ވާހަކަ

ނުފޫޒަކުން - 12

1

ފިރިހެނަކު ކުރިމަތިން ހުރަސްކޮށް ދިޔަތަން ފެނުމުން ރޫޔާ ފުންމައިގެން ތެދުވިއެވެ. ހިތް ބިރުގަނެ މޭ ހީވީ އަނގައަށް އަންނަން އުޅުނު ހެންނެވެ. ލެޕްޓޮޕް އެއްފަރާތުގައި ބަހައްޓާފައި ތެދުވަން އުޅުނު ރޫޔާގެ ހަރަކާތްތައް ހުއްޓުނީ ފަހަތަށް އެނބުރި ނިހާން ހީލިތަން ފެނުމުންނެވެ.

"ނިހާން" ރޫޔާ ގޮވާލިއެވެ.

ނިހާން ހީލިއެވެ. އެބުރި ރޫޔާ އަށް ބަލައިލިއެވެ. ދެން މަޑުމަޑުން ހިނގާފައި އައިސް ރޫޔާ އިން އުނދޯލީގެ ކައިރީގައި ހުރި ކުޑަ ގޮނޑިއެއްގައި އިށީނެވެ.

"އާނ ނިހާން" ނިހާން ބުންޏެވެ.

ތުންފަތުގައި ދަތްއަޅާލަމުން ރޫޔާ އިސްތިރިކޮށްލިއެވެ. ނިހާނާ މެދު ކަންތައްކުރެވޭ ގޮތް ހަނދާންވުމުން އިސްއުފުލާލަން ނުކެރުނެވެ. އޭނާގެ ހަބަރެއް ހޯދަން ނިހާން އަތުވެދާނެހެން ކުރިންވެސް އޭނާ އަށް ހީވިއެވެ.

"ކިހާ އިރެއްވެއްޖެ ތި އަޑު އަހާލާހިތުން އަހަރެން އުޅޭތާ" ނިހާން ބުންޏެވެ. "ރޫ އަށް ނޭނގޭތަ އެވަރު" ނިހާންގެ އަޑުގައިވި ޝަކުވާގެ ރާގު ރޫޔާ އަށް ފާހަގަވިއެވެ.

އެއްޗެއް ރޫޔާ ނުބުނެއެވެ. އޭނާ އަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. އެގޮތަށް އޭނާ ކަންތައްކުރީ ސަބަބެއް ނެތިއެއް ނޫނެވެ. ރަހްމަތްތެރިކަން އުފެދުނުފަހުން އެފަދަ އެއްޗެއް ނިހާން އެބުނީ ފުރަތަމަ ފަހަރަށެވެ.

ރޫ..." ހިމޭނުން ރޫޔާ އިނުމުން ނިހާން ގޮވާލިއެވެ.

އިސްއުފުލާ ނިހާނަށް ރޫޔާ ބަލައިލިއެވެ. އެވަގުތު އެއީ ކޮފީ ހިފައިގެން މީހަކު އައި ވަގުތެވެ. ދެ ކުދީންނަށް ވީ ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި އެމީހާ ދިޔުމުން ނިހާން އިން ގޮނޑިން ތެދުވެ އިތުރަށް ރޫޔާ އިން ގޮނޑި އާ ކައިރިވެލިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެކުދިން ދެމެދުގައި އުފެދުނު ދުރުކަން ބޭނުންވީ ފިލުވާލާށެވެ. ރޫޔާ ކުރިމަތީގައި ކުރުފައި މައްޗަށް ނިހާން އިށީނެވެ. އިސްޖަހައިގެން ރޫޔާ ގެ މޫނު ފެނޭތޯ ނިހާން ކުޑަކޮށް ބޯ އަރިކޮށްލިއެވެ.

"އަހަންނަށް ކޮންކަހަލަ އަދަބެއް ތިދެނީ؟" ނިހާން އަހާލިއެވެ.

ރޫޔާ ބަލައިލިއެވެ. ނިހާނަށް ހިނިތުންވުމެއް ދިނެވެ. އެއީ ރޫޔާ ގަދަކަމުން ގެނައި ހިނިތުންވުމެއްކަން ނިހާނަށް އެނގެއެވެ.

"އަހަރެން ނުދެން އަދަބެއް" ރޫޔާ ބުންޏެވެ.

"އަހަރެންގެ ރޫ އަކަށް ނޭނގޭނެ ދޮގު ބުނާކަށް" ނިހާން ބުންޏެވެ.

"ސޮރީ..." ރޫޔާ ބުންޏެވެ.

"ނޯ... އައި އޭމް ސޮރީ... ރޫ އަށް ވަރަށް އުނދަގު ކުރެވިއްޖެ" ނިހާން ބުންޏެވެ.

"ނުވޭ އުނދަގުލެއް. މިއަދު ކުޑަކޮށް ބޮލުގަ ރިއްސީ. އައިއްސަ ނިދާލީމަ ރަނގަޅުވީ. ނިދާފަ ތެދުވިފަހުން އަދި މިއުޅެނީ ފޯނު ބަލާނުލެވި. އެނގޭ ނިހާން ގުޅާފަ އޮންނާނެކަން" ރޫޔާ ވާހަކަދެއްކިއެވެ.

"ތޭންކްގޯޑް. އެވަރު ރޫ އަށް އެނގުނީތީވެސް ހެޕީ ވެއްޖެ" ނިހާން ބުންޏެވެ.

ރޫޔާ ހީލާފައި ނިހާނަށް ބަލައިލިއެވެ. ނިހާން ބަލަހައްޓައިގެން އިނުމުން ރޫޔާ އެ ހިނިތުންވުން ދިގުދަންމާލިއެވެ.

"ވީކަމެއް ނުބުނެވޭނެތަ؟" ނިހާން އަހާލިއެވެ.

"ރަހްމަތްތެރިކަމަށް އެދުނީ ނިހާން. އެކަމަކު ކަންކަން ސިއްރުކުރީ ވެސް ނިހާން" ރޫޔާ ބުންޏެވެ.

ނިހާން ނިތަށް ރޫ އަރައިގެން ދިޔައެވެ. އޭނާ އަށް ސިއްރުކުރެވުނީ ކޮންކަމެއްކަން ހަނދާންކުރާ ކަހަލަ ގޮތަކަށް ރޫޔާ އަށް ބަލަހައްޓައިގެން އިނެވެ.

"ދުނިޔޭގެ ކޮންމެ މީހަކަށްވެސް ދޮގުހަދާފާނަން. ރޫ އަކަށް ދޮގެއް ނަހަދާނަން" ނިހާން ބުންޏެވެ.

ދެކުދީންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތެވެ. ނިހާންގެ ފުން ދެލޮލަށް ރޫޔާ ގެނބިގެންދާން އުޅުނު ކަހަލައެވެ. ވާނީވެސް އެހެންނެވެ. ނިހާން ދުލުން ބޭރުކޮށްލާ ކޮންމެ ޖުމްލައަކީ އެހާ މާނަފުން ޖުމްލައެކެވެ. ދުރުން ނަމަވެސް ލޯބީގެ އިޝާރާތެއް ދޭން ނިހާން މަސައްކަތް ކުރަމުންދާކަމެއް ރޫޔާ އަކަށް ނޭނގެއެވެ.

"ތިހާ ވަރަށް ބުނިއްޔާ ނިކަން ބުނެބަލަ އަހަންނަށް ސިއްރުކުރެވުނީ ކޮންކަމެއްކަން. ހަނދާނަކަށް ނައި" ނިހާން ބުންޏެވެ.

"ނިހާންގެ ގާލް ފްރެންޑެއް ހުންނަ ވާހަކަ" ރޫޔާ ބުންޏެވެ.

ނިހާން ގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އެންމެފަހުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހެމުން ހެމުން ގޮސް އޭނާ ރެއިލިން ކައިރީގައި ހުއްޓުނެވެ. ހައިރާންވެފައި ރޫޔާ ބަލަހައްޓައިގެން ހުރީ ނިހާން އެވަރަށް ހޭތީއެވެ. އެންމެފަހުން ތެދުވެގެން ގޮސް ރޫޔާ ނިހާން ކައިރީގައި ހުއްޓުނެވެ.

"ވަޓްސް ފަނީ؟" ރޫޔާ އަހާލިއެވެ.

ނިހާން ހުނުން ކޮންޓްރޯލްކޮށްފައި ރޫޔާ ގެ މޫނަށް ސީރިޔަސް ނަޒަރަކުން ބަލައިލިއެވެ. އަދި ރޫޔާ ގެ ގާތަށް އެއްފިޔަވަޅު އެޅިއެވެ. ރެއިލިންގެ މަތީގައި އޮތް ރޫޔާ ގެ އަތްތިލަ މަތީގައި ނިހާން އަތް ބާއްވާލިއެވެ. ސިހިފައި ރޫޔާ އެ އަތަށް ބަލައިލިއެވެ. އަތް ދަމައިގަންނަން ރޫޔާ އުޅުމުން އެ އަތަށް ނިހާން ބާރުކޮށްލިއެވެ.

"ގޯޑް ޕްރޮމިސް... އަހަރެންގެ ހަޔާތަށް ތިބުނާ ނަމެއް ކިޔާ ކުއްޖަކު އަދި ނާދޭ" ނިހާން ބުންޏެވެ.

ނިހާން އެބުނީ ތެދެއްކަން ރޫޔާ އަށް ސާބިތުކޮށްދިނީ ނިހާން ގެ ދެލޮލެވެ. އެ ނަޒަރު އޭނާ އަކަށް ދޮގެއް ނަހަދާނެއެވެ. ރޫޔާ ހީލިއެވެ.

"ކާކު ރޫ ކައިރީގަ އެކަހަލަ ވާހަކައެއް ބުނީ" ނިހާން އެހިއެވެ.

ރޫޔާ ހިޔާލަށް އައީ ހެނދުނު ޝާނާ ދެއްކި ވާހަކަތަކެވެ. ޝާނާ ބުނާގޮތުން އޭނާ އަކީ ނިހާންގެ ކްރަޝްއެކެވެ. މިހާރު އެދެމީހުން އެދަނީ ލޯބީގެ ގޮތުން ގުޅެން ތައްޔާރުވަމުންނެވެ. ޝާނާ ލޯބިވާވަރަށް ވުރެ ބޮޑަށް ނިހާން ޝާނާ ދެކެ ލޯބިވެއެވެ. ކައިވެނިކުރަން ވިސްނަނީ ކިޔަވާ ނިންމާފަ ކަމަށް ބުންޏެވެ. ރޫޔާ ކައިރީގައި ޝާނާ އެދުނީ ނިހާނާ ކުޑަތަންކޮޅެއް ފެއަށް ޖެހުމަށެވެ. ނޭނގި ނަމަވެސް ދެ ލޯބިވެރިން ދެމެދަށް ރޫޔާ އަށް ވަދެވެން އުޅޭ ކަމަށެވެ. ނިހާން ކައިރީގައި އެވާހަކަތައް ނުދެއްކުމަށެވެ.

"ދެން އެވާހަކަ ނުދައްކަމާ. މައި ފޯލްޓް" ރޫޔާ ބުންޏެވެ.

އިތުރަށް ނިހާން ނާހައެވެ. އެކަމަކު ރޫޔާ ކައިރީގައި އެވާހަކަ ދެއްކި މީހަކު ހޯދުން އޭނާ އަށް މުހިންމެވެ. ފުރަތަމަވެސް އޭނާގެ ވިސްނުމަށް އައީ ޝާނާ އެވެ. ޝާނާ ނޫނީ ދެން އެފަދަ ވާހަކައެއް ދައްކާނެ މީހަކު ނުހުންނާނެއެވެ. ގެއަށް ގޮސްފައި ޝާނާ އާ ސުވާލުކުރަން އޭނާ ނިންމިއެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟ ނިހާން ބުންޏެވެ.

ރޫޔާ ބޯޖަހާލިއެވެ. ހިތް އަވަސްވެފައި ނިހާނަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. ނިހާން ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ.

"އަހަރެންގެ ގާލް ފްރެންޑެއްގެ މާގަމަށް ކޮންމެ ކޮންމެ ކުއްޖަކަށް ނާދެވޭނެ. އެފަދަ މަގާމެއް އަހަރެން ދޭނީ އެކުއްޖަކު ވަރަށް ހާއްސަވީމަ. ހުރިހާގޮތަކުން" ނިހާން ވާހަކަދެއްކިއެވެ. ރޫޔާ ހިނިއައެވެ.

"ދެން ތިބުނާ ކަހަލަ ކުއްޖެއް ފެނިއްޖެތަ މިހާރު" ރޫޔާ އަހާލިއެވެ.

އެއަކަށް ނިހާން ޖަވާބެއް ނުދިނެވެ. ހިތްއެދުނީ އެކުއްޖާ ހުރީ ކުރިމަތީގައޭ ބުނާށެވެ. އެކަމަކު އެހާ އަވަހަކަށް ނޫނެވެ.

"އަހަރެންގެ ހިތާ އެބަކުޅޭ ކުއްޖަކު. ވަރަށް ލޯބި ލޯބި ކުއްޖެއް. ހަމަ ރޫ ކަހަލަ"

އެހިނދު ރޫޔާ އަށް ވެގެންފިޔަ ގޮތް ނިހާނަށް ފެނުނީ ކަތިނަޒަރަކުންނެވެ. ރޫޔާ ގެ ހިތަށް ތަފާތު ގޮތެއް ވެލައިގެން ދިޔައެވެ. ހިތް އަވަސްވާން ފެށިއެވެ. ނިހާނަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

"މިހާރުވެސް ރޫ ތިއުޅެނީ ގާލްފްރެންޑެއް ހުރިއްޔާ އެކުއްޖަކު ވެސް އުޅޭނެގޮތަށް." ނިހާން ބުންޏެވެ. ރޫޔާ ނިހާން ގެ މޫނަށް ބަލައިލިއެވެ. ދެން ހީލިއެވެ. ދެ ޒުވާނުންގެ ނަޒަރު އެކަކު އަނެކަކާ ގުޅިފައިވިއިރު ހިމޭން ބަހުރުވައަކުން ދެ ހިތް ވާހަކަދައްކަމުން ދިޔައެވެ.

****

ދެ ދުވަހު ރިސޯޓުގައި ހުރުމަށްފަހު ޝައުން އަށް ގެއަށް އާދެވުނީ ތިންވަނަ އަށްވީ ދުވަހުއެވެ. ފެންވަރައިގެން ނިކުމެ ގައިގައި ލޯޝަން ހާކާލިއެވެ. ބޮލުގެ އިސްތަށިތައް ސްޓައިލް ކޮށްލިއެވެ. ލާނެ ޓީޝާޓެއް ނަގަން އަލަމާރި ހުޅުވާލި ވަގުތު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އަލަމާރި ދޮރުފަތުގައި ހަރުކޮށްފައިވާ ފޮޓޯއެވެ. އެ ފޮޓޯގައި އިން އަންހެންކުއްޖާގެ މޫނުގައި އިނގިލިތަކުން އޭނާ ފިރުމާލިއެވެ. އަލަމާރި ދޮރުހުޅުވި ބޭނުން ހަނދާންނެތިފައި އޭނާ ހުއްޓެވެ. އެ ތަސްވީރުގައި އެވާ އަންހެންކުއްޖާ އަކީ އެނާގެ މުޅި ހިތެވެ. އޭނާގެ ބަސްނާހާ ހިތް އެދެމުންދާ ހަމައެކަނި ފަރާތެވެ. މޮޔަވާ ދަރަޖައަށް އޭނާ ލޯބިވާ ފަރާތެވެ. އެ ލޯބި ހާސިލްކުރުން އެއީ އޭނާގެ ހިތުގެ މުރާދެވެ. އެކަމަކު މިހާރު އެކަން ހާސިލްނުވާނޭކަން އޭނާ އަށް ޔަގީންވެއްޖެއެވެ. އޭނާ އަށް ފިލައިގެން އެ އަންހެންކުއްޖާ ކޮންމެވެސްތާކަށް ގޮސްފިއެވެ. ސޯޝަލް މީޑިޔާގެ އެއްވެސް ވަސީލަތަކުން އޭނާ އަށް އެ އަންހެންކުއްޖާ ނުފެނުނެވެ. އެތައް ދިމާލެއްގައި އޭނާ އަތްފުނާ އަޅައިފިއެވެ. އެ އަންހެންކުއްޖާ ފާޅުގައި އެނާގެ ލޯތްބަށް އިންކާރުކޮށްފައި ވިޔަސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އަދިވެސް ހާސިލްކުރަން ބޭނުންވާ ކުއްޖަކީ އެއީއެވެ. ކުއްލިއަކަށް ޝައުންގެ ހިޔާލީ ލޯގަނޑަށް ސިފަވެގެން ދިޔައީ އެ އަންހެންކުއްޖާ އަށް އެނާ ލޯބި ހުށަހެޅި ދުވަހެވެ. އެދުވަހު މުޅި ކުލާހުގައި އޭނާ ބޭޒާރުކޮށްލިއެވެ. ޝައުން އަށް ހީލެވުނެވެ. އޭނާ އަށް ކައްތައް ކުރެވުނީވެސް މީހަކު ރުޅިނާންނާނެ ގޮތަކަށް ނޫނެވެ. ޕްރިންސިޕް އޮފީހަށް ދާން ވެސް އެދުދަވު އެ އަންހެންކުއްޖާ އުޅުނެވެ. އޭނާ ހުއްޓުވީ އޭނާގެ އެކުވެރި ނޭހާ އެވެ.

"ނޭހާ..." ކުއްލިއަކަށް އެ ނަން ޝައުން ކިޔާލިއެވެ.

ނޭހާ އަކީ އެ އަންހެންކުއްޖާގެ ވަރަށް ގާތް އެކުވެރިއެކެވެ. ނޭހާ އަށް ހުރިހާ އެއްޗެއް އެނގޭނެއެވެ. ޝައުން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދުރުދުރުން ނަމަވެސް ނޭހާ ކައިރީގައި އަހަން އޭނާ ނިންމިއެވެ. އެކަމަކު ނޭހާ ހުންނާނީ ހިތްހަމަނުޖެހިފައެވެ. ދެ ދުވަސް ދިޔައިރު ނޭހާ އަށް އޭނާ ހަބަރެއް ނުވެއެވެ. އެއްވެސް މެސެޖަކަށްވެސް ޖަވާބެއް ނުދެއެވެ. ކުއްލިއަކަށް ގޮސް އެވާހަކަ ފެށުން އެހާ ރަނގަޅެއް ނުވާނެއެވެ. ކޮންމެސް އެހެންގޮތެއް ވިސްނަންވީއެވެ.

****

ނިދަން ތައްޔާރުވެގެން ހަންނާ އެނދަށް އެރިއިރު ފޯނުން މަސައްކަތެއް ކުރަން ހަބީބް އޮތެވެ. އަނބިމީހާ ވާހަކައެއް ދައްކަން ބުނެފައި އޮތްކަން އެނާ ހަނދާންވިއެވެ. ވަގުތުން ފޯނު އަރިމަތީ ކަބަޑުމަތީގައި ބާއްވާފައި ލޮލުގައި އޮތް އައިނު ވެސް ނެގިއެވެ. ދެން އަބބިމީހާ އާ ދިމާލަށް ބަލައިލިއެވެ.

"އަވަހަށް ބުނޭ" ހަބީބް ބުންޏެވެ.

"ތިކުރާ ކަމެއް ނިންމާލަންދެން މިއޮތީ" ހަންނާ ބުންޏެވެ.

"އަނބިގޮއްޔެ ތިދައްކަން އުޅޭ ވާހަކައަށް ވުރެ މުހިންމު ކަމެއް ނޫން" ހީލަމުން ހަބީބް ބުންޏެވެ.

"މިއުޅެނީ ރޫ ގެ ވާހަކަދައްކަން. ރޫ ބަދަލުވެއްޖެހެން ހިއެއްނުވޭތަ؟" ހަންނާ ބުންޏެވެ.

ހަބީބް ވިސްނާލިއެވެ. ރޫޔާ އަށް ބަދަލެއް އައިކަމެއް އޭނާ އަށް ފާހަގަވެފައެއް ނެތެވެ.

"ހިއެއްނުވޭ. މިއަދުވެސް ހަމަ ވަރަށް ހަމަޖެހިފަ ހުރީ. އާނ ކުރީ ދުވަހެއްގަ ޔުނިވާސިޓީ ނުނިމެނިސް ބަލާ އަންނާށޭ ބުނީމަ ގެއަށް މަގުމަތީގަ ވަރަށް ސުވާލުކުރީން. ބުނީ ބޮލުގަ ރިއްސާ ވާހަކަ" ހަބީބް ވާހަކަދެއްކިއެވެ.

"އެވާހަކަ ބުނަން މިއުޅެނީ. ރޫގެ ހަޔާތަށް މީހަކު އައިސްފި" ހަންނާ ބުންޏެވެ. ރޫޔާ ގެ ކޮޓަރިން އޭނާ އަށް ފެނުނު ވާހަކަތައް ތަފްސީލުކޮށް އޭނާ ހަބީބަށް ކިޔައިދިނެވެ.

"ޒުވާން ކުއްޖެއް. ތިބުނާ ކަހަލަ ކަމެއް ކުރުމަކީ އަހަރެމެން އޭނާ ހުއްޓުވަންޖެހޭ ކަމެއްނޫން. ދުރުން ނަމަވެސް ބަލަންވީ އެއީ ކޮންތަނެއްގަ ދިރިއުޅޭ ކުއްޖެއްތޯ" ހަބީބް ބުންޏެވެ.

"އަހަރެންގެ ހިތުގައި އޮތް ބިރަކީވެސް ތިއީ. ރޫ ގެ ރައްކަލަކަށް އަހަރެމެން މިތާ އުޅުނަސް އަހަރެން ބޭނުންވަނީ ރޫ ގެ ހަޔާތަށް ރާއްޖޭ މީހަކު އަންނަން. މީހަކާ އިނދެގެން އަހަރެމެން ފެންނަ ހިސާބުގަ ދިރިއުޅެން" ހަންނާ ވާހަކަދެއްކިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ތިހެންވާނީ" ހަބީބް ބުންޏެވެ.

"ހަންނާ! އަހަރެން ދުނިޔޭގައި ނެތް ދުވަހަކުވެސް ހަނދާން ބަހައްޓައްޗޭ. އަހަރެންގެ ދަރިފުޅު އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްނުލައްޗޭ. މިބުނީ ކޮންބައެއްގެ ވާހަކަކަން އެނގެއެއްނު. ފިރިއަކާ އެކު އޭނާ ދިރިއުޅެން ބޭނުންވި ތަނެއްގައި ދިރިއުޅެން އޭނާ ފުރުސަތު ދޭންވާނެ. އެކަމަކު އޭނާގެ ދިރިއުޅުން ފެންނަ ހިސާބެއްގައި ހަންނާ ހުންނަންވާނެ" އެވާހަކަތަކުން ހަބީބް އަށް ޖަޒުބާތީ ވެވުނެވެ. އިސާހިތަކު އޭނާ ގެ ދެލޯ ކަރުނުން ފުރުނެވެ.

"ހަބީ ކޮންކަހަލަ ވާހަކައެއް ތިފެށީ" ހަންނާ ބުންޏެވެ.

"އެބުނާހެން ދޯ" ދެލޮލުން ފޭދުނު ކަރުނަތައް ފޮހެލުމުން ހީލާފައި ހަބީބް ބުންޏެވެ.

"މިހާރު ނިދައިފިތަ؟" ހަބީބް އަހާލިއެވެ.

"މިރޭ ވަރަށް އަވަހަށް ނިދައިފި. ކުޑަކޮށް ރޯގާވެފަ ހުރީ" ހަންނާ ބުންޏެވެ.

****

ސައި ހަދާ ނިންމާފައި ލަތީފާ ޝާނާ ކޮބައިތޯ ބަލައިލަން ދިޔައިރު އަދިވެސް އޮތީ އެނދުގައެވެ. ލަތީފާ ދެފަރާތަށް ބޯހޫރާލިއެވެ. ޝާނާ އަށް ވިއްސަކަށް ފަހަރު އޭނާ ގޮވައިފިއެވެ. ގޭތެރޭގައި އެންމެ މަސައްކަތެއްގައި ވެސް އޭނާ އަށް އަތްގާތް ނުދޭއިރު އަމުދުން ހެނދުނު އެގާރައިގެ ކުރީގައި ލޯ ހުޅުވާލަނީއެއްވެސް ނޫނެވެ. އަންހެން ދަރިފުޅު ގެ އެހުންނަނީ އޭނާ ގެ ގޮތެއް ނޫނެވެ. ކަންކަން ރަނގަޅު ކުރަން ޝާނާ އަށް ނަސޭހަތްދެވޭ އަދަދެއް ބުނަންވެސް ދައްޗެވެ. ކޮންމެގޮތެއް ވިޔަސް ޝާނާ ކުރާ ކޮންމެ ކަމެއް އޭނާ އަށް ކަމުނުދެއެވެ. ޝާނާ ބޭނުންވާގޮތަށް އެއްވެސް ކަމެއް އޭނާ ދޫކޮށްނުލައެވެ.

"ޝާނާ..." އަޑުހަރުކޮށް ލަތީފާ ގޮވާލިއެވެ.

އަނގައިން އަޑެއް ލައްވާލާފައި އަނެއްކާވެސް ރަޖާގަނޑުގެ ތެރޭގައި ޝާނާ ބޮނޑިވެލިއެވެ. ލަތީފާ ރުޅި އައިސް ރަތްވިއެވެ. އެދިޔަގޮތަށް ފާހާނާ އަށް ވަނެވެ. ދެން ނިކުތީ ފެން ޖަގެއް ހިފައިގެންނެވެ. ޝާނާގެ މޫނަށް ފެން ޖަގު އަޅާލީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. ވަގުތުން އެނދުގައި ޝާނާ ކޮޅަށް ޖެހުނެވެ.

"މަންމާ..." ޝާނާ ގޮވާލިއެވެ.

"ކޮން މަންމާ އެއް ކިޔާކަށް. ކިހާވަރަކަށް އަހަރެން ގޮވައިފިން. މަށަށް އެނގެއޭ ތި އޮންނަނީ ހޭލާ ކަން. ގަސްތުގަ އޮންނަނީކަން. ތިއީ ކާކު ޝާނާ އަށް ދަސްކޮށްދިން ގޮތެއް. ކިހާ ވަރަކަށް އަހަރެން ޝާނާ އަށް ނަސޭހަތްދޭނީ. ފަތިސް ނަމާދަށް ހަތަރު ފަހަރަށް އައިސް ގޮވިން. ކަލޭ ހީކުރީ ކަލެއަށް ނަމާދު ފަރުޟުނުކުރައްވާ ކަމަށްތަ؟ ތިއީ މުސްލިމެއްތަ؟" ލަތީފާ ހުއްޓައެއް ނުލިއެވެ. ކަމަކާ ޝާނާ ދެކެ ރުޅިއަތުވެއްޖިއްޔާ ލަތީފާ މައިތިރިނުވެއެވެ.

"އަދިވެސް އިންނަނީތަ؟ ނަމާދު ގަޟާކޮށްގެން ތި ބެޑްޝީޓް ބަދަލުކޮށްފަ ހަމަ މިހާރު ބަދިގެ ފަރާތަށް އާދޭ" ލަތީފާ އަމުރުކޮށްލިއެވެ.

ޝާނާ ރުޅި އައިސްގެން ބާލިސްތަކާ ރަޖާގަނޑު ތިރިއަށް އެއްލާލީ ލަތީފާ ކޮޓަރިން ނިކުތް ފަހުންނެވެ. ހެޑްބޯޑު މަތީގައި އޮތް ފޯނަށް އޭނާ ބަލައިލިއެވެ. އަދި އަށެއްވެސް ނުޖަހައެވެ. މީހަކު ނިދާ ނުހޭލައިގެން އަދި އުޅޭވަރެއް ނުވެއެވެ. މަންމަގެ މިހުންނަ ގޮތެއް ދޯއެވެ. އެދިޔައީ އެނދުވެސް ތެންމާލާފައެވެ. ތަންތަން ސާފުކުރަންވާނީ ހަޑި ކުރި މީހާ އެއް ނޫން ހެއްޔެވެ؟ އެކަންވެސް އެދިޔައީ ކުށެއްނެތް މީހާ ގެ ބޮލަށް ކަނޑާލާފައެވެ. މީހަކާ އިނދެގެން މަންމަ ކައިރިން އަވަހަށް ދާންވީއެވެ. އެހެންނޫނީ މީހަކު މޮޔަވެދާނެއެވެ.

****

ސައިބޮއެގެން ކޮފީ ތަށި ހިފައިގެން ޝާނާ ކޮޓަރި އަށް ދަނިކޮށް ސިޓިންގރޫމުން ނިކުމެވޭ ބެލްކަނީ ގައި ހުރި ނިހާން ފެނުނެވެ. ނިހާން ވެސް ހުރީ ކޮފީތަށި ހިފައިގެންނެވެ. ޝާނާ ދެފަރާތަށް ހޯދާ ބަލައިލިއެވެ. މަންމަ ފެންނަން ހުރިއްޔާ ނިހާންގެ ވައި އެޅޭ ހިސާބަށްވެސް ކައިރިވިޔަ ނުދޭނެއެވެ. ޝާނާ ހިނގައިގަތީ ލަތީފާގެ ހަބަރެއް ނުވުމުންނެވެ.

ފަހަތުގައި މީހަކު ހުއްޓުނުކަން ނިހާނަށް އެނގުނީ ކުރިމައްޗަށް އެޅުނު ހިޔަނި ފެނުމުންނެވެ. އެއީ ޝާނާ ނޫން އެހެން މީހަކަށް ނުވާނެތީ ނިހާން ފަހަތަށް ނުބެލިއެވެ.

"ހާދަ މޫޑީވެފަ" ޝާނާ ބުންޏެވެ. އޭނާ ހުއްޓުނީ ނިހާންގެ މޫނު ފެންނަހެން ތަންކޮޅެއް ދުރުގައެވެ. އެ ދުރުމިން ވެސް ބެހެއްޓީ މަންމަ ކޮޓަރިން ނިކުމެދާނެ ކަމަށެވެ.

"ޝާނާ..." ފުން ނޭވައެއް ދޫކޮށްލުމަށްފަހު ނިހާން ޝާނާ އަށް ގޮވާލިއެވެ.

"ހާދަ ފާޑަކަށް ތިގޮވާލީ" ޝާނާ ބުންޏެވެ.

"ރޫޔާ ކައިރީގައި އަހަރެންނޭ ކިޔައިގެން އެއްވެސް އެއްޗެއް ކިއިންތަ؟" ނިހާން އެހިއެވެ.

ޝަނާ ދެބުމަ ގޮށްޖެހުނެވެ. ނިހާން އެފަދަ ސުވާލެއް ކުރާނީ އެވާހަކަތައް ރޫޔާ ބުނުމުންނެވެ. ނިހާން ކައިރީގައި ނުބުނާށޭ ބުނީމަވެސް ބުނީތާއެވެ.

"އަހަރެން... އަހަރެން ނުކިޔަން" ޝާނާ ބުންޏެވެ. "އަހަރެން ކީއްކުރަން އޭނަ ކައިރީގަ ނިހާން ގެ ވާހަކަ ދައްކަންވީކީ" ޝާނާ ބުންޏެވެ.

މާކުރިންވެސް ޝާނާ ދޭނީ އެކަހަލަ ޖަވާބެއްކަން ނިހާނަށް އެނގެއެވެ.

"ޝާނާ! އަހަރެން ބުނަން މިއުޅޭ އެއްޗެއް ރަނގަޅަށް އަޑުއަހައްޗެ" ނިހާން ބުންޏެވެ.

ކަޅިޖަހާނުލާ ނިހާން ގެ މޫނަށް ޝާނާ ހުރީ ބަލަހައްޓައިގެންނެވެ.

"އަހަންނާ ރޫޔާ އާ ދެމެދުގަ އޮތް އެކުވެރިކަން ކިލަނބުވާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ. ޝާނާ ކޮންމެ ކަމެއް ކުރިޔަސް އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު ރޫޔާ... " ނިހާން ޝާނާ ގެ މޫނަށް ބަލައިލިއެވެ.

"ރޫޔާ އެއީ ޝާނާ ކަހަލަ ކުއްޖެއްނޫން"

އެއްޗެއް ނުބުނެ ހުއްޓަސް ނިހާން ގެ ވާހަކަތަކުން އެތެރެއިން ޝާނާ އަނދަމުން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟