"ތަންތަނަށް ދާއިރު ބުނަން ޖެހެނީ އަޖުވަދު ކައިރީގަތަ ނޫނީ އަހަރެން ކައިރީގަތަ؟ އަނދުނުން ފަވާލާފައިވާ ބޮޑު ދެލޮލުން އަޖްވަދަށް ނަޒަރެއް ދެމުން ގިސާމަތު ބުންޏެވެ. ވަގުތުން އަޖްވަދު ދޫ ބަންދުވެ އިސްޖެހިއެވެ. އޭނާގެ އެ އަމަލުން އުމުރުން ފަންސާސް އަހަރުގައިވެސް އޭނާ މަންމައަށް ކުރާ އިހުތިރާމް ހާމަވެގެން ދިޔައެވެ.
"ނިހާނަށް ނޭނގުނީ މަންމާ. މިގޭ ރޫލްތައް އޭނައަށް އަދި ނޭނގެނީ. އެހެރަ އައީ" ދޮރުން އެތެރެއަށް ވަތް ނިހާން ފެނުމުން އަޖްވަދު ބުންޏެވެ.
ބޯ އަރިކޮށްލާފައި ގިސާމަތު ބަލައިލިއެވެ. ނޫކުލައިގެ އަތްކުރު ގަމީހަކާ ކުކުޅު ބިސްކުލައިގެ ޖިންސެއްގައި ހުރި ރީތި ޒުވާނެކެވެ. ގާތްގަނޑަކަށް އުމުރުގެ ގޮތުން ޝައުން އާ އެއް އުމުރެއް ކަން ޔަގީނެވެ. ބޮލުގެ އިސްތަށިގަނޑު ތުނިކޮށްފައި ވިޔަސް މެދަށް ބޮލެވެ. އަލި ކަޅު ޒުވާނެކެވެ. އިސްކޮޅުން ޝައުން އަށް ވުރެ ދިގެވެ. ލަދުވެތިކަމާއި މަޑުމޮޅިކަން އަމިއްލަ ނަފްސަށް ޖަމާކޮށްފައިވާ ސީދާ ސާދާ އިންސާނެއްކަން ފުރަތަމަ ނަޒަރުންވެސް ގިސާމަތަށް އެނގުނެވެ.
"ގޮވާ އޭނައަށް. ބުނޭ ކާން އަންނާށޭ" މަސައްކަތު ކުއްޖަކަށް ބަލައިލަމުން ގިސާމަތު އަމުރު ކުރިއެވެ.
އިރުކޮޅަކުން ނިހާން އައިސް މޭޒު ކައިރީގައި ހުއްޓުނެވެ. ކާންވީ ވަގުތު ޖެހުނީކަން އަޖްވަދު ބުނުމުން ޖެހިގެން ހުރި ގޮނޑި ދަމާލިތަނާ ހީވީ ތަނަށް ހޮނު ގުގުރިއެއްގެ އަޑު ފެތުރިގެން ދިޔަހެންނެވެ. ސިއްސައިގެން ދިޔަވަރުން ނިހާނަށް ގަޔަށް ހީސްނުލެވުނީ ކިރިޔާއެވެ. ނަމާދުކޮށްގެން އައިރު އޭނާ ހުރީ ނިކަން ބޮޑަށް ކުޑަކަމުންދާން ބޭނުންވެފައެވެ. ރަނގަޅަށް ފާހާނާއަށް ނުވަދެވެނީސް ގިސާމަތުގެ އަމުރު އޭނާއަށް އަތުވެއްޖެއެވެ. ލަސްލަހުން ގިސާމަތުގެ މޫނަށް ނިހާން ބަލައިލިއެވެ. އެ އަންހެންމީހާ ބަލަހައްޓައިގެން އިންގޮތުން ނިހާނަށް ހީވީ ކުރިމަތިން ބޮޑު ބިރުވެރިކަމެއް ފެނިގެން ދިޔަހެންނެވެ. އެ އަންހެންމީހާ އަށް ބަލަން ލޮލަށް އުނދަގޫ ގޮތެއްވެސް ވިއެވެ. ނިހާނަށް ހީވީ ހަނދާންނެތި ބުރުގާ ނުލާ އައިސް އިން އަންހެނެއް ހެންނެވެ. ކާން އައިސް އިންއިރުވެސް ހީވީ ޕާޓީއަކަށް އައިސްހެން ވިއްޔާ އެވެ.
"ތިއީ ޝައުންގެ ގޮނޑި" ގިސާމަތު ބުންޏެވެ.
ނިހާން ގޮނޑިއަށް ބަލައިލިއެވެ. ގޮނޑި ކުޑަކޮށް އުފުލާލާފައި ގޮނޑީގެ ދަށްވެސް ބަލައިލިއެވެ. ޝައުންގެ ގޮނޑިކަން އެހެން އެނގެނީ ކިހިނެއް ހެއްޔެވެ؟ ނަމެއްވެސް ޖަހާފައި ނެތެވެ.
"އެހެން ގޮނޑިއަކު އިށީނދޭ" ގިސާމަތުގެ ހަރުކަށިކަން ނިހާނަށް ފަހުމުވުމާއެކު ހިތުގައި އުފެދުނީ ފޫހިކަމެވެ. ޝައުންގެ ގޮނޑި އޭ ބުނާއިރު އެ ގޮނޑިތަކުގައި ހުންނަނީ މީހުންގެ ނަން ޖަހާފައި ހެއްޔެވެ؟ އެކަން ޔަގީންކުރަން ފަހަރަކު ގޮނޑިއަކަށް ނިހާން ބަލައިވެސް ލިއެވެ. އޭނާ އެހެން ގޮނޑިއެއްގައި އިށީނދެފައި ކާއެއްޗެހި ތަކަށް ނަޒަރު ހިންގައިލިއެވެ. މިހުރިހާއިރު އޭނާ ބަނޑުހައެއް ނުވެއެވެ. އެކަމަކު މޭޒުމަތީގައި ހުރި ކާއެއްޗެހީގެ ބާވަތްތައް ފެނުމުން ވަގުތުން އޭނާ ބަނޑުހައިވެއްޖެއެވެ. ބަނޑުގައި އަތްހާކާލުމާއެކު ތުންފަތްވެސް ލޮއިލެވުނެވެ.
"މިގޭގަ މާ ބައިވަރު މީހުންވެސް އުޅެނީއެއްނުން. ދެން މިހާ ބައިވަރު ކާއެއްޗެހި ކީއްކުރަން؟ މިއީ ހަމަ އިސްރާފެއްނު" ކުރިމަތީގައި އޮތް ތަށި ހެޔޮފުށަށް ފޮރޮޅާލަމުން ނިހާން ބުންޏެވެ. އެހިނދު ގިސާމަތުގެ ބިރުވެރި ދެލޯ އަނެއްކާވެސް ނިހާނަށް އަމާޒުވެގެން ދިޔައެވެ. ބުނެވުނު އެއްޗެއްކާމެދު ނިހާނަށް ވިސްނާލެވުނީ މާފަހުންނެވެ. ގިސާމަތުގެ ނަޒަރު ސަލާމަތްވުމަށް އޭނާ އަވަހަށް އިސްޖަހާލިއެވެ.
"ރާއްޖެތެރެއިން އައިސް މިގޭ މާހައުލު ހަރާބުކުރަން ހަޑި ވާހަކަތައް ދައްކާނެކަމެއް ނެތް. މިގޭގަ އުޅެން ބޭނުމިއްޔާ މިގޭ ހެދިފައި ހުރި ގަވައިދުތަކަށް ބޯލަނބައިގެން އަނގަ މައިތިރިކޮށްގެން އުޅޭނީ. ފެންވަރު އޮޅިގެން އުޅޭނެކަމެއް ނެތް. ތިމާގެ ހައިސިއްޔަތު ދަންނަންވާނެ" ގިސާމަތު ވާހަކަދައްކަމުން ދިޔައެވެ.
ހިފައިގެން ހުރި ތައްޓަށް ނިހާނަށް ބާރުކުރެވެމުންދާ ކަމެއް އޭނާ ނުދެނަހުއްޓެވެ. ގިސާމަތަށްޓަކައި އޭނާގެ ހިތުގައި އިންތިހާ ދަރަޖައަށް ފޫހިކަން އުފެދިގެން ދިޔައެވެ. މުސްކުޅިވެފައި އިން މީހަކު އެހާ ފޮނިބޮޑުވުމަކީ އޭނާއަށް ބަލައިގަނެވޭވަރުގެ ކަމެއް ނޫނެވެ.
"ސޮރީ މާމާ. އަހަރެން..."
"މާމައޭ..." މޭޒުމަތީގައި ގިސާމަތު އަތުންޖެހި އަޑާއެކު މިފަހަރުވެސް ނިހާން ދިޔައީ ސިއްސައިގެންނެވެ.
މުސްކުޅިވެފައި އިނަސް ނިކަން އަޑުބާރު މީހެކެވެ. އެކަމަކު އެއީ ކޮންތާކުން ނެރުނު އަޑެއް ހެއްޔެވެ؟ ނިހާންގެ ހަނދާނަށް އައީ ގޯތީގައި މަންމަ ގެންގުޅޭ ރުޅިގަދަ ކުކުޅެވެ. އެވެސް ރުޅިއައިއްޔާ އަރައިގަންނާނީ ގަޔަށެވެ. ކުރިމަތީގައި އިންސާނެއްގެ ސިފައިގައި މިއިނީ އޭގެ ކުކުޅެއް ތޯއްޗެކެވެ. ހިތަށް އައިސް ވަތްއެއްޗަކުން ނިހާނަށް ހެވެން އުޅުނެވެ. ބޮޑަށް ހިނި އައީ ކުރިމަތީގައި ތިބި މަސައްކަތު ދެ ކުއްޖަކު ހިނިއައިސްފައި ހުރިތަން ފެނުމުންނެވެ.
"ކަލެއަށް ކޮންގޮތަކުން އަހަރެން ކަލޭގެ މާމަ އާ ވައްތަރުވީ؟ މެޑަމް.... މެޑަމް ކިޔާފަ އަހަންނަށް ގޮވަން ޖެހޭނީ" ހަރުކަށި އަޑަކުން ގިސާމަތު ބުންޏެވެ.
ނިހާނަށް ކިޔާނެ އެއްބަހެއްވެސް ނޭނގުނެވެ. ރަށުގައި އުޅެފައި އައީ އޮފީހުގައިވެސް އޭނާގެ ބޮޑުމީހަކަށް ހުރީ އަންހެނެކެވެ. އެންމެން އޭނައަށް މެޑަމް ކިޔާއިރުވެސް ނިހާން އެހެން ނުގޮވައެވެ. އިހުތިރާމް ނުކުރާތީއެއް ނޫނެވެ. މަގާމެއް ލިބުމުން ތިމާގެ ހައިސިއްޔަތު މާބޮޑަށްވެސް އޮޅުވާލީމައެވެ. އަދި އަމުދުން މިހާ ބޮޑާ މީހަކަށް އެހެން ކިޔާފަ ގޮވާނީ ކިހިނެއް ހެއްޔެވެ؟ ގައިގެ އެއްވެސް ތަނަކުން 'މެޑަމް' އަކާ ވައްތަރުގޮތެއް ނެތެވެ. ހުރި ގޮތަށް ހުރި ގަހަނާ ފޮށްޓެކެވެ. އެންމެ ރަނގަޅު ވާނީ ގަހަނާ ފޮށްޓޭ ކިޔާފަ ގޮވިއްޔާއެވެ.
"ހެޔޮ. ތިއީ ހަމަ އަހަރެން މާމަ އުމުރުގެ މީހެއް" ނިހާން ދުލެއް ނުކުރިއެވެ. "މާމަ ކިޔާނީ. އެހެންނޫނީ އަހަރެން ވާނީ ވަރަށް އިހުތިރާމުކުޑަ މީހަކަށް"
ނިހާންގެ ޖެހިލުންކުޑަ ޖަވާބުގެ ސަބަބުން ހައިރާންވީ ހަމައެކަނި އަޖްވަދެއް ނޫނެވެ. ބުޅާ މަސްގަނޑަށް ބަލަހައްޓައިގެން އޮންނަ ފަދައިން ގިސާމަތު އިނީ ނިހާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކަންތައްތައް ވަރަށް ގޯސްވެދާނެހެން ހީވުމުން ހަތިޔާރު ބެހެއްޓީ އަޖުވަދެވެ. އޭނާ ހީކުރިވަރަށް ވުރެ ނުރައްކާތެރި ޒުވާނެއްހެން ހީވިއެވެ. ބޭރުފުށުން މަޑުމައިތިރިކަމެއް ފެންނަން ހުއްޓަސް ސަމާސާބޮޑު ޒުވާނެކެވެ. އަނެއްކޮޅުން ޖެހިލުންވުމެއް ނެތެވެ. މިތިބަ މަސައްކަތު ކުދިން ތިބޭނީ މަންމަ ނުރުހިއްޖެނަމަ ހުރިތަނުން ގުޑާލަންވެސް ނުކެރިފައެވެ. މި ޒުވާނާ އެހެނެއް ނޫނެވެ. މިއީ ކެރޭ ޒުވާނެކެވެ. އަޖްވަދު ލަސްލަހުން މަންމައަށް ބަލައިލިއެވެ. އެހެން އިނދެ އިރުކޮޅަކުން ފެންނާނީ ތަނުގައި ހުޅުރޯވާ ތަނެވެ. މިހާރު ދެފައިން ފެށިގެން އަރަމުންދިޔަ އާވިގަނޑު މުޅި ގޭތެރެއަށް ފޯރައިފިއެވެ.
"ވަރަށް ބަނޑހައިވެއްޖެ. މަންމާ! ކައިގެން އަވަހަށް ހިނގާބަލަ. އެބައޮތޭ ޝައުކަތު ސިޓީއެއް ޕޯސްޓްކޮށްފަ"
ޝައުކަތުގެ ނަން ބުނުމާއެކު ގިސާމަތުގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ޝައުކަތަކީ ކަމާލުއްދީންގެ އެކުވެރިޔާއެވެ. ހުދު ގިސާމަތަށް ވުރެ އުމުރުން ދުވަސްވީ މީހެކެވެ. އަނެއްކޮޅުން ޝައުކަތަކީ ގިސާމަތުގެ ސިއްރު އެޖެންޓެކެވެ. ރާއްޖޭގައި ވިޔަސް ރާއްޖެއިން ބޭރުން ވިޔަސް ގިސާމަތު ބޭނުންވާ ކަންކަމުގެ މައުލޫމާތު އެންމެ އަވަހަށް އޭނާއަށް ފޯރުކޮށްދެނީ ޝައުކަތެވެ.
****
ގިސާމަތު ދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން ރަނގަޅަށް ނިހާނަށް ނުވެސް ކެވުނެވެ. ގޮހޮރުގައި އެތިކޮޅެއް ޖެހުމާއެކު އޭނާ ކާ މޭޒު ކައިރިން ދުރަށް ޖެހިއްޖެއެވެ. ދާނެ ތަނެއް ނޭނގި ކޮޓަރީގައި އޮށްވާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު ބައްޕައެވެ. ނިހާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ.
"ބައްޕާ، ކިހިނެއްތަ؟" ފޯނުން ވާހަކަދައްކަމުން ނިހާން ނިކުތީ ކޮޓަރިން ނިކުމެވޭ ބެލްކަންޏަށެވެ.
"ބައްޕަމެން ރަނގަޅު. ދަރިފުޅު ކޮންހާލެއް؟ އަޖުވަދާ ގިސާމަތު ރަނގަޅުތަ؟" ދާއޫދު އެހިއެވެ.
"ގިސާމަތޭ. އެ މާމައަށް ކިޔަނީ އެހެންތަ؟ އެކަމަކު ބުނި ތިމަންނައަށް މެޑަމް ކިޔާށޭ. ހިތުން ހާދަ މޮޅުވެގެން އުޅޭ މީހެކޭ އެއީ. އަސައެއްގެ އެހީގައި މުޅި ގޭތެރޭގައި ގުދަށް އޮވެ ހިނގަނީ. އެކަމަކު ހިތުން ތިމާ އަކީ ރާނީ އެލިޒަބަތު. ނަސީބެއް މަދަމާ ފުރޭކަންވެސް. މިތަނުގައި މީހަކަށް ކެތެއްނުވާނެ. މިއީ މެހެލްއެއް ނޫން. މިތަނަށް ކިޔަންވީ ބިރުވެރި ހޮހޮޅަ" ނިހާން ވާހަކަދެއްކިއެވެ.
ދާއޫދަށް ހުނުން ހުއްޓާލެވުނީ އެތައް އިރެއް ފަހުންނެވެ. ނިހާން ފޮނުވިއިރު އޭނާ އެއްވެސް ވަރަކަށް އެގޭ ހަގީގަތެއް ކިޔައިނުދެއެވެ. އެއީ އެގޭގައި އެހާ ގިނަދުވަހު ނިހާން މަޑުކުރާގޮތަށް ހަމަޖެހިފައި ނުވާތީއެވެ. ނިހާންގެ މިޒާޖާއި ހަވޭލީގެ މާހައުލާ އެއްގޮތަކަށްވެސް ނުގުޅޭނެތީއެވެ.
"ދަރިފުޅާ ކޮންމެސް ތިގޭ އަންހެންމީހާ އަށް އެއްޗެއް ނުބުނާތި. އެއީ ނިކަން އިއްޒަތްތެރި ގަދަރުވެރިއެއް. މާދަމާ ފުރަންވަންދެންވެސް ނިކަން މަޑުމައިތިރިކޮށް ހުންނާތި" ދާއޫދު ބުންޏެވެ.
"އަހަރެން މާމަ އޭ ކިޔާފަ ނުލާހިކު ލޯބިން ވާހަކަދެއްކީމަވެސް އެމީހާއަށް އެވީގޮތެއް"
އެހިސާބުން ދާއޫދު އަތުން ފޯނު އަތުލާފައި ވާހަކަދެއްކީ މަންމަ ޝީރީނާއެވެ.
"މަގޭ ދަރިއާ. ވިސްނައިގެން އުޅޭތި ތިގޭގަ. ތިގޭގަ ތިއިނީ ރާނީން ތަކުގެ ވެރި ރާނީ" ޝީރީނާ ބުންޏެވެ.
"އޯ މަގޭ ލޯބި މަންމާ. އަހަރެން ނޫޅެމޭ ދެން އެ މާމަ ކުރިމައްޗަށް އަރާކަށް. ފަތިހު ދާންޖެހޭ ޗެކިންއަށް" ނިހާން ބުންޏެވެ.
ހަވޭލީގައި ނިހާން މަޑުކުރާގޮތަށް ދާއޫދު ނިންމީ އަޖްވަދާ ފޯނުން ވާހަކަދައްކާފައެވެ. ކައިވެނި ކުރުމުގެ ކުރިން ދާއޫދަކީ އަޖްވަދު ގެ ހާއްސަ ނޯކަރެކެވެ. އޭރު ދާއޫދު ދިރިއުޅުނީވެސް އެގޭގައެވެ. ވަޒީފާ ދޫކޮށް ދާއޫދު ގެއިން ނިކުތީ ގިސާމަތާ ކުރި ޒުވާބަކަށް ފަހުގައެވެ.
ނިހާނަކީ މެދުމިނުގެ ދިރިއުޅުމެއް އުޅެމުން އައި ރާއްޖޭގެ އުތުރަށް ނިސްބަތްވާ އާއިލާއަކަށް އުފަން ދަރިއެކެވެ. ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށްފަހު ރަށުން ލިބުނު ވަޒީފާއެއްގައި އުޅެނިކޮށް އޭނާއަށް އިތުރަށް ކިޔެވުމަށް ބޭރަށް ދާން ފުރުސަތެއް ލިބުނީ ނަސީބު ގުރުއަތަކުންނެވެ.
****
ބޭނުންވާ ހުރިހާ އެއްޗެއް ދަބަހަށް އަޅާ ޕެކްކޮށްފައި އެނދުގައި ނިހާން ޖައްސާލިއެވެ. ކޮފީ ބޮވައިގަތުމުން ބޭރަށް ނިކުންނަން އުޅެފައިވެސް އެ ހިޔާލު ދޫކޮށްލިއެވެ. ބޭރަށް ނިކުންނަތަނުން އަނެއްކާ ކަނޑުމަތި އަޅާފާނެއެވެ. ލެޕްޓޮޕް ހިފައިގެން ގޮސް އޭނާ އެނދުގައި އިށީނެވެ. ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމާއެކު ނިހާންގެ ނަޒަރު ދޮރަށް ހުއްޓިއްޖެއެވެ. އެއީ ކާކުބާއޭ ހިތަށް އެރިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ދޮރުކައިރީގައި އޭނާ ހުއްޓުނެވެ. ދޮރުހުޅުވުމުގެ ކުރިން ދޮރުން ބޭރުގައި ހުރީ ކާކުތޯ ބަލަން އޭނާ ބޭނުންވިއެވެ. އެކަމަކު އެކަން ޔަގީންކުރެވޭނެ ގޮތެއް ނެތެވެ. ދެވަނަ ފަހަރަށް ޓަކިޖަހާލީ ދޮރުހުޅުވަންވީތޯ ނުވަތަ ނޫންތޯ ވިސްނަން ހުއްޓައެވެ.
"ކާކު؟ މިގޭ މާމަ ތަ؟" ދޮރާ ގާތަށް ކުޑަކޮށް ގުދުވެލާފައި ނިހާން އަހާލިއެވެ. އޭނާ ނިންމައިގެން ހުރީ ގިސާމަތު ވިއްޔާ ދޮރުނުހުޅުވާށެވެ.
"ނޫން" ބޭރުން ޖަވާބު އައިލެއްވެސް އަވަހެވެ. އަންހެން އަޑެކެވެ. ނިހާން އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ މަންމަ ފުރާގެ އަންހެނެކެވެ. ހިކިކޮށް ދޮންކޮށް ބުރުގާ ނާޅާ ހުރި އަންހެނެކެވެ. އެ އަންހެންމީހާ ނިހާނަށް ދިނީ ފަނޑު ހިނިތުންވުމެކެވެ. އެ އަންހެންމީހާ ގެ ދެލޮލުން ގާތްކަމެއް ނިހާނަށް ފެނުނެވެ. ފުރަތަމަވެސް ނިހާން އަޅައިގަތީ އަންހެންމީހާގެ ތުންފަތުގައިވި ހިތްހެޔޮ ހިނިތުންވުމެވެ.
"ވަރަށް ބިޒީކޮށްތަ ތިއުޅެނީ؟" އަންހެންމީހާ އަހާލިއެވެ.
ނިހާން ހީލިއެވެ. އެ އަންހެންމީހާގެ އަޑުގައި ހިތްހެޔޮ ގޮތެއް ހުއްޓެވެ. އަދި ގޭތެރެއިން ދެކިފައިނުވާ އަންހެނަކަށް ވުމުން އެއީ ކާކު ކަން ނިހާނަށް ނޭނގުނެވެ.
"ބިޒީއެއް ނޫން. ކަމަކުތޯ" ނިހާން ބުންޏެވެ. އެ އަންހެންމީހާ ހިތްހެޔޮކޮށް ވާހަކަދެއްކުމުން ނިހާން އެމީހާ އާ ވާހަކަދެއްކީ އިހުތިރާމާ އެކުގައެވެ.
އެހެންވިއްޔާ އާދެބަލަ ދައްތަ އާއެކު"
އަންހެންމީހާ ހިނގައިތުމުން ކޮޓަރި ދޮރު ލައްޕާލާފައި ފަހަތުން ނިހާން ދިޔައެވެ. އަންހެންމީހާ ވަނީ ނޯކަރުންނަށް ހަމަޖައްސާފައިވާ ބަޔަށެވެ. އެއީވެސް ތަނަވަސް ބޮޑު ސަރަހައްދެކެވެ. ބޮޑު ސިޓިންގރޫމަކާއި ބަރިބަރިއަކަށް ހުރި ކޮޓަރިތަކެއް ހުއްޓެވެ. ފަރުނީޗަރުތަކުގައި އާ ކަމެއް ނެތެވެ. ތަނުގެ ފަޅުކަން ކަނޑުވާލާފައި ހުރީ ޓީވީ އިން ދައްކަމުންދިޔަ ލަވައެއްގެ އަޑުންނެވެ. ސޯފާގައި އޮތް ޒުވާނެއް ނިހާން ގެ ލޮލުގައި އަޅައިގަތެވެ. ހުދާއި ރަތްކުލަ އެކުލެވޭ ބެނިއަން އަކާއި ކަކުލާ ހަމައަށް އަންނަ ސޯޓެއްގައި އެ ޒުވާނާ އޮތްތަން ފެނުމުން ނިހާނަށް ހީވީ އެއީ އެ ދައްތަ ގެ ދަރިފުޅު ހެންނެވެ.
"މިހިރީ" ޒުވާނާ ކައިރީގައި ހުއްޓިފައި އަންހެންމީހާ ބުންޏެވެ.
ސޯފާގައި އޮތް ޝައުން ތެދުވިއެވެ. ނިހާނާ ސަލާމްކޮށްލިއެވެ. އެއީ ގިސާމަތު އިޝާރާތްކުރި 'ޝައުން' ކަން އެނގުނީ ޝައުން އަމިއްލަ އަށް ތައާރަފް ވެލުމުންނެވެ.
"ސޮރީ އެނގޭ ބަޑީ. މާމަ އެއީ ވަރަށް ފާޑެއްގެ މީހެއް" ޝައުން ބުންޏެވެ.
އެއީ އެވަރުކަމެއް ނޫނޭ ބުނެ ނިހާން ހަމަޖައްސާލިއެވެ.
އަންހެންމީހާ ދިއްކޮށްލި ކޮފީތަށި ހިފައިގެން ޝައުން އައީ ނިކުންނާށެވެ. ދޮރާ ހަމައިން ހުއްޓިފައި ނިހާނަށް ހިނިތުންވުމެއް ދިނެވެ.
"އާދޭ އެކޮޅަށް" އަންހެން މީހާ ނިހާނަށް ބުންޏެވެ.
ހުރިހާ ދިމާލެއް ބަލަމުން ގޮސް އަންހެންމީހާ ދެއްކި ގޮނޑީގައި ނިހާން އިށީނެވެ. ކުރިމަތީގައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންދާ ސިހުނީ އޭނާގެ ކުރިމަތީގައި ބެހެއްޓި ކޮފީ ތަށި ފެނިފައެވެ. އިސާހިތަކު މުޅި ތަނުގައި ކަޅު ކޮފީގެ ހިތްގައިމު މީރު ވަސް ހިފާލައިފިއެވެ.
"އާއްމުކޮށް ތިފުރާގެ ޒުވާނުންނަށް ކަމުދާނީ ކަޅު ކޮފީ. އެހެންވެ ކަޅު ކޮފީ މިގެނައީ" ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އަންހެންމީހާ ބުންޏެވެ. ނިހާން ކޮފީ ތަށި ކައިރިކޮށްލީ ރަކިވެފައި އިނދެއެވެ. ނުވެސް ދަންނަ މީހަކު އެހާ ގާތްކޮށް ކަންތައް ކޮށްދިނުމުން އޭނާ އިނީ ޝުކުރުއަދާކުރަންވީ ގޮތެއްވެސް ނޭނގިފައެވެ.
"އީނާ ބުނީ ކޮއްކޮ ވަރަށް މަދުން ކައިގެން ދިޔަ ވާހަކަ. މޭޒު ކައިރީގައި ކަންތައްވީ ގޮތްވެސް އީނާ ކިޔައިދިން. އެވަގުތު އެއީ ދައްތަ ނަމާދުކޮށްލަން އެތެރެއަށް ވަތް ވަގުތު. ހިތަށް އެރީ ހަމަ ވަރަށް ބަނޑުހައިވެފައޭ އޮންނާނީ. ކޮފީއެއް ދޭން ގެންނާނީއޭ. ޝައުން ވެސް ބުނެފި ނިހާން ބައްދަލުކޮށްލަން ގެނެސްދޭށޭ"
ނިހާން ހައިރާންވިއެވެ. މިކަހަލަ ގެއެއްގައި އެފަދަ ހެޔޮ އަންހެނަކު ދިރިއުޅޭ ކަމީ އޭނާ ފަދަ ކުދިންނަށް ރަހްމަތެކެވެ. ކޮންފަދަ ރިވެތި ނަމޫނާއެއް ހެއްޔެވެ؟
"ދައްތައަށް ކިޔަނީ ފަޒީލާ. މިގޭ މަސައްކަތްކުރާތާ އެތައް އަހަރެއްވެއްޖެ. މިގޭ މަސައްކަތްކުރަން ތިބޭ ތިން ކުދިންނަކީ ދައްތަގެ ތިމާގެ ކުދިން. އެކުދިންގެ ތިމާގެ އެއްވެސް މީހެއް މިދުނިޔޭގަ ނެތް. ހުރި މީހަކީ ދައްތަ. އެކުދިން އުޅެބޮޑުވީ ސަރުކާރުގެ ބެލުމުގެ ދަށުން. ދައްތަ އަށް އެކުދިން ލިބުނީ އެކުދިންގެ އުމުރުން އަށާރަ އަހަރުވީ ފަހުން. އެކުދިން މަސައްކަތްކުރަމުން އެދަނީ ލިބޭ ހުސްވަގުތު ތަކުގައި ކިޔަވަމުން. ކިޔަވަނީ ގިސާމަތަށް ސިއްރުން. ނޯކަރުން ކިޔެވުމަކީ ގިސާމަތު މާ ރުހޭކަމެއް ނޫން. މިތަންކޮޅަކީ ދައްތަ އާ އެކުދިން ދިރިއުޅެން ދީފަ އޮންނަ ތަން. ގިސާމަތު ހަމައެކަނި ކޮށްދޭ ކަމަކީ އަހަރެމެންނަށް ކާއެއްޗެހި ފޯރުކޮށްދިނުން. މިތަނުގަ ކަރަންޓާ ފެނާ ވަކިކޮށްފަ އޮތީމަ ބިލްތައް ދައްކަނީ ދައްތަމެން. ވަރަށް ގިނައިން މިބަޔަށް ޝައުން ވެސް އަންނާނެ. ކޮފީ ބޮއެގެން ވަރަށް ގިނައިރު ވަންދެން އަނގަތަޅަންވެސް އިންނާނެ. ގިސާމަތުމެންނަށް ކައްކާ އެއްޗިއްސަށް ވުރެ ބޮޑަށް ޝައުންއަށް ކަމުދާނީވެސް މިބައިގަ ކައްކާ ކާއެއްޗެހި. އެއްދުވަހު އެކަން ގިސާމަތަށް އެނގިގެން ވަރަށް ކަންތައް ގޯސްވި. ހަފްތާއެއް ވަންދެން ކެއުމުން ދައްތަމެން މަހުރޫމް ކުރި. މިގެއަށް ވިޔަފާރިކޮށްދޭ މަހުމޫދުގެ ހެޔޮކަމުން ކައިގެން ބޮއެގެން ތިބީ. މިތަނުން ޝައުންއަށް ކާންނުދިނުމަށް އަމުރުކޮށްފައި އޮތީ"
ފަޒީލާގެ ވާހަކަތައް އަހަމުން ދިޔަ ނިހާނަށް އެވާހަކަތައް ވީ ވަރަށް ޝައުގުވެރި ވާހަކަތަކަކަށެވެ. އެ ވާހަކައިގެ ތެރެއަށް ވަދެ އިނދެ އޭނާ ކޮފީތަށި ވެސް ހުސްކުރަމުން ދިޔައެވެ.
"ދައްތަގެ ދަރިން ކޮބާ؟" ނިހާން އެހިއެވެ.
"ދައްތަގެ ދަރިއެއް ނުހުރޭ. ތަންކޮޅެއް ކުރިން ދައްތަ މީހަކާވެސް އިނިން" ފަޒީލާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ރިހުމެއް ހުއްޓެވެ. ފަޒީލާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސުވާލު އިތުރަށް ކުރާކަށް ނިހާނަށް ނުކެރުނެވެ.
"މިގޭ އައިޝްވާރިޔާ.... ސޮރީ މާމަ މިއީ ކޮންކަހަލަ މީހެއްތަ؟" ނިހާން ބުންޏެވެ.
ފަޒީލާއަށް ހެވުނެވެ. ނިހާނަށް ބަލައިލާފައި ދެން ތެދުވެގެން ގޮސް ފިނި ފެންތައްޓެއް ހިފައިގެން އައިސް ނިހާނަށް ދިނެވެ.
"ކިބުރުވެރިކަމާއި ބޮޑާކަން. ނުލަފާކަމާއި ހައްދުފަހަނަ އެޅުން... މިކަންކަމަކީ އެމީހުންގެ ލޭ ނަޖިސްވެފައިވާ ކަންކަން. އަހަރެން މިތާ މިއުޅެނީ ދާނެ އެހެން ތަނެއް ނެތީމަ" ފަޒީލާ ވާހަކަދެއްކިއެވެ. އޭނާ ދެފަރާތް ހޯދައި ބަލައިލިއެވެ. ނުރައްކަލެއް ފެންނާކަށް ނެތެވެ. ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލާފައި އަނެއްކާވެސް ބަލައިލީ ނިހާންގެ މޫނަށެވެ.
"އަނެއްކާ ދޮންކަލޯ މިއިން އެއްވެސް ވާހަކައެއް ނުދައްކައްޗެ" ފަޒީލާ ބުންޏެވެ. ވަގުތުން ނިހާން ބޯޖަހާލިއެވެ.
"މާދަމާ ފުރަންދޯ. ސައި ބޮއެގެން ދާން ވާނީ. ބޮޑު ފަތިހާ ފުރޭތަ އަރާނެ. އެހެންވިޔަސް ދައްތަ ބަހައްޓާނަން ސައި ހަދާފަ" ފަޒީލާ ބުންޏެވެ.
****
ފެންވަރައިގެން ނިކުމެ ރޫޔާ ހުރީ ކުޑަދޮރު ހުޅުވާލައިގެން މަގުމަތި ބަލަހައްޓައިގެންނެވެ. ދޮރުގައި ޓަކިޖަހާލި އަޑަށް އޭނާ ސިހިފައި ފަހަތް ބަލައިލިއެވެ. ބޭރުގައި ތިބޭނީ މަންމައާއި ބައްޕަ ކަން ޔަގީންވާތީ އޭނާ ގޮސް ދޮރު ހުޅުވިއެވެ.
"ދަރިފުޅު ނިދަނީ ކޮންއިރަކު؟" ރޫޔާ ފެނުމުން ހަންނާ ބުންޏެވެ.
"ނިދަން މިއުޅެނީ. މަގުމަތީގެ ކުޑަ ވީޑިޔޯ ކޮޅެއް ނަގަން ހުރީ" ރޫޔާ ބުންޏެވެ.
(ނުނިމޭ)