަދައިން ސަރުވާ ކުރިއަށް ހިނގައިގަތެވެ. އޭނައަށް ހުރެވުނީ އިސްތިރިކޮށްގެންނެވެ. މޫނުގެ ކުލަވަރުތައް ސިއްރުކުރަން ސަރުވާ ނުހަނު ބޭނުން ވިއެވެ. ބިރުގަންނަނީ އިސްއުފުލާލައިފިނަމަ އޭނަގެ ހިތް ބޭޒާރުވެދާނެތީއެވެ. އަމުދުން އޭނަގެ މިޒާޖަށް ބަދަލެއް އައިސްފިކަން ކިޔާރާއަށް ފާހަގަ ވެއްޖެނަމަ އެތައް ސުވާލެއް ކުރިމަތިވާނެއެވެ. އެސުވާލުތަކަށް ތެދުތެދަށް އޭނައަށް ޖަވާބެއް ވެސް ނުދެވޭނެއެވެ.

ސަރުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގައި އަތްއަޅައި އޮއްބާލެވުނީ އިހުސާސްތައް ވަންހަނާކުރުމުގެ ނިޔަތުގައެވެ. ހިތަށްވަމުން ދިޔަ އުނދަގޫގެ ސަބަބުން ވެސް ސަރުވާ ހައިރާން ވިއެވެ.

''ދައިސާން!، މީޓް ސަރުވާ، މައި ބެސްޓް ފްރެންޑް...'' ކިޔާރާ ގޮސް ހުއްޓުނީ އެޒުވާނާގެ ކުރިމައްޗަށެވެ. އިހުނަށް ވުރެން ބޮޑަށް ސަރުވާއަށް އިސްއޮބާލެވިއްޖެއެވެ. އޭނައަށް ހިންދިރުވާލެވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟