ޔުނިވާސިޓީ އަށް ދާން ފްލެޓުން ނިކުމެ ނިހާން ހުރީ ފާރު ކައިރީގައެވެ. އޭނާއަށް އެނގިފައި އޮތް ގޮތުން ބަސް މަޑުކުރަނީ ގޭ ކައިރިއަށެވެ. އޭނާ ހުރީ ބަހުގެ އިންތިޒާރުގައެވެ. އަލި ނޫ ކުލައެއްގެ ޓީޝާޓަކާ ގަދަ ނޫ ކުލައިގެ ޖީންސެއް ލައިގެން ހުރިއިރު ފިނިން ސަލާމަތްވުމަށް ޓަކައި އޭނާ ހުރީ ކަޅު ކުލައިގެ ބޯ ޖެކެޓެއް ލައިގެންނެވެ. އެހެން ހުއްޓާ ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ޖެހިގެން ހުރި ފްލެޓުން ނިކުތް އަންހެން ކުއްޖަކަށެވެ. ވަގުތުން އެ ރީތި ކަމަށް އޭނާގެ ކަޅި ހުއްޓިއްޖެއެވެ. އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްނުލެވުނެވެ. މުޅި މަގުން ވެސް އޭނާ އަށް އަޖައިބު ކުރުވަނިވި އެއްޗަކަށް އޭނާ އަށް ފެނުނީ ހުދު ކުލައިގެ ކަކުލަށް ވުރެ ތިރިއަށް ހުރި ހެދުމުގައި ރަތްކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އެ އަންހެން ކުއްޖާ އެވެ. މެއަށް ވުރެ ތަންކޮޅެއް ތިރިން އަޅާފައިވާ ކަޅު ކުލައިގެ ހިމަ ބެލްޓުން އެ އަންހެން ކުއްޖާގެ ލޫޅާފަތިކަން ހާމަވާން ހުއްޓެވެ. އެ ގައުމަށް އައި ފަހުން ބުރުގާ އަޅައިގެން ހުއްޓާ ފެނުނީ އެކުވެރި ސާލިމް ގެ މަންމަ އެކަންޏެވެ. އަނެއްކާ ދިވެހި ކުއްޖެއް ހެއްޔެވެ؟ ދިވެހި ކުއްޖަކާ ވައްތަރެއް ނޫނެވެ. ހީވާގޮތުން މުސްލިމް ކުއްޖެކެވެ. ބުރުގާ އަޅާފައި ހުންނާނީ އެހެންވެތާއެވެ. އެކަމަކު ހާދަ ލޯބި ކުއްޖެކެވެ. އަނެއްކާ އަހަރެންގެ ހިތް މޭގައި އެބައޮތް ހެއްޔެވެ؟ ނިހާން އަމިއްލަ އަށް މޭގެ ހިތާވީ ފަޅީގައި އަތް ޖައްސާލިއެވެ.
"ރޫ...." އެއްފަރާތުގައި އޮތް ކާރާ ދިމާލަށް ރޫޔާ ހިނގައިގަތް ވަގުތު ދޮރުމަތީގައި ހުރި ހަންނާ ގޮވާލިއެވެ. ރޫޔާ ބަލައިލުމުން ހަންނާ އައިސް ރޫޔާ ޖެކެޓް ލެއްވިއެވެ. މޫނުގައި ލޯބިން ފިރުމާލިއެވެ. ކާރަށް އަރަންދެން ހަންނާ ބަލަހައްޓައިގެން ހުއްޓެވެ. އެވީ ވަގުތުކޮޅުގައި ނިހާނަށް ހީވީ ކުރިމަތީގައި އަޅުވާފައި ހުރި ރީތި ފިލްމެއް ބަލައިލެވުނު ހެންނެވެ. އޭނާ އަށް ހަމަހޭވެރިކަމެއްވީ އޭނާގެ އަތުގައި މީހަކު ކޮށްޓާލުމުންނެވެ.
"ޝާނާ ތަ؟ ސިއްސައިގެންނޭ އެދިޔައީ" ކައިރީގައި ހުރި ޝާނާ ފެނުމުން ނިހާން ބުންޏެވެ.
"ކޯޗަކަށް ބަލަހައްޓައިގެން އާގަމަވެފަ ތިހުންނަނީ. ގެއިން ނިކުތްތާ ކޮންއިރެއް؟" ޝާނާ ބުންޏެވެ.
ޝާނާ އަކީ ނިހާން ހުންނަ ގޭ އަންހެންމީހާ ގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ނިހާނާ ޝާނާ އާ މެދު އެކުވެރިކަމެއް އުފެދުނީ އެގެއަށް ނިހާން އައި ފަހުންނެވެ. ޝަނާ އަކީ ނިހާންގެ އެންމެ ގާތް އެކުވެރިޔާ ސާލިމް ގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ސާލިމް މިވަގުތު ހުރީ ކިޔެވުން ފުރިހަމަ ކުރުމަށް މަދީނާ ގައެވެ.
"ތިބުނާ ބަހެއް އަދި ދައްކާނުލާ" ނިހާން ބުންޏެވެ.
"އޫޕްސް އަހަރެން ހަނދާންނެތުނީ. މިއަދު ބަހެއް ނާންނާނެ. އާދޭ މަށާއެކު ދާން. އަހަރެން ފްރެންޑެއް އަންނާނެ ކޮންމެ ދުވަހަކުވެސް އަހަރެން ބަލާ" ޝާނާ ބުންޏެވެ.
ޝާނާ އާ އެކު ދާން ބޭނުންނުވާތީ ނިހާން ވަކި އެއްޗެއް ނުބުނެ ހުރިތަނުން ގުޑިވެސް ނުލާ ހުއްޓެވެ. ޝާނާގެ މިޒާޖު ހުންނަ ގޮތުން ފުރަތަމަ ފެނުލުމާއެކު ވެސް އޭނާ އަށް ޝާނާ ކަމަކުނުދިޔައެވެ. އެހެންނަމަވެސް ނުގޮސްވެސް ނުވާނެއެވެ. ޔުނިވާސިޓީއަށް ދާ ފުރަތަމަ ދުވަހެވެ. ނިހާން ހިނގައިގަތީ ޝާނާ އޭނާގެ ޓީޝާޓްގައި ހިފައި ދަމައިގަތުމުންނެވެ.
****
ކިޔެވުމުގެ ފުރަތަމަ ދުވަހަށްވުމުން ވަރަށް އަވަހަށް ނިމިއްޖެއެވެ. ނިހާން ދަބަސް ހިފައިގެން އަވަހަށް ނިކުމެ ޕްލަމް ގަސްތަކާ ދިމާލަށް ހިނގައިގަތެވެ. އޭނާ ބޭނުންވީ ޝާނާގެ އުނދަގު ޖެހުމުގެ ކުރިން އަވަހަށް ގެއްލޭށެވެ. ގެއަށް ދާން ބޭނުންވިޔަސް ޝާނާ އާ އެއްކާރުގައި ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. މަގުމަތިން ޓެކްސީ އެއް ނަމަވެސް ލިބޭނެތާއެވެ. އަންހެން ގުރޫޕަކާއެކު ނިކުތް ޝާނާ ފެނުމުން ނިހާން ގަސްތަކާ ނިވާވިއެވެ. ގޭޓާ ދިމާލަށް ފައިބާން ހުރި ސިޑީގެ ހަރުފަތްތައް މަތިން ޝާނާ ފައިބަމުން ދިޔައިރު ވަށައިގެން ހޯދިއެވެ. އޭނާ އެ ހޯދަނީ ނިހާނެވެ. އެކަން ނިހާނަށް އެނގެއެވެ.
"ކޮބާ މިހާރު؟" ގޭޓު ކައިރީގައި ހުއްޓިފައި ޝާނާ އެހިއެވެ. އޭނާ ކައިރީގައި ހުރި ލަވީރާ ވެސް ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލިއެވެ.
"ދިޔައީ ކަންނޭނގެއެއްނު. ހިނގާ ދާން. ކާރު އައިސް އެބައޮތް" ލަވީރާ ޝާނާގެ އަތުގައި ހިފަމުން ބުންޏެވެ.
"އެކަމަކު ކޮންތާކަށްބާ އެ ދިޔައީ؟ އަދި މިއަދު ފުރަތަމަ ދުވަސް. އޭނައަށް ނޭނގޭނެ ދާކަށްވެސް" ޝާނާ ބުންޏެވެ. ނިހާންގެ ހަބަރެއް ނުވުމުން ލަވީރާ އާ އެކު ޝާނާ ހިނގައިގަތެވެ.
"ޝާނާއަށް ހާއްސަވީތަ ނިހާން. ލޯބިވަނީތަ؟" ލަވީރާ ވާހަކަދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ.
"ލޯބިވާ ކަމެއް ނޭނގެ. އަޅައިގަންނަ ގޮތެއް އެބަހުރި" ޝާނާ ބުންޏެވެ.
ކާރަށް އަރާފައި ވެސް ޝާނާ ހުރިހާ ދިމާލެއް ހޯދިއެވެ. އެހެންނަމަވެސް ލަވީރާގެ ނަޒަރު އަމާޒުވެފައި ހުރި ޔުނިވާސިޓީގެ ފާރު ކައިރީގައި ފޮތްތަކުގައި ބައްދައިގެން ހުރި ބުރުގާ އަޅާފައި ހުރި އަންހެންކުއްޖާ އަށެވެ. އެކުލާހަށް އަލަށް އައި ރޫޔާ ގެ ނަން އަދި ގިނަ ކުދިންނަށް ނޭނގެއެވެ. ލަވީރާ އަށް ރޫޔާ ކަމުނުދިޔައީ ރޫޔާ ބުރުގާ އަޅާފައި ހުރުމުންނެވެ.
"ދެން ވަރަށް ވިއާޑް ގޮތެއްހުރޭ ދޯ އޭނަގެ. ބުރުގާ އަޅައިގެން. ކޯޗެއް ފޮރުވަންތަ؟ އޯލްޑް ފެޝަން" ލަވީރާ ބުންޏެވެ. ޝާނާ އަށް ކާރުގެ ލޯގަނޑުން ރޫޔާ ފެނުނެވެ. ރޫޔާ އަކީ ދިވެހިއްކުއްޖެއް ނަމަވެސް ރޫޔާ އާ އެކުވެރިކަން ބާއްވާހިތެއް ޝާނާ ނުވިއެވެ. ހުދު އޭނާ އަށް ވެސް ރޫޔާގެ ރީތިކަމާއި ލޫޅާފަތިކަން ގަބޫލުކުރެވެއެވެ.
"އަހަރެމެން ގޭ މަގުގަ އުޅެނީ. ހީވަނީ އަމިއްލަ ނަފްސަށް ވަރަށް ޕްރައުޑް ވާ އަންހެނެއްހެން" ޝާނާ ބުންޏެވެ.
****
ރޫޔާ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ބައްޕަ އަށް ގުޅައިގެންނެވެ. ޔުނިވާސިޓީއަށް އައި ފުރަތަމަ ދުވަހު ބަލައި ނައިސް ހުންނަން ޖެހުމުން އޭނާ ހުރީ ކަންބޮޑުވެފައެވެ. ހާއްސަކޮށް އޭނާ އެހާ ތަނެއްގައި އެކަނި ހުންނަން ޖެހުމުންނެވެ. ކުއްލިއަކަށް ރޫޔާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ކަރުކެހިލުމުންނެވެ. އަވަސް އަވަހަށް ރޫޔާ ބަލައިލިއެވެ. ކައިރީގައި ހުރީ އޭނާ އަށް ކެމްޕަސް ތެރެއިން ދިމާވި ޒުވާނެކެވެ. ވާހަކަނުދެއްކިޔަސް ހިނިތުންވުމެއް ބަލާލާ ކޮންމެފަހަރަކު ހަދިޔާކޮށްލައެވެ.
"ހާދަ އެކަނި؟ މީހަކަށް އިންތިޒާރުކުރަނީތަ؟" ނިހާން ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.
ހަގީގަތުގައި ވެސް ނިހާނަށް ހީވީ ބޭރު ގައުމެއްގެ ކުއްޖެއް ހެންނެވެ. ރޫޔާ ވާހަކަދައްކަން ފަސްޖެހުނެވެ. ނިހާންގެ ނަޒަރުން ސަލާމަތްވުމަށް އިތުރަށް ހުދު ކުލައިގެ ބޯގަންވިލާ މާތަކުގެ ތެރެއަށް އޭނާ ވަނެވެ. ނިހާނަށް ވީ އެހެން ގޮތެކެވެ. އޭނާގެ ހިތުން އައު ވިންދެއް ޖަހާލިއެވެ. އަވި އައިނަކުން ނިވާކޮށްލާފައިވާ ދެލޯ ދުށުމަށް އޭނާގެ ހިތް އެދި ގޮވަން ފެށިއެވެ. އެކުވެރިކަން އުފައްދަން ބޭނުންވިއެވެ. ޔަގީނުންވެސް އެ އަންހެންކުއްޖާގެ ބޮޑާކަމާ ކިބުރުވެރިކަމެއް ނެތެވެ. ނިހާން ރޫޔާގެ ދެލޮލަށް ބަލައިލިއެވެ. ހީވާގޮތުން ނުދަންނަ މީހަކު އައި ވާހަކަދެއްކުމުން އެ އަންހެންކުއްޖާ އެހެރީ ކަންބޮޑުވެފައެވެ. ހީވާގޮތުން ނިހާން ވާހަކަދެއްކުމުން ރޫޔާ އަށް އުނދަގުވެއްޖެއެވެ. ނިހާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އަންހެންކުދިންގެ ގައިގައި ހުންނަންޖެހޭ ސިފައަކީ މިއީއެވެ. ނުދަންނަ މީހަކު ހަމަ އެއްޗެކޭ ބުނާއިރަށް ވާހަކަދައްކާކަށް ނުޖެހެއެވެ. ގައިގައި ކޭއްތި ގަޔަށް ބޮލަށް އަރާކަށް ނުޖެހެއެވެ. ރޫޔާ އެއީ އެނާ އަށްޓަކައި މިދުނިޔެއަށް ފޮނުއްވާފައިވާ ކުއްޖެކޭ އެވަގުތު ނިހާންގެ ހިތަށް އެރިއެވެ.
"އަހަރެން އަދި ފުރަތަމަ ދުވަސް" ނިހާން ވާހަކަދެއްކިއެވެ. "ބަސް މަޑުކުރާނީ ކިހާ ހިސާބަކަށް" ނިހާން މަސައްކަތްކުރީ ރޫޔާގެ ކަންބޮޑުވުން ފިލުވާލާށެވެ. ރޫޔާ ބަހެއް ނުކިއިއެވެ. އޭނާ އަށް މަންމަ ކިޔައިދީފައިވަނީ ފިރިހެނަކު ގާތްވާން ކުރާ މަސައްކަތެވެ. ފުރަތަމަ ދައްކާނީ ވާހަކައެވެ. ބެލުން އިތުރުވާނެއެވެ. ރަހްމަތްތެރިވާން މަސައކަތް ކުރާނެއެވެ. އެއްވެސް އިންސާނެއްގެ ގޮތެއް ނޭނގޭނެއެވެ. ގާތްވެފައި ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެއެވެ. އަމުދުން ތިމާގެ ދީން ނޫން އެހެން ދީނަކަށް ތަބާވާ މީހުންނާ ދުރުގައި ހުންނާށެވެ. އެފަދަ މީހަކު ރައްޓެއްސަކަށް ވެސް ނަހަދާށެވެ. މިއީ ޔަގީނުންވެސް ޔޫރަޕުގެ ގައުމުގެ މީހެކެވެ. މިހެން އެކަނި ހުއްޓާ ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެއެވެ. ބިރުން ހުރެ ރޫޔާ މަގަށް ނިކުތެވެ. ނަސީބަކުން އެއީ ކާރުގައި ހަބީބް ގާތްކުރި ވަގުތެވެ. ކާރުގެ އެތެރޭގައި އިން ހަބީބް ފެނުމާއެކު ރޫޔާ ދުވެފައި ގޮސް ކުރީ ސީޓަށް އަރައިފިއެވެ. ނިހާން ހުރީ ރޫޔާގެ ކޮންމެ ހަރަކާތަކާ ގަޔާވެފައެވެ.
"އެއީ ކޮންކުއްޖެއްތަ ދަރިފުޅާ" ހަބީބް އެހިއެވެ.
"ކްލާހުގަ އުޅޭ ކުއްޖެއް. ވަރަށް ވާހަކަދައްކަން އުޅުނު. އަޅުގަނޑު ވާހަކަނުދެއްކިން" ރޫޔާ ބުންޏެވެ. ރޫޔާ އަށް ބަލައިލާފައި ހަބީބް ހީލިއެވެ. ނުދަންނ މީހަކާ ރޫޔާ ވާހަކަނުދައްކާނެކަން މާކުރިންވެސް އޭނާއަށް އެނގެއެވެ. އަނެއްކާވެސް ނިހާނަށް ހަބީބް ނަޒަރު ސީދާކޮށްލިއެވެ. އެއީ ކޮންމެސް ތަނަކުން އޭނާ ދުށް ހަނދާނެއްވާ މޫނެކެވެ. ކުރިއަށް ދުއްވާލަން ނުކެރިގެން އޭނާ އެ އިނީ އެ މޫނު ހަނދާންކުރަންވެގެންނެވެ.
"ބައްޕާ. އެހާ ލަސްނުކުރައްޗޭ ދެން ބަލާ އަންނަން. މިތާ އަދި ނެތް އަޅުގަނޑުގެ އެއްވެސް ރައްޓެހި ކުއްޖެއް. ވަރަށް ބިރުގަނޭ އެކަނި ހުންނަން މިތާ" ރޫޔާ ހުއްޓާނުލާ ވާހަކަދައްކަމުން ދިޔައެވެ. އެންމެފަހުން ބައްޕަގެ ހަބަރެއް ނުވުމުން ރޫޔާ ބަލައިލިއެވެ. އަދިވެސް ބައްޕަ އޭނީ މަގުގެ ދެކޮޅު ހޯދާ ބަލަމުން ދިޔަ ގޮތް ނޭނގޭ އެ ޒުވާނާ އަށް ބަލަހައްޓައިގެންނެވެ.
"ބައްޕާ، ހިނގާ ދާން. މަންމަ މިހާރު ލަސްވެގެން އުޅޭނެ" ރޫޔާ ބުންޏެވެ.
"އެއީ ކާކުތަ؟ ބައްޕަ ދެކޭ ފާޑު ޖަހާ" ހަބީބް ބުންޏެވެ.
"އެއްވައްތަރު މީހުން އުޅޭނެ ތަންތަނުގަ. އެއީ ބައްޕަ ދަންނަ މީހަކަށް ވާނީ. އެއީ ދޮން އާއިލާ އަކަށް ނިސްބަތްވާ މީހެއް. ހިއެއްނުވޭ ރާއްޖޭގެ ކުލަ ހެނެއް. އެހެންނޫނަސް އޭނަ އެހެރީ ބަސް އަންނަންދެކަށޯ ބުނީ" ރޫޔާ ބުންޏެވެ.
"ތިހެންވިއްޔާ އެބަޖެހޭ އެ ޒުވާނާއަށް އެހީވާން. މިއަދު ބަހެއް ނާންނާނެ. ހަޅުތާލެއް އެބަ ހިނގާ. ބައްޕަ ގޮވާލާނަން އެނގޭ އެ ޒުވާނާއަށް" ހަބީބް ބުންޏެވެ.
ރޫޔާ ދެކޮޅެއް ނަހަދައެވެ. ބައްޕަ އަކީ މީހުންނަށް އޯގާތެރި ދީލަތި ހިތެއްގެ ވެރިއެކެވެ. އެއްވެސް މީހަކީ ބައްޕަގެ ކުރިމަތީގައި ނިކަމެއްޗެއް ނޫނެވެ. ރޫޔާ ބަލަހައްޓައިގެން އިންދާ ހަބީބް ކާރުން ފައިބައިގެން ގޮސް ޒުވާނާ ކައިރީގައި ހުއްޓުނެވެ. ކުޑައިރުކޮޅަކު ވާހަކަދައްކާލަން ހުރުމަށްފަހު ޒުވާނާ ގޮވައިގެން އައިސް ކާރަށް އެރުވިއެވެ. ކާރަށް އަރައި ބެލްޓް ހެޔޮވަރު ކޮށްލުމަށްފަހު ހަބީބް ކާރު ދުއްވާލިއެވެ.
"ދާންވީ އެޑްރެސް؟" ހަބީބް ނިހާނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.
ނިހާން ދަބަސް ހުޅުވާލާފައި ދެއްކީ ކާޑެކެވެ. ތަންކޮޅެއް ދިގުކޮށް ލިޔެފައި އިން އެޑްރެސް އަދި އޭނާ އަށް ދަހެއް ނުވެއެވެ.
"މަންމަ އެ ގުޅަނީ. ލަސްވެގެން" ރޫޔާ ބުންޏެވެ.
ފަހަތުގައި އިން ނިހާންގެ ނިތަށް ރޫ އަރައިގެން ދިޔައީ ރޫޔާ ދިވެހިބަހުން ވާހަކަދެއްކުމުންނެވެ. ހާދަ ރީތި އަޑެކެވެ. މިއީ ރާއްޖޭ ބައެއް ހެއްޔެވެ؟ އެ އަންހެންކުއްޖާގެ ބައްޕަ ވެސް ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. ނިހާނަށް ހެވުނެވެ. އޭނާ އަލަށް ފެނުނު ކޮންމެ މީހަކަށްވެސް ފުރަތަމަވެސް ކުރެވެނީ ކުށްހީއެކެވެ. ދިވެހި އާއިލާ އަކަށް އުފަން ކުއްޖެއް ނޫނޭ ވަރަށް ގިނަ މީހުން ބުނެއެވެ. އަހަރެން ފެނިފަ މި މީހުންނަށް ވެސް އޮޅުނީތާއެވެ.
"ތިއީ އަޅުގަނޑުމެން ދިރިއުޅޭ ގެ ކައިރި ހަމަ" އިނގިރޭސި ބަހުން ހަބީބް ބުންޏެވެ.
"އަޅުގަނޑަކީ ދިވެއްސެއް" ނިހާން ބުންޏެވެ.
ރޫޔާ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ފަހަތަށް އެނބުރި ނިހާނަށް ރޫޔާ ބަލައިލިއެވެ. އެވަގުތު ނިހާން އަނެއްކާވެސް ހިނިތުންވެލިއެވެ. ރޫޔާ އަވަސް އަވަހަށް ސީދާވެލިއެވެ. ދެ ދަތް ދޭތެރޭގައި ނިޔަފަތި ކުރި ޖައްސާލައިގެން އޭނާ އިނީ އަދިވެސް ގަބޫލުނުކުރެވިފައެވެ. ހަގީގަތުގައި ވެސް އެއީ ދިވެއްސެއް ހެއްޔެވެ؟ ދިވެއްސެއް ފާޑު ނުޖަހައެވެ. ދިވެހި ފިރިހެނުންގެ ގައިގައި ހުންނަ ދޮންކަމަށް ވުރެ ތަފާތު ދޮން ކަމެކެވެ. އެކަމަކު ސާފު އުޖާލާ މޫނެކެވެ.
"އެހެންތަ! އަޅުގަނޑަށް ހީވެސްވިޔޭ. އެކަމަކު ރޫޔާ ބުނެފި ބޭރު މީހެކޭ" ހަބީބް ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ.
ރޫޔާ ހަބީބަށް ބަލައިލިގޮތަށް އަތުން ނިތްކުރީގައި ޖަހާ އޮށްބާލިއެވެ. ރޫޔާގެ އެ ހަރަކާތުން ނިހާނަށް ހެވެން އުޅުނެވެ.
"ރޫޔާ..." އެ ނަން ހިތާހިތުން ނިހާން ކިޔާލިއެވެ.
"ނޫނޭ އަޅުގަނޑަކީ ހއ. ތުރާކުނަށް އުފަން މީހެއް" ނިހާން ބުންޏެވެ.
ނަސީބަކުން އެވަގުތު އެއީ ގެއަށް އާދެވުނު ވަގުތެވެ. ހަބީބް ކައިރީގައި ބުނެލާފައި ރޫޔާ ކާރުން ފައިބައިގެން ހިނގައިގަތެވެ.
"އެހެންވީމާ އަޅުގަނޑަށް މި ހީވަނީ ރަނގަޅަށް ކަންނޭނގެ. އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް ހުންނާނެ ތުރާކުނުގަ. ބައެއްފަހަރު ވިޔަފާރީގެ ދަތުރުތަކުގަ އަޅުގަނޑު އެ ރަށަށް ގޮސް ހުންނަނީ އެގޭގަ. އެގެއަށް ކިޔާ ނަމެއް މާބޮޑަކަށް ހަނދާނެއް ނެތް. އަޅުގަނޑުގެ އެކުވެރިޔާއަށް ކިޔާނީ ދާއޫދު. އެ ނަން ކިޔާ މީހަކު ދަންނަންތަ؟" ހަބީބް ވަހަކަދެއްކިއެވެ. ހަބީބް އާއި ނިހާން ވާހަކަދައްކަން ތިބީ ކާރުން ނުފައިބައި އެތެރޭގައެވެ.
ލިބުނު ހައިރާންކަމަށް ވުރެ ބޮޑަށް ނިހާނަށް ލިބުނު އުފާވެރިކަން ބޮޑެވެ. އޭނާގެ ހިތް ދެވުނު އަންހެންކުއްޖާ އެވަނީ ކޮންމެސްގޮތަކަށް އޭނާ އާ ދަންނަ މީހަކަށް ވެފައެވެ.
"އަޅުގަނޑުގެ ބައްޕައަށް ކިޔަނީ ވެސް ދާއޫދު. އަޅުގަނޑުގެ ބައްޕަ އަކީ މިސްކިތު މުދިމު" ނިހާން ވާހަކަދެއްކިއެވެ.
"ނާހަމަ ތެދެއްތަ؟ މިއަދު މިއީ ހާދަ އުފާވެރި ދުވަހެކޭ. އަޅުގަނޑަށް ޔަގީންވެއްޖެ ތިއީ ދާއޫދު ގެ ދަރިއެއްކަން. އަޅުގަނޑު ހަނދާންވެއްޖެ. އަޅުގަނޑު އެންމެފަހުން ތިރަށަށް ދަތުރުކުރީ ރޫޔާ އަށް ދިހަ އަހަރުގައި. އޭރު ދާއުދޫގެ ހުންނާނެ ރޫޔާ އަށް ވުރެ ތިންއަހަރު ދޮށި ފިރިހެން ކުއްޖެއް. އެއީ ދާއޫދުގެ ހަގުދަރިފުޅު. ނަމެއް ނޭނގެ. ރޫޔާ އާ ދެކުދިން ނިދަން ވަންދެން އުޅޭނީ އަބަދުވެސް ކުޅުމުގަ. އޭރުގެ ފޮޓޯތަކެއްވެސް ހުންނާނެ އަޅުގަނޑު އަތުގަ" ހަބީބް ވާހަކަދެއްކިއެވެ.
ނިހާނަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ. އެބުނާ ދުވަސްތައް ވަރަށް ރަނގަޅަށް އޭނާ ހަނދާން އެބަހުއްޓެވެ. އަންހެންކުއްޖަކާ އެކު އޭނާ ކުޅުނު ހަނދާންތަކެވެ. ރޫޔާ ރަށަށް އައިސް ހުރުމުން ސްކޫލަށް ނުދާން އޭނާ އުޅުނު ގޮތެވެ. ގިނަ ދުވަސްތަކެއް ވުމުން އޭނާ ހުރީ ހަނދާންނެތިފައެވެ. މިވީ ހާދަ ރަނގަޅު ގޮތެކެވެ. ނިހާނަށް ގަބޫލުކުރަންވެސް ދަތިވިއެވެ. މިއަށް ކިޔަނީ އިއްތިފާގު ހެއްޔެވެ؟
"މިއަދު ހަވީރު ސައިބޯން އަންނަންވާނެ މިގެއަށް. ދެ ގެ މިހެރީ ޖެހިފައެއްނު. އެގަޑީގަ ދާއޫދަށް ވާނެ ގުޅާލަން. ކޮން ނަމެކޭތަ ބުނީ. ނިހާން. ނިހާން ބޭނުމިއްޔާ އަޅުގަނޑުގެ ގެއަށް ބަދަލުވާންވީނު" ހަބީބް ވާހަކަދެއްކިއެވެ.
"ބަދަލުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވިއްޔާ ﷲ އިރާދަކުރެއްވިއްޔާ ބަދަލުވާނަން. އަދި މިހުންނަ ގޭ ދައްތަ ވަރަށް ރަނގަޅު. ޓަސްލާފަ ބަދަލުވާން ނުއެއްކެރޭނެ" ނިހާން ބުންޏެވެ.
އެކަން ހަބީބަށް ވެސް ގަބޫލުކުރެވުނެވެ. ބައެއް ކައިރީގައި ހުރެފައި ކުއްލިއަކަށް އެއްވެސް ކަމަކާނުލާ ބަދަލުވާން އުނދަގުވާނެއެވެ. ހިތްއެދޭ ކަންތައްތައް ކުރުމަށް ވުރެ އަނެއްމީހާ ހިތުގައިނުޖެހޭ ގޮތަށް ކަންތައްތައް ކުރަން އިސްކަންދޭންވާނެއެވެ. އެއީ ވެސް މީހުންނަށް ތިމާގެ ހިތްހެޔޮކަން ދެއްކިދާނެ ގޮތެކެވެ. ނިހާން ގެ އެ ހުންނަނީ ހަމަ ދާއޫދު ގެ ގޮތެވެ.
"ދިޔުމުގެ ކުރިން އަދި އެއްޗެއް ބުނަން ބޭނުން" ނިހާން ބުންޏެވެ. އޭރު ހަބީބްވެސް ކާރު ގަރާޖަށް ވައްދާފައި ނިކުމެ ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.
"އަޅުގަނޑާ ވާހަކަދައްކާއިރު އެހާ ރަސްމީ ނުވުން. މިހާރު ތިއީ އަޅުގަނޑުގެ އާއިލާ އަށް ވަރަށް ހެޔޮއެދޭ އަޅުގަނޑުގެ ބައްޕަގެ ރަހްމަތްތެރިއެއް. އެހެންވީމާ އަޅުގަނޑު 'ބޭބެ' ގެ ނަމުން މުހާތަބްކުރަން ބޭނުންވަނީ"
ހަބީބް ބޯޖަހާލިއެވެ. މިޒާމާނު ޒުވާން ފިރިހެން ކުދިންނާ ބަލާފައި ތަފާތު ކުއްޖެކެވެ. މިޒަމާނު ތަނަވަސް އާއިލާގެ ތެރޭގައި ބޮޑެތިވާ ދަރިންނަކީ ދުނިޔޭގެ އުފަލާ އަރާމު ނޫނީ އެހެން އެއްވެސް އެއްޗެއް ދަންނަ ކުދިބައެއް ނޫނެވެ. ހާއްސަކޮށް އަނެއް މީހާ އަށް އަދަބު އިހުތިރާމް އަދާކުރުމަކީ އަމުދުން ނުކުރާނެ ކަމެކެވެ. އެއީ އެކުދިންނަށް މުހިންމު ކަމެއް ނޫނެވެ. ނިކަމެތި މީހާ ދަށްކޮލުމަކީ އެކުދިންގެ އުފަލެވެ. ހަބީބްގެ ހިޔާލީ ލޯގަނޑަށް ހަނދާންތަކެއް ސިފަވާން ފެށިއެވެ. އޭނާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ.
(ނުނިމޭ)