މި ޒާމާނު ޒުވާން ފިރިހެން ކުދިންނާ ބަލާފައި ތަފާތު ކުއްޖެކެވެ. މި ޒަމާނު ތަނަވަސް އާއިލާގެ ތެރޭގައި ބޮޑެތިވާ ދަރިންނަކީ ދުނިޔޭގެ އުފަލާއި އަރާމު ނޫނީ އެހެން އެއްވެސް އެއްޗެއް ދަންނަ ކުދިބައެއް ނޫނެވެ. ހާއްސަކޮށް އަނެއް މީހާއަށް އަދަބު އިހުތިރާމު އަދާކުރުމަކީ އަމުދުން ނުކުރާނެ ކަމެކެވެ. އެއީ އެ ކުދިންނަށް މުހިންމު ކަމެއް ނޫނެވެ. ނިކަމެތި މީހާ ދަށްކޮލުމަކީ އެ ކުދިންގެ އުފަލެވެ. ހަބީބްގެ ހިޔާލީ ލޯގަނޑަށް ހަނދާންތަކެއް ސިފަވާން ފެށިއެވެ. އޭނާ އަވަސް އަވަހަށް ދެ ފަރާތަށް ބޯހޫރާލިއެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ އިސްތަށިގަނޑުގައި ޖެލް ހާކަމުން ދިޔަ ނިހާން ކުއްލިއަކަށް ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އޭރު ޝާނާ ވަދެގެން އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ. ނިހާން ހިތްހަމަނުޖެހުނެވެ. އަންހެންކުއްޖެއް ވިއްޔާ ލަދުހަޔާތް ހުންނަން ވާނެއެވެ. ކޮޓަރިއަށް މިގޮތަށް އައިސް ވަންނައިރު ވިސްނަންވާނެއެވެ. މި ގޭތެރެއިން ނިހާން އެންމެ ހިތްހަމަނުޖެހޭ ކަމަކީ މިއީއެވެ. ޝާނާގެ އުނދަގޫ މާބޮޑީއެވެ. ހުރެވުނު ގޮތާ މެދު ނިހާނަށް ވިސްނާލެވުނީ އޭނާގެ ފައިން ފެށިގެން ބޮލާ ހަމައަށް ޝާނާ ބަލައިލި ގޮތުންނެވެ. ވީނުވީއެއް ނޭނގި ކުއްލިއަކަށް ޝާނާގެ ލޯމަތިން ނިހާން ގެއްލުނެވެ. އެނދުމަތީގައި އޮތް ޖީންސު ނަގައިގެން ބާރު ހިނގުމުގައި ނިހާން ފާހާނާއަށް ވަތްތަން ފެނުމުން ޝާނާއަށް ހެވުނެވެ. އެއްޗެއް ނުލައި ހުރީކީއެއްވެސް ނޫނެވެ. އެނދުގައި ޝާނާ އިށީނެވެ. ފަހަތަށް ދެއަތް ގެންގޮސް ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް ސައިޑް ކަބަޑުމަތީގައި ހުރި ފޮޓޯ ފްރޭމް އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން ފޮޓޯ ފްރޭމް އޭނާ ނެގިއެވެ. ނިހާންގެ އާއިލާގެ ފޮޓޯއެވެ. މަންމަ އާއި ބައްޕަ ތިބީ ކައިރިކައިރީގައި ހުރި ދެ ގޮނޑީގައި އިށީނދެގެންނެވެ. މައިންބަފައިންގެ ފަހަތުން ތިން ދަރިން ކޮޅަށް ތިބިއިރު މެދުގައި ހުރީ ނިހާނެވެ. ނިހާނަށް ވުރެ އުމުރުން ހަގު އަންހެން ދެބެން ތިބީ ދެފަރާތުގައެވެ.
"އަހަރެންގެ އާއިލާ... މުސްތަގުބަލުގަ...." ފޮޓޯއަށް ބަލަހައްޓާއިގެން އިނދެ ޝާނާ ބުންޏެވެ. އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ހޭލާ ހުއްޓައި ފެންނަމުންދާ ހުވަފެން ކޮންމެ ހާލެއްގައި ވެސް ހަގީގަތަކަށް ހަދަން އޭނާ ބޭނުމެވެ. ނިހާނު އުޅެނީ ލޯބީގެ ގޮތުން އެއްވެސް ކުއްޖަކާ ގުޅިގެން ނޫންކަން އޭނާއަށް ޔަގީނާ ގާތަށް އެނގެއެވެ.
ފާހާނާއިން ނިހާން ނުކުތް އަޑު އިވުމުން ޝާނާ ދިޔައީ ސިއްސައިގެންނެވެ. އެހާ އަވަހަށް މީހާ ހަމައަކަށް އެޅިފައި ނިހާނަށް ހިނިތުންވުމެއް ދީފިއެވެ.
"މި ފޮޓޯ އިންތަނުން ނުނަގަބަލަ" ހުއްދަ ހޯދުމެއްނެތި ކޮޓަރިއަށް ޝާނާ ވަނުމުން ނިހާން ހުރީ ހިތްހަމަނުޖެހިފައެވެ. ފާހާނާއިން އޭނާ ނުކުތީ ވެސް ޝާނާ ދާނެހާ އިރު ކޮށްފައެވެ.
"ސޮރީ.. ނިހާންގެ ފެމެލީ ވީމަ އަތްނުލައި ނުހުރެވުނީ" ޝާނާ ބުންޏެވެ.
"ދެން ފަހަރަކުން ޓަކިޖަހާލާފަ ވަންނައްޗޭ" ނިހާން ބުންޏެވެ.
ޝާނާ ތެދުވެގެން ކައިރިއަށް އަންނަތަން ލޯގަނޑުން ނިހާނަށް ފެނުނެވެ. އެ ހިނދު އޭނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ކައިރިއަށް އައިސް އަދި މަޑަކުން ޝާނާ ނުހުންނާނެކަން ނިހާނަށް އެނގެއެވެ. ވާހަކަދެއްކުމުގެ ތެރެއިން ގައިގެ ކޮންމެވެސް ތަނެއްގައި އަތްލާނެއެވެ.
"ކޮންތާކަށް...؟" ނިހާން ހިނގައިގަތުމުން ޝާނާ ބުންޏެވެ.
"މިތާ ބޭރަށް. މިއަދު ޔުނީވާސިޓީން ލިބުނު ރައްޓެއްސެއް ގުޅާލާފަ ނުކުމެލަން ބުނީމަ" ނިހާން ބުންޏެވެ.
ޝާނާ ތުން އަނބުރާލީ ނިހާން ކޮޓަރިން ނުކުތުމުންނެވެ. ޖުމުލަ އެއްކޮށް ނިންމާލިއިރު މީހާ އެހުރީ ބޭރުގައެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ. ފިރިހެނެއް ހެއްޔެވެ؟ އަންހެނަކު ގާތްވާން ނޭދޭނީ ފިރިހެނަކަށް ނުވީމައެވެ. ރައްޓެއްސެއް ގުޅީއޭ ކިޔާފަ އެ ދިޔައީ މަޑުނުކުރަން ވެގެންނެވެ. އަނެއްކާ ރައްޓެއްސެއް ހަމަ އަސްލަށް ވެސް ލިބުނީ ކަންނޭނގެއެވެ. އެހާ އަވަހަށް ރައްޓެހިން ހޯދައިގެން ނިހާން ދުރުވާން ފެށީއެވެ. ނިހާންގެ ހިތާ ހަމައަށް ރަނގަޅަށް ވާސިލު ނުވެވެނީސް އެހެން ހިތަކަށް އެ ހިތުން ޖާގަ ދެވިގެން ނުވާނެއެވެ. އެކަމަކު ދެން މިއަދު ކުރާނެ ކަމެއް ނެތެވެ. އަނެއްކާވެސް ފުރުސަތަކަށް ބަލަންވީއެވެ.
****
ސުޕަމާކެޓުން ބޭރަށް ނުކުމެފައި ރޫޔާ އަތްދިއްކޮށްލިއެވެ. މަންމަ އަތުގައި ހުރި ކޮތަޅުތައް ގިނަކަމުންނެވެ. ހަންނާ ދެބަޔަށް ކޮތަޅުތައް ބަހާލިއެވެ. ރޫޔާ އަތަށް ދިނީ އެންމެ ލުއި ތިން ކޮތަޅެވެ.
"ބައްޕަ ބުނުއްވާފައެއްނު އޮތީ މަންމަ ކައިރީގަ ބާޒާރާކުރަން ގޭގައި ތިބި ކުދިންގެ ތެރެއިން ކުއްޖަކު ފޮނުވާށޭ" ހިނގަމުންދިޔަ ރޫޔާ ބުންޏެވެ.
"ބައްޕަ އަބަދުވެސް އެހެން ބުނާނެ. ބައްޕަ ބޭނުމެއްނުވާނެ މަންމަ އަތުން މިތާ އޮތް އެއްޗެއް އެތަނަށް ލާންވެސް. ކިހިނެއްތަ ތަނަކަށް ހިނގައިނުލައި އަބަދު ގޭގަ އޮންނަނީ" ހަންނާ ވާހަކަދެއްކިއެވެ. ދެމައިން އެއްކޮށް ބޭރަށް ނުކުތީ ގޭގައި މަދުވެފައި ހުރި ބައެއް ތަކެތި ގަންނާށެވެ.
ރޫޔާއަށް ހެވުނެވެ. މަންމަ ލައްވައި އެއްވެސް މަސައްކަތެއް ކުރުވަން ބައްޕަ ބޭނުންނުވާކަން އޭނާއަށް އެނގެއެވެ. އަދި ކަމެއް ކުރުވަން ބޭނުންނުވާ ސަބަބު ވެސް ރޫޔާއަށް އެނގެއެވެ. މުޅި ދުނިޔެއިން ވެސް އޭނާ ދުށް އެންމެ ފުރިހަމަ ޖޯޑަކީ އޭނާގެ މަންމަ އާއި ބައްޕައެވެ. މަންމަ ދެކެ ބައްޕަ ވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އޭނާ ވެސް ބޭނުންވަނީ އޭނާގެ ހަޔާތަށް އެފަދަ ފިރިހެނެއް އަންނާށެވެ. ކެތްނުވާ މިންވަރަށް އޭނާ ދެކެ ލޯބިވާ ފިރިއެކެވެ.
"ބައްޕަ އެހެން ބުނުއްވަނީ މަންމަ ދެކެ ލޯބިވާތީ. ބާޒާރާ ކުރަން ނުދާށޭ އެ ބުނަނީ މަންމަ ގެއްލިދާނެތީ. އަދި ރަނގަޅަކަށް ނޭނގޭނެއްނު މިތާ ހިނގާކަށް. އަނެއްކޮޅުން ހިނދުކޮޅަކަށް ބޭރަށް ނުކުތަސް ނުކުންނަން މި ޖެހެނީ މުޅި ގައި ފޮރުވައިގެން" ރޫޔާ ވާހަކަދެއްކިއެވެ. ހަންނާއަށް ހެވުނެވެ. ގައި ފޮރުވައިގެންނޭ ބުނެ ރޫޔާ މާނަ އެކުރީ ފިނިން ސަލާމަތްވުމަށް ލާފައި ހުރި ސްވެޓަރަށެވެ. ދެއަތްތިލަ ވެސް އެވަނީ ފޮރުވާފައި ވިއްޔާއެވެ. ދެމައިންގެވެސް މޫނުކޮޅު ނޫނީ އެހެން އެއްވެސް ތަނެއް ފެންނާކަށް ނެތެވެ.
"ފިނިން ސަލާމަތްވެގެނެއްނު ތިބެންވާނީ. މިއީ ފިނި މޫސުމެއްނު"
ވާހަކަދައްކަމުން ދިޔަ ރޫޔާގެ ހަރަކާތްތަކަށް ލަސްކަމެއް އައިސްގެން ހަންނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ރޫޔާ އައީ ހިނގާފައި ކުރިއަށެވެ. އެކަމަކު ލަސްލަހުންނެވެ. ކުރިމައްޗަށް ނަޒަރު ހުރުމުގެ ބަދަލުގައި ރޫޔާގެ ނަޒަރު ހުރީ އަރިމައްޗަކަށް ހުއްޓިފައެވެ. ހަންނާ ހައިރާންވިއެވެ. ރޫޔާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ހަންނާ ބަލައިލިއެވެ. ކެފޭއެއް ކައިރީގައި ހުއްޓިގެން ހުރި ފިރިހެން ކުއްޖަކަށް ރޫޔާ ބަލަހައްޓައިގެން ހުރިތަން ފެނުމުން ހަންނާ ހައިރާންވިއެވެ.
"ކާކުތަ އެއީ؟" ރޫޔާއާ އެއްހަމައެއްގައި ހުއްޓިފައި ހަންނާ އެހިއެވެ.
ރޫޔާ ސިހިފައި މަންމައަށް ބަލައިލިއެވެ. އެހާ ގިނައިރު އެ ޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނުކަން ރޫޔާއަށް ފަހުމުވީ މަންމަ ވާހަކަދެއްކި ވަގުތު ސިއްސައިގެން ދިޔުމުންނެވެ. ރޫޔާ އެންމެ ހައިރާންވީ އެ ޒުވާނާ އެމީހުން ތިބި ދިމާލަށް ހިނގާފައި އަންނަކަން އެނގުމުންނެވެ.
"ދިވެއްސެއް އެއީ. އެ ސޮރުގެ ގައިން ދިވެހިންގެ ކުލަ މަންމައަށް ފެނިއްޖެ" ހަންނާ ބުންޏެވެ.
"އެއީ އެއްކަލަ މީހާ. ބައްޕަ މިއަދު ދެއްކިއެއްނު" ރޫޔާ ބުންޏެވެ.
"އެހެންތަ ވަނީ. ދަރިފުޅު ކުރިން ނުބުނަމެއްނު" ހަންނާ ބުންޏެވެ.
އެމީހުންނާ އަރައި ހަމަވެފައި ނިހާން ސަލާމް ގޮވާލިއެވެ. އޭނާގެ ދެއަތްތިލަ ޖީބަށް ޖަހާލާފައިވާ ގޮތުން އޭނާ ހުރީ ފިނިވެފައިކަން ހަންނާއަށް އެނގުނެވެ. ނިހާން ކައިރިއަށް އައުމުން ރޫޔާ ސަމާލުކަން ދިނީ އެހެން ކަމަކަށެވެ.
"ހަބީބް ނަން ވެސް ބުނި. އެކަމަކު މިހާރު ދައްތަ ހަނދާނެއް ނެތް" ހީލަމުން ހަންނާ ބުންޏެވެ.
"ނިހާން..." ނިހާން ބުންޏެވެ.
ހަންނާ ހީލުމާއެކު އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ކައިރީގައި ހުރި ރޫޔާގެ މޫނަށެވެ. ރޫޔާ ނުބަލަން ހުރި ގޮތުންނާއި ނިހާންގެ މޫނުގެ ކުލަވަރު ފެނުމުން ހަންނާގެ ވިސްނުންތޫނު ސިކުނޑި ކަމެއް ދެނެގެންފިއެވެ.
"މިތާ ކީއްތިކުރަނީ؟ ވަރަށް ފިނިވެސްވެފަ ތިހުރީ؟ ކިހާ ހިސާބަކު ގެ ހުންނަނީ؟" އަނެއްކާވެސް ހަންނާ ވާހަކަދެއްކިއެވެ.
ނިހާން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ރައްޓެއްސަކާއެކު ކޮފީއަކަށޭ ކިޔާފައި ގެއިން ނުކުތީ ޝާނާގެ އުނދަގު ބޮޑުކަމުންނެވެ. ދާނެ ތަނެއް ނޭނގި މަގުމަތީގައި އޭނާ އެނބުރޭތާ އެތައް އިރެއް ވެއްޖެއެވެ. އަވަހަށް ނުކުންނަންވެގެން ސްވެޓަރު ގެންނަން ވެސް ހަނދާންނެތުނީއެވެ. ހަންނާ ބުނިހެން އޭނާ ހުރީ ވަރަށް ފިނިވެފައެވެ.
"އަޅުގަނޑުމެންގެ އާ ޖެހިގެން" ރޫޔާ ޖަވާބު ދިނުމުން ރޫޔާގެ މޫނަށް ހަންނާއަށް ބަލައިލެވުނެވެ. ނިހާންގެ ދެ ތުންފަތް ވެސް ދެފަރާތަށް ދެމުނެވެ.
"ދައްތަ ދައުވަތެއް ދީފިއްޔާ ގަބޫލުކުރާނަންތަ؟" ހަންނާ ބުންޏެވެ.
****
ހޫނު ކޮފީތަށި ނިހާން އަތަށް ދިއްކޮށްލާފައި ހަބީބްއާ ޖެހިގެން ހުރި ސޯފާގައި ހަންނާ އިށީނެވެ. އެތަނުގައި އިންނާކަށް ރޫޔާ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ބައްޕައަށް ކުރާ އިހުތިރާމެއްގެ ސަބަބުން އޭނާ ނުގޮސް މަޑުކޮށްގެން އިނެވެ. ކުރިމަތީގައި ނިހާން އިނުމުން ރޫޔާއަށް އުނދަގޫވެސް ވަމުން ދިޔައެވެ. އިރުކޮޅަކާ އޭނާއަށް ނިހާނަށް ބަލައިލެވެއެވެ. އެ ވަގުތުތަކުގައި ނިހާން ވެސް އިންނަނީ ބަލަހައްޓައިގެންނެވެ.
"ދެކުދިން އެއް ކުލާހެއްގަތަ ކިޔަވަނީ؟" ހަންނާ އެހިއެވެ.
ނިހާނަށް ބަލައިލެވުނީ ރޫޔާގެ މޫނަށެވެ. ރޫޔާ ޖަވާބެއްދޭތޯއެވެ.
"ލައްބަ" ރޫޔާގެ ޖަވާބު ކުރެވެ.
"ބޭބެމެން ނުބުންޏަސް ނިހާން ވާނެ އަބަދުވެސް މިގެއަށް އަންނަން. މިގޭ ދޮރު ދުވަހަކުވެސް ނިހާނަށް ބަންދެއް ނުވާނެ" ހަންނާ ބުންޏެވެ. ކޮންމެއަކަސް ނިހާން މިވީ ހަންނާއަށް ވަރަށް ކަމުދާ ޒުވާނަކަށެވެ.
"ޔުނިވާސިޓީގަ އުޅޭއިރު ރޫޔާއަށް ރަނގަޅަށް ބަލައިދެއްޗޭ. ނިހާން ފަދަ ކުއްޖެއް ރޫޔާއާ އެއްކުލާހެއްގައި އުޅުމަކީ ބޭބެ ނުލާހިކު އުފާކުރާ ކަމެއް" ހަބީބް ބުންޏެވެ.
"ﷲ އިރާދަކުރެއްވިއްޔާ ތިކަން ކޮށްދޭނަން" ނިހާން ބުންޏެވެ. ހީވީ އެފަދަ އެއްޗެއް ހަބީބް ނުބުނެގެން އިން ހެންނެވެ.
ހިތްހެޔޮކަމާއި ސާދާކަން ރަމްޒުކޮށްދެނީ ހަމައެކަނި ނިހާންގެ ތުންފަތަށް ވެރިވި ހިނިތުންވުމެވެ. އޭނާގެ މޭގައި އޮތް ހިތް އުފަލުން ނަށަމުން ދިޔައެވެ. ހިތް އެދޭ އަންހެންކުއްޖާގެ މައިންބަފައިންގެ ރުހުން އޭނާއަށް ލިބޭނޭކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ލިބިއްޖެއެވެ. ގޭ ދޮރުވެސް ހުޅުވުނީއެވެ. ރޫޔާގެ ހިތުގެ ދޮރުފަތް ހުޅުވޭނީ ކޮންއިރަކުން ހެއްޔެވެ؟ އެ އަންހެންކުއްޖާގެ ތުންފަތުގައި ރަމްޒީ ހިނިތުންވުމެއް ވިޔަސް ގަޔާވާކަން ފާހަގައެއް ނުވެއެވެ. ބީރައްޓެހިކަން މާބޮޑަށް ފާހަގަވެއެވެ. އެ ހިތާ ހަމައަށް ވާސިލުވާން ވަރަށް މަސައްކަތްކުރަން ޖެހޭކަން ނިހާނަށް އެނގެއެވެ. އެހެންނަމަވެސް ނިހާން ހުރީ ކުރިއަށްދާށެވެ. އެ ހިތާ ހަމައަށް ފޯރުމަށްޓަކައި ކަޑައްތު ކުރަން ޖެހުނު ކޮންމެ ހަރުފަތެއް ކަޑައްތު ކުރަން އޭނާ ތައްޔާރެވެ.
****
އުނދުން މައްޗަށް އެއްޗެއް އުދައިގެން ހުރި ފަޒީލާ ދުވަމުން ކަހަލަ ގޮތަކަށް ނުކުތީ ގިސާމަތުގެ އަޑަށެވެ. ފަޒީލާ ފެނުމާއެކު ގިސާމަތުގެ ޝަކުވާ ފެށިއްޖެއެވެ.
"އަހަރެން ނުބުނަންތަ މިތާ ތިރީގަ އަހަރެން ހުރިއްޔާ އެއް ނޯކަރު އަބަދުވެސް މިތާ އަހަރެން ފެންނަ ފަށުގަ ބަހައްޓައްޗޭ" ގިސާމަތު ބުންޏެވެ.
"ލައްބަ. އަޅުގަނޑު ހަނދާން ކުރާނަން" ފަޒީލާ ބުންޏެވެ.
"ސައި ހަދައިގެން އާދޭ. މިހާރު ޝައުން އަންނާނެ. ޝައުންއާ އެއްކޮށް ގެންނާނީ" ގިސާމަތު އަމުރުކުރިއެވެ.
ފަޒީލާ އަލުން ބަދިގެއަށް ވަނެވެ. މޫނުމަތިން ފޫހިކަން ފެނިލިއެވެ. ހިތްމޮޅު ބޮޑާ އަންހެނެކެވެ. އަބަދުވެސް ގިސާމަތަށް ފެންނަ ފަށުގައި މަސައްކަތްކުރާ ކުއްޖަކު ބަހައްޓަން ބުނި ހަނދާން ވަރަށް ރަނގަޅަށް ފަޒީލާ ހުއްޓެވެ. އެ ވަގުތު ގޭތެރޭގައި އޭނާ ނޫނީ މަސައްކަތް ކުރާ އެއްވެސް ކުއްޖަކު ނެތެވެ. އެ ކުދިން ކިޔަވަން ގޮސް ކޮލެޖުގައި އުޅޭ ވާހަކަ ގިސާމަތު ކައިރީގައި ބުނެވޭކަށް ނެތެވެ. ގެއިން ބޭރަށް އެ ކުދިން ނުކުތުމަކީ ގިސާމަތު އެއްގޮތަކަށްވެސް ރުހޭނެކަމެއް ނޫނެވެ.
"ފަޒިއްތާ..." ފެން ހޫނުކުރާ ޖަގު ކައިރީގައި ހުރި ފަޒީލާ ސިހުނީ ކައިރިން އިވުނު އަޑުންނެވެ.
"ދަރިފުޅުތަ؟" ފަޒީލާ ޝައުންއަށް އަބަދުވެސް މުހާތަބު ކުރަނީ ދަރިފުޅުގެ ނަމުންނެވެ.
"އާނ. ހާދަ ފުން ވިސްނުމެއްގަ" އައިސް އަލަމާރީގެ ދޮރުހުޅުވާ ފިނި ފެންފުޅިއެއް ނަގަމުން ޝައުން ބުންޏެވެ.
"ޔާރައްބީ. ތި އުޅެނީ ފަޒިއްތައަށް މިއަދު ކުކުޅު ކާންދޭހިތުންތަ؟ މިއަދު ބަނޑުހައެއްނުވާނެ ފަޒިއްތައެއް. މި ކޮފީ ތައްޓާއެކު ފިނި ފެން ތައްޓެއްވެސް ފަޒިއްތަ ގެންދާނަން. ދަރިފުޅު ދޭ މާމަމެން ކައިރިއަށް" އައިސް އަމަލާރި ކައިރީގައި ހުރި ޝައުން އަތުގައި ހިފައިގެން ބަދިގެއިން ނެރެމުން ފަޒީލާ ބުންޏެވެ. ޝައުން ކައިރިއަށް ހިނިއައެވެ. ފަޒިއްތަ އަބަދުވެސް އުޅޭނީ މާމަ ދެކެ ބިރުންނެވެ. ވާނީވެސް އެހެންނެވެ. މާމައެކޭ ގޮވަން ތައްޔާރަށް އޮތް ބޮމެކޭ އެއްގޮތެވެ.
****
ކޮޓަރީ ދޮރުމަތީގައި ހުއްޓުނު އަޖްވަދު ފެނުމުން އެނދުގައި އޮތް ގިސާމަތު ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. ދަރިފުޅު އިށީންނަންވީ ތަން އެނދުގައި އަތުން ޖަހާލާފައި އޭނާ ދެއްކިއެވެ. އަޖްވަދު އައިސް އެނދުގައި އިށީނެވެ. އޭނާ ބަހެއް ނުކިޔައެވެ. އިރުކޮޅަކުން ދެއަތުން މޫނުމަތީގައިވާ އުދާސްތައް ފޮހެލިއެވެ.
"ކޮންކަހަލަ ހަބަރަކައިގެން" ގިސާމަތު އެހިއެވެ.
"މިއަދު ޝައުން އިނީމަ މި ވާހަކަ މަންމަ ގާތުގަ ނުދެއްކުނީ" އަޖްވަދު ބުންޏެވެ.
"ކޮންވާހަކައެއް؟ އަހަންނަށް އެނގޭ އަނެއްކާވެސް ނާކާމިޔާބިއެއްގެ ވާހަކަކަން. ތިޔަ ޒާތުގެ ވާހަކަތައް އަހަން މަގޭ ކަންފަތް ތައްޔާރެއް ނޫން. އެކަމަކުވެސް ބުނެބަލަ" ގިސާމަތުގެ އަޑުގައިވީ ނުރުހުމެވެ. ނިތަށް އަތުރަށް ރޫ އަރާފައިވީ ދެބުމަ ގޮށްޖަހާލައިގެން އިނުމުންނެވެ.
"މިއަދު އެގެއަށް މީހަކު ފޮނުވައިގެން ބެލިން. އެގޭ އެމީހުން ނޫޅޭކަން އޭނަ އައިސް ބުނީމަ ޔަގީންކުރަން ހުދު އަޅުގަނޑު ދިޔައިން. މަންމައަށް ހީކުރެވުނީ ރަނގަޅަށް" އަޖްވަދު ބުންޏެވެ.
"އަހަރެން ދިނީމަ ކައިގެން، އަހަރެން ދިނީމަ އަންނައުނު ލައިގެން ލަދެއް ހަޔާތެއްނެތި އަހަރެންގެ ކަރުގަ ވަޅި އަޅުވާފަ ރައްކާވީ. އެ ހައިވާނުގެ ކަރު ބުޑުގައި ހިތި ރަހަ ލައްވާނުލިއްޔާ މަގޭ ނަމަކަށް ގިސާމަތެކޭ ނުކިޔާނެ"
"އެކަމަކު މަންމާ އޭނާއަށް ބުނެވޭނެއްނު ބައްޕަގެ ދެވަނަ....."
އަޖްވަދަށް ޖުމުލަ ފުރިހަމަ ނުކުރެވުނެވެ. ރުޅި އައިސް ރަތްވެފައިވާ ސިންގާއެއް ފަދައިން ގިސާމަތު ފުންމައިގެން ތެދުވެއްޖެއެވެ. އަޖްވަދަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ދެލޯ ވަށްކޮށް އަޖްވަދަށް ދިނީ އިންޒާރެއް ފަދައެވެ.
"ހަބަރުދާރު..." ގިސާމަތުގެ ކަނާއަތުގެ އިނގިލިން އަޖްވަދަށް އިޝާރާތްކޮށް ބުންޏެވެ.
"ތިކަހަލަ އެއްޗެއް ބުނަން ދެވަނަ ފަހަރަށް ހިތަށްވެސް ނާރުވާތި. އެއީ އަހަރެންގެ ދަރިއެއް ނަމަވެސް އެމީހެއްގެ ދޫ ބުރިކޮށްލާކަށްވެސް އަހަރެން ފަހެއް ނުޖެހޭނަން" ގިސާމަތު ބުންޏެވެ.
"މައާފުކުރައްވާ މަންމާ" ވަގުތުން އަޖްވަދު ބުންޏެވެ.
އޭނާ އުޅުނީ ހަގީގަތެއް މަންމައަށް ހަނދާންކޮށްދޭށެވެ. މަންމައަށް ހަޖަމުނުކުރެވޭ ކަމެއްގެ މަތިން ހަނދާންކޮށްދޭކަށް ނޫނެވެ. މަންމަ ގަބޫލުކުރަން ބޭނުންނުވިޔަސް އެއީ ދެފުށް ފެންނަން އޮތް ބޮޑު ހަގީގަތެކެވެ.
"އަދިވެސް އެގެއަށް ދާތި. މިފަހަރު ދާނީ އެގޭގަ އުޅޭ މީހުންނަށް ހަބަރެއް ނުވެ. ކޯޓުއަމުރާއެކު ފުލުހުންވެސް ގޮވައިގެން ދާނީ. ކޯޓުއަމުރު ހޯދަން އަހަރެންނާ ހަވާލުކުރޭ" ގިސާމަތު ބުންޏެވެ.
އަޖްވަދު ބޯޖަހާލިއެވެ. ކިތަންމެ ތަކުލީފެއް އުފުލަން ޖެހުނަސް އެކަމަކީ އޭނާއަށް ބުރަ ކަމެއް ނޫނެވެ. އޭނާގެ އެކަނިވެރިކަން ފިލާނީ މަންމަ ހޯދަން އުޅޭ މުދާގަނޑު ލިބިގެންނެވެ. ކުރިއަށް އޮތް ބޮޑު ހަނގުރާމަ ނިމިގެންދާނީ ކިހިނެއްކަން ހިތަށް އަރުވާލަންވެސް ދައްޗެވެ.
"މި ދުނިޔެއަކީ އަހަންނަށް ކުޑަކުޑަ ތަންކޮޅެއް. މި ދުނިޔޭގެ ކޮންމެ ބިތެއްގައި އިބިލީސް ހުއްޓަސް އަހަރެން އޭނާ ހޯދާނަން"
ގިސާމަތު ރުޅިގަދަވެގެން ތުރުތުރުލާން ފެށިއެވެ. މަންމައަށް އައި ބަދަލު އަޖްވަދަށް ފެނުނެވެ. މަންމަ ގާތުގައި މިވާހަކަތައް ދައްކަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަން އޭނާ ހަނދާންވިއެވެ. ވަގުތުން މަންމައާ އިތުރަށް ގާތަށް އޭނާ ޖެހިލިއެވެ. ސައިޑް ކަބަޑުމަތީގައި ހުރި މިރޭ ކާންޖެހޭ ބޭސް މަންމަ އަދި ނުކައިކަން އަޖްވަދަށް އެނގުނެވެ.
"މަންމަ ބޭސްނުކަންތަ؟ މިހާރު މާ ލަސްވެސްވެއްޖެ" ގިސާމަތު އެނދުގައި ބައިންދާފައި ބިއްލޫރި ތައްޓަށް ފެން އަޅާފައި މަންމަގެ އަތަށް އޭނާ ދިނެވެ. ކާޑުން ބޭސްގުޅަ ވަކިކޮށްލާފައި ދިނުމަށްފަހު އޭނާ އިނީ މަންމަގެ މޫނަށް ބަލަހައްޓައިގެންނެވެ. ނަސީބަކުން ވަރަށް ފަސޭހައިން އޭނާ ބޭސްގުޅަ ކާލިއެވެ. އަޖްވަދު ކޮޓަރިން ނިކުތީ ގިސާމަތުގެ ދެލޯ މެރުމުންނެވެ.
(ނުނިމޭ)