ވާހަކަ

ދޭތޯ ތި ހިތް - 1

4

މަތިންދާބޯޓުގެ ކުޑަދޮރުން ފެންނަން ފެށި ރާއްޖޭގެ މަލަމައްޗާއެކު ސަރުވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހަ އަހަރުދުވަހަށް ފަހު އުފަން ފަސްގަނޑަށް އާދެވުމުން އެކަމުގެ ހިތްހަމަޖެހުން ސަރުވާގެ މޫނުމަތިން ފެންނަން ފަށައިފިއެވެ. ދަތުރުގެ ވަރުބަލިކަން ވެސް އެދެލޮލުން ފިލާ ގޮސް ފިއެވެ. އަތުގައި އޮތް ފޯނުން ކުޑަދޮރުން ފެންނަމުން ދިޔަ ރީތި މަންޒަރުތައް ރައްކާކުރަމުން ދިޔައެވެ. އިރުއޮއްސެމުން ދިޔަ ވަގުތަށްވުމުން ދުރުދުރަށް ދާންދެން ފެތުރިފައި އޮތް ވިލާތަކުގެ ދޫލަތައް ރަންގުވެފައިވަނީ ހުވަފެނީ ކުލަތަކުންނެވެ. އެމަންޒަރަށް ގެއްލިފައި ވަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓުޖައްސަން ތައްޔާރުވަމުންދާކަމުގެ އިއުލާން އިވިގެން ދިޔައެވެ.

ބާރު ދުވެލީގައި ރަންވޭއަށް ބޯޓު ތިރިކުރަމުން ދިޔައެވެ. ސަރުވާ އިނީ އުފާވެފައެވެ. ޑޮކްޓަރީކަން ކިޔަވަން ލަންޑަނަށް ދިޔަ ފަހުން ޢާއިލާގެ ގާތަށް އާދެވެނީ އަހަރަކު އެއްފަހަރެވެ. އެދުވަސްތައް ވެސް އޮތްނަނީ މަދުވެފައެވެ. ޢާއިލާއާއި ދުރުގައި ހުރުމަކީ ސަރުވާއަށް ނިކަން އުނދަގޫކަމެކެވެ. ލަންޑަނަށް ދިޔަތާ ފުރަތަމަ ދުވަސްކޮޅު އޭނައަށް އެމާހައުލަށް ހޭނެން އެތައް ދުވަހެއް ނެގިއެވެ. މަންމަގެ ލޯތްބާއި، ބައްޕަގެ ހިމާޔަތާއި އޯގާތެރިކަން އަބަދުމެ ހަނދާންވާތީއެވެ. އެހުރިހާ ކަމަކަށް އޭނަ ކެތްތެރިވީ މައިންބަފައިންގެ ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށެވެ. މިއަދު އަމިއްލަ ވަޒަނަށް އާދެވުނީ އެހުވަފެން ހަޤީޤަތަކަށް ހަދައިދެވިއްޖެކަމުގެ ޔަޤީންކަމާއެކުގައެވެ.

އެރައިވަލް ގޭޓާއި ހަމައަށް މަތިންދާބޯޓު ގޮސް މަޑުކުރުމާއެކު ކުރިމަތީ ހުރި ގޮނޑީގެ ދަށުގައި އޮތް އޭނަގެ އަތްދަބަސް ސަރުވާ ނެގިއެވެ. އަދި ކަރުގައި އަޅުވާފައި އޮތް ނެކްޕިލޯ ނަގައި އަތްދަބަސްތެރެއަށް ލިއެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައި އޮތް ދިހުންއަރާ ކަޅުއިސްތަށިގަނޑު އަތުކުރީ އަޅުވާފައި އޮތް ވޫލްކޮޅުން އައްސާލިއެވެ. ގޮނޑީގައި ސަރުވާ މަޑުކޮށްލައިގެން އިނީ މީހުންތައް މަދުވަންދެކަށެވެ.

ބޯޓުގެ ސިޑިން ފައިބަމުން ދިޔަ ސަރުވާ ވާހަކަދައްކަމުން ދިޔައީ އޭނަގެ މަންމަ ޒުބެއިދާއާއެވެ. އާދެވިއްޖެ ވާހަކަ ބުނާށެވެ. ސިޑީގެ އެންމެ ފަހުގެ ހަރުފަތުން ފައިބާ ބިމުގައި ފައިތިލަ ސާބިތުކޮށްލަމުން ސަރުވާ ވަށައިގެން ހޯދާލިއެވެ. ކަނޑުގެ ސަތަހަޔާއި ނިވާވަމުން ދިޔަ އިރުގެ ކުލަތަކުން މުޅި މާހައުލަށް ގެނެސްދީފައި އޮތީ ޖާދުލެއްފަދަ ފުރިހަމަކަމެކެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކު ސަރުވާ ކުރިއަށް ހިނގައިގަތެވެ. ލުއި ހިނިތުންވުމެއް އެތުންފަތާއި ކުޅެލަމުން ދިޔައެވެ.

*****

ފޮށި ހިފައިގެން ބޭރަށް ނިކުމެވުމާއެކު ސަރުވާ ހޯދާލިއެވެ. ވަށައިގެން ފެންނަމުން ދިޔަ ހަލަބޮލިކަމުގެ ތެރޭން ފުރަތަމަ ވެސް އޭނަގެ ލޮލުގައި އަޅައިގަތީ ބައްޕައެވެ. އެއަށްފަހު ބައްޕަގެ އަތުގައި ހިފާލައިގެން ހުރި މަންމައެވެ. ދެބައިއުމުރަށް ގޮސްފައި ވިޔަސް ދެމަފިރިންގެ ހިތުގައި ވިންދުޖަހަމުން ދިޔަ ލޯބީގައިވާ ޒުވާންކަން ކުދިކުދި އަމަލުތަކުން ފާޅުކޮށްދެއެވެ. އެދެމެދުގައި އޮތް ފުރިހަމަ ލޯތްބާ މެދު ސަރުވާއަށް ވިސްނާލެވުނެވެ. އޭނަ ވެސް ބޭނުންވަނީ އެފަދަ ފުރިހަމަ ލޯތްބެކެވެ. އަނބިމީހާއަށް އޯގާތެރިކަމާއި ހިމާޔަތްދޭނެ ބައިވެރިޔެކެވެ. ދުނިޔޭގެ ކޮންމެ އިމްތިހާނަކާއި ކުރިމަތިލާން ޖެހުނަސް ސާބިތުކަމާއެކުގައި އެއަތުގައި ހިފާނެ ބައިވެރިޔެކެވެ.

''ސަރުވާ!...'' މަންމަ ގޮވާލި އަޑުން ސަރުވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މަންމައަށް އަތްހޫރާލަމުން ތޮތްޖެހިފައި އޮތް މީހުންތަކުން ނެއްޓެމުން ސަރުވާ ކުރިއަށް ހިނގައިގަތެވެ.

ދަރިފުޅު ފެނުމާއެކު ޒުބެއިދާގެ ދޮން މޫނު އުޖާލާވެގެން ދިޔައެވެ. ސަރުވާއަށް ލިބިފައިވަނީ އޭނަގެ މަންމަގެ ރީތިކަމެވެ. އެވަށްމޫނާއި މަޑު ފިޔާތޮށިކުލައިގެ ތުންފަތުގެ އިތުރުން މުށިކަންގަދަ ދެލޮލެވެ. ސަރުވާގެ ދިހުންއަރާ ފަން އިސްތަށިގަނޑާއި, ދިގު އިސްކޮޅަކީ ބައްޕަ ފަރާތުން ވާރުތަވި ސިފަތަކެވެ. މައިންބަފައިންގެ އެންމެ ރީތި ސިފަތައް ސަރުވާއަށް ވަނީ މިލްކުވެފައެވެ.

''މަންމާ...'' ސަރުވާ ގޮސް ޒުބެއިދާގެ ގައިގައި ބައްދާލިއެވެ. އޯގާތެރިކަމާއި ލޯތްބާއެކު ދަރިފުޅުގެ ބުރަކަށީގައި ޒުބެއިދާއަށް ފިރުމާލެވުނެވެ. ދަރިފުޅު ފެނުމުން ޒުބެއިދާ ހުރީ ޖަޒުބާތީ ވެފައެވެ. ފަހުރުވެރިކަން އެކުލެވިގެންވާ ހިނިތުންވުމަކާއެކު ސަރުވާގެ ބޮލުގައި އާފާގު ފިރުމާލިއެވެ. ބައްޕަގެ މޫނަށް ސަރުވާ ބަލައިލިއެވެ. އެމޫނުން ފެނުނު އުފާވެރިކަމުން ސަރުވާގެ ދެލޮލުން ކަރުނައިގެ ދިލަކަން ފާޅުވާން ފެށިއެވެ. އިހުނަށްވުރެން ބޮޑަށް މަންމަގެ ގައިގައި އޭނައަށް ބައްދާލެވުނެވެ.

''އޯ މައި ގޯޑް... ދެން ދޮންތި ހާދަ ޑްރެމެޓިކްއޭ...'' އިވިގެން ދިޔައީ ބަތޫލްގެ އަޑެވެ. އަތުގައި އޮތް އައިސްކޯން ބޮމުން، އޭނަ އައިސް ސަރުވާގެ ގާތަށް ހުއްޓުނެވެ.

ބަތޫލްއަކީ އާފާގުއާއި ޒުބެއިދާގެ ހަގު ދަރިފުޅެވެ. ބަތޫލް ބޮޑަށް ތައްތަރީ އާފާގުއާއެވެ. މަންމަ ފަރާތުން އޭނައަށް ލިބުނީ މަންމަގެ ބުޅި އިސްތަށިގަނޑާއި ކުރު އިސްކޮޅެކެވެ.

''މެރީޑާ...'' މަންމައާއި ދުރަށް ޖެހިލި ސަރުވާ ބުނެލިއެވެ. އެއާއެކު ބަތޫލް މޫނަށް ގޮތެއް ހަދާލިއެވެ. ހިތްހަމަނުޖެހިއްޖެކަން އަންގާލަން ތުންވެސް ދަމާލައިފިއެވެ. ބަތޫލްގެ ހުންނަ ސަކަ މިޒާޖުގެ ސަބަބުން ސަރުވާގެ ގާތަށް ހިނިއައެވެ.

''ޑޯންޓް ސޭއި ދެޓް!... މަންމަ ކައިރީ އާދޭސްކޮށްގެންވެސް އިސްތަށިގަނޑު ފަންކުރަން ހުއްދައެއް ނުދިނޭ...'' އޭނައަށް ލިބިފައިވާ ރީތިކަމަށް ބަތޫލް ޝުކުރުވެރިވެއެވެ. ނަމަވެސް އޭނަގެ ބުޅިއިސްތަށިގަނޑާ މެދު އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެއެވެ. އެކުވެރިން ދިމާކުރާތީވެސް ފޫހިކަން އިތުރުވެއެވެ.

''ފަންކުރާނެ ކަމެއް ނެތޭ، ޔޫ ލުކް ބިއުޓިފުލް... ޖަސްޓް ލައިކް މޯމް...'' ލުއި ހިނިތުންވުމަކާއެކު ބަތުލް ގާތަށް ސަރުވާ ދިޔަ އެވެ. '' ލިޓްލް މެރީޑާ...''

''ދެން!...'' ޝަކުވާކުރާ ރާގަކަށް ބަތޫލް ބުންޏެވެ. ''ދޮންތި ހީވަނީ ދިވެހި ރުކެއްހެން!...''

''މިތާ ފަށަން ނޫޅެއްޗޭ...'' ހެވިފައި ހުރި ޒުބެއިދާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ދެބެން ކުދިކުދި ކަންތަކާއި ގުޅުވައިގެން ވެސް ދެބަސްވެ ތޮޅޭ އިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އެފަދަ ވަގުތުތަކުގައި ސަރުވާ ވެސް ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ބަތޫލްއަށް ދުލެއް ނުކުރާނެއެވެ. ގިނަ ފަހަރު ދެބަސްވުން ނިމޭނީ އަރައިރުންވުމަކުންނެވެ. އެހާ އަވަހަށް މަޢާފަށް އެދި ސުލްހަވެސް ވާނެއެވެ. އެފަދަ ވަގުތުތަކަކީ ދެބެއިންގެ ދެމެދުގައި އޮތްނަ ލޯބި ހަމަކޮށްދޭ ވަގުތުތަކެވެ. އެކަކުއަނެކަކު ދެކެ ރުޅިއައިސްގެން ހިނދުކޮޅަކަށް ވެސް ނުތިބެވެއެވެ.

''ޔޫ ނޯ ވަޓް؟... މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ބަތޫގެ އެންމެ ރީތި ސިފައަކީ ބުޅި އިސްތަށިގަނޑު، މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ބަދަލުވާކަށް ނުވާނެ...'' ބަތޫލްގެ ކޮލުގައި ހިފާލަމުން ސަރުވާ ބުނެލިއެވެ.

''އޯލްރައިޓް ޑޮކްޓާރ ސަރުވާ... ކޯޗެއްތަ އަހަންނަށް ދޭން ގެނައީ؟...'' ހިނިތުންވެލަމުން ބަތޫލް ބުނެލިއެވެ. އޭނަ ދެލޮލަށް ތަފާތު ވިދުމެއް ވެރިވެއްޖެއެވެ. ބަތޫލްގެ އިސްތަށިގަނޑާއި ސަރުވާ ކުޅެލުމުން ބަތޫލް ކުޑަކޮށް ހަޅޭއްވެސް ލަވައިގަތެވެ. އެވަގުތު ސަރުވާ ހެމުންހެމުން ދުރަށް ހިނގައިގެންފިއެވެ. ސަރުވާގެ ފަހަތުން ބަތޫލް ދުއްވައިގަތެވެ.

''ދަރިފުޅާ...'' މަންޒަރު ބަލަން ހުރި ޒުބެއިދާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އާފާގުއަށް ވެސް ހިނިތުންވެވުނެވެ. ދަރިންގެ ދެމެދުގައި އޮތް ކުލުނާއި ލޯބި ފެނި ދެމަފިރިންގެ ތުންފަތަށް ވެސް ވެރިިވީ ފުން ހިނިތުންވުމެކެވެ. ޒުބެއިދާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލަމުން، އެނެއް އަތުން ސަރުވާގެ ފޮށީގައި ހިފާލަމުން އާފާގު ކުރިއަށް ހިނގައިގަތެވެ.

''އައި މިސްޑް ޔޫ...'' ފަހަތުން ގޮސް ސަރުވާގެ ގައިގައި ހިފައިގަންނަމުން ބަތޫލް ބުނެލިއެވެ. އޭނަ ހުރީ ޖަޒުބާތީ ވެފައެވެ. ހާމަކުރަން ބޭނުން ނުވިޔަސް ސަރުވާ ފުރައިގެން ދިޔަ ފަހުން އޭނަ ހުރީ އެކަނިވެރިވެފައެވެ. އުމުރުގެ ފަރަގު ބޮޑަސް އޭނަގެ އެންމެ ގާތް އެކުވެރިޔާއަކީ ސަރުވާއެވެ. ދިގު އިންތިޒާރަކަށް ފަހު ސަރުވާ އަނބުރާ އައުމުން އެހިތަށް ލިބިފައިވާ ހިތްހަމަޖެހުން ދުލަކުން ބަޔާންކޮށެއް ނުދެވުނެވެ.

''އައި ނޯ... ދެން ހުންނާނީ ގާތުގައޭ... ދުރަކަށް ނުދާނަން!...'' ސަރުވާ ބުންޏެވެ. އެވަގުތު ސަރުވާއަށް ފޯނެއް އަންނަން ފެށިއެވެ. އަތްދަބަސް ހުޅުވާލަމުން އޭނަ ފޯނުނެގިއެވެ. ފޯނަށް އަރާފައި އިން ނަން ފެނުމާއެކު ސަރުވާގެ މޫނު އުޖާލާވެގެން ދިޔައެވެ.

''ހޭއި ގާރލް!... ސޮރީ އިނގޭ ނަގަން ނުދެވުނީމަ... އަދިވެސް މާދަމާ އޮތް އިވެންޓަށް ތައްޔާރުނުވެވިގެން މިއުޅެނީ...'' ސަރުވާ ފޯނު ނެގުމާއެކު އިވިގެން ދިޔައީ އޭނަގެ ގާތްއެކުވެރިޔާ ކިޔާރާގެ ތޫލި އަޑެވެ. ސްކޫލް ދައުރުން ފެށިގެން ދެގޮތެއް ނުވި ހަމައެކަނި އެކުވެރިޔާއެވެ.

''އޯހ... މެގަޒިން ލޯންޗިންގް އިވެންޓް ދޯ...'' ސަރުވާ ހަންދާންކޮށްލަމުން ބުނެލިއެވެ. ކިޔާރާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށަން ޑިޒައިނިންގް ދާއިރާއިން ރާއްޖޭގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާ ޒުވާނެކެވެ. ރާއްޖެއާއި ރާއްޖޭން ބޭރު ފެޝަން ޝޯ ތަކުގައި ދައްކަފައިވާ ހުނަރުން އާންމުންގެ ލޯބި ވެސް ވަނީ ލިބިފައެވެ. މިހާރު ތައްޔާރުވަމުން އެދަނީ ފެޝަން ދާއިރާއިން އަމިއްލަ މެގަޒިންއެއް ނެރުމަށެވެ. އެކުވެރިޔާއަށް ލިބެމުން އަންނަ ކާމިޔާބީއާ މެދު ސަރުވާ ނިކަން އުފާ ވިއެވެ.

''ޔެސް... އަދި އަހަރެން ބޭނުމޭ ސަރޫ މީހަކާ މީޓްކޮށްދޭން ވެސް...'' ކިޔާރާގެ ރާގު މުޅިންހެން ބަދަލުވެއްޖެކަން ސަރުވާއަށް ފާހަގަކުރެވުނެވެ.

''އަނެއްކާ ކާކުތަ؟...'' ސަރުވާއަށް އަހާލެވުނެވެ.

''ސަމްވަން...'' ލަދުރަކި ރާގަކަށް ކިޔާރާ ބުންޏެވެ.

''މައި ގޯޑް... އަނެއްކާ މީހަކާ ރައްޓެހިވީދޯ؟...'' ސަރުވާއަށް ޔަޤީންނުކުރެވުނެވެ. އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''ބަޓް ހީ އިޒް ސްޕެޝަލް... އައިމް ޝުއާރ ދިސް ޓައިމް...'' އޭނަގެ ދިފާއުގައި ކިޔާރާ ބުނެލިއެވެ.

''އެންމެ ފަހުން ވެސް ތިހެން ބުނި ހަނދާންވޭ...'' ސަރުވާ ގާތަށް ހިނިއައެވެ.

''މިފަހަރު ތަފާތޭ... ސަރޫ ވެސް މީހަކާ ރައްޓެހިވީމަ އެނގޭނީ... ދެން ބުނެބަލަ!، ލަންޑަނުން ހޮޓް މީހަކާ ދިމާނުވޭތަ؟... އެންމެފަހުން ލަންޑަނުން ދިމާވިއިރު އުޅުނެއްނު ސަރޫއާއެކީ ހޮޓީއެއް، ކީކޭތަ ކިޔަނީ... އާނ! މައިކަލް... އޭނަ ހާދަ ރީއްޗޭ...'' މައުޟޫޢު ބަދަލުކުރަން ކިޔާރާ ބުނެލިއެވެ. ވާހަކައިގެ މިސްރާބު ކިޔާރާ ބަދަލުކޮށްލުމުން ސަރުވާއަށް އުދަނގޫވެއްޖެއެވެ.

''މައިކަލް އެއީ ހަމައެކަނި ފްރެންޑެއް... އެހެން ނޫނަސް އަހަރެން ބޭނުންވާ ކަހަލަ މީހެއް ނޫން މައިކަލްއަކީ...'' ސަރުވާ ފޫހިކަމާއެކު ބުނެލިއެވެ.

''ތިހެން އަބަދު އުޅެންޏާ މުސްކުޅިވާއިރު ވެސް ސަރޫ ބެނުންވާ ކަހަލަ މީހަކާ ދިމާނުވާނެ، ކުރިން ބަހަނާއަކަށް ދެއްކީ ކިޔެވުން، މިހާރު ކިޔެވުން ވެސް ނިމުނީއެއްނު...'' ކިޔާރާގެ ވާހަކަ ދިގުވާން ފެށުމުން މަންމަ ގޮވާކަމަށް ބުނެ ސަރުވާ ފޯނުބާއްވަން އަވަސްވެގަތެވެ. އެހުރިހާ ވާހަކައެއް އަޑުއަހަން ހުރި ބަތޫލް ވެސް ދިމާކޮށްގަތެވެ.

*****

މެދުމިނުގެ ދުވެއްޔެއްގައި ކާރު ދުއްވަމުން ދިޔައީ ހުޅުމާލެ އަށެވެ. ސަރުވާ ބަލަން އިނީ ފަސްވަމުން ދިޔަ މަންޒަރުތަކަށެވެ. މާބޮޑުބަދަލުތަކެއް ނާދެޔޭ އޭނަގެ ހިތަށް އަރަމުން ދިޔަ އެވެ. އިންޒާރު ދިނުމެއް ވެސް ނެތި ވިއްސާރައިގެ ކުލަތައް ދުރުދުރުން ފާޅުވަމުން ދިޔައެވެ. އިރުގެ ޖާދުވީ ކުލަތައް ކިލަނބުވެ ވިއްސާރައިގެ ބަނަކަމުގެ ސައިލު ވަށާލައިފިއެވެ. އަންނަން އުޅޭ ތޫފާނުގެ އިންޒާރުތައް ދޭން ފެށީ ބާރުވަމުން ދިޔަ ވައި ރޯޅިތަކުންނެވެ. ހިމަފޮދު ވާރައިގެ ކަނިތަކުން ކާރުގެ ކުޑަދޮރުތަކަށް ހަމަލާދޭން ފަށައިފިއެވެ.

ފަސްވަމުންދާ މަންޒަރުތަކަށް ގެއްލިފައި އިން ސަރުވާ ސިހުނީ ބަތޫލް އޭނަގެ ކޮނޑުގައި ކޮއްޓާލަމުންނެވެ. ކޮއްކޮއާއި ހަތަރުޅަކި ހަމަކުރަމުން އޭނަ ބުމަ އަރުވާލިއެވެ. ސަރުވާއާއި ގާތަށް ޖެހިލި ބަތޫލް، ފޯނުން ދައްކަން ފެށީ އޭނަ ބަލަމުން ދިޔަ ޓިކްޓޮކް ވީޑިއޯއެކެވެ. ވީޑިއޯއަށް ދިން ނަޒަރާއެކު ސަރުވާއަށް ހެވުނެވެ.

ދެބެއިންގެ ހުނުމުގެ އަޑަށް ކާރު ދުއްވަން އިން އާފާގު ފަހަތު ސީޓަށް އަވަސް ނަޒަރެއް ދިނެވެ. އެއައަށްފަހު އޭނައާއި ޖެހިގެން ހުރި ސީޓުގައި އިން ލޯބިވާ އަނބިމީހާއާއި ލޮބުވެތި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އާފާގުއާއި ޒުބެއިދާގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ.

އާފާގުއަކީ ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ ލޯ ފާމް ކަމުގައިވާ ''ވިސްޑަމް ލޯ''ގެ އިސްވެރިންގެ ތެރެއިން އެކަކެވެ. މުޖުތަމައުގެ ތެރޭގައި ޤަދަރާއި އިއްޒަތް ލިބިފައިވާ މީހެއް ވެސް މެއެވެ. މާތްﷲގެ ރަހްމަތުން އޭނައަށް ވަނީ މުއްސަނދިކަމާއި، ފަޚުރުވެރިވާނެ ފަދަ އަންބަކާއި، ދެއަންހެންދަރިން ލިބިފައެވެ. ހުޅުމާލެއިން ދާދިފަހުން ލަގްޒަރީ އެޕާޓްމެންޓްތައް ގަތުމަށް ހުޅުވާލި ފުރުސަތުގެ ދަށުން އޭނަ އެޕާޓްމެންޓެއް ގަތީ ޢާއިލީ ހަމަނުޖެހުންގަނޑުގެ ތެރެއިން އަނބިދަރިން ސަލާމަތްކޮށްދޭށެވެ. މައިބަފައިން ނިޔާވުމާއެކު އެއްބަނޑުއެއްބަފާ މީހުންގެ ތެރޭގައި ޢާއިލީ ވިޔަފާރިއާއި ގޯތީގެ ދަހިވެތިކަމުގައި އުފެދިގެން އައި ވާދަވެރިކަމާއި ހަމަނުޖެހުންތަކާއި ދުރުވާން ޚުދު އާފާގު ވެސް ހުރީ ބޭނުންވެފައެވެ.

އާފާގުއާއި ޒުބެއިދާގެ ދެލޮލުގެ ނޫރަކީ ސަރުވާ އެވެ. ދެމަފިރިންނަށް ސަރުވާ ލިބުނީ ވެސް ދަރިއަކަށް ދިގު އިންތިޒާރެއް ކުރި ފަހުންނެވެ. ޑޮކްޓަރުންގެ ފަރާތުން އެތައް ފަހަރަކު ހިތްމަރުވާނެ ފަދަ ޖަވާބުތައް ވެސް ލިބުނެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހިންގެ ފަރާތުން ވެސް އޯގާތެރިކަމުގެ ބަދަލުގައި އަމާޒުވީ ހިތްދަތިވާނެ ފަދަ ބަސްތަކެވެެ. އެއަނދިރި ދުވަސްތަކުގައި ޒުބެއިދާގެ ހިތްވަރެއްކަމުގައިވީ އާފާގުގެ ފަރާތުން ލިބުނު ނިމުމެއްނުވާ ލޯތްބާއި އޯގާތެރިކަމެވެ. ހިނދުކޮޅަކަށް ވެސް މާތްﷲގެ ރަހްމަތުން ދެމަފިރިން އުއްމީދުކަނޑައެއް ނުލައެވެ. އެކަމުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ކަރުނަޔާއި ހިތްދަތިކަމުގެ ތެރެއިން ހިނިތުންވެލުމުގެ މަޤްސަދުކަމުގައިވީ ސަރުވާ އެވެ. ސަރުވާއަށް ދިހަ އަހަރުގައި ދެމަފިރިންގެ ކުޑަ ދުނިޔެ އިތުރަށް އުޖާލާވެގެން ދިޔައީ ދެވަނަ ދަރިފުޅު ބަތޫލްގެ ސަބަބުންނެވެ. ދެމަފިރިންގެ ހުރިހާ ވެސް ވަގުތެއް ޤުރުބާންކުރީ ދަރިންނަށް އުފާވެރި އަދި ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށެވެ.

*****

އިމާރާތުގެ ތިރީގައި ހުންނަ ޕާކިން ޒޯންގައި ކާރު ޕާކްކޮށްލަމުން އާފާގު ކާރުން ފޭބިއެވެ. އަދި ކާރުގެ ޑިކީ ހުޅުވާލިއެވެ. އޭރު ބަތޫލްއާއި ސަރުވާ ލިފްޓާއި ދިމާއަށް ހިނގައިގެންފިއެވެ. ޒުބެއިދާ މަޑުކޮށްލީ އާފާގުއާއެކީ ދާށެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ސަރުވާއަށް މުޅި ތަނަށް ނަޒަރު ހިންގާލެވުނެވެ. އެއީ ތިން ކޮޓަރީގެ ބޮޑު އެޕާޓްމެންޓެކެވެ. މުޅި ތަން ޒީނަތްތެރިކުރެވިފައިވަނީ އަޅިއާއި ކްރީމް ކުލައިންނެވެ. ނަޒަރު ހިންގާލާ ކޮންމެ ދިމާއަކުން ވެސް ޒަމާނީ ކުލަތައް ފެނިގެން ދެއެވެ. އެޕާޓްމެންޓް ޒީނަތްތެރިކުރެވިފައިވަނީ މަންމަގެ ހޮވުންތަކުންނޭ ސަރުވާގެ ހިތަށް އެރިއެވެ. އިމާރާތުގެ އެންމެ މަތީގައި ހުރި އެޕާޓްމެންޓަށްވުމުން ހުޅުމާލޭގެ މަލަމަތި ރީއްޗަށް ފެނެއެވެ.

ސަރުވާއަށް އެންމެ ކަމުދިޔައީ ބޮޑުކޮޓަރިން ނިކުމެވެން ހުރި ބޮޑު ޓެރަސްއެވެ. އެތަން ބަލައިލުމުން ވެސް މަންމަގެ ބުރަ މަސައްކަތްތައް ފެނެއެވެ. ޓްރެސްގެ މެދުގައި ހިޔާކުރެވިފައިވާ ބޮޑު އުނދޯޔެއް ހުއްޓެވެ. އުނދޯލި ވަށައިގެން ވަނީ ތަފާތު މާގަސްތަކެވެ. ބޯގަންވިލާގެ ތަފާތު ކުލަތަކުގެ އިތުރުން ފިނިފެންމަލާއި ގުލޭނޫރުގެ އިތުރުން ޗަންޕާޕޫލުގެ ރީތިކަން ފެނެއެވެ. ޒުބެއިދާއަކީ ހުސްވަގުތުތަކުގައި ގަސް އިންދުމަށް ލޯބިކުރާ މީހެކެވެ. މުޅި ބަގީޗާގައި ހުރި ގަސްތަކަކީ އާފާގުގެ ފަރާތުން އޭނައަށް ލިބިފައިވާ ހަދިޔާތަކެވެ.

*****

ފެންވަރާލައިގެން ނިކުތް ސަރުވާ ކޮޓަރީގެ ފާރުގައި ހަރުކުރެވިފައި ހުރި ގަޑިއަށް ނަޒަރެއް ދިނެވެ. އެއާއެކު ރީތިވެލައިގެން އޭނަ އަވަސްވެގަތީ ނަމާދުކުރުމަށެވެ. ނަމާދުކޮށް ނިމުމުން ޒިކުރުކުރަން ވަގުތުކޮޅެއް ހުސްކުރުމަށްފަހު އެނދުގައި ޖައްސާލަން ސަރުވާގެ ހިތަށް އެރިއެވެ. ނަމަވެސް މިވަގުތު ރޭގަނޑުގެ ކެއުމަށް ތައްޔަރުވާން މަންމަ އުޅޭނެކަން ހަނދާންވުމުން މުސައްލަ އޮޅާލުމަށްފަހު ކޮޓަރީގައި ހުރި ލިޔާ މޭޒުމަތީ ބޭއްވުމާއެކު އޭނަ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ.

ސަރުވާ ނިކުތް އިރު ބޮޑުކޮޓަރީގައި ހުރި ބޮޑު ސޯފާގައި އޮށޯވެލައިގެން ނެޓްފްލިކްސް އިން ލޯބީގެ ޑްރާމާއެއް ބަލަން ބަތޫލް އޮތެވެ. ޓީވީއަށް ދިން އަވަސް ނަޒަރަށްފަހު އޭނަ ހިނގައިގަތީ ބަދިގެއަށެވެ. ސަރުވާ ބަދިގެއަށް ވަންއިރު ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރާނެ އެއްޗަކާ މެދު ވިސްނަން ފުރިޖު ހުޅުވާލައިގެން ޒުބެއިދާ ހުއްޓެވެ. މީހެއްގެ ހިލަން ވެގެން ޒުބެއިދާ ފަސްއެނބުރި ބަލައިލިއެވެ.

''ދަރިފުޅާ... އަރާމުވެސް ނުކުރަނީތަ؟...'' ޒުބެއިދާ ދިނީ އޯގާތެރި ހިނިތުންވުމެކެވެ.

''މަންމަ ބަދިގޭގަ އުޅޭނެކަން އެނގޭތީ މިއައީ އެހީވާން...'' ސަރުވާގެ ޖުމްލައިން ޒުބެއިދާގެ ހިނިތުންވުން ފުންވިއެވެ. ''ކީއްވެގެންތަ މަންމަ މީހަކު ހަޔާރ ނުކުރަނީ؟... އޭރުން މަންމައަށް އެހީވާން ވެސް މީހަކު ހުންނާނެެއްނު...''

''ދަރިފުޅުގެ ބައްޕަ ފަދައިން މިހާރު ދަރިފުޅު ވެސް ތި ސުވާލުކުރަން ފެށީތަ؟... މީ ދެން އެހާ ބުރަކަމެއް ވެސް ނޫނެއްނު... އެހެން ނޫނަސް މީހަކު ލައްވާ ގޭގެ މަސައްކަތްކުރާ ހިތެއް މަންމަ ނުވެޔޭ... މަންމައަށް މިހެން މަސައްކަތްކޮށްލަން ލިބޭތީ ވެސް ހިތްހަމަޖެހޭ...'' ޒުބެއިދާގެ ގާތަށް އައިސް ހުއްޓުނު ސަރުވާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. މަންމަގެ ވާހަކައަށް އެއްބަސްވެލަން ސަރުވާ ބޯޖަހާލިއެވެ.

''ކޯޗެއްތަ މިރޭ ހަދަނީ؟...'' ސަރުވާ ސުވާލުކޮށްލިއެވެ.

''އެހާ ދުވަސްފަހުން ދަރިފުޅު އައީމަ މަންމަ ބޭނުމީ މަންމަ އަތުން ކައްކާފަ ދަރިފުޅަށް ކާން ދޭން... ކޯޗެއްތަ ދަރިފުޅު ބޭނުމީ...'' ޒުބެއިދާ ހިނިތުންވެލިއެވެ. ޢާއިލާއާއި ދުރުގައި ހުރި ދުވަސްތަކުގައި ސަރުވާ އެންމެ ހަނދާންވީ މަންމަގެ އަތުން ތައްޔާރުކުރާ ކާއެއްޗިއްސެވެ. މަންމަގެ ފަރާތުން ކެއްކުމުގެ ހުނަރު ލިބިފައި ވިޔަސް، އޭނަ ކައްކާ އެއްޗެހީގައި މަންމަގެ އަތުގެ ރަހައެއް ނުހުރެއެވެ. މަންމަ ގާތަށް އާދެވުމުން، މަންމަގެ ކާއެއްޗިހީގެ ރަހަބަލާލަން ސަރުވާ ހުރީ ކެތްމަދުވެފައެވެ. ކުޅިދިޔާވާން ވެސް ފެށިއެވެ.

''ވަޅޯމަސް ސްޕެގެޓީ...'' ވިސްނަން ހުރެފައި ސަރުވާ ބުނެލިއެވެ. އެއާއެކު ޒުބެއިދާ ބަލައިލީ އެއްޗެހި ހަމައަށް ހުރިތޯއެވެ. ނެތް އެއްޗިސް ގަންނަން ނޯޓުކުރަމުން އޭނަ ބަތޫލްއަށް ގޮވާލީ ފިހާރައަށް ގޮސްދިނުމަށެވެ.

''މަންމާ، ދީބަލަ ދިހަ މިނެޓް، ވަރަށް އިންޓްރެސްޓިންގް ހިސާބެއްގެ މިއުޅެނީ، ވަރަށް ސަސްޕެންސް ބޮޑޭ...'' ބަލަމުން ދިޔަ ޑްރާމާއަށް ބަތޫލް އިނީ ގެއްލިފައެވެ.

''މަންމާ އަހަރެން ގޮސްފާނަން، ކާރުން އައިއިރު މިތާ ކައިރީގަ ހުރި ސުޕަމާކެޓް ދުށީމޭ...'' ސަރުވާ ބުނެލިއެވެ.

''އެންމެ ރަނގަޅު، ދަމުން ކުޑައެއް ހިފައިގެން ދައްޗޭ... މަންމައަށް ހީވަނީ ވާރޭ ވެހެން އުޅޭހެން...'' ހުޅުވާފައި ހުރި ޓެރެސްގެ ދޮރުން ބޭރަށް ނަޒަރެއް ދެމުން ޒުބެއިދާ ބުނެލިއެވެ. ތޫފާނުގެ އިންޒާރުގެ ރަނގަބީލުތައް އިވެން ފެށުމުން އޭނަ ހިނގައިގަތީ ދޮރު ލެއްޕުމަށެވެ. ''އަންނަމުން މޭވާކޮޅެއް ވެސް ގަނެގެން އަންނައްޗޭ...''

''ބަތޫލް، ނަމާދަށް އަރައިފިންތަ؟...'' ޓެރެސްގެ ދޮރު ލައްޕަމުން ބަތޫލްއަށް ޒުބެއިދާ ބައިލިއެވެ. ޓީވީގެ ސްކްރީނާއި ނަޒަރު ވަކިކުރުމެއް ނެތި ބަތޫލް އަވަސްއަވަހަށް ބޯޖަހާލިއެވެ.

''ދަރިފުޅަށް ހަމަ ސާބަސް!... މިހާރު މާކަ ގިނަ ދުވަހެއްވެސް ނެތް އޯލެވެލް އިމްތިހާނު ފެށެން، ކިޔެވުމަށް ހުރިހާ ވަގުތެއް ވެސް ހުސްކުރަން ވާނީ...'' ޓީވީގެ ދުނިޔޭގައި ފީނަމުން ދިޔަ ދަރިފުޅު ފެނި ޒުބެއިދާ ދެފަރާތަށް ބޯހޫރާލިއެވެ.

''މަންމާ އަހަރެން ފިލާވަޅު ދަސްކުރާނަމޭ... މި ނިމުނީމަ ދެން އިތުރު އެއްޗެއް ނުބަލާނަމޭ...'' ޒުބެއިދާގެ ހިތްހަމަޖައްސާލަދޭން ބަތޫލް ބުނެލިއެވެ.

ސަރުވާ ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އަތްދަބަސް ނަގައިގެން އޭނަ ގޮސް ހުއްޓުނީ ފައިވާން ހަރުގަނޑު ކައިރިއަށެވެ. ފައިވާނަކަށް އަރަމުން އެތާ ހުރި ބަކެޓުން ކުޑައެއް ނެގިއެވެ. އެއަށްފަހު ބެދިގެއަށް ވަންނަން ދިޔަ މަންމައަށް ބަލައިލަމުން އިރުކޮޅަކުން އަންނާނެ ވާހަކަ ބުނުމަށްފަހު އޭނަ އެޕާޓްމެންޓުން ނިކުތެވެ.

*****

އިމާރާތުގެ މައިދޮރުން ނިކުމެވުމާއެކު ސަރުވާ ކުޑަ ހުޅުވާލިއެވެ. އޭރު ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ވާރެއަށް ނިކުންނަމުން އޭނަ ހިނގައިގަތެވެ. ފިހާރަ ހުރީ ގެއާއި ތަންކޮޅެއް ދުރުގައި ކަމަށްވުމުން ހިނގަން ޖެހުނެވެ. ކަފިހުރަސް ކައިރިއަށް ހުއްޓިލަމުން ސަރުވާ މަގުގެ ދެކޮޅު ބަލައިލިއެވެ. ތޫފާނުގެ އިންޒާރާއެކު މަގަށް ވެރިވެފައިވަނީ ފަޅުކަމެވެ. ސަރުވާ މަގު ހުރަސްކޮށްލުމަށްފަހު ފިހާރައަށް ވަނެވެ.

ބޭނުންވާތަކެތި ހަމަވުމާއެކު ސަރުވާ ހިނގައިގަތީ ކައުންޓަރާއި ދިމާއަށެވެ. ފައިސާ ދައްކާލަމުން އޭނަ ބޭރަށް ނިކުތެވެ. ވިދުވަރުގެ އަލިކަނޑައިގެންދާ މަންޒަރާއެކު ރޯޅިތައް ވެސް ބާރުވާން ފަށައިފިއެވެ. ތޫފާން ކުރިމަތި ނުވަނީސް ގެއަށްދާން ބެނުންވާތީ ސަރުވާ އަވަސްވެގަތެވެ. ކުޑަ ހުޅުވާލަމުން ދުވާރުމައްޗަށް އޭނަ ނިކުތެވެ.

މަގު ހުރަސްކުރަމުން ދަނިކޮށް އިވުނު ހޮނުގުގުރީގެ އަޑާއެކު އޭނަގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ސިހިގެން ދިޔަވަރުން އަތުގައި އޮތް ކޮތަޅުން ވެސް ދޫކޮށްލެވިއްޖެއެވެ. ކޮތަޅުގައި ހުރި ސާމާނުތައް އޮތީ މަގުމައްޗަށް ވެރިފައެވެ. އެއްޗެހި ނަގަން ގުދުވާން އުޅުނު ވަގުތު ޖެހުނު ބާރު ވައިރޯޅިއާއެކު އަތުން ކުޑަވެސް ދޫވެގެން ގޮސްފިއެވެ. ކުޑަ ފަހަތުން ދާން އުޅެނިކޮށް ވަޔާއެކު އުދިގެން ދުރަށް ގޮސްފިއެވެ. ކުޑައިގެ ފަހަތުން ދިއުމުގެ ބަދަލުގައި އޭނަ އަވަސްވެގަތީ މަގަށް ވެރިފައި ހުރި ސާމާނުތައް ނެގުމަށެވެ. ޖެހެމުން ދިޔަ ވައިގެ ސަބަބުން އެކަން ވެސް ފަސެހައެއް ނުވިއެވެ. ގަތް އާފަލާއި އޮރެންޖް އޭރު ވަޔާއެކު މަގުމަތީގައި ނަށަނީއެވެ. ވާރެޔާ ވެސް މީހާ ތެމެން ފަަށައިފިއެވެ. އެއްފަހަރާ ހުރިހާކަމެއް ކުރިމަތިވުމުން ސަރުވާ ހުރީ ހަދާނެ ގޮތް ވެސް ހުސްވެފައެވެ.

ކުރުފައިމައްޗަށް ތިރިވެލަމުން ސަލާމަތްކުރެވެން ހުރި އެއްޗެއް ވެއްޖެއްޔާ ސަލާމަތްކުރަން އަތްމަތި އަވަސްކޮށްލި ސަރުވާއަށް ހައިރާންކަމެއް ލިބިގެން ދިޔައީ ކުޑައެއްގެ ހިޔާ އިހުސާސްކުރެވުމުންނެވެ. ލަސްލަހުން އިސްއުފުލާ އޭނައަށް ބަލައިލެވުނެވެ. ކުރިމަތީ ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައި ބެގީކޮށްފައި ހުރިއިރު، އަރައިގެން ހުރީ ޓޮމް ފޯރޑް ބްރޭންޑްގެ އޮފީސް ބޫޓަކަށެވެ. އަތުކުރީ އަޅާފައި އޮތީ ފަހުގެ ރޯލެކްސް ގަޑިއެކެވެ. ސަރުވާއަށް ކުޑަ ދިއްކޮށްލައިގެން ހުރުމުން ކޮންމެވެސް ވަރަކަށް އެޒުވާނާގެ ބައިމަތިފުޅާ ހަށިގަނޑު ވާރެއާ ތެމެމުން ދިޔަ އެވެ.

އެޒުވާނާއާއި ހަތަރުކަޅި ހަމަވުމާއެކު ސަރުވާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ކަޅުކަންގަދަ ބުމައާއި ބޯއެސްފިޔަތަކުގެ ތެރޭން އެތޫނިފިލި ދެލޯ ފެންނަނީ ޖާދުލެއް ފަދައިންނެވެ. މޭގައި އޮތް ހިތުގެ ތެޅުން އަވަސްވެގެން ދިޔަކަމުގެ އިހުސާސް ސަރުވާއަށް ކުރެވުނެވެ. އެސްފިޔަޖަހާލުމެއް ނެތި ސަރުވާއަށް ބެލެމުން ދިޔައީ އެޒުވާނާއަށެވެ. އެރީތިކަމުން އެހިތަށް ގޮތެއް ވެގެން ދިޔަކަން ގައިމެވެ. ހަމަހޭވެރިކަން ވެރިވީ އެޒުވާނާ ކަރުކެހިލިމުންނެވެ. އޭރު އޭނަގެ އަތުގައި އޮތް ކުޑަ ސަރުވާއަށް ދިއްކޮށްލަނީއެވެ.

ތެޅިތެޅިއޮތް ހިތަކާއެކު ސަރުވާއަށް ކުޑައިގެ އަތްގަނޑުގައި ހިފާލެވުނެވެ. އެވަގުތު އެޒުވާނާގެ އަތުގެ އިނގިލިތައް އޭނަގެ އަތްތިލައިގައި ބީހިލުމުން ކަރަންޓުގެ ބަނީތަކެއް ހަށިގަނޑުގައި ދުވެލިކަމުގެ އިހުސާސްކުރެވުނެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުއްޓާ އެޒުވާނާ ތިރިވެލައިފިއެވެ. އަދި ބިންމަތީގައި ބަކީ ހުރި ސާމާނުތައް ނަގައި ކޮތަޅަށް އަޅައިދިނެވެ. ދެމެދުގައި އޮތް ދާއިރާގެ ހަނިކަމާމެދު ވިސްނާލެވުނީ ހަމައެކަނި ސަރުވާ އަށެވެ. އޭރު މޭގައި އޮތް ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ނޭފަތުގައި ހަރުލި ލުއިލުއި ފިރިހެންވަންތަ ވަހުން ނޭފަތްވެސް އެތެރެއަށް ދަމާލެވިއްޖެއެވެ.

''ތޭންކްސް...'' ކޮޅަށް ތެދުވަމުން ސަރުވާ ބުންޏެވެ. އެޒުވާނާ ސަރުވާއަށް ހިނިތުންވެލިއެވެ. ތުނިކޮށްކޮށާލެވިފައިވި ތުނބުޅިއާއެކު ދެކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން ސަރުވާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ޒުވާނާއަށް ފޯނެއް އައުމުން ސަރުވާއަށް ފުރަގަސްދިނެވެ. ހަރުކޮށް ހިނގާލަފައި ގޮސް މަގުގެ އަނެއް ފަރާތުގައި އޮތް ކަޅުކުލައިގެ ރޭންޖް ރޯވާއަށް އޭނަ އަރައިފިއެވެ.

ލޮލުގެ ކޮޅަށް ކާރުގޮސް ގެއްލެންދެން ސަރުވާއަށް ހުރެވުނީ އާގަމަ އަރާފައެވެ. މަގުމެދުގައި ހުރެވުނުކަން ވެސް ރޭކާލީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ. ހުވަފެނީ އާލަމުން އޭނައަށް ނިކުމެވުނީ ދެނެވެ. ވަށައިގެން ސަރުވާއަށް ހޯދާލެވުނެވެ. މާޔޫސްކަން ހިތަށް ލިބިގެން ދިޔައީ އެޒުވާނާ ވަކިވެގެން ގޮސްފިކަން ރޭކާލުމުންނެވެ. އޭރު ވެސް އެޒުވާނާގެ ވަސް ސަރުވާގެ ނޭފަތުގައި ކުޅެލަމުން ދިޔައެވެ. ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އެވަހުން ނަފުސަށް ގެެންދިނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟