ވާހަކަ

ނުފޫޒަކުން - 7

4

"މަންމަ އުންމީދުކުރަން ދަރިފުޅު ތި ވަޒީފާގަ ދެމިހުންނާނެ ކަމަށް. ގިސާމަތުގެ ކުންފުނިން ލިބޭ ވަޒީފާ އަކީ މިދުނިޔެއިން ލިބޭނެ ނިއުމަތެއް" އަޒީމާ ދެ ދަރިންނަށް ބުންޏެވެ.

"ދެ އާއިލާގެ ގުޅުން އަނެއްކާވެސް ދެން އިތުރު ހަރުފަތަކަށް ކުރިއަށް ޖެހޭނީ މިދެކުދިންގެ ކައިވެނި ކުރެވުނީމަ" ބަތްތައްޓަށް އުލެއް ލައިގެން ކޮށްޓަން އިން ނޭހާ އަށް އަޒީމާ ބުންޏެވެ. ނޭހާ ހީލީ ގަދަކަމުންނެވެ. ކައިވެނިކުރަން ޝައުން އެދޭ ވާހަކަ އޭނާ މައިންބަފައިންނާ ހަމައަށް ގެނައީ އެކަހަލަ ވާހަކައެއް ޝައުން ނުބުނަނީހެވެ. ޝައުންގެ އާއިލާ އަށް އަދި އެކަން ނާންގާ ވާހަކަ ޝައުން ވަނީ ނޭހާ ކައިރީގައި ބުނެފައެވެ. ނޭހާ އަށް ނޭނގެނީ ޝައުން ގެ އާއިލާ އަށް އެވާހަކަތައް ބުނެނުދެވިގެން އުޅޭ ސަބަބެވެ.

"އަދި ސީދާ ތާރީހެއް ނޭނގޭ" ނޭހާ ބުންޏެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭހާ އަށް ނޭނގުނެވެ. ނޭހާ ގެ އެ ޖަވާބުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ފައިކު އަށެވެ.

****

ކާރުން ފޭބިގޮތަށް ވަށައިގެންވި މަންޒަރަށް ރޫޔާ ބަލައިލިއެވެ. ހާދަ ހިތްގައިމެވެ. މާލެއިން ނުފެންނަ ފަދަ ކުލަވަރެކެވެ. އަތޮޅުތެރެއިން ހިތަށް ހިތްހަމަޖެހުން ގެނެސްދެނީ ބޯމަތިން ފެންނަ ނޫ ކުލައިގެ އުޑާއި ވަށައިގެން ފެންނަ ފެހިކަމުންނެވެ. މިތަން މުޅީން ތަފާތެވެ. މިއީވެސް ﷲ ގެ ގުދުރަތްތެރިކަމެވެ. ގަސްތައް ހުރީ މަޑުމަޑު ރަތްކުލައެއްގައެވެ. ބޮޑެތި ފަތްތަކެއް ނެތެވެ. ހިމަހިމަ ހޯލިތަކެއް ފަދައިން ހުރި އެކިވަރުގެ ގަސްތަކާއި ލޯލިކޮޅުތަކެއްހާ ހިމަކޮށް ފެންނަ ފަތްތަކެކެވެ. މެދުގައި އޮތީ ވިލު ނޫކުލައިގެ ސާފު ކުޅިއެކެވެ. އެ ކުޅި ވަނީ އެތައް މޭލެއް ދުރަށް ފެތުރިފައެވެ. ކުޅީގެ ތެރޭގައި ކެނޯ ދުއްވަމުން ދިޔައީ އެބައެއްގެ ލޯބީގެ ދުނިޔޭގައި އުފަލާއި ހިތްހަމަޖެހުން ހޯދަމުންދާ ލޯބިވެރިންނެވެ. އެމަންޒަރުތައް ފެނުމުން ރޫޔާ އަށް ކުރެވުނީ މުޅިން އެހެން އިހުސާސެކެވެ. ރޫޔާ ފަހަތަށް އެނބުރި ބަލައިލިއެވެ. އުމުރުން ދުވަސްވީ ފިރިހެނަކާ ސަލާންކޮށް ވާހަކަދައްކަމުން ދިޔައީ ބައްޕައެވެ. ހީވާގޮތުން އެއީ ބައްޕަ ދަންނަ މީހެކެވެ. އިރުކޮޅަކުން ރޫޔާ އަށް ބައްޕަ އަތުން ހަނާއަޅާލިއެވެ. ރޫޔާ އެދިމާލަށް ދިޔައެވެ.

އެމީހާ އަށް ރޫޔާ ތައާރަފްކޮށްދިނީ ހަބީބެވެ. ރޫޔާ ހިނިތުންވެލުމާއެކު އެމީހާ ރޫޔާ ގެ ބޮލުގައި ފިރުމާލިއެވެ.

"މިއީ މި ބޮޑު މައިދާނުގެ އެންމެ އިސްފަރާތް. ބައްޕަގެ ގާތް ރަހްމަތްތެރިއެއް" ހަބީބް ބުންޏެވެ.

އެމީހާ ހިނގައިގަތުމާއެކު ރޫޔާގެ އަތްތިލައިގެ ތެރެއަށް ހަބީބް އަތްތިލަ މަހާލިއެވެ.

"އޭނާ އަށް ކިޔަނީ ކުރާނާ. އެއީ މި ވާދީ އަށް އުފާކުރަން އަންނަ ކޮންމެ މީހަކަށް އެހީތެރިވާ މީހެއް. އެއީ އެހާ މުއްސަނދި މީޙެއްނޫން. ބައްޕަގެ ޒަމާންވީ އެކުވެރިއެއް" އިތުރަށް ރޫޔާ އަށް ހަބީބް އޮޅުންފިލުވައިދިނެވެ.

އެކި ކުލަކުލައިގެ މާތަކުން ބަރާކޮށް ތައްޔާރުކޮށްފައި އޮތް ކެނޯ އަށް އަރަން ރޫޔާ އަށް އެހީވެދިނީ ހަބީބެވެ. އެއްކޮޅުގަ ރޫޔާ އިށީނުމުން ހަބީބް އަނެއްކޮޅުގައި އިށީނދެ ކެނޯ ދުއްވާލިއެވެ. ރޫޔާ އަށް ދެފަރާތަށް ދެއަތް ފުޅާކޮށްލެވުނެވެ. މިއީ މީގެކުރިން ދުވަހަކުވެސް އޭނާ އިހުސާސްކޮށްފައިވާ ކަމެއް ނޫނެވެ. ތަނުގެ ރީތިކަމާއި ފުރިހަމަކަން އިތުރަށް އެނާ އަށް ފެނިގެންދިޔައީ ކުޅީގެ މެދާ ހަމައަށް ދެވި، ހުރިހާ ދިމާލެއް ފެނުމުންނެވެ. ހަގީގަތުގައިވެސް ގުދުރަތީ އަޖައިބެކެވެ. ހެމުން ހެމުން ގޮސް އެންމެފަހުން ރޫޔާ ގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދުވަހަކު ނުލިބޭހާ ހިތްހަމަޖެހުން އެވަގުތުކޮޅުގައި އޭނާ އަށް ލިބުނު. ހުރިހާ ފިކުރުތަކެއްގެ މަތިން ހަނދާންނެތި ސިކުނޑި ތާޒާ ކުރުވައިފިއެވެ. ޖީބުގައި އޮތް ފޯނު ނަގައިގެން ރޫޔާ އުޅެމުންދާ ގޮތް ހަބީބް ވީޑިޔޯ ކުރަމުން ދިޔައެވެ.

ކެނޯގައި ހުރި މާތަކުން ފަހަރަކު މަލަކުން ވަސްބަލަމުން މާތަކުގެ ތެރޭގައި ދަރިފުޅު އުޅެމުންދާ އުފާވެރި މަންޒަރު ފެނުމުން ހަބީބް ގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. ދަރިފުޅުގެ ހިތާއި ސިކުނޑިއަށް ކުރަމުންދިޔަ އުނދަގޫތައް ފިލައިފިކަމުގެ އިހުސާސް އެނާ އަށް ކުރެވިއްޖެއެވެ.

ޔުނިވާސިޓީ ނިމުނު ވާހަކަ ބުނުމުން އޮފީހުގައި ހުރެފައި ހަބީބް އައީ ރޫޔާ ގެއަށް ގެންގޮސްފައި އަލުން އޮފީހަށް ދާން ނިންމައިގެންނެވެ. އެހެނީ މުހިއްމު ބައްދަލުވުމެއް އޮތް ދުވަހެކެވެ. އަނެއްކޮޅުން މިއަދު އޭނާ ވިސްނަންޖެހޭ ބޮޑު ކަންތައްގަނޑެއްވެސް ލައިގަނެއްޖެއެވެ. ކާރުގައި ހޭދަވި ވަގުތުގައި އަތުގައި ހުރި ވާހަކަ ފޮތްތައް އެހެން ކުއްޖަޖަށް ހަދިޔާ ކުރަން ރޫޔާ ނިންމީ ކޮންމެސް ކަމަށް ފިކުރު ބޮޑުވެގެންކަން ހަބީބަށް ފާހަގަވީ ދަރިފުޅުގެ ދެލޮލުން ފެނުނު އަސަރުތަކުންނެވެ. ރޫޔާ އަކީ ބައެއް ކަހަލަ ވާހަކަތައް ދުލާ ހަމައަށް އެހާ ފަސޭހައިން ގެނެވޭ ކުއްޖެއް ނޫނެވެ. މައިންބަފައިން ކަންބޮޑުވުމެއްގެ ތެރެއަށް ވައްޓާނުލުމަށް ކިތަންމެ ބޮޑު ކަމެއްވެސް ސިއްރުކޮށްގެން ހުރެދާނެއެވެ. ސްކޫލުގައި ކިޔެވިއިރު ފިރިހެން ކުއްޖެއްގެ ފަރާތުން ތަފާތު އުނދަގޫތައް ދިމާވެ އެންމެފަހުން އެހެންގޮތެއް ނެތިގެން ސްކޫލަށް ނުގޮސް ހަފްތާއެއްހާ ދުވަހު ރޫޔާ ހުއްޓެވެ. ސަބަބަކަށް ރޫޔާ ދައްކަނީ ބޮލެއްގައި ރިހޭ ވާހަކައެވެ. ދެ ހަފްތާ ވިއިރުވެސް އެ ރިހުން ކުޑަނުވާ ކަމަށް ރޫޔާ ބުނުމުން ހަބީބް ބޭނުންވީ ރޫޔާ ރަނގަޅު ޑޮކްޓަރަކަށް ދައްކާށެވެ. ރޫޔާ އެކަމަށް އިންކާރުކުރަން ފެށުމުން މައިންބަފައިންގެ ސުވާލުތައް ރޫޔާ އަށް އަމާޒުވިއެވެ. ވީގޮތް ރޫޔާ ކިޔައިދިނީ އެހިސާބުންނެވެ. ރޫޔާ ގޮވައިގެން ވާދީ އަށް ހަބީބް ކުރި އެ ޒިޔާރަތަކީ ރޫޔާ ހިތްހަމަޖައްސައިދިނުމަށް ކުރި ޒިޔާރަތެކެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ރޫޔާ ގެ ތުންފަތްމަތިން ހިތްހަމަޖެހުން ދުށުމަށެވެ.

****

ނިހާން މޭޒު ކައިރީގައި އިށީނީ ލަތީފާ ގުޅާފައި ސައިބޯން ނިކުންނަން ބުނުމުންނެވެ. ޔުނިވާސިޓީ އިން އައިގޮތަށް ނިދިފައި އޮވެފައި ނިހާނަށް ހޭލެވުނީ ލަތީފާ ގެ ކޯލު ލިބުމުންނެވެ. ނިހާން ބޭރަށް ނިކުތީ ފެންވަރައިގެން ބޭރަށް ނިކުމެވޭ ގޮތަށް ތައްޔާރުވެގެންނެވެ.

"ކޮބާ އާދޭ އަވަހަށް" ނިހާން ފެނުމުން ލަތީފާ ބުންޏެވެ.

ނިހާން ގޮނޑި ދަމާލާފައި އިށީނެވެ. ސައިބޯން މޭޒުމަތީގައި ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން ނިހާން ނެގީ ބީފް ރޯލްސް އެކެވެ. ޝާނާ ވެސް އައިސް އިށީނީ އެވަގުތުއެވެ. ނިހާނަށް ތަފާތު ނަޒަރަކުން ޝާނާ ބަލައިލިއެވެ. މުޅި ދުވަހު އޭނާ އެހުންނަނީ ނިހާން ދެކެ ހިތްހަމަނުޖެހިފައެވެ. އޭނާ އަށް ނާންގާ ނިހާން އައުމުންނެވެ. ނިހާން އުޅޭލެއް ދުރުކަމުންނެވެ.

"ދެކުދިން މިއަދު އައިގޮތަށް ނިދީ. މިއަދު ޔުނިވާސިޓީގަ މާ ބުރައީތަ؟" ދެކުދިންނަށް ހޫނު ކޮފީތަށި ދެމުން ލަތީފާ ބުންނެވެ.

"ނޫނޭ. އަޅުގަނޑު ފޮތް ހިފައިގެން އޮށްވަ ނިދުނީ" ނިހާން ބުންޏެވެ.

ކޮފީތަށި ހުސްކޮށްލައިގެން ނިހާން ތެދުވިތަން ފެނިފައި ޝާނާ ގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.

"ތަނަކަށް ދާންތަ؟" ޝާނާ އެހިއެވެ.

ނިހާނަށްބުނަންވީ އެއްޗެއް ނޭނގުނެވެ. ޝާނާ ހުރިހާ ކަމެއް އޮޅުންފިލުވަންޖެހޭ ހެއްޔެވެ؟ ވަރުގަދަ ކަމެކެވެ. އާއެނކޭ ބުނެފިއްޔާ ޝާނާ ފަހަތުން އަޅުވާލާނެއެވެ. މިނިވަންކަން ނަގާލާނެއެވެ. ނޫނެކޭ ބުންޏަސް ސަލާމަތެއް ނޯންނާނެއެވެ.

"އަނެއްހެން ބޭރަކަށް ނޫން. ރަށަށް ގުޅާލަން ގޭ ކައިރިއަށް ނިކުމެލަނީ މި" ނިހާން ބުންޏެވެ.

"އަވަހަށް އަންނައްޗޭ މިއަދު ކިޔައިދިން ފިލާވަޅުގަ އެބައިން އޮޅުންނުފިލާ ތަންކޮޅެއް. އޭތި ކިޔާލަދޭންވާނެ" ޝާނާ ބުންޏެވެ.

ލަތީފާ ސައިބޯން އިށީނީ ނިހާން ނިކުތުމުންނެވެ. ސޭންޑްވިޗެއް ކާން އިނދެ ޝާނާ އަށް ލަތީފާ ބަލައިލިއެވެ. ކޯފިތަށިން ކޯވަރެއް ބޯލާފައި އަނެއްކާވެސް ޝާނާ އަށް ނަޒަރެއް ދިނެވެ.

"ކޮންކަހަލަ ގޮތަކަށް މަންމަ ތިބަލަނީ" މަންމަ ބަލަން އިންގޮތުން އުނދަގޫވެގެން ޝާނާ ބުންޏެވެ.

"ނިހާނަކީ ޝާނާގެ ދޮންބެ ގެ އެންމެ ގާތް އެކުވެރިޔާ. ނިހާނު މިގޭގަ އެހުންނަނީވެސް ސާލިމްގެ އެދުމުގެމަތިން. އެ ދެބެން ގާތްގަނޑަކަށް ވާނީ އުމުރުގެ ގޮތުން އެއްވަރެއް. މަންމަ ބޭނުންވަނީ ނިހާނަކީ ދަރިފުޅުގެ ބޭބެއެއް ކަމަށް ދެކިގެން އުޅެން. ކޮއްކޮއެއް ފަދައިން ދަރިފުޅު ހިމާޔަތްކުރާނެކަން މަންމަ އަށް އެނގޭ. ނިހާނުގެ ކޮންމެ ހަރަކާތެއްގައި ވަނީ ޒިންމާދާރުކަން" ލަތީފާ ވާހަކަދެއްކިއެވެ.

ޝާނާ ގެ މޫޑް އޮފްވިއެވެ. މިހާރަކަށް އައިސް މަންމަ ދައްކާ ވާހަކަތަކުން އޭނާގެ ބޮލަށް ލިބެނީ ތުރާލެވެ. އޭނާގެ ލޯތްބާ ހިތާ ދެނެދު ހުރަހަކަށް އެވަނީ ލޯބިވާ މަންމަ އެވެ. އެވަރަށް ފިއްތައިގެން ގެންގުޅެނީ ކީއްކުރަން ހެއްޔެވެ؟ ކޮފީތަށި ދުރުކޮށްލާފައި ޝާނާ ތެދުވިއެވެ. މަންމަ ދެއްކި ވާހަކަތަކުން ހަގީގަތުގައިވެސް އޭނާ ހިތްހަމަނުޖެހިއްޖެއެވެ.

"މިއަންނަނީ ފާހާނާއަށް ވަދެލާފަ" މަންމަ އެއްޗެއް ހީކޮށްފާނެތީ ޝާނާ ބުންނެވެ.

****

ހެނދުނު ސަޔަށް އިންސާފު ކުރަމުންދިޔަ ވަގުތެވެ. ކުއްލިއަކަށް އެންމެން ބަލައިލީ ސަލާން ގޮވާލި އަޑަށެވެ. މާގިނަ އިރެއްނުވެ އެތެރެއަށް ވަދެގެން އައި އަންހެންކުއްޖާ ފެނިގިސާމަތުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކައިރިއަށް ހުއްޓުނު ގޮތަށް ގިސާމަތުގެ ގައިގައި ނޭހާ ކުޑަކޮށް ބައްދާލިއެވެ.

"އިށީނދޭ ސައިބޯން" ގިސާމަތު ބުންޏެވެ.

ނޭހާ އިށީނީ ޝައުން އާ ޖެހިގެން ހުރި ގޮނޑީގައެވެ. ނޭހާގެ މޫނަށް ޝައުން ބަލައިލީ ހިތްހަމަނުޖެހިފައެވެ. ނޭހާ އަންގާނުލާ އައުމުންނެވެ.

"އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން" ނޭހާ ބުންޏެވެ.

"އިހަށް މަޑުން އިނދޭ" ޝައުން ބުންޏެވެ. . ގިސާމަތު ބަލައިލުގޮތުން ޝައުން އަވަސް އަވަހަށް ހީލުމެއް ނޭހާ އަށް ދިނެވެ.

ސައި ބޮއެގެން ތެދުވެގެން ދަމުން ދެ ދަރީންނަށް ގިސާމަތު ބަލައިލިއެވެ.

އެވަގުތު އެއީ ނޭހާ ގެ ކައިރިއަށް ތަށި ކައިރިކޮށްލަން އުޅުނު ވަގުތު ފަޒީލާ ގެ އަތުން ނޭހާގެ އަތްތިލައިގެ މައްޗަށް ކުޑަ މަސްކޮޅެއް ވެއްޓުނު ވަގުތެވެ. އެވަގުތު ފަޒީލާ އަށް ނޭހާ ބަލައިލީ އަލިފާން ބެލުމަކުންނެވެ.

"އަނދިރިތަ؟"

"ނޭހާ" ޝައުންގެ އަޑު ބާރެވެ. ނޭހާ ދެލޯ ބޮޑުކޮށްލަމުން ޝައުން އަށް ބަލައިލިއެވެ.

"ޝައުން ނުޖޭހޭ ނޭހާ އަށް ތިހާ ބާރަށް ގޮވާކަށް" ގިސާމަތު ޝައުން އަށް ބުންޏެވެ. އެހިނދު ޝައުން އެއްޗެއް ނުބުނެ އިސްޖަހާލިއެވެ.

"ކަލޭމެން މިތަނުގަ އުޅެއުޅެ މުސްކުޅި ވާއިރުވެސް އެއްޗެއް ދަހެއްނުވޭ ދޯ" ގިސާމަތުގެ ރުޅިގަނޑު ފަޒީލާ އަމާޒުވިއެވެ.

އެވަގުތު ފަޒީލާ މައާފަށްއެދުމަށްފަހު އެތަނުން ދުރަށް ޖެހުނެވެ.

****

ނޭހާ ކޮޓަރިއަށް ވަތްއިރު ފާހާނާއިން ޝައުން ނިކުންނަނީއެވެ. ދެއަތްތިލައިގައި ބޮޑީ ބަޓަރ ކޮޅެއް ހާކަމުން ދެއަތްތިލަ އުނގުޅާފާއި ނޭހާ އަށް ޝައުން ބަލައިލިއެވެ. ނޭހާ އިނީ އެނދުގައި އިށީނދެގެންނެވެ. ޝައުން ބަލައިލިކަން އެނގުމުން ނޭހާ ލައިގެން އިން ހުދު ކުލައިގެ ގަމިސްކޮޅުގެ މަތިން ދެގޮށް ނެއްޓުވިއެވެ. އެހިނދު ނޭހާގެ މޭމަތިން ބައެއް ކަޝްފުވެގެން ދިޔައެވެ. ޝައުން އެކަމަށް ސަމާލުކަންނުދީ ހިނގައިގަންނަން އުޅުމުން ނޭހާ ހުއްޓުވިއެވެ.

"މިވަގުތު މޫޑެއް ނެތް" ޝައުން ބުންޏެވެ.

ހަގީގަތުގައިވެސް އޭނާ މިވަގުތު ހުރީ ނޭހާ ދެކެ ހިތްހަމަނުޖެހިފައެވެ.

"މަޑުކޮށްބަ. ޕްލީޒް" ނޭހާ ބުންޏެވެ.

"ނޭހާ ބުނީމެއްނު މުހިންމު ވާހަކައެއް ދައްކަންވެގެން އައި ވާހަކަ. އެހެންވީމަ މިތާ މަޑުކުރޭ. އަހަރެން މިދަނީ ފަޒިއްތަ ކައިރިއަށް" ޝައުން ބުންޏެވެ. ނޭހާ ގެ ދެއަތް ދުރަށްލާފައި ޝައުން ކޮޓަރިން ނިކުތެވެ.

"ދެން މާމަ ކައިރީގަ ބުނާނީއެއް ނޫން އަހަރެން އެބަޔަށް ދިޔަ ވާހަކަ"

އަލުން ދޮރުހުޅުވާލާފައި ޝައުން ބުންޏެވެ. ހިތްހަމަނުޖެހިފައި ނޭހާ ތުން އަނބުރާލިއެވެ.

****

އަތްމަތި އަވަސްކޮށްލައިގެން ހަންނާ ބަދިގެއިން ނިކުތްއިރު ހަބީބް ސޯފާގައި އިނެވެ. އޭނާ އައީ ރޭގަނޑުގެ ކެއުން ނެގުމަށްފަހު ހަބީބް ނަގާ ގްރީން ޓީ ތަށި ހިފައިގެންނެވެ.

"ކޮބާ އެމަންޖެ؟" ހަބީބް އެހިއެވެ.

"މައިލޯ ތަށި ހިފައިގެން ކޮޓަރިއަށް ހިނގައްޖެ" ހަންނާ ބުންޏެވެ.

އުނގު މައްޗަށް ކުޝަން ލަމުން ފިރިމީހާ އަށް ފުން ނަޒަރަކުން ހަންނާ ބަލައިލިއެވެ. ނޫންކަމަށް ހެދެން އުޅުނަސް ހަބީބްގެ މޫނުމަތިން ކަންބިޑުވުން އަދިވެސް ހަންނާ އަށް ފެންނަމުން ދިޔައެވެ.

"އަދިވެސް އަހަންނާ ތިކަންތައް ޝެއާ ކުރާކަށް ނުވޭތަ؟" ހަންނާ ބުންޏެވެ.

ކައިރީގައި ހުރި ބިއްލޫރި ކުޑަ މޭޒުމަތީގައި ގްރީން ޓީ ތަށި ބަހައްޓާފައި އަނބިމީހާ އަށް ހަބީބް ބަލައިލިއެވެ. ހަންނާގެ ބަލަން އިންގޮތް ފެނުމުން ހަބީބަށް ހެވުނެވެ. އަނބިމީހާގެ އަތްތިލައިގައި ހަބީބް ހިފާލިއެވެ. އެނާގެ ހާލަތު އަނބިމީހާ ދެނެގަންނާނެކަން މާކުރިންވެސް އޭނާ އަށް އެނގެއެވެ.

"މިއަދު ކޮންމެސްކަމެއް ވެއްޖެ. މެންދުރު ކާން ގެއަށް އައިރު ހުރިގޮތުން. ހަވީރު ރޫ ގޮވައިގެން ގެއަށް އައިރު ހުރިގޮތުން އަހަރެން ހީކުރީ ވަރަށް ހިތްހަމަޖެހިފަ ހުރިކަމަށް. ދެބަފައިންވެސް ތިބީ ހެވިދިލިފަ ވިއްޔާ. އެކަމަކު ލޯމަތިން ރޫޔާ ގެއްލޭއިރަށް ތި މޫނުމަތި ބަދަލުވެއްޖެ. އަހަންނަށް ހުރިހާ ކަމެއްވެސް ފާހަގަވޭ" ހަންނާ ވާހަކަދެއްކިއެވެ.

ހަބީބް ފުންނޭވައެއް ދޫކޮށްލިއެވެ. ހަންނާ އަށް ފުން ބެލުމަކުން ބަލައިލިއެވެ.

"ހިތަށް އަރާ މި ބިރުވެރިކަމާ ހިތްނުތަނަވަސްކަމުން ސަލާމަތްވާނީ ކޮންއިރަކުންބާއޭ. މިއަދު ގޮސް އޮފީހަށް ވަތްތަނާ ރާއްޖެއެއިން ފޯނު ކޯލެއް ލިބުނު. ހައިކަލް ގެ" ހަބީބް މަޑުމަޑުން ވާހަކަދެއްކިއެވެ.

"ހައިކަލް އޭ. އެއީ... އެއީ"

"އާނ އޭނަ އެއީ. ބުނީ އެގެއަށް އެމީހުން ފޮނުވައިގެން ބަޔަކު އައި ވާހަކަ. ސުވާކުތަކެއް ކުރި ވާހަކަ. ހައިކަލް ބުނި ސައްހަ އެއްވެސް މައުލޫމާތެއް ތިމަންނަ ނުދެމޭ" ހަބީބް ވާހަކަދެއްކިއެވެ.

ފިރިމީހާގެ ވާހަކަތަކުން ހަންނާ އަށް ވެސް އަސަރުތަކެއް ކޮށްފިއެވެ. އެއްޗެއް ނުބުނެ ހަންނާ ހިމޭންވީ އެހެންވެއެވެ. ހަބީބް އަނބިމީހާ އަށް ބަލައިލީ އަނބިމީހާ އެއްވެސް އެއްޗެއް ނުބުނުމުންނެވެ.

"ޔުނިވާސިޓިއަށް ރޫ ބަލައި ދާންވަންދެން އަހަރެން ވަގުތުތައް ހޭދަކުރީ ފިކުރުކުރުމާއި ވިސްނުމުގަ. ރޫ ބަލާ ގޮސް ކާރުގަ ނައްޓާލިތަނާ އަހަންނަށް އެނގިއްޖެ ކޮންމެސްކަމަކާ ރޫ ގެ ސކކުނޑި ގޮށްވަމުންދާކަން. އެހިސާބުން އަހަންނަށް މުހިންމުވީ ރޫ ގެ ހިތްހަމަޖެހުން. އަހަރެން ބޭނުންވީ އެއީ ކޮންމެކަހަލަ ފިކުރުތަކެއް ނަމަވެސް އެ ވިސްނުންތަކުން ރޫ ދުރުކުރަން. އަހަރެން ރޫ ގޮވައިގެން ދިޔައީ އެއްކަލަ ވާދީ އަށް. މިއަދު އަހަރެން ދަރިފުޅާއެކު ހޭދަކުރީ ވަރަށް އުފާވެރި ވަގުތުތަކެއް. އަހަރެން ބޭނުންވި ގޮތަށް ރޫ ގެ ހާސްކަން ދުރުކޮށްދެވުނު" އެވާހަކަ ދުލުން ދައްކާޅުމުން އެކަނިވެސް ހަބީބްގެ ހިތައް އެތައް ހިތްހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ.

ހަންނާގެ ދެ ތުންފަތްވެސް ދެފަރާތަށް ދެމިލިއެވެ. ދެބަފައިންގެ ލޯތްބަކީ މުޅި ދުނިޔެއަށް ނަމޫނާ ލޯތްބެއްކަން ހަންނާ ގަބޫލުކުރެއެވެ. ޖެހިލުންވަނީ ދެބަފައިންނަށް އެކުގައި އުޅެވެން އޮތް މުއްދަތު ކުޑަވެދާނެތީއެވެ. މާދަމާވެސް ހަގީގަތާ ކުރިމަތިލާން ޖެހިދާނެތީއެވެ. ދަރިފުޅާ ވަކިވާންޖެހި މުޅި ދުނިޔެއަށް އޭގެ ދެމަފިރިން ގިނަވެދާނެތީއެވެ.

****

ހަވީރުގެ ވަގުތެވެ. ބަންދު ދުވަހަކަށް ވާތީ މުޅި ދުވަސް ރޫޔާ ހޭދަކުރީ ގޭތެރޭގައެވެ. އޭނާ ތިރިއަށް ފޭބީވެސް މަންމަ އާއި ބައްޕަ އާއެކު ކާ ގަޑިތަކުގައި އެކަންޏެވެ. އޭނާ ގިނަވަގުތުތައް ހޭދަކުރީ ފިލާވަޅުތައް މުޠާލިޔާ ކުރުމުގައެވެ. މަންމަ އާއި ބައްޕަ އެދޭ ފަދައިން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔަވައިގެން އެ ގައުމުގައި ޒިންމާދާރު ވަޒީފާއެއް އަދާކުރުމަކީ އޭނާ އެންމެ އިސްކަންދޭ އެއް ކަމެވެ.

ރޫޔާ އެނދުން ތެދުވެ ހަށިގަނޑުގެ ނާރުތައް ދަމާލިއެވެ. އޮށޯވެ އޮވެއޮވެ ވަރުބަލި ވެއްޖެއެވެ. އިސްތަށިގަނޑު އެއްފަރާތަކުން ކުރިމައްޗަށް ގެނެސްފައި ސއިޑް ކަބަޑުމަތީގައި ހިތެއްގެ ބައްޓަމަށް ބަހައްޓާފައި ހުރި ގަޑި ބަލައިލިއެވެ. ފަސްގަޑި ބައިވާން ކައިރިވެއްޖެއެވެ. ހަވީރު ސައިބޯން އޭނާ ތިރިއަށް ނުފޭބީ ބަނޑުހައިނުވާ ކަމަށް ބުނެއެވެ. އެކަމަކު މިހާރު ކުޑަކޮށް ބަނޑުހައިވާ ގޮތް ވެއްޖެއެވެ. އެނދު ކައިރީގައި ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނުގެ ތެރެއަށް ފައިތިލަ ކޮށްޕާލާފައި ރޫޔާ ހަމަ އިސްކޮޅަށް ކޮޅަށް ތެދުވެލިއެވެ. ލައިގެން ހުރި ޕީޗް ކުލައިގެ ކޮޓަން ފޮތީގެ އަތްދިގު ޓީޝާޓާއި ހަރުވާޅަށް ކުޑަކޮށް ދަމާލާފައި ކޮޓަރިން ނިކުންނަން އޭނާ ހިނގައިގަތެވެ. ދޮރުހުޅުވާލާފައި އެތެރެއަށް ވަތް މަންމަ ފެނުމުން ރޫޔާ އަށް ހެވުނެވެ.

"މަންމަ އަށް އެނގޭ ބަނޑުހައިވެގެން ތިރިއަށް އަންނާނެކަން. އަން. މި ބޯލައިގެން އޮވޭ" ހަންނާ ބުންޏެވެ.

މަންމަ އަތުގައި ހުރި އާވިއަރަމުންދާ ކޮފީ ތަށީގައި ރޫޔާ ހިފިއެވެ. އެނދުމަތީގައި ކޮފީތަށި ބެހެއްޓުމުން ހަންނާ ދެފަރާތަށް ބޯހޫރާލިއެވެ. މަންމަ އަށް ބަހެއް ބުނާނެ ފުރުސަތެއްނުދީ ރޫޔާ މަންމަގެ ގައިގައި ބައްދާލިއެވެ.

"އަޅުގަނޑު ވަރަށް ލޯބިވޭ މަންމަ އާއި ބައްޕަދެކެ" ރޫޔާ ބުންޏެވެ.

ރޫޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ހަންނާގެ ދެލޯ ފެންކަޅިވިއެވެ. އޭނާގެ ހިތް ބުނެލި ކަހަލައެވެ. މަންމަ އާއި ބައްޕަ ދަރިފުޅު ދެކެ މާ ލޯބިވެއެވެ. މަންމަ އާއި ބައްޕައަށްޓަކައި ދަރިފުޅަކީ ކިހާ ވަރެއްގެ މީހެއްކަން ދުކުން ބަޔާންކުރަންވެސް މަންމައަށް ދައްޗެވެ.

"މިއީ އޭ މައްސަލައަކީ. ހާދަ ފުއްސޭ ބަންދު ދުވަސް އައިމަ" ރޫޔާ ބުންޏެވެ.

ނިތްކުރިމަތިން ފައިބާފައި ހުރި ރޫޔާ ގެ އިސްތަށިގަނޑު ރީތިކޮށްލާފައި ހަންނާ ހީލިއެވެ.

"ޖިމް ގަ ހަލާކުވިތަން ބައްޕަ ހަދައިފި. ދަރިފުޅަށް މިހާރު ބޭނުން ނުކުރެވޭނެ އެއްޗެއް ނޯންނާނެ" ހަންނާ ބުންޏެވެ. ރޫޔާ އަށް ހީނލެވުނެވެ.

ހަންނާ ދިޔުމުން ކޮގީތަށި ހިފައިގެން އައިސް ރޫޔާ ހުއްޓުނީ ބެލްކަންޏަށް ނިކުންނަ ދޮރު ކައިރީގައެވެ. ދޮރުފޮތިގަނޑު ކަހާލަން އުޅެފައި އޭނާ ހުއްޓުނީ އިރުއޮށްސޭ ވަގުތަށް ބެލްކަންޏަށް ނުނިކުންނަން މަންމަ ބުނެފައި އޮތްކަން ހަނދާންވެފައެވެ. އަނެއްކާވެސް ރޫޔާ ގަޑި ބަލައިލިއެވެ. އަދި ހައެއް ނުޖަހައެވެ. އިރުއޮށްސެން އަދި ވަގުތު އެބައޮތެވެ. ފޮތިގަނޑު ރޫޔާ ކަހާލިއެވެ. ދޮރު ކަހާލާފައި ބޭރަށް ނުނިކުމެވިގެން އުޅެނިކޮށް އޭނާގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި ހުރި ބެލްކަނިން ފެންނަން ހުރި ކޮޓަރިއެވެ. މީގެކުރިން އެ ކޮޓަރި ހުޅުވާފައި ހުއްޓާ އޭނާ ނުދެކެއެވެ. ފިރިހެނަކު ބޭނުންކުރާ ކޮޓަރިއެއް ކަން އެނގެނީ ފާރުގައި ހަރުކޮށްފައިވާ އެކި ޕޯސްޓަރުތަކުންނެވެ. ރޫޔާ ގަޔާވިއެވެ. މުޅި ކޮޓަރި ބަލާލާހިއްވިއެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫނެވެ. ދެ ބެލްކަނި ހުރި ގޮތުން ދެމެދުގައި ޖަހާފައިވާ ތަނބު އެހީއަކަށް ބޭނުންކޮށްގެން އެއް ބެލްކަނިން އަނެއް ބެލްކަންޏަށް ނުލާހިކު ފަސޭހައިން އާދެވޭނެއެވެ. އެކަމަކު އެއީ ހުޝިޔާރު އަންހެނަކަށް ނޫނީ ފިރިހެނަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އިމާރާތްތައް ހަދާފައި ހުރި ގޮތާމެދު އަދި ކިރިޔާ ރޫޔާ އަށް ވިސްނާލެވުނީއެވެ. ކުއްލިއަކަށް ރޫޔާގެ ނަޒަރު ހުއްޓުނީ އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނު ނިހާން ފެނިފައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟