ޖޯލީގައި އޮތް ކާޝިފަށް ފުންމައިގެން ތެދުވެވުނީ ކުއްލިއަކަށް ވެހެން ފެށި ބޯވާރޭގެ ތިކިތައް އޭނާގެ މޫނުގައި ޖެހުމުންނެވެ. ވިދާލި ވިދުވަރާއެކު އަނެއްކާވެސް ބާރަށް ގުގުރައިގަތެވެ. އެވަގުތު ކާޝިފަށް ހީވީ އެވިދުވަރުގެ އަލީގެ ތެރެއިން އޭނައަށް އެއްފަހަރާ ދެމޫނެއް ފެނިފައި ގެއްލިއްޖެއެވެ.
އެއް މޫނަކީ އޭނާގެ އަލަތު ލޯބިވެރިޔާ އަދި އަލަތު އަނބިމީހާގެ މޫނެވެ. އަދި އަދަށްދާނދެންވެސް ކާޝިފަށް އެހާ ރީތި ދެވަނަ މޫނެއް ނެތެވެ. އަދި ދެން އެ ފެނުނު މޫނަކީ އޭނާގެ ކުށުން އޭނާގެ އަތުން ހެދުނު ގޯހަކުން މި ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާއުކީ މައުސޫމު މޫނެވެ.
އެކަކީ އޭނާގެ ހިތުގެ ވިންދުކަމުގައި ވާނަމަ އަނެކަކީ އޭނާގެ ހިތުގެ ރިހުމެވެ. އެ ދެމޫނު އޭނާގެ ހުވަފެންތަކުން ނާންނަތާ އެތައް ދުވަހެއް ފަހުން މިރޭ އޭނާއަށް އުނދަގޫ ކުރުވީ މަގުމަތިން ފެނި ބައްދަލުވި އަންހެން ކުއްޖާ ބުނި ބަސްތަކަކުންނެވެ.
ވާރެއިން ސަލާމަތްވާން ވެގެން ދުވެފައި ގޮސް ގޭގެ ފެންޑާގެ ހިޔަލަށް ވަދެވުމާއެކު ކިބިހި އެޅެން ފެށިއެވެ. އެކެއް، ދޭއް، ތިނެއް، ފަސް ކިބިހި އެޅުމުން ހަމްދުސަނާ ކިޔަމުން ކާޝިފު ބޮލުން ފެންފޮޅާލިއެވެ.
އޭނާގެ ހަޔާތުގެ އެ ބާބު ލައްޕާލާފައި މާލެއާ އެތައް ހިސާބު ދުރަށް މިރަށަށް އައިސް ދިރިއުޅެން ފެށިއިރު ލޯތްބާއި ދިރިއުޅުން މަތިން ހުރީ މުޅިން ފޫހިވެފައެވެ. އެރޭ ފަރުހީން އޭނާ ދުރުކޮށްލީ އަބަދުގެ އަބަދަށެވެ.
ވެހިގަތް ވާރޭގައި ހަދާނެ ގޮތެއް ނެތިފައި ހުރި ކާޝިފް އެނބުރި ގެއަށް ދިއުމުގެ ބަދަލުގައި ބޯ ވާރޭގައި ދެފައި ދަމަމުން އާވާރާއެއް ފަދައިން ހިނގާފައި ދިޔައީ ލޮނުޒިޔާރަތްކޮޅަށެވެ. ފަޅުވެފައި އޮތް ހިސާބުގަނޑުގައި މީހެއްގެ ހިލަމެއް އަމުދުން ނެތް ތޮށިގަނޑު މަތީ ދެއަތް އަޅުވާލައިގެން ހުރެ ބާރުބާރަށް ހަޅޭއްލަވައިގަތެވެ. އެއަޑު އިވޭނެ އެއްވެސް މީހަކު ނެތްކަން އެނގޭހާލުގައެވެ.
އެރޭގެ ކައިވެނި ޕާޓީ ވެހުނު ބޯ ވާރޭގައި ހެދުނު ފެނުގެ ތެރެއަށް ގެނބުނީކަހަލައެވެ. ކާޝިފު ވީނުވީ ތަނެއް ނޭނގި ގެއްލުނީއެވެ. ކައިވެނީގެ ގަޑި ޖެހުމުން ވަކީލާއާއި ޝިއްޔަތު ކާޝިފު ކޮބައިތޯ މުޅި ގެއާއި ގޯތިތެރޭގެ ހުރިހާ ތަނެއްވެސް ހޯދާ ބެލިނަމަވެސް ނެތް މީހަކު ނުފެންނާނެތާއެވެ.
ޒަހުރަބާނަށް މި ހުތުރު ބަދްނާމް ހަޖަމުކުރާކަށް ފަސޭހައެއްނުވިއެވެ. އެހެންނަމަވެސް ގޭގައި ނެތް މީހަކު ފެންނާނީ ކިހިނެއްހެއްޔެވެ.
އެރޭ އުލާގެ ހުން ގަދަވާން ފެށުމުން އަނެއްކާވެސް މެޝިންތައް ތައްޔާރަށް ހުންނަ ހާއްސަކޮޓަރީގެ އެނދުގައި ބާއްވައި އޮކްސިޖަން މާސްކް އަޅައި އައިވީ ގުޅާލުމަށްފަހު ޑޮކްޓަރާއި ނަރުސް އެއްފަރާތަކަށް ޖެހުނީ ޒަހުރަބާން އެތަނަށް އައުމުންނެވެ.
އެނދުގެ މަގަތުން އިށީނދެ އުލާގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކި އިރު ޒަހުރަބާންގެ ލޮލުން ހަމަހަގީގަތުގައި ކަރުނަ ނިރާލިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އާއިލާ ބެލެހެއްޓުމުގައި ފެއިލްވެއްޖެ ކަމާއި ހަމަޖެހުމާއި އަމަންކަމާއެކު އޮތް ގޭގެ މާހައުލު ނުތަނަވަސްވެއްޖެކަމުގެ އިހްސާސް ޒަހުރަބާންގެ ހިތް އިތުރަށް ދަތިކޮށްފިއެވެ.
ގެއަށް އައި އިރަކުން ކާޝިފަށް އަދަބު ލިބޭނެކަމަށް ބުނެ އުލާ ހިތްހަމަ ޖެއްސޭތޯ އިސްވެ ޒަހުރަބާން އިނދެގެން ކުރި ހުރިހާ މަސައްކަތެއް ފެނަށްވެ، ގޭތެރެ ތައްޔާރުކޮށްފައި ކުލަރީތި މަންޒަރުތަކުގެ ކުލަ ފަނޑުވެ ގެއަށް ބިރުވެރި ހިމޭންކަމެއް ވެރިވީ އެރޭ މެންދަމުން އަލިވެ އެއްގަޑި ބައިވެ ބޮޑުވިތަނާއެވެ.
ހުމާ ފިހެމުން ދިޔަ އުލާގެ ހަށިގަނޑަށް ގުޅާފައި ހުރި އައިވީ ނައްޓައި އަތުގައި ހުރި ކެނިއުލާ ނައްޓާލިއިރު އާއިލީ ޑޮކްޓަރ އުލާގެ މާސްކް ނަގައި މެޝިނާ ވަކިކޮށްފިއެވެ. އެވަގުތު ކޮޓަރީގެ ދޮރުމައްޗަށް އއިސް ހުއްޓުނު ޝިއްޔަތަށް މަންޒަރު ރީއްޗަށް ފެނުނެވެ. ކަކުލުހުޅުން ދޫވުމާއެކު ހުރިދިމާލުން ބިމަށް ތިރިވެވުނީއެވެ. ޝިއްޔަތުގެ ދެކޮނޑުގައި ހިފާ ހިތްވަރުދިން ވަކީލާއަށްވެސް ފާރުގައި ބުރަކަށި ޖައްސާލިއެވެ.
ޝިއްޔަތުގެ މޭގެ އެތިކޮޅުގެ މޫނު ފޮރުވާލުމަށް ފޮތިގަނޑު ހިއްލާލި ނަރުހުގެ އަތުގައި އެ ހިފީ ދުވެފައި އައި ޝިއްޔަތެވެ. ފަހުވަގުތު ދަރިފުޅުގެ ކުލަމަރުވެފައިވާ މޫނަށް ބަލައިލުމާއެކު ޝިއްޔަތުގެ ލަގޮނޑި ފިތިގެން ދިޔައެވެ. އޭނާގެ ފިނިވެފައިވާ ތުންފަތުން އުލާގެ ނިއްކުރީގައި ބޮސްދިނެވެ. ފަހުގެ އިހްތިރާމް ނުހަނު ލޯތްބާއެކު އަދާކުރަމުންނެވެ.
ކާޝިފުގެ އެސްފިޔަތައް ތެމުނެވެ. ހިތް ގެނބިގެން ދިޔައީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ކޮންމެއަކަސް އެއީ އޭނާގެ ފުރާވަރެވެ. ޒުވާންވަމުން އައި ލާނެއް އުމުރެވެ. އުލާގެ މަރުގެ ޒިންމާ އޭނާގެ ބޮލުގައި އެޅީ އަމިއްލަ ނަފްސު ކުށްވެރި ކުރަމުންނެވެ. އާއިލާގެ އެންމެންގެ ކުރިމަތީގައި ކުށްވެރިއެއްކަން ގަބޫލުކުރީ ހިތުން ރުހުމުންނެވެ. އުލާއަކީ އޭނާގެ ކަސިޔާރުވި ފިޔަވަޅުގެ ހިތިނަތީޖާކަން ގަބޫލުކުރާތީއެވެ. އަދި އެގޮތަށް އުލާގެ ވަކިވުމުގައި އަމިއްލަ އިހުމާލު އޮތްކަންވެސް ގަބޫލު ކުރީ އިސްވެ އަމިއްލައަށެވެ.
އެދުވަހުން ފެށިގެން މިހާތަނާ ޖެހެންދެންވެސް ފަރުހީންގެ އެއްވެސް އަޑެއްބަޑެއް ކާޝިފަކަށް ލިބިފައިނުވެއެވެ. ފަރުހީން ހޯދަން މަސައްކަތް ކުރިމެއެވެ. އެކަމަކު ނާކާމިޔާބު ނޫން އެހެން ކަމެއް ނުވިއެވެ.
އާއިލާ ވާނީ ކޮންމެ ހާލެއްގައިވެސް އާއިލާއަށެވެ. ދިމާވާ ކަމަކުން ޖެހޭ މައްސަލައަކުން ތާއަބަދަކަށް ގުޅުމެއް ނުކެޑޭނެތާއެވެ. ލޭގެ ގުޅުމެވެ. ރަހިމުގެ ގުޅުމެވެ. ކިތަންމެ ދުރުކޮށްލާފައި ހަނދާން ނައްތާލަން އުޅުނަސް ކާޝިފުގެ އާއިލާއަކަށްވެސް ކާޝިފަކީ ދަރިއެއް ނޫންކަމަށް، އެއްބަނޑުމީހެއް ނޫންކަމަށް ހަދާލާފައި ނުތިބެވުނެވެ.
ޒަހުރަބާންގެ ހާލު ދުވަހެއް ދުވަހަކަށް ގޯސްވެ އެންމެ ފަހުން އައިސީޔޫގައި އެނދުމަތިވެސް ކުރަން ޖެހުނެވެ. އޭރު ކާޝިފު ހުރީ އޭނާއަށް ވަޒީފާ ލިބުނު އޮފީހުގެ ފަރާތުން ފޮނުވި ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. އާއިލާގެ މީހަކު ލޮލަށްވެސް ނުފެންނަތާ ތިން އަހަރުވިއެވެ.
އަދި ދެން މާމަގެ ސިއްހަތަށްޓަކައި އާއިލާގެ އެންމެން އަނބުރާ އައުމަށް އެދި ކާޝިފަށް ލިޔުނެވެ. ބޮޑުދައިތަ ޝިއްޔަތުގެ ކުރިމަތީގައި އިސްޖަހައިގެން ހުންނަން ޖެހުނަސް އެންމެ ރަނގަޅުކަމަށް ކާޝިފު އަނބުރާ އައެވެ. ކިތަންމެ މާފު ކުރަން އުނދަގޫ ވިޔަސް ޝިއްޔަތަށް ޖެހުނީ އެހަނދާންތައް ހިތުގައި ވަޅު ޖައްސާފައި ކާޝިފަށް މާފު ކުރާށެވެ. މާފުނުކުރިޔަސް އަދި ކިތަންމެ ނަފްރަތެއް ކުރިއަސް ދަރިފުޅު ދުވަހަކުވެސް ނާންނާނެކަން އެނގޭއިރު ކާޝިފުދެކެ ރުޅިއައިސް ބަދުދުއާ ކުރުމުގެ ވަކިފައިދާއެއް ނޯންނާނެކަން އޭނާއަށް ގަބޫލު ކުރެވުނީއެވެ.
ކާޝިފުގެ ހަޔާތަށް އަލުން އުޖާލާކަން ގެނައުމަށް އާއިލާއިން މަސައްކަތް ކުރީ ސަބަބެއް ނެތިއެއްނޫނެވެ. އެއީ އެއާއިލާގެ ހަމަޖެހުމެވެ. މާމަގެ މޭގެ އެތިކޮޅެވެ. މާމައާ ދެކޮޅު ހަދާކަށް އެކަކުވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން ކާޝިފުގެ ފަރާތުން ވީ ހުރިހާ ކަމެއްހެން އެންމެންވެސް ހަނދާން ނައްތާލީއެވެ.
ކާޝިފުގެ ދިރިއުޅުން ކުރިއާ އެއްގޮތަށް ބަދަލު ނުވި ކަމީ ހަގީގަތެކެވެ. އެތައް ގިނަ މަސައްކަތްތަކެއް ކުރުމާއެކުވެސް ކާޝިފުގެ ފިނި މިޒާޖާއި ގަބުކަމެއް ނުފިލިއެވެ. ބޭސްފަރުވާއަކަށްވެސް ބަދަލެއް ނުގެނެވުނެވެ. އެންމެ ފަހުން އޮތް ހާލެއްގައި ދިރިއުޅުން ކުރިއަށް ދާން ކާޝިފު ދޫކޮށްލާފައި ބެހެއްޓީ އެއީ ފަސޭހަ ކަމަކަށް ވެގެނެއް ނޫނެވެ. އެކަމަކު އެނޫން ގޮތެއް އެވަގުތަށް ނެތީމައެވެ.
ފަނަރަ އަހަރަކީ މަދު ދުވަހެއް ނޫންކަން ޔަގީނެވެ. އެކަމަކު ކާޝިފަށް އެކަން އިހުސާސްވެސް ނުވާ ކަހަލައެވެ. އެތައް ފަރުވާއަކަށްފަހު ކޮންމެވެސް ވަރަކަށް ހިނިތުންވެ މީހުންނާ ވާހަކަދައްކައި ތަންތަނަށް ގޮސް އުޅެން ފެށުމުން ޒަހުރަބާންގެ ބަލިކަށިވަމުން ދިޔަ ހަށިގަނޑުގައިވެސް ވަރު ޖެހުނުފަދައެވެ.
ތަމަންނާ އާއި ކާޝިފްގެ ކައިވެނި ކުރެވުނުއިރު އެތައް މަސައްކަތަކަށްފަހު މާޒީގެ ތޮށިގަނޑުން ކާޝިފަށް ހުރީ ބޭރަށް ނުކުމެވިފައެވެ. އެކަމަކު އަނެއްކާވެސް މާޒީގެ އަނދިރިކަނަކުން ކާޝިފަށް ހަނާ އަޅާލައިފިއެވެ. ފަރުހީންގެ އެއްވެސް ހަބަރެއް ނެތި އެތައް ގިނަ އަހަރުތަކަކަށްފަހު އޭނާގެ ކުރިމައްޗަށް އައީ ކޮންމެވެސް އެހެން ސިފައެއްގައި ކީއްކުރަން ކަމެއްވެސް ނޭނގެއެވެ.
ކޮންމެއަކަސް އެރޭ އެކަހަލަ ގޮތަކަށް ވޭތުވެ ހިނގައްޖެއެވެ. ނުނިދި ގޯތިތެރޭގައި އުޅެއުޅެފައި ވާރެއިން ސަލާމަތްވުމަށް އަސްކަނިދޮށުގައި ހުއްޓާ ބަންގިގޮވުމުން ކާޝިފު ދިޔައީ މިސްކިތަށެވެ.
****
"ކާޝިފަށް ޔަގީންތަ އެއީ ހަމަ ފަރްހީން ހެން،"
ކާޝިފްގެ ކައުންސެލަރ އަދި ސައިކޭޓްރިސްޓް ޑރ އާރާ އިނީ ކެފޭ ތެރޭގައި ކާޝިފާ ދިމާ ކުރިމަތީގައެވެ.
"އެހެނެއް ނޫން، އެކަމަކު އެއީ ކޮންމެވެސް ކަމެއް، އެގެއިން ދިމާވި އަންހެންމީހާއާ ހާނީގެ ދައްތައާއެހާ ވައްތަރުވުން، އަދި އެކުއްޖާ ނީލޯފަރު ހީނާއާ ވައްތަރުވުން، މަންމަދެވިދާނެހޭ އެހުން މިއީ އިންތިފާގުތަކެއް ނޫން،"
ކާޝިފުގެ ވާހަކަ އެހިސާބަށް ދިޔަތަނާހެން ހައިރާންވެފައި ބަސްހުއްޓެވިއްޖެއެވެ. ލޮލަށް ފެނުނު ގޮތްހެން ހީވެފައި އެސްފިޔަތައް ތަޅުވާލައި ރަނގަޅަށް ބަލާލިއެވެ.
"ނީލޯފަރަށް ގުޅާފައި ގެނައީ އަހަރެން،" ޑރ އާރާ ހިނިތުންވެލާފައި ކައިރީގައި ހުރި ނީލޯފަރަށް އިށީންނާނެ ތަން ދެއްކިއެވެ. އަދި މަޑުމޮޅި ގޮތަކަށް ނީލޯފަރު އިށީނެވެ.
"ކާޝިފު، މިއީ ގަބޫލުކުރަން ޖެހޭ ހަވާލުވާން ޖެހޭ ޒިންމާއެއް، އަހަންނަކަށް ނުބުނެވޭނެ މިވެނިހެން ކަންތައް ކުރާށޭ، މަޖްބޫރެއް ނުކުރެވޭނެ...." އާރާ ވާހަކަދެއްކިއެވެ.
"ތި ކިޔާ އެއްޗެއް ނޭނގުނު..."
އާރާ ފުންނޭވާއެއް ލާފައި އޭނާ ބުނަން ބޭނުން ވާހަކަ ފެށްޓިއެވެ. ގަބޫލު ކުރަން ފަސޭހަ ނުވިޔަސް އަދި ކުރިމަތިލާން ބޭނުން ނުވިޔަސް ހަގީގަތް އެހެރީ ކުރިމަތިން ފެންނާށެވެ. ފިލަން ދުވާނެ ތަނެއް ނެތެވެ. ނިމިދިޔަތަން އަނބުރާ ނުގެނެވުނަސް ކުރިއަށް އޮތްތަން ރަނގަޅު ކުރެވިދާނެއެވެ.
ފަރުހީން ދަމުންދަމުން ދޫކޮށްލި އަމާނާތާ ހަވާލުވާންވީ ވަގުތު އައީއެވެ. ނަރުގިސް އެއަމާނާތަށް ރައްކާތެރިވުމުގައި އަހަރުތަކެއް ހޭދަކޮށްފިއެވެ. އެކަކު އަނެކަކަށް ބަދަލުހިފުމަށް، މާޒީގެ ދިމަދިމާލުން ފަސްނަގައިގެން ވަޅުގަނޑު ފުނަށް ކޮނުމުގެ ބޭނުމެއް ނެތްތާއެވެ.
ތަމަންނާއަށް ވިސްނައިދިނުން އުނދަގޫ ނުވީ ކާޝިފްގެ މާޒީގެ ހުރިހާ ކަމެއްހެން އެނގޭތީއެވެ. އެހެންކަމުން މިއީ ވުން އެކަށީގެންނުވާ ކަމެކޭ ބުނެވޭކަށް ނެތެވެ.
ނީލޯފަރުގެ ހުރިހާ ކަމަކާ ރަސްމީ ކޮށް ކާޝިފު ހަވާލުވިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ކަސިޔާރުވި ފިޔަވަޅު ސީދާ ކުރެވިއްޖެ ކަމުގެ އިހުސާސް ކާޝިފަށް ކުރެވުނެވެ. އަމިއްލަ ނަފްސަށް ފުރަތަމަ ފަހަރަށް މާފު ކުރެވުނެވެ. އަދު މާމަ ދުނިޔެއަކު ނެތެވެ. އެކަމަކު ބޮޑުދައިތަގެ ފަޅުވެފައިވާ ހަޔާތަށް އަލިކަމެއް ހޯދައިދެވުނެވެ. ނީލޯފަރުގެ ފަރާތުން ކިޔަމަންތެރި އަންހެންދަރިފުޅެއްގެ ހުރިހާ ސިފައެއް ޝިއްޔަތަށް ފެނުނެވެ. އެހެންކަމުން އޭނާގެ އެކަނިވެރި ހަޔާތަށް ދަރިފުޅެއްގެ ސިފައިގައި ނީލޯފަރު ގެނައުމަށްވުރެ އުފާވެރި އަދި ހަމަޖެހޭ ނިންމުމެއް ނެތްކަން އެންމެންވެސް ގަބޫލުކުރިއެވެ.
އާޝިޔާނާމަހަލް އަށް އަނެއްކާވެސް އުފާވެރިކަމުގެ މޫސުމް އަތުވެއްޖެއެވެ. ކާޝިފާއި ތަމަންނާގެ އަންނަން އުޅޭ ދަރިފުޅަށްޓަކައި ގޭތެރެ ތައްޔާރު ވަނީއެވެ. ކޮކާލެއްހެން ގޭގެ އެކިކަންކަމުގައި ދުވެފުމެ އުޅެމުން އެދާ އަންހެންކުއްޖާއަކީ ޝިއްޔަތު އަމިއްލަ ދަރިއަކަށް ހަދާފައިވާ ކުއްޖެކެވެ. އުލާގެ މަގާމު އެންމެ ފުރިހަމައަށް ނީލޯފަރު އަދާކުރެއެވެ. މިހާރު ދެން އަނދިރި ދުވަސްތައް ފަސްދީ ހިނގައްޖެއެވެ.
ހޮސްޕިޓަލުން ގެއަށް އަންނާނޭ ތުއްތު މެހްމާނާއަށްޓަކައި މުޅި އާޝިޔާނާމަހަލް ދިއްލައި އަޅާލައިފިއެވެ. ކާޝިފްގެ ކަސިޔާރުވެގެންދިޔަ ހަޔާތުގެ ދަތުރު ސީދާވެ އަމާން މަގަކަށް ނުކުމެ، ސީދާ ރާސްތާގައި ދަތުރުކުރަން ފެށީއެވެ.
(ނިމުނީ)