"މަންމަ ބޭސްނުކަންތަ؟ މިހާރު މާ ލަސްވެސްވެއްޖެ" ގިސާމަތު އެނދުގައި ބައިންދާފައި ބިއްލޫރި ތައްޓަށް ފެން އަޅާފައި މަންމަގެ އަތަށް އޭނާ ދިނެވެ. ކާޑުން ބޭސްގުޅަ ވަކިކޮށްލާފައި ދިނުމަށްފަހު އޭނާ އިނީ މަންމަގެ މޫނަށް ބަލަހައްޓައިގެންނެވެ. ނަސީބަކުން ވަރަށް ފަސޭހައިން އާނާ ބޭސްގުޅަ ކާލިއެވެ. އަޖްވަދު ކޮޓަރިން ނިކުތީ ގިސާމަތުގެ ދެލޯ މެރުމުންނެވެ.
****
ހުސްވެފަ ހުރި ޖަގަށް ފެން އަޅައިގެން ކޮޓަރިއަށް ދަނިކޮށް ފެނުނު މަންޒަރަކުން ލަތީފާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނިކުމެގެން އެދަނީ ޝާނާއެވެ. އެ މަންޒަރު ބަލަހައްޓައިގެން ލަތީފާ ހުރީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުންނެވެ. އެހާ ސިއްރުން ޝާނާ އެ ކޮޓަރިއަށް ދިއުމުގެ ބޭނުމެއް ނޯންނާނެއެވެ. ޝާނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރެފައި އޭނާ ކުރިއަށް ހިނގައިގަތީ ނިހާންގެ ކޮޓަރި ދޮރުމަތީގައި ޝާނާ ހުއްޓުމުންނެވެ. ލަތީފާ ދެ ފަރާތަށް ބޯހޫރާލިއެވެ. ދަންވަންދެން ޝާނާ ނުނިދައި އުޅޭކަން އެނގުމުން އޭނާ ހިތްހަމަނުޖެހުނެވެ. އަނެއްކޮޅުން ޝާނާގެ ރަނގަޅު ނިޔަތެއް އޮތްނަމަ އެހާ ވަގެއް ނުވާނެއެވެ. ރުޅި އައިސް ރަތްވެފައި ހުރި ލަތީފާ ޝާނާއާ ދިމާލަށް ހިނގައިގަތެވެ.
"ޝާނާ..." ކުއްލިއަކަށް ޝާނާ ސިހުނީ ކައިރިން މަންމަގެ އަޑު އިވުމުންނެވެ. ނިހާންގެ ކޮޓަރީ ދޮރުގައި ޓަކިޖަހަން ހިއްލާލި އަތް އޭނާއަށް ޖެހުނީ ތިރިކޮށްލާށެވެ.
"މަންމާ..." ޝާނާއަށް ބުނެވުނެވެ. އޭނާގެ ވަގު މަންމައަށް ފަޅާއެރީތީ ނިކަން އަވަހަށް އިސް ތިރިކޮށްލިއެވެ.
"އާދެބަލަ" ހިތްހަމަނުޖެހިފައި ލަތީފާ ބުންޏެވެ.
ލަތީފާ ހިނގައިގަތުމުން ޝާނާއަށް އެއް އަތުން ނިތްމަތީގައި ޖަހާލެވުނެވެ. މިވަގުތު އޭނާ ކުރަން އުޅުނު ކަންތައް މަންމައަށް ފެނުމުން އޭނާ މަންމަ ކައިރީގައި ދައްކާނެ ބަހަނާއަކާ މެދު ވިސްނާލިއެވެ. އެހާ ސިއްރުން އުޅުނީވެސް މަންމައަށް ވިއްޔާއެވެ.
"އިށީނދެބަލަ" ލައިޓްތައް ޖައްސާފައި ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީންނަމުން ލަތީފާ ބުންޏެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ޝާނާ އިށީނެވެ. ދެ އަތް އުނގުމަތީގައި ބޭއްވި ގޮތަށް ދެ އަތް ދެ އަތާ ޝާނާ މޮޑެމުން ދިޔައެވެ. މަންމައާ ހަތަރުކަޅި ހަމަކޮށް ބަލަން އޭނާއަށް ނުކެރުނީ އޭނާ ބުނަން އުޅޭ ދޮގު ފަޅާ އަރާފާނެތީއެވެ.
"ތިއީ ކޮންކަމެއް؟" ލަތީފާ ބުންޏެވެ.
"މަންމަ ތި ހީކުރާ ކަހަލަ ގޮތަކަށް އެއްވެސް ކަމެއް ނުވޭ" ޝާނާ ބުންޏެވެ.
"އެހެންވިއްޔާ ޝާނާ ބުނެބަލަ؟" ލަތީފާ ބުންޏެވެ.
"ނިހާން އަތުގަ އޮތް އަޅުގަނޑުގެ ޕެންޑްރައިވް ބަލައި ދިޔައީ" ޝާނާ ބުންޏެވެ.
"ޕެންޑްރައިވް ބަލައި ދާނީ ގަޑިން ރޭގަނޑު ބާރައިގެ ފަސްވީމައެއް ނޫނޭ. ނިހާން އޮންނާނީ ނިދާފަ ކަމެއް ނޭނގޭތަ؟" ލަތީފާ ބުންޏެވެ.
އިތުރަށް ބުނާނެ އެއްޗެއް ޝާނާއަށް ނޭނގުނެވެ. އިތުރަށް އެއްޗެއް ބުނަން ހަދައިގެން އަނެއްކާވެސް ހެދޭނީ ދޮގު މައްޗަށް ދޮގެވެ.
"ދެން އަޅުގަނޑު ދަންތަ ނިދަން" އިރުކޮޅަކު އެހެން އިނުމަށްފަހު ޝާނާ ބުންޏެވެ.
"ބުނަން ޝާނާ ވާހަކައެއް" ބަޝީރާގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ.
"އަމިއްލަ ވަޒަނާ ގައުމާ ދޫކޮށްފަ މިކަހަލަ ތަނެއްގަ އަހަރެން ދިރިއުޅެންފެށީ އަހަރެން ބޭނުވެގެނެއްނޫން. މިއީ ޝާނާއާ ސާލިމް އަށްޓަކައި އަހަރެންވި ގުރުބާނީއެއް. ޝާނާގެ ބައްޕަ ދުރުގައި ހުރެ މަސައްކަތް އެ ކުރަނީ ހަމައެކަނި ތި ދެބެންނަށްޓަކައި. މިތަނަށް އައިރުވެސް އަހަރެން ބުނީމެއްނު. ކިޔަވައިގެން މުޖުތަމައަށް ބޭނުން ހިފޭ މީހެއްގެ ގޮތުގައި އަމިއްލަ ގައުމަށް ގޮސް އަމިއްލަ ފައި މައްޗަށް ނުތެދުވޭހާ ހިނދެއްގައި ލޯބީގެ ކުޅިގަނޑެއް ކުޅެން ނޫޅޭށޭ. ޝާނާގެ ފަރާތުން ކިރިޔާވެސް އަހަންނަށް އެކަހަލަ މަންޒަރެއް ފެނުނިއްޔާ ހަނދާންކުރާތި ހުރި ހިސާބުން ހުރިހާ ކަމެއް ބަހައްޓާފަ އަހަރެން ފުރައިގެން ދާނީ"
ޝާނާ ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެއީ މަންމަ އަބަދުވެސް ބުނާ އެއްޗެކެވެ. ޝާނާގެ މޫނުމަތިން ފޫހިކަން ފެންނަން ހުއްޓެވެ. ލޯބީގެ ކުޅިގަނޑެއް ކުޅެންވީ އުމުރުން ދުވަސްވީމަ ހެއްޔެވެ؟ މަންމަގެ މި ހުންނަ ކަޓު ގޮތެއްދޯއެވެ. ޝާނާ ދިޔައީ ކުދި ކިޔަމުންނެވެ.
****
ކެމްޕަސް އިން ނުކުމެފައި ނިހާން ދެފަރާތް ހޯދައި ބަލައިލިއެވެ. ކަމެއް ދިމާވެގެން އޭނާއަށް ބްރޭކް ގަޑީގައި ނުކުމެވޭ ގޮތެއް ނުވިއެވެ. ސިޑީގެ ހަރުފަތްތައް ގިރާކޮށް ތިރިއަށް ފޭބިތަނާ ޕްލަމް ގަސްތަކުގެ ދަށުގައި ވިނަތަކުގެ މަތީގައި އިށީނދެގެން އިން ރޫޔާ ފެނިއްޖެއެވެ. ނިހާންގެ ތުންފަތް ދެ ފަރާތަށް ދެމިލިއެވެ. އެ ސޫރަ ކިތަންމެ ދުރުން ފެނުނަސް އޭނާގެ ހިތަށް އެވާ ގޮތެކެވެ. ވަގުތުން އެ ދިމާލަށް އޭނާ ހިނގައިގަތެވެ. އޭނާ ހުއްޓުނީ ރޫޔާގެ ކުރިމަތީގައެވެ. ރޫޔާއަށް ފެނުނީ ނިހާން އަރައިގެން ހުރި އަޅި ކުލައިގެ ކެޝުއަލް ބޫޓެވެ. އޭނާ މަޑުމަޑުން މައްޗަށް ބަލަމުން އައިސް ނިހާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ހީލުމެއްވެސް ނެތި އަނެއްކާވެސް ވާހަކަފޮތަށް ރޫޔާގެ ނަޒަރު ހުއްޓުމުން ނިހާންގެ ދެތުންފަތް ދެމިލިއެވެ. ހުރި ދިމާލުން އެއް ފައި މައްޗަށް ނިހާން އިށީނދެލިއެވެ. އެއާއެކު ރޫޔާގެ އަތުގައި އޮތް ވާހަކަފޮތް ދެ ޒުވާނުންގެ މޫނަށް ހުރަސްވާގޮތަށް އުފުލާލިއެވެ. ރޫޔާގެ މޫނުގެ ބަދަލުގައި ނިހާނަށް ފެންނަމުން ދިޔައީ ރޫޔާ ކިޔަން އިން ވާހަކަފޮތުގެ ބަނޑޭރި ހަންގަނޑެވެ. އެއީ ހަމަ ގަސްތުގައި ނިހާންގެ ނަޒަރުން ސަލާމަތްވުމަށް ރޫޔާ ކުރި ކަމެއްކަން ނިހާނަށް އެނގުނެވެ.
"ޔޫ ޕޮސެސްޑް މީ..... އެންޑް އޮބްސެސްޑް މީ" ނިހާން ކިޔާލިއެވެ.
"ވަޓް...؟" ރޫޔާ ފޮތް ތިރިކޮށްލީ ކުއްލިއަކަށެވެ.
އޭނާގެ މޫނާ އެއްހަމައިން ނިހާންގެ މޫނު ފެނުމުން ރޫޔާ ފުންމައިގެން ތެދުވިއެވެ. ރޫޔާގެ މޫނުމަތިން ހާސްކަމެއް ނިހާނަށް ފެނިލިއެވެ. ރޫޔާއަށް ވީގޮތް ފެނި ނިހާން ވެސް ފުންމައިގެން ތެދުވިއެވެ.
"ރިލޭކްސް... އަހަރެން މި ކިޔާލީ ތި ފޮތުގަ ބޭރުގަ ލިޔެފަ އިން އެއްޗެއް" ނިހާން ބުންޏެވެ.
ރޫޔާ އެ ފޮތް ބަލައިލިއެވެ. ތެދެކެވެ. އެހެން އެބައިނެވެ. ކިޔާހިތުން އެ ފޮތް ގަނެލިއިރު އެތަންކޮޅު އޭނާގެ ލޮލުގައި އަޅައިނުގަނެއެވެ. އެކަމަކުވެސް އެއީ އޭނާ އަހާހިތްތާ ޖުމުލައެއް ނޫނެވެ. އެފަދަ ބަސްތަކެއް އޭނާ ވާނީ މީގެކުރިން އެތައް ފަހަރަކު އަޑުއަހައިފައެވެ. ލޯ ކުރިމަތީގައި ކުރަހާލި ސޫރައެއްގެ ސަބަބުން ރޫޔާގެ މޫޑު ހަރާބުވާން އުޅުނެވެ. އެހެންނަމަވެސް އެކަމަށް ފުރުސަތުނުދީ އޭނާ ފޮތް ލައްޕާލާފައި އުނގުގައި އޮތް ދަބަސް ތެރެއަށް ކޮށްޕާލިއެވެ.
"ވަރަށް ވާހަކަ ކިޔަންތަ؟" ނިހާން އަހާލިއެވެ.
ރޫޔާ ބަހެއް ނުކިޔައެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރޫޔާ ދާން ހިނގައިގަތެވެ.
"ދަނީތަ؟ އަދި ކުޑައިރުކޮޅަކު މަޑުކޮށްލަންވީނު" ނިހާން ބުންޏެވެ.
ރޫޔާ ބަހެއް ނުކިޔައި ކުރިއަށް ހިނގަމުން ދިޔައެވެ. މާ އަވަސް ހިނގުމެއްގައެއް ނޫނެވެ. އޭނާ ދިޔައިރު ފަހަތަށް އެނބުރި ބަލައިލަން ހިތަށް އެރިއެވެ. އޭނާ ނިހާނާ ވާހަކަދައްކަން ބޭނުން ނުވަނީއެއް ނޫނެވެ. އެހާ އަވަހަށް ގުޅުމެއް އުފައްދަން ޖެހިލުންވަނީއެވެ. ހިތަށް އަލަށް ވާން ފެށި އިހުސާސްތައް ދެނެގަންނަން ވަގުތު ބޭނުންވަނީއެވެ.
ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ނިހާން ރޫޔާ ދާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. އަނގައިން ނުބުނެ ދިޔަސް ތި މަލަށް ޖެހުނު ލޯތްބެއް މި ހިތަކުން ދުވަހަކުވެސް ފިލައި ނުދާނެއެވެ. އަންހެންކުއްޖަކު ފެނިގެން ހިތުގައި ތަފާތު ވިންދެއް ޖަހާލި ތިއީ ފުރަތަމަ އަންހެންކުއްޖާއެވެ. މޮޔަވާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ހަމަ ހަގީގަތަށްވެސް މޮޔަވެދާނެއެވެ.
****
ސެޝަން ނިމުމުން ރޫޔާ އަވަހަށް ކުލާހަށް ނުކުތީ ގެއަށް ދާން ބޭނުންވެފައި ހުރުމުންނެވެ. އޭނާ ނުކުތީ ގޭޓު ކައިރިއަށް ބައްޕަ އައިސް ގުޅުމުންނެވެ. އެހާ އަވަހަށް ސިޑިން ފައިބައިގެން އައީ ބައްޕައަށް ލަސްވެދާނެތީއެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އައި ރޫޔާ ކުއްލިއަކަށް ހުއްޓުނީ ކުރިމައްޗަށް ހުއްޓުނު ނިހާން ފެނިފައެވެ. ސިހުނުވަރުން ކުޑަކޮށް ރޫޔާގެ އަނގައިން އަޑެއްވެސް ނުކުތެވެ.
"މެއްސެއް ވަދެދާނެ" ނިހާން ބުންޏެވެ.
ރޫޔާ އަނގަ ލައްޕާލާފައި ހިނގައިގަތެވެ. ނިހާން ފަހަތުން އަންނަކަން އެނގުމުން ކުޑަކޮށް ރޫޔާ ހިނި އަންނަ ގޮތް ވިއެވެ. އެހާ ފަސޭހައިން ދުރަށްދާން އުޅޭ ޒުވާނެއް ނޫނެވެ.
"މިއަދު ކްލާސް ގަޑީގަ ތި ރޯ ގަ ތިބި ދެ ފިރިހެނުން ކޯއްޗެކޭތަ އެ ކިއީ" ނިހާން އެހިއެވެ.
ރޫޔާ ވާހަކަނުދެއްކިޔަސް ނިހާން ކުޑަކޮށްވެސް ފޫއްސެއް ނުވެއެވެ. އޭނާއަށްޓަކައި ރޫޔާގެ ފުށުން ފޫހިކަމެއް ނުވަތަ ނަފްރަތެއް ނުފެނެއެވެ. މިފަހަރުވެސް ހީލައިގެން އޭނާ ހުރީ ރޫޔާ ދާ މަންޒަރު ބަލާށެވެ.
"އަންހެނުންނަށް ފްލާޓް ކުރުމަކީ ފިރިހެނުންގެ އުފަލެއް. އެމީހުން އެކަހަލަ ކަމެއް ކުރީ"
ނިހާނަށް ހެވުނެވެ. އޭނާގެ ސުވާލަށް ރޫޔާ ޖަވާބުދިނީ ސިޑީގެ ފަހު ހަރުފަތް މަތީގައި ހުރެއެވެ. ރޫޔާ ހިނިތުންވެލާފައި ހިނގައިގަތެވެ. ރޫޔާގެ ފަހަތުން ދެތިން ފިޔަވަޅު ކުރިއަށް ނިހާން އެޅިއެވެ. ގޭޓުން ނުކުމެ ކާރަށް އަރަންދެން ނިހާން ބަލަހައްޓައިގެން ހުއްޓެވެ.
"ރޫޔާއާ އަޅައިގަނެފަ. މިހާރު އެނގިއްޖެއްނު ޝާނާއާ އޭނަ ދުރުވަނީ ކީއްވެގެންކަން" ލަވީރާ ބުންޏެވެ.
"އަޅައިގަންނާނެއްނު. ދެކުނިންތަ ރޫޔާގެ ލޯ. ހާދަ ރިއްޗޭ... ނިހާން އެ ހުންނަނީ އެ ލޮލުގެ ޖާދޫގަ ޖެހިފަ" ލަވީރާގެ ވާހަކަތަކުން އުނދަގޫވަމުން ދިޔައީ ޝާނާގެ ހިތަށެވެ.
ކުލާހުން ނުކުތް އިރުން ފެށިގެން ދެ އަންހެންކުދީން އެ އަންނަނީ ނިހާންގެ ހަރަކާތްތައް ބަލަމުންނެވެ. އެންމެފަހުން އެންމެ ބަލަން ބޭނުންނުވި މަންޒަރު ވެސް ޝާނާގެ ލޮލަށް ފެނުނީއެވެ. އޭނާ ކަމު ނުގޮސް ބުރުގާ އަޅާފައި ހުރި ހިކި އަންހެންކުއްޖެއް ނިހާނަށް ކަމުދިޔައީތީ އެތެރެއެތެރެއިން ޝާނާ ހަޅޭއްލެވިއެވެ.
"އެހެންވިޔަކަ އަހަރެން ނުދޭނަން" ޝާނާ މަޑުމަޑުން ބުންޏެވެ.
"ކިހިނެއް އެކަން ހުއްޓުވާނީ. އަހަންނަށް އެނގޭ އެ ގާލްވެސް އެ ހުންނަނީ ކެޓިފަ" ލަވީރާ ބުންޏެވެ.
"ލަވީ ބަލަން ހުރޭ. ނިހާން ލިބޭނީ މަށަށް" ޝާނާ ބުންޏެވެ.
އެހާ އަވަހަށް އޭނާގެ ސިކުނޑީގައި މޮޅު ކަންތައްގަނޑެއް ރާވާލިއެވެ.
"ދެންވެސް ހިނގާ. މަޖުނޫނަށް ވެގެން އެ ކާރު ފަހަތުން ވެސް އޭނާ ހިނގައިދާނެ. ހިނގާ ހުއްޓުވަން" ޝާނާގެ އަތުގައި ހިފައިގެން ލަވީރާ ހިނގައިގަތެވެ.
ދެ އަންހެންކުދީންނަށް ނިހާން އަތުޖެހުނީ ގޭޓުން ނުކުމެ ނުކުމެ ހުއްޓައެވެ. ހީލާފައި ފަހަތަށް އެނބުރު ނިހާންގެ ހިނިތުންވުން ކުއްލިއަކަށް ފިލައިގެން ދިޔައީ ކުރިމަތީގައި ހުރި ޝާނާ ފެނިފައެވެ. ޝާނާ ހީލައިގެން ހުރުމުން އަނެއްކާވެސް ނިހާން ހީލިއެވެ.
"ކާރު އެބައޮތް. ހިނގާ ދާން. މިއަދު މަންމަ ބުނި އަވަހަށް އަންނައްޗޭ. ބައްޕައަށް ޕްރޮމޯޝަން ލިބުނީމަ މަންމަ ހުރީ ކައްކާފަ" ޝާނާ ބުންޏެވެ.
"ދެކުދިން ކާރުގަ ދޭ. އަހަރެން ދާނީ ބަހުގަ. ދެ އަންހެކުދިންނާއެކު ކާރަށް އެރީމަ އަހަރެން ކިހާ ވައިވާނެ" ނިހާން ބުންޏެވެ.
ޝާނާ އިތުރު އެއްޗެއް ނުބުނަނީސް ބަހާ ދިމާލަށް ނިހާން ހިނގައިގަތެވެ.
****
ކާރު ކުރިއަށް ދުއްވާފައި ދިޔައިރު ރޫޔާ އިނީ ހިމޭނުންނެވެ. ގޭޓު ކައިރިއަށް ނުކުތް ނިހާން ކާރު ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ބަސް ހުއްޓިއާ ދިމާލަށް ހިނގައިގަތް ތަން ރޫޔާއަށް ފެނުނީ ފަހަތް ފެންނަ ލޯގަނޑުންނެވެ. އެ ލޯގަނޑުން އޭނާ ނަޒަރު ވަކިކޮށްލީ އޭނާގެ ލޮލަށް ނިހާން ގެއްލުމުންނެވެ.
"މިއަދު ނިހާން ނާންނަ ދުވަހެއްތަ؟" ހަބީބް އަހާލިއެވެ. ރޫޔާ ނިކަން އަވަހަކަށް ނޫނެކޭ ބުނެލިއެވެ.
"ބަހަށް އަރައިގެން ހިނގައްޖެ. އަވަހަށް ތަނަކަށް ދާންވެގެން ކަންނޭނގެ" ރޫޔާ ބުންޏެވެ.
"ބައްޕަ ބުނިން މި ކާރުގާ ދަރިފުޅާއެކު ނިހާނަށް ދަތުރުކުރެވޭނޭ. ނިހާން އެ އުޅެނީ އަދިވެސް ހާދަ ދުރުންނޭ ދޯ" ހަބީބް ބުންޏެވެ. ރޫޔާއަށް ބައްޕަގެ މޫނަށް ބަލައިލެވުނެވެ. އިހަށް ދުވަހު ފެނުނު ޒުވާނަކަށް ބައްޕަ އެ ކުރީ ހާދަ ބޮޑު އިތުބާރެކެވެ. ފިރިހެނެއް ނުނިޔަތެއްގައި އަހަންނަށް ބަލައިލަންވެސް ބައްޕަ ބޭނުންނުވާ އިރު، ނިހާން އެހާ އަވަހަށް ކަމުދިޔައީ ކީއްވެގެން ހެއްޔެވެ؟
"ދަރިފުޅަށް އަދި ތި ވިސްނެނީ ގޯސްކޮށް" ހަބީބް ބުންޏެވެ.
"ވަޓް...؟" ރޫޔާ ހައިރާންވިއެވެ. އޭނާ ވިސްނާލައިފިކަންވެސް ބައްޕަ ދެނެގަނެއްޖެއެވެ.
"ނިހާނަކީ ގޯސްކުއްޖެއް ނޫން. ދަރިފުޅާ މެދު ނިހާންގެ އަމަލުތައް ގޯހެއް ނުވާނެކަން ބައްޕައަށް ފުރިހަމަ ޔަގީންކަން އެބައޮތް. އެއީ ވަރަށް ހުލްގު ހެޔޮ އިންސާނެއްގެ ދަރިއެއް" ހަބީބް ވާހަކަދެއްކިއެވެ.
ރޫޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. ނިހާނަކީ ގޯސް ޒުވާނެއް ނޫންކަން ހުދު ރޫޔާގެ ހިތް ވެސް ގަބޫލުކުރެއެވެ. އެކަމަކު އޭނާގެ ސިކުނޑި އަދި މުޅިން އެއްބަސް ނުވަނީއެވެ.
"ބައްޕައަށް ކިހިނެއް ތިހާބޮޑު ޔަގީންކަމެއް ލިބުނީ؟" ރޫޔާ އެހިއެވެ.
"އެއީ ދާއޫދަކީ އިހުސާންތެރިއެއް. އޭރުވެސް މުއްސަނދި ފޯރާ މީހަކީ ބައްޕަ. ނިކަމެތި ފަގީރު މީހާ އަކީ ދާއޫދު. ބައްޕައަށް އަޅާލީ ދާއޫދު. އަމިއްލަ ނަފުސަށް ވުރެ ވެސް ބޮޑަށް އެ މާތް މީހާއަށް ބައްޕަ އިތުބާރުކުރަން. ކުރިން ބައްޕައަށް އެނގުނު ނަމަ ނިހާން ކިޔަވަން ބެހެއްޓީވެސް ބައްޕަގެ ބެލުމުގެ ދަށުގަ. ހަނދާންކުރާތި އަބަދުވެސް ދަރިފުޅާ. ކިތަންމެ މުއްސަނދި މީހަކުވެސް ދެރަ ނިކަމެތި މީހާގެ މަދަދަށް ބޭނުންވެދާނެ. އެ ވަގުތަކީ ތިމާގެ ފެންވަރާ ބޮޑާކަން އަނެއް މީހާއަށް ދައްކަންވީ ވަގުތެއް ނޫން. މުދަލާއި ފައިސާ އަކީ ﷲ ދެއްވާ ނިއުމަތެއް. އެ ފައިސާ އާއި މުދާ ހޭދަކުރި ގޮތްތަކާ ގުޅޭގޮތުން ގިޔާމަތްދުވަހުން ސުވާލުވެވޭނެ"
ހަބީބްގެ ވާހަކަތަކުން ރޫޔާގެ ހިތުގައި ޝައުގުވެރިކަމެއް އުފެދިއްޖެއެވެ. އޭނާއާ ވާހަކަދައްކަން ނިހާން ކުރި މަސައްކަތްތައް ހަނދާންވެފައި ދެ ތުންފަތް ދެމިލިއެވެ. ހިތުގައި އާ އިހުސާސްތަކެއް ހޭލައިގަތެވެ. އުނގުތެރޭގައި އޮތް ފޮތް ދަބަސް މަތީގައި އޮތް ކަނާއަތް ހިއްލާލުމަށްފަހު މުށްކަވާލެވުނެވެ. އެ އަތް އޭނާ ޖައްސާލީ އަމިއްލަ މޭގައެވެ. ދެލޯ މަރާލުމާއެކު އޭނާގެ ހިތަށް ސިފަވެގެން ދިޔައީ ނިހާނެވެ. އޭނާ ދެލޯ ހުޅުވާލާފައި ހިނިތުންވެލިއެވެ. ދެން އޭނާ ބަލައިލީ ދުއްވަން އިން ބައްޕަ އަށެވެ.
"ތިއޯ... ތި ފޮތްތައް މިހާރު ކިޔައި ނިމުނީތަ؟" ދަބަހުން ރޫޔާ ނެގި ތިން ވާހަކަ ފޮތް ކާރުގެ ވަތްގަނޑެއްގެ ތެރެއަށް ލިތަން ފެނުމުން ހަބީބް ބުންޏެވެ.
"ބައްޕަ ބުނީމެއްނު ތި އޮފީހުގަ އުޅޭ މީހެއްގެ އަންހެން ދަރިފުޅަކީ ވެސް މިކަހަލަ ވާހަކަ ކިޔާ ކުއްޖެކޭ. އަޅުގަނޑުގެ ފަރާތުން މި ތިން ފޮތް އެ ކުއްޖާއަށް ހަދިޔާކޮށްދީ" ރޫޔާ ބުންޏެވެ.
ހަބީބް ހީލިއެވެ. އެ ވާހަކަތާ ރޫޔާ ގަޔާނުވީއެއް ނޫނެވެ. އެ ފޮތްތައް ގަންނަން ރޫޔާ އުޅުނު ގޮތް ހަބީބަށް އެނގެއެވެ. އެ ފޮތްތައް ދުރުކުރަން އެ އުޅެނީ ކޮންމެވެސް އެހެން ސަބަބަކާ ހެދިއެވެ.
"މިއަދު ގެއަށް ދާނީ ތަންކޮޅެއް ލަހުން ދޯ" ހަބީބް ބުންޏެވެ.
ރޫޔާ ބައްޕައަށް ބަލައިލިއެވެ. ކުއްލިއަކަށް ބައްޕަގެ ހިޔާލު ބަދަލުވުމުން ރޫޔާ ހައިރާންވެސް ވިއެވެ. އޭނާ އެންމެ ހައިރާންވީ އައިކޮޅަށް ކާރު އަނބުރާލުމުންނެވެ. ރޫޔާއަށް އިތުރަށް ސުވާލު ނުކުރެވިގެން އުޅެނިކޮށް ކާރު ފައިބައިގެން ދިޔައީ ޔުނިވާސިޓީގެ އުތުރަށް އޮންނަ ހިމަ މަގަކުން އަޑިއަށެވެ. ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ރޫޔާ ބަލަމުން ދިޔައެވެ. ރޫޔާއަށް ނޭނގުނީ އޭނާގެ ހިތާއި ސިކުނޑީގައިވާ ފިކުރުތައް ބޭރުކޮށްލަން ބައްޕަ ކުރި ކަމެއް ކަމެވެ.
****
މޭޒު ކައިރީގައި މެންދުރުގެ ކެއުމަށް އިންސާފުކުރަން ތިބި ދެ ދަރިންނަށް ވަކިވަކިން މުހްތާރު ބަލައިލިއެވެ. ބޮޑަށް ސަމާލުކަން އޭނާ ދިނީ ދޮށީ ދަރިފުޅު ފައިކު އަށެވެ. ފައިކު ޒިންމާދާރު ވަޒީފާއަކަށް ދާ ފުރަތަމަ ދުވަހަށްވުމުން އެކަމަށް މުހްތާރު ފާހަގަކޮށް މަރުހަބާ ކިއެވެ.
"މަންމަ އުންމީދުކުރަން ދަރިފުޅު ތި ވަޒީފާގަ ދެމިހުންނާނެ ކަމަށް. ގިސާމަތުގެ ކުންފުނިން ލިބޭ ވަޒީފާ އަކީ މި ދުނިޔެއިން ލިބޭނެ ނިއުމަތެއް" އަޒީމާ ދެ ދަރިންނަށް ބުންޏެވެ.
"ދެ އާއިލާގެ ގުޅުން އަނެއްކާވެސް ދެން އިތުރު ހަރުފަތަކަށް ކުރިއަށް ޖެހޭނީ މި ދެކުދިންގެ ކައިވެނި ކުރެވުނީމަ" ބަތްތައްޓަށް އުލެއް ލައިގެން ކޮށްޓަން އިން ނޭހާއަށް އަޒީމާ ބުންޏެވެ.
(ނުނިމޭ)