ފެންވަރައިގެން ނިކުމެ ރޫޔާ ހުރީ ކުޑަދޮރު ހުޅުވާލައިގެން މަގުމަތި ބަލަހައްޓައިގެންނެވެ. ދޮރުގައި ޓަކިޖަހާލި އަޑަށް އޭނާ ސިހިފައި ފަހަތް ބަލައިލިއެވެ. ބޭރުގައި ތިބޭނީ މަންމައާއި ބައްޕަކަން ޔަގީންވާތީ އޭނާ ގޮސް ދޮރު ހުޅުވިއެވެ.
"ދަރިފުޅު ނިދަނީ ކޮންއިރަކު؟" ރޫޔާ ފެނުމުން ހަންނާ ބުންޏެވެ.
"ނިދަން މިއުޅެނީ. މަގުމަތީގެ ކުޑަ ވީޑިޔޯ ކޮޅެއް ނަގަން ހުރީ" ރޫޔާ ބުންޏެވެ.
ހަންނާ އޭނާ ދަރިފުޅަށް ރަނގަޅަށް ބަލައިލިއެވެ. ފިޔާތޮއްޓާއި ހުދު އެކުލެވޭ ކުދި މާތަކެއްޖެހި ނިދާ ކުރުތާއާއި ދިގު ހަރުވާޅުގައި ރޫޔާ ވަރަށް ރީއްޗެވެ. ދިގު އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. އިސްތަށިގަނޑުގެ ކޮޅުގައި ތެތްކަމެއް ހުރުމުން ރޫޔާ ފެންވަރައިގެން ނިކުތީ ދާދި ދެންމެއަކުކަން އެނގެއެވެ. ކޮޓަރި ތެރެ ފިނިކަމުން އޭރުވެސް ރޫޔާގެ ދެފައިތިލަ ފޮރުވާލެވިފައިވަނީ ވައިލެޓް ކުލައިގެ ބޯ އިސްޓާކީނަކުންނެވެ.
"ދަރފުޅަށް އެނގޭތަ ގަޑިން ކިހާ އިރެއްވެއްޖެކަން" އެތެރެއަށް ވަންނަމުން ހަބީބް ބުންޏެވެ.
"ލައްބަ ބައްޕާ އެނގެޔޭ. އެކަމަކު ފްރެންޑްސްތަކަށް އަޕްޑޭޓް ވާންޖެހޭނެއްނު"
އެދިޔަގޮތަށް ހުޅުވާފައި ހުރި ބެލްކަނިން ބޭރަށް ނިކުމެ މީހާގެ ބަނޑަށް ވުރެ ކުޑަތަންކޮޅެއް އުސް ފާރުކޮޅުމަތީގައި ބަނޑުއަޅުވާލިއެވެ. ރޫޔާ ބޭނުންވީ ކިތަންމެ އުނދުލުން ނަމަވެސް ތިރީގައި ހުރި ބަގީޗާ ގަސްތަކުގެ މަތިން އެކި ކުލަކުލައިން ނިވި ދިއްލެމުންދިޔަ ތަނުގެ ވީޑިޔޯއެއް ކޮށްލުމަށެވެ.
"ރޫ ޔާ..."
ކުއްލިއަކަށް ރޫޔާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ އަތުގައި ހަބީބް ހިފަހައްޓާލާފައި ހުރިލެއް ބާރުކަމުން ތަދުވެ އެތަނުން ވިންދުޖަހަން ފެށިއެވެ. ރުޅިއާއި ހާސްކަމާއި ކަންބޮޑުވުން އެކުލެވިގެންވި ބައްޕަގެ މޫނަށް ހައިރާންކަމާއެކު ބަލަހައްޓައިގެން ހުރި ރޫޔާ ގަތްބިރުން ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އެ މަންޒަރު ފެނުމުން ހަބީބް މާބޮޑަށް ދެރަވެއްޖެއެވެ. ރޫޔާ އޭނާގެ މޭގައި ޖައްސާލި ގޮތަށް އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. ދުރުގައި ސިހުމެއްގައި ހުރި ހަންނާ ވެސް އައިސް ރޫޔާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. އެންމެފަހުން ރޫޔާއަށް ރޮވިއްޖެއެވެ. ބައްޕަގެ ގައިގައި ދެއަތުން އޭނާ ވަށާލިއެވެ.
"ދަރިފުޅު އެހެން އޮތީމަ ބައްޕަ ބިރުގަތީ" ހަބީބް ބުންޏެވެ. ރޫޔާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލާފައި ރޮވިފައި ހުރި ރޫޔާގެ މޫނަށް ބަލައިލިއެވެ. ހަމަ އެ ހިނދު ރޫޔާގެ ދެލޯ ކައިރި ފޮހެދިނެވެ.
"ކިތަންމެ ހިތްއެދޭ ކަމެއް ކުރާހިއްވިޔަސް މީގެފަހުން އެހެން ނޯންނާތި. ކަމެއް ވާނީ ބުނެފައެއް ނޫން. ދަރިފުޅަށް ކަމެއްވިއްޔާ މިދުނިޔޭގައި އެންމެ ސިކުންތަކު ވެސް ބައްޕައަށް ނުހުރެވޭނެ. ހިތްފަޅައިގެންގޮސް ބައްޕަ މަރުވެދާނެ" އަސަރާއެކު ހަބީބް ބުންޏެވެ.
"ބައްޕާ...،" ރޫޔާ މަޑުމަޑުން ބައްޕަ އަށް ގޮވާލިއެވެ. "މަންމަ އެބައަޑުއިވޭތަ ބައްޕަ ކިޔާ އެއްޗެއް" ހަންނާ އަށް ބަލައިލަމުން ރޫޔާ ބުންޏެވެ. ބައްޕަ އަށް ވީގޮތުން ރޫޔާ އަދިވެސް ހުރީ ސިހުމެއްގައެވެ.
"ބައްޕަ އެބުނީ ތެދެއް. ދަރިފުޅު ނޫނީ މަންމައާއި ބައްޕަގެ ހުރީ ކާކު؟ ދަރިފުޅަށް ނުވިސްނިދާނެ. މި ހިސާބަށް ދަރިފުޅު ގޮވައިގެން ބައްޕަ އެއައީ އެންމެ މިނެޓަކުވެސް ދަރިފުޅާ ދުރުގައި ހުންނަން ބޭނުން ނުވާތީ. ދަރިފުޅަށް ޓަކައި ބައްޕަގެ މުޅި ދިރިއުޅުން ގުރުބާންކޮށްފަ" ހަންނާ ވާހަކަދެއްކިއެވެ. ހައިރާންކަމާއެކު ހަންނާގެ މޫނަށް ބަލަހައްޓައިގެން ހުރި ރޫޔާގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. މަންމަ އާއި ބައްޕަ މިރޭ ވާހަކައެދައްކާ މައުލޫ އެއްގޮތަކަށްވެސް އޭނާ އަށް ނުވިސްނުނެވެ.
"ކީއްވެ އަޅުގަނޑު ބައްޕައާ ދުރުވާންވީ؟ ކާކު އަޅުގަނޑު ދުރުކުރަން އުޅެނީ؟ ކޮބާ ބައްޕަ ތިހާވަރުގެ ބޮޑެތި ގުރުބާން ތަކެއް ވާންޖެހުނު ސަބަބަކީ؟" ރޫޔާގެ ހިތުގައި އުފެދުނު ސުވާލުތައް އެއްފައްޗަކަށް އަމުނާލިއެވެ. ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ހަންނާގެ މޫނަށް ހަބީބް ބަލައިލިއެވެ. ފިރިމީހާ ދުލުން ނުބުނި ނަމަވެސް އެ ބަލައިލުމުން ހުރިހާ ކަމެއް ހަންނާ ދެނެގަތެވެ.
"ދަރިފުޅާ، ބައްޕަގެ ދުޝްމިނުން ވަރަށް ގިނަ" ހަންނާ ބުންޏެވެ.
ރޫޔާގެ ދެބުމަ ގޮށްޖެހުނެވެ. މަންމަ ދިން ޖަވާބުން ހިތުގައި އުފެދުނީ އަނެއް ސުވާލެވެ.
"ތިބުނީ؟ ކާކު އެއީ؟" ރޫޔާ ސުވާލު ކުރިއެވެ.
"މިވަގުތަށް ދަރިފުޅަށް އެނގެންޖެހޭ ވަރަކީ މިއީ. މަންމަ މެންނަށް ރަނގަޅީ މިކަމާ ގުޅޭގޮތުން ދަރިފުޅު އިތުރު ސުވާލެއް ނުކުރިއްޔާ"
އެ ހިސާބުން ރޫޔާ އަނގަ ބަންދުވިއެވެ. ހަބީބްގެ މޭގައި ލައްވެލައިގެން ހުރިއިރު އޭނާގެ ހިތާއި ސިކުނޑި ފުރިފައިވަނީ ޖަވާބު ނުލިބޭ އެތައް ސުވާލުތަކުންނެވެ.
****
ފަތިސް ނަމާދަށް މިސްކިތަށް ގޮސްފައި ފުރަންދާނެ ވަގުތެއް ނެތުމުން ނިހާން ނަމާދަށް އެރީ ކޮޓަރިއަށެވެ. ނަމާދުކޮށް ނިމިގެން ފޮށި ދޮރު ކައިރީގައި ބަހައްޓާފައި ބޭރަށް ނިކުތީ ސައި ބޮއެގެން ދާން ފަޒީލާ ބުނެފައި އޮތުމުންނެވެ. ސިޑިން ފައިބައިގެން އައިސް ބޮޑު ކޮޓަރީ މެދަކާ ހަމަވިތަނާ ކުރިމައްޗަށް އެރި ގިސާމަތު ފެނިފައި ނިހާންގެ ފިޔަވަޅު ހީވީ ބިންމަތީގައި ތަތްލި ހެންނެވެ. ފަތިހު ފަތިހާ ގިސާމަތުގެ މޫނު ފެނުމުން ނިހާންގެ މުޅި ދުވަސް ހަރާބުވިއެވެ. ގިސާމަތު ހުރަސްކޮށްފައި ދާން އުޅެނިކޮށް ހުއްޓުނީ ގިސާމަތު ވާހަކަދެއްކި އަޑަށެވެ.
"ކަލެއަށް ނޭނގޭތަ މީހުންނާ ހެނދުނުގެ ސަލާން ގޮވާކަށްވެސް" ގިސާމަތު ބުންޏެވެ.
ނިހާން ކައިރިއަށް އައީ ހިންޏެވެ. އޭނާ ހެނދުނުގެ ސަލާން ގޮވަން މިއީ ކާކު ހެއްޔެވެ؟ އަނގައިން އެއްޗެއް ބުނެނުލާ ހަމަ ނުދެވެނީ ހެއްޔެވެ؟
"ނޫނޭ ވަރަށް ހާއްސަ ކުއްޖަކަށް ނޫނީ 'ގުޑްމޯނިންއޭ ނުބުނެވޭނެ" ހަމަޖެހިފައި ނިހާން ބުންޏެވެ.
"ކަލޭ ތިއީ ކާކުގެ ދަރިއެއްތަ؟ ކާކު ކަލޭ މިގޭގަ ހުންނަން ހުއްދަ ދިނީ؟" ގިސާމަތުގެ ރުޅިގަނޑު ހުރީ ނުރައްކާތެރި ހިސާބެއްގައެވެ. ނިހާނަކީ އޭނާގެ ހަޔާތުގައި ދިމާވި އޭނާއަށް އެއްވެސް އަދަބު އިހުތިރާމެއްނެތް ފުރަތަމަ މީހާއެވެ. ލަދުގެ ކަންފުޅެއްވެސް ނެތެވެ. މިއީ އަޖުވަދުގެ ކަންތަކެވެ. އިންޓަވިޔު ނުކޮށް ގޮތްނޭނގޭ މީހަކު ގޭތެރެއަށް ވެއްދީތީ ގިސާމަތުގެ ރުޅިގަނޑުން ބައެއް އަޖުވަދާ ދިމާލަށްވެސް ދިޔައެވެ.
"ކަލޭ ކޮންތާކަށް ތިދަނީ؟ ކާކު މިގޭ އެތަންމިތާ ހިނގަން ކަލެއަށް ހުއްދަ ދިނީ؟" ރުޅިއައިސް ރޫރުއަޅާ އަޑަކުން ގިސާމަތު ބުންޏެވެ.
"ދެން ނުހިނގާ އެއްތަނެއްގަ ހުއްޓިގެން ހުރެވޭތަ؟ މިއީ ބުދެއް ނޫންވިއްޔާ" ނިހާން ބުންޏެވެ. ގިސާމަތުގެ ސަބަބުން އޭނާގެ ބޮލަށް ތަދުވާން ފަށައިފިއެވެ.
"ކަލޭ މަގޭ ކުރިމައްޗަށް ނާރާތި!" ނިހާނަށް ޝަހާދަތް އިނގިލިން އިޝާރާތްކޮށް ވަރުގަދަ އިންޒާރަކަށް ގިސާމަތު ތައްޔާރުވެލިއެވެ.
"ނޫޅެން އަރާކަށް. މިދަނީ ފުރަން. ތިކަހަލަ މާމައެއް އަހަރެން އަދި ދުވަހަކުވެސް ނުދެކެން" ނިހާން ބުންޏެވެ.
'މާމަ' އޭ ބުނެ އިޝާރާތް ކުރުމުން ގިސާމަތު ރުޅި އަންނާނެކަން ނިހާނަށް އެނގެއެވެ. އެހެން އޭނާ ބުނީ ހަމަ ގަސްތުގައެވެ. ގިސާމަތު ބުނާ އެއްޗަކަށް ބެލުމެއްނެތި ނިހާން ދުރަށް ހިނގައިގަތެވެ.
ގިސާމަތުގެ ކިރުތަށި ތައްޔާރުވި ވާހަކަ ބުނަން ނިކުމެގެން އައި ފަޒީލާ އަށް ގިސާމަތު ކުރިމަތިން އައި ނިހާން ފެނުމުން އޭނާ އެއްކައިރިއަކަށް ޖެހުނެވެ. ނިހާން އެތަނުން ދުރުކުރަން ބޭނުންވިއެވެ. ގިސާމަތު ހިތްހަމަނުޖެހޭ ކަމެއް ނިހާންގެ ފަރާތުން ތަކުރާރު ވަންޏާ ޖަލުގެ ކުޑަ ގޮޅިއަށްވެސް އެ ކުށެއް ނެތް ކުއްޖާ ދާންޖެހިދާނެއެވެ.
"ދެފައި އޮތީމަ މާމަވެސް ތި ހިނގަނީނު. އެހެންވީމަ އަޅުގަނޑަށްވެސް ހިނގޭނެއްނު. މާމާ ނެތޭ ހުރެވޭކަށް"
ބުނެވުނު އެއްޗަކާމެދު ނިހާނަށް ހިނިގަނޑެއް ޖަހާލެވުނީ ގިސާމަތު ފަސްދީ ހިނގައިގަތްފަހުންނެވެ. އަތުގެ އިޝާރާތުން އެއްވެސް އެއްޗެއް ނުބުނުމަށް ފަޒީލާ އެންގީވެސް އެވަގުތުއެވެ.
"މިއީ ހާދަ ހަޔާތްކުޑަ ބަރަވައްޔެކޭ... ފަޒީލާ..." ގިސާމަތުގެ ބާރު އަޑު މުޅި ހޯލުގައި ގުގުމައިގެން ދިޔައެވެ. ވަގުތުން ފާރު ކައިރިން ނެއްޓިގެން ފަޒީލާ ގިސާމަތާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ދުރަށް ހިނގަމުން ދިޔަ ނިހާން ދިޔައީ ހެމުންނެވެ.
"ކޮޓަރީގައި އޮތް އަހަރެންގެ ފޯނު ހަމަ މިހާރު ގެނެސްދީ. މިގޮތެއްނެތް ކުއްޖާ މިގޭގަ ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން" ފަޒީލާ އައިސް ހުއްޓުމާއެކު ގިސާމަތުގެ އަމުރު އައެވެ.
'ލައްބަ' އޭ ބުނެ ސިޑިން އަރައިގެން ދިޔަ ފަޒީލާއަށް ބަލަހައްޓައިގެން ގިސާމަތު ހުރީ ފުފިފައިވާ ހަމެއް ފަދައިންނެވެ. އެހެން ހުއްޓާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުމަތިން އަތް ވަށާލާފައި ކޮލުގައި ބޮސްދިނުމުންނެވެ. އޭނާ އަށް ވުރެ މާބޮޑަށްވެސް އިސްކޮޅުން ދިގު މާމަ ދަރިފުޅުގެ އަލި މޫނު ފެނުމުން ވަގުތުން ހުރިހާ ރުޅިވެރިކަމެއްގެ މަތިން ހަނދާން ނެތިއްޖެއެވެ.
"އަޅުގަނޑުގެ ލޯބި މާމައަށް ކިހިނެއްވެފަ މިހުރީ" ގިސާމަތުގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަންނަމުން ޝައުން ބުންޏެވެ.
"ދަރިފުޅު ކޮންތާކަށް ދާން ތިނިކުންނަނީ؟" ގިސާމަތު ބުންޏެވެ.
"ޖޮގިން އަށް. މާމަ ބޭނުންތަ ދާން" ހީލަމުން ސަމާސާ އެކުލެވޭ ރާގެއްގައި ޝައުން ބުންޏެވެ.
ސޯފާގައި ގިސާމަތު ބައިންދާފައި ޝައުން އިށީނީ ކައިރީގައެވެ. ދުވަން ދާން ނިކުމެފައި އޭނާ އުޅުނީ ކޮފީއެއް ބޯލަން އޭ ބްލޮކްއަށް ދާށެވެ. ފަޒީލާ އަތުން ގިރާލާފައި ދޭ ކޮފީ ތައްޓަކީ މުޅި ދުވަހު އޭނާގެ ބުންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެންމެ އެހީވެދޭ ބައިވެރިޔާއެވެ. އެހެންނަމަވެސް ހޯލު މެދުގައި ގިސާމަތު ހުއްޓާ ފެނުމުން އޭނާ އެ ބްލޮކަށް ދާން ނުކެރުނެވެ.
"ތި ފޯނު މިތާ ބާއްވާފަ ޝައުންގެ ކޮފީތަށި ގެނެސްދީ" ފޯނު ހިފައިގެން އައި ފަޒީލާ ފެނުމުން ގިސާމަތު ބުންޏެވެ.
"އޭތް ފަޒީލާ" ކުރިއަށް ހިނގައިގަތް ފަޒީލާ ހުއްޓުނީ ގިސާމަތު ގޮވާލުމުންނެވެ.
"އެ ހަޔާތްކުޑަ ކުއްޖާ މިއަދަށް ފަހު އަހަރެންގެ ކުރިމައްޗަށް ގެނެސްގެން ނުވާނެ. އަވަހަށް އެކުއްޖާ ގަނޑު ފޮނުވާލާ" ގިސާމަތު އެންގިއެވެ. ބޯޖަހާލާފައި ފަޒީލާ ހިނގައިގަތެވެ.
ފޯނު އޭނާ ގެނައި ބޭނުން ކުއްލިއަކަށް ހަނދާން ނެތިއްޖެއެވެ. އޭނާގެ ސަމާލުކަން ޝައުން އަށް ހުއްޓައިފިއެވެ. ގޭތެރެއިން އޭނާގެ އަތުގައި ޝައުން ޖެހެނީ ވަރަށް މަދުފަހަރެއް ގައެވެ. ރައްޓެހިންނާއެކު ޝައުން ގެއިން ބޭރުގައި އުޅެނީ މާގިނައިންނެވެ.
****
ކަޅު ބިއްލޫރި ޖެހި އާދައިގެ ކާރުތަކަށް ވުރެ ބޮޑު ކާރެއް ގޭޓުން ނެރުމާއެކު ގޭޓުގެ އެއްފަރާތުގައި ޓެކްސީއަކަށް އަތްނަގަން ހުރި ނިހާން ބަލައިލިއެވެ. އަނެއްކާ އެއީ ގިސާމަތަށް ނުވިއްޔާ ދެރައެވެ.
އާދޭ..." ބިއްލޫރިގަނޑު ކަހާލާފައި ފިރިހެނަކު ގޮވާލިއެވެ. އެއީ ނިހާން ދަންނަ މީހަކަށް ނުވާތީ ގުޑިލާންވެސް ނުކެރިފައި ހުއްޓެވެ. އަނެއްކާ އެ މާމަގަނޑު ލަނޑެއްދޭންވެސް އުޅެފާނެއެވެ.
"މިއީ އައްޔޫބް. ޝައުންގެ ޑްރައިވަރު. ދުވަން ދަމުން ބުނެފައި ދިޔައީ ކޮއްކޮ ބުނާތަނަކަށް ގެންގޮސްދޭން. ބިރުނުގަނޭ އާދޭ އަވަހަށް" އައްޔޫބް ބުންޏެވެ. އައްޔޫބް އެ ބުނީ ތެދެއްކަން ގަބޫލުކުރަން ބޭނުމެއް ނުވިއެވެ. އެ ބުނާ ޝައުން ގޭތެރެއިން އޭނާއަށް ފެނުނީ އެންމެ ފަހަރަކުއެވެ. ވާހަކަދެކެވުނީވެސް އެންމެ ފަހަރަކުއެވެ.
"ކޯޗެއް ތިވިސްނަނީ. އާދޭ. އެހެންނޫނީ މާބޮޑަށް ލަސްވެދާނެ" އައްޔޫބް ބުންޏެވެ.
ދެ ވިސްނުމެއްގައި ހުރެފައި ނިހާން އެ ކާރަށް އެރިއެވެ. އައްޔޫބް ކާރު ދުއްވާލުމުން ބަހެއް ނުކިޔައި އިރުކޮޅަކު ހިމޭނުން ނިހާން އިނެވެ. އެއްޗެއް ބުނަން އުޅެނިކޮށް ނަސީބަކުން އައްޔޫބް ވާހަކަދައްކަން ފެށިއެވެ.
"ގިސާމަތު މެޑަމް ހަރުކަށި ވިޔަސް އަޖްވަދު ބޮސް އާ ޝައުންކޮއްކޮ އެހާ ހަރުކައްޓެއް ނުވާނެ. ފަތިހު ގިސާމަތާ އެއްވެސް ކަމަކާ ބަހުސްކުރިންތަ؟" އައްޔޫބް އެހިއެވެ.
"ބަހުސްއެއް ނުކުރަން. އޭނާ މާ ފޮނިކޮށް ވާހަކަދެއްކީމަ އަހަރެން ކުޑަވާނެތަ؟ ތަނަވަސްކަމާ މުދާ އޭނާ އަތުގަ ހުރެފަ އަހަރެން އަތުގަ އެއްވެސް އެއްޗެއް ނެތަސް އޭނަ ބުނި އެއްޗަކަށް އެއްޗެއް ބުނާނެ އަނގައެއް އޮވޭ" ނިހާން ބުންޏެވެ.
"ވަރަށް ރަނގަޅު. ކެރެންވާނެ. އައްޔޫބްބެ ގޮތަށް އެހާ ފިނޑިވާކަށް ނުވާނެ" އައްޔޫބް ބުންޏެވެ.
"ޝައުން އަކީ އަޖްވަދުބެގެ ދަރިއެއްތަ؟ އެގޭގަ މިއުޅެނީ ހާދަ މަދު ބައެކޭ" ނިހާން ބުންޏެވެ.
"ޝައުން އަކީ މެޑަމްގެ އަންހެން ދަރި ޝަމްސުއްނިޝާ އަށް ކައިވެނިން ބޭރުން ލިބުނު ދަރިއެއް. ނަންވެސް ގުޅުވާފައެއްނު އެހެރީ. ޝަމްސުއްނިޝާ ކާރު އެކްސިޑެންޓެއްގައި ނިޔާވިއިރު ބަނޑަށް ނުވަމަސް. ނަސީބަކުން ޝައުން ސަލާމަތްވެފަ އެހެރީ" އައްޔޫބް ވާހަކަދެއްކިއެވެ.
"އަޖުވަދުބެ ގެ ދަރިއަކު ނުހުރޭތަ؟" ޝައުން އެހިއެވެ.
"އަޖްވަދު ނިހާންގެ މޫނަށް ބަލައިލިއެވެ. ނިހާން އެ ސުވާލު ކުރީތީ ޖަވާބުދޭން އޭނާ ބޭނުންވިއެވެ. އެކަމަކު ފަށަން ޖެހެނީ އެހެން ވާހަކަ އަކުންނެވެ.
"ޝާމޮނީއަށް ލިބުނު ދަރިއެއް. އަސްލު ކުށްވެރިވޭ އަޖްވަދު ވެސް އަދި ގިސާމަތުވެސް. ވިސްނާނުލާ ކުރި ކަންތަކުން ދެމައިން މިހާރު އެތިބެނީ އަތަށް ގޮވާފަ. ތާއަބަދު އަޖްވަދު އެކުރަނީ އެ ހިތާމަ. ގިސާމަތު ބޭނުންވަނީ ނުފޫޒުގެ ބޭނުންކޮށްގެން ކުޅި ބައި އަނބުރާލަން. އަސްލު މިހާރު އެހާ ރުޅިގަދަވެގެން އެ އުޅެނީ ކުރެވުނު ކަންތަކުގެ ހިތި ރަހަ ކަރު ބުޑުގައި ލައިގެން" އައްޔޫބް ވާހަކަދައްކަމުން ދިޔައެވެ.
"ވަރަށް ޝައުގުވެރިވެއްޖެ. މިހާރު އެނގެން ބޭނުންވެސް ވެއްޖެ" ޝައުގުވެރިކަމާއެކު ނިހާން ބުންޏެވެ.
ކުއްލިއަކަށް އައްޔޫބަށް ވިސްނާލެވުނެވެ. ނުވެސްދަންނަ ޒުވާނަކަށް ހަވޭލީ ގެ އެތެރޭގެ ހަގީގަތް ކިޔައިދިނުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ގިސާމަތަށް އެނގިއްޖިއްޔާ އޭނާގެ ކަރުވެސް ބުރިކޮށްލާނެއެވެ.
"ވަގުތެއްނެތް. މިއާދެވުނީ. ދެން ބައްދަލުވާ ފަހަރަކުން ކިޔައިދޭނަން" އައްޔޫބް ބުންޏެވެ.
ހުރިހާ ކަމެއް ނޭނގި ކާރުން ފައިބާކަށް ނިހާން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ނުފައިބައެއް ނުވާނެއެވެ. ޗެކިން ބަންދު ކުރާކަށް ގިނައިރެއް ނެތެވެ. މިފަހަރު ދެން އެނގުނު ވަރަކުން ފުއްދާލައިގެން ދާނީއެވެ.
****
ހަފްތާއެއް ފަހެވެ. އާދައިގެމަތިން ނިދަން ވަނުމުގެ ކުރިން ހަންނާ ރޫޔާގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އެތެރެއިން ތަޅުލާފައި ހުންނާނެ ކަމަށް ހީކުރިޔަސް ދޮރު ހުރީ ހުޅުވާފައެވެ. ކޮޓަރީ ދޮރު އެތެރެއަށް ހުޅުވިގެން ދިޔުމާއެކު ހަންނާ އަށް ދެ ކަންފަތް މަތީގައި އަތް އެޅުނެވެ. އެނދުގައި ރޫޔާ އޮތީ ދޮރަށް ފުރަގަސްވާހެން ބަންޑުންނެވެ. ބަނޑުދޮށަށް ބާލީހެއް ލައްވައިގެން އޮތް އިރު ކުރިމތީގައި ލެޕްޓޮޕް ހުޅުވާފައި ހުއްޓެވެ. ބޯމަތީގައި ވަރުގަދަ ހެޑްފޯނެއް އޮތް އިރު ދެއަތް ތިލަ އާއި މޫނު ނޫނީ އެއްވެސް ތަނެއް ރޫޔާގެ ގައިން ފެންނާކަށް ނެތެވެ.
ހަންނާ ދެފަރާތަށް ބޯހޫރާލާފައި އެތެރެއަށް ވަދެގެން ގޮސް ކަހާލާފައި ހުރި ބެލްކަނީގެ ދޮރު ބަންދުކޮށް ކާޓެއިން ދަމާލިއެވެ. ރޫޔާ އަށް ހަންނާ ފެނުނީ ލޮލުގެ އަރިމަތިންނެވެ. ވަގުތުން އޭނާ އެނދަށް ކޮޅަށް ޖެހުނެވެ. ލެޕްޓޮޕް ޕްލޭކޮށްފައި ހުރި ލަވައިގެ އަޑު ކަނޑާލާފައި ހަންނާ އަށް ހިނިތުންވުމެއް ދިނެވެ.
"ގަޑިން ބާރަޖަހަނީ. މިއީ ކޮންގަޑިއެއް ތި ސަކަރާތް ޖަހަން" ހަންނާ ބުންޏެވެ.
ލެޕްޓޮޕް ލައްޕާލާފައި ގެންގޮސް ސްޓަޑީ ޓޭބަލް މަތީގައި ބަހައްޓާފައި ހަންނާ އައިސް ހުއްޓުނީ ރޫޔާގެ ކައިރީގައެވެ. ރޫޔާގެ ބޯމަތީގައި އޮތް ހެޑްފޯނު ވެސް ހަންނާ ނެގިއެވެ.
"މަންމަ ބުނަމެއްނު ތަންކޮޅެއް އަވަހަށް ނިދަން އާދަކުރާށޭ. މާދަމާ މިއީ ޔުނިވާސިޓީ އަށް ދާންޖެހޭ ދުވަސް. ނުލާހިކު ފަތިހާ ހޭލަންޖެހޭނެ. ދަރިފުޅަށް ބައްޕަ ހަމަޖެއްސި ޑްރައިވަރު ފަތިސް ނަމާދުކޮށް މަޑެއް ނުވެ އަންނާނެ" އެނދުގައި އިށީނދެފައި ހަންނާ ވާހަކަދެއްކިއެވެ.
"ނިދަން އުޅެނިކޮށް މަންމަ ތިއައީ" ރޫޔާ ބުންޏެވެ.
ހަންނާ ހިނިތުންވެލިއެވެ. ރޫޔާ ގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަވަހަށް ނިދާށޭ ބުނެ ތެދުވެ ހިނގައިގަތެވެ. ދޮރާ ހަމައިން އަނެއްކާވެސް ހުއްޓި ރޫޔާ އަށް ބަލައިލިއެވެ.
"ބެލްކަނީގެ ދޮރު އަބަދު ހުޅުވާފައި ނުބަހައްޓާތި. ކުރިމަތީ މިހުރި ގެއަށް ބަޔަކު އަތުވެއްޖެ. ރޫ ތިއީ ބުރުގާ އަޅާ ކުއްޖެއް. ހަނދާންބަހައްޓާއްޗޭ ދަރިފުޅާ" ހަންނާ ބުންޏެވެ.
ދޮރުލައްޕާފައި ހަންނާ ނިކުތުމާއެކު ރޫޔާ ތެދުވެއްޖެއެވެ. ކުރިމަތީ ހުރި ގެއަށް ބަޔަކު އަތުވެއްޖޭ ބުނުމުން އެއީ ކޮންބައެއްތޯ ބަލާލާހިއްވިއެވެ. ދިވެހި ބަޔަކަށް ވިއްޔާ ކިހާ ރަނގަޅު ހެއްޔެވެ؟ ރޫޔާ ގޮސް ހުއްޓުނީ ބެލްކަނީގެ ދޮރު ކައިރީގައެވެ. ކާރޓެއިން ކުޑަކުޑަކޮށް ފޭކޮށްލާފައި ބަލައިލިއެވެ. މުޅި އިމާރާތުގައި އަލިކަމެއް ހުރީ ދިމާލަށް ހުރި ކޮޓަރީގައެވެ. އެތެރޭގައި ހުރި މީހަކު ހުޅުވާފައި ހުރި ކުޑަދޮރުން ރޫޔާ އަށް ފެނުނެވެ. އެކަމަކު ސާފުކޮށް ފެންނަ ގޮތެއް ނުވިއެވެ.
"މާތްކަލާކޮ. ޔަހޫދީ އެއް ކަންނޭނގެ" އަމިއްލަ ބޮލުގައި ޖަހައިލަމުން ރޫޔާ ބުންޏެވެ.
ނިކަން އަވަހަށް އޭނާ އެތަނުން ދުރަށް ޖެހުނެވެ. ހަމަ އެހާ އަވަހަށް ފެންވަރައިގެން އައިސް ނިދަން ތައްޔާރުވެގެން އެނދަށް އެރިއެވެ.
****
ޔުނިވާސިޓީ އަށް ދާން ފްލެޓުން ނިކުމެ ނިހާން ހުރީ ފާރު ކައިރީގައެވެ. އޭނާއަށް އެނގިފައި އޮތް ގޮތުން ބަސް މަޑުކުރަނީ ގޭ ކައިރިއަށެވެ. އޭނާ ހުރީ ބަހުގެ އިންތިޒާރުގައެވެ. އަލި ނޫ ކުލައެއްގެ ޓީޝާޓަކާ ގަދަ ނޫ ކުލައިގެ ޖީންސެއް ލައިގެން ހުރިއިރު ފިނިން ސަލާމަތްވުމަށް ޓަކައި އޭނާ ހުރީ ކަޅު ކުލައިގެ ބޯ ޖެކެޓެއް ލައިގެންނެވެ. އެހެން ހުއްޓައި ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ޖެހިގެން ހުރި ފްލެޓުން ނިކުތް އަންހެން ކުއްޖަކަށެވެ. ވަގުތުން އެ ރީތި ކަމަށް އޭނާގެ ކަޅި ހުއްޓިއްޖެއެވެ.
(ނުނިމޭ)