ވާހަކަ

ނުފޫޒަކުން - 9

1

ހިތާ ދެކޮޅަށް ނަމަވެސް ޝައުން އަށް ޖެހުނީ ބޯޖަހާލާށެވެ. ނުރުހޭ ކަމެއްވިޔަސް ގިނަ ފަހަރަށް އެނާ ނޫނެކޭ ބުނާކަށް ނުކެރެއެވެ. މާމަ އަށް ކުރެވޭ އިހުތިރާމެއްގެ ސަބަބުންނެވެ.

ގިސާމަތާއި އަޖްވަދު ކޮޓަރިން ނިކުމެގެން ދިޔައީ ހިތްހަމަޖެހިފައި ހުރެއެވެ.

****

ފަންސާސް މިނެޓްގެ ބްރޭކެއް ލިބުމާއެކު އެކި ކުދިން ކްލާހުން ނިކުމެގެން އެކި ދިމާލަށް ހިނގައިގަތެވެ. ބައެއް ކުދިން ކެންޓީނަށް ދިޔައިރު ބައެއް ކުދިން ރައްޓެހިންނާއެކު ބެންޗުތައް ފުރާލައިފިއެވެ. ފެހި ކުލައިގެ ވިނަތަކުގެ މަތީގައިވެސް ޖޯޑު ޖޯޑަށް ކުދިން ތިއްބެވެ. ބައެއްކުދިން ޔުނިވާސިޓީ އިން ބޭރުގައި ހުންނަ ކެފޭ އަށް ވެސް ދިޔައެވެ. އެހުރިހާ ކުދިންނާ ރޫޔާ ތަފާތެވެ. އެނާ އެކަނި ހުރެ މަޑުމަޑުން ހިނގާފައި އައީ ނިކުންނަ ބޮޑޫ ގޭޓާ ދިމާލަށެވެ. ބައްޕަ އާއެކު ކުރީ ދުވަހު ދިޔަ ވާދީ އަށް އޭނާ ދާހިއްވަނީއެވެ. ފަންސާސް މިނެޓް ވަންދެން އެތަނުގައި ހޭދަކޮށްލުމަކީ ހިތަށް އެތައް ހިތްހަމަޖެހުމެއް ގެނުވާނެ ކަމެކެވެ. ހިނގާލާފައި އެދިމާލަށް ނުނިކުމެވޭހާ ދުރެއްވެސް ނޫނެވެ. އަތުކުރީގައި އޮތް ހިމަ ރިހި ކުލައިގެ ގަޑިއަށް ބަލައިލުމަށްފަހު ރޫޔާ ހިނގައިގަތެވެ. ވާދީ އަށް ދެވޭނެ ގޮތް ބައްޕަ ވަނީ އެދުވަހު އޭނާ އަށް ކިޔައިދީފައެވެ. ސްވެޓަރުގެ މަތިން ދެއަތުން ހަށިގަނޑުގައި ބައްދާލައިގެން ހުރެ ރޫޔާ ދިޔައީ އެންމެ ފަހަރަކުވެސް ފަހަތަށް ބަލައިނުލައެވެ.

ރޫޔާގެ ކޮންމެ ހަރަކާތަކަށް ބަލަމުން ފަހަތުން އައި ނިހާނަށްވެސް އެތަން ފެނި އާޝޯހްވިއެވެ. ވަށައިގެން އޭނާ ބަލަމުން ދިޔައެވެ. ނޭފަތުގައި އައިސް ޖެހުނު އެކި މާމެލާމެލީގެ މީރުވަހުން ނިހާނަށް އެތެރެއަށް ނޭފަތް ދަމައިލެވުނެވެ. ހީވީ މޭ ފުރިގެން އައި ހެންނެވެ. އަމިއްލަ ދުނިޔެއެއްގައި ހުރެފައި ހޭވެރިކަމެއްވުމުން ރޫޔާ ވީ ހިސާބެއް ބަލައިލިއެވެ. ކުޅިއަށް ފައިބައި ދިމާލުގައި ހުރި އެންމެ ބޮޑު ގަސް ކައިރީގައި ރޫޔާ ހުއްޓެވެ. ސްވެޓަރު އޮތީ އަތުގައެވެ. ބަލަހައްޓައިގެން އޭނާ ހުރީ ކުޅިއަށެވެ. ކެނޯ ގައި ދެކޮޅަށް ދުއްވަމުން ދިޔަ ދެ ޖީންސުގެ ޒުވާނުން ރޫޔާ އަށް 'ހައި' ޖަހަމުންވެސް ދިޔައެވެ.

"ދުނިޔެމަތީގެ ސުވަރުގެ. މާޝާﷲ..." މަޑުމަޑުން ރޫޔާ ބުންޏެވެ. މޫނުމަތީގައި އައިސް ބީހިލި ފިނި ވައިރޯޅިއާއެކު ރޫޔާއަށް ދެލޯ މަރާލެވުނެވެ.

ކުއްލިއަކަށް ސިހިފައި ރޫޔާ ފަހަތް ބަލައިލީ މީހަކު ކަރުކެހިލުމުންނެވެ. ފަހަތުގައި ނިހާން ހުރެދާނެކަމަށް އެނާއަށް ހީކުރެވިފައެއްވެސް ނެތެވެ. އެހެންނަމަވެސް ފަހަތުގައި ހުރި ނިހާން ފެނުމުން ހިތަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

"ފަސްޓް ޓައިމްހެން ހިއެއްނުވޭ" ރޫޔާ މޫނުން ނަޒަރު ވަކިކޮށް ކުޅިއަށް ނަޒަރު ހުއްޓާލަމުން ނިހާން ބުންޏެވެ.

"ސެކެންޑް ޓައިމް. ބައްޕަ އާއެކު އައިން. ކެނޯވެސް ދުއްވިން" ރޫޔާ ބުންޏެވެ.

ނިހާން ރޫޔާ ގެ މޫނަށް ބަލައިލިއެވެ. އެ ރީތި މޫނުމަތީގައި ކުރަހާލާފައިވާ ޗާލު ހިނިތުންވުމަކީ ގުދުރަތުގެ އެ ފުރިހަމަކަމަށް އިތުރު ފުރިހަމަކަން ގެނުވާނެ ކަމެކެވެ.

"އަހަންނާއެކު ކެނޯ ދުއްވާލާނީ ކޮންއިރަކު؟" ނިހާން ބުންޏެވެ.

ދުލަށް އައި ބަސް އޭނާ އަށް ބޭރުކޮށްލެވިއްޖެއެވެ. ނިހާނަށް ރޫޔާ ބަލައިލިއެވެ. ނިހާން އެފަދަ އެއްޗެއް ބުންޏަސް އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑެއް ނުވެއެވެ.

"ކޮން ހައިސިއްޔަތަކުން އަހަރެން ދާންވީ" ރޫޔާ ބުންޏެވެ. ނިހާނަށް ފުރަގަސްދީގެން ހުއްޓަސް ރޫޔާގެ ތުންފަތުގައިވި ހިނިތުންވުން ނިހާނަށް ފާހަގަވިއެވެ.

"ރޫޔާ..." ނިހާން މަޑުމަޑުން އެ ނަން ކިޔާލިއެވެ.

އޭނާގެ ނަން ނިހާން އެހާ މަޑުމަޑުން ކިޔާލި ފުރަތަމަ ފަހަރެވެ. އަޑުއަހާލަން ރޫޔާ އަށް ފަސޭހަވިއެވެ. އެ ގޮވާލުމިގައި ތަފާތު އަސަރެއްވާކަން ވެސް ރޫޔާ އަށް ފާހަގަވިއެވެ.

"އަހަރެން ކަމަކަށް އެދެފިއްޔާ ގަބޫލުކުރާނަންތަ؟" ނިހާން ބުންޏެވެ.

ރޫޔާ އަށް ޖަވާބެއްނުދެވި ނިހާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ތަފާތު ގޮތަކަށް އޭނާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ.

"ތެދަށް ބުނަންޏާ ތިކަހަލަ ނަޒަރަކުން މީގެކުރިންވެސް އަހަންނަށް އަންހެންކުއްޖަކު ބެލި. އަހަރެންގެ ހިތަށް އޭރު އެއްވެސް އަސަރެއްނުކުރޭ. އެކަމަކު ރޫޔާ ތިހެން ބަލަހައްޓައިގެން ހުރީމަ އަހަރެން ލަދު އެބަގަނޭ. އަހަރެން މޫނުގަ އެއްޗެއް ލިޔެފަ އިނީތަ؟" ނިހާން ބުންޏެވެ.

ބަލަހައްޓައިގެން ހުރެވުނުކަން ރޫޔާ އަށް އެނގުނީ ދެނެވެ. އަވަސް އަވަހަށް އޭނާ ހީލަމުން އިސްޖަހާލިއެވެ. ރޫޔާ އަށް ވިގޮތް ފެނުމުން ނިހާނަށްވެސް ހެވުނެވެ.

"ސޮރީ... ނޭނގޭ ބެލުނު ކަމެއް" ރޫޔާ ބުންޏެވެ.

"އަހަރެންގެ ރަހްމަތްތެރިކަން ގަބޫލުކޮށްފާނަންތަ؟" ނިހާން ބުންޏެވެ.

ރޫޔާ ބަލައިލުމާއެކު ނިހާން ދިއްކޮށްލީ ހުދު ފިނިފެންމާ ބޮނޑިއެކެވެ. ރަހްމަތެރިކަމުގެ ރަމްޒެއްގެ ގޮތުންނެވެ. އެއީ މާ ވިއްކާ މީހާ ފެނުމުން ފައިސާ ދީފައި އެނާ ހޯދި މާ ބޮނޑިއެކެވެ. އެ ހައްގުވެރިޔާ އަކީ ރޫޔާ ކަން އެވަގުތުވެސް އޭނާ އަށް އެނގުނެވެ. ޖަވާބެއް ނުދިން ކަމުގައި ވިޔަސް އެ މާބޮޑީގައި ރޫޔާ ހިފިއެވެ. ހުދު ފިނިފެންމަލަކީ ރޫޔާ ވަރަށް ގަޔާވާ މަލެއްކަން އެނގޭނީ އެކަނި ރޫޔާ އަށެވެ.

"ތީގެ މާނައަކީ ރޫޔާ އަހަރެންގެ އެކުވެރިއަކަށްވީއޭ ތަ؟" ނިހާން އެހިއެވެ. ރޫޔާ ބޯޖަހާލިއެވެ.

ނިހާންގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ޖީބުގައި އޮތް ތަޅުދަނޑި ނެގިތަށް ރޫޔާ ލެގިލައިގެން ހުރި ގަހުގައި އޭނާ ކަނޑާ ލިޔަން ފެށިއެވެ. ނިހާންގެ އެ ހަރަކާތަށް ރޫޔާ ހުރީ ބަލަހައްޓައިގެންނެވެ. ނިހާން ޖަހާލީ އެ ދުވަހުގެ ތާރީހެވެ. ތާރީހު ކައިރީގައި ދެކުދިންގެ ނަން ފެށޭ އަކުރުވެސް އޭނާ ލިޔެލިއެވެ.

"ހާއްސަ ދުވަހެއްވީމަ ފާހަގަކުރަންވާނެއްނު" ރޫޔާއަށް ބަލައިލަމުން ނިހާން ބުންޏެވެ.

****

ދެލޯ ހުޅުވާލުމާއެކު ފުރަތަމަވެސް ރޫޔާގެ ކަންފަތުގައި ޖެހުނީ ފަތިސް ނަމާދުގެ ބަންގީގެ ހިތްގައިމު އަޑެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ކުރަހާލީ ހަމަހިމޭން ފަތިހެއްގެ ތެރެއިން އެހާ ހިތްގައިމު އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އޭނާ ތެދުވެގެން ގޮސް އެންމެ ފުރަތަމަވެސް މަޑުކޮށްލީ ބެލްކަންޏަށް ނިކުމޭ ދޮރު ކައިރީގައެވެ. މަޑުމަޑުން ދޮރުފޮތިގަނޑުގައި ހިފައިލުމަށްފަހު އެއްފަރާތްކޮށްލިއެވެ. ފުރަތަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ ކުރިމައްޗަށް ހުރި ކޮޓަރިއަށެވެ. އެ ދޮރު ހުޅުވިފައެއް ނެތެވެ. މުޅި ސަރަހައްދަށް ވެރިވެފައިވާ ކަނު އަނދިރިކަން ނޫން އެހެން އެއްވެސް ކުލަވަރެއް ނެތެވެ. ނިދާފަ ކަންނޭނގެއެވެ. އެކަމަކު ނަމާދަށް ހޭލަންޖެހޭނެ ނޫން ހެއްޔެވެ؟ ނިހާން ނަމާދު ނުކުރަނީ ހެއްޔެވެ؟ އިނގިލީގައި ރޫޔާ ދަތްއަޅާލިއެވެ.

ފާހާނާއާ ދިމާލަށް ހިނގައިގަތްތަނާ ކޮޓަރި ދޮރުހުޅުވާލައިފިއެވެ. އެތެރެއަށް ވަނީ މަންމައެވެ.

ހޭލާތަ؟ މަންމަ މިއައީ ނަމާދަށް ގޮވާލަން ކަމަށް" ހަންނާ ބުންޏެވެ.

"ހޭލެވުނުތާ އިރުކޮޅެއްވެއްޖެ" ރޫޔާ ބުންޏެވެ.

"ވަރަށް ވިއްސާރަކޮށް އޮތީ. ނަސީބެއް މިއަދު ބަންދު ދުވަހެއްކަން. ނަމާދުކޮށްލައިގެން އާދޭ ބައްޕައާއެކު ޖިމަށް ވަދެލަން" ހަންނާ ބުންޏެވެ.

ރޫޔާ ބޯޖަހާލުމުން ހަންނާ ކޮޓަރި ދޮރުލައްޕާލާފައި ނިކުތެވެ. ރޫޔާ ހިނގައިގަތީ ފާހާނާއާ ދިމާލަށެވެ.

****

ކައިރީގައި އިނދެފައި ޝައުން ހިނގައިގަތް ވަގުތު ޖީބުން އެއްޗެއް ވެއްޓުމުން ގިސާމަތު ގޮވާލިއެވެ. އެނދުގައި ރަނގަޅަށް ހަމަޖެހިގެން އިނދެވުމުން އޭނާ އަށް ވެއްޓުނު އެއްޗެއް ނަގަން ތިރިނުވެވުނެވެ.

"ފޮޓޯއެއް ކަންނޭނގެ" ގިސާމަތު ބުންޏެވެ.

ޝައުން ގުދުވެފައި ފޮޓޯކޮޅު ނެގިއެވެ. ވެއްޓުނު ފޮޓޯކޮޅު ނުފުށަށް އޮތްކަން ނަސީބެވެ. އެހެންނޫނީ އެ ފޮޓޯގަ އިން އަންހެންކުއްޖާ މާމަ އަށް ފެނުނީހެވެ.

"ކޮންކުއްޖެއް؟ މާމައަށް ދައްކާލަބަލަ" ގިސާމަތު ބުންޏެވެ.

"އެހެން ފަހަރަކުން މާމައަށް ދައްކާލާނަން" ޝައުން ބުންޏެވެ.

"ތިއީ ދަރިފުޅު ލޯބިވާ ކުއްޖާތަ؟" ގިސާމަތު އެހިއެވެ.

ޝައުން އެނބުރުނީ އަނެއްފަރާތަށެވެ. އެހިނދު އޭނާގެ މޫނުމަތި މިލައިގެން ދިޔައެވެ. ލޯބިވީ އެކަނި އޭނާއެވެ. އެއީ ވެސް މޮޔަވާހާ މިންވަރަށެވެ. އެ އަންހެންކުއްޖާގެ ލޯބި ލިބޭތޯ އޭނާ ނުކުރާ ކަމެއް ނެތެވެ. އެތައް ދޮގެއްހަދަން މަޖުބޫރު ކުރުވީވެސް އެކުއްޖާއަށް ޓަކައި ހިތުގައި އުފެދުނު ދެގޮތެއްނުވާ ލޯތްބެވެ.

"މި ކުއްޖާގެ ވާހަކަނުދައްކަމާ މާމާ. މިއީ މިހާރު ނިނިފަ އޮތް ކަމެއް. މިހާރު މި ކުއްޖާ ވީތަނެއް ނޭނގޭ" ޝައުން ބުންޏެވެ.

ހިނިތުންވެގެން އިން ގިސާމަތުގެ މޫނުމަތި މިލައިގެން ދިޔައެވެ. އޭނާ ލޯބިވާ އެއްވެސް ކުއްޖަކަށް އެއްވެސް ކަމެއް ނާކާމިޔާބުވުމަކީ އޭނާ ބޭނުންވާގޮތެއް ނޫނެވެ. އޭނާގެ ދަރިއަކަށްވެސް އަދި އޭނާ އަށް ވެސް މި ބިމުގައި ނުފުދޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ.

"ނިދަން މިދަނީ. ގުޑްނައިޓް މާމާ" ގިސާމަތުގެ ކޯތާފަތުގައި ބޮސްދީފައި ޝައުން ހިނގައިގަތެވެ.

"ތިވާނީ ވަރަށް ހިތްމޮޅު އުނދަގޫ ބޮޑު އަންހެނަކަށް. ތިކުއްޖަކީ ނިކަން ކާކުކަން މާމަ ކައިރީގައި ބުނެބަލަ. ވަރަށް ރީއްޗަށް ފޮނިކަން ދައްކައިދޭނަން" ގިސާމަތު ކުދި ކިޔާލިއެވެ.

****

ބިލެއްގަނޑެއް ހިފައިގެން ޝީރީނާ ނިކުތީ މަގުމައްޗަށެވެ. ގެއާ އިންވެގެން ރާނާފައި ހުރި އަށިމަތީގައި އިން ދާއޫދު އަތަށް ބިލެއްގަނޑު ދީފައި އޭނާ އިށީނީ ޝީރީނާ ކައިރީގައެވެ. ރަނގަޅަށް ދުފާލުމަށްފަހު އަނބިމީހާ އަތަށް ދުފާ ތަށި ދާއޫދު ދިއްކޮށްލިއެވެ. އެހެންނަމަވެސް ޝީރީނާގެ ހަބަރެއް ނުވުމުން އޭނާ ބަލައިލިއެވެ.

"ހާދަ ފުން ވިސްނުމެއްގަ" ދާޢޫދު ބުންޏެވެ.

"ވިސްނޭނެއްނު. ތިން ދަރީންގެ ތެރެއިން އެންމެ ބަސްއަހާ ކިޔަމަންތެރި ދަރިއަކީ ނިހާން. ހިތަށްއަރަނީ އެ ކުއްޖާ އެހެރީ އަހަރެމެންނާ ހާދަހާ ދުރުގައޭ" ޝީރީނާ ބުންޏެވެ.

ރަތް ކުޅެއް ބިންމައްޗަށް ޖެހުމަށްފަހު ދާއޫދު އަނބިމީހާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

"މައިންނަކީ ދަރިންނާމެދު ކޮންމެ ސިކުންތަކު ވިސްނާނެ ބައެއް. އެއްވެސް މަޔަކަށް އެމީހެއްގެ ދަރިއަކު ބޮޑެއްނުވާނެ. ރުޅިއައިސް ހިތްހަމަނުޖެހިގެން އެއްޗެއް ބުންޏަސް މައިންގެ ހިތުގައި އަބަދުވެސް އެންމެ ކުރިން ޖާގަހޯދައިގެން ތިބޭނީ ދަރިން. އެކަމަކު ﷲ އަށްޓަކައި ތެދެއް ބުނެފާނަން. އަހަރެންވެސް... އަހަރެންގެ ތިން ދަރިން ނެތިފައި މިދުނިޔެ އަހަރެން ބޭނުމެއްނޫން" ދާއުދޫ އަސަރާއެކު ބުންޏެވެ.

"ހިތް ނުތަނަވަސްވޭ. ފާޑުފާޑު އެއްޗެހި ހިތަށްއަރާ. އަހަރެން ލޯ މަރާލުމުގެ ކުރިން ނިހާން....." ޖުމްލަ ފުރިހަމަނުކޮށް ޝީރީނާ ދޫކޮށްލީ ފުން ނޭވައެކެވެ.

"އެތަނުގައި އެކުއްޖާއަށް އަނެއްކާ އެއްވެސް ގެއްލުމެއް ނުވާނެބާ" ޝީރީނާ ބުންޏެވެ.

"ﷲ އިރާދަކުރެއްވިއްޔާ ނުވާނެ. ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދެމަފިރިންވެސް ނިމިގެންދާނީ ތިން ދަރީން ހަމައަށް ކައިރީގަ ތިބެގެން. ޝީރީން ތިވިސްނަނީ މާ ގޮސްކޮށް. އަހަންނަށް ޔަގީން ހަބީބް ހާޟިރުވެ ހުރި ތަނެއްގައި މަގޭ ދަރިއަކަށް ހާލެއް ނުޖެހޭނެކަން" ދާއޫދު ވާހަކަދެއްކިއެވެ.

ޝީރީނާ ހަށީފުރާ ނޭވައެއް ދޫކޮށްލިއެވެ.

"މުޅިންވެސް ވިސްނަންޖެހޭ ކަންކަން. ދައްތަ މަތިންވެސް ހާދަ ހަނދާންވެޔޭ. އަހަންނަށް ޔަގީން ދައްތަ މާލޭގަ އުޅޭކަން. ދައްތަ ގެ މައްޗަށް އަހަރެން ދުނިޔޭގައި ނެތަސް އަހަރެން އަބަދުވެސް ދައްތަ ދެކެން ބޭނުން. މިހާ ދުވަސްވިއިރު އަހަރެން ދުނިޔޭގައި ހުރިތޯވެސް ދައްތަ ބަލާނުލާ. އެކަމަކު އެންމެ ކުޑައިރުން ފެށިގެން އަހަންނަށް މައެއްގެ ލޯބި ދީގެން ގެންގުޅުނު ދެވަނަ މަންމަ އެއީ" އަސަރާއެކު ޝީރީނާ ވާހަކަދެއްކިއެވެ. އެއީ އަބަދުވެސް ޝީރީނާ ގެ ފާޑެވެ. ކަމަކާ ހިތްނުތަނަވަސް ކުރުވާ ކަމެއް ވެއްޖެނަމަ ހުރިހާ ވާހަކަތަކެއް އޭނާގެ ދުލާ ހަމައަށް އަންނާނެއެވެ.

"ކެތްތެރިވާ އަނބި ގޮއްޔޭ... ޔައުގޫބް އަލައިހިއްސަލާމް އަށް ޔޫސުފް އަލައިހިއްސަލާމް އެތައް އަހަރަކަށްފަހު ދެއްކެވި މަތިވެރި އިލާހް މަތިން ހަނދުމަ ނައްތާނުލާ. އަހަރެންގެ ދުއާ އަކީ މަރުވުމުގެ ކުރިން ކޮންމެސް ދުވަހަކުން ޝީރީން އާ ދައްތަ އާ ބައްދަލުވުން. އަހަރެން ދުއާ ކޮށްދޭނަން." ދާއުދޫ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.

****

ދެ ފައި ސޯފާއަށް ނަގައިގެން ރޫޔާ އިނީ ޓީވީ އިން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލާށެވެ. ގަޑިން ހެނދުނު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ރޫޔާ ބަލައިލީ ސޯފާގެ އަނެއްކޮޅުގައި ކަނަމަދު ތައްޓެއް ހިފައިގެން އިށީން މަންމައަށެވެ.

"ކޯޗެއް ހަދަން ތިއުޅެނީ މަންމާ" ރޫޔާ ބުންޏެވެ.

"ކަނަމަދު ކޭކެއް އަޅަން" ހަންނާ ބުންޏެވެ. "ބައްޕަ ރަނގަޅެއްނު. އެއްޗެއް ގަންނަން ދިޔަ މީހާ ވިއްޔާ"

ރޫޔާ ހީލިއެވެ. އޭނާ މަންމަގެ އަތުގައި ހުރި ކަނަމަދު ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ދެން މަންމަގެ އުނގުގައި ބޯ އަޅައިގެން ސޯފާގައި ދިގަށް އޮށޯވެލިއެވެ. ބުރުގާ މަތިން ރޫޔާގެ ބޮލުގައި ފިރުމަމުން ހަންނާ ދިޔައެވެ.

"ހަވީރަށް ދަރިފުޅު ތައްޔާރުވައްޗޭ" ހަންނާ ބުންޏެވެ.

"ހަވީރަށް ކީއްވެ؟ މީހަކު އަންނަނީތަ؟" ރޫޔާ އެހިއެވެ.

"ބައްޕަ ބުނި ނިހާން ސައިބޯން އަންނާނޭ" ހަންނާ ބުންޏެވެ.

ރޫޔާގެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ. ބަންދު ދުވަހަކަށް ވުމުން މުޅި ދުވަހު އޭނާ އަށް ނިހާން ނުފެންނާނެކަން އެނގޭތީ އޭނާ އިނީ ވަރަށް މޫޑީވެފައެވެ. ރަސްމީކޮށް ދެކުދިން ރަހްމަތްތެރިންނަށް ވިއިރު އެކަކު އަނެކަކުގެ ފޯނު ނަންބަރެއްވެސް ނެތެވެ. ކޮޓަރިއަށް ވަދެ ބެލްކަނިން ވިޔަސް ނިހާން ފެނިލާތޯ އެތައް ފަހަރަކު އޭނާ ބަލައިފިއެވެ.

"ޔުނިވާސިޓީ އިން ދަރިފުޅު ރައްޓެހިން ނުހޯދަންތަ؟" ހަންނާ އެހިއެވެ.

"ހުރިހާ ކުދިންނާވެސް ރައްޓެހި. ރައްޓެހިނޫން ދިވެހި ކުއްޖެއް އުޅޭ. އަޅުގަނޑު ހީލިޔަސް ހީވެސްނުލާނެ. ހީވަނީ އަޅުގަނޑުދެކެ ވަރަށް ރުޅިއަންނަން ކުއްޖެއްހެން" ރޫޔާ ވާހަކަދެއްކިއެވެ.

"ސުބްހާނަﷲ. މަންމަގެ ރޫޔާ ދެކެ ރުޅިއާދެވޭނެ އެއްވެސް މީހަކު މިދުނިޔޭގައި ހުންނާނެ ހެނެއް ހިއެއްނުވޭ" ހަންނާ ބުންޏެވެ.

"ދެން ނޭނގެ އެ ގާލް ވަރަށް ވިއާޑް. މަންމާ! ނިހާން އަންނާނީ ކިހާއިރަކު؟" ރޫޔާއަށް އެހެން އަހާލެވުނީ ގަސްތަކާނުލައެވެ. ރޫޔާ ދެ ދަތްޕިލަ ދޭތެރޭގައި ދޫ ފިއްތާލިއެވެ. ރޫޔާއަށް އައި ބަދަލު ހަންނާއަށް ވެސް ފާހަގަވިއެވެ. މީގެކުރިން ރޫޔާ އަކީ ނިހާންގެ ވާހަކަދެއްކި ކުއްޖެއް ނޫނެވެ.

"އަހާނެއްނު. އިއްޔެގަ އަޅުގަނޑުމެން މިތިބީ ރަސްމީކޮށް ފްރެންޑުންނަށް ވެފަ. ރައްޓެހިންނަކީ އެކަކު އަނެކަކުގެ ހާލުބަލާނެ ބައެއްނު" ރޫޔާ ވާހަކަދެއްކިއެވެ.

"ތިބުނީ ތެދެއް. ނިހާންގެ ފޯނު ނަންބަރެއް ނެތްތަ ދަރިފުޅު އަތުގަ" ހަންނާ އެހިއެވެ.

****

ގިސާމަތުގެ ކަނާއަތް ފަރާތުގައި ހުރި ފޯނަށް ފޯނެއް އަންނަން ފެށުމުން ވަށައިގެން ހޯދާލިއެވެ. މަސައްކަތްކުރާ އެއްވެސް ކުއްޖަކު ފެންނަ ހިސާބުގައި ނެތެވެ. ގިސާމަތު ކައިރިއަށް އައީ ރުޅިއެވެ.

"ފަޒީލާ..." އަޑުހަރުކޮށް ގިސާމަތު ގޮވާލިއެވެ.

އެއާއެކު ބަދިގޭގައި އުޅުނު އީނާ އައިސް ގިސާމަތު ކުރިމަތީގައި ހުއްޓުނެވެ.

"ފަޒިއްތަ ނަމާދުކޮށްލަން ވަނީ" އީނާ ބުންޏެވެ.

"ނަމާދޭ. ކޮން ނަމާދެއްތަ؟" ގިސާމަތު އަނގަ ހަދާލާފައި ބުންޏެވެ.

"ކަލޭ ބީރުތަ؟" ގިސާމަތު ބުންޏެވެ. އީނާގެ ދެ ބުމަ ގޮށްޖެހުނެވެ. އަނެއްކާ ގިސާމަތު ކައިރީގައި ބުނެވުނީ ނުގުޅޭ ވާހަކައެއް ހެއްޔެވެ؟ އެއްޗެއް ބުނާން ނޭނގިފައި އީނާ ހުއްޓެވެ.

"މި ފޯނު ރިންގުވާ އަޑު ނީވެން ކަލޭ ބީރު ހޭ މަ މިއަހަނީ" ގިސާމަތު ބުންޏެވެ.

ލައިގެން ހުރި ހެދުމުން ދެއަތް ފޮހެމުން އައި އީނާ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ. ހަމަ ޖެހި ގޮތަށް ފޯނުގެ އަތްގަނޑު ގިސާމަތަށް ދިއްކޮށްލިއެވެ.

"ބުނޭ މަގޭ މޯބައިލަށް ގުޅާށޭ" ކާކުތޯ އަހާވެސްނުލައި ގިސާމަތު ބުންޏެވެ.

ގިސާމަތު ބުނިގޮތަށް ބުނެފައި އީނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެހެންނަމަވެސް ހުއްޓި ހުރީ ގިސާމަތު ފެންނަ ހިސާބުގައެވެ. ކަމަކު ގިސާމަތު ގޯވާލާފާނެ ކަމަށެވެ.

"ކިހިނެއްވެފަ އާގަމަ އަރާފަ ތިހުންނަނީ؟ މިތަނުން ދާންއުޅޭ" ގިސާމަތު ހަޅޭއްލަވައިގަތެވެ.

ބަދިގެ އާ ދިމާލަށް ދާން ހިނގައިގަތްގަތަށް އީނާ ކުދި ކިޔާލިއެވެ. ހިތްމޮޅު އަންހެނެކެވެ. އަމިއްލަ އަށް ފޯނު ނެގޭނެއެވެ. ހަމަ ޖެއްސުމަށެވެ. އަވަހަށް މަރުވާން އުޅޭ އަންހެނެއްވެސް ނޫނެވެ. ތަންމަތިވާވަރުގެ ބައްޔެއްވެސް ނުވެއެވެ.

****

ގޭ ދޮރުން ބާރު ހިނގުމުގައި ގައި އަޖްވަދު ފުރަތަމަވެސް ގޭތެރެ ހުރިހާ ދިމާލަކަށް ބަލައިލިއެވެ. ސިޓިންގރޫމުން އެއްވެސް މީހަކު ފެންނަން ނެތުމުން އެނާ އެރީ ސިޑިން މައްޗަށެވެ. ލައިގެން ހުރި ގަމީހުގެ އަތްކުރި އޮޅަމުން ގޮސް އޭނާ މަޑުކޮށްލީ ގިސާމަތުގެ ކޮޓަރި ދޮރުމަތީގައެވެ.

"މަންމާ! ވަންނަން އެބަ" ދޮރުމަތީގައި ހުރެފައި އަޖްވަދު ބުންޏެވެ.

އެތެރެއިން ގިސާމަތުގެ ހުއްދަ ލިބުމާއެކު އަޖްވަދު އެތެރެއަށް ވަނެވެ. ކޮޓަރި މެދުގައި ހުރި ވަރުގަދަ އެލޭ ގޮނޑީގައި ރާނީއެއް ވެޑުވިފައި އިންނަހެން ގިސާމަތު އިނެވެ. މޫނުމަތީގައި ވަނީ ހަމަޖެހުމެވެ.

"ތިހިރަ ބްރީފްކޭސް ނަގާފަ އެތެރެ ބަލައިލަބަލަ" ގިސާމަތު ބުންޏެވެ.

ހައިރާންވެފައި އެއްފަހަރު މަންމަގެ މޫނަށް އަނެއްފަހަރު ބްރީފްކޭސް އަށް ބަލައިލާފައި އަޖްވަދު އެނދާ ދިމާލަށް ހިނގައިގަތެވެ. މަންމަ ބުނިގޮތަށް އޭނާ ކަންތައް ކުރިއެވެ.

"މިއީ ކޮންހާ ފައިސާއެއް؟" އަޖްވަދު އެހިއެވެ.

"ތީގަ ފައިސާ ހުރި ކިހާ އަދަދަކަށް ކަމެއް އަހަރެން ނުބަލަން. ތި ގެންގޮސް މިގޭ ނޯކަރުންނަށް ބަހާލާ" ގިސާމަތު ބުންޏެވެ.

ބްރީފްކޭސް ލައްޕާލާފައި އެނދުގައި އަޖްވަދު އިށީނެވެ. މިވާގޮތެއް އަދި އެނާ އަށް އޮޅުމެއްނުފިލައެވެ. ލިބުނު ހައިރާންކަންވެސް އަދި ކުޑައެއް ނުވެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟