ވާހަކަ

ނުފޫޒަކުން - 10

1

"މިއީ ކޮންހާ ފައިސާއެއް؟" އަޖްވަދު އެހިއެވެ.

"ތީގަ ފައިސާ ހުރީ ކިހާ އަދަދަކަށް ކަމެއް އަހަރެން ނުބަލަން. ތި ގެންގޮސް މިގޭ ނޯކަރުންނަށް ބަހާލާ" ގިސާމަތު ބުންޏެވެ.

ބްރީފްކޭސް ލައްޕާލާފައި އެނދުގައި އަޖްވަދު އިށީނެވެ. މިވާގޮތެއް އަދި އާނާއަށް އޮޅުމެއް ނުފިލައެވެ. ލިބުނު ހައިރާންކަންވެސް އަދި ކުޑައެއް ނުވެއެވެ.

"އަޅުގަނޑު އޮފީހުގަ އިންދަ ގުޅާފަ ވަރަށް މުހިއްމު ކަމަކު ގެއަށް އަންނަން މަންމަ ބުނީމަ މިއައީ. އަދި ނޭނގެ މިވާގޮތެއް" އަޖްވަދު ބުންޏެވެ.

ގިސާމަތު ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ. ގޮނޑިން ތެދުވަން އޭނާ އުޅުމުން އަޖްވަދު އެހީވެދިނެވެ.

"ތި ފޮށީގަ ހުރި ފައިސާތައް ވަޔަށް ބުރުވާލިޔަސް އަދި ނުފުދޭ. މިފަހުގެ ތާރީހެއްގައި އަހަންނަށް ލިބުނު އެންމެ އުފާވެރި ހަބަރު މިއަދު ލިބިއްޖެ. ބޮނޑިބަތްވެސް ކައްކާ. މުޅި ރާއްޖޭގެ ރައްޔިތުންނަށް މަލާފަތް އަރުވާ" އަނގައާ އެއްވަރަށް ވައިގެ ތެރޭގައި ދެ އަތް ހޫރަމުން އޭނާ ދިޔައެވެ. އަޖްވަދަށް އަދިވެސް ވާނުވާ ނޭނގެއެވެ. އެނގޭ އެއްޗަކީ މަންމަ ވަރުގަދަ ރޭވުންގަނޑެއް ރާވައިފި ކަމެވެ. އަދި އެ އުޅެނީ ރޭވުންގަނޑެއް އެކަނި ރާވައިގެނެއް ނޫންކަން ޔަގީނެވެ. އެ އުޅެނީ ވަރުގަދަ ކާމިޔާބީއެއް ލިބިގެނެވެ.

"މަންމާ! ވީގޮތެއް ބުނެބަލަ" އަޖްވަދު ބުންޏެވެ.

"ޝައުކަތު މިކަން ކާމިޔާބުކޮށްފި. ދެން އޮތީ އަހަރެމެން ކުރަންޖެހޭ ކަންކަން. އެކޮޅުން ޝައުކަތުގެ ޓީމު އޮތީ ތައްޔާރަށް" ގިސާމަތު ބުންޏެވެ.

އަޖްވަދުގެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. އުފަލުން އައިގޮތަށް ގިސާމަތުގެ އަތުގައި ހިފާފައި ބޮސްދިނެވެ.

"މަރުހަބާ. ދަރިފުޅު އަތުން ގެއްލުނު އަގުބޮޑު ހަޒާނާ ލިބޭކަށް ގިނަދުވަހެއް ނެތް" ގިސާމަތު ބުންޏެވެ.

އަޖްވަދަށް ހެވުނެވެ. އެ ބުނާ ހަޒާނާ އެގޭ ދޮރުގައި ޓަކިދޭނެ އިރަކަށް އޭނާގެ ހިތް އިންތިޒާރުކުރަން ފެށިއެވެ.

"ޝައުކަތު ހާދަ ހުޝިޔާރޭ..." އަޖްވަދު ބުންޏެވެ.

"މަންމަ ނުގެންގުޅޭނަން ބޮލުގެ އެތެރެ ހުސްކޮށް ހުންނަ އެއްވެސް އިންސާނެއް. މަންމަގެ އަރިހުގައި ތިބޭނީ ދެ ސިކުނޑި ނޫނީ ތިން ސިކުނޑިން އެއްފަހަރާ ވިސްނާ މީހުން. ޝައުކަތަކީ ކުރިމަތިލައިފި ކަމެއް ކާމިޔާބު ނުވަނީސް ހުއްޓާލާނެ މީހެއް ނޫން. އެއީ ކަލޭގެ ބައްޕަ އަރިއަހުން ދަސްވެނިވި އިންސާނެއް" ބޮޑާކަމާއެކު ގިސާމަތު ބުންޏެވެ.

"ހާދަ އުފާވެރި ހަބަރެކޭ...." އަޖްވަދު ބުންޏެވެ. "އެކަމަކު ކޮންތަނެއްގަ ތިބީ...؟"

އަޖްވަދުގެ މޫނަށް ގިސާމަތު ބަލައިލީ ހިނިތުންވެފައެވެ.

****

ކްލާސް ނިންމާފައި ނުކުތީ ނިހާނާއި ރޫޔާ އެކުގައެވެ. ދެ ކުދިން މިސްރާބު ޖެހީ ޕްލަމް ގަސްތަކާ ދިމާލަށެވެ. ކުރިއަށް އޮތީ ހުސް ގަޑިއެކެވެ.

"ކޯޗެއް ގެނެސްދޭންވީ؟" ނިހާން ބުންޏެވެ.

"ކެންޓީނަށްތަ؟ އެތަނުން ކާހިތެއް ނުވޭ" ރޫޔާ ބުންޏެވެ.

"އަހަރެންވެސް" ނިހާން ބުންޏެވެ.

"ސާޅީސް ފަސް މިނެޓް ލިބުނީ. ހިނގާ ކެފޭއަށް ގޮސްލަން" ނިހާން ބުންޏެވެ.

"ތިއީ ރަނގަޅު ހިޔާލެއް. އެކަމު މިހާރު ގޮސްގެން ލަނޑެއް ލިބޭނީ. ބައިވަރު ކުދިން އެތަނަށް މި ގަޑީގަ ވަންނާނެ. އޯޑަރުތައް އަންނާނީ ތަރުތީބުން. އަހަރެމެން އަދި ލައްވާލާނީ ކިހާ ފަހަތުގަ" ރޫޔާ ބުންޏެވެ.

ނިހާން ބޯޖަހާލިއެވެ. ރޫޔާ އެ ބުނީވެސް ތެދެކެވެ. އެކަމަކު ކެންޓީނަށް ވަންނާކަށް ބޭނުމެއް ނުވެއެވެ.

"މިތާ ޖައްސާލަބަލަ" ރޫޔާގެ އަތުގައި ހިފައި ވިނަތަކުގެ މަތީގައި ބައިންދަމުން ނިހާން ބުންޏެވެ.

"އަހަރެން އަންނަންދެން ހަމަ ތިހާ ލޯބިކޮށް ހީލައިގެން އިންނާތި. އެތަނުން ކޮފީ ހިފައިގެން މި އަންނަނީ. ޓޭކް އަވޭ ކުރާކަށް ގިނައިރެއް ނުނަގާނެއްނު" ނިހާން ބުންޏެވެ.

ނިހާން ދާ ދިމާލަށް ބަލަހައްޓައިގެން ރޫޔާ އިނީ ހެވިފައެވެ. އޭނާ އިނީ ހިތްހަމަޖެހިފައެވެ. މުޅި ދުވަސް އޭނާ ހޭދަ އެ ކުރަނީ ނިހާނާ އެކުގައެވެ. ކްލާހުގައި އިންނަ ގޮނޑިވެސް ނިހާން ބަދަލުކޮށްފިއެވެ. ރޫޔާ ކައިރީގައި އިންނަ ހިތުންނެވެ.

ކުއްލިއަކަށް ރޫޔާ ސިހުނީ ދާދި ގާތުން އަންހެން ބޫޓެއް ފެނުމުންނެވެ. ރަނގަޅަށް ބަލައިލި އިރު، ޝާނާ ހުރީ ދާދި ގާތުގައެވެ. މިފަހަރުވެސް ޝާނާގެ ތުންފަތުގައި ހިނިތުންވުމެއް ނެތެވެ.

"ހައި... ރޫޔާ..." އެހެންފަހަރުތަކާ ހިލާފަށް މިފަހަރު އިސްވެ ސަލާމަށް އަތްދިއްކޮށްލަމުން ރޫޔާ ވާހަކަދެއްކިއެވެ.

"ޝާނާ..." ޝާނާ ބުންޏެވެ.

****

ބޭނުންވި އެއްޗެހި ލިބުމުން އަލުން އައިކޮޅަށް ދާން އެނބުރުނު ނިހާން މުޑިއެރީ ފަހަތުން ހުއްޓުނު ލަވީރާ ގައިގައެވެ. ލަވީރާ ހިނިތުންވެލިއެވެ.

"ކޮފީތަ؟ ކޮންބަޔަކަށް" ލަވީރާ އެހިއެވެ.

"މީ އެންޑް ރޫޔާ" ހީލަމުން ނިހާން ބުންޏެވެ.

"އެހެންތަ. ހާދަ ރޫޔާއޭ މިހާރު" ލަވީރާ ދިމާކޮށްލިއެވެ.

"އާނ. އަލަށް ލިބުނު ފްރެންޑެއް" ނިހާން ބުންޏެވެ.

ލަވީރާ ނެގީ ހަމައެކަނި ފިހެފައި އޮތް ޒުވާރިއެކެވެ. އެ ހިފައިގެން އޭނާ ނިހާނާއެކު ހިނގައިގަތެވެ. ލަވީރާ އެތަނަށް ފޮނުވީ ޝާނާއެވެ. ބޭނުންވީ ރޫޔާއާ މެދު ނިހާންގެ ހިތުގައި އޮތް އެއްޗެއް ސާފުކުރުމެވެ.

"ރޫޔާ... ހަމައެކަނި ފްރެންޑެއް ނޫން. ދޯ" ލަވީރާ ބުންޏެވެ.

ނިހާން ހަމައެކަނި ހީލުމަކުން ފުއްދާލިއެވެ. އެ ހިސާބުން ލަވީރާއަށް ހޯދަން ބޭނުންވި އެތި އެނގިއްޖެއެވެ. ދެން އަހަން ބޭނުންވީ ޝާނާއާ ބެހޭގޮތުންނެވެ.

"ޔޫ ނޯ ޝާނާ ލައިކްސް ޔޫ" ލަވީރާ ބުންޏެވެ.

މިފަހަރުވެސް ނިހާން ހީލުމަކުން ފުއްދާލިއެވެ. އެއީ އޭނާއަށް ނޭނގޭ ކަމެއް ނޫނެވެ.

ވަކި ހިސާބަކުން ލަވީރާ މަޑުޖެހުނެވެ. ނިހާނާއެކު އޭނާ ނުދިޔައެވެ. ފޯނު ނަގައިގެން އޭނާ ގުޅީ ޝާނާ އަށެވެ. މާގިނައިރެއް ނުވެ ޝާނާ މަގު ހުރަސްކޮށް އައިސް ލަވީރާ ކައިރީގައި ހުއްޓުނެވެ.

"އަން. މިކައި ހުސްކުރޭ" ޕޮޕްކޯން ގޮށި ޝާނާއަށް ދިއްކޮށްލަމުން ލަވީރާ ބުންޏެވެ.

"އަހަންނަށް މީރު އެއްޗެއް ނޫން ތިއީ" ޝާނާ ބުންޏެވެ.

ދެކުދިން އެކުގައި ހިނގައިގަތީ ކެފޭއާ ދިމާލަށެވެ.

"މަށަށް ވެސް މީރު އެއްޗެއް ނޫން. އަހަރެން ތަހުގީގެއް ކުރަން ފޮނުވީމަ އެ ލައިންގަ ހުރެފަ ހުސްއަތާ އަންނާކަށް ނުކެރޭނެއްނު" ލަވީރާ ބުންޏެވެ.

އެތެރެއަށް ދެކުދިންނަށް ވަދެވުނު އިރު، މުޅި ތަން އޮތީ އެއްކޮށް ފުރިފައެވެ. ގިނައީ ކިޔަވާ ދަރިވަރުންނެވެ. ހުސް މޭޒެއް ދެކުދިންނަށް ލިބުނީ މާ ހިތްގައިމު ދިމާލަކުން ނޫނެވެ. އެހެންނަމަވެސް އެތަނުގައި ދެކުދިން އިށީނދެފައި ކޮފީއަށް އޯޑަރު ދިނެވެ.

"ތި ބާއްވަބަލަ. ކީކޭ ނިހާން ބުނީ؟" ކެތްމަދުވެފައި ޝާނާ އެހިއެވެ.

"ރޫޔާ އޭނާއަށް ހާއްސަ. ދެމީހުން އަދި ރައްޓެއްސެއް ނުވޭ. އެކަމަކު ވާނެހެން ހީވަނީ ވަރަށް އަވަހަށް" ލަވީރާއަށް ލިބުނު މައުލޫމާތު އޭނާ ހިއްސާކޮށްލިއެވެ.

"އަހަރެން މިއައީ ފަނި ވައްޓާފަ" ހީލަމުން ޝާނާ ބުންޏެވެ.

"ކީކޭ ކިޔާފަ ތިއައީ" ލަވީރާ ބުންޏެވެ.

"ރޫޔާގެ ހިތް ކިލަނބުކޮށްފަ މިއައީ. ޔަގީން ނިހާނާ ރައްޓެއްސެއް ނުވާނެ. އަދި އަހަރެން ދެއްކި ވާހަކަ ނިހާން ކައިރީގައި ނުވެސް ބުނާނެ" ޔަގީންކަމާއެކު ޝާނާ ބުންޏެވެ.

"ލުކް ޝާނާ... އަހަރެން އަބަދުވެސް އެދެނީ ޝާނާއަށް ރަނގަޅަށް ކަންކަން ވުމަށް. ހަމަ އެގޮތަށް އެހެންމީހަކަށް ވެސް ދެރައެއް ލިބެން ބޭނުމެއް ނުވޭ. ނިހާން ދެކެ ތިވާ ލޯބީގެ ސަބަބުން ރޫޔާއަށް ދެރައެއް ނުދެއްޗޭ. އެއީ ވަރަށް ސްވީޓް ކުއްޖެއް. އައި މީން އިނޮސެންޓް ފޭސްއެއް. ޝާނާގެ ލޯބީގެ ކުޅިގަނޑު އޭނާ އަށް ނޭނގޭ. ނިހާން އޭނާއަށް ފޯލްވުމަކީ އޭނާގެ ކުށެއް ނޫން" ލަވީރާ ވާހަކަދެއްކީ ހަގީގަތަކަށެވެ.

ޝާނާ ހިތްހަމަނުޖެހުނެވެ. އޯޑަރު ކުރި ކޮފީ ނާންނަނީސް އޭނާ ހިނގައިގަނެއްޖެއެވެ. ސޮރީ ސޮރީއޭ ގޮވަމުން ލަވީރާ ފަހަތުން ދިޔައެވެ.

****

ފަހު ސެޝަން ފެށުމާއެކު ފަހަތު ބަރީގައި އިން ނިހާން ފުންމައިގެން ތެދުވިއެވެ. އޭނާ އުޅުނީ އޭނާއާ ވަކިން ދުރުގައި އިން ރޫޔާ ކައިރިއަށް ދާށެވެ. އެކަމަކު އޭނާއަށްވުރެ ކުރިން އެހެން ކުއްޖަކު އެ ގޮނޑީގައި އިށީނެވެ. ދުރުގައި އިނދެ ރޫޔާ ބަލައިލާ ކޮންމެ ފަހަރަކު އަތުގެ އިޝާރާތުން ފޯނު ޗެކް ކުރުމަށް ނިހާން ބުނެއެވެ. އެކަމަކު ކްލާސް ގަޑިއަށް ވުމުން ރޫޔާ އިނީ ފޯނު ބަލަން ނުކެރިފައެވެ.

ފަހު ސެޝަން ފަށައިގެން ކުރިއަށް ދަނިކޮށް ކުއްލިއަކަށް ދަބަސް ހިފައިގެން ރޫޔާ ނިކުތެވެ. އޭނާ އެމެޖެންސީއެއް ދިމާވެގެން ގެއަށް ދަނީ ކަމުގައި ލެކްޗަރާ ކައިރީގައި ބުންޏެވެ. ނިހާނަށް ނުވެސް އިނދެވުނެވެ. ރޫޔާގެ ފަހަތުން ދާން ބޭނުންވިއެވެ. އެހެންނަމަވެސް އެހެންކުދިން ދެކޭގޮތް ބަދަލުވެދާނެތީ އޭނާއަށް ނިކުންނަން ނުކެރުނެވެ.

ނިހާން ދެރަވެއްޖެއެވެ. ކުއްލިއަކަށް ރޫޔާއަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެއެވެ. އަނެއްކާ ކިހިނެއްވީ ބާއެވެ. ކްލާހުގައި ދެކުދިން ކައިރީގައި ތިބެން ނިންމީ އަދި މިއަދު ހެނދުނެވެ. ބްރޭކްގެ ކުރިންވެސް ތިބީ ކައިރީގައެވެ. ކޮފީ ހިފައިގެން އައިއިރު ރޫޔާ ބޭންދި ތަނުގައި ނެތެވެ. ކްލާހަށް އެނބުރި އައިއިރު އެހެން ކުދިންތަކަކާއެކު ރޫޔާ އުޅުނީ ބިޒީކޮށެވެ. ވާހަކަދައްކާލަންވެސް އޭނާއަށް ވަގުތުކޮޅެއް ނުލިބުނެވެ. އަތުތެރޭގައި އޮތް ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައި ފާހާނާއަށް ކަމަށް ބުނެފައި އޭނާ ބޭރަށް ނިކުތެވެ. ރޫޔާ ނެތެވެ. ގެއަށް ދިޔައީ ކަމަށް ނިންމައި އޭނާ ރޫޔާގެ ފޯނަށް ގުޅިއެވެ. އެހެންނަމަވެސް ފޯނަށް ރޫޔާ ޖަވާބެއް ނުދިނެވެ.

****

ޝައުންގެ ކޮޓަރިއަށް ގިސާމަތު ދިޔައީ ޝައުން ނުފެންނަތާ ސައްވީސް ގަޑިއިރު ފާއިތުވުމުންނެވެ. އެހާ ގިނަ ވަގުތަށް ގޭތެރެއިން ޝައުން ނުފެނި ހުރުމުން ގިސާމަތު ހުރީ ހިތްހަމަނުޖެހިފައެވެ. ޝައުންގެ ކޮޓަރިއަށް ގިސާމަތު ވަނެވެ. އެތެރޭގައި އެއްވެސް މީހަކު ނެތެވެ. ފާހާނާއިން ފެންވަރާ އަޑު އިވެމުން ދިޔައެވެ. ޝައުން ނިކުންނަންދެން ގިސާމަތު މަޑުކުރިއެވެ. އެނދުގައި އިށީންތަނުން އެނދުމަތީގައި އޮތް ޝައުންގެ ވޮލެޓް އޭނާގެ ލޮލުގައި އަޅައިގަތެވެ. ކުރީ ދުވަހު ޝައުން ގެންގުޅުނު ފޮޓޯކޮޅު މަތިން ގިސާމަތު ހަނދާންވިއެވެ. ގިސާމަތު ހީލިއެވެ. ނޭހާ އަކީ ނިހާންގެ ހިތުގައިވާ ލޯތްބެއް ނޫންކަން އޭނާއަށް ޔަގީންވެއެވެ. އެ ފޮޓޯކޮޅުގައި އެވަނީ ޝައުންގެ ހިތުގެ ވިންދެވެ. އެއީ ކާކުކަން ގިސާމަތު ބަލައިލާ ހިތްވިއެވެ.

ވޮލެޓުން ފޮޓޯކޮޅު ފެނުމާއެކު ގިސާމަތުގެ މޫނަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ. އެހެންވެދާނެ ހެއްޔެވެ؟ ޝައުން ލޯބިވަނީ ހަނާން ދެކެ ހެއްޔެވެ؟ ޝައުންގެ ފަރާތުން އެފަދަ ހިލަމެއްވެސް ނުވެއެވެ. މިވީ އަދި މާ ރަނގަޅު ގޮތެކެވެ. ހުރިހާ ދިމާލަކުން މިދަނީ ކާމިޔާބީގެ ކޮޅުމަތި ފެންނަމުންނެވެ.

ފާހާނާގެ ތަންޑު ނައްޓާލި އަޑަށް ގިސާމަތު ބަލައިލިއެވެ. ޝައުން ހީލިއެވެ. އެހެންނަމަވެސް މާމަގެ އަތުގައި އޮތް ފޮޓޯކޮޅު ފެނުމުން ޝައުން އައީ މާމާއާ ގާތަށެވެ.

"މިއީ...." ގިސާމަތު ބުންޏެވެ.

ޝައުންއަށް ހެވުނެވެ. އެންމެފަހުން އޭނާ ހިތުގައި ފޮރުވައިގެން ގެންގުޅުނު އަންހެންކުއްޖާ މާމާއަށް ފެނުނީއެވެ.

"ހަނޫން ދަރިފުޅު ދަންނަތާ ކިހާ ދުވަހެއްވެއްޖެ" ހައިރާންކަމާއެކު ގިސާމަތު އެހިއެވެ.

ޝައުން ދެބުމަ ގޮށްޖެހުނެވެ. މާމަ ބުނި ނަމަކުންނެވެ. އެންމެފަހުން ޝައުންއަށް ހެވުނެވެ.

"ކިހިނެއްވީ؟ މާމައަށް ޖޯކެއްތަ މި ކިޔުނީ" ގިސާމަތު ބުންޏެވެ.

"ނޫނޭ މާމާ... ކޮން ނަމެކޭތަ؟" ގިސާމަތުގެ ދެކޮނޑުގައި ހިފާލާފައި އަލުން އެނދުގައި ބައިންދަމުން ޝައުން ބުންޏެވެ.

"މިއީ ހަނޫން. މީނާގެ ފުރިހަމަ ނަމަކީ އާމިނަތު ހަނޫން" ގިސާމަތު ބުންޏެވެ.

"ނޫނޭ މާމާ... މިއީ އަދި ހަނޫން އެއް ނޫން. މާމައަށް ތި އުޅެނީ އޮޅިގެން" ޝައުން ބުންޏެވެ.

ފޮޓޮއަށް ގިސާމަތު ބަލައިލިއެވެ. އޭނާގެ ދެލޮލަށް ބޭސްކުރާހާ އަދި ލޯބޯ ކޮށިއެއް ނުވެއެވެ. އޭނާއަށް އޮޅޭނީ ކިހިނެއް ހެއްޔެވެ؟ މި އަންހެންކުއްޖާ އޮޅުވާލީ ޝައުން އަށެވެ. ފިޔަފަޅައިގެން އުދުހެން ފެށީމާ މިހިރީ ވާނެ އެއްޗެއް ވެފައެވެ. މިއީ އެ ބުނާ ނަމޫނާ ދެމަފިރިން ކުރި ތަރުބިއްޔަތުގެ ނަތީޖާއެވެ.

"މި ފޮޓޯ އެކަނިތަ ޝައުން އަތުގަ އޮތީ" ގިސާމަތު އެހިއެވެ. ޝައުން ބޯޖަހާލިއެވެ.

"އެހެންވިއްޔާ މިއަދު މާމަ މި ފޮޓޯ އިން ފޮޓޯއެއް ހައްދާފަ ދަރިފުޅާ ހަވާލުކުރާނަން. ބުނަން ދަރިފުޅާ. މީހަކު ދެކެ ލޯބިވުމުގެ ކުރިން އެއީ ކޮންދިމާލަކުން ކިހިނެއް އައިސްފަ ހުރި ކުއްޖެއްތޯ ބަލަންވާނެ. މީހަކު ހައްދާނެ ގޮތަކަށް ހެދިގެން ހުރެގެން ނުވާނެ. ދަރިފުޅަށް ނޭނގުނަސް މި އަންހެންކުއްޖާ ދަރިފުޅަށް އޮޅުވާލައިފި" ގިސާމަތު ވާހަކަދެއްކިއެވެ.

ޝައުންއަށް ނުވިސްނުނެވެ. އޭނާއަށް ދެފަރާތަށް ބޯހޫރާލި ގޮތަށް ހެވެން އުޅުނެވެ. މާމަ އެ ބުނާ އެއްޗެއް އޭނާ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ފޮޓޯގައި އެވާ އަންހެންކުއްޖާ އޭނާއަށް އޮޅުވާނުލާކަން ދުއިސައްތަ ޕަސެންޓް އޭނާއަށް ޔަގީނެވެ. މާމައަށް އެ އުޅެނީ ސިފަ އެއްގޮތް ދެމީހަކު ފެނިގެންނެވެ.

"އޯކޭ މާމަ ގެންދިޔަޔަސް. އެކަމަކު މާމަ ކިހިނެއް ދަންނަނީ؟" ޝައުން އެހިއެވެ.

"މިއީ މާމައަށް ވަރަށް ހާއްސަ ކުއްޖެއް. އަދި ފަހުން ހުރިހާ އެއްޗެއް ދަރިފުޅަށް އެނގޭނެ" ގިސާމަތު ބުންޏެވެ.

****

މެންދުރު ނަމާދުކޮށްގެން ހަންނާ ކޮޓަރިން ނިކުމެ ގޭތެރޭގެ ހުރިހާ ދިމާލެއް ބަލައިލިއެވެ. ޕޫލް ސަރަހައްދަށް ނިކުމެވެސް ބެލިއެވެ. އޭނާ ނަމާދަށް ހުއްޓައި ގޭތެރެއިން މީހަކު އުޅޭކަމުގެ އިހުސާސްވިއެވެ. ހަންނާ ގޮވާލީ ތަންކޮޅެއް ދުރުގައި ގަސްތަކަށް ފެން ދޭން ހުރި އުމުރުން ދުވަސްވީ އަންހެނަކަށެވެ.

"އެއްވެސް މީހަކު އައިތަ؟" ހަންނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

"ލައްބަ. ރޫޔާކޮއްކޮ މައްޗަށް އަރައިފި" އެމީހާ ބުންޏެވެ.

ހަންނާ ހައިރާންވިއެވެ. މިވަގުތަކީ ރޫޔާ ގޭގައި ހުންނަންޖެހޭ ވަގުތެއް ނޫނެވެ. މިއީ ރޫޔާ ކިޔަވާ ގަޑިއެވެ. އަންގައިވެސް ނުލައި ރޫޔާ އައުމުން ހަންނާގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކޮޅުން ރޫޔާ އައީ އެކަނި ކަމަށް ހީކޮށް ބިރުވެސްގަތެވެ. ވަގުތުން ހަންނާ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

ރޫޔާގެ ކޮޓަރި ތަޅުގައި ހިފަން އުޅެނިކޮށް ރަނގަޅަށް ދޮރު އެއްކޮށް ނުލެއްޕި ހުރިތަން ފެނުމުން ދޮރު ފޭކޮށްލާފައި ހަންނާ ބަލައިލިއެވެ. އެނދު ކައިރީގައި ހުރި ފޮތް ހަރުގަނޑު ކައިރީގައި ރޫޔާ ހުއްޓެވެ. ފުރަގަހަށް ހުރުމުން ރޫޔާ ކުރަން ހުރި ކަމެއް ނޭނގުނެވެ. އަދިވެސް ރޫޔާ ހުރީ ޔުނިވާސިޓީއަށް ދާންވެގެން ލި ހެދުމާ އެކުގައެވެ. ސްވެޓަރާއި އަތްދަބަހާއި ފޯނު އެނދުމަތީގައި އޮތެވެ. ރޫޔާއަށް ގޮވާނުލައި ހަންނާ ތަންކޮޅެއް އެތެރެއަށް ވަދެގެން އައިސް ރޫޔާގެ މޫނު ފެންނަ ފަށުގައި ހުއްޓުނެވެ. އެ ހިނދު ހަންނާއަށް ލިބުނީ ހައިރާންކަމެކެވެ. ތާޒާ ހުދު ފިނިފެންމާތަކެއް ދެއަތުން ބޮނޑިކޮށްލައިގެން މޭގައި ޖައްސާލައިގެން ރޫޔާ ހުރީ ދެލޯ މަރައިގެންނެވެ. މީހާ ހުރީ ހިމޭންވެފައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ހަންނާ ހިތުގައި ސުވާލު އުފެދުނެވެ.

"ދަރިފުޅާ ރޫ..." މަންމަގެ އަޑު ކައިރިން އިވުމާއެކު ރޫޔާ ސިހުނެވެ.

އެނބުރުނު ގޮތަށް މާތަކާއެކު ދެއަތް ފުރަގަހަށް ލިއެވެ.

"ދަރިފުޅު ރަނގަޅުތަ؟" ހަންނާ އެހިއެވެ.

ރޫޔާ ބޯޖަހާލިއެވެ.

"މަންމައަށް ފެނިއްޖެ. ކޮންކުއްޖެއް ދިން މަލެއް؟ ބައްޕަތަ؟" ހަންނާ އެހިއެވެ.

"މިއީ... ބައްޕަ.... ބައްޕަ ރައްޓެހި ވާދީ އިން ދިމާވި ބޭބެ ހަދިޔާއަކަށް ދިން" ރޫޔާ ބުންޏެވެ.

ރޫޔާއަށް ގަބޫލެއް ނުކުރެވުނެވެ. އެ ދޮގު އެ ހެދީ ހަމަ އޭނާ ހެއްޔެވެ؟ އޭނާ ހާސްވެ ކަންބޮޑުވިއެވެ. މިއީ ދޮގު ހަދަންޖެހުނު ސަބަބެއް ކަމުގައި ރޫޔާ ނުދެކުނެވެ. އެކަމަކު ދެން ތެދަށް ބުނާކަށް ނުކެރޭނެއެވެ.

"އާދެބަލަ މިތާ އިށީންނަން" ރޫޔާގެ އަތުގައި ހަންނާ ހިފިއެވެ.

ކިޔަވާ މޭޒު މަތީގައި ހިތެއްގެ ބައްޓަމަށް ހުރި ބިއްލޫރި ވާސްއަށް މާތައް ޖެހުމަށް ފަހު ރޫޔާ އައިސް ހަންނާ ކައިރީގައި އެނދުގައި އިށީނެވެ.

"ކިހިނެއްވެގެން ތިއައީ؟ ކީއްވެ މަންމައަށް ނޫނީ ބައްޕައަށް ނުގުޅީ" ހަންނާ ބުންޏެވެ.

މަންމަގެ މޫނަށް ބަލައިލާފައި ރޫޔާ ހީލިއެވެ. ހިތުގައި އުފެދިފައިވި ހައިޖާނުގަނޑު ބޮޑެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަދި ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

"މަންމަ އުނގުގަ އޮށޯވެލަންތަ؟" ރޫޔާ ބުންޏެވެ.

ހަންނާ ބޯޖަހާލިއެވެ. މަންމަގެ އުނގުގައި ބޯއަޅާލެވުމުން ރޫޔާއަށް އިހުސާސްވީ މަޑު ކަފައެއްޗެއްގެ ތެރެއަށް ގެނބިގެން ދިޔަހެންނެވެ.

"ކުޑަކޮށް ބޮލުގަ ރިއްސީ. ބައްޕައާ އެކު މިއައީ. މަންމަ ކައިރީގަ ބައްޕަ ނުބުނޭތަ؟ ބައްޕަ ގެއަށް ނުވަދެ ދިޔައީ ވަރަށް ބިޒީކޮށް އުޅޭތީ. މިއަދު މެންދުރު ކާން ނާދެވޭނެއޭ ބައްޕަ ބުނި" ރޫޔާ ވާހަކަދެއްކިއެވެ.

"އެހެންވީމަ މަންމަ ނަމާދަށް ހުއްޓަ އެހާވަރަށް ފޯނަށް އެ ގުޅީ ބައްޕަދޯ. ނޭނގޭނެއްނު. މަންމަ މި ހުންނަނީ ވަރަށް ކަންބޮޑުވެފަ ރޫ އެކަނި ގެއަށް އައީ ކަމަށް ހީކޮށްފަ" ހަންނާ ވާހަކަދެއްކިއެވެ.

"މަންމާ! އަޅުގަނޑަށް ނިދެންދެން ތިގޮތަށް ފިރުމާލަން އިންނައްޗެ" ރޫޔާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟