ވާހަކަ

ކަފަވިލާތަކު ތެރޭ - 4

"ޔާރައްބީ. ގަޑިން ވީއިރެއްވެސް ނޭނގުނު."

ހަމަ ކުއްލިއަކަށް ފަހުދު ކޮންމެވެސް ކަމެއް ހަނދާންވީ ޑިސްކޯ ހޯލު ހުސްވިތަން ފެނުމުންނެވެ. މިޔުޒިކްގެ އަޑުކެނޑި ނެށުން ހުއްޓުމުންނެވެ.

"އެގާރަ ޖެހީ." ނެށުން ނިމޭނީ އެގާރަ ޖެހުމުންކަން ޒައިނާއަށް އެނގޭތީ ބުނެލިއެވެ.

"މިވަގުތު ދިއުމުގެ ހުއްދަދީ. ފަހުން ބައްދަލުވާނަން." ފަހުދު އުޒުރުވެރިކަމާއެކު ގޮނޑިން ތެދުވިއެވެ.

'ބާއީ." ފަހުދު ސަލާމްކޮށްލަން ދިއްކޮށްލި އަތުގައި ހިފަމުން ޒައިނާ ބުނެލިއެވެ.

"ވާހަކައެއް ބުނަންތޯ." ދިއުމުގެ ކުރިން ފަހުދު، ޒައިނާ އިން ގޮނޑިއާ ކައިރިވެލަމުން އަހައިލިއެވެ. ޒައިނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"މިކަހަލަ އިސްތަށިގަނޑު ވަރަށް ރީތި. ވަރަށް ކަމުދޭ."

ޒައިނާގެ ވަރުގަދަ ބުޅި އިސްތަށިގަނޑާ ކުޅެލުމާއެކު އެހެން ބުނެލުމަށްފަހު ފަހުދު އަވަސް އަވަހަށް އެތަނުން ހިނގައްޖެއެވެ.

އެއީ ކޮންގެއެއްގެ މީހެއްތޯ ވެސް އަހައި ނުލެވުނެވެ. އެޑްރެހެއްވެސް، ފޯނު ނަންބަރެއްވެސް ނުހޯދުނެވެ. ފަހުދު ދިޔަ ފަހުން ޒައިނާއަށް އޭނާގެ މޮޔަކަމާއި ނުވިސްނޭކަން ހިތަށް އެރުމުން ހީނގަނެވުނެވެ.

ގާތްގަނޑަކަށް ގަޑިއަކަށް ވުރެ ގިނައިރު އޭނާއާ ވާހަކަދައްކަން އިނދެފައި ދިޔައިރު ވެސް ފަހުދުގެ އެއްވެސް މައުލޫމާތެއް އަހައިލަން ނޭނގުނެވެ. އެންމެ ކުޑަމިނުން ފުރިހަމަ ނަން ވެސް އަހައިލެވިފައެއް ނެތެވެ.

ކުރާނީ ކީއް ހެއްޔެވެ. ފަހުދުގެ ސަމާސާ ބަސްތަކާއި ހެއްވާ މަޖާ ވާހަކަތަކުގެ ތެރޭގައި އިނދެވުނު ވަރުން އެއިން އެއްވެސް ކަމެއް ކުރަން އޭނާ ހަނދާން ނެތުނީއެވެ.

ގެއަށް ދެވުމާއެކު އޭނާ އަވަސްވެގަތީ ނަޖުމަށް ގުޅުމަށެވެ. މިހާރު ހުންނާނީ ރުޅި އައިސްފައި ކަންނޭނގެއެވެ. އެގާރަގަޑި ސާޅީސް ވަނީއެވެ. ކެއުމަށް ނުދެވޭނެ ވާހަކަ ބުނިއިރު އެގާރައިގެ ކުރިން ކޮންމެހެންވެސް ގުޅުމަށް ނަޖުމް ބުނި ހަނދާންވީ ގެއަށް އައުމުންނެވެ.

ހައެއްކަ ފަހަރު ގުޅިއިރުވެސް ނަޖުމްގެ ގެއިން ފޯނަކަށް ޖަވާބެއް ނުދިނެވެ.

އަނެއްކާ ކިހިނެއްވީ ބާއެވެ.

ޒައިނާ ހާސްވެފައި ސޯފާގެ މައްޗަށް ވެއްޓިގަތެވެ. ކޮންމެވެސް ބޮޑުކަމެއް ވީ ކަންނޭނގެއެވެ. ފަހުދާ ޖެހިގެން އޭނާ ނަޖުމަށް ގުޅުމަށް ވެސް ހަނދާން ނައްތައިލީއެވެ. މާތްކަލާކޯއެވެ. ހަމަ އެންމެ ފެނިލުމަކުން ފަހުދު އޭނާގެ ހިތުގައި ކޮންމެވެސް ޖާގައެއް ހަދައިގެން އޭނާގެ މައްޗަށް ބާރުފޯރުވީ ބާވައެވެ.

ބާރަ ޖެހިފަހުން އަނެއްކާވެސް އޭނާ ނަޖުމްގެ ގޭގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ނަސީބު ވަރަށް ރަނގަޅެވެ. މިފަހަރު އެ ގެއިން ފޯނަށް ޖަވާބު ދީފިއެވެ.

"ކާކު؟"

އެކޮޅުން ވާހަކަ ދެއްކީ ކޮންމެސް އަންހެނެކެވެ. ޒައިނާ ނަޖުމް ކޮބައިތޯ ސުވާލުކޮށްލިއެވެ.

"އެމީހުން ފުރައިފި." އަންހެން މީހާ ދިނީ ކުރު ޖަވާބެކެވެ.

"ފުރައިފިއޭ. އެކަމަކު މި ގަޑީގައި ކޮންތާކަށް؟" ޒައިނާ ހާސްވެފައި ފުންމައިގެން ތެދުވެ އަހައިލިއެވެ.

"ތިއެއް ނޭނގެ... މިހާރު މިގޭގައި އުޅޭނީ އަހަރެމެން...."

އަންހެން މީހާ ރުޅިވެރިގޮތަކަށް ބުނެލިއެވެ. އިތުރަށް އެމީހާއަށް ވާހަކަ ދައްކަން ބޭނުން ނުވާތީ ޒައިނާ ބާރަށް ފޯނުގެ ރިސީވަރު ބޭއްވިއެވެ.

އޭގެ މާނައަކީ މިރޭ ކުއްލިއަކަށް ބޮޑު ކަމެއް ދިމާވި ވާހަކަ، މާތްކަލާކޯއެވެ. ނަޖުމް އެހައި ކަންބޮޑުވެގެން އުޅުނުއިރު އޭނާ ހަމަ ހެވިފައި ނުދަންނަ ޒުވާނެއްގެ އަވާގައި ޖެހިފައި އިނީއެވެ.

ނަޖުމަކީ މާލޭގައި ކުއްޔަށް އުޅޭ އެކަނިވެރި ބައްޕައެއްގެ އެންމެ ދޮށީ ދަރިފުޅެވެ. ހަގަށް ހުރި ފިރިހެން ކޮއްކޮއަށް ހަތް އަހަރު ވީތަނާ މަންމަ ނިޔާވުމުން އެކަނިވެރިކަމާއެކު ކޮއްކޮއާއި ބައްޕައަށް އެހީވަމުން ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ގަދަ ހިތްވަރެއް ކުރަމުން ގެންދިޔަ އަންހެން ކުއްޖެކެވެ.

ބައްޕަ ދާދި އިހަކަށް ދުވަހާ ހަމައަށް ހެން އުޅުނީ އެކި ރިސޯޓްތަކުގައެވެ. އެހެން އުޅުމުގެ ތެރޭގައި ލަންކާ އަންހެނަކާ ބައްދަލުވެ، އެމީހާއާ ކައިވެނިކުރުމަށްފަހު ބައްޕަގެ ދިރިއުޅުން ލަންކާއަށް ބަދަލުކުރި ނަމަވެސް، ނަޖުމާއި ނަޖުމްގެ ފިރިހެން ކޮއްކޮ އުޅުނީ މާލޭގައެވެ.

ޒައިނާއާއެކު މިގޭގައި ނަޖުމް އުޅުނު އިރު ކޮއްކޮ ހުރީ މާލޭގެ އެހެން ގެއެއްގައެވެ. އަހަރެއްހައި ދުވަސް ކުރިން ދޮންމަންމަ ގޮވައިގެން ބައްޕަ މާލެ އައުމުން ނަޖުމް ބައްޕަމެންގެ ގާތަށް ދިޔައީއެވެ. ކުއްޔަށް ތަނެއް ހިފައިގެން މާލޭގައި އުޅުމަކީ ބޮޑު ހަރަދެއްކަމަށް ބައްޕަ އަބަދުވެސް ބުނާތީ ނަޖުމް އިންނަނީ ފަހަކަށް އައިސް ވަރަށް ކަންބޮޑުވެފައެވެ.

ކޮންމެ ގޮތެއް ވިޔަސް ދޮންމަންމައަކީ ލަންކާގައި އަމިއްލަ ގެދޮރުހުރި ފޯރުންތެރި އަންހެނެއް ކަމަށްވާތީ މާލެއަށްވުރެ ލަންކާގެ ދިރިއުޅުން ހަރަދުކުޑަވެފައި ފަސޭހަވާނެކަމަށް ބައްޕަ ބުނާ ވާހަކައަކާ ނަޖުމަށް ދެކޮޅު ހެދޭކަށް ނެތެވެ.

އެއް ފަހަރު ކޯހުގެ ހުރިހާކަމެއް ހަޖެއްސުމުން ވެސް ނަޖުމް ބައްޕަ ގާތަށް ލަންކާއަށް ނުގޮސް މަޑުކުރީއެވެ. އެހެން ނަމަވެސް މިފަހަރު ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހާކަށް ނަޖުމްއަކަށް ނުކެރުނެވެ.

ހަމަ އެއާއެކު އެ ކޯހަކީ އޭނާ ނުހަނު ބޭނުންވާ ކޯހެއްކަމުން ލަންކާއަށް ދިއުމަށް އެއްބަސްވީއެވެ.

އެކަމަކު ގައިމުވެސް މިރެއަކު ލަންކާއަކަށް ނަޖުމްމެން ފުރާނެ ގޮތެއް ނޯންނާނެއެވެ. ވެދާނެއެވެ. މިރޭގެ ބާރައަށް ގެ ހުސްކުރަން ޖެހުނީކަމަށް ވެދާނެއެވެ.

އެކަމަކު، އެހެންކަމަށް ވާނަމަ ނަޖުމްމެން ތިބީ ކޮންތާކު ބާވައެވެ.

އަމިއްލަ ފަރުވާ ކުޑަކަމާއި ހަނދާން ނެތުން ހިތަށް އަރާފައި އޭނާ ރުޅިއަތުވެއްޖެއެވެ. ހިތާއިހިތުން އަމިއްލަ ނަފްސަށް އެއްޗެހި ކިޔަމުން އޭނާ ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ.

ދަމަކަށް އިރުއެރިއިރުވެސް ޒައިނާ އޮތީ ގަދަ ނިދީގައެވެ.

ރޭގައި އެހައި ލަހުން ނިދުމުން އޭނާއަށް ހޭ ނުލެވުނީއެވެ. އެހެންނޫނަސް ގޭގައި އޭނާއަށް ގޮވާނެ ނުވަތަ ގޮވަން ކެރޭނެ މީހަކުވެސް ނުހުންނާނެއެވެ. އެގޮތަށް އޭނާ ނިދަން އޮއްވައި ގޮވަން ކެރޭ ހަމައެކަނި މީހާގެ އެއްވެސް ހަބަރެއް މިއަދަކު ނުވެއެވެ.

ނިދިން ހޭލެވުނީ ބަނޑުހައިކަން އިހުސާސް ވެގެންކަމަށް ވާތީ، އަވަސްއަވަހަށް ފާހާނާއަށް ވަދެ ކުޑަކޮށް ތައްޔާރުވެލައިގެން ޒައިނާ ކޮޓަރިން ނުކުމެއްޖެއެވެ.

ގަޑިން މެންދުރު ދޭއް ޖަހަނީއެވެ. އެހައި ގިނައިރު ނިދުނީތީވެ އޭނާގެ ހަށިގަނޑަށް ވަނީ ކަންނެތްކަން ވެރިވެފައެވެ. ކާ ކޮޓަރިއަށް ވަދެ މޭޒުދޮށުގައި އިށީނދެވުމާއެކު އޭނާ ގޭގައި ކައްކަން ގެންގުޅޭ އަންހެން މީހާއަށް ގޮވައިލިއެވެ.

"ރަޒިއްތާ"

އޭނާގެ އަޑު އިވުމާއެކު ބަދިގޭގައި ހުރި ރަޒިއްޔާ އަވަހަށް ކާ ކޮޓަރިއަށް އަތުވެއްޖެއެވެ.

"އަނހަ، އެ ކޮއި ހޭލީތަ؟ ކޯޗެއް ގެންނަންވީ؟"

ރަޒިއްޔާއަކީ މިގޭގައި އުޅޭތާ އެތައް އަހަރެއްވެފައިވާ އަންހެނެއްކަމުން ޒައިނާއާ މެދު ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ގޮތް ދޫނުކުރާ ބޯހަރު ކުއްޖަކަށް ވިޔަސް ޒައިނާ ވެސް ރަޒިއްތައަށް ތަފާތު ގޮތެއް ބަހައްޓައެވެ. އެންމެ ފުރަތަމައަށް ރަޒިއްތައަށް އޭނާގެ އުނދަގޫ އެކި ގޮތްގޮތުން ކުރިމަތިކުރި ނަމަވެސް ނަޖުމްގެ ހެޔޮ ނަސޭހަތްތަކަށްފަހު އޭނާ ރަޒިއްތައަށް ކަމޭހިތައެވެ.

"އާނ. ވަރަށް ބަނޑުހައި"

ކަންނެތް ގޮތަކަށް އަނެއްކާވެސް އާފުރިލަމުން ޒައިނާ ބުނެފިއެވެ.

"އެކަމަކު ވެސް މާބޮޑު ގޮތެއް ހެދޭނެހެން ހިއެއް ނުވޭ"

ޒައިނާއަށް ކަމުދާނީ ކޮން ކަހަލަ ކާ އެއްޗެއްކަން ރަޒިއްޔާއަށް އެނގެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިގޭގައި ކެއްކުމުގެ މަސައްކަތް ކުރަން އޭނާ އުޅޭތާ 12 އަހަރު ވެއްޖެއެވެ. މިގޭގެ އެންމެންގެ ކެއުމުގެ ކަންތައް ވެސް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ދެބައި ކުޅަ އެއްބަޔަށް ރޯފިލުވާފައި އޮތް ބިސްގަނޑަކާއި ދެ ފޮތި ޕާނުގެ އިތުރަށް މާމުއި ތަށްޓަކާއި ރޯކިރު ތައްޓެއް ގެނެސް މޭޒުމަތީގައި ބަހައްޓަމުން ރަޒިއްޔާ އިތުރު އެއްޗެއް ގެންނަންތޯ ޒައިނާ ކުރެން އަހައިލިއެވެ.

"އުނހުން" ޒައިނާ ނާސްތާ ކުރަން ފަށަމުން ރަޒިއްތައަށް ބަލައިލިއެވެ. "މަންމަ ގޭގައި އެބައުޅޭތަ؟"

"ހެނދުނު ހެނދުނާ ބޭރަށް ދުރުވެއްޖެ"

ރަޒިއްތަ އެ ބުނީ އާ ވާހަކައެއް ނޫނެވެ. އެއީ ގިނަ ދުވަހުގެ އާދައެއްގެ ވާހަކައެވެ. މަންމަ ގޭގައި އުޅުނަސް އޮންނާނީ ނިދާފައި ކަމާއި ހޭލެވުމާއެކު އޮފީހަށް ނުވަތަ ހޮޓަލަށް ދާނެކަން އޭނާއަށް އެނގެއެވެ.

"ދެތިން ފަހަރު އެކޮއި ހޭލިތޯ ބަލަންވެސް ދިޔައިން..."

"އެޔޯ؟"

ރަޒިއްތަގެ އަޑުގައި ޖެހިލުންވުމެއް ހުރިކަން އޭނާއަށް އިހުސާސް ކުރެވުނެވެ. އެގޮތަށް އޭނާ ހޭލިތޯ ބެލުމަކީ އޭނާ ހިތްހަމަ ނުޖެހޭނެކަމެއްކަން ރަޒިއްތައަށް އެނގޭނެއެވެ.

''ނަޖުމްގެ ފޯނެއް އައި. އެއްފަހަރު ނޫން، ދެ ފަހަރު. އެކަމަކު'' ރަޒިއްތަ ވާހަކަ ހުއްޓައިލިއެވެ.

''ގޮވަން ނުކެރުނީ ދޯ؟'' ޒައިނާ ބުނެލިއެވެ. ''އެއީ މައްސަލައެއް ނޫން. އަންމި ބުނީ ކީކޭ؟"

"އެއާޕޯޓްގައި ހުރެގެން ގުޅީ. ވަރަށް ހެނދުނު ވެސް ގުޅީމޯ. އެކަމަކު އެ ގަޑީގައި ފޯނު ނުނަގަޔޯ"

ރަޒިއްތަ ކިޔައިދިނެވެ. މާނައަކީ ނަޖުމްމެން މިހާރު ފުރާފިއޭ ތާއެވެ. ކުރާނެކަމެއް ނެތެވެ. ފަހުގަޑީގައި އެއާޕޯޓަށްވެސް ނުދެވުނީއެވެ.

"އޯކޭވާނެ. އެކޮޅަށްގޮސް ގުޅާނަމޭ ބުނިތަ؟" ހިތްހަމަޖައްސައިލަމުން ޒައިނާ އަހައިލިއެވެ.

"އާނ"

ރަޒިއްޔާ ހުރީ ހައިރާންވެފައެވެ. ޒައިނާގެ ހަރުކަށި މިޒާޖަށް ކޮންމެވެސް ގޮތެއް ވެއްޖެއެވެ. އެހެން ނޫންނަމަ ނަޖުމްގެ އެހައި މުހިންމު ކޯލެއް އައިސްގެން ނުގޮވުމަކީ މައްސަލައަކަށް ނުވެ ނުދާނެއެވެ. އަނެއްކާ ވީ ކީއްބާވައެވެ.

"ޒައިނާ"

ކާ ކޮޓަރިއަށް ވަންނަމުން ގޮވައިލުމުން، ޝަފީގާގެ އަޑުއިވިފައި ޒައިނާ އިސްއުފުލައިލިއެވެ. މަންމަގެ މޫނަށް ބަލައިލެވުނު ވަރަށްވުރެ އަވަހަށް އަނެއްކާވެސް އޭނާ ކާ ތަކެއްޗަށް ސަމާލުކަން ދިނެވެ.

ރަޒިއްޔާގެ ތަޖުރިބާ ރަނގަޅު ސިކުނޑިއަށް ޝަފީގާގެ މޫނުމަތިން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ދެނެގަންނާކަށް އެއްވެސް އުނދަގުލެއް ނުވިއެވެ. އެހެންކަމުން އަވަހަށް ކާ ކޮޓަރިން ނިކުމެގެން އޭނާ ހިނގައްޖެއެވެ.

"ކީއްވެ އަޑުނީވޭކަމަށް ތިހެދީ؟"

މޭޒުދޮށުން ގޮނޑިއެއް ދަމާލާފައި އިށީންނަމުން ޝަފީގާ އަހައިލިއެވެ.

''އެހައި މުހިންމު ވާހަކައެއް ނުދައްކާނެކަން އެނގޭތީވެ''

ދެންވެސް މަންމަގެ މޫނަށް ބަލައިލުމެއްނެތި ފަރުވާކުޑަ ގޮތަކަށް އޭނާ ބުނެލިއެވެ.

''ޒައިނާއަށް މުހިންމު ވާހަކައަކަށް ނުވިޔަސް އަހަރެންނަށް މި ވާހަކަ މުހިންމޭ..." ޝަފީގާ އިނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައެވެ.

''ރޭގަ ޓްރެންޑްސްގައި އިނީ ކާކާއެކީ؟''

ބޮޑު ސުވާލު ކުރިމަތިވީއެވެ. މިހެން ވާނެކަން އޭނާއަށް އެނގެއެވެ.

''ރައްޓެއްސަކާއެކު'' ވަރަށް އާދައިގެ ގޮތަކަށް އޭނާ ބުނެލިއެވެ.

''އެއީ ކާކުކަން އެނގޭތަ؟'' ޝަފީގާ ބާރަށް އަހައިލިއެވެ.

''ނަން އެނގޭ. އެއަށްވުރެ އިތުރަށް އެނގޭކަށް ބޭނުމެއް ނޫން'' އޭނާ ދެ ކޮނޑު އަރުވައިލަމުން ބުނެލިއެވެ.

''އެހެންތަ؟ ޒައިނާއަށް ބޭނުން ނުވިޔަސް އަހަރުމެންނަށް އެކަހަލަ ކަންތައް އެނގެން ބޭނުމޭ. ނޭނގެންޏާ އަންގަދޭން ވެސް ބޭނުމޭ...''

"އަހަރެމެންނޭ. ކޮން އަހަރެމެންނެއް؟"

ޒައިނާ ރުޅި އަތުވެއްޖެއެވެ. އާދައިގެމަތިން މިފަހަރުވެސް ބައްޕަ މަންމައާ އެއްކޮޅަށް އެރީތާއެވެ.

"އަހަންނާއި ޒައިނާގެ ބައްޕަ"

ޝަފީގާގެ ޖަވާބު އިވުމުން ޒައިނާގެ ރުޅިގަނޑު އިތުރުވިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާއަށް ވިސްނުނީތީ ހިމޭނުން އިށީނެވެ.

''އެއީ ކޮންގެއެއްގެ ކާކުކަން ނޭނގެނީ ޒައިނާއަށްތާ. މަށަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭ. އޭނާގެ ބައްޕައާއި އަހަރެންގެ ދުޝްމިނުކަން ބޮޑު ކުރި މީހަކީ ވެސް އެއީ. މިހާރު ކުރާނެ ކަންތައް ހުސްވެގެން ޒައިނާއަށް ފާރަލާން ފެށީ. މީގެފަހުން އޭނާއާ ވާހަކަދައްކައި ބައްދަލުކޮށްގެން ނުވާނެ''

ޝަފީގާގެ މި ހަރުކަށި އަމުރަށް ޖަވާބެއް ނުދީ އިންނާކަށް މިފަހަރު ޒައިނާ ބޭނުމެއް ނުވިއެވެ.

''ވާހަކަވެސް ދައްކާނަން. ބައްދަލުވެސް ކުރާނަން. އެކަމެއް ނުވެސް ހުއްޓުވޭނެ.'' އޭނާ ރުޅި އައިސްފައި މަންމައަށް ބަލައިލިއެވެ.

''ބޭނުން ކޮންމެ ކަމެއް ކުރިޔަސް ތިދަނީ މާ މައްޗަށް''

ޝަފީގާ ދެންވެސް ޒައިނާއަށް އެންގީ އެމީހާއާ ގުޅުން ކަނޑައިލުމަށެވެ.

''އަހަރެމެންގެ އަބުރަށް ހުތުރުވާ ކަންތައް ކުރުމަށް ޒައިނާއަށް އޮތީ ކޮން ހައްގެއް“

"ކުޑައިރުއްސުރެ އަހަރެން ބޭކާރުކޮށްލަން ތި ދެ މީހުންނަށް ވެސް ހައްގެއް ނެތް. އެކަމަކު އެކަން ވެސް ކުރީމެއްނު" އޭނާ އިޝާރާތްކުރީ މަންމައާއި ބައްޕައަށެވެ.

''ތިހާ ބޯހަރުކަމާއި ގޮތްދޫނުކުރުން ހަރުލަންވީ ކީއްވެގެންބާއޭ ހިތަށްއަރާ. އެއްވެސް ކަމަކުން އުނިނުކޮށް ބޮޑުކުރީމާ މޫނުމަތީގައި ބޭނުންހާ އެއްޗެއް ކިޔަންވީ ކީއްވެގެންކަމެއް ނޭނގުނު.'' ޝަފީގާ ތަންކޮޅެއް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

''އޯހޯ. މަންމަމެން ހީކުރަނީ ހުރިހާވެސް އެއްޗަކީ ފައިސާއާއި މުދާކަމަށް ދޯ؟'' އޭނާ މަލާމާތުގެ ގޮތަކަށް ހީނގަތެވެ.

"ދުވަހަކު ވެސް މަންމަ ވެސް ބައްޕަ ވެސް ލޯބިން މަށާ ވާހަކަދެއްކިންތަ؟ އަހަރެންގެ ކަންތައް އެހެން މީހުން ލައްވާ ކުރުވަން ޖެހެނީ ކީއްވެ؟ އެންމެ ކުޑަމިނުން މަގޭ ބޮލުގައި ލޯބިން ފިރުމައިލި ހަނދާން އެބަހުރިތަ؟ މަ ގެންގުޅުނީ ބީރައްޓެހިން. މަށަށް ކާންދީ، ނިންދަވާ، ފެންވަރުވާ، މިއިން އެއްވެސް ކަމެއް ދުވަހަކުވެސް ތި ދެއަތުން ކުރިންތަ؟ ދެން މިއަދު ތިގޮތަށް މަށަށް އެވެނިކަމެއް ކުރޭ، މިވެނިކަމެއް ނުކުރޭ ބުނަން ތިއައީ ޔޯ؟...."

އިށީނދެ އިން ގޮނޑިން ތެދުވުމާއެކު ގޮނޑި ބާރަށް ދުރަށް ކޮއްޕާލަމުން ޒައިނާ ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)