ވާހަކަ

ކަފަވިލާތަކު ތެރޭ - 2

1

ގޭތެރޭގެ މަސައްކަތާއި ބަދިގޭގައި ކުރަން ހުރި ކަންތައް ނިންމައިލުމަށްފަހު ޒައިނާއަށް ހިންދެމިލެވުނު އިރު އާދައިގެ މަތިން ރޭގަނޑުގެ ފުރަތަމަ ދަމަށް ނިމުމެއް އަންނަނީއެވެ. މުޅި ގޭތެރެއަށް އޮތީ ނިދީގެ ހިމޭންކަން ވެރިވެފައެވެ. ނިދަން އޮށޯތުމުގެ ކުރިން އަސްމާ ކޮބައިތޯ ބަލައިނުލާ ހިތްހަމަނުޖެހޭނެތީވެ، ޒައިނާ އަސްމާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލައި ބަލައިލިއެވެ.

ކޮޓަރީގެ އެއްފަރާތެއްގައި ހުރި އެނދެއްގައި ނަތާޝާ އަރާމުކޮށް ނިދާފައި އޮތެވެ. މިއީ ޒިޔާދުގެ ހަގަށް ދެވަނައަށް އިން އަންހެން ކުއްޖާއެވެ. މުޅި ގެއިން ވެސް އޭނާ ދެކެ އެންމެ ނަފުރަތު ކުރާ މީހަކީ ނަތާޝާއެވެ. ފާޅުގައި އެއްޗެހިކިޔުމާއި ޖެއްސުން ކުރުމަކީ ނަތާޝާގެ އާދައެކެވެ. އޭނާ ފުންނޭވާއެއްލަމުން ކޮޓަރީގެ އަނެއް ކަނުގައި ހުރި އެނދާއި ދިމާއަށް ހިނގައިގަތެވެ.

ފިލާވަޅު ދަސްކުރުމަށް ފޮތެއް ހިފައިގެން އޮއްވައި ނިދިފައި އޮތް އަސްމާ ފެނުމުން އޭނާ ހިތަށް ހަމަޖެހުން ލިބުނެވެ. “މައުސޫމު ކުއްޖެކެވެ. އެކައްޗެއްވެސް ނުވިސްނޭ މޮޔަ ކުއްޖެކެވެ. ވަރަށް ބޮޑެތި ވާހަކަ ދައްކާނެއެވެ. އެކަމަކު ކުޑަކުޑަ ކުއްޖާއަށް ކުރެވޭނީވެސް ވަކި ކޮންކަމެއް ހެއްޔެވެ.”

އޭނާ ހިތާހިތުން ވާހަކަ ދައްކަމުން އަސްމާގެ މޭމަތީގައި އޮތް ފޮތް ނަގައި އެނދުގެ އެއްފަރާތުގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ. އަދި އަސްމާގެ ގައިގައި ފޮތިގަނޑެއް އަޅައިލުމަށްފަހު މަޑުމަޑުން ގޮސް ކޮޓަރީގެ އަލިބޮކި ނިވައިލާ ނިދާބޮކި ދިއްލައިލިއެވެ.

އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު ޒައިނާ ވަރުބަލިކަމުގެ ނޭވާއެއް ދޫކޮށްލިއެވެ. ރެޔާދުވާލު ބުރަ މަސައްކަތް ކޮށްކޮށް އޭނާގެ ގައިގެ ހުޅުތަކުގައި ނުފިލާ ރިހުމެއް ހަރުލަން ފަށައިފިއެވެ. ތުނި އޮމާން އަތްތިލައިގެ ހަންބޯވެ އިނގިލިތައް ކުރަލާ ނިޔަފަތިތައް ކަޅުވާން ފަށައިފިއެވެ. އޭނާގެ ތާޒާ ރީތިކަން ގެއްލުނީ ކިހައި އަވަހަކަށް ހެއްޔެވެ.

މަޑު ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނުމާއެކު އޭނާއަށް ވަރުބަލިކަމާއި ލޮނޑުކަން އިހުސާސް ކުރެވުނެވެ. ބާލީސް ރީތިކޮށްލުމަށްފަހު އޮށޯވެލީ ހަށިގަނޑަށް ލުޔެއް އަރާމެއް ހޯދައިދިނުމަށް އަވަހަށް ނިދުމަށް ބޭނުންވި ނަމަވެސް އޭނާގެ ކަޅި ޑްރެސިންގޓޭބަލް މަތީ ހުރި ބޮޑު ފޮޓޯ ލޯގަނޑަށް ހުއްޓުމާއެކު ލޮލުގައިވާ ނިދީގެ އަސަރު ވަދެފިލީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.

އެ ފޮޓޯ ލޯގަނޑުގައި ހިނިތުންވެފައިވާ އެކަކީ ހަމަ ޔަގީނުން ވެސް އޭނާއެވެ. ޒައިނަބެވެ. ޒުވާންކަމާއި ޝާއްބަކަމުގެ އެންމެ ފުރިހަމަ ރީތި ޒައިނަބުގެ ލޯ ފަހުރުވެރިކަމާއެކު ހުއްޓިފައިވަނީ އޭނާގެ އުނގުގައި ނިދާފައި އޮތް ވަރަށް ތުއްތުތުއްތު ކުއްޖެއްގެ މޫނަށެވެ. އޭނާގެ އެއް އަތް އޮތީ އެ ކުއްޖާފުޅު އޮތީ ވާށައިލެވިފައެވެ. އަދި އަނެއް އަތް އޮތީ އޭނާއާއި ދާދިގާތުގައި އެ ކުއްޖާގެ ކުޑަކުޑަ އިނގިލިތަކުން ހިފަހައްޓައިލެވިފައިވާ އަތްތިލައިގެ ވެރި އަންހެންމީހާގެ އަތްތިލައިގެ ތެރޭގައެވެ. ރީތި ޒަމާނީ އަންހެނެކެވެ. އެ ދެ މީހުންގެ ތަސްވީރުގައި އެވާ ތުއްތު ކުއްޖާގެ ރީތިކަމާއި ފުރިހަމަކަން ދެކެފައި ހިނިތުން ވަނީއެވެ.

އޭނާގެ ކަޅި ހުއްޓުނު އެ ތާރީހީ ފޮޓޯ ލޯގަނޑު އޭނާ ގޮވައިގެން ދަތުރުކުރީ އޭނާގެ މާޒީއަށެވެ. އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކާ ދިމާއަށެވެ. އޭނާގެ އެންމެ ހާއްސަ ހަނދާންތަކާއި ދިމާއަށެވެ. އެތައް އުނދަގޫތަކާއި ހިނިތުންވުމަކާއި ވޭނެއް ތަހައްމަލު ކުރަން ޖެހުނު މާޒީއާ ދިމާއަށެވެ.

****

"ޒައިނާ އާއި ނިންމި، 2001، މާލެ"

"ސަޓަޑޭ ނައިޓް" ގެ ޑިސްކޯ ހޯލު ފުރެނީއެވެ. އަދިވެސް ޒައިނަބު އިންތިޒާރު ކުރަން އެއިން މީހާގެ ހިލަމެއްވެސް ނުވެއެވެ. މިހާރު ގަޑިން ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. ބައިބަޔަށް ދެ ޖިންސުގެ ޒުވާނުން ވަންނަމުންދާ ހޯލުގެ މައިދޮރާއި ދިމާއަށް އޭނާ ކެތްތެރިކަމެއް ނެތް ލޮލަކުން ބަލަމުން ދިޔައެވެ.

މި ހޮޓަލަކީ އޭނާގެ މަންމައާއި ބައްޕަގެ އަމިއްލަ ވިޔަފާރީގެ ތެރެއިން އެންމެ ބޮޑު ފައިދާއެއްވާ ތަނެވެ. ކޮންމެ ހަފުތާއަކު އެއް ފަހަރު މިތާނގައި ބާއްވަމުން އަންނަ ވީކެންޑް ޑިސްކޯ ނުވަތަ ސަޓަޑޭ ނައިޓް ޑިސްކޯއަކީ މަންމަގެ ހިޔާލުތަކުގެ ތެރެއިން މޮޅު ހިޔާލެކެވެ. އޭގެ ސަބަބުން މަންމަމެންގެ ވިޔަފާރިއަށް ފުދޭ ވަރަށްވުރެ ރަނގަޅު ކުރިއެރުމެއް ލިބެން ފަށައިފައިވެއެވެ.

ހަނދާން ހުންނަން ފެށީއްސުރެން ވެސް ޒައިނާއަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ. އޭނާ ބޮޑުވަމުން އަންނަނީ ފައިސާގެ ފުނިވަރުތަކުގެ ތެރޭގައެވެ. އޭނާގެ ހިދުމަތުގައި އަބަދުވެސް ކޮންމެވެސް ހާދިމަކު ހުރެއެވެ. އޭނާއަށް ހާއްސަ ނޯކަރަކު ގޭގައި ނޫޅޭއިރެއް ހަނދާނެއް ނުވެއެވެ. ކުރީގައި ކޮންމެ މަހަކު އެއް ފަހަރު ކަހަލަގޮތަކަށް އޭނާއަށް އާ ޓީޗަރެއް ގެއަށް ގެންދެއެވެ. އެކަމަކު… އެކަން ހުއްޓައިލަން ޖެހުނީ އޭނާގެ އުމުރުން ދިހަ އަހަރުގައި އެގެއަށް ގެންދިޔަ އަންހެންކުއްޖެއްގެ ސަބަބުންނެވެ. އެއްވެސް ޓީޗަރަކަށް މައިތިރިކޮށް ހަމައަކަށް ނޭޅުވުނު ބޯހަރު ގޮތްދޫނުކުރާ ކުއްޖާ އޭނާއަށް ކިޔަމަންތެރިކޮށް ފިލާވަޅުތަކަށް ޝައުގުވެރިވާ ކުއްޖަކަށް ބަދަލުކުރީ ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި އޭނާއަށް ފިލާވަޅު ބުނެދޭން އެ ގެއަށް ދިޔަ ނަވާރާ އަހަރުގެ އަންހެން ކުއްޖެކެވެ.

އެންމެ ފުރަތަމަ ނަޖުމަކީ އޭނާގެ ޓިއުޝަން މިސް އެވެ. އޭނާއަށް ހެޔޮ ބަދަލެއް އައުމުން ބޮޑު އަގުދީފައި ނަޖުމް ހާއްސަކުރީ އޭނާގެ އާޔާއަކަށެވެ. ނުވަތަ އޭނާ ބަލަހައްޓާ މީހަކަށެވެ. އެ ހިސާބުން އޭނާ ނަޖުމަށް ގޮވަން ފެށީ “ނިންމި” ނަމުންނެވެ. އަދި ދެން ނިންމި ވެގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވެސް މެއެވެ.

ހަ އަހަރު ދުވަހު ނަޖުމް އުޅުނީ ޒައިނާއާ ދާދި ގާތުގައި އުޅުމަށްފަހު ނަޖުމްގެ ބައްޕަ މާލެ އައުމާ ގުޅިގެން ނަޖުމް އެގެއިން ދިޔައީއެވެ. އެހެންނަމަވެސް އޭގެ ފަހުން މިވީ އަހަރެއްހައި ދުވަސްތެރޭގައި ވެސް ނަޖުމްގެ ގިނަވަގުތު ހޭދަކުރެވެނީ އޭނާއާ އެކުގައެވެ.

“އެއޮތް އަންނަނީނު” ………… ހޯލު ތެރެއަށް ވަދެގެން އައި މޮޑަން ރީތި އަންހެން މީހާ ފެނުމުން ޒައިނާ ތުންތަޅުވައިލިއެވެ. ނަޖުމަކީ ޒަމާނީ ފެޝަނަށް ލޯބިކުރާ އަންހެނެކެވެ. ކަނދުރާއާ ހަމައިން ކޮށައިލާފައިވާ ފަށުވި ކޮޅެއްހައި އޮމާން އިސްތަށިގަނޑުގެ ތެރެއިން ލުއި މޭކަޕެއް ކޮށްފައިވާ ނަޖުމްގެ ރީތި މޫނު ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. މަޑު ރީނދޫ ކުލައެއްގެ ގަމީހަކާއި ކަޅު ކުލައެއްގެ ޖިންސެއްގައި ނަޖުމް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.

”މެޑަމް-ސޮރީ-ސޮރީ”…… މޭޒުދޮށަށް ހުއްޓިލުމާއެކު ޒައިނާގެ މޫނުފެނިފައި ނަޖުމް މައާފަށް އެދުނެވެ. ހަމަ ކުއްލިއަކަށް ވަރަށް ބޮޑު ކަމެއް ނިންމަން ޖެހުނީ، އެހެންނޫންނަމަ ބަރާބަރު ގަޑިއަށް އައީމުސް”

“ކަލޭ މިހާރު ވަރަށް ފޭކު ވެއްޖެ. މަށަކީ މިހާރު އެއްވެސް މީހެއް ނޫން. އެކަމަކު ބުނާނެ ދުވަހަކުވެސް މަ ބާކީ ނުކުރާނަމޭ.” ޒައިނާ އިނީ ދެރަވެފައެވެ.

"ޔާރާ-ކަލޭ ބޮޑުވާނީ ކޮން އިރަކު؟" އަތްދަބަސް މޭޒު މަތީގައި ބަހައްޓަމުން ނަޖުމް ގޮނޑިއެއްގައި އިށީނެވެ.

”ކިތަންމެ ބޮޑުވިއަސް ކަލެއާ ނުލައި އުޅޭކަން ނޭނގޭނެ” ޒައިނާ އެ ބުނީ ތެދަށެވެ.

ނަޖުމަކީ އޭނާއަށްޓަކައި ހާއްސަ މީހެކެވެ. އޭނާއަށް މަންމައާއި ބައްޕަގެ ލޯބި ދިނީ ނަޖުމެވެ. ދައްތައެއްގެ އޯގާތެރިކަން ދިން މީހަކީވެސް ނަޖުމެވެ. އަދި އޭނާއަށް ލިބުނު އެންމެ ހެޔޮއެދޭ އިހުލާސްތެރި ރަހުމަތްތެރިއަކީ ވެސް ނަޖުމެވެ.

އޭނާގެ ހަޔާތުގެ އެންމެ ހާއްސަ އެންމެ މުހިންމު ވަގުތުތަކުގައި އޭނާއާއި އެންމެ ގާތުގައި ހުރި މީހަކީ ވެސް ނަޖުމެވެ. އޭނާ ކުޑަ ކުއްޖަކުން، ބޮޑުވެ ފުރާ ފުރިހަމަވި ވަގުތު އޭނާއަށް ބުނެދީ ވިސްނައިދިނީ މަންމައެއް ނޫނެވެ. ކުލާހުގެ އެހެން ހުރިހާ އަންހެން ކުދިން އެ ކުދިންގެ އެ ދުވަހު މަންމަ ދިން ނަސޭހަތާއި އެ ދުވަހަކުގައި މަންމަ ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދެއެވެ. އެހެން ނަމަވެސް އޭނާގެ އެ ހާއްސަ ދުވަހު އޭނާގެ ގާތުގައި ހުރީ މަންމަގެ ބަދަލުގައި ނަޖުމެވެ. ގަތް ބިރުންނާއި ކަންބޮޑުވި ވަރުން އޭނާ ނަޖުމްގެ އުނގުގައި އެ ދުވަހު އެތައް އިރަކު ރޯން އޮތެވެ. ނަޖުމް އޭނާއަށް ހެޔޮ ނުބައި ވިސްނައިދީ ކެތްތެރިކަމާއެކު އޭނާގެ ހުސްނުވި ސުވާލުތަކަށް ޖަވާބު ދިނެވެ. އޭނާގެ ޕޭރެންޓް އެންޑް ޓީޗާ ބައްދަލުވުންތަކުގައި ސްކޫލަށް ދަނީ މަންމައާއި ބައްޕަގެ ބަދަލުގައި ނަޖުމެވެ. އޭނާގެ ފުރަތަމަ ނަމާދުގެ އިމާމަކީ ވެސް މިއީއެވެ. އޭނާއަށް ދީނާއި ދުނިޔެ ކިޔައިދީ ހެޔޮ ނުބައި ބުނެދޭ މީހަކީވެސް މިއީއެވެ. ވީއިރު އޭނާއަށް މި މީހާއާ ވަކިން އުޅެން ފަސޭހަވާނީ ކިހިނަކުން ހެއްޔެވެ.

“ހާސްނުވޭ. އައްޔައަކީ ވަރަށް ހާއްސަ މީހެއް. އެކަމަކު ކަލޭގެ ހާއްސަކަމެއް އެކުވެރިކަމެއް ބަދަލެއް ނުވާނެ.” ނަޖުމަށް އޭނާގެ ހިތާއި ސިކުނޑީގައި އެނބުރޭ ހިޔާލު ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެއީ އަބަދުވެސް އާދައެވެ. އޭނާ ކަމަކާ ކަންބޮޑުވެ ދެރަވިޔަސް އެ ވާހަކައެއް ބުނުމުގެ ކުރިން ނަޖުމް އެކަމެއް ދެނެގަނެއެވެ.

“ނިންމިއަށް އަހަރެން ކިހައި ރަނގަޅަށް އެނގޭ. މަށަށް މަގޭ ކަންތައް ނޭނގޭ ވަރަށް ކަލެއަށް މަގޭ ކަންތައް އެނގޭ.” އޭނާ އުފާވެފައި ބުނެލިއެވެ.

“ބަލަ މަގޭ ވެސް ބެސްޓްފްރެންޑަކީ ތިއީއޭ. އެހެންވީމަ އެނގޭނެއެއް ނޫން." ނަޖުމް ހިނިތުންވެލިއެވެ.

“އައްޔަ ކޮބާ؟ މިރޭ ގެންނާނަމޭ ބުނީމެއްނު؟”

“އަސްތާ. އެއީ ވަރަށް ބިޒީ ބޭކަލެއް. އެކަމަކު މިރޭ މި ތަނަށް އަންނަން ޕްރޮމިސްކޮށްފައި އޮތީ. ތަންކޮޅެއް ލަސްވިޔަސް އަންނާނެ.” ނަޖުމް ބުނެލިއެވެ.

“ދެން ބުނެބަލަ. އެއީ ކޮންގެއެއްގެ ކިހާވަރެއްގެ މީހެއްތަ؟ ރީތި ސްމާޓް މީހެއްތަ؟” ޒައިނާ އިނީ އޮޅުންފިލުވަން ބޭނުންވެފައެވެ.

”ރީތި. ސްމާޓް. ހޭންޑްސަމް. އެކަމު ކޮންގެއެއްގެ ކާކުކަން ބުނާނީ މީޓްކޮށްދީފަ.” ނަޖުމް ހިނިތުންވެލިއެވެ. "ވަރަށް ބަނޑުހައި .... ހިންގާ ކާ އެއްޗެހި ގެންނަން.“

ޒައިނާ ވެއިޓަރަށް އިޝާރާތްކޮށްލިއެވެ. ”ސީފުޑް ސްޕެޝަލް ދެން” ޒައިނާ ބަލައިލީ ނަޖުމަށެވެ. “ދެން ސްޕަރައިޓް” ޒައިނާ އޯޑަރު ދޭން ފެށުމުން ވެއިޓަރު ނޯޓުކުރަން ފެށިއެވެ.

“ސާބަސް ހާދަ ބައިވަރެއް؟" ވެއިޓަރު ދިއުމުން ނަޖުމް ހައިރާންވެފައި އަހައިލިއެވެ.

“ކާން ވާނީ. އޯޑަރު މި ދިނީ ކަލެއަށް އެންމެ މީރު އެއްޗިއްސަށް.” ޒައިނާ ބުނެލިއެވެ. ”ބުނެބަލަ. ކޮންކަމެއް ނިންމަން ޖެހިގެންތަ މިހާ ލަސްވީ؟“

"އެންމެ ވިއްސަކަ މިނެޓް ލަސްވެގެން ތުން ދެމިއިރު އެ ވާހަކަ އިވުމުން މިރޭގެ ކެއުން ހަރާބު ކުރާނެކަން ޔަގީން. ކައި ނިމުމުން ބުނާނަން.." ނަޖުމަށް ޒައިނާގެ ވައްތަރު ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އޭނާ އެ ވާހަކަ ބުނާކަށް ބޭނުން ނުވިއެވެ.

”ކަލޭގެ ކޯސް އޯކޭވީ. ފުރަން ޖެހުނީ.” ހީކުރި ވަރަށްވުރެ ފަސޭހައިން ޒައިނާއަށް ނަޖުމް ނުބުނަށް އެ އުޅޭ ވާހަކަ އެނގުނެވެ.

“އާނ. ކުރީ ފަހަރުވެސް ލަސްކުރީ ކަލޭގެ ޓެސްޓް އޮތީމަ. އެކަމަކު މިފަހަރު ކެންސަލްކޮށްފިނަމަ ބައްޕަ ދެނެއް މަސައްކަތެއް ނުކޮށްދޭނެ. އެހެން ނޫނަސް ބައްޕަ ވެސް އެކޮޅަށް ދާންޖެހިފައި އޮތީމަ މިފަހަރު ދާން ޖެހޭނީ.” ނަޖުމް އިނީ ކަންބޮޑުވެފައެވެ. ޒައިނާއަށްޓަކައި މިއީ ކިހާ އުނދަގޫ ވާހަކައެއްކަން އޭނާއަށް އެނގެއެވެ.

“ކަލޭ ދިޔައީމާ ވަރަށް އެކަނިވާނެ. އެކަމަކު ތި ކޯހަކީ ކަލޭގެ ވަރަށް ބޮޑު އުއްމީދެއް. މައްސަލައެއް ނެތް. މަގޭ ޝަރުތެއް އެބައޮތް.. އެ ޝަރުތާ އެއްބަސްވެއްޖެނަމަ މިރެއިން މިރެއަށް ކަލޭ ފުރައިގެން ދިޔަޔަސް ޝަކުވާއެއް ނުކުރާނަން.” ޒައިނާ ވައިގެ ތެރޭގައި އެއް އިނގިލި ހޫރުވައި ލަމުން ބުނެލިއެވެ.

“ކަލޭ ބުނާކަށް ނުޖެހޭނެ… އަހަރެން ބަރާބަރަށް ކަލެއަށް ގުޅާނަން..” ނަޖުމް ހިނިތުން ވެލިއެވެ.

“މިފަހަރު ނޭނގުނު…” ޒައިނާ ބާރަށް ހީނގަތެވެ. "އަހަރެން މީހަކާ އިންނަންވާއިރަށް ކަލޭ އަންނަން ޖެހޭނެ. އެއީ މަގޭ ޝަރުތަކީ”

“ކައިވެންޏޭ..؟ ކަލޭ..؟” ނަޖުމަށް ހީނގަނެވުނެވެ.

“ކިހިނެއްވީ؟… މަ ހަމަ އެހާ ހުތުރީތަ؟” ޒައިނާ ދެލޯ ބޮޑުކޮށްލިއެވެ.

“ނޫނޭ… އެއްގޮތަކަށްވެސް ތިހެނެއް ނޫން… ނަޖުމް ސީރިއަސް ވެލިއެވެ. “ކަލޭ ތިއީ އަސްލު ވެސް ވަރަށް ރީތި ކުއްޖެއް.. މައްސަލައަކީ ކަލޭގެ ރުޅި… އެކަމާ ގަބޫލުވާން ކެރޭނެ އެއްވެސް ފިރިހެނަކު އުޅޭނެ ކަމެއް ނޭނގެ…”

“ކަލޭ ބުނަމެއްނު.. ލޯބިވެވިއްޖެއްޔާ މަ ވަރަށް ބަދަލުވާނެއޭ… ދެން ތި ބުނާ ރުޅި އެމީހަކަށް ދައްކާކަށްވެސް ނުކެރޭނެއެއްނު..” ޒައިނާ ބުނެލިއެވެ.

“އާނ.. އެކަމަކު އެވަރުގެ ފިރިހެނަކު ކަލެއާ ދިމާވާނީ ކޮން އިރަކުބާ؟ ކަލެއަކީ ހިތްމޮޅު ކުއްޖެއް… ވަރަށް ރީތި ނުވެއްޖެއްޔާ ކަލޭ އެމީހަކަށް ނުލެނބޭނެކަން ޔަގީން.."

“ތިއީ ތެދެއް.. މަގޭ ފިރިމީހާ ވާންޖެހޭނީ ވަރަށް ވަރަށް ރީތި މީހަކަށް..” ޒައިނާ ބުނެލިއެވެ.

“އޭތް.. ތިއްތާ..” ކުއްލިއަކަށް ތެޅެމުން ފޮޅެމުން އައި ފިރިހެން ކުއްޖެއްގެ އަޑު އެ ދެ މީހުން ސިއްސުވައިލިއެވެ. ބައްޕަ ތިއްތަ ނުފެނިގެން އެބައުޅޭ.. ނަސީބެއްނު މިތަނަށް އާދެވުނުކަން..”

“އަސްތާ…” ނަޖުމް ހާސްވެފައި ފުންމައިގެން ތެދުވިއެވެ.

“ޒައިނާ.. މަޑުކުރައްޗޭ… ގެއަށް ގޮސްފައި އަންނާނަން.. އެހާ ލަހެއް ނުވާނެ.. އިނގޭ..”

“އޯކޭ… ކިތައް މިނިޓް..؟ ޒައިނާ އަހައިލިއެވެ.

"ބައިގަޑިއެއް ހާއިރު……" އަތްދަބަސް ނަގައިގެން އެއްކަހަލަ ފިރިހެން ކުއްޖާއާ ކޮންމެވެސް ވާހަކައެއް ދައްކަމުން ނަޖުމް ދާން ހިންގައިގަތެވެ.

ނަޖުމް ދިއުމުން ޒައިނާ ގޮނޑިގައި ލެނގިލިއެވެ. އަދި ޑިސްކޯ ހޯލުގައި މިޔުޒިކާ އެއްވަރަށް ފައި ހަމަކުރަން ތިބި މީހުންނަށް ބަލަން ފަށައިފިއެވެ.

"ހައި… ހާދަ އެކަނިވެރިވެފަ….؟" ނުދަންނަ އަޑެއް އިވުމުން ޒައިނާ އެނބުރިލިއެވެ. ދާދިގާތުގައި ހުރީ ދުވަހަކު ވެސް ނުދެކޭ ބީރައްޓެހި މޫނެއްގެ ވެރިއެކެވެ.

”އެކަނިމާއެކަނި ތިހާ ރީތި އަންހެން ކުއްޖަކު އިނުމަކީ ނިކަމެތި އަޅުގަނޑުގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫން……” އެއްވެސް ޖެހިލުމެއް ނެތި ގޮނޑިއެއްގައި އިށީންނަމުން އެ ޒުވާނާ ހިނިތުންވެލިއެވެ.

ހާދަ ގޮތެއްފޮތެއްވެސް ނެތް މީހެކެވެ. ހުއްދަ ހޯދުމަކާއި ނުލައި އޭނާއާ ގާތުގައި އިށީއިނީއެވެ. މިއީ ކޮންފަދަ ޖަންގައްޔަކުން ނުކުމެގެން އައި ނާތަހުޒީބެއް ބާވައެވެ. ޒައިނާ ހިތާހިތުން އެއްޗެހި ކިޔައިލިއެވެ.

“ތިހާ ރީތި އަންހެން ކުދިން ކިބައިން ހުއްދަ ހޯދުމަކީ އަހަރެން ކުރާ ކަމެއް ނޫން…. އަހަރެންގެ ކަމަކީ ތިޔަ ކަހަލަ ލޫޅާފަތި ކުދިން ހިތްހަމަ ޖައްސައިދިނުން…. އޭނާގެ ހިތަށް އެރި އެއްޗެއް އެ މީހާގަނޑަށް އެނގުނީ ކިހިނެއްބާވައެވެ؟!"

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟