ވާހަކަ

ނުފޫޒަކުން - 11

1

ރޫޔާ އެދުނު ފަދައިން މަޑުމަޑުން ރޫޔާ ގެ ބޮލުގައި ފިރުމަން ހަންނާ އިނެވެ. އެހެން އިނދެފައި އިރުކޮޅަކާ ރޫޔާ ގެ މޫނަށް ހަންނާ ބަލައިލައެވެ. ކަމެއްނުވެއޭ ބުންޏަސް ރޫޔާ އަށް މިއަދު ބަދަލުތަކެއް އަތުވެއްޖެއެވެ. މަންމަ އަށް އެވަރު ނުވިސްނޭނޭ ރޫޔާ ގެ ޅަ ސިކުނޑި އަށް ނުވިސްނުނީ އެވެ. އެ މާތަކަކީ ވެސް ބައްޕަ ރައްޓެހި ވާދީ އިން ދިމާވި ބޭބެ ދިން މާތަކެއް ނޫންކަން ހަންނާ އަށް ޔަގީނެވެ. އަނެއްކާ ރޫޔާ ގެ ހަޔާތަށް ހާއްސަ މީހަކު އައީ ހެއްޔެވެ؟ މި ގައުމު މީހެއް ހެއްޔެވެ؟ ހަންނާ ގެ ހިތް ތެޅިލިއެވެ. ގައުމުން ބޭރު މީހަކަށް ރޫޔާ ހިތްދީފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހަންނާ ދެފަރާތަށް ބޯހޫރާލިއެވެ. ހަބީބް ބުނާހެން ކަމެއްވާއިރަށް ވިސްނާލެވެނީ މާބޮޑަށެވެ. ކޮންމެސް މީހަކަށް ރޫޔާ ހިތް ދީފިކަން ޔަގީނެވެ. އެހެންނޫނީ އެ މާތަކަށް ރޫޔާ ގެ ކިޔަވާ މޭޒުމަތީގައި ހުރި އޭނާ ގެ އެންމެ ލޯބިވާ ހިތް ބައްޓަމަށް ހުރި ވާސް އިން އެ މާތައް ޖާގަ ނުހޯދީހެވެ.

ހިޔާލުތަކަކަށް ގެއްލިފައި އިން ހަންނާ ސިހުނީ ކެއްކުމުގައި އޭނާ އަށް އެހީވާ އައި ކުއްޖާ ރޫޔާ ގެ ކޮޓަރި ދޮރުމަތީގައި ހުއްޓާ ފެނުމުންނެވެ. ބާލިސް މަތީގައި ރޫޔާގެ ބޯ މަޑުމަޑުން ބޭއްވުމަށްފަހު ހަންނާ ނިކުންނަން އައެވެ.

"މީހަކު އެބަހުރި އައިސް" އެކުއްޖާ ބުންޏެވެ.

ނިދިފައި އޮތް ރޫޔާ އަށް ބަލައިލުމަށްފަހު ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލާފައި ހަންނާ ހިނގައިގަތެވެ.

****

ސޯފާ އަށް ދެފައި އަރުވައިގެން އިނގިލީގެ ނިޔަފަތިގަނޑު ހަފަން އިން ނޭހާ ފެނިފައި އަޒީމާ ފާޑަކަށް ބަލައިލިއެވެ. މިއަދު ވަޒީފާ އަށް ވެސް ނޭހާ ނުދެއެވެ. މުޅި ދުވަހު ކޮޓަރީގައި އޮވެއޮވެފައި މިހާރު އެ އިނީ ބޭރަށް ނިކުމެއެވެ. ދެ ގަޑި ފާއިތުވެގެން ދިޔައިރުވެސް ކާން ވެސް ނުނިކުމެއެވެ.

"ބަލަ ކޮންވިސްނުމެއްގަ" އަޒީމާ އަހާލިއެވެ.

އަތް ތިރިކޮށްލާފައި ނޭހާ ގެ ސަމާލުކަން ހުޅުވާފައި ހުރި ޓީވީ އަށް ހުއްޓާލިއެވެ.

"ނުވިސްނަން" ނޭހާ ބުންޏެވެ.

ނުވިސްނަމޭ ބުންޏަސް ނޭހާ ކަމަކާ ވިސްނާކަން އަޒީމާ އަށް އެނގިއްޖެއެވެ. އެއީ މީގެކުރިން އެކުއްޖާ އިންނަ ގޮތެއް ނޫނެވެ.

"ކާންދާންވީނުން. ދަރިފުޅަށް ވީ ކާއެއްޗެހި މަންމަ ހުންނާނެ މޭޒުމައްޗަށް ނަގާފަ. ހޫނުވެސްކޮށްފަ ހުންނާނީ" އަޒީމާ ބުންޏެވެ.

ނޭހާ ބަހެއް ނުކިއެއެވެ. އޭނާ ކާނީ ކިހިނެއް ހެއްޔެވެ؟ މުޅި ކެއުން މަތިން އޭނާ އޭނީ ފޫހިވެފައެވެ. މުޅިންވެސް ޝައުން ގެ ކަންތަކެވެ. ނޭހާ ގެ ބޯ ގޮވައިފިއެވެ. ލޯބިވަނީ ވަކި ވަގުތެއްގައެވެ. ޝައުން ގެ ފަރާތުން އަޅާލުމޭ މިކިޔާ އިހުސާސް އޭނާ އަށް ނުކުރެވެއެވެ.

"ނޭހާ..." ނޭހާ ގެ އަތުގައި އަޒީމާ އަތްޖައްސާލުމާއެކު ނޭހާ ދިޔައީ ސިހިގެންނެވެ.

"ކަމެއްނުވެއޭ ދަރިފުޅު ބުންޏަސް މަންމަ ކިހިނެއް ގަބޫލުކުރާނީ؟ ބުނެބަލަ ކިހިނެއްވެފަ ތި އިންނަނީ؟ ޝައުން އާ ދެކުދިން މައްސަލަ ޖެހުނީތަ؟" އޯގާތެރި އަޑަކުން އަޒީމާ ވާހަކަދެއްކިއެވެ.

ނޭހާ މަންމަގެ މޫނަށް ބަލައިލިއެވެ. ކޮންމެގޮތެއް ވިޔަސް އެއީ އޭނާގެ މަންމަ އެވެ. އޭނާ އަށް އެންމެ ހެޔޮއެދޭނީ މަންމަ އެވެ. މަންމަ އެވަރަށް ސުވާލުކުރާނީ އޭނާ އާ މެދު ކަންބޮޑުވާތީއެވެ.

"ޝައުން ގެ ވާހަކަނުދައްކާ މަންމާ" ނޭހާ ބުންޏެވެ.

ދެލޯ ފެންކަޅިވެގެން ދިޔުމާއެކު މަންމަ ގެ ކޮނޑުގައި ނޭހާ ބޯއެޅިއެވެ. އުނގުގައި ނޭހާގެ ބޮލުގައި އޯގާތެރިކަމާއި ކުލުންވެރިކަމާއެކު އަޒީމާ ފިރުމަމުން ދިޔައެވެ.

"މިހާރު މާބޮޑަށްވެސް ޔަގީންވެއްޖެ ތިދެކުދިން މެދުގައި ކަމެއް ހިނގައިފިކަން. ބުނެބަލަ މަންމަ ގާތުގަ" އަޒީމާ ބުންޏެވެ.

"ޝައުން އަޅުގަނޑާ ކައިވެނިކުރާނެހެން ހީނުވަނީ. ގިސާމަތު މާމަ ބުނި ޝައުން އެކަހަލަ ވާހަކައެއް ނުވެސްދައްކައޭ. ކައިވެންޏެއް ކުރަން އުޅޭއިރު ފިރިހެންކުއްޖާ އެހެން އުޅޭނެތަ؟ ނިކަން މަންމަ ބުނެބަލަ. ޝައުން އަޅުގަނޑުދެކެ ލޯބިނުވޭ. ލޯބިވަނީ އަޅުގަނޑު. މިއަދު ވެސް އަޅުގަނޑު ކައިރީގަ ބުނެވެސްނުލާ ދޮންބެ އާ ދެމީހުން އެދިޔައީ އަޖްވަދުބެގެ ރިސޯޓަށް. ޝައުން އެޓްލީސްޓް މެސެޖެއް ނަމަވެސް ކޮށްލެވޭނެ ދޯ" ނޭހާ ގެ ހިތުގައިވާ ޝަކުވާތައް އެއްފަހަރާ މަންމަ ކުރިމަތީގައި ބަންޑުންކޮށްލިއެވެ.

"ކައިވެންޏެއްގެ ވާހަކަ ދަރިފުޅު ތިދައްކަނީ. ކައިވެންޏެކޭ ކިޔާއިރު ކައިވެންޏަށް ހަމައެކަނި ދަރިފުޅު ތައްޔާރުވުމަކުން ނުވާނެ ދޯ. ޝައުން އަށް އަދި ފުރިހަމައަށް ތައްޔާރުނުވެވެނީ ކަންނޭނގެއެއްނު. ލޯބިނުވާނަމަ ދަރިފުޅު ގޮވައިގެން ޝައުން ނޫޅޭނެއްނު. ހުރިހާވެސް އެއްޗަކީ ހިތް. ނިކަން ރަނގަޅަށް ވިސްނަބަލަ" އަޒީމާ ވާހަކަދެއްކިއެވެ.

"ކީއްވެ ޝައުން އަށް ތައްޔާރުނުވެވޭންވީ. ތައްޔާރު ނުވިޔަސް އަޅުގަނޑުމެންގެ ވާހަކަ ގިސާމަތު މާމަ ކައިރީގައި ބުނެލާފަ ބެއްވޭނެ ދޯ" ނޭހާ ވާހަކަދެއްކިއެވެ.

"މަންމަ ދަންތަ އެގެއަށް ގިސާމަތުމެންނާ ބައްދަލުކޮށްލަން" އަޒީމާ ބުންޏެވެ.

ނޭހާ ވަގުތުން މަންމަ ގެ ކޮނޑުމަތިން ބޯ ހިއްލާލިއެވެ. ދެލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެލިއެވެ.

"ނޫން... ގިސާމަތު މާމައަށް ކަމުނުދާނެ އެގޮތެއް" ނޭހާ ބުންޏެވެ.

"ކޮންކަމާކަތަ ތިހާވަރަށް ހާސްވަނީ. ނަމާދުކޮށްލައިގެން ދުއާކޮށްލީމަ ހުރިހާ ކަމެއް ރަނގަޅުވާނެ"

އަޒީމާ އެންމެފަހުގެ ހަތިޔާރު ބެހެއްޓިއެވެ. އެންމެފަހުން އޭނާ ދިޔައީ ނޭހާ ހިތްހަމަޖައްސައިގެން ގޮވައިގެންނެވެ.

****

ބައްދަލުވުން ނިންމާފައި ހުރިހާ މީހުން ނިކުތްއިރު ހަބީބް މަޑުކޮށްލައިގެން އިނެވެ. އޭނާ ގެންގުޅުނު ފައިލްތައް ބަލަހައްޓައިގެން އިނދެފައި މޭޒުމަތީގައި އޮތް ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލިއެވެ. ދެން ފޯނު ނަގައިގެން އޭނާ ރައްކާކޮށްފައިވާ ވޯޑް ޑޮކިޔުމަންޓެއް ހުޅުވާލިއެވެ. އޭނާ ކުރަމުން ދިޔައީ ފައިސާ ގެ މުއާމަލާތެކެވެ.

"އައްސަލާމް އަލައިކުމް"

ހަބީބް ސިހުނެވެ. އަޑު އައީ ދާދި ކައިރިންނެވެ. ހަބީބް ބަލައިލިއެވެ. ހުސް ކަޅު ކުލައިގެ ކޯޓު ފަޓުލޫނެއްގައި ހުރި އިސްކޮޅުން ދިގު ޒުވާނެކެވެ. އުމުރުން ދާދި އޭނާ އާ އެއްވަރުވާނެއެވެ. އެ މޫނަކީ ހަބީބަށް އާ މޫނެކެވެ. ވަޒީފާ ގެ މައިދާނުން އަދި އޭނާ އަށް ފެނިފައިވާ މޫނެއް ނޫނެވެ.

"ވައަލައިކުމުއްސަލާމް" ހަބީބް ބުންޏެވެ.

ކޮޅަށް ތެދުވެފައި އެމީހާ އާ ހަބީބް ސަލާމްކޮށްލިއެވެ. އަދި ހިނިތުންވެލިއެވެ.

"އިށީންނަވާ" ހަބީބް ބުންޏެވެ.

"މިކަހަލަ ތަނަކުން ދިވެއްސަކާ ދިމާވެ ވާހަކަދައްކާލެވުމަކީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭކަމެއް. އަޅުގަނޑަށް ކިޔަނީ އިއްޒުއްދީން" ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން އިއްޒުއްދީން ބުންޏެވެ.

"އަޅުގަނޑުވެސް ހަމަ ތިހެން ބުނެލަން ބޭނުންވަނީ. އެކަމަކު އަދި އަޅުގަނޑަކަށް ނޭނގުނު ތިއީ ކޮންބޭފުޅެއް ކަމެއް" ހަބީބް ބުންޏެވެ.

"އަޅުގަނޑަށް އެނގޭ. ތިއީ ހަބީބް. މިކޮޅަށް ބަދަލުވިތާ އަދި މާގިނަ ދުވަހެއް ނުވެއެއްނު. އަނބިމީހާ އާ ދަރިފުޅު ގޮވައިގެން އައިހެއްނު ތިއުޅެނީ. އެމީހުންގެ ހާލު ރަނގަޅުތަ؟" އިއްޒުއްދިން ބުންޏެވެ.

ހަބީބް ގެ ހިނިތުންވުން ފަނޑުވިއެވެ. އެހުރިހާ މައުލޫމާތެއް އޭނާ ދުވަހަކުވެސް ނުދެކޭ ދެންމެ ބައްދަލުވި މީހަކަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

"ހެހެހެ... އަޅުގަނޑު މީގެކުރިން ނަޔާބްއަލީ ކުންފުނީގައި މަސައްކަތްކުރިން. ފަހުން ބައްޕަ އެދިލައްވައިގެން ސިންގަޕޯރ ގައި ހުންނަ ބައްޕަގެ އޮފީހަށް ވަނީ. ބައްޕަ އަބަދުވެސް ބޭނުންވެލައްވަނީ އަޅުގަނޑު ބައްޕަ ހުންނަ ފަސްގަނޑެއްގައި ހުރެ މަސައްކަތް ކުރުމަށް. އަޅުގަނޑަކީ ބައްޕަގެ ހުންނަ ހަމައެކަނި ދަރިފުޅު. އަޅުގަނޑުގެ އާއިލާ ވެސް ދިރިއުޅެނީ ސިންގަޕޯރގަ. ބައްޕަ އަކީ އުމުރުން ދުވަސްވެފައި ހުއްޓަސް ބޭރުގެ މުއްސަނދި ގައުމުތަކުގެ އެކިއެކި ކަންކަން ބަލާ ދިރާސާ ކުރާ މީހެއް. ތެދަށް ބުނަންޏާ މިހާރު ބައްޕައަކީ ރާއްޖޭ ރައްޔިތެކޭ ގިނަ މީހުން ނުވެސްބުނާނެ" އިއްޒުއްދީން އޭނާ ގުޅޭގޮތުން މައުލޫމާތު ފުންޏެއް އޮށްސާލިއެވެ. އެކަމަކު އެވަރަކުން އަދި ހަބީބަށް ނުފުދުނެވެ. އަދިވެސް އޭނާ އަށް އިއްޒުއްދީނަކީ ކާކުކަމެއް ނަގައެއް ނުގަނވުނެވެ. އެހެންނަމަވެސް ވާހަކަދެއްކި ގޮތުން ހިތްހެޔޮކަމާ ސާދާ މިޒާޖެއްގެ މީހެއްކަން ޔަގީންވެއްޖެއެވެ.

"އަޅުގަނޑާ ބެހޭގޮތުން ކިހިނެއްތޯ އެނގިލައްވަނީ؟" ހަބީބް އެހިއެވެ.

ފޯނު ރިންގުވާން ފެށުމުން ކުޑަވަގުތިކޮޅަކަށް އެދުމަށްފަހު ހަބީބް ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެހިނދުކޮޅުގައި އިއްޒުއްދީން ހަބީބަށް ދިނީ ނުރައްކާތެރި ނަޒަރެކެވެ. އެ ނަޒަރު ހަބީބަށް ނުފެނެއެވެ. ހަބީބް ބަލައިލަންވާއިރަށް އޭނާ ހިނިތުންވެލައިފިއެވެ. އެއް މޫނުމަތި އަނެއް މޫނުމައްޗާ ބަދަލުކޮށްލީ ނުލާހިކު އަވަހަށެވެ.

"މައާފްކުރައްވާ... އަޅުގަނޑުގެ ދަރިފުޅޫ ގެ ކޯލެއް" ކައިރިއަށް އަންނަމުން ހަބީބް ބުންޏެވެ.

"އެހެންތޯ. މިބުނާހެން ބައްޕަ ފަހުން ހުއްދަ ދެއްވީމަ އަނެއްކާ މިކުންފުންޏަށް ޖޮއިންވާން ހުށަހެޅީ. އަޅުގަނޑަކީ މިތާގެ ސީއީއޯ ގެ މަގާމުގަ ހުރި މީހެއް. އެ މަގާމް އަނެއްކާވެސް ހަވާލުކުރަން މިހާރު އޮތީ ނިމިފަ. މިއަދު މި ނިކުތީ ކަންތައް އޮތްނެތް ގޮތް ބަލައިލަން. މުވައްޒަފުންނާ ގުޅޭގޮތުން ސްޓަޑީއެއް ހަދަނިކޮށް ދިވެއްސެއް މަސައްކަތްކުރާކަން އެނގުނީ. އެހެންވެ ކޮންމެހެންވެސް ހަބީބް އާ ބައްދަލުކޮށްލަން ބޭނުންވީ" އިއްޒުއްދީން އޮޅުންފިލުވައިދިނެވެ.

"އެހެންތޯ. ވަރަށް އުފާވެއްޖެ ބައްދަލުވީމަ. އެއްތަނެއްގަ މަސައްކަތްކުރަންޏާ ދެން ދިމާވާނެތާ ދޯ" ހީލަމުން ހަބީބް ބުންޏެވެ.

"ބުނަން ހަބީބް... މިތާ ތެރެއިން އެއްވެސް ކަމަކަށް ދަތިވަންޏާ އަޅުގަނޑަށް އަންގާލާތި. އަޅުގަނޑަކީ ވަކި މީހަކު ކޮނޑަށް އަރުވައިގެން އުޅޭނެ މީހެއްނޫން. އަޅުގަނޑުގެ ކުރިމަތީގައި ދިވެހި މީހާ ވެސް އަދި ބޭރު މީހާ ވެސް ވަޒީފާ ގެ މާހައުލުގައި ވާނީ ހަމަހަމަ. އަޅުގަނޑަށް ޔަގީން ހަބީބް ތިއީ ތިކުރާ މަސައްކަތަށް ފަރުވާކުޑަކުރާނޭ މީހެއް ނޫންކަން. ހަބީބް ތިއީ ތިމައްސައްކަތަށް ގާބިލު ބޭފުޅެއް"

ހަބީބް ހިތްހަމަޖެހުނެވެ. އޭނާ ގެ ވެރިޔަކަށް އެއް ނަސްލެއްގެ މީހެއް އައުމުން އިތުރަށް މަސައްކަތްކަތް ކުރުމުގެ ރޫހު އާލާވިއެވެ. މިހާރުވެސް އެ ތަނަކީ އޭނާ އަށް މަސައްކަތް ކުރަން އުދަގޫ ތަނެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައިވެސް އުނދަގުލެއް ނުވާނެއެވެ.

****

"ކޮފީ ހުސްކުރި ޖޯޑު ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާފައި ގިސާމަތު ހަމަޖެހިލިއެވެ. އޭނާގެ މޫނުމަތި ވަނީ އުޖާލާވެފައެވެ. ތުންފަތުގައި އަދިވެސް ވަނީ ހިނިތުންވުމެކެވެ.

"މަންމަ ހިއެއްނުކުރަން މި މަސައްކަތް މިހާ އޮމާންކޮށް ދާނެ ކަމަކަށް. އެކަމަކު ޝައުކަތު އުޅެފި ކަމަކަށް ފާޑެއް ކިޔޭނެ މީހަކު ނުހުންނާނެ. ދަރިފުޅު މިއަދު ވާނެ ޝައުކަތަށް ހުށަހެޅި ފައިސާ އެކޮޅަށް ފޮނުވާލަދޭން" ގިސާމަތު ބުންޏެވެ.

"ތިއީ އެއްވެސް ކަމެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރުން މިހާރަށް މިކަން ނިމެން" އަޖްވަދު ބުންޏެވެ.

"އަދި ވަގުތު ނަގާނެ. ޓަސްލާފަ އުޑަކަށް ނޭރޭނެ. މިދަނީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން. އަހަރެން ނޭވައެއްލާނީ އޭނާ އިނދަޖައްސާފަ" ގިސާމަތު ވާހަކަދެއްކިއެވެ. ދެލޯ ވަށްކޮށްގެން އޭނާ އެއް ދިމާލަށް ބަލަހައްޓައިގެން އިންއިރު އެމީހަކަށްޓަކައި އޭނާގެ ހިތުގައި އަނދަމުން ދަނީ ނަފްރަތުގެ އަލިފާނެވެ.

"އޭރު މަންމަ ކޮންވާހަކައެއްތަ އެދެއްކީ؟ ފޯނުން ކިއީމަ މާބޮޑަކަށް އަޅައެއް ނުގަތް" އަޖްވަދު ބުންޏެވެ.

"ހަނާން... ޝައުން ލޯބިވަނީ ހަނާން ދެކެ. މަންމަ އަތުގަ ފޮޓޯވެސް އެބައޮތް. ސްކޫލު ދައުރުން ފެށިގެން ޝައުން ލޯބިވޭ ހަނާން ދެކެ. މިއީ ކިހާބޮޑު އިއްތިފާގެއް. މަންމަ އަށް ނުވަދިހަ ނުވަ ޕަސެންޓް ޔަގީންކަން އެބައޮތް ޝައުން ގެ ކައިވެނި ހަނާނާ ކުރެވޭނެކަމުގެ. އެކަމަކު ބުނަން ދަރިފުޅާ. ބާކީ މިއޮތް އެއް ޕަސެންޓަކީ ނިކަން ބުރަބޮޑު އެއް ޕަސެންޓް. އަދި ހަމަ ގުޑިވެސްނުލާ. މިފަހަރު އެ ފުރޭތަ ވެސް ހިމޭނުން ނުހުންނާނެ. މަންމަ އަށް ހީވޭ ހަނގުރާމައަށް ކަތިވަޅި އާ ދުނިގަނޑު ތައްޔާރުކޮށްފަ އޭތި ހުންނާނެހެން. އަހަރެންގެ ލޮލަށް ފެންނަ ހިސާބަށް އައިޔާ ނިމުނީ... ދުވަސްދުއްވާލާނަން. ގާތް މީހަކަށް ފާތިހާ ދުވަސްވެސް އަންގާނުލާނަން؟"

އަޖްވަދު ބޯޖަހާލަޖަހާލަ އިނެވެ. މަންމަގެ ދުލުން އިވޭ އެފަދަ ބަސްތަކަކީ އޭނާ އަށް އަލަށް އިވޭ ބަސްތަކެއް ނޫނެވެ. މަންމަ އަކީ ކަމެއް ކުރަން އަމާޒު ހިފައިފިނަމަ އެކަމެއް ކުރާނެ މީހެކެވެ. އަނެއްމީހާގެ ދިރިއުޅުމުން އަތް ދޮވެލަން ޖެހުނަސް މަންމަ އަށް އެއްވެސް ފަރުވާލެއް ނެތެވެ.

****

ކޮފީ ތަށި ހިފައިގެން އައިސް ފަޒީލާ މޭޒު ކައިރީގައި އިށީނެވެ. އޭނާ އަކީ ކޮފީ ބޯވެސް މީހެއް ނޫނެވެ. މިއަދު ކޮފީ ތައްޓެއް ހިފައިގެން އައިސް އިށީނީ ބޮލުގެ ރިހުން ފިލުވާލުމަށެވެ. ކަޅު ކޮފީއަކީ ބޮލުގެ ރިހުމަށް ފަރުވާއެއް ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ.

ގިސާމަތުގެ ކޮޓަރި އަށް ފަޒީލާ ދިޔައީ ގެއަށް ގަންނަންޖެހޭ ތަކެތީގެ ލިސްޓު ހިފައިގެންނެވެ. އަޖްވަދާ އެކު މުހިންމު ބައްދަލުވުމެއްގައި ގިސާމަތު އިންތަން ފެނުމުން އަނބުރާލާފައި އަންނަން އުޅެނިކޮށް މަޑުޖެހުނީ ގިސާމަތު ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. މިފަހަރު ގިސާމަތު ކުޅެން އެ އުޅެނީ ކާކުގެ ދިރިއުޅުމަކާ ކަމެއްވެސް ނޭނގެއެވެ. އެމީހަކަށް ފަޒީލާ ހަމްދަރުދީ ވިއެވެ. އެއީ ކޮންމެ މީހެއް ނަމަވެސް އެމީހަކަށް ގިސާމަތުގެ ހަބަރު ފޯރުކޮށްދޭން އޭނާ ބޭނުންވިއެވެ. ފަޒީލާ ގެ އެ ރޭވުން ކާމިޔާބުވާން އޭނާ ނޭދޭއެވެ. މީގެކުރިންވެސް ގިސާމަތު ފޮރުވިގެން ހުރެ ކޮށްފައިވާ ހަޑިތައް ފަޒީލާ އަށް އެނގެއެވެ. އެކަން ނޭނގެނީ ގިސާމަތަށެވެ. އޭނާ އަށް އެނގޭކަން އެނގުނިއްޔާ މަރާލަންވެސް ފަހެއް ނުޖެހޭނެއެވެ.

"ދައްތަ މިއަދު ކަޅު ކޮފީ ބޯ ދުވަހެއްތަ؟" ފަޒީލާ ބަލައިލީ އީނާ ވާހަކަދެއްކި އަޑަށެވެ.

"ކަލޭމެން ކުދިން ބުނަމެއްނު މި ބުއީމަ ބޮލުގެ ރިހުން ފިލައޭ" ފަޒީލާ ބުންޏެވެ.

ކޮފީތަށި ހިފައިގެން އައިގޮތަށް އެނާ އިނީ އޭގައި އަތްޖައްސާލަންވެސް ނުކެރިފައެވެ.

"ދައްތަ ބޮލުގަ ރިއްސަނީތަ؟ ބޭސް ގެނެސްދެންތަ؟" އީނާ ބުންޏެވެ.

"ތި ބޭސް ކިތަންމެ ވަރަކަށްވެސް ކެވިދާނެ. މި ރިހުމެއް ނުފިލާނެ ގިސާމަތު ދުނިޔޭގައި އިންހާ ދުވަހަކު" ފަޒީލާ ބުންޏެވެ.

އީނާ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. ފަޒީލާގެ ބޮލުގެ ރިހުމުގެ އަސްލު އެނގުމުންނެވެ.

"އެމީހާ މޮޅު ކަމެއް ކުރީތަ އަނެއްކާ." އީނާ އެހިއެވެ.

"ދުނިޔެއަށް އައިފަހުން އޭނާ ދެރަކަމެއް ކުރޭތަ؟ މިއަދާ ހަމައަށްވެސް މުޅިންވެސް މޮޅެތި ކަންތަކެއްނު އެކުރަނީ. އޭނާ ހިތުގައި ޖަހަމުންއެދާ ވިންދަކީވެސް އޭނާގެ މޮޅުކަމުން ޖަހާ ވިންދު. އެއީ ރައްބެއް ރަސޫލެއް ވާކަން ދަންނަ އަންހެނެއްނޫން. އޭނާ ހީކުރަނީ މަލަކަލްމައުތު މަރުހިއްޕަވަން އައިސް އެނާގެ މޮޅުކަން ފެނި އެނބުރި ދާނެކަމަށް" ފަޒީލާ ވާހަކަދެއްކިއެވެ.

ހެމުންހެމުން އީނާ ތެދުވެގެން ދާން ފެށުމުން ފަޒީލާ އެދުނީ ކޮފީތަށި އުކާލާފައި ޖޯޑު ދޮވެލައި ދިނުމަށެވެ.

****

ގޭތެރޭގައި މަސައްކަތްކުރަން އުޅޭ މީހާ އަށް ގޮވާލުމަށްފަހު މޯލް އަށް ވިޔަފާރިކޮށްލަން ނިކުންނަ ވާހަކަ ހަންނާ ބުންޏެވެ. އަދި ކޮޓަރީގައި އެކަނި ހުރި ރޫޔާ ބަލާލަދިނުމަށް އެދުނެވެ. ގޭޓުން ކާރުން ނެރެނިކޮށް އެތެރެއަށް ވަންނަން އައި ނިހާން ފެނި ދެމަފިރިން މަޑުކުރިއެވެ.

"ބޭބެމެން ވިޔަފާރާކޮށްލަން މި ނިކުމެލަނީ" ކާރުގެ ބިއްލޫރިގަނޑި ތިރިކޮށްލަމުން ހަބީބް ބުންޏެވެ.

"އެހެންތަ. ރޫ.... ރޫޔާ އެބައުޅޭތަ އެތެރޭގަ" ނިހާން އެހިއެވެ.

"އާނ އެބައުޅޭ. ވަދޭ އެތެރެއަށް. ކަމެއް ނެތިއްޔާ ބޭބެމެން އަންނަންދެތން އެތެރޭގަ މަޑުކޮށްލާތި އިނގޭ" ހަބީން އެދުނެވެ.

ޔުނީވާސިޓީގައި ހިނގި ކަމެއް ނޭނގި ނިހާން ހުރީ ކަންބޮޑުވެފައެވެ. ކުއްލިއަކަށް ރޫޔާ އަށް އެ އައި ބަދަލު އެނގެން ބޭނުންވެފައެވެ. އެތައް ފަހަރަކު ރޫޔާ އަށް ގުޅިއްޖެއެވެ. މެސެޖްވެސް ކުރެވިއްޖެއެވެ. ރޫޔާ އެއިން މެސެޖެއް ބަލާފައިވެސް ނެތެވެ. އެންމެފަހުން އޭނާ އެގެއަށް އައީ ހިތް އޮބިނޯވެގެންނެވެ.

ގޭތެރެއަށް ވަދެފައި އެކި ދިމާލަށް ނިހާން ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތެވެ. މަތީގައި ހުރި ކޮޓަރިތަކާ ދިމާލަށް ނިހާން ބަލަމުން ދިޔައެވެ. ރޫޔާ ވާނީ އެއިން ކޮޓަރިއެއްގައެވެ. އެކޮޓަރި އޭނާ އަށް ނޭނގެއެވެ.

"ކީއްކުރާ މީހެއް؟" ބޭރު އަންހެނަކު ނިހާނާ ސުވާލުކުރިއެވެ.

ރޫޔާ ގެ ނަން ބުނުމާއެކު އެމީހާ ނިހާނަށް ބަލައިލީ ސުވާލު ނަޒަރަކުންނެވެ. އެންމެފަހުން ނިހާން ގޮވައިގެން އެމީހާ ހިނގައިގަތީ ނިހާންގެ ފޯނުން ހަބީބް އަށް ގުޅާފައި ނިހާނަކީ ކާކުކަން ހަބީބް އެމީހާ އަށް ބުނެދިނުމުންނެވެ. ނިހާން ގޮވައިގެން އެމީހާ އެރީ ބަދިގެއިން ނިކުމެވޭ ދިމާލު ހުރި ސިޑިއަކުން މައްޗަށެވެ. ޓެރަސް އަށް އެރުމަށްފަހު އުނދޯއްޔެއްގައި ހެޑްފޯނު އަޅައިގެން އޮތް ރޫޔާ ދައްކާލިއެވެ. ރޫޔާ ގެ އުނގުމަތީގައި ލެޕްޓޮޕް ހުއްޓެވެ. ހީވާގޮތުން ރޫޔާ އޮތީ ޑްރާމާ ސީރީސްއެއް ބަލާށެވެ.

"ކޮފީ ގެނެސްދެވޭނެތަ؟" އެމީހާ އަށް ނިހާން ބުންޏެވެ.

ބޯޖަހާލާފައި އައިކޮޅަށް އެމީހާ ހިނގައިގަތުމުން ނިހާން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.، މަޑުމަޑުން އޭނާ އައިސް ހުއްޓުނީ ރޫޔާގެ ބޮލާ ދިމާލުންނެވެ. ހަމަ ރަނގަޅަށްވެސް ރޫޔާ އޮތީ ކޮރެއަން ޑްރާމާ އެއް ބަލާށެވެ. އޭނާ އަދި ވާހަކަދެއްކިޔަސް ރޫޔާ އަށް އަޑެއް ނީވޭނެއެވެ. ލެޕްޓޮޕްގެ އެއް އަރިމަތީގައި ހަރަކާތްކުރަމުން ދިޔަ ރޫޔާގެ އިނގިލިތަކަށް ބަލަން ހުރުމަށްފަހު ނިހާން ގޮސް ހުއްޓުނީ ރެއިލިން ކައިރީގައެވެ.

ފިރިހެނަކު ކުރިމަތިން ހުރަސްކޮށް ދިޔަތަން ފެނުމުން ރޫޔާ ފުންމައިގެން ތެދުވިއެވެ. ހިތް ބިރުގަނެ މޭ ހީވީ އަނގައަށް އަންނަން އުޅުނު ހެންނެވެ. ލެޕްޓޮޕް އެއްފަރާތުގައި ބަހައްޓާފައި ތެދުވަން އުޅުނު ރޫޔާގެ ހަރަކާތްތައް ހުއްޓުނީ ފަހަތަށް އެނބުރި ނިހާން ހީލިތަން ފެނުމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟