ވާހަކަ

ކަފަވިލާތަކު ތެރޭ - 3

1

"އަސްތާ…" ނަޖުމް ހާސްވެފައި ފުންމައިގެން ތެދުވިއެވެ.

"ޒައިނާ.. މަޑުކުރައްޗޭ… ގެއަށް ގޮސްފައި އަންނާނަން.. އެހާ ލަހެއް ނުވާނެ.. އިނގޭ..."

"އޯކޭ… ކިތައް މިނިޓް..؟" ޒައިނާ އަހައިލިއެވެ.

“ބައިގަޑިއެއް ހާއިރު…… އަތްދަބަސް ނަގައިގެން އެއްކަހަލަ ފިރިހެން ކުއްޖާއާ ކޮންމެވެސް ވާހަކައެއް ދައްކަމުން ނަޖުމް ދާން ހިންގައިގަތެވެ.

ނަޖުމް ދިއުމުން ޒައިނާ ގޮނޑިގައި ލެނގިލިއެވެ. އަދި ޑިސްކޯ ހޯލުގައި މިޔުޒިކާ އެއްވަރަށް ފައި ހަމަކުރަން ތިބި މީހުންނަށް ބަލަން ފަށައިފިއެވެ

.

"ހައި … ހާދަ އެކަނިވެރިވެފަ….؟"

ނުދަންނަ އަޑެއް އިވުމުން ޒައިނާ އެނބުރިލިއެވެ. ދާދިގާތުގައި ހުރީ ދުވަހަކު ވެސް ނުދެކޭ ބީރައްޓެހި މޫނެއްގެ ވެރިއެކެވެ.

"އެކަނިމާއެކަނި ތިހާ ރީތި އަންހެން ކުއްޖަކު އިނުމަކީ ނިކަމެތި އަޅުގަނޑުގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫން……"

އެއްވެސް ޖެހިލުމެއް ނެތި ގޮނޑިއެއްގައި އިށީއިންނަމުން އެ ޒުވާނާ ހިނިތުންވެލިއެވެ.

ހާދަ ގޮތެއްފޮތެއްވެސް ނެތް މީހެކެވެ. ހުއްދަ ހޯދުމަކާއި ނުލައި އޭނާއާ ގާތުގައި އިށީނެވެ. މިއީ ކޮންފަދަ ޖަންގައްޔަކުން ނުކުމެގެން އައި ނާތަހުޒީބެއް ބާވައެވެ. ޒައިނާ ހިތާހިތުން އެއްޗެހި ކިޔައިލިއެވެ.

"ތިހާ ރީތި އަންހެން ކުދިން ކިބައިން ހުއްދަ ހޯދުމަކީ އަހަރެން ކުރާ ކަމެއް ނޫން…. އަހަރެންގެ ކަމަކީ ތިޔަ ކަހަލަ ލޫޅާފަތި ކުދިން ހިތްހަމަ ޖައްސައިދިނުން…. އޭނާގެ ހިތަށް އެރި އެއްޗެއް އެ މީހާގަނޑަށް އެނގުނީ ކިހިނެއް ބާވައެވެ.

”އަހަރެން މީ ރީތި ފިރިހެނެއް…… އެހެންވީމަ މިގޮތަށް އަހަރެންގެ އެކުވެރިކަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް…. “

އަސްތާއެވެ. ބޮޑާ މީހެކެވެ. ކިބުރުވެރިއެކެވެ. އަމިއްލައަށް އަމިއްލަ ރީތިކަމަށް ތައުރީފު ކުރަނީއެވެ. ކޮން ކަހަލަ ވިޔާނުދާ މީހެއް ހެއްޔެވެ؟

ތެދެކެވެ. އެއީ ވަރަށްވެސް ރީތި މީހެކެވެ. އޭނާއަކަށް އެ މީހާގެ ރީތިކަމާއި ދެކޮޅެއް ނުހެދޭނެއެވެ. އަބަދުވެސް ޒައިނާއަށް ފިރިހެނުން ރީތިވަނީ ތަންކޮޅެއް ކުލަ އޮލަޅި ވީމައެވެ. މާ ބޮޑަށް ދޮންވެއްޖެނަމަ އޭނާއަށް އެ ފިރިހެނަކުގެ ގައިގައި ހުންނަ އެހެން އެއްވެސް ރީތިކަމެއް ނުފެނެއެވެ. ފަހުދު ލާނެތް ލޮލަކުން އޭނާއަށް ބަލައިލިއެވެ.

"މިރޭގެ އާ ރަހުމަތްތެރިޔާގެ ނަމެއް ނުބުނާނަންތޯ؟" ދެން ވެސް އޭނާ އަނގައަކުން ނުބުންޏެވެ. ނުރުހިފައި އޭނާ ފަހުދަށް ލޯއަޅައިލިއެވެ.

"ތިހާ ރީތި ކުދިން މޫނު ކުނި ކުރީމަ ކަމަކު ނުދޭ ރުޅިއައީމާ ރީތިކަން އިތުރުވެއޭ ބުނާ ޅެންވެރިން އެ ހަދަނީ ކިހާ ބޮޑު ދޮގެއް ކަމެއް ތިކަހަލަ ކުދިންނަށް ނޭނގެނީ، އެހެން ނޫންނަމަ ތިގޮތަށް މޫނުގެ ޗާލުކަން ގެއްލޭ ވައްތަރުތަކެއް ނުޖައްސާނެ..."

ޒައިނާ ހަގީގަތުގައިވެސް ކަންބޮޑުވެއްޖެއެވެ. މި މީހާގެ ކިބައިން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ. މި މޭޒު ދޮށުން ތެދުވެގެން ދެވޭކަށް ވެސް ނެތެވެ. މި ދިމާވީ ކޮންފަދަ އުނދަގުލެއް ހެއްޔެވެ.

ނަސީބު ވަރަށް ރަނގަޅެވެ. އެވަގުތު ވެއިޓަރު ކާއެއްޗެހި ހިފައިގެން އަތުވެއްޖެއެވެ. ދެން މި މީހާގަނޑު ތެދުވެގެން ހިނގައިދާނެއެވެ. ޒައިނާއަށް ވެއިޓަރަށް ބަލައިލެވުނީ ޝުކުރުގެ ލޮލަކުންނެވެ. އެހެންނަމަވެސް ހީކުރި ގޮތާ ހިލާފަށް އެތަނުން ތެދުވެގެން ދާކަށް ފަހުދު ގަސްދެއް ނުކުރިއެވެ.

“ވާހް. ސީފުޑް."

ވެއިޓަރު ދިއުމުން ފަހުދު ނޭފަތް ދަމައިލަމުން ބުނެލިއެވެ.

"އަސްތާ. ކަނބުލޮގެ ޕާޓްނަރ އަންނާނެދޯ؟ ވަރަށް ބޮޑަށް ސޮރީ އަހަރެން ހީކުރީ އެކަނިވެފައި އިން ކުއްޖެއްކަމަށް؟" މޭޒުމައްޗަށް ބަލައިލަމުން ފަހުދު ބުއްޏެވެ.

"އަދަބާ ހިލާފުވެވުނީ. އެހެންވެސް ވާނެ. ތިހާ ރީތި ކުއްޖަކު އެކަނިވެފައި އިންތަން ފެނުމުން ހިތަށް ތަދުވީ. ސޮރީ އިނގޭ..."

ފަހުދު ގޮނޑިން ތެދުވަމުން މައާފަށް އެދުނެވެ. އެ ވަގުތު އަނެއްކާވެސް ވެއިޓަރަކު އެތަނަށް އަތުވެއްޖެއެވެ. އަދި ވަރަށް މަޑުމަޑުން ޒައިނާ ގާތުގައި ކޮންމެވެސް ވާހަކައެއް ބުނެލިއެވެ. ޒައިނާ އޭގެ ޖަވާބުގައި ބޯޖަހައިލިއެވެ.

"އެކްސް ކިއުޒް. މިސްޓަރ." ވެއިޓަރު ދިއުމުން ޒައިނާ ފަހުދަށް ގޮވައިލިއެވެ.

"ފަހުދު....."

އެނބުރިލުމަށްފަހު ޒުވާނާ ބުނެލިއެވެ.

"އެންމެ ރަނގަޅު މިސްޓަރ ފަހުދު."

ޒައިނާ ހިނިތުންވެލުމުން ފަހުދަށް ދައުވަތު ދިނެވެ.

"މިރޭގެ ކެއުމުގައި އަޅުގަނޑާއެކު ބައިވެރި ވެވިދާނެތޯ؟"

"އަނެއްކާ ކިހިނެއްވީ؟ ކަނބުލޮގެ ޕާޓްނަރު ކޮބާ؟" ފަހުދު ގޮނޑިއެއްގައި އިށީންނަމުން އަހައިލިއެވެ.

"ޕާޓްނަރޭ ނުކިޔާ. ބެސްޓް ފްރެންޑް، އޭނަ ކުޑަކޮށް ބިޒީވީޔޯ. އެހެންވީމަ މިރޭ ދެން ނާދެވޭނެޔޯ." ޒައިނާ ފަހުދަށް ބުނެލިއެވެ.

"އޯހް... ނަސީބު ރަނގަޅު އަހަރެން..." ފަހުދު ލާނެއް ރާގެއްގައި ބުނެލިއެވެ.

"ވަރަށް ރަނގަޅު ކެއުމެއް. އެކަމަކު ކެއުމުގައި ބައިވެރިވެވޭނީ ޝަރުތެއްގެ މަތިން!" ފަހުދު ބުންޏެވެ.

"ކޮން ޝަރުތެއްތޯ؟"

ފަހުދުގެ އެ ޖުމުލައަށް ޒައިނާއަށް ގަޔާވެވުނެވެ. އެއީ އޭނާގެ އާދަ ބަހެކެވެ. ކޮންމެ ކަމަކަމަށްވެސް ޝަރުތު ކަނޑައެޅުމަކީ އޭނާގެ ވަރަށް ބޮޑު އާދައެކެވެ.

"ބިލް ދައްކާނީ އަހަރެން."

ފަހުދުގެ ޝަރުތު އިވުމުން ޒައިނާއަށް ހީނގަނެވުނެވެ.

"އަޅުގަނޑު ބިލުދައްކާކަށް ނުޖެހޭނެ. އެހެންވީމަ ތި ޝަރުތު ގަބޫލުކުރާނެގޮތެއް ނެތް.."

"އެޔޯ. ގައިމުވެސް މިރޭގެ ޑިނަރ ފުރީއެއް ނޫން. ދެން ކަނބުލޮ ހާއްސަވާންވީ ކީއްވެ؟" ފަހުދު އަހައިލިއެވެ.

"ކަނބުލޮއެއް ނޫން. ޒައިނާ.." އޭނާ ނަން ބުނެލިއެވެ.

"މިއީ ޒައިނާގެ މަންމަގެ ހޮޓަލެއް. މި ރެސްޓޯރެންޓްގެ އެއްވެސް ކެއުމެއް، އެއްވެސް ހިދުމަތަކަށްވެސް އަގުދޭކަށް އަޅުގަނޑަކަށް ނުޖެހޭނެ. އެހެން ވީމަ..." ޒައިނާ ކިޔައިދިނެވެ.

"އޯހް. ތީ ޝަފީގާގެ ދަރިކަނބަލުން؟"

ފަހުދު އޭނާގެ މަންމަގެ ނަން ބުނެލިގޮތުން ވަރަށް ރަނގަޅަށް މަންމަ އެނގޭކަން އިހުސާސް ކުރެވުނެވެ. އެހެން ވެދާނެއެވެ. ވިޔަފާރީގެ ހުރިހާކަމެއްގައި ބައްޕައަށް ވުރެ ހިންގުންތެރިކަމާއެކު އިސްވެ އުޅެނީ މަންމައެވެ. އޭނާގެ މަންމަ ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ. އެހެންނަމަވެސް ފަހުދުގެ އަޑުގައި ކޮންމެވެސް އެހެން ކަހަލަ ރާގެއް ހުރިހެން އޭނާއަށް ހީކުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"އެކަމަކު ޝަފީގާގެ ދަރިއެއް ހެން ހިއެއް ނުވޭ"

އެންމެ ފަހުން ފަހުދަށް ބުނެވުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ފަހުދަށް އޭނާގެ މަންމަ އެނގެއެވެ. މާ ރަނގަޅަށްވެސް އެނގޭކަން ގައިމެވެ.

"ތިހެން ހީވެލެއްވީ ކީއްވެތޯ؟" ޒައިނާ އަހައިލިއެވެ.

"ޝަފީގާ ކަހަލަ ބޮޑާ، ފަތަރާސީކަން ބޮޑު އަންހެނެއްގެ ދަރިއަކު ތިހާ ހިތްހެޔޮ ވެފަ ރަނގަޅުވީމަ" ފަހުދު ބުނެލިއެވެ.

ޒައިނާއަކީ ވެސް ޒާތްކޮޅުބޮޑު ގޮތެއް ހުންނަ ކުއްޖެއްކަން ފަހުދަށް ނޭނގުނީތާއެވެ. ފެންނަ ކޮންމެ ކޮންމެ މީހަކާ ހިނިތުންވެފައި ވާހަކަދެއްކުމަކީ ޒައިނާ ކުރާ ކަމެއް ނޫނެވެ. އޭނާގެ ހިތްމޮޅު ގޮތާ މެދު ނަޖުމް އަބަދުވެސް ފާޑު ކިޔަމުން ބުނެއެވެ.

"ކަލޭގެ ތި ފޮނިކަން ބަދަލުވާނެ ދުވަހެއް އަންނާނެ. އޭރުން އެމީހާގެ ކުރިމަތީގައި ކަލޭ ހުންނާނީ އުއްގަނޑެއްހެން ވިރިވިރި. އެމީހާ، ކަލޭ އެމީހެއް ދެކެ ލޯބިވާނެ މީހާ. އޭނާއާ ބައްދަލުވާ ދުވަހަކުން ކަލޭ މުޅިން ބަދަލުވާނެ." ނަޖުމްގެ އެ ބަސްތައް ހަނދާންވުމުން ޒައިނާއަށް ހިނިތުން ވެލެވުނެވެ. އަނެއްކާ ކުރިމަތީގައި އެ އިނީ އެ ބުނާ މީހާ ބާވައެވެ.

"ކީއްވެ އެއްވެސް އެއްޗެއް ނުބުނީ. މަންމައާ ބެހޭގޮތުން އެކަހަލަ ބަހެއް ބުނީމަ ހިތްހަމަނުޖެހުނީދޯ؟" ފަހުދު އަހައިލިއެވެ.

"އުނހު. ނޫން" ޒައިނާ ބޯ ހޫރައިލިއެވެ.

ފަހުދު ވެގެންދިޔައީ ޒައިނާގެ ފުރަތަމަ ފިރިހެން އެކުވެރިޔާއަށެވެ. ސްކޫލުގައި ވެސް އެއްވެސް ފިރިހެން ކުއްޖަކާ މާ ގާތްކޮށް ވާހަކަދައްކައި ނޫޅޭތީ އެކުދިންގެ މެދުގައި ޒައިނާ މަޝްހޫރުވެފައި އޮންނަނީ "މިސްޕްރައުޑް"ގެ ނަމުންނެވެ. ކޮންމެހެން ބުނަންޖެހޭ ބަހެއް ނޫނީ އެއްވެސް ފިރިހެން ކުއްޖަކާ އިތުރު ވާހަކަ ދެއްކުމަކީ ޒައިނާ ގަޔާވާ ކަމެއް ނޫނެވެ.

"ތިހާ މާތް ބަހުން ވާހަކަދެއްކީމާ އުނދަގޫވޭ"

"ރައްޓެހިން ވާހަކަދައްކާއިރު ދުރު ގޮތެއް ބެހެއްޓުމަކީ ކަމުދާ ކަމެއް ނޫން.."

ފަހުދު އެދުނީ ގާތް އެކުވެރިއެއް ގޮތަށް ވާހަކަ ދެއްކުމަށެވެ.

އެރޭގެ ކެއުން ނިމުނުއިރު ޒައިނާއާއި ފަހުދު ދެ ރަހުމަތްތެރިންނަށް ވެއްޖެއެވެ.

ފަހުދުގެ މަޖާ ވާހަކަތަކުގެ ތެރޭގައި އިނދެވުނުވަރުން އެގާރަ ޖެހުމުގެ ކުރިން ގުޅުމަށް ނަޖުމް ބުނި ހަނދާންވެސް އޭނާ ނެތެވެ. ވެއިޓަރު ދެ ފަހަރަކު އޭނާއަށް ގޮވައިލަން ވެސް އައެވެ.

އެހެންނަމަވެސް އޭނާގެ ސަމާލުކަމެއް ވެއިޓަރަށް ނުލިބުމުން ކުރާނެކަމެއް ނެތިގެން ދިޔައީއެވެ. ޒައިނާ ވެއިޓަރުގެ ގޮވުމަށް ސަމާލުކަން ނުދިނީ ގަސްތުގައެވެ. އޭނާއަށް މަންމަގެ ފާޑުގަނޑު އެނގެއެވެ. ނުދަންނަ ފިރިހެނަކާއެކު އޭނާ މިހާ ގިނައިރު އިންނަތަން މަންމައަށް ފެނުނީމާ އެކަން ކަމުނުދިޔައީކަން ޔަގީނެވެ. ވެއިޓަރަކު ފޮނުވައި އޭނާ އެތަނުން ތެދުކުރަން މަންމަ އެ އުޅުނީ އެހެންވެކަން އޭނާއަށް ޔަގީނެވެ.

"ޔާރައްބީ. ގަޑިން ވީއިރެއްވެސް ނޭނގުނު"

ހަމަ ކުއްލިއަކަށް ފަހުދު ކޮންމެވެސް ކަމެއް ހަނދާންވީ ޑިސްކޯ ހޯލު ހުސްވިތަން ފެނުމުންނެވެ. މިއުޒިކްގެ އަޑުކެނޑި ނެށުން ހުއްޓުމުންނެވެ.

"އެގާރަ ޖެހީ" ނެށުން ނިމޭނީ އެގާރަ ޖެހުމުންކަން ޒައިނާއަށް އެނގޭތީ ބުނެލިއެވެ.

"މިވަގުތު ދިޔުމުގެ ހުއްދަދީ. ފަހުން ބައްދަލުވާނަން" ފަހުދު އުޒުރުވެރިކަމާއެކު ގޮނޑިން ތެދުވިއެވެ.

'ބާއީ" ފަހުދު ސަލާމްކޮށްލަން ދިއްކޮށްލި އަތުގައި ހިފަމުން ޒައިނާ ބުނެލިއެވެ.

"ވާހަކައެއް ބުނަންތޯ؟" ދިޔުމުގެ ކުރިން ފަހުދު، ޒައިނާ އިން ގޮނޑިއާ ކައިރިވެލަމުން އަހައިލިއެވެ. ޒައިނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

"މިކަހަލަ އިސްތަށިގަނޑު ވަރަށް ރީތި. ވަރަށް ކަމުދޭ"

ޒައިނާގެ ވަރުގަދަ ބުޅި އިސްތަށިގަނޑާ ކުޅެލުމާއެކު އެހެން ބުނެލުމަށްފަހު ފަހުދު އަވަސް އަވަހަށް އެތަނުން ހިނގައްޖެއެވެ.

އެއީ ކޮންގެއެއްގެ މީހެއްތޯ ވެސް އަހައި ނުލެވުނެވެ. އެޑްރެހެއްވެސް، ފޯނު ނަންބަރެއްވެސް ނުހޯދުނެވެ. ފަހުދު ދިޔަ ފަހުން ޒައިނާއަށް އޭނާގެ މޮޔަކަމާއި ނުވިސްނޭކަން ހިތަށް އެރުމުން ހީނގަނެވުނެވެ.

ގާތްގަނޑަކަށް ގަޑިޔަކަށް ވުރެ ގިނައިރު އޭނާއާ ވާހަކަދައްކަން އިނދެފައި ދިޔައިރު ވެސް ފަހުދުގެ އެއްވެސް މައުލޫމާތެއް އަހައިލަން ނޭނގުނެވެ. އެންމެ ކުޑަމިނުން ފުރިހަމަ ނަން ވެސް އަހައިލެވިފައެއް ނެތެވެ.

ކުރާނީ ކީއް ހެއްޔެވެ. ފަހުދުގެ ސަމާސާ ބަސްތަކާއި ހެއްވާ މަޖާ ވާހަކަތަކުގެ ތެރޭގައި އިނދެވުނު ވަރުން އެއިން އެއްވެސް ކަމެއް ކުރަން އޭނާ ހަނދާން ނެތުނީއެވެ.

ގެއަށް ދެވުމާއެކު އޭނާ އަވަސްވެގަތީ ނަޖުމަށް ގުޅުމަށެވެ. މިހާރު ހުންނާނީ ރުޅި އައިސްފައި ކަންނޭނގެއެވެ. އެގާރަގަޑި ސާޅީސް ވަނީއެވެ. ކެއުމަށް ނުދެވޭނެ ވާހަކަ ބުނިއިރު އެގާރައިގެ ކުރިން ކޮންމެހެންވެސް ގުޅުމަށް ނަޖުމް ބުނި ހަނދާންވީ ގެއަށް އައުމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟