ވާހަކަ

ނުފޫޒަކުން - 8

1

ރޫޔާ ގަޔާވިއެވެ. މުޅި ކޮޓަރި ބަލާލާހިއްވިއެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫނެވެ. ދެ ބެލްކަނި ހުރި ގޮތުން ދެމެދުގައި ޖަހާފައިވާ ތަނބު އެހީއަކަށް ބޭނުންކޮށްގެން އެއް ބެލްކަނިން އަނެއް ބެލްކަންޏަށް ނުލާހިކު ފަސޭހައިން އާދެވޭނެއެވެ. އެކަމަކު އެއީ ހުޝިޔާރު އަންހެނަކަށް ނޫނީ ފިރިހެނަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އިމާރާތްތައް ހަދާފައި ހުރި ގޮތާމެދު އަދި ކިރިޔާ ރޫޔާ އަށް ވިސްނާލެވުނީއެވެ. ކުއްލިއަކަށް ރޫޔާގެ ނަޒަރު ހުއްޓުނީ އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނު ނިހާން ފެނިފައެވެ.

ރޫޔާ އަތުން ކޮފީތަށި ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ބޭރުގައި ހުންނަ މީހަކަށް ކޮޓަރީގެ އެތެރެ ނުފެންނާނެކަން އެނގި ހުރެވެސް ރޫޔާ އަށް ފޮތިގަނޑުގެ ނިވަލަށް ވަދެވުނެވެ. އެއީ ނިހާން ކަން އެނގުމުން އިހްތިޔާރަކާ ނުލާ ރޫޔާ އަށް ހިނިތުންވެވުނެވެ. އެއްވެސް ފޫހިކަމެއްނެތި ނިހާންގެ ހުރިހާ ހަރަކާތެއް ރޫޔާ ބަލަހައްޓައިގެން ހުއްޓެވެ. ތިރިން ލައިގެން ހުރި ނޫ ކުލައިގެ ޖީންސުގައި ނިހާން ހުރީ އިސްތަށިގަނޑު ސްޓައިލް ކުރާށެވެ. ބާމަތި ފުޅާ ހަށިގަނޑެކެވެ. އެންމެ ދޮން ހަށިގަނޑެއްވެސް ނޫނެވެ. މޭމަތީގެ މަސްތައް އުފުލިލާފައިވާ ގޮތުން ގަވައިދުން ކަސްރަތު ކުރާ ޒުވާނެއްކަން ރޫޔާ އަށް އެނގުނެވެ. އަތުގެ ނާރުތައް ފުފިފައިވާ ގޮތް އެހާ ހިތްގައިމެވެ. ވަރުގަދަ ބުމައިގެ ދަށުގައިވާ ދެލޮލުން ދެތިންފަހަރު ރޫޔާ ގެ ބެލްކަންޏާ ދިމާލަށް ނިހާން ބަލައިވެސްލިއެވެ. ހީވާގޮތުން އެ ބެލްކަނީގެ ދޮރު ހުޅުވާނެ އިރަކަށް ނިހާން އިންތިޒާރުކުރަނީ އެވެ.

ކުއްލިއަކަށް ރޫޔާ އަށް އަތްދިއްކޮށްލެވުނީ ނިހާން ކޮށްލި ހަރަކާތެއްގެ ސަބަބުންނެވެ. ދިމާލަށް ފެންނަން ހުރި ކިންގް ސައިޒްގެ ބޮޑު އެނދާ ދިމާލު މަތީގައިވާ ފޮތް ހަރުގަނޑުން ފޮތެއް ހިފައިގެން ފުންމައިގެން އެ އެރީ އެނދަށެވެ. ރޫޔާގެ ނިތަށް ރޫއަރުވާލިއެވެ. ނިހާން އަތުގައި އޮތީ ވާހަކަފޮތެއްކަން ޔަގީނާ ގާތަށް ރޫޔާ އަށް އެނގެއެވެ. އެހާ ހިސާބުން ނޭނގެނީ އެއީ ކޮން ވާހަކައެއް ކަމެވެ. އެހެންވީމާ ނިހާނަކީވެސް ވާހަކަ ކިޔުމަށް ލޯބިކުރާ ޒުވާނަކީތާއެވެ. ރޫޔާ ތުންފަތުގައި ދަތްއަޅާލިއެވެ.

އެއްވެސް ފޫހިކަމެއްނެތި ރޫޔާ އެތަނުގައި ކޮޅަށް ހުއްޓެވެ. އެހުރިހާއިރު އޭނާ ގެ ނަޒަރު ނިހާން އިން އެންމެ ސިކުންތަކަށްވެސް ވަކިވެގެން ނުދެއެވެ. ބެލްކަނީގެ ދޮރު ނިހާން އައިސް ލައްޕާލީ މަޣްރިބް ނަމާދުގެ ވަގުތު ޖެހުމުންނެވެ. ހިފަހައްޓައިގެން ހުރި ނޭވާ ރޫޔާ އަށް ދޫކޮށްލިއެވެ. އަތުގައި ހުރި ކޮފީތަށި ފިނިވެފައި ހުރިކަން އެނގުނީ ދެނެވެ. ފާހާނާއަށް ވަދެ ޒިންކަށް ކޮފީތަށި ހުސްކޮށްލާފައި ގެނެސް ބެހެއްޓީ އަރިމަތީ ކަބަޑުމަތީގައެވެ. އެނދުގައި ރޫޔާ އިށީނެވެ. ނިހާންގެ ކޮންމެ ހަރަކާތެއް އަދިވެސް ހީވަނީ އޭނާގެ ލޯ ކުރިމަތީގައި ފްލޭޝްވަމުން ދާހެންނެވެ. ރޫޔާގެ ހިތުގެ ތެޅުން ތަފާތުވެލިއެވެ. އެއީ އެހެންޏާ ނުކުރެވޭ އިހުސާސެކެވެ. މޭގައި ރޫޔާ އަށް އަތްއަޅާލެވުނީ އެ ހިތް މައިތިރިކުރުމަށެވެ. އޭނާއަށް ކަމެއް އަންގައިދޭން އެ ހިތުގެ ކޮންމެ ވިންދެއް މަސައްކަތްކުރާ ކަހަލައެވެ. ރޫޔާ ހިތަށް އެރިއެވެ. އޭނާގެ މޭގެ ތެރޭގައި އަނެއްކާ އެ ހިތް އެބައޮތް ހެއްޔެވެ؟

****

އުނދަގުލުން ސިޑީގެ ހަރުފަތްތައް ކަޑައްތު ކުރަމުންދިޔަ ގިސާމަތު ފެނުމުން ގޭތެރޭގައި ފެންފޮތި އަޅަން ހުރި އަންހެން މަސައްކަތްކުރާ ކުއްޖަކަށް ފެނުމުން ކައިރިވެލިއެވެ. އެއީ ފަޒީލާ އާ ތިމާގެ އެންމެ ހަގު އަންހެންކުއްޖާ އެވެ. އޭނާ ގިސާމަތާ އެއްހަމައެއްގައި ހިނގަން ފެށުމުން އެކަމާ ގިސާމަތު ނުރުހުންވިއެވެ.

"އަހަންނާ އެއްހަމައެއްގައި ހުރެގެން ހިނގަން ކަލެއަށް ހިތްވަރު ލިބުނީ ކިހިނެއް؟" ގިސާމަތު ނުރުހިފައި ބުންޏެވެ.

އާގިލާ ހުއްޓުނެވެ. އެކަމަކު އެހާ ބޮޑަށް އުމުރުން ދުވަސްވެފައި ހުރި މީހަކު އެކަނި ދޫކޮށްލަން އޭނާ ހިތް އެއްބަހެއް ނުވިއެވެ. ސިޑީގެ ހަރުފަތެއްގައި އަޅައިގަނެފައި ވެއްޓެން އުޅުނު ގިސާމަތުގެ އަތުގައި އާގިލާ އަށް ހިފެހެއްޓުނީ ބޭއިހްތިޔާރުގައެވެ. ވއްޓުމުގެ ކުރިން ގިސާމަތު ހިފެހެއްޓުމުގެ ހިތްހަމަޖެހުން އާގިލާ އަށް ނުލިބި އުޅެނިކޮށް ސިއްސައިގެންދިޔައީ ގިސާމަތުގެ ހަޅޭކުގެ އަޑަށެވެ.

"އައްޗީޑި... ހަޑި އަންހެނާ. ކަލޭގެ ތި ދެއަތް ދޮވުނިންތަ؟" ގިސާމަތުގެ އަޑުން މުޅި ގޭތެރެ ގުގުމާލިއެވެ. އެހިނދު ގަތް ލަދުން އާގިލާ ގެ މޫނު ރަތްވެގެން ދިޔައެވެ.

"ފަޒީލާ..." ބަދިގޭގައި ހުރި ފަޒީލާ ދުމެއްހެން އައިސް ކައިރީގައި ހުއްޓުނެވެ.

"މީގެފަހުން މި އަންހެނާ އެއްމަސް ވަންދެން މިގޭތެރެ މަސައްކަތްކުރަން ނެރެގެން ނުވާނެ. އެހާ ދުވަހުގެ ފައިސާ ވެސް އޭނާ އަށް މިގެއަކުން ނުލިބޭނެ. ހަމަ މިހާރު އޭނަ މަގޭ ކުރިމަތިން ދުރަށް ގެންދޭ" ގިސާމަތު އަމުރު ކުރިއެވެ.

އާގިލާގެ އަތުގައި ހިފައިގެން ފަޒީލާ ހިނގައިގަތެވެ. އޭނާ އާގިލާ ގެ އަތުން ދޫކޮށްލީ ބަދިގެ އަށް ވަދެވުމުންނެވެ. ދެލޮލުން ފޭދިފައިވާ ކަރުނަތައް އާގިލާ ފޮހެލިތަން ފެނުމުން ފަޒީލާ ކަރުއެލުވާލިއެވެ. އީނާ އާއި ފާރިހާ އާ ހިލާފަށް އާގިލާ ގޭތެރޭގެ މަސައްކަތަށް ނިކުމެ އުޅެނީ މަދުންނެވެ. ގިސާމަތުގެ ހަޅޭކަށް އާގިލާގެ ކަންފަތް ހޭނިފައިވަނީ ކުޑަކޮށެވެ.

"އަޅާނުލާ. ފައިސާ ނުދިނަސް ދައްތަ ގެ ހަތަރެސްފައި ހެލޭހާ ހިނދެއްގައި ތި ހުރިހާ ކުދިންވެސް ތިބޭނީ ކައިގެން. ދައްތަގެ ނޭވާ ހިނގާހާ ހިނދެއްގައި ތި ކުދިންގެ ކިޔެވުމަށް އެއްވެސް ބަދަލެއް ނާންނާނެ. ގިސާމަތަކަށް ނޭނގޭނެ. އޭނަ އަށް އެނގޭނީ ނުފޫޒުން މީހުންގެ ދިރިއުޅުމާ ކުޅެން. މިގޭ ހަތަރުފާރުން އެތެރޭގައި ހިނގާ ކަންކަން އޭނާއަށް ނޭނގޭނެ" ފަޒީލާ ވާހަކަދެއްކިއެވެ.

"އަހަރެން އުޅުނީ އެ ދައިތަގަނޑު ވެއްޓިދާނެތީ އެހީއެއް ވާންވެގެން. އިބިލީސް.... އެހާ ނުލަފާ މީހުން އެހާ އަވަހަކަށް މަރެއްވެސް ނުވާނެ" އަގިލާގެ ހިތަށް ލިބިފައިވި ހިތްހަމަނުޖެހުން ފާޅުކޮށްލިއެވެ.

****

ޔުނިވާސިޓިއަށް ރޫޔާ ގެންދަން ހަބީބަށް ގެއަށް ނާދެވުނެވެ. މިއަދު މާ އަވަހަށް ހަބީބް ދާންޖެހުނު ދުވަހެވެ. ރޫޔާ ގެންދަން ހަވާލުކުރީ އޭނާގެ ޑްރައިވަރާއެވެ. އެއީ ޒަމާނުއްސުރެ ހަބީބްގެ ހާއްސަ ޑްރައިވަރު ނިއުޝާދު އެވެ. ނިއުޝާދަކީ ހަބީބްގެ ދަށުން ވިހި އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ހަބީބަށް ވަފާތެރި ހާދިމެކެވެ. ހަބީބް ފަދައިން ނިއުޝާދުގެ ދިރިއުޅުންވެސް ބިނާވެފައި އޮތީ އެ ގައުމުގައެވެ.

"ދޮންކަނބުލޯ... އަވަހަށް އާދޭ..." ހަންނާ އާއެކު ގެއިން ނިކުތް ރޫޔާ އަށް ނިއުޝާދު ބުންޏެވެ.

ހަންނާގެ ގައިގައި ބައްދާލުމަށްފަހު ކާރާ ދިމާލަށް ރޫޔާ ހިނގައިގަތެވެ. ޖެހިގެން ހުރި އިމާރާތުން ނިކުތް ނިހާން އޭނާ އަށް ފެނުނީ ކާރުގެ ދޮރު ހުޅުވާލިތަނާއެވެ. ބަސް އައިތޯ ޗެކް ކުރަމުން ނިހާން ކުރިއަށް އަންނަނިކޮށް އޭނާއަށް ބަލަހައްޓައިގެން ހުރި ރޫޔާ އާ ނަޒަރު ސީދާވިއެވެ. އެހިނދު ލަދުރަކި ހީލުމަކުން ހީލުމަށްފަހު ރޫޔާ ނަޒަރު ވަކިކޮށްލިއެވެ.

"ބަސް އާދެތޯ ތަ؟ ގިނަ ދުވަހު ނާންނާނެ ގަޑިއަކަށް" ހަންނާ ތަންކޮޅެއް ބާރަށް ބުންޏެވެ. ނިހާނަށް ހީނލެވުނެވެ. އެހާ އަވަހަށް އަތުކުރީގައި އޮތް ގަޑިއަށް ވެސް ބަލައިލިއެވެ. ބަސް ނައިއްޔާ ވަރަށް ދެރައެވެ. ދެންޖެހޭނީ މަގުމަތިން ކުލީ ކާރެއް ނަގާށެވެ. އަނެއްކޮޅުން ފަހަތުގައި ބަލަހައްޓައިގެން ހުރީ އޭނާ ފޫހިވާ ޝާނާ އެވެ. ހިނގާފައި ކިތަންމެ ގިނައިރުން ދާންޖެހުނަސް ޝާނާ ދަތުރުކުރާ ކާރަށް އަރާކަށް ބޭނުމެއް ނުވެއެވެ.

"އަރާބަލަ. ނިއުޝާދު! މިއީ ނިހާން. ރޫޔާގެ ކްލާސް ކުއްޖެއް. އަދި ހަބީބްގެ ވަރަށް ގާތް ކުއްޖެއް" ހަންނާ ބުންޏެވެ.

ނިހާނަށް އުފަލުން ނަށައިނުގަނެވުނީ ކިރިޔާއެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ފަހަތު ސީޓުގައި ރޫޔާ އާ ޖެހިގެން އިނދެލަން ފުރުސަތު ލިބުނީތީއެވެ. ދެކުދިން ކާރަށް އަރާ ހަމަޖެހިލުމާއެކު ނިއުޝާދު ކުރިއަށް ކާރު ދުއްވާލިއެވެ.

"ނިއުޝާދުބެ އަށް ހީވަނީ ރޫއްކޮ ބަލާ ބައްޕައަށް އާދެވޭނެ ކަންނޭނގެ. މިއަދު ބައްޕަ އާ ބައްދަލުކުރަން ވަރަށް ގިނަ ކްލައިންޓުން އަންނާނެ. އެހެންވެ މިވަގުތު ބިޒީ އެވީ" ނިއުޝާދު ވާހަކަދައްކަމުން ދިޔައެވެ.

އެހެންނަމަވެސް ރޫޔާ އިނީ ނިއުޝާދު ދައްކަމުން ދިޔަ ވާހަކަތައް އިވޭ ވަރަށް ވުރެ ބޮޑަށް އަމިއްލަ ހިތަށް އަންނަމުންދިޔަ ބަދަލުތަކާމެދު ވިސްނާށެވެ. މިއަދު ނިހާން އެ ކާރަށް އަރުވަން ދުރުގައި ހުރެ ބާރުއެޅީ އޭނަ އެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް ގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ހަންނާ އަށް ލޮލުން ކޮށްލި އިޝާރާތަކުން ނިހާން ދެއްކީ ރޫޔާ އެވެ. އޭނާ ބޭނުންވީ ނިހާން ގޮވައިގެން ދާށެވެ. ނިހާންގެ ކައިރީގައި އިށީނދެލާށެވެ. އިނގިލި ކުރީގައި ރޫޔާ ދަތްއަޅާލިއެވެ. އެފަދަ އިޝާރާތެއް މަންމަ އަށް ކުރެވުނީތީ ރޫޔާ ލަދުގަތެވެ. މަންމަ ހީކުރާނީ ކީކޭ ކަމެއްވެސް ނޭނގެއެވެ.

ރޫޔާގެ އާއިލާ އާ ގާތް ޑްރައިވަރެއް ދުއްވަން އިނުމުން އެއްވެސް އެއްޗެއް ބުނަން ނިހާނަށް ނުކެރިފައި އިނެވެ. އެހެންނަމަވެސް ރޫޔާ އާ ލޯބިން ސަމާސާއެއްކޮށްނުލާ އިންނަން އޭނާއަށް އުނދަގުވަމުން ދިޔައެވެ. ލަސްލަހުން އޭނާ ރޫޔާ ގެ މޫނަށް ބަލައިލިއެވެ. އެކަން ރޫޔާ އަށް އެނގުނެވެ. ކިތަންމެ ފަހަރަކު އެ ބެލުމަށް ޖަވާބުދޭން އޭނާ ހިތަށް އެރިއެވެ. އެ ނަޒަރު ސަލާމަތްވާން މޫނުމަތީގައި އަތް އަޅަންވެސް ހިތަށް އެރިއެވެ.

އެންމެފަހުން ނިހާން އެދެމުންދިޔަ ވަގުތުކޮޅު އޭނާ އަށް ލިބުނީ ކާރުން ފޭބި ފަހުންނެވެ. އޭނާ އަށް ވުރެ ކުޑަތަންކޮޅެއް ކުރީގައި ހުރި ރޫޔާ އާ އެއްހަމަކޮށްލީ ކުޑަކޮށް ދުވެލާފައި ގޮހެވެ. މިއަދު ނިހާން ކައިރީގައި ހުރުމުން ރޫޔާ އަށް އުނދަގު ނުވިއެވެ. އޭނާ ހިނިތުންވުމެއް ދިނެވެ.

"އަސްތާ..." ނިހާން ބުންޏެވެ.

ރޫޔާ އަށް މަޑުޖެހެވުނީ ކުއްލިއަކަށެވެ. ހުއްޓުއަރާފައި ހުރި ނިހާނާ ގާތަށް އޭނާ ޖެހިލިއެވެ.

"ކަމެއްވީތަ؟ މެޑިކަލް ކަމެއްތަ؟" ރޫޔާ އެހިއެވެ. ނިހާން ބޯޖަހާލިއެވެ.

ރޫޔާ ދެފަރާތް ހޯދައި ބަލައިލިއެވެ. އޭނާ އެހީއަކަށް އެދޭނެ މީހަކު ކައިރި ހިސާބެއްގައި ހުރިތޯއެވެ.

"ކޯޗެއް ތިހޯދަނީ؟ ޑޮކްޓަރެއްތަ؟" ނިހާން އެހިއެވެ. ހާސްވެފައި ހުރި ރޫޔާ ނިކަން ފަސޭހައިން ބޯޖަހާލިއެވެ.

"އަހަންނަށް ފަރުވާދެވޭނެ ޑޮކްޓަރަކީ ތިއީ. ތިހާ ލޯބި ކުއްޖަކު އަދި އެހާ ލޯބިކޮށް ހިނިތުންވުމެއް ދިނީމަ މިކަހަލަ ގޮތެއް ދޯ ވާނީ" ނިހާންގެ އަޑުގައިވީ ސަމާސާއެވެ. ރޫޔާ ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. ހިނިވެސްއައެވެ. ނިހާންގެ އެފަދަ ސަމާސާތަކަށް އޭނާ އެދެވެނީ މާވަރަކަށެވެ.

"ދެން އެފަދަ ސަމާސާއެއް ނުކުރާތި" ރޫޔާ ބުންޏެވެ.

"މެޑަމް ވިދާޅުވިގޮތެއް" ނިހާން ބުންޏެވެ.

ދެކުދިން ވާހަކަދައްކަމުން ކްލާހަށް ވަތް މަންޒަރު ފެނުމުން ފަހަތުން އައި ޝާނާ ދަތްކުޑި ވިކާލިއެވެ. ބޮޑަށް ރުޅިއާދެވުނީ ރޫޔާ ދެކެއެވެ.

"މި ރޫޔާ އިއްޔެ މެންދުރު މިތަނަށް ފުންމާލި އަންހެނެއް ކިހިނެއްވެގެން މިއުޅެނީ؟" ޝާނާ ބުންޏެވެ.

ލަވީރާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ އަށް ވިސްނޭގޮތް ޝާނާ ވިސްނާގޮތާ ތަފާތެވެ.

"އަހަރެން ބުނަންތަ ވާހަކައެއް ދޫންޏާ. ދެމީހަކު އެކަކު އަނެކަކަށް ހިތްޖެހި އެދެމެދުގައި ލޯބިޖެހުނިއްޔާ އަނެއްމީހާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެދެމީހުން ނުހުއްޓުވޭނެ" ލަވީރާ ބުންޏެވެ. ޝާނާ ލަވީރާ އަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ.

"ލުކް ޝާނާ. އައި ނޯ ޔޫ ލަވް ނިހާން. އެކަމަކު ނިހާން ނުވެއެއްނު. އަހަންނަށް ޔަގީން އެދެމީހުން އެކަކު އަނެކަކުދެކެ ލައިކްވާކަން. އަނެއްކޮޅުން ރޫޔާ އަށް އެއްވެސް ކަމެއް ނޭނގޭ ހާލު އަހަރެމެންނަށް އޭނަދެކެ ރުޅި އައުމުގެ ހައްގެއް ނެތެއްނު" ލަވީރާ ވާހަކަދެއްކިއެވެ.

ޝާނާ ހިތްހަމަނުޖެހިފައި އަނެއްފަރާތަށް އެނބުރުނެވެ.

"އޮޅިއްޖެ. ލަވީ ތިއީ އަހަރެންގެ ރައްޓެއްސެއްތަ؟ ނޫނީ ރޫޔާ ގެ ތަ؟" ޝާނާ ބުންޏެވެ.

"އޮފްކޯޒް ޔޫ އާ މައި ބެސްޓްފްރެންޑް... އޯކޭ... ދެން ނުދައްކާނަން. އެކަމަކު ދެން ހިނގާ ކްލާހަށް ދާން. މިހާރު ފަށަން އުޅޭނެ" ލަވީރާ ބުންޏެވެ.

****

ކޮޓަރި މެދުގައި ހުރި ކިންގް ސައިޒް ބޮޑު އެނދުގެ މެދެއްހާ ހިސާބުގައި ޝައުން އޮތީ ހުރަހަށް އޮށޯވެގެންނެވެ. ދެއަތުގެ ދިގުމިނަށް މައްޗަށް ދަމާލައިގެން އޮތްއިރު އޭނާގެ ފޯނުން ކަމެއް ކުރާކަން އެނގެއެވެ. އެއީ ހިތަށް ހިތްހަމަޖެހުން އޭނާ ހޯދާ ގޮތެވެ. އެ ފޯނަކީ އޭނާ ކޮޓަރިން ބޭރަށް ނެރޭ ފޯނެއް ނޫނެވެ. އެ ފޯނުގައި ހުރި ދެ ހާހަށް ވުރެ ގިނަ ފޮޓޯއަކީ ކޮންމެ ދުވަހަކު އެއްވެސް ފޫހިކަމެއްނެތި އެނާ ބަލާ އެތައް ވާހަކައެއްދައްކާ ފޮޓޯތަކެކެވެ. މިދުނިޔެއިން އެ އަންހެންކުއްޖެއް ދެކެ އޭނާ އަށް ހިތާ ފުރާނައިން ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖާގެ ފޮޓޯ ތަކެކެވެ. އެއީ އެނާ އެ އަންހެންކުއްޖާގެ ނުރުހުމުގަ އާއި ސިއްރުން ނަގާފައިވާ ފޮޓޯތަކެކެވެ.

"ދަރިފުޅާ ޝައުން" ކުއްލިއަކަށް ޝައުންގެ ކަންފަތުގައި ޖެހުނީ މާމަ ގެ އަޑެވެ. ވަގުތުން ކައްޓެއްހެން އޭނާ ކޮޅަށް ޖެހުނެވެ. ބަލައިލިއިރު މާމަގެ އަތުގައި ހިފައިގެން ހުރެ އައީ ބޮޑުބޭބެއެވެ.

"މާމަމެން. އަޅުގަނޑަށް ގޮވާލިނަމަ ދިޔައިމުސް. މާމަ ކީއްކުރަން މިހާ ހިސާބަށް އަރަނީ" ޝައުން ބުންޏެވެ.

އެނދުގައި އިށީނދެފައި ޝައުންގެ އަތުގައި ގިސާމަތު ފިރުމާލިއެވެ. ޝައުންގެ އަތުގައި އޮތް އަގުބޮޑު ފޯނު ވެސް ގިސާމަތުގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

"ފޯނެއް ގަތީގަ؟" ގިސާމަތު އެހިއެވެ.

"ނޫނޭ. މިއީ އަޅުގަނޑު އަމިއްލަ ކަންކަން ކުރަން ގެންގުޅޭ ފޯނެއް" ޝައުން ބުންޏެވެ.

"ދަރިފުޅު ކޮޅަށް ތިހުރީޔޯ. އިށީނދެބަލަ" ގާތުގައި ކޮޅަށް ހުރި އަޖްވަދަށް ގިސާމަތު ބުންޏެވެ.

އަޖްވަދު އިށީނެވެ. އޭނާގެ މޫނުމަތިން މާބޮޑު ހިތްހަމަޖެހުމެއް ނުފެނެއެވެ. އެއީ މިފަހަކަށް އައިސް އަބަދުވެސް އަޖްވަދު ހުންނަ ގޮތެވެ. ދިރިއުޅުމުގައި ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މިހާރު އޭނާ އެދަނީ އެތައް ހިތާމައެއް ކުރަމުންނެވެ.

"މާމަ މިއައީ ބޮޑު ވާހަކައެއް ދައްކަންވެގެންނޭ" ގިސާމަތު ބުންޏެވެ.

ޝައުން ބޯޖަހާލިއެވެ. މާމަ ދައްކަން އައި ވާހަކައަށް އޭނާ ތައްޔާރުވެލިއެވެ.

"ދަރިފުޅުގެ ފޯނެއްނު އެ ރިންގުވަނީ" ފޯނެއްގެ ރިންގު ގެ އަޑު ކަންފަތުގައި ޖެހުމުން ގިސާމަތު ބުންޏެވެ.

"އެ ގުޅަނީ ނޭހާ. މާމަ ކިޔާބަލަ" ފަރުވާކުޑަ ގޮތަކަށް ޝައުން ބުންޏެވެ.

ގިސާމަތު ހީލިއެވެ. އަނެއްކާވެސް ލޯތްބާއެކު ޝައުންގެ އަތުގައި ފިރުމާލިއެވެ. ޝައުން ފެންނަ ކޮންމެ ފަހަރަކު އޭނާ އަށް ހީވަނީ އަންހެންދަރިފުޅު ފެންނަ ހެންނެވެ.

"ދެކުދިން ރުޅީތަ؟ މާމަ މިއައީ ވެސް ތިދެކުދިންގެ ވާހަކަދައްކާލަން" ގިސާމަތު ބުންޏެވެ.

"ރުޅީއެއް ނޫން. މިވަގުތު ކުޑަކޮށް ބޮލުގައި ރިއްސާތީ. ފަހުން ގުޅާނަން" ޝައުން ބުންޏެވެ.

"ކުރީ ރެއަކު މިގެއަށް އައިސްފަ ދިޔައިރު ފާޑަކަށް ހުރީ. އަހަރެން ހީލީމަ ހީވެސްނުލާ. ބޮޑުބޭބެ ހީކުރީ ތިދެކުދިން ވަރަށް އަވަހަށް ކައިވެންޏެއް ކުރާނެކަމަށް" އަޖްވަދު ވާހަކަދެއްކިއެވެ.

"މާމާ... މިވަގުތަކީ ތިވާހަކަދައްކަން އެންމެ ރަނގަޅު ވަގުތުތަ؟" ޝައުން ބުންޏެވެ. ކައިވެންޏެއް ކުރުމަށް އޭނާގެ އެއްވެސް ޝައުގެއް ނެތެވެ.

"ކިހާ ދުވަހެއް ވަންދެން މާމަ އަށް ތިޖަވާބު ދޭނަންތަ" ޝައުން ގެ މޫނަށް ބަލަން އިނދެ ގިސާމަތު ބުންޏެވެ. އެއަކަށް ޝައުން ޖަވާބެއް ނުދިނެވެ.

"އެހެންވިއްޔާ ތެދަށް ބުނެބަލަ. ތިދެކުދިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތަ؟ ކައިވެންޏަކާ މެދު ވިސްނަންތަ؟" ގިސާމަތު އެހިއެވެ.

ޝައުން އަށް އެވާހަކަތަކުން އުނދަގުވާނެކަން އޭނާ އަށް އެނގެއެވެ. އެހެންނަމަވެސް އެ ސުވާލުތަކުގެ ޖަވާބު ވަރަށް އަވަހަށް އޭނާ ބޭނުންވެއެވެ. ނޭހާ އާ ކައިވެނި ކުރަން ޝައުން ބޭނުންވާނަމަ އެކަމަށް އޭނާގެ އެއްވެސް ހުރަހެއް ނެތެވެ. އެ ކައިވެނި ކުރަން ޝައުން ބޭނުންނުވާނަމަ ޝައުންގެ ހަޔާތަށް ގެންނާނެ އަންހެންކުއްޖާ އޭނާ ވަނީ ނިންމާފައެވެ. އެއީ އަދި ވީތަނެއްވެސް ނޭނގޭ އަންހެންކުއްޖެކެވެ. އޭނާގެ އަޒުމަކީ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އޭނާގެ ހިތުގެ މުރާދު ހާސިލުކުރުމެވެ.

"މާމާ، ބޮޑުބޭބޭ. އަޅުގަނޑު އަދި ކައިވެންޏަކާ މެދު ނުވިސްނަން. ނޭހާ އެހާ އަވަސް އަރުވާލައިގެން އުޅެނީ ކީއްވެގެން ކަމެއް ނޭނގޭ" ޝައުން ބުންޏެވެ.

ގިސާމަތަށް ވިސްނުނެވެ. ދެކުދިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ވިޔަސް ކައިވެންޏެއް ކުރަން އަދި ޝައުން ނުނިންމައެވެ. ޝައުން އެ ކައިވެނި ކުރާނެކަމުގެ ޔަގީންކަމެއްވެސް ނެތެވެ.

"މާމަ އަށް އެނގޭ ޒުވާން ޖޯޝުގައި ދަރިފުޅު ނޭހާ ކައިރިކޮށްގެން އުޅޭކަން. އެކަމަކު ދަރިފުޅު ކައިވެންޏެއް ކުރަން ވެއްޖެ. ނޭހާ ނޫނަސް މާމަ ހޯދާ ކުއްޖަކާ. އެއީ ރީތި ކުއްޖެއް. އާއިލީ ގުޅުން އޮތް ކުއްޖެއް. ކިޔަވައިގެން ހުރި ތައުލީމީ ކުއްޖެއް. މާމަ އަށް އެނގޭ ދަރިފުޅު މާމަ ނިންމުމަކަށް ފާޑެއް ނުކިޔާނެކަން" ގިސާމަތު ބުންޏެވެ. އޭނާ ޝައުންގެ އިސްތަށިގަނޑާއެކު މޫނުގައި ފިރުމާލިއެވެ.

ހިތާ ދެކޮޅަށް ނަމަވެސް ޝައުން އަށް ޖެހުނީ ބޯޖަހާލާށެވެ. ނުރުހޭ ކަމެއްވިޔަސް ގިނަ ފަހަރަށް އެނާ ނޫނެކޭ ބުނާކަށް ނުކެރެއެވެ. މާމަ އަށް ކުރެވޭ އިހުތިރާމެއްގެ ސަބަބުންނެވެ.

ގިސާމަތާއި އަޖްވަދު ކޮޓަރިން ނިކުމެގެން ދިޔައީ ހިތްހަމަޖެހިފައި ހުރެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟