(މި ވާހަކަ ތަހުސީސްކޮށްފައި ވަނީ އަޅުގަނޑުގެ ލޯބިވާ ރަހުމަތްތެރިން ކަމަށްވާ މަރުހޫމު މިސިޒް ނިރްމަލާ އެންޑަރސަން އާއި ނަޒާހާ ހަސަންއަށް.)
އެކި މީހުންގެ ހަޔާތުގައި ދިމާވާނީ އެކިކަހަލަ ކަންތައްތަކެވެ. ތަފާތު ކަންތައްތަކާއި އެއްގޮތް ކަންތައްތަކެވެ. އަދި ބައެއް ހަޔާތުގެ ވާހަކައަކީ އަނެކުންނަށްޓަކައި ހައިރާން ކުރުވަނިވި އިބުރަތެކެވެ. ހަޔާތުގެ އެކި ކުލަތަކުގެ އެކި ތަޖުރިބާތަކާއި އެކި އިހުސާސްތައް ހިނދު ހިނދުކޮޅުން އާކޮށްލަދޭ ރިހުން، ތަދު، ވޭން، އަދި މި ހުރިހާ އަސަރަކާއެކު ނޭނގޭ ފޮނިކަމެއް އޭގައި އެކުވޭ ލޯބީގެ އިންތިހާ،
ވަކިވުމުގެ ހިތްދަތިކަން، އެނބުރި ނާދެވޭނެކަމުގެ ހިތި ހަގީގަތް، ހަމައެއާއެކު ކޮންމެތާކު ކޮންމެ ހާލެއްގައިވެސް ހިތަށް ހަމަޖެހުން ގެނެސްދޭ އުދުހެމުންދާ ކަފަވިލާތަކާއެކު އަބަދުމެ އަހަރެމެން އެކަކު އަނެކަކާ އެކުގައި ވާނެކަން ޔަގީނެވެ.
އަތިރިމައްޗަށް ޖެހެމުންދާ ފިނި ފިނި ވައިރޯޅިތައް އޭނާގެ މޫނުގައި ފިރުމާލަމުން، ބޮލުން ވިހުރުވިފައި އޮތް އިސްތަށިކޮޅަކާ ސަމާސާ ކޮށްލިއެވެ. އެކަމަކު އޭނައަކަށް އެއްވެސް ހިލަމެއް ނުވި ކަހަލައެވެ. ދުރުން މާދުރުން އުދަރެސްމަތިން އުދުހެމުންދާ ކުދިކުދި ކަފަވިލާތަކަށް ނަޒަރު ހުއްޓާލައިގެން ދެންވެސް ހަމަ އެއޮތް ގޮތަށް އޮތީއެވެ. ދިގު ރުއްތަކާއި ބޮޑެތި ގަސްތަކުގެ ހިޔަލުގައި ހުރި ޖޯލިފަތީގައި އޮތީ ހަމައެކަނި މާ އެކަންޏެވެ.
މެންދުރުގެ ހޫނުކަމުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ތަނަކަށް މި ރަށުން ފެންނާނީ އަތިރިމަތީގެ މި ޖޯލިފައްޗެވެ. ނުހަނު އަރާމު ފިނި ރޯޅިތަކާއި ހިތްފަސޭހަ، ހިތްގައިމު އަޑުތައް އިވޭ މި އުފާވެރި މާހައުލުގައި އެއްވެސް އަސަރެއް ނެތި އެ އަންހެން މީހާ އެ އޮތީ ކިހިނެއްވެފައި ބާވައެވެ.
މޫނުމަތިން މާޔޫސްކަމާއި އުދާސްކަމުގެ ކުލަތައް ފާޅުވެއެވެ. އޭނާގެ ކަޅި ހުއްޓިފައި ހުރީ ކަނޑުން ނަގަމުންދާ ރާޅުތަކާ ދިމާއަށެވެ. އެހެންނަމަވެސް އެ ރާޅުތަކުގެ ފީކޮއި ކުޅުމުގެ މަންޒަރު އޭނާއަށް ނުފެންނަ ކަހަލައެވެ.
ހަމަ ވަރަށް އާދައިގެ ހަރުވާޅު ހެދުމެއްގައި، ދިގު އިސްތަށިގަނޑުން ހުޅިއެއް ޖަހައިފައެވެ. އެއްވެސް މޭކަޕެއް ނެތެވެ. ހަމަ އެހެންމެ އެއްވެސް އަސަރެއް ވެސް ނެތެވެ.
މި ރީތި އަތިރިމަތީގައި އޭނާ އެކަނިވެފައި އެ އޮތީ ކީއްވެގެން ބާވައެވެ. އޭނާގެ ރީތި ބޮޑު ދެލޮލުގައި އެ ހުރީ ކޮންފަދަ ރިހުމެއް ބާވައެވެ. އޭނާއަކީ އަޅައިލާނެ މީހެއް ނެތް އެކަނިވެރިއެއް ބާވައެވެ. އަރާމުކޮށްލަން އޮށޯވެލާނެ އަމިއްލަ ތަންމައްޗެއް ނެތް މީހެއް ކަމަށްވެސް ވެދާނެއެވެ. ނުވަތަ ފަގީރު ނިކަމެއްޗަކަށް ވެސް ވެދާނެއެވެ.
ނޫނެކެވެ. އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ.
އޭނާއަކީ ރާއްޖެތެރޭ މިފަދަ އާދައިގެ ރަށެއްގެ އަންހެނެއް ނޫނެވެ. މިއަދު ހަމަ ވަރަށް އާދައިގެ ހަރުވާޅު ހެދުމެއްގައި އިނަސް އޭނާއަކީ އަހަރުތަކެއް ކުރިން މާލޭގެ ހަލަބޮލި މަގުތަކުގައާއި، ކުލަރީތި މެހެފިލްތަކުގައާއި، އެންމެ އަގުބޮޑު ހޮޓާ ރެސްޓޯރެންޓުތަކުގައި، މޮޅެތި އަގުބޮޑު ހެދުންތަކުގައި، ވިދުން ގަދަ ފުރިހަމަ ގަހަނާތަކުގައި ވިދާލި ރީތި ޖިންސުންލަތީފެކެވެ. މިއަދުވެސް އަދިވެސް އޭނާއަކީ އޭރެކޭ އެއްފަދައިން މާލޭގެ މުއްސަނދި ގަދަރުވެރި ދެމަފިރިއެއްގެ އިން ހަމައެކަނި އަންހެން ދަރިފުޅެވެ. އެކަމަކު..
އޭނާގެ މުއްސަނދިކަމާއި މޮޅުކަން ދޫކޮށް މި ރަށަށް އައީ އަމިއްލައަށް ބޭނުންވެގެންނެވެ. އާދައިގެ މި ދިރިއުޅުން އޭނާ ހިޔާރުކުރީ ވަރަށްބޮޑު މަގުސަދެއްގައެވެ. އޭނާގެ ފިރިމީހާއާއި ފިރިމީހާގެ އާއިލާއަށް ހިދުމަތްކޮށްދީ ސޯލިހު ތެދުވެރި އަނތްބެއްގެ ގޮތުގައި ނިމިދިޔުމަކީ އޭނާ އެދޭގޮތް ކަމުގައި ވާތީއެވެ. އޭނާގެ ހަޔާތުގެ އެތައް ފާފަތަކެއްގެ ތައުބާއަކީ އެ ފާފަތަކަށް މިފަދައިން ކައްފާރާ އަދާކޮށްގެން ހިމޭންކަމާއެކު ހަޔާތުގެ ދުވަސްތައް ވޭތުކޮށްލުން ކަމަށް އޭނާ ގަބޫލު ކުރެއެވެ.
މި ރަށަށް އައުމާއެކު އޭނާއަށް ރަށުގެ އެންމެންގެ ލޯތްބާއި ގަދަރާއި އިހުތިރާމު ވެސް ލިބުނެވެ. އެހެންނަމަވެސް އެއީ އޭނާގެ ހެޔޮލަފާ އޯގާތެރި ފިރިމީހާ ރަށުގައި ހުރި ދެ މަސްދުވަހު ލިބުނު ލޯތްބަކާއި ގަދަރެކެވެ. ރިސޯޓުގެ ވަޒީފާއަށް ފިރިމީހާ ފުރައިގެން ދިޔުމާ އެކުހެން ރަށުތެރޭގައި ފާޑުފާޑުގެ ވާހަކަތައް އޭނާއާ ބެހޭ ގޮތުން ދެކެވެން ފަށައިފިއެވެ. ހިކި ޖަންގައްޔެއްގައި ހުޅުރޯވާ މިސާލުން އެ ވާހަކަ މުޅި ރަށުގެ އެކި ދިމަދިމާއަށް ފެތުރުނީ ވަރަށް އަވަހަށެވެ. އަދި އެ ވާހަކަ ގަބޫލު ނުކުރާ މީހަކުވެސް ނުމެނެތްމެއެވެ. އެހެނަސް…
އޭނާ އަމިއްލަ ދިފާއުގައި އެންމެ ބަހެއް ވެސް ބުނެއެއް ނުލައެވެ. އެއިން އެއްވެސް ވާހަކައަކަށް ރައްދު ޖަވާބެއް ނުދެއެވެ. ހިތަށާއި ސިކުނޑިއަށް ކެތްނުވާ މަލާމާތާއި ހުތުރު ބަސްތައް އިވިއިވި އެ އަޑުތަކަށް އޭނާ ހޭނުނީ ކަހަލައެވެ. އެންމެ ކުޑަމިނުން މިވީ އަށެއްކަމަސް ދުވަސްތެރޭ އެއިން އެއްވެސް ވާހަކައެއް އޭނާގެ ފިރިމީހާއާ ހިއްސާ ކޮށްލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.
ކުއްލިޔަކަށް އޭނާގެ ލޯމަތީގައި ކޮންމެވެސް މީހެއްގެ ފިނިފިނި އަތްތިލައެއް ބާއްވާލައިފިއެވެ. އެ އޮތް ގޮތަށް އޮވެ އޭނާ ހިނިތުންވެލިއެވެ.
"އަސްމާ ކޮއްކޮ...."
"ފަހަރިއަށް ތިހާ ފަސޭހައިން އެނގުނީ ކިހިނެއް..؟" ބާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ހެމުން ހެމުން އޭނާގެ ކުރިމައްޗަށް އައިސް އަހައިލިއެވެ.
“މި ރަށުގެ އެހެން އެއްވެސް މީހަކު ފަހަރި ގައިގައި އަތްލަން ބިރުގަނެ ޖެހިލުންވާނެ ވިއްޔާ……” އޭނާ ފެންގޮތަކަށް ހިނިތުންވެލިއެވެ.
"މި ރަށު މީހުންނަކީ ގަމާރުން- މޮޔައިން- މަށަކީ އެމީހުން ކަހަލަ ނުވިސްނޭ ގަމާރެއް ނޫން..” އަސްމާ ބޮޑު ޗޮކެއް ކަނޑައިލަމުން ޖޯއްޔެއްގައި އިށީނެވެ.
"މަގޭ ހިތަށް އަރާ ފަހަރި ކޮން މޮޔައެއް ވެގެން ބާއޭ މިރަށަށް އައީ..؟ ބައެއް ފަހަރު ދޮންބެ ދެކެ ވެސް ވަރަށް ރުޅިއާދޭ.. ފަހަރިއޭ ކިޔައިގެން ރަށުތެރޭގައި އެ ދައްކަނީ ހާދަ ހުތުރު ގޯސް ވާހަކައެކޭ.. އަނެއްކާ އަބަދުއަބަދު އެ ވާހަކަ ދައްކައިދައްކާ އެ އުޅޭ އަންހެންވެރިން ފޫއްސެއްވެސް ނުވޭ..” އަސްމާއަކީ އަނގަގަދަ ބަސްގިނަ ކުއްޖެކެވެ. އާއިލާގައިވެސް އޭނާއަށް ހެޔޮއެދޭ އޭނާ ދެކެ ލޯބިވާ ހަމައެކަނި ކުއްޖަކީ އަސްމާއެވެ.
"މާމަގަނޑު…." އޭނާ ލޯބިން ފުރިފައިވާ ގޮތަކަށް އަސްމާގެ ކޮލުގައި ވިކައިލިއެވެ. ”ތިއީ ބޮޑެތި މީހުން ދައްކާ ކަހަލަ ވާހަކަ.. ތިކަހަލަ މޮޅުވާހަކަ ދައްކަން ދަސްކުރި ކޮންތާކުން..؟ ކޮއްކޮއަކާ ނުވެސް ގުޅޭ…”
"މަށަށްވެސް މީހުން ކިޔާއެއްޗެހި އިވެއޭ… ގޭތެރެއިން އެނޫން އަޑެއް ނީވޭނެ.. ކަސައުޓީގެ އަޑު ނީވެންޏާ އިވޭނީ ޒައިނާ ޒައިނާ ކިޔާ އަޑު.. މަށަކީ މިހާރު ކުޑަކުއްޖެއް ނޫނޭ… މަށަށްވެސް ހެޔޮ ނުބައި ވިސްނެޔޭ.." އަސްމާ ރުޅި އައިސްފައި ބުނެލިއެވެ.
"އެ ވާހަކަ ހުއްޓާލާ.. މީހުން ކިޔާއެއްޗެއް ކިޔައިފާނެއްނުން.."
"ކީއްކުރަން ހުއްޓަންވީ..؟ ލަދެއް ހަޔާތެއްވެސް ނުހުރޭ ވިއްޔާ… ކަމެއް ޖެހުނީމަ ވަރަށް އޮމާންކޮށް ޒައިނަބު ދަރިފުޅާ.. ޒައިނަބު ކޮއްކޯ ކިޔާކަށް ލަދެއްވެސް ނުގަނޭ.. ކޮންކަހަލަ ބައެއް އުޅޭ ރަށެއް… އަމުދުން މަގޭ މަންމަ… އެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ… ހާދަހާ މަތިއޮމާން އަންހެނެކޭ.. ދޮންބެ ގުޅާއިރަށް ޒައިނަބު ދަރިފުޅާއޭ ކިޔައި ގޮވާލާ އިރު ހީވާނީ ވަރަށް ހެޔޮ މައިދައިތައެކޭ… އެކަމަކު…” އަސްމާ ހުއްޓައިލާކަށް ނުވިސްނިއެވެ.
”އަސްމާ… އެއީ މަންމައޭ…. މަންމައަށް ބަސްނުބުނާށޭ ކިތައް ދުވަހު ބުނާނީ..؟ ޒައިނާ ބުނެލިއެވެ.
“ކީއްވެ ނުކިޔަންވީ..؟ މަށަށް އިވޭ މަންމަ ފަހަރިއާއި ދިމާއަށް ކިޔާ އެއްޗެހި… ދެން އެއުޅޭ ސައިތާނު…”
“އަސްމާ…” ޒައިނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
“ފަހަރި އުޅޭނެ ހުއްޓުވަން… އޭނަގެ ކަންތައް ހުންނަގޮތް ފެންނަންޏާ ކިޔޭނެ.. ފަހަރިއާއި ދިމާއަށް އެއްޗެހި ކިޔަން އެންމެ ފޯރި ހުންނަނީ އޭނައޭ… އޭނައަށް ފަހަރި މާބޮޑަށް އެނގެނީ… މާލޭގައި ކިޔަވަން ހުރެވުނީތީ އޭނައަށް މުޅި މާލެވެސް އެނގެޔޯ… އޭނަގެ ނަމާވެސް ކިހާ ގުޅޭ… ނަތާޝާ… ސައިތާނު….”
“އަސްމާ” އެއީ އަސްމާގެ އެއްބަނޑު އެއްބަފާ ދައްތައޭ…. ތިކަހަލަ އެއްޗެހި ކިޔާކަށް ނުވާނެ…”
“ފަހަރި މާ ހިތްހެވީ.. މާ ރަނގަޅީ…” އަސްމާ މޫނު ހަދައިލިއެވެ.
“ހިނގާ ގެއަށް ދާން.. ވަރަށް ބަނޑުހައި ވެފައެއްނުން ތިއިނީ ދޯ…” ޖޯލިން ތެދުވަމުން ޒައިނާ ބުންޏެވެ.
“އާނ.. ކާންވެގެން ފަހަރި ހޯދަން ބަދިގެއަށް ވަންނައިރަށް އެނގިއްޖެ ފަހަރި ވެސް އަދި ނުކައިކަން އިންނާނީ.. މަށަށް އެނގޭ ގެއިން ނުފެންނަ އިރަށް މިތާނގައިކަން އިންނާނީ.. އެހެންވެ ބަލާ އައި…” އަސްމާ ޖޯލިން ތެދުވަމުން ޒައިނާއަށް ބަލައިލިއެވެ.
“ކޮބާ ގޭގެ އެހެން މީހުން..؟ ޒައިނާ އަހައިލިއެވެ.
“ތިއީ އަހާ ކަހަލަ ވާހަކައެއްތަ..؟ މި ގަޑީގައި ތިބޭނީ ކާފުން ފެށޭ ކީންކީން ބަލައިގެން ކޮސް ގޮވަން… އެ ޑުރާމާތަކުން ވާނުވާ ނޭނގުނަސް ކިޔައި ނުކިޔާ އޮޅުން ނުފިލިޔަސް އެކަކަށްވުރެ މޮޅަށް އަނެކަކު ކޮސްގޮވާނެ… ގޭތެރެ ހީވާނީ ވެއްޓެން އުޅޭހެން..” އަސްމާ ކުދި ކިޔައިގަތުމުން ޒައިނާއަށް ހީނގަނެވުނެވެ. ހާދަހާ އަނގަގަދަ ކުއްޖެކެވެ.
“ފަހަރި ހޭނެކަމެއް ނެތޭ… ފަހަރި ހައްދާ ގޮތް އެއީ.. ކައިގެން ތަށިތައް އުކައިލާފައި ހުރިހާ އަންހެންވެރިން ދުފާ ރަތްކޮށްގެން ޑްރާމާ ބަލަން ތިބޭއިރު ލަދެއް ނުގަނޭ ވިއްޔާ.. މަގޭ ދައްތައަކަސް ތެދު ވާނީ ތެދަށް.. ގައިމު އަޒްލިފާއަކީ އަންހެނެއް.. މީހެއްގެ އަނތްބެއް.. މަންމައެއް.. އެކަމަކު ފިރިމީހާގެ އަންނައުނު ދޮވެ އިސްތިރި ކުރަންވެސް ޖެހެނީ ފަހަރިއަށް ނޫނީ މަށަށް.. ދަރިފުޅުގެ އެއްވެސް ކަމެއް އަމިއްލައަށް ނުކުރޭ.. ކުޑަމިނުން އެނދު ތަންމަތި ވެސް އަޅަން ޖެހެނީ އެހެން މީހަކަށް… މަގޭ ހިތަށްއަރާ މަންމަ ކިހިނެއް ބޮޑުކޮށްފައި ހުރި އަންހެނެއް ބާއޭ…” އަސްމާ ހުއްޓައިނުލައި ކުދިކިޔަމުން ދިޔައެވެ.
"ސަހަރޯ… ކޮއްކޮ ތިހުރީ އަސްލުވެސް ވަރަށް ބޮޑަށް ހައިވެފަ… އަވަހަށް ހިނގާ ގެއަށް ދާން..." ޒައިނާ އަސްމާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.
"ރީތިހެދުމެއް ފަހަން ފަށާފަ އޮންނާނެ… ކައިގެން ހެދުމުގަ މިނާ ހަރުކުރަން ވާނެއެއްނުން ދޯ..؟"
އަސްމާއަކީ އުމުރަށްވުރެ ހަރު ބޮޑެތި ވާހަކަ ދައްކާ ކުއްޖަކަށްވިޔަސް އުމުރުގެ ހަގުކަމާއި ޅަކަންވެސް ހުންނަ ކުއްޖެއް ކަމުން ޒައިނާ މިފަހަރު ޖެހި މަޅީގައި ރަނގަޅަށްވެސް އަސްމާ ބެދުނެވެ.
"އަސްލުވެސް..؟ ފަހަރި ހާދަ ރަނގަޅޭ..." އެ ހިސާބުން އަސްމާ ކުރިން ދައްކަމުން ދިޔަ ވާހަކަ ހަނދާން ނެތުނީއެވެ. "ކޮން ކުލައެއްގެ ހެދުމެއްތަ..؟"
"ގެއަށްގޮސް ކައިގެން ހެދުން ބަލާނީދޯ…؟ އޭރުން ކޮން ކުލައެއްކަން ވެސް އެނގޭނެތާ....ދޯ!"
ޒައިނާ އަސްމާގެ އުފާވެރިކަން ފެނިފައި ހިތްހަމަޖެހުނެވެ. އަސްމާއަކީ އޭނާ ދެކެ ހިތުގެ އަޑިން ތެދުވެރިކަމާއެކު ލޯބިވާ ކުއްޖެކެވެ.
ޒިޔާދުގެ އާއިލާއިން އޭނާއަށް ހެޔޮހިތުން ބަހެއް ބުނެލާ ހަމައެކަނި މީހަކީ އަސްމާއެވެ. އޭގެ ސަބަބުވެސް ޒައިނާއަށް އެނގެއެވެ. އަސްމާ ޅައީއެވެ. މާބޮޑަށް ވަމުންދާ ގޮތް ނުވިސްނެނީއެވެ. އިވޭ އަޑުތަކަކީ ކޮންކަހަލަ އަޑުތަކެއްކަން ނޭނގެނީއެވެ. އެހެން ނޫންނަމަ އަސްމާ ވެސް އޭނާ ދެކެ ފޫހިވެ ނަފުރަތުކުރާނެކަން ޔަގީނެވެ.
*****
ގޭތެރޭގެ މަސައްކަތާއި ބަދިގޭގައި ކުރަން ހުރި ކަންތައް ނިންމައިލުމަށްފަހު ޒައިނާއަށް ހިންދެމިލެވުނު އިރު އާދައިގެ މަތިން ރޭގަނޑުގެ ފުރަތަމަ ދަމަށް ނިމުމެއް އަންނަނީއެވެ. މުޅި ގޭތެރެއަށް އޮތީ ނިދީގެ ހިމޭންކަން ވެރިވެފައެވެ. ނިދަން އޮށޯތުމުގެ ކުރިން އަސްމާ ކޮބައިތޯ ބަލައިނުލާ ހިތްހަމަނުޖެހޭނެތީވެ، ޒައިނާ އަސްމާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލައި ބަލައިލިއެވެ.
ކޮޓަރީގެ އެއްފަރާތެއްގައި ހުރި އެނދެއްގައި ނަތާޝާ އަރާމުކޮށް ނިދާފައި އޮތެވެ. މިއީ ޒިޔާދުގެ ހަގަށް ދެވަނައަށް އިން އަންހެން ކުއްޖާއެވެ. މުޅި ގެއިން ވެސް އޭނާ ދެކެ އެންމެ ނަފުރަތު ކުރާ މީހަކީ ނަތާޝާއެވެ. ފާޅުގައި އެއްޗެހި ކިޔުމާއި ޖެއްސުން ކުރުމަކީ ނަތާޝާގެ އާދައެކެވެ. އޭނާ ފުން ނޭވާއެއްލަމުން ކޮޓަރީގެ އަނެއް ކަނުގައި ހުރި އެނދާ ދިމާއަށް ހިނގައިގަތެވެ.
ފިލާވަޅު ދަސްކުރުމަށް ފޮތެއް ހިފައިގެން އޮއްވައި ނިދިފައި އޮތް އަސްމާ ފެނުމުން އޭނާ ހިތަށް ހަމަޖެހުން ލިބުނެވެ. “މައުސޫމު ކުއްޖެކެވެ. އެކައްޗެއްވެސް ނުވިސްނޭ މޮޔަ ކުއްޖެކެވެ. ވަރަށް ބޮޑެތި ވާހަކަ ދައްކާނެއެވެ. އެކަމަކު ކުޑަކުޑަ ކުއްޖާއަށް ކުރެވޭނީވެސް ވަކި ކޮންކަމެއް ހެއްޔެވެ.” އޭނާ ހިތާހިތުން ވާހަކަ ދައްކަމުން އަސްމާގެ މޭމަތީގައި އޮތް ފޮތް ނަގައި އެނދުގެ އެއްފަރާތުގައި ހުރި މޭޒުމަތީގައި ބޭއްވިއެވެ. އަދި އަސްމާގެ ގައިގައި ފޮތިގަނޑެއް އަޅައިލުމަށްފަހު މަޑުމަޑުން ގޮސް ކޮޓަރީގެ އަލިބޮކި ނިވައިލާ ނިދާބޮކި ދިއްލައިލިއެވެ.
އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު ޒައިނާ ވަރުބަލިކަމުގެ ނޭވާއެއް ދޫކޮށްލިއެވެ. ރެޔާދުވާލު ބުރަ މަސައްކަތް ކޮށްކޮށް އޭނާގެ ގައިގެ ހުޅުތަކުގައި ނުފިލާ ރިހުމެއް ހަރުލަން ފަށައިފިއެވެ. ތުނި އޮމާން އަތްތިލައިގެ ހަންބޯވެ އިނގިލިތައް ކުރަލައި ނިޔަފަތިތައް ކަޅުވާން ފަށައިފިއެވެ. އޭނާގެ ތާޒާ ރީތިކަން ގެއްލުނީ ކިހައި އަވަހަކަށް ހެއްޔެވެ.
(ނުނިމޭ)