ވާހަކަ

ނުފޫޒަކުން - 13

2

"އަހަންނާ ރޫޔާ އާ ދެމެދުގަ އޮތް އެކުވެރިކަން ކިލަނބުވާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ. ޝާނާ ކޮންމެ ކަމެއް ކުރިޔަސް އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު ރޫޔާ... " ނިހާން ޝާނާ ގެ މޫނަށް ބަލައިލިއެވެ.

"ރޫޔާ އެއީ ޝާނާ ކަހަލަ ކުއްޖެއްނޫން"

އެއްޗެއް ނުބުނެ ހުއްޓަސް ނިހާން ގެ ވާހަކަތަކުން އެތެރެއިން ޝާނާ އަނދަމުން ދިޔައެވެ.

ކޮޓަރި އަށް ގޮތަށް ޝާނާ އެނދުގައި އިށީނދެއްޖެއެވެ. ކުޝަނެއް ނަގާ އުނގަށްލި ގޮތަށް ފުން ނޭވާތަކެއް ލަމުން ދިޔައެވެ. އިރުކޮޅަކުން ތެދުވެފައި އެނދުމައްޗަށް ކުޝަން އެއްލާލިއެވެ. އިސާހިތަކު އޭނާގެ ދެލޮލުން ކަރުނަ ފޭދިއްޖެއެވެ. ނިހާން ހިތްމައްޗަށް އެރީ ރޫޔާ ކަހަލަ ރީތި ކުއްޖަކު ހިތްހެޔޮކަމާއެކު ދެތިން ޖުމްލައެއް ބުނުމުން ހެއްޔެވެ؟ ހީކުރަނީ އަހަރެން މަޑުން ހުންނާނެ ކަމަށް ހެއްޔެވެ؟

އެނދުމަތީގައި އޮތް ފޯނު ނަގާފައި ޝާނާ ގުޅީ ލަވީރާ އަށެވެ. މިފަހަރު ޝާނާ ރުޅިއައިސްފައި ހުރީ ނިހާނާ ރޫޔާ އާ ދެމީހުން ދެކެ އެއްކޮށެވެ. އޭނާގެ ހިތުގައިވާ ލޯބި އަނދާ އަޅިއަށް ހަދާލުމަށްފަހު ރޫޔާ ގެ ހިތުގައި އޮތް ލޯބި ފެންދީ ފޯދުވާކަށް ލާހިކެއް ނޫނެވެ. އޭނާ އަށް ނިހާން ނުލިބިއްޖިއްޔާ ރޫޔާ އަށް ވެސް ލިބިގެން ނުވާނެއެވެ.

"މީނަ އަދި ނުނަގާނެ ފޯނެއް" އެނދުމައްޗަށް ފޯނު ހޫރާލަމުން ޝާނާ ބުންޏެވެ. އެވަގުތު ލަވީރާ ދެކެވެސް އޭނާ އަށް ރުޅިއާދެވުނެވެ.

****

ޝައުން ގެ ކޮޓަރީ ބެޑްޝީޓް ބަދަލުކޮށްފައި ނިކުތް ފަޒީލާ އަށް ތިރިއަށް ބަލައިލެވުނު ވަގުތު ފެނުނު މަންޒަރަކުން ތަނބަކާ ނިވާވެލިއެވެ. ގިނަ މީހުން ނޫޅޭ ގެއެކޭ ނަސީބެކޭ ފަޒީލާ ގެ ހިތަށް އެރިއެވެ. ހިމޭންކޮށް އޮތް ހޯލުގައި ހުރި ގިސާމަތު ކަރުގައި އަޅުވާފައި އޮތް ދަބަހުން ނެގި ފައިސާ ބޮނޑިއެއް އެދިނީ ހިސާބުގަނޑު ނުލަފާ އަރުވަން އުޅޭ ޒުވާނަކަށެވެ. މަގުމަތިން ދެ ދުވަހަކު އީނާ އާ ވެސް ދިމާކުރި މީހެކެވެ. ހުންނަ ސިފައަކުން ވެސް މީހަކު ހޮޑުލާނެއެވެ. ފަޒީލާ އަނގަމަތީގައި އަތްއެޅިއެވެ. މިހާރުވެސް ގިސާމަތު އެހަދަނީ ކޮންމެސް ނުބައެކެވެ. ކޮންމެސް މީހެއްގެ ކުށެއްނެތް ދަރިއަކު ބަރުބާދުކުރަން ތައްޔާރުވަނީ ތޯއްޗެކެވެ. ނިވަލުން އައިސް ފަޒީލާ މަޑުކޮށްލީ ގިސާމަތަށް ފުރަގަސްވާނޭހެންނެވެ. އޭނާ އެމީހުންގެ ވާހަކަތައް އިވޭ ހިސާބުގައި ހުރިކަން ގިސާމަތަށް އެނގިއްޖިއްޔާ އޭނާގެ ޒަމާން ދިޔައީ އެވެ. ރޯ މަހެއް ތެޅޭހެން ފަޒީލާ ގެ ހިތް ތެޅެމުން ދިޔައެވެ.

"ބުނަން. އަހަރެމެން ދެމީހުންގެ ބައްދަލުވުން މިހާ ހިސާބުން ނިމުނީ. އަހަރެން ކަލޭ ނުދަންނަން. އަދި ކަލޭ އަހަރެންވެސް. އަހަންނަށް ހެޔޮ ވަޅިޔަކަސް ކަނޑިޔަކަސް ނުވަތަ އެކްސިޑެންޓަކަސް. ކުރިއަށ ގެންދާނެ ގޮތެއް އެނގޭނީ ކަލެއަށް. މިކަން ކާމިޔާބުވިއްޔާ ކަލޭ ބޭނުން ދިމާލަކަށް ފުރައިގެންދާންވީ" ގިސާމަތު ބުންޏެވެ.

"އޯކޭ މިއީ އަހަރެމެންގެ ގުރޫޕަށް މާބޮޑު ކަމެއްނޫން. މިކަން ކުރަން ދާންޖެހޭނީ ހަބޭހަށް ބޯލައިގެން. ސަޅިކޮށް ނިންމާލާނަން. އެކަމަކު އޭނައަށް އަދަބު ލިބެންވީ ސަބަބެއް ނޭނގޭ" ޒުވާނާގެ އަޑު ރީތިކޮށް ފަޒީލާ އަށް އިވުނެވެ.

"ހަބަރުދާރު... ކަލެއަށް ސުވާލެއް ކުރުމުގެ ފުރުސަތު ނުދެން. ކަލޭ ތިދާ ތަނަކަށް ދާންވީ" އަތުގެ އިޝާރާތުން ނިކުންނަ ދޮރު ޒުވާނާ އަށް ގިސާމަތު ދައްކާލިއެވެ. ހިނިގަނޑެއް ޖަހާލާފައި ޒުވާނާ ނިކުމެގެން ދިޔައެވެ. ގިސާމަތަށް ފެނުމުގެ ކުރިން އަވަހަށް ފަޒީލާ ދާން އެނބުރުނު ވަގުތު އަނެއްކާވެސް ގިސާމަތު ވާހަކަދެއްކި އަޑު އިވިއްޖެއެވެ.

"ކަލޭ ހާސްނުވޭ. އެއީ ސާބިތުވާނެ ކަމެއްނޫން. އެމީހުންނަށް ކަމެއް ސާބިތުކުރެވޭނީ ދައުވާ ލިބޭ ފަރާތް ދުނިޔޭގައި ހުރެގެންތާ. ހާސްނުވޭ. އަހަރެން ހުއްޓަ ޝައުކަތުގެ އާއިލާ އެއްވެސް މީހަކަށް ދެރަގޮތެއް ނުވާނެ. ތިއީ އަހަރެންގެ އެއް އަތް. ޝައުކަތުގެ ކާފަ ދަރިފުޅު ސަލާމަތްވާނެ. ހިތްހަމަޖައްސާލައިގެން ހުރޭ"

ވީގޮތް ފަޒީލާ އަށް ރޭކާލި އަދި ކިރިޔާއެވެ. ރިސޯޓެއްގައި ފަތުރުވެރިއެއް ރޭޕްކޮށް ވީޑިޔޯ ކުރި މައްސަލައެއްގައި ޝައުކަތުގެ ކާފަ ދަރިއަކު ހައްޔަރުކުރިކަން ފަޒީލާ އަށް އެނގުނީ ހަބަރަކުންނެވެ. އެއީ ޝައުކަތުގެ ދަރިކަން އެނގުނީ ކާމޭޒު ކައިރީގައި އަޖުވަދު އެވާހަކަ ދެއްކުމުންނެވެ.

"ސުބްހާނަﷲ... ހުންނަ ނުބައިކަން" ފަޒީލާ އަށް ރަނގަޅަށް ހިނގައިވެސް ނުލެވުނެވެ. އޭނާ ގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅަމުން ދިޔައެވެ. ގޭތެރެއަށް ވަދެފައި ސޯފާގައި އިށީނުމުގެ ބަދަލުގައި ފަޒީލާ އަށް ގޮނޑިއަށް ވެއްޓިގަނެވުނެވެ. މުޅި މީހާގެ ހަށިގަނޑު ހުރީ އައްސިވެފައެވެ. ހަށިގަނޑަށް ވަމުންދިޔަ ގޮތްތަކުގެ ސަބަބުން އެންމެފަހުން ފަޒީލާ އަށް ރޮވިއްޖެއެވެ. ގިސާމަތުގެ ނުބައި ރޭވުމުގެ ތެރެއިން މާދަމާ ކުށެއްނެތް ފުރާނައެއް މިދުނިޔެއިން ނައްތާލާނެއެވެ. އެއީ ބޭރު މީހަކަށް ވިޔަސް އެއީވެސް ﷲ އެޅުއްވި ފުރާނައެކެވެ. އެމީހުންގެ އެ ރޭވުން ނާކާމިޔާބުކޮށްލެވޭނީ ހަމަ އެންމެ ފަރާތަކަށެވެ. ފަޒީލާ ވަގުތުން އަވަސްވެގަތީ ނަމާދަށް އަރާށެވެ.

****

އޮފީސް ނިންމާފައި އައިގޮތަށް ޓައީ ދޫކުރަމުން އައިސް ހަބީބް އިށީނީ ސޯފާގައެވެ. ސިޑިން ފައިބައިގެން އައި ހަންނާ އަށް ހަބީބް އައިކަން އެނގުމުން އައިސް ކައިރީގައި އިށީނެވެ. ކުރިމަތީ މޭޒުމަތީގައި ހުރި ފެންޖަގުން ފިނި ފެންތައްޓެއް އަޅާފައި ހަބީބަށް ދިއްކޮށްލިއެވެ.

"ކުޑަކަމަކު ކިޔަންވެފައޭ އޮތީ" ތިން ކޯވަރުން ފެންތަށި ހުސްކޮށްލާފައި ތަށި ހަންނާ އަށް ދިއްކޮށްލަމުން ހަބީބް ބުންޏެވެ.

"ކިޔާބަލަ" ހަންނާ ބުންޏެވެ.

"މާދަމާ ތަންކޮޅެއް ރަނގަޅަށް ހަވީރު ސައެއް ތައްޔާރުކޮށްލަން ވާނެ. ވަރަށް ރަނގަޅު ރައްޓެއްސެއް ލިބިއްޖެ" ހަބީބް ބުންޏެވެ.

"ދިވެއްސެއްތަ؟" ހަންނާ އެހިއެވެ.

"އާނ ކުރިންވެސް މި ކުންފުނީގަ މަސައްކަތްކުރީ. މިހާރު މެދުކެނޑުމަކަށްފަހު މާ މަތީ މަގާމަކަށް. އަހަރެންގެ ވެރިޔަކަށް ހުރީ" ހަބިބް އޭނާ އަށް ލިބިފައިވަ މައުލޫމާތުތައް ހަންނާ އަށް އޮޅުންފިލުވައިދިނެވެ.

"ސައެއް ތައްޔާރުކޮށްލެވިދާނެ. އެކަމަކު ބައެއް އެއްޗެހި ގަނެލަންޖެހޭނެ. ކިހާއިރަކު ދާނީ އެއްޗެހި ގަންނަން" ހަންނާ ވާހަކަދެއްކިއެވެ.

"މިހާރު ފެންވަރާލައިގެން ރޫ ބަލާދާންވީ. ކިހިނެއްވާނެ މިރޭ ގޮސްލަން. މިރޭ ކާނީ ބޭރުން. އެހެން ހަދަންވީނުން. ރޫ ވެސް ގޮވައިގެން ދާނީ" ހަބީބް ބުންޏެވެ.

ހަންނާ ބޯޖަހާލިއެވެ. ހަބީބް ކޮޓަރި އަށް ދިޔުމުން ހުސް ތަށި ހިފައިގެން ހަންނާ ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ. ހަފްތާއަކު އެއް ރޭ އާއިލާ އެކު ބޭރުން ކާލުމަކީ ހަބީބް ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެކެވެ. އަތްމަތި ދަތި ދުވަވސްވަރެއް ނަމަ ބޭރުން ކުރުނބަލެއް ބޯލަން ނަމަވެސް އާއިލާ ގޮވައިގެން ބޭރަށް ނިކުންނާނެއެވެ.

****

ލައިބްރަރީއަށް ވަންގޮތަށް ނިހާން ގެ ލޯ ދެފަރާތް ހޯދާ ބަލައިލިއެވެ. ވަކިން ހުރި މޭޒެއް ގައި އެކަނި އިން ރޫޔާ މާގިނަ އިރެއް ނުވެ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެދިމާލަށް އޭނާ ހިނގައިގަތެވެ. ހުއްޓުނީ ރޫޔާ ކައިރީގައި ހުރި ހުސް ގޮނޑީގައި ފިރިހެނަކު އިށީންތަން ފެނުމުންނެވެ. ހިތްހަމަނުޖެހިފައި ރޫޔާ ގެ ނަޒަރު އެމީހަކަށް ހުއްޓުނުތަން ވެސް ނިހާނަށް ފެނުނެވެ. އިރުކޮޅަކުން ރޫޔާ އެމީހާ އާ ވާހަކަތަކެއް ދެއްކިތަންވެސް ފެނުނެވެ. ދެން ފެނުނީ އެމީހާ އެ ގޮނޑިން ތެދުވެގެން ދުރަށް ހިނގައިގަތް ތަނެވެ. ނިހާން ކައިރިވީ ދެނެވެ.

"ހައި ބިއުޓީ..."

ރޫޔާ ބަލައިލީ ނިހާން ވާހަކަދެއްކި އަޑަށެވެ.

"ކޮން ބިއުޓީއެއް. ތިހުރީ ޖޫރިމަނާވެފަ" ރޫޔާ ބުންޏެވެ.

"ސޮރީ... ގަޑިއަށް އަންނަން ނިކުތީ. އެކަމަކު ގުދުރަތީ ކަމެއް ދިމާވެގެން ލަސްވީ" ނިހާން ބުންޏެވެ.

"ގުދުރަތީ ކޮންކަމެއް؟" ރޫޔާ އެހިއެވެ.

"ފާހާނާއަށް ދިޔުންވެސް އެކަހަލަ ކަމެއްނު" ނިހާން ބުންޏެވެ.

ރޫޔާ ދެފަރާތަށް ބޯހޫރާލަމުން އޭނާ ކިޔަން އިން ފޮތަށް ނަޒަރު ހުއްޓާލިއެވެ.

"ދެންމެ ކާކުތަ އެ އައީ" ނިހާން އެހިއެވެ.

"ކިހިނެއް އެނގޭނީ. ތިމަންނަ މިތާ އިނަސް އެންމެ ރަނގަޅުހޭ އެހީމަ އަހަރެން ބުނީ ނޫނެކޭ. މީހަކު ރިޒާވްކޮށްފައޭ ހުރީ" ރޫޔާ ވާހަކަދެއްކިއެވެ.

"ކާކު ރިޒާވްކުރީ. އަހަރެން ނުކުރަން" ނިހާން ބުންޏެވެ.

"ރިޒާވް ނުކުރިޔަސް ތިއީ ނިހާން އަށް ހާއްސަ ގޮނޑިއެއްނު" ރޫޔާ ބުންޏެވެ.

"ވަރަށް ހާއްސަ ތަ؟" ނިހާން އެހިއެވެ.

ރޫޔާ ނިހާނަށް ބަލައިލާފައި ދެލޯ އަޅާލިއެވެ. އެހެންނަމަވެސް ތުންފަތުގައިވީ ހިނިތުންވުމެކެވެ.

"މިރޭ ދާނަންތަ ބޭރަށް" ރޫޔާ އެހިއެވެ.

"ސީރިޔަސްކޮށްތަ؟ އަހަންނާއެކު ބޭރަށް ދާނަންތަ؟" ނިހާން ބުންޏެވެ.

"ސާބަހޭ... މަންމަމެން މިރޭ އުޅެނީ ޑިނަރ އަކަށް ދާން. ނިހާން ދާންވީނު"

ވަގުތުން ނިހާން އެއްބަސްވެއްޖެއެވެ. އެކަހަލަ ކަމަކަށް އޭނާ ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ރޫޔާ ފެންނަ ހިސާބެއްގައި އެންމެ ސިކުންތެއްގައި އިންނަން ޖެހުނަސް އެއީ އޭނާ އަށް ވަރަށް ބޮޑުވަރެވެ.

****

އަޒީމާ ދޮރާ ދިމާލަށް ބަލައިލީ ސަލާން ގޮވާލި އަޑަށެވެ. ކައިރީގައި ފޯނަށް ގެއްލިފައި އިން ނޭހާ ވެސް އެދިމާލަށް ބަލައިލިއެވެ.

"ވައަލައިކުމުއްސަލާމް... އަވަހަށް އާދޭ އެތެރެއަށް" އަޒީމާ ބުންޏެވެ.

ޝައުން އެތެރެއަށް ވަދެގެން އައިސް އިށީނީ ވަކިން ހުރި ސޯފާ ގައެވެ. އޭނާ ނޭހާ އަށް ބަލައިލިއެވެ. އެހެންފަހަރުތަކާ ހިލާފަށް މިފަހަރު ނޭހާގެ މޫނުމަތިން ހިތްހަމަޖެހުމެއް ނުފެނުނެވެ. ޝައުން ފެނިފައި ނޭހާ އިނީ ހިތުގައިވި ޝަކުވާތައް އެއްފަހަރާ ބޭރުކުރަން ބޭނުންވެފައެވެ. ކުއްލިއަކަށް އަޒީމާ ތެދުވެގެން ދާން އުޅުމުން ނޭހާ މަންމަ އަށް ގޮވާލިއެވެ.

"މަންމަ ކޮންތާކަށް؟" ނޭހާ އެހިއެވެ.

"ދެކުދިން ވާހަކަދައްކާލަން ތިބެލާ. މަންމަ މިއަންނަނީ ކޮފީ ހިފައިގެން" އަޒީމާ ބުންޏެވެ.

"އުނހު. މަންމަ ދާނެކަމެއް ނެތް. ޝައުން ކައިރީގަ މަންމަ ބުނެބަލަ ދޮންބެ މިވަގުތު ގޭގަ ނެތޭ" ނޭހާ ބުންޏެވެ.

ނޭހާގެ ރުޅިގަނޑު އެހާ ފަސޭހައިން މައިތިރި ނުވާނޭކަން އެނގޭތީ އަޒީމާ ހުރީ ހިމޭނުންނެވެ. އިރުކޮޅަކުން ފެނުނީ ތެދުވެގެން ކޮޓަރި އާ ދިމާލަށް ދާ ނޭހާ ތަނެވެ.

"ކުޑަކޮށް ހިތްހަމަނުޖެހިފަ އެހުންނަނީ. އޭނާ ރުއްސޭނީ ޝައުން އަށް" އަޒީމާ ބުންޏެވެ.

މޭޒުމަތީގައި ބޭއްވި މާބޮޑި ހިފައިގެން ޝައުން ތެދުވިއެވެ. ނޭހާގެ ފަހަތުން ކޮޓަރި އަށް ދާން އުޅެފައި ވެސް އޭނާ އަޒީމާ އަށް ބަލައިލިއެވެ. ހީވީ އެކޮޓަރި އަށް ވަންނަން ހުއްދައަކަށް އެދުނު ހެންނެވެ.

"އެންމެރަނގަޅު ދިޔަސް. އެކަމަކު ދެން ދާންވާނީ ހަވީރު ސައިބޮއެގެން" އަޒީމާ ބުންޏެވެ.

އަޒީމާ ބަދިގެ އާ ދިމާލަށް ދާން ފެށުމުން ޝައުން އެކޮޓަރި އާ ދިމާލަށް ދިޔައެވެ. ތަޅުގައި ހިފިއިރު ނަސީބަކުން ހުރީ ހުޅުވާފައެވެ. ޝައުން މަޑުމަޑުން ދޮރު އެތެރެއަށް ހުޅުވާލިއެވެ. ފުރަތަމަވެސް އޭނާގެ ކަންފަތުގައި ޖެހުނީ ނޭހާގެ ގިސްލުމުގެ އަޑެވެ. އެނދުގައި ނޭހާ އިނީ ދޮރަށް ފުރަގަހަށް ވާ ގޮތަށް އިށީނދެގެންނެވެ.

"ޕްލީޒް މަންމާ. އަޅުގަނޑަށް ވިސްނައިދޭން އަންނާނެކަމެއް ނެތް. ޝައުން ދިޔައިމަ ބުނޭ. އޭރުން ދާނަން މަންމަ ކައިރިއަށް" އެ އިންގޮތަށް އިނދެ ނޭހާ ބުންޏެވެ.

ޝައުން އައިސް ކުރިމަތީގައި ހުއްޓުމުން ނޭހާ ފުންމައިގެން ތެދުވިއެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟ އަޑެއް ނީވުނުތަ؟ ދޮންބެ ގެއަކު ނެތް" ނޭހާ ބުންޏެވެ.

"އަހަރެން މިއައީ ފައިކު ހޯދާކަށް ނޫން" ޝައުން ބުންޏެވެ.

"ދެން ކާކު ހޯދަން؟ މިގޭ ކައްކާ ނާސިރާ ހޯދަންތަ؟ އެހެންވިއްޔާ މިތަނަކުން ނާސީރާ އެއް ނުފެންނާނެ" ނޭހާ ބުންޏެވެ.

"އަހަރެން ހޯދަން އައި މީހާގެ ކޮޓަރީގަ އޭނަގެ ކުރިމަތީގަ މިހުރީ" ޝައުން ބުންޏެވެ.

"އޯ ޝަޓްއަޕް ޝައުން. ކޮންމެހެން އަހަރެން ހޯދަން އަންނާނެ ކަމެއްނެތް. ޕްލިޒް ލީވް..." ނޭހާ ބުންޏެވެ.

ރުޅިއައިސް ރަތްވެފައި ހުރި ނޭހާ ފުރަގަސްދޭއިރަށް ޝައުން އަށް ފުން ނޭވައެއް ދޫކޮށްލެވިއްޖެއެވެ. ނޭހާ ހަމަޔަކަށް މިފަހަރު އަޅުވަން އެހާ ފަސޭހައެއް ނުވާނެކަން ޝައުން އަށް އެނގުނެވެ. އެހެންނަމަވެސް މިފަހަރު އޭނާ ހުރީ ނޭހާ ހަމަޔަކަށް އަޅުވާފައި އޭނާ ހޯދަން އައި މައުލޫމާތު ހޯދައިގެން ގެއަށް ދާގޮތަށެވެ.

"އޯކޭ... އައިމް ސޮރީ" ނޭހާ ކުރިމައްޗަށް މާބޮނޑި ހުރަސްކޮށްލަމުން ޝައުން ބުންޏެވެ. ނޭހާ އަތުންޖަހާ މާބޮނޑި އެނދު މައްޗަށް ވައްޓާލިއެވެ. ޝައުން އަށް ލިބުނީ ހައިރާންކަމެކެވެ. ނޭހާ ގެ ރުޅިގަނޑު އެވަނީ އޭނާ ހީކުރި ވަރަށް ވުރެވެސް މަތީގައިކަން ޝައުން އަށް ވިސްނުނެވެ.

"ބުނަން ޝައުން ވާހަކައެއް. އަހަންނަކީ ޝައުން ބޭނުންހާ ގޮތެއް ހަދަން ހުރި މީހެއް ނޫން. އަހަރެންގެ މޭގަ ވެސް ހިތެއް ވޭ. އެ ހިތުގައި އިހުސާސްތަކެއް ވޭ. ޝައުންގެ ކުރިމަތީގައި އެ އިހުސާސްތަކުގެ އެއްވެސް އަގެއް ނެތަސް އަހަރެން އެ އިހުސާސްތަކަށް ގަދަރުކުރަން. އަހަރެން ރުއްސޭނެކަމަށް ހީނުކުރާތި. މިގުޅުން ކުރިއަށް ގެންދަން ކޮންމެހެން ޝައުން ނޫޅެންޏާ އަހަރެންވެސް ނޫޅެން. އަހަރެން ޝައުން އަށް މިހާރު އުނދަގުލެއް ނުކުރަމެއްނު" ފަހުވަގުތު ނޭހާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ނޭހާގެ ދެލޮލުން ރޮނގެއްހެން ފައިބައިގެން ދިޔަ ކަރުނަ ތިކި ފެނުމުން ޝައުން އަށް ކުރެވުނީ ކުށްވެރިކަމުގެ އިހުސާސްތަކެކެވެ. އެ އަންހެންކުއްޖާ އަށްޓަކައި އޭނާގެ ހިތުގައި އެއްވެސް ޖަޒުބާތެއް ނެތް ނަމަވެސް ނޭހާ ގެ ދެލޮލުން ފައިބައިގެންދިޔަ ކަރުނަތިކި ނޭހާ ޝައުން ދެކެ ވާ ލޯބި ހެކިކޮށްދެއެވެ.

"ވީގޮތެއްވެސް ނޭނގެއެއްނު. ޕްލީޒް އެންމެފަހަރަކު އަހަރެންގެ ހާލު އަހާލަބަލަ" ޝައުން ބުންޏެވެ. ނޭހާގެ ދެކޮނޑުގައި ޝައުން ހިފަހައްޓަން އުޅުމުން ނޭހާ ޖެހުނީ ދުރަށެވެ.

"ކީއްކުރަން. ދެ ދުވަހު ރިސޯޓެއްގަ ބަލި މީހަކު އުޅޭނެތަ؟ ބަލި މީހުން ތިބޭނީ ގޭގަ. މޮޅު ވާހަކައެއްދައްކަން ނޫޅޭ" ނޭހާ ބުންޏެވެ.

"ރަނގަޅޭ. އަހަރެން ހުރީ ރިސޯޓްގަ. އެކަމަކު ބަލިކޮށް" ޝައުން ބުންޏެވެ.

ނޭހާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ޝައުން ދައްކާ ވާހަކަތައް އޭނާ އަށް ވީ ޖޯކަކަށެވެ.

"ކިތަންމެ ބަލި ވިޔަސް ވާހަކަދެއްކެއެއްނު. ހިނގާފަ ފާހާނާއަށް ނުދެވޭތަ؟ އަމިއްލަ އަތުން ނުކެވޭތަ؟ އެތައް ބައިވަރު އަންހެން ފަތުރުވެރިންތަކަކާއެކު ރޭގަ ޑިނަރ އެއްގަ އިނީ ޝައުން ކާލައިގެން އައިސް އިން ފުރޭތައެއްތަ؟" ހިތުގައިވާ ހުރިހާ ޝަކުވާތަކެއް ނޭހާ ބޭރުކުރަމުން ދިޔައެވެ.

"ނެތެއްނު އެއްޗެއް ބުނާކަށް. ދޮންބެއަކަށް ނޭނގޭނެ އެ ފޮޓޯތައް ދޮންބެ ފޯނުން އަހަރެން ބެލިކަމެއް" ނޭހާ ބުންޏެވެ.

ޝައުން ބޯގޮވިއެވެ. މިފަހަރު ދޮގެއް ހަދަނައިގެން އޭނާ އަށް ސަލާމަތްވެވެން ނެތްކަން އެނގުނެވެ. ނޭހާ އަށް އެވަނީ ހުރިހާ ކަމެއް އެނގިފައެވެ. ނޭހާ ރުއްސުން މިފަހަރު އޭނާ އަށް ފަސޭހަ ކަމަކަށް ނުވިއެވެ. އޭނާ ބޭނުންވާ މައުލޫމާތުތައް ނޭހާގެ ފަރާތުން އެހާ ފަސޭހައިން ނުލިބޭނެކަން އޭނާ ގަބޫލުކުރެވުނެވެ.

"އޯކޭ ފައިން... ނޭހާ ގޮތް ނިންމާފަ ބުނޭ" އަތުގައި އޮތް މާބޮނޑި އެނދު މައްޗަށް ހޫރާލާފައި ޝައުން ނިކުމެގެން ދިޔައެވެ. ނޭހާ އަށް ރޮވުނީ އެވަގުތުއެވެ. ހަގީގަތުގައިވެސް ޝައުން ލޯބިވާނަމަ އެހާ ފަސޭހައިން ނުދާނެއެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ރުއްސަން މަސައްކަތްކުރާނެއެވެ.

އިރުކޮޅަކުން ތެދުވެގެން ގޮސް އެނދުމަތީގައި އޮތް މާބޮނޑި ކޮޓަރިން ބޭރަށް ހޫރާލާފައި ބާރަށް ދޮރުލައްޕާލިއެވެ.

****

ނިހާން ގެއިން ނިކުންނަންދެން ކާރު ކައިރީގައި މަޑުކޮށްލައިގެން ރޫޔާ ހުއްޓެވެ. ނިހާން ނިކުތްތަން ފެނުމުން ރޫޔާ ތުންފަތަށް ވެރިވި ހިނިތުންވުން ކާރު ތެރޭގައި ތިބި މައިންބަފައިންގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ހަންނާ އާއި ހަބީބް އެކަކު އަނެކަކަށް ދިނީ މާނަވީ ހިނިތުންވުމެކެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟