ވާހަކަ

ދޭތޯ ތި ހިތް - 2

2

ގެއަށް ދިޔަ މަގުމަތީގައި ވެސް ސަރުވާއަށް ވިސްނެމުން ދިޔައީ އެޒުވާނާއާ މެދުގައެވެ. އެރީތި ސޫރަ ތަސްވީރު ކުރެވިގެންދާ ކޮންމެ ފަހަރަކު ހިތުގެ ތެޅުން އަވަސްވެގެން ދެއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއެވެ. އަދިވެސް އެލުއި ފިރިހެންވަންތަ ވަސް ނޭފަތުގައި ހަރުލާފައިވާކަހަލައެވެ. އެދެލޮލުގައިވި ދަމާބާރު އިހުސާސްކުރެވޭކަހަލައެވެ. ނަފުސު ބަނދެވެމުން ދިޔައީ މުޅިން ތަފާތު ޖަޒުބާތުތަކެއްގައެވެ. އޭނަގެ ހިތް އަމިއްލަ އިހްތިޔާތުގެ ދަށުން ދޫވި މީ ފުރަތަމަ ފަހަރެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އެޒުވާނާ ހާއްސަވެއްޖެކަން ގައިމެވެ. ކޮންމެ މަންޒަރެއް ޚިޔާލުތަކުގައި އޮތީ ބިންވަޅު ނެގިފައެވެ. ހުވަފެނީ އާލަމެއްގައި ފީނަމުން ދިޔަ ހިނދު ހިތަށް މޮޅިވެރިކަން ވެސް ސަވާރުވާން ފެށިއެވެ. ދެން އެޒުވާނާއާއި ބައްދަލުވާނެ ފުރުސަތެއް ލިބޭނެކަމެއް ވެސް އެނގެނީކީ ނޫނެވެ. ސިހުރެއްގައި އޭނަ ގައިދުކުރުމަށް ފަހު ގެއްލިގެން ދިޔައީއެވެ.

އިމާރާތުގެ މައިދޮރު ކުރިމައްޗަށް ހުއްޓިލަމުން އަތުގައި އޮތް ކުޑަ ސަރުވާ ލައްޕާލިއެވެ. އަދި އޭގައި ހަރުލާފައި ހުރި ފެން ފޮޅާލިއެވެ. އެކުޑައަށް ވެސް އޭނައަށް ދެވުނީ ހާއްސަ ނަޒަރެކެވެ. އެއީ ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގެ ރަމްޒެކެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ސަރުވާއަށް ލަސްލަހުން ދެފަރާތަށް ބޯހޫރާލެވުނެވެ.

*****

''ދަރިފުޅު ނައިސްގެން ލަސްވާތީ ބަތޫލް ފޮނުވަންވެގެން އުޅުނިކޮށް ތިއައީ...'' އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ސަރުވާ އެތެރެއަށް ވަނުމާއެކު އިވިގެން ދިޔައީ ޒުބެއިދާގެ އަޑެވެ. އޭނަ ހުރީ ކޮންބޮޑު ވެފައެވެ. ހިސާބަކަށް ތެމިފައި ހުރި ސަރުވާ ފެނުމުން ސުވާލުވެސް ކޮށްލެވުނެވެ.

ޚިޔާލީ ދުނިޔެއިން ސަރުވާއަށް ނިކުމެވުނީ ދެނެވެ. ވާރެޔާ ތެމިފައި ހުރެވުނުކަން ވެސް ރޭކާލީ އޭގެ ފަހުންނެވެ. އޭނައަށް އެއައި ބަދަލުން މީހާއަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. އޭނަގެ ޖަޒުބާތާއި ޚިޔާލުތައް މުޅިން ތަފާތު އޮޔެވަރެއްގައި ބެހެމުންދާ ފަދައެވެ. އެއިހުސާސްތަކަށް ދޭނެ ނަމެއް ވެސް ނޭނގުނެވެ.

''ވާރޭގެ ޖެހުނީ... ކުޑަވެސް ވަޔާއެކު ގޮސްގެން އުޅެނިކޮށް މީހަކު ދިން ކުޑައެއް މިއީ...'' ސަރުވާ މާބޮޑު ތަފްސީލެއް ނުދިނެވެ. ކަންތައް ވެދިޔައީ ވެސް ފިލްމުތަކާއި ޑްރާމަތަކުން ވާ ގޮތަށެވެ. އެހެން މީހަކަށް އެވާހަކަތައް ޤަބޫލުކުރަން ވެސް އުނދަގޫވާނެއެވެ. ހާއްސަކޮށް މަންމައާއި އެވާހަތައް ހިއްސާކުރަން ސަރުވާ ލަދުގަތެވެ.

''ތި ހާދަ ރަނގަޅު މީހެކޭ... މިހާރު އުޅޭ މީހުން މީހަކަށް އެހީވާން ވެސް ބޭނުމެއް ނުވާނެ...'' ސަރުވާގެ ގާތަށް ގޮސް ހުއްޓުނު ޒެބެއިދާ އޭނަގެ އަތުން ކޮތަޅު އަތުލިއެވެ. ''ހެދުން ބަދަލުކޮށްލަން ދާންވީއެއްނު...''

މަންމައަށް ހިނިތުންވެލަމުން ސަރުވާ ބޯޖަހާލިއެވެ. އަދި އަތުގައި އޮތް ކުޑަ ހިފައިގެން އޭނަ ހިގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ސަރުވާއަށް އައިސްފައި ހުރި ބަދަލުތައް ފާހަގަކުރެވުނީ ސޯފާގައި އުއްޑުން އޮށޯވެލައިގެން އޮތް ބަތޫލްއަށެވެ. އޭނަ ނިކަން ޝައުޤުވެރިކަމާއެކު ސަރުވާއަށް ބެލިއެވެ. ސަރުވާ މެޔާއި ކައިރިކޮށްލައިގެން ހުރި ކުޑައަށް ވެސް ސަމާލުކަން ދިނީ ބަތޫލް އެވެ. ސިކުނޑިއަށް ވެރިވި ޚިޔާލަކުން އޭނަގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

*****

''ވަޓްސް ރޯންގް ވިތް މީ؟...'' ކޮޓަރިއަށް ވަދެވުމާއެކު ގޮށްމުށުން މޭގައި މަޑުމަޑުން ސަރުވާއަށް ޖަހާލެވުނެވެ. މީހާއަށް އައިސްފައިވި ބަދަލާ މެދު ޒަމީރާއި ސުވާލުކުރެވުނެވެ. އަނެއްކާ ވެސް އަތުގައި އޮތް ކުޑައަށް ސަރުވާއަށް ބަލައިލެވުނެވެ. މިހާރު އެދެލޮލުގައި މާޔޫސްކަމުގެ ލިސާންތައް ވެއެވެ. ހަށިފުރާ ފުންނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

''އަދި އެއްފަހަރު ވިޔަސް ބައްދަލުވާނެނަމަ...'' ހިމޭންކަމުގެ ދުލުން ސަރުވާއަށް ބުނެލެވުނެވެ. ކުޑަ ގެންގޮސް ލިޔާ މޭޒުމަތީ ބޭއްވުމަށްފަހު އޭނަ އަވަސްވެގަތީ ތެތްވެފައި ހުރި ހެދުންތައް ބަދަލުކުރާށެވެ. ފިނީގެ އަސަރުވެސް އިހުސާސްކުރެވުނީ ދެނެވެ.

*****

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތު ބަތޫލްގެ ނަޒަރު ހުއްޓިފައި ވަނީ ސަރުވާގެ މޫނަށެވެ. އެކަން ފާހަގަ ކުރެވުމުން ސަރުވާ ދެތިން ފަހަރަކު ނިތް ވެސް އަރުވާލިއެވެ. ޖަވާބު ދިނުމެއް ނެތި ލާނެއް ހިނިތުންވުމަކާއެކު ސަރުވާއަށް ބަލަން ބަތޫލް އިނީއެވެ. ބަތޫލްގެ އަމަލުތަކުން ސަރުވާ އިނީ ސުވާލު އުފެދިފައެވެ. އެސިކުނޑީގައިވަނީ ކޮންކަހަލަ ޚިޔާލުތަކެއްކަން ވެސް އެނގެނީކީ ނޫންވިއްޔާއެވެ.

ބަތޫލްގެ އުނދަގޫ ސަރުވާއަށް ކުރިމަތިވީ، އާފާގު ކާމޭޒުދޮށުން ތެދުވުމާއެކުގައެވެ. މިހުރިހާ އިރު ވަންދެން އަނގަގަދަމިތުރު ދުލުގައި ހިލަފަހައްޓައިގެން އިނީ ބައްޕަ ކާމޭޒު ދޮށުގައި އިނީމައެވެ. ލިބުނު ފުރުސަތުގައި ކާމޭޒުމަތީ ހުރި ތަށިތައް ނަގަން އުޅުނު ސަރުވާގެ ގާތަށް ބަތޫލް ޖެހިލައިފިއެވެ.

''ޔޫ މެޓް ސަމްވަން...'' ސިއްރުސިއްރުން ބަތޫލް ބުނެލައިފިއެވެ. ތަށިތައް ނަގަން ހުރި ސަރުވާގެ ހަރަކާތްތައް މަޑުޖެހެނެވެ. ސިހުމާއެކު އޭނައަށް ބަލައިލެވުނީ މަންމަ ކޮބާތޯއެވެ. ނަސީބު ދިމާކުރި ގޮތުން މަންމަ އިނީ ސިންކުކައިރީގައެވެ. ތަށިތައް ސާފުކޮށް ޑިޝްވޮޝާއަށް ލާށެވެ.

''ވަޓް!...'' ސަރުވާއަށް ބުނެވުނެވެ.

''ޔޫ ޑިޑް!... ދޮންތި މޫނުން ވެސް ކިޔާދޭ... އަމްބްރެއްލާ ދިނީ އޭނަ ދޯ؟... އެހެންވެތަ އެހިފައިގެން ކޮޓަރިއަށް ދިޔައީ؟... ދެން ބުނެބަލަ...'' ބަތޫލްގެ ދެލޮލުގައިވަނީ ޝައުގުވެރިކަމެވެ. ކުއްލިޔަކަށް ކުރިމަތިވާން ފެށި ސުވާލުތަކުން ސަރުވާއަށް އުނދަގޫވެއްޖެއެވެ.

''ތިދެން ކޮން ވާހަކައެއްތަ؟... ވާހަކަ މަދުކޮށްފަ އަތްމަތި އަވަސްކޮށްލަބަލަ...'' މައުޟޫޢު ބަދަލުކުރަން ސަރުވާ އަަވަސްވެގަތެވެ. ހިތުގެ އިހުސާސްތައް ބޭޒާރުވުމުން އޭނަ އުޅުނީ ބަތޫލްއަށް ފިލާށެވެ. ބަތޫލްގެ ހުޝިޔާރުކަމުން އެކަން ވެސް ފަސޭހަކަމަކަށް ނުވިއެވެ.

''ތިހާ ފަސޭހައިން ދޫކޮށެއް ނުލާނަން... ދޮންތީ...'' ބަތޫލް ދުލެއް ނުކުރިއެވެ. ކުރިއަށް ވުރެން ސަރުވާ އަތްމަތި އަވަސްކޮށްލިއެވެ. އޭރު ވެސް ސަރުވާގެ ފޫބުޑުގައި ބަތޫލް ވިއްދާލާފައި ހުއްޓެވެ. އެކަން ޒުބެއިދާއަށް ވެސް ފާހަގަ ކުރެވިއްޖެއެވެ. ޒުބެއިދާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އޭނަ ހީކުރީ ދުވަސްތަކެއް ފަހުން ބައްދަލުވުމުން ބަތޫލްއަށް އައި ބަދަލެއް ކަމުގައެވެ.

''ސާބަހޭ ދަރިފުޅާ... ދޮންތި ދެން ދުރަކަށް ނުދާނެޔޭ...'' ޒުބެއިދާއަށް ހީލެވުނެވެ.

''ދޮންތި ވާހަކައެއް ނުބުނެގެންނޭ މިއުޅެނީ...'' ވިސްނާލުމެއް ވެސް ނެތި ބަތޫލް ބުނެލިއެވެ. ސަރުވާގެ ދެލޯ ބޮޑުވެއްޖެއެވެ. އަވަސްއަވަހަށް އޭނައަށް ހިފާލެވުނީ ބަތޫލްގެ އަތުގައެވެ.

''ކޮންވާހަކައެއްތަ؟...'' ޒުބެއިދާގެ ސަމާލުކަން ވެސް ސަރުވާއަށް ހުއްޓިއްޖެއެވެ.

''ގިފްޓް!... ދޮންތި އަހަންނަށް ދޭން ގެނައި ގިފްޓަކީ ކޯޗެއްކަން ނުބުނެގެން... މަންމަ ބުނެގެން އޭރު ދޮންތި ގާތަށް ނުދިޔައީ ދޮންތި ރެސްޓްކުރަން ވަގުތު ދޭންވެގެން...'' ބަތޫލް ނިކަން ފަސޭހައިން ވާހަކައެއް ހަދާލިއެވެ. އޭރު ވެސް ސަރުވާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.

''ދަރިފުޅު ދާންވީއެއްނު ބަތޫލް ގޮވައިގެން ހަދިޔާތައް ދައްކަން، ބައްޕަ މަންމައަށް އެހީވާނަމޭ...'' އިވުނީ އާފާގުގެ އަޑެވެ. އޭނަ ޒުބެއިދާއާއި ބައްދަލުކޮށްލީ ލޮބުވެތި ހިނިތުންވުމެކެވެ. ފުރުސަތުގެ ބޭނުން ހިފައި ސަރުވާގެ އަތުގައި ހިފާ ދަމަމުން ކޮޓަރިއަށް ދާން ބަތޫލް ހިނގައިގަތެވެ. ދެން ބަތޫލްގެ އަތްދަށުން ސަލާމަތެއް ނުވާނެޔޭ ސަރުވާގެ ހިތަށް އެރިއެވެ.

*****

އެނދު މަތީ ހުޅުވާފައި ހުރި ފޮށި ހާވަން ސަރުވާ އުޅުނީ ބަތޫލްއާއި ހަތަރުކަޅި ހަމަނުކުރަން ވެގެންނެވެ. ކަންތައް ވެދިޔަ ގޮތް ކިޔައިދީފިއްޔާ ބަތޫލް އޭނައާއި ދިމާކުރާނެ މިންވަރު ހިތަށް އަރާފައެވެ. އަންނައުނުތަކުގެ ނިވަލުގައި އޮތް ހަދިޔާ ފޮށި ސަރުވާ ނެގިއެވެ.

''ވާއު ހާދަ ފެންސީ އެއްޗެކޭ، މީގެ ވެރިމީހާއަކީ ބްރޭންޑެޑް އެއްޗިއްސަށް ލޯބިކުރާ މީހެއްކަން ޔަޤީން!...'' ސަރުވާއަށް ބަލަން ހުރެފައި ބަތޫލް ގޮސް ނެގީ ލިޔާމޭޒު މަތީ އޮތް ކުޑައެވެ. އަދި އެއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

ސަރުވާ އަވަސްއަވަހަށް ގޮސް ބަތޫލްގެ އަތުން ކުޑަ އަތުލައިފިއެވެ. މިފަހަރު އެގެންގޮސްލީ އަލަމާރި އަށެވެ. ސަރުވާއަށް ބަލަން ހެވިފައި ބަތޫލް ހުއްޓެވެ. އިތުރަށް ސަރުވާއާއި ދިމާކުރުމުގެ ހިތްވަރު އޭނައަށް ލިބުނު ކަހަލައެވެ.

''އިންޓްރެސްޓިންގް...'' ދަތްދޮޅީގައި އަތްތިލަ ވިއްދާލަމުން ހެވިފައި ހުރި ބަތުލް ބުނެލިއެވެ.

''ބަތޫ!...'' ސަރުވާއަށް ދަމާލެވުނެވެ. ''މިއޮތީ ހަދިޔާ، މި ހިފައިގެން ނިކުމޭ!...'' ސަރުވާ ބޭނުންވީ ބަތޫލް އަވަހަށް ފޮނުވާލާށެވެ. ނަމަވެސް ދިއުމުގެ ޚިޔާލެއް ބަތޫލްގެ ނެތެވެ.

''ދެން ބުނެބަލަ... އަހަރެން އެއްވެސް މީހެއް ގާތު ނުބުނާނަމޭ... ގޯޑް ޕްރޮމިސް!...'' ބަތޫލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނަގެ ދޮންތިއަށް އެފަދަ ބަދަލެއް އަންނާނީ ޚާއްސަ މީހަކާއި ދިމާވުމުންނެވެ. މިއީ އެފަދަ ކުލަވަރެއް އޭނައަށް ފެނުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

ބަތޫލްއަށް ބަލައިލަމުން ސަރުވާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ބަތޫލްގެ ދެލޮލުން ފެންނަމުން ދިޔަ ޝައުވެރިކަމުގެ ކުލަވަރުތަކުން ސަރުވާ ގާތަށް ހިނިވެސް އަތުވެއްޖެއެވެ.

''އެއްވެސް ކަމެއް ނުވެޔޭ... އޭނަ ހަމައެކަނި އަހަންނަށް އެހީވީ... އިތުރު އެއްވެސް ވާހަކައެއް ނުދައްކާ...'' އެނދުގައި އިށީންނަމުން ސަރުވާ ކިޔައިދިނެވެ. ސަރުވާއަށް ބަލަން ހުރި ބަތޫލް އައިސް ގާތުގައި އިށީނެވެ.

''ހާދަ ފިލްމީއޭ... އަހަރެން ހިތަށް އަރާ ތިފަދަ ގޮތެއް އަހަންނަށް ނުވަނީ ކީއްވެބާއޭ...'' ބަތޫލް ބުންޏެވެ.

''އާނ، ވަރަށް ފިލްމީ، އެކަމަކު ދެން އެހިސާބުން އެކަން ވެސް ނިމުނީތާ...''' ސަރުވާ ހަޤީޤަތާ ކުރިމަތިލިއެވެ. މާޔޫސްކަން އޭނަގެ އަޑުގައި ވިއެވެ. އެއީ ފުރަތަމަ އަދި ފަހުގެ ބައްދަލުވުން ވެސް މެއެވެ. މިއޮތް ބޮޑު މާލެއިން އެޒުވާނާ އޭނަ ހޯދާނީ ވެސް ކިހިނެއް ހެއްޔެވެ؟

''ރޮމޭންސް ކިލާރ!...'' ބަތޫލް މޫނު ހަދާލިއެވެ. ''ޔޫ ނެވާ ނޯ ވަޓް ޑެސްޓިނީސް ޕްލޭން ފޯރ ޔޫ... އޭނަ ހަމަ ދޮންތި ގާތަށް އައިސްދާނެއެއްނު...''

''މާބޮޑަށް ޑްރާމާ އެއްޗިސް ބަލާތީ ތިހުންނަނީ ހުވަފެނީ ދުނިޔެއެއްގަ... ހަޤީޤީ ދިރިއުޅުމުގަ އެހެން ކަންތަކެއް ނުވޭނެޔޭ... ދެން އެވާހަކަ ބާއްވަބަލަ، ތި ގިފްޓް ހުޅުވަބަލަ...'' ބަތޫލްގެ މައުސޫމް ވިސްނުން އެނގި ސަރުވާއަށް ބުނެވުނެވެ. އަދި ބަތޫލްގެ އަތުގައި އޮތް ހަދިޔާ ފޮށީގައި މަޑުމަޑުން ޖަހާލިއެވެ.

''ދޮންތި ބަލައްޗޭ... އަހަރެން މިބުނީއެއްނު...'' ބަތޫލްގެ އަޑުގައި ވަނީ ޔަޤީންކަމެވެ.. ސަރުވާއަށް ހިނިތުންވެލަމުން، އަތުގައި އޮތް ހަދިޔާ ފޮށި އޭނަ ހުޅުވަންފެށިއެވެ.

*****

ހުކުރު ދުވަހެވެ. މެންދުރަށް ކަންކަން ޒުބެއިދާ އުޅުނީ އަވަދިނެތިއެވެ. މިއަދު އާފާގުގެ ދައްތަ ހުސްނާ މެންދުރުގެ ކެއުމުގައި ބައިވެރިވާނެތީ ތަފާތު އެއްޗެއް ތައްޔާރުކުރަން ޒުބެއިދާ ހުރީ ބޭނުން ވެފައެވެ. އާފާގުގެ އެއްބަނޑުއެއްބަފާ ހަތަރު ބެއިން ތެރެއިން އާފާގުއަށް ހެޔޮއެދޭ ހަމައެކަނި މީހަކީ ހުސްނާއެވެ. އެއީ އެންމެ ހަނގަށް ތިބި ދެބޭންނެވެ. އެންމެންނާ އަބަދުވެސް ހުސްނާ ތަފާތެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމެއް އެހިތުގައި ނުވެއެވެ. ކިޔެވުން ފުރިހަމަކުރުމަށް ފަހު ސަރުވާ ރާއްޖެ އައިސްފިކަން އެނގުމުން މެންދުުރުގެ ކެއުމުގައި ބައިވެރިވާން ވެސް އެދުނީ ހުސްނާއެވެ.

''މަންމާ!، މިވަރު އޯކޭ ވާނެތަ؟... ކެރޮޓް ކޮށަކޮށާ އަހަރެންގެ އަތް ވާޅުވެއްޖެ...'' ކާމެޒުދޮށުގައި ކެރޮޓް ކޮށަން އިން ބަތޫލް ޝަކުވާގެ ރާގަކަށް ބުންޏެވެ.

''މަސައްކަތެއް ހަވާލުކޮށްފިއްޔާ އަބަދު ޝަކުވާކުރުމުގަ... އަންހެންކުދިން ނިކަން ހީވާގި ވަންޖެހޭނެޔޭ ދަރިފުޅާ... މީހަކާ އިންނަން ވާއިރަށް ޖެހޭނެ ގޭތެރޭގެ ހުރިހާކަމެއް ވެސް ދަސްކުރަން...'' ޒުބެއިދާގެ ޖުމްލައިން ބަތޫލް ކުސްތަޅާލިއެވެ. ތުންދަމައިގެން އިނދެ ކެރޮޓް ކޮށަން ފެށިއެވެ.

''އަހަރެން އަދި މިހަކާ އިންނަ ވަރެއް ވެސް ނުވެޔޭ... ދޮންތިއެއްނު ފުރަތަމަ މީހަކާ އިންނާނީ ވެސް... މަންމަ ދޮންތިއަށް މީހަކު ހޯދައިދޭންވީއެއްނު؟... އެރޭންޖް މެރިއޭޖްއެއް... އަހަންނަށް ހިޔެއް ނުވޭ ދޮންތިއަށް ލަވް މެރިއޭޖްއަކާ ހަމައަށް ދެވޭނެހެނެއް ވެސް...'' ބަތޫލް ބުންޏެވެ. އުނދުން ކައިރީގައި ހުރި ސަރުވާ ބަތޫލްއަށް ލޯއަޅާލިއެވެ. އަތުގައި އޮތް ދޭފަތް ބަތޫލްއާއި ދިމާއަށް މަޅާލިއެވެ. ޒުބެއިދާ ގާތަށް ހިނި އައެވެ.

''ކައިވެނި ކުރާނެ މީހަކު ހޯދުން އޮތްނާނީ ދަރިފުޅުމެން އަތްމަތީގަ...'' ސަރުވާގެ ބުރަކަށީގައި ޒުބެއިދާ ފިރުމާލިއެވެ.

''ތިހެން ވެއްޖެއްޔާ ދޮންތި މުސްކުޅިވާއިރު ވެސް މެރީ ނުކޮށް ހުންނާނީ...'' ބަތޫލް ބުނެލިއެވެ. ބަތޫލްއާ ދިމާއަށް ސަރުވާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ދޭފަތް ހިފައިގެން ބަތޫލްއާ ދިމާއަށް ހިނގައިގަތް ވަގުތު ގޭގެ ބެލް ޖަހާލި އަޑު އިވުނެވެ.

''ހުސްނާއްތަ އައީ ކަން ނޭނގެ... ބަތޫ ދޭބަ ދޮރު ހުޅުވަން...'' ޒުބެއިދާ ބުނެލިއެވެ. ލިބުނު ފުރުސަތުގައި ސަރުވާގެ އަތްދަށުން ރެކެމެން ހެމުންހެމުން ބަތޫލް ދުއްވައިގަތީ މައިދޮރާއި ދިމާއަށެވެ. އުނަގަނޑުގައި އެއް އަތް ވިއްދާލައިގެން ބަތޫލްއަށް ބަލަން ކާމެޒު ކައިރީގައި ސަރުވާ ހުއްޓެވެ.

''ސަރޫ!...'' ދޮރުހުޅުވުމާއެކު އިވިގެން ދިޔައީ ކިޔާރާގެ އަޑެވެ. އޭނަ އެތެރެއަށް ވަންނަމުން ސަރުވާ ފެންނައިރަށް ތޫލި އަޑަކުން ހަޅޭއް ވެސް ލަވައިގެންފިއެވެ. ކޮނޑުގައި އަޅުވާފައި އޮތް ބޮޑު އަތްދަބަސް ބަތޫލްއަށް ދިއްކޮށްލަމުން ދުވެފައި ގޮސް ސަރުވާގެ ގައިގައި ބައްދާލިއެވެ. ސަރުވާ ވެސް ހުރީ ކިޔާރާ ފެނުމުން އުފާވެފައެވެ.

''އަހަރެން ހިތަށް އަރާ ކިޔާ ކަހަލަ ފަން ފްރެންޑެއް ދޮންތައަށް ލިބުނީ ކިހިނެއް ބާއޭ...'' ދެއަތުން ކިޔާރާގެ އަތްދަބަހުގައި ހިފަހައްޓައިގެން ހުރި ބަތޫލް ބުންޏެވެ.

''ހެހެހެ...'' ކިޔާރާ ހީލިއެވެ.

ކިޔާރާއަށް ބަލައިލުމުން ވެސް ފެޝަނަށް ލޯބިކުރާ މިންވަރު ފެންނާނެއެވެ. އެދުވަސްވަރެއްގެ ފެޝަން ޓްރެންޑަކާއި އެއްގޮތަކަށް ހެދުން އެޅުމަށް އަބަދު ވެސް އިސްކަން ދޭނެއެވެ. މިދުވަސްކޮޅު ލެޕާޑް ޕްރިންޓް ވައިގައި ހިފާލާފައި އޮތުމުން ލައިގެން ހުރީ ލެޕާޑް ޕްރިންޓް ހެދުމެކެވެ. ފައިގެ ފަލަމަސްގަނޑާ ހަަމައަށް އަންނަ ހެދުން ކިޔާރާގެ ހަށިގަނޑުގެ ބައްޓަމާއި ނުހަނު ގުޅެއެވެ. ބޮލުގެ އިސްތަށިގަނޑު ވެސް އޮތީ ބްލޮންޑްކޮށްފައެވެ. ކޮށްފައި ހުރި މޭކަޕް ގޮތްބޮޑުވިޔަސް ކިޔާރާއި ނުހަނު ގުޅެއެވެ.

''ހާދަ ދުވަހެއް ފަހުންނޭ މިފެނުނީ... މެންދުރު ކައިގެން ދަންވާނީ...'' ކިޔާރާއަށް ހިނިތުންވެލަމުން ޒުބެއިދާ ބުންޏެވެ.

''އާންޓީ!، މިއަދު ޑައިޓްގަ މިއުޅެނީ، މިރޭ އިވެންޓް އޮތީމަ ޑްރެސްއަށް ބަރާބަރަށް ފިޓްވާން ޖެހޭ...'' ކިޔާރާ މަނާވެގެންނަން އުޅުނެވެ.

''އެއްވެސް ޑައިޓެއް ނޯންނާނެ، ކައިގެން ދަންވާނީ... ޑައިޓުކުރަން ހަދައިގެން ގޮސް ކަށްޓަށް ވެދާނެ، އެހެރަ ބަތޫލް ވެސް ހުންނަނީ ހެނދުނު ޕާންފޮއްޗަކާ، މެންދުރަށް ސެލެޑަކާ، އަދި ރޭގަނޑަށް ފެންތައްޓެއް ބޮއެގެން...'' ޒުބެއިދާ ބުންޏެވެ.

''މަންމާ!...'' ބަތޫލް ތުންދަމައިގަތެވެ. އެންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

''އާންޓީ ބުނީމަ ދެން ކުޑަ ގޮތެއް ހަދާނީ... އަސްލު މިރޭ އޮތް އިވެންޓަށް ސަރޫ ގެންދަން އާންޓީގެ ހުއްދަ ހޯދަން މިއައީ...'' ކިޔާރާ ބުންޏެވެ. ކިޔާރާއަށް ބަލައިލި ޒުބެއިދާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

''ސަރޫއަށް ދޭން މިރޭގެ އިވެންޓަށް ހެދުމެއް ވެސް އަހަރެން އޮތްނާނެ ތައްޔާރުކޮށްފަ... މެންދުރު ކެއުން ނިންމާފަ އަހަންނާއެކު މާލެ ދާން ވާނެ...'' ކިޔާރާ އިށީނީ ކާމޭޒުދޮށުގައެވެ. އެކުވެރިޔާއަށް މުހިންމު ދުވަހަކަށް ވާތީ ސަރުވާ ނިކަން އަވަހަށް ޤަބޫލުކޮށްފިއެވެ. ނަމަވެސް ގޮތް ބޮޑު ހެދުމެއްލާން އޭނަ ދެކޮޅުހެދިއެވެ.

ކިޔާރާއާއި ބަތޫލް އޮލަވާހަކައެއްގައި ތިއްބެވެ. ވަގުތު ކުޑަތަން ވާތީ ސަރުވާ އުޅުނީ ކެއްކުމާއިގެންނެވެ. ހުކުރު ނިމެންވާއިރަށް ކެއުން ތައްޔާރުކުރަން އަތްމަތި އަވަސްކޮށްލިއެވެ. ހުސްނާއަށް އާދެވުނީ ސުފުރާމަތި އަތުރަމުން ދަނިކޮށެވެ. އޭނަ އައިސް ފުރަތަމަ ވެސް ބައްދާލީ ސަރުވާގެ ގައިގައެވެ. އަދި ލޯތްބާއެކު ސަރުވާގެ ބޮލުގައި ފިރުމާލިއެވެ.

''ދަރިފުޅަށް އެނގޭތަ އާފާގުގެ ހުވަފެނެއްކަން ހަޤީޤަތަކަށް ހަދައިތިދެވުނީ... އާފާގު ފުރަތަމަ ވެސް ބޭނުންވީ ޑޮކްޓަރަކަށް ވާން، އެކަމަކު ބައްޕައަށް އެޚިޔާލު ކަމަކު ނުދިޔަ، ބައްޕަ ބޭނުންވީ ޢާއިލީ ވިޔަފާރިއަށް ފައިދާ ލިބޭނެ ދާއިރާއަކުން އާފާގު ކުރިއަށް ދާން، އެންމެ ފަހުން މަޖުބޫރުވީ ވަކީލުކަން ކިޔަވަން... މިއަދު ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެ... އާފާގުއަށް އެވިޔަފާރީގެ ތެރެއިން ނިކުމެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރުލިބުނުކަން ވެސް އެއީ ރަހުމަތެއް... ދައްތައަށް ވެސް އެކަމުގެ ތެރެއިން ނިކުމެވުނީމަ މިހާރު ދިރިއުޅުން ވަރަށް ބޮޑުތަނުން ފަސޭހަ ވެއްޖެ...'' ހުސްނާގެ ހިތުގައި ވަނީ ލޯތްބެވެ. އޭނަގެ ހިތުގައި އާފާގުގެ ޢާއިލާއަށް އަބަދުމެ ހާއްސަ ޖާގައެއް ދެވިފައިވާނެއެވެ. އާފާގު ފަދައިން ހުސްނާ ވެސް އުޅެނީ ހުޅުމާލޭގައެވެ. ހުސްނާގެ ފިރިމީހާއަކީ ސަރުކާރު މަތީމަގާމެއްގައި އުޅޭ މީހެކެވެ.

*****

މެންދުރުގެ ކެއުމަށްފަހު ސަރުވާ ގެއިން ނިކުތީ ކިޔާރާއެކު މާލެ ދާށެވެ. ކިޔާރާ އޭނަގެ ކާރު ކައިރިއަށް ހުއްޓިލަމުން ސަރުވާއަށް ބަލައިލިއެވެ.

''އަހަރެން އެހާ ފަރިތައެއް ނުވާނެ އިނގޭ ދުއްވަން... ސޯ ޑޯންޓް ޖަޖް...'' ކާރުގެ ދޮރު ހުޅުވަމުން ކިޔާރާ ބުންޏެވެ. ސަރުވާ ގާތަށް ހިނިއައެވެ. ކާރަށް އަރައި އޭނަ ސީޓް ބެލްޓް އަޅައި ބާރުކޮށްލިއެވެ.

''ބަތޫ ބުނި އިއްޔެގެ ކޮންމެވެސް މީހަކާ ސަރޫއާ ދިމާވެއްޖެޔޯ...'' ކާރު ދުއްވަމުން ކިޔާރާ ޝައުޤުވެރިކަން ފާޅުކޮށްލިއެވެ. ސަރުވާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ބަތޫލްގެ ދޫ ހިމޭނުން ބޭއްވުމަކީ މުސްތަހީލުކަމެކެވެ.

''ސޯ... ޝީ ވޯޒް ޓެލިންގް ދަ ޓްރުތް؟... އޯ މައި ގޯޑް!... އެއީ ކާކުތަ؟... އަހަރުމެންގެ ސަރޫއަށް އެވަރު ވާނީ ވަރަށް ހާއްސަ މީހަކު ފެނިގެން... ހޮޓް މީހެއްތަ؟...'' ވާހަކަދައްކަމުން ދިޔަ ވަރަކަށް ކިޔާރާގެ އަޑު ތޫލިވަމުން ދިޔަ އެވެ. އޭނަގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ.

''ދެން ހުއްޓާލަބަލަ... އިޓް ވޯޒް ނަތިންގް...'' ކާރުގެ ކުޑަދޮރުން ބޭރު ބަލަން އިން ސަރުވާ ބުންޏެވެ.

''ތިހެން ބުންޏަސް ދުލެއް ނުކުރެވޭނެ، އެންމެ ބައްދަލުވުމަކުން ސަރޫގެ ހިތް އަތުލައިގަނެވޭނީ ނަސީބުގަދަ މީހަކަށް... މިހުރިހާ ދުވަހު ލޯތްބާ ދުރުން އުޅެމުން ދިޔަ މީހާއަށް ވީވަރު ތިއީ... ސޯޝަލް މީޑިއާގަ ޖަހަން ވީތަ އޭނަ ހޯދަން؟...'' ކިޔާރާގެ ސަމާލުކަން މަގަށް ވުރެން ބޮޑަށް ހުއްޓެނީ ސަރުވާ އަށެވެ.

''މަގަށް ބަލާބަލަ...'' ސަރުވާ ކަންބޮޑުވިއެވެ.

''ދެން ބުނެބަލަ، އޭނަ ރީތިތަ؟...'' ކިޔާރާ ބުމަ އަރުވާލިއެވެ.

''އާނ، ވަރަށް ރީތި...'' ސަރުވާ ލަދުގަންނަ ގޮތް ވިއެވެ. ހިތުގެ ހާލަތު ދުލާ ހަމައަށް އައީ އިހްތިޔާރުން ބޭރުގައެވެ.

''މައި ގޯޑް!، ތިހެން ވެއްޖެއްޔާ އަހަރެން ތި ޒުވާނާ ސަރޫއަށް ހޯދަދޭނަން، ސްކެޗް އާޓިސްޓެއްގެ ގާތަށް ގޮސް ކުރަހާފަ އިންސްޓާއަށް ލާނީ، އައިމް ޝުއާރ ސަމްވަން ވިލް ނޯ ހިމް...'' ކިޔާރާ ބުންޏެވެ.

''ދެން ދިމާ ނުކޮށްބަލަ، އެހެން ނޫނަސް ދެން އެހިސާބުން އެކަންތައް ނިމުނީ...'' ސަރުވާ ގަޔާ ނުވިއެވެ. ''އަހަރެންގެ ވާހަކަ ބާއްވާފަ ނިކަން ކިޔާގެ ނިއު ބޯއިފްރެންޑްގެ ވާހަކަ ބުނެބަލަ، ކޮންތަނަކުންތަ މިފަހަރު ހޯދައިގަތީ؟...''

''އަހަރެން މިދިޔަ ހަފްތާގަ ދިޔައީމެއްނު ބާލީއަށް؟... އެތަނުން ދައިސާންއާއި ދިމާވީ... ދެމީހުން އެއް ހޮޓަލެއްގަ ތިބީ... ދެން ވަރަށް ޑްރެމެޓިކް ބައްދަލުވުމެއް އެއީ، އަދިވެސް ފެންނަކަހަލަ...'' ކިޔާރާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

''ޔޫ އާރ އެ ހޯޕްލެސް ރޮމޭންޓިކް... މިފަހަރު ހާދަ ސިއްރުކޮށްގެންނޭ ތިއުޅެނީ... އަހަންނަށް ނިކަން ދައްކަބަލަ ތި ދައިސާންއެއްގެ ފޮޓޯ...'' ސަރުވާ ޝައުޤުވެރިކަން ފާޅުކޮށްލިއެވެ. އެހެނިހެން ފަހަރުތަކާ މުޅިންވެސް ކިޔާރާ ތަފާތެވެ. އެހެންޏާ ރައްޓެހިވެގެން އުޅޭ ޒުވާނާގެ ފޮޓޯތައް މީސްމީޑިޔާއަށް އޮއްސާލާނެއެވެ.

''އުހޫނ... ފޮޓޯއެއް ނުދައްކާނަން، އިންސްޓާއަށް ވެސް ނުލާ މިއުޅެނީ އެންމެނަށް ސިއްރުކުރަން، ހެހެހެ... މިރޭ ބައްދަލުކޮށްދޭނަން...'' ކިޔާރާ ދެކޮޅުހެދިއެވެ. އޭނަ ބޭނުންވީ މިރޭގެ ހަފްލާގެ ތެރެއިން ސަރުވާއާއި ދައިސާން ބައްދަލުކޮށްދޭށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟