ވާހަކަ

ނުފޫޒަކުން - 1

4

ނޯޓް: މި ވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ވިސްނުމަކަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

ގޭތެރެއަށް ވަދެވުމާއެކު ރޫޔާ ހުރިހާ ދިމާލެއް ބަލައިލިއެވެ. ތަނަވަސް ބޮޑު ގެއެކެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެނުނީ ފަރުނީޗަރުތަކުގެ އާ ކަމާއި ގޭގެ ވެރިޔާގެ ހައިބަތެވެ. ޔަގީނުންވެސް ރާއްޖޭގައި އެވަރުގެ ގެއެއް ނުހުންނާނެއެވެ. ތަނަވަސް ސިޓިންގރޫމުން މައްޗަށް އެރޭ ގޮތަށް ވަށް ސިޑިއެއް ހުއްޓެވެ. ކުރިމަތިން ބޮޑު ލެދަރު ސޯފާއެއް ހުއްޓެވެ. ކަނާތްފަރާތުގައި ހުރި ކާމޭޒާއެކު ބަދިގެއަށް ހާއްސަކޮށްފައިވި ބަޔަށްވެސް ރޫޔާ ދުވެލާފައި ވަނެވެ. އޭނާގެ އިސްކޮޅުގެ ތިންމީހުން ވަރުގެ ބޮޑު އައިސް އަލަމާރި ކައިރިގައި ހުއްޓިފައި އެންމެ މައްޗަށް އިސްއުފުލާލާފައި ބަލައިލިއެވެ. ދެން ބަލައިލީ އޭނާގެ ފަހަތުގައި ހެވިފައި ހުރި މަންމަ ހަންނާ އަށެވެ.

"މަންމަގެ އަތެއް ނުފޯރާނެ މައްޗަކަށް" ރޫޔާ ބުންޏެވެ.

އެވަގުތުކޮޅުގައި މަންމަގެ އިސްކޮޅު ކުރުކަމާއި އައިސް އަލަމާރީގެ ދިގުކަން އޭނާ އަޅާކިޔާލިއެވެ. ހަންނާ އަށް ހެވުނެވެ.

"މަންމަ ކުރުކަމުން މަލާމަތްކޮށްލީ ދޯ" ހީލަމުން ހަންނާ ބުންޏެވެ. ރޫޔާ ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

"ބައްޕަ މިހިރީނު. ބައްޕަގެ މުލައްދަނޑީގަ ތިދެމައިންވެސް އުފުލާނެހާ ހިތްވަރު އެބަހުއްޓޭ" ހަންނާގެ ފަހަތުން އައިސް ހުއްޓުނު ހަބީބް ބުންޏެވެ.

އަނެއްކާވެސް ހެމުން ބަދިގެއިން ނިކުމެ މުޅި ގޭތެރޭގެ އެކި ދިމާލުގައި ރޫޔާ ދުވަމުން ދިޔައެވެ. ސިޑިން މައްޗަށް އެރިގޮތުންވެސް ހަންނާ އާއި ހަބީބް ހުރީ ބޮޑުޝަހާދުގެ މަތީގައެވެ. ރޫޔާ އުޅުނުގޮތުން ހީވީ ދުވަހަކުވެސް ނުލިބޭ ބޮޑު އުފަލެއް ލިބިގެން އުޅުނުހެންނެވެ. އެކުއްޖާ އެއްތަނެއްގައި ހަރުލާ ނުހުރެއެވެ. މުޅި ގޭތެރޭގައި ދުވަމުން ދިޔައެވެ.

"މަންމާ" ހަންނާ ބަލައިލީ ރޫޔާ ގޮވާލި އަޑަށެވެ.

މައްޗަށް ބަލައިލީ ހަންނާ އާއި ހަބީބް އެކުގައެވެ. އެވަގުތު ކޮރިޑޯގައި ހުރި ރޫޔާ ފޯނުން ތިރީގައި ތިބި މައިންބަފައިން އަރާގޮތަށް ސެލްފީއެއް ނެގިއެވެ. އިރުކޮޅަކުން ދުވަމުން އައިސް މައިންބަފައިން ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭރު ގޭތެރޭގެ އެކި ދިމާލުގައި ދުވެ ދުވެ އޭނާއަށް މާނޭވާ އެޅެއެވެ.

"ދަރިފުޅު މިހާރު އުފާވެއްޖެތަ؟ ރޫޔާގެ ޝޯލް ރީތިކޮށްލަމުން ހަބީބް އެހިއެވެ.

"ވަރަށް އުފާވެއްޖެ" ރޫޔާގެ އަޑުގައިވީ ޖޯޝެވެ. "ހިއެއް ނުކުރަން ރާއްޖެއިން ބޭރަށޭ ބުންޏަސް މިހާބޮޑު ސަޕްރައިޒެއް ކަމަކަށް"

ކަހާލާފައިވާ ފޮތިގަނޑާ ދިމާލަށް ރޫޔާ ބަލައިލީ ބޭރުން ޖެހިލި ވައިރޯޅިއާއެކު ފޮތިގަނޑު ހެލިލުމުންނެވެ. އެވަގުތު އެފަރާތުގައި އޮތް ބޮޑު ސްވިމިންޕޫލް އޭނާގެ ލޮލުގައި އަޅައިގަތެވެ. ރޫޔާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. މިހރިހާއިރު ގޭތެރޭގައި ދުވުނުއިރު އަދި އެއީ އޭނާ އަށް ނުފެންނަ ތަނެކެވެ.

"އެބަ އަންނަން" އެދިމާލަށް ނިކުމެވޭގޮތަށް ހުރި ބިއްލޫރި ދޮރާ ދިމާލަށް ދުއްވައިގަންނަމުން ރޫޔާ ބުންޏެވެ.

ރޫޔާ އުޅުނުގޮތުން ހަބީބާއި ހަންނާގެ ތުންފަތުން ހިނިތުންވުން ފިލައި ނުދެއެވެ. ދަރިފުޅުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ހަންނާ ސިހުނީ އޭނާގެ ކޮނޑުގައި ފިރިމިހާ އަތް ބާއްވާލުމުންނެވެ.

"ކޮޅަށްތަ ތިބޭނީ. ހިނބަލަ އިށީންނަން" ހަންނާ ގޮވައިގެން ސޯފާ އާ ދިމާލަށް ހަބީބް ހިނގައިގަތެވެ.

"މިހެން އިނދެވޭކަށް ނެތެއްނު. ރޭގަނޑަށް އެއްޗެއް ކައްކަންވެސް ޖެހޭނެއްނު" ހަންނާ ބުންޏެވެ.

"މިރޭ ބޭރުން ކާލާނީ. އިމްލާގު ބުނި ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދި ވާހަކަ. އެކަމަކު ދެން މިއަދު ބަދިގެއަށް ވަންނާނެކަމެއް ނެތް. މާދަމާ އަންނާނެ ބަދިގޭ މަސައްކަތްކޮށްލާނެ ދެތިން ކުއްޖަކު" ހަބީބް ބުންޏެވެ.

"ކީއްކުރަން މަސައްކަތްކުރާ ކުދިން. އަހަރެން މިހެރީނު" ހަންނާ ބުންޏެވެ.

ހިނިގަނޑެއް ޖަހާލާފައި ހަބީބް އަނބިމީހާ އަތްތިލަގައި ހިފާލާފައި އުފުލާލިއެވެ. ހަންނާ ބަލައިލުމާއެކު އަނބިމީހާގެ އަތްތިލައިގައި ހަބީބް ބޮސްދިނެވެ.

"އަމިއްލަ ވަޒަނާ އާއިލާ މީހުންގެ ގޮތުގައި ދެކުނު މީހުންނާ ވަޒީފާ ނުވީތާކަށް ރަހްމަތްތެރިން ދޫކޮށްފަ މިކަހަލަ ތަނަކަށް އަހަރެން ދިރިއުޅުން ބަދަލު މިކުރީ ހަމަ ތި ދެ މައިންނަށް ޓަކައި. ހާއްސަކޮށް އަހަރެންގެ ރޫޔާއަށް ޓަކައި. އެދަރިފުޅު އަހަރެންގެ ލޯމަތިން ގެއްލިދާނެ ކަމުގެ ބިރަށް. އަހަންނަށް އެނގޭ މިތަނަކީ އަހަންނަށް އާތަނެއް ނޫނަސް ތިދެމައިންނަށް އާތަނެއް ކަން. މިތަނަށް ހޭނެން ދުވަސް ނަގާނެ. މިބޮޑު ގޭ ހުރިހާ މަސައްކަތެއްކޮށް ކައްކައި ކައި ނުވީތާކަށް ތަންތަން ފޮޅާ ސާފުކުރުމަކީ އެކަނި އެކަކަށް ނުވާނެ ކަމެއް. އެހެންވެ އަހަރެން މަސައްކަތް ކުރާނެ ކުދިން ހޯދީ. އެވަރަށް ހަރަދުކުރަން އަހަރެންގެ އަތުގައި ފައިސާ އެބަހުރި. އަދި އެ ފައިސާ ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އަހަރެންގެ އެކައުންޓްތަކުގައިވާ ފައިސާތަކުގެ ހައްގުވެރިޔަކީ އަހަންނެއް ނޫނޭ ބަޔަކަށް ހީވިޔަސް އެ ފައިސާތަކުގެ މިލްކުވެރިޔަކީ ހުދު އަހަރެން. އެއް ރުފިޔާ ދެ ރުފިޔާ އިން އޭގެއަށް އިތުރުކުރީ އަހަރެންގެ ބުރަ މަސައްކަތުން. ރޭގަނޑެއް ދުވާލެއް ނުބަލާ އަހަރެން ވި ގުރުބާނީ. މިކަމަށް ﷲ ހެކިވެވޮޑިގެންވާނެ" ހަބީބް ވާހަކަދެއްކިއެވެ.

ހަންނާ ހިނިތުންވެލިއެވެ. ލޯބިން ފިރިމީހާގެ މޭގައި ފިރުމާލިއެވެ. އަނެއްކާވެސް އޭނާގެ ކަޅި ދަތުރުކޮށްލީ ޕޫލްގެ ފެންގަނޑަށް ދެފައި ލައިގެން ތަޅުވަން އަމިއްލަ ދުނިޔެއެއްގައި އިން ރޫޔާ އަށެވެ. ދަރިފުޅު ހިމާޔަތްކޮށް ދުރަށް ގެނެވުނު ކަމުގެ ހިތްހަމަޖެހުން ހިތުގައި އޮތް ނަމަވެސް ހިތުގެ ކަނެއްގައި އަދިވެސް ނުތަނަވަސްކަމެއް ވިއެވެ.

ރޫޔާ އަކީ ހަބީބް އާއި ހަންނާގެ ދެލޮލުގެ ނޫރެވެ. ރޫޔާއަށް ވިހި އަހަރުވީ މީގެ ދެ ދުވަސް ކުރިންނެވެ. އިސްކޮޅުން ކިރިޔާ ފަސްފޫޓު ހަމަވާ ރޫޔާ ހަންނާއަށް ވުރެ ދިގީ ކުޑަ ތަންކޮޅެކެވެ. ރޫޔާ އަކީ އިސްކޮޅަށް ވުރެ ޗަބީކޮށް ހުންނަ ހުދު ދޮނެއް ލިބިފައިވާ ރީތި ކުއްޖެކެވެ. އާންމުކޮށް ލައި އުޅެނީ ބުޑު ފޮރުވޭވަރުގެ ދޫކޮށް ހުންނަ އަތްދިގު ގަމީހާއި ކުލަކުލައިގެ ޖިންސާއި ސްކިނީއެވެ. ރޫޔާގެ އެންމެ ރަނގަޅު ތަންކޮޅަކީ ކޮޓަރިން ބޭރަށް ނިކުންނައިރު އަބަދުވެސް ހުންނާނީ ރީތިވެގެންނެވެ. ތުންފަތުގައި އަބަދުވެސް ހުންނާނީ މަޑުމަޑު ކުލައެއް ޖައްސާލާފައެވެ. ގޭތެރޭގައި އުޅުނަސް ބުރުގާ ނުނަގާނެއެވެ. ރޫޔާގެ ބޮޑު ދެލޮލާއި އަޅި ކުލައިގެ ކަޅި އަކީ ގުދުރަތުން އޭނާ އަށް ހަދިޔާކޮށްފައިވާ އެންމެ ތަފާތު އަދި އެންމެ ރީތި ފުރިހަމަ ކަމެވެ. ސާފު ބިއްލޫރިކޮޅެއް ފަދައިން ފެންނަ އެ ދެލޮލުގެ ޖާދޫގައި ނުޖެހޭ ޒުވާނެއް އޭނާ އާ އެކުގައި ކިޔަވާކަށް ނޫޅެއެވެ. އޭނާގެ ލޮލުގެ ވާހަކަނުދައްކާ އެއްވެސް ރަހްމަތްތެރިއެއް ވެސް މާލޭގައި ނޫޅެއެވެ. އެހެންކަމުން މަގުމަތީގައި އަބަދުވެސް އުޅެނީ އަވި އައިނު އަޅައިގެންނެވެ.

****

ނޯކަރު އަންހެންކުއްޖާ ދިއްކޮށްލި ފެންތަށި އެކީ ހުސްކޮށްލާފައި ހުސް ތަށި ނޯކަރު ކުއްޖާއަށް ދިއްކޮށްލިއެވެ. އެކުއްޖާ ހިނގައިގަތުމުން ގިސާމަތު ގޮވާލިއެވެ.

"މެހްމާނުގެ ކޮޓަރި ތައްޔާރުވެއްޖެތަ؟" ގިސާމަތު އެހިއެވެ.

"ލައްބަ. ހަމަދެންމެ އެ ޒުވާނާ ކޮޓަރިއަށް ވަދެއްޖެ" މަސައްކަތު ކުއްޖާ ބުންޏެވެ.

"ކިހިނެއް ހުރި ކުއްޖެއް. ހީވޭތަ ތާހިރުކޮށް ހުރި ކުއްޖެއްހެން؟" ގިސާމަތު އެހިއެވެ.

މަސައްކަތު ކުއްޖާ އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެކުއްޖާ ހުރީ ތާހިރުވެގެންތޯ ނުވަތަ ނޫންތޯ އޭނާ ނުބަލައެވެ. އެހެންކަމުން އޭނާ ޖަވާބެއް ނުދީ ހިމޭނުން ހުއްޓެވެ.

"ޝައުން އަތުވެއްޖެތަ؟" ގިސާމަތު އެހިއެވެ.

"ނޫން. އަދި ނުދުރުވޭ" މަސައްކަތު ކުއްޖާ ބުންޏެވެ.

"މިތަނުން ދެން ދޭ. ގޮސް މިތަނަށް ފަޒީލާ ފޮނުވާ" ގިސާމަތު ބުންޏެވެ.

ހުޅުމާލޭގައި ހުންނަ 'ޝައުން ވޭ' ގެ ނަމުން ނަން ދީފައިވާ ބޮޑު އެ ހަވޭލީ އަކީ ގިސާމަތުގެ މަރުހޫމް ފިރިމީހާގެ ބޮޑު މުދާގަނޑެކެވެ. ޝައުން ވޭ ގެ ނަމުން އެގެއަށް ނަން ދީފައިވަނީ އަންހެންދަރިފުޅުގެ ހަނދާނުގައެވެ. ކަމާލުއްދީން ނިޔާވިއިރު ދަރީންނަށް ގެ ބަހަން އޮތީ މާކުރިން ފަތް ލިޔުއްވާފައެވެ. އެއީ އޭނާ ދުނިޔެ ދޫކުރާ ހިސާބުން އެގެއަކީ އޭނާގެ އަނބިމީހާ އާއި ފިރިހެން ދަރިފުޅު އަޖްވަދު އަދި އަންހެން ދަރިފުޅު ޝަމްސުއްނިޝާ އަށެވެ. ކަންދިމާކުރި ގޮތުން ޝަމްސުއްނިޝާ މިދުނިޔެ އާ ވަކިވެގެން ދިޔައީ މަތީ ތައުލީމު ހާސިލު ކުރަން އެމެރިކާގައި ހުއްޓާ ކާރު އެކްސިޑެންޓެއް ގައެވެ. ގިސާމަތުގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. ދޮށީ ދަރިފުޅުގެ ކުއްލި ވަކިވުމާއެކު ގިސާމަތު ވެއްޓުނީ ނަފްސާނީ ބޮޑު ބަލިމަޑު ކަމެއްގެ ތެރެއަށެވެ. ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު އަޖްވަދު އަލަތު ކައިވެނިކުރުމާ ހަމައަށް ގިސާމަތު އުޅުނީ އެކަނިވެރި ދިރިއުޅުމެކެވެ. އޭގެފަހުން ގިސާމަތު ވެގެން ދިޔައީ ރާއްޖޭގެ ނުފޫޒު ގަދަ މީހުންތަކުގެ ތެރެއިން އެކަކަށެވެ. މަގާމާއި ބާރުގެ ބޭނުންކޮށް އެތައް ޖަރީމާއެއްގެ ތެރެއަށް ފަރުދާގެ ފުރަގަހުގައި ހުރެ އަތްބާނަމުން އެދަނީ ހިތުގައި އެއްވެސް ޖެހިލުންވުމެއް ނެތި ބިރެއް ނެތިއެވެ. ވިސްނުމެއް ފިކުރެއް ނެތި ތަޅާ ބުރުވަމުން އެދާ ފައިސާ ތަކަކީ އޭނާއަށް އެއްވެސް އެއްޗެއް ނޫނެވެ. އެއީ ފިރިމީހާ މ.ސިތަރާގޭ ކަމާލުއްދީންގެ ފުށުން ވާރުތަކޮށްފައިވާ ބާރެކެވެ. ސިޔާސީ ދާއިރާގެ ތެރެއަށް ގިސާމަތު ވަދެގެން ދިޔައީ ނަފްސާނީ ބަލިމަޑުކަމުން އަރައިގަނެވި އަޖްވަދުގެ ކައިވެނި ބޭރު އަންހެނަކާ ކުރެވި އެ އަންހެންމީހާ ހަވޭލީ ގައި ދިރިއުޅެން ފެށި ފަހުންނެވެ.

ސަރުކާރުގެ ވަޒީފާގައި އެތައް ދުވަހެއް ވަންދެން އުޅުމަށްފަހު އަމިއްލަ ގޭގައި މަޑުކުރީ އޭނާގެ ނުފޫޒުން އެ މަގާމު އަޖުވަދަށް ހޯދައިދީފައެވެ. ގޭގައި އިނަސް ސަރުކާރުގެ އެކި މުއައްސަސާ ތަކަށް އޭނާ އަތްނުބާނާ އިރެއް ނުދެއެވެ. އެހެންކަމުން ގިނަ މީހުންނަށް އުމުރުން ދުވަސްވެފައި އިން ގިސާމަތަކީ އެމީހުންގެ ކުރިމަގަށް އޮތް ބޮޑު ހުރަހެކެވެ. ގިނަ މީހުން ގިސާމަތަށް ނަން ދީފައިވަނީ 'މުސީބާތު' ގެ ނަމުންނެވެ. ބޮޑަކަމާއި ކިބުރުވެރިކަން އަދި އަމިއްލަ އެދުމުން ފޯވެފައިވާ އުމުރުން ދުވަސްވެފައި ހުރި އެ އަންހެނާއަކީ އުމުރުން ހަތްދިހަ ފަސްއަހަރުގައިވެސް ދޫ ހަރުވާޅާއި އަތްދިގު ޓޮޕްކޮޅާއެކު އުޅޭ ޒަމާނަށް ލޯބިކުރާ އަންހެނެކެވެ. ދެއްކުންތެރިކަމަކީ އޭނާ އެންމެ ލޯބިކުރާ ކަމެވެ. ގޭތެރޭގައި އިނަސް އޭނާގެ ކަރުގައި އަޅާފައި ހުންނަ ވަރުގަދަ ޖަވާހިރުތައް ފެނި ދެލޯ ގުޑައިގެންނުދާ ހަމަ އެއްވެސް މީހަކު ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދުނިޔެއިން އޭނާއަށް ނުލިބޭ އުފަލެއް، މަގާމެއް ހާސިލްކުރަން ބޭނުންވި އެއްވެސް ކަމެއް ނުވެފައި ނެތެވެ. ފައިސާ އާއި މަގާމުގެ ބާރުން އޭނާއަށް ނުހޯދުނު އެއްޗަކީ އަޖްވަދުގެ އަނބިމީހާ ޝާމޮނީގެ ފުރާނައެވެ. އަޖްވަދާއި ޝާމޮނީގެ ދަރިފުޅު ދުނިޔެއަށް ނޭވާ ލީ ޝާމޮނީ ނުކުޅެދޭ މީހަކަށް ހަދާފައެވެ. އެތައް ދުވަހު ބަލި އެނދުގައި އޮތުމަށްފަހު ޝާމޮނީ މިދުނިޔެއާ އަލްވަދާއު ކީ އޭގެ ހަތްމަސް ފަހުންނެވެ. އެހިސާބުން އަޖްވަދުގެ ދިރިއުޅުން މަޑުޖެހުނެވެ. އޭނާގެ ރުޅި އާއި ނަފްރަތު އަމާޒުވީ ކުށެއްނެތް މައުސޫމް ދަރިފުޅަށެވެ. ޝާމޮނީ ނުކުޅެދޭ ބަލި މީހަކަށް ވީ ކުޑަ ދަރިފުޅު އުފަންވުމުގެ ތެރޭގައި ކަމަށް ވީތީއެވެ. ގިސާމަތުގެ އެތައް ނަސޭހަތަކާ އެކުގައިވެސް އަޖްވަދުގެ ހިތް ބަދަލެއް ނުކުރެވުނެވެ. ދިރިއުޅުމުގައި ނިންމަން ޖެހުނު އެންމެ ވަރުގަދަ އެހެނަސް އުނދަގޫ ނިންމުން އޭނާ ނިންމީ އެހިސާބުންނެވެ. މާމަ ދަރިފުޅަށްޓަކައި ގިސާމަތު ވަނީ އޭރު ވަރަށް ބޮޑު ގުރުބާނީއެއް ވެފައެވެ. މިއަދު އޭނާ މަސައްކަތް ކުރަމުން އެދަނީ އޭރު ހެދުނު ގޯސް ރަނގަޅު ކުރުމަށެވެ. އަތުން ދޫވި ބާޒީ އަލުން ހޯދުމަށެވެ. އެހެންނަމަވެސް އެހެންފަހަރުތަކާ ބަލާފައި މިފަހަރު އޭނާ ކުރިމަތިލި ކަންތައްކުރަން އުނދަގުލެވެ. ކަޑައްތު ކުރަންޖެހޭ ހަރުފަތްތައް ލޮލަށް ފެންނަނީ ނުސާފުކޮށެވެ. ކާންދޭ އަތުގައި ދަތްއަޅާފައި ރައްކާވި ޖަނަވާރު އޭނާ އެދަނީ ހޯދަން މަސައްކަތް ކުރަމުންނެވެ.

****

ބިންމަތީގައި ދަނޑިގަނޑު ޖައްސަމުން އައިސް ގިސާމަތު ވަނީ މަތީބުރީގެ ހަތަރު ވަނަ އަށް ހުރި ކޮޓަރިއަށެވެ. ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ފޮޓޯ ލޯގަނޑަށް ބަލަހައްޓައިގެން ހުރި އަޖްވަދަށް ކޮޓަރިއަށް މީހަކު ވަތްކަމެއް ނޭނގެއެވެ. ފަހަތުން މީހެއްގެ ހިޔަނި ވިހެން ހީވުމުން އަޖްވަދު ބަލައިލިއެވެ. އޭރު ގިސާމަތަށް ހުރީ ފުދޭވަރަކަށް ކޮޓަރި ތެރެއަށް ވަދެވިފައެވެ. އަޖްވަދު ހައިރާންވެފައި ގިސާމަތުގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. އެނދުގައި ގިސާމަތު އިށީނުމުން އަޖްވަދުވެސް ކައިރީގައި އިށީނެވެ.

"މަންމަ ކައިރީގައި ބުނީމެއްނު މައްޗަށް ނާރާށޭ. އަޅުގަނޑަށް ގޮވާލެއްވިނަމަ" އަޖްވަދު ބުންޏެވެ.

"މިގޭގަ މަންމައަށް ނުދެވޭނެ ތަނެއް އޮވެގެން ނުވާނެއްނު" ހީލަމުން ގިސާމަތު ބުންޏެވެ. އޭނާގެ ރާގުގައި ބޮޑާކަންވިއެވެ. އަޖްވަދު އެއްވެސް އެއްޗެއް ނުބުނެއެވެ. މަންމަ ގެ އެފަދަ ބަސްތަކުން ބައެއްފަހަރު އޭނާ އަށް ކުޑަކަން އިހުސާސް ކުރެވެއެވެ. އެންމެ ހަގު އުމުރުން ފެށިގެން މުސްކުޅި އުމުރާ ހަމައަށް ފޯރި އިރުވެސް އޭނާގެ ބާރުވެރިޔަކީ މަންމަ އެވެ. އޭނާ ކުރަންޖެހެނީ މަންމަ ރުހޭ ކަންކަމެވެ. މަންމަގެ ރުހުމާ ހިލާފަށް އޭނާ އަށް މިހާތަނަށް ކުރެވުނީ އެންމެ ކަމެކެވެ. ނޫނެކެވެ. ކުށެކެވެ. އޭނާއަށް މިހާރު އެކަނިވެރިކަން އިހުސާސް ކުރަން ޖެހިފައިމިވަނީ އޭރު ކުރެވުނު ކުށުގެ ސަބަބުންނެވެ.

އަމިއްލަ އަތުން އަމިއްލަ ހަޔާތް އަނދަވަޅެއްގެ ތެރެއަށް ވައްޓާލެވިއްޖެކަން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ފުރާނަވެސް ރޮއެގަނެއެވެ. އެހިނދު އެއްވެސް އަސަރެއްނެތް ހީލުމެއް އޭނާގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އަޖްވަދަށް އައި ބަދަލު ފާހަގަކުރެވި ގިސާމަތު ބަލައިލީ ފާރުގައި ހުރި ފޮޓޯ ލޯގަނޑަށެވެ. ދެބައި ވަކިވާނެހެން ހިތެއްގެ ބައްޓަމަށް ހުރި ބޮޑު ފޮޓޯލޯގަނޑުގެ އެއްފަރާތުގައި ފެންނަން އިނީ ޝާމޮނީގެ ފޮޓޯއެކެވެ. ބަލި އެނދުގައި އޮތް ޝާމޮނީގެ ތުންފަތުގައި އޭރުވެސް ހިނިތުންވުމެއް ވިއެވެ. ބޮޑު ދެލޮލުން ބަލަހައްޓައިގެން އޮތީ ސީދާ ކެމެރާ އާ ދިމާލަށެވެ. ޝާމޮނީގެ ފުށުން އަޖްވަދަށް ފެނުނު އެންމެ ތަފާތު އެންމެ ހިތްޖެހުނު އެއްތަނަކީ ޝާމޮނީގެ ބޮޑު ދެލޮލެވެ. އެ ދެލޮލުގައި އޭނާއަށް ބޮސްދެވުނު އަދަދެއް ވެސް ނޭނގެއެވެ. ފޮޓޯ ލޯގަނޑުގެ އަނެއް ފަރާތުގައި އޮތީ ކުޑަ އެނދެއްގައި އޮތް ތުއްތު ކުއްޖެކެވެ. ތުއްތު ކުއްޖާގެ އަނގަ ހުޅުވިފައިވާ ގޮތުން އެކުއްޖާ ރޮމުން ދަނިކޮށް ނަގާފައިވާ ފޮޓޮއެއްކަން އެނގެއެވެ.

"މިއަދު އަޅުގަނޑަށް އުފަލެއް ލިބެނީ ތި ފޮޓޯއިން" ގިސާމަތު ތެދުވެގެން ގޮސް ފޮޓޯގަނޑަށް ކުރިމަތިވާނެހެން ހުއްޓުމުން އަޖްވަދު ބުންޏެވެ.

"ފޮޓޯއަކުން ހަނދާން ރައްކާނުކުރެވޭނެ" ގިސާމަތު ބުންޏެވެ. އަޖްވަދު އިސްޖަހާލިއެވެ.

"ހުރިހާ މައްސަލަ އަކީ ދަރިފުޅު. މިއީ ދަރިފުޅުގެ ބޯހަރު ކަމުގެ ނަތީޖާ. އެދުވަހު ނުވިސްނާ ކުރި ކަމެއްގެ ސަބަބުން މިއަދު މިވަނީ ހަނގުރާމަ އެއް ފަށަން ޖެހިފައި" ގިސާމަތު ވާހަކަދެއްކިއެވެ.

އަޖްވަދު ހިންދިރުވާލިއެވެ. އެދުވަހުގެ މަންޒަރުތައް އޭނާގެ ލޯ ކުރިމަތީގައި ސިފަވާން ފެށިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވި ދެލޮލުން ކަރުނަ ނީރާލިއެވެ. ފޮޓޯގައި އިން މަރުހޫމް އަނބިމީހާ އަށް ބަލައިލިއެވެ. ކަށްވަޅުގައި އޮތް ނަމަވެސް އެ އަނބިމީހާ ވެސް އޭނާ އަށް މަޢާފެއް ނުކުރާނެއެވެ. ހެދުނު ގޯސް ދުވަހަކު ރަނގަޅު ކުރެވޭނެ ކަމެއްވެސް ނޭނގެއެވެ. އުމުރުން ދުވަސްވެފައި އިން މައިމީހާ ވެސް އެތައް ބަޔަކާ ގުޅިގެން އެދަނީ އޭނާއަށްޓަކައި މަސައްކަތް ކުރަމުންނެވެ. ކިތަންމެ ބައެއްގެ ދިރިއުޅުން ހުއްޓުމަކަށް އަޔަސް އެއްވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ މަންމަ އަށް ކާމިޔާބީ ލިބުމެވެ.

"އަހަންނަކީ އާދައިގެ މީހެއް ނޫން. އެކަން އޮންނާނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފަ" ބޮޑާކަމާ ކިބުރުވެރިކަން އެކުލެވޭ ރާގެއްގައި ގިސާމަތު ބުންޏެވެ.

"ދަރިފުޅުމެންގެ ކައިވެންޏަށް ޝާމޮނީ ގެ އާއިލާ ކިހާ ނުރުހުމެއްވި. ޝާމޮނީގެ ކާފަ ނިކުތީ ދޮންދަގަނޑު ހިފައިގެން. އެ ދޮންދަގަނޑު އަހަރެން ޖެއްސީ އޭނާގެ ގައިގައި. އަހަރެން މިހާރަކު ޖެހިލުމެއްނުވޭ މިހެއް ބުނާކަށް" ކުރެވުނު ކަންތަކަށް އޭނާ ފަހްރުވެރިވާކަހަލައެވެ.

ފަހަތަށް އެނބުރުނު ގިސާމަތުގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. އެކަން ކުރަން ބޭނުންވި އެހެނަސް އަތުން ދޫވެގެން ގޮސްފައިވާ ކަމެއްގެ މަތިން ހަނދާންވުމާއެކު ރޫޖެހިފައިވާ ދޮންމޫނު ރަތްވާވަރަށް ދަތްކުނޑި ވިކާލިއެވެ. ހަށިގަނޑު ތުރުތުރު އެޅުމެއްވެސް އެވަގުތު ހިނގާލިއެވެ. އެއީ މީހަކުގެ ފަރާތުން އޭނާއަށް ބޮޑު ލަނޑެއް ލިބުނު ފުރަތަމަ ފަހަރެވެ. ބަދަލު ހިފުމުގެ ރޫހް ގިސާމަތުގެ ހަށިގަނޑުގައި އިންތިހާއަށް އުފެދި އޭނާގެ ހިތުގައި އަލިފާން ރޯވަމުން ދިޔައެވެ.

"އަހަރެން ބަދަލުހިފާނަން. އެއީ ޔަގީންކަމެއް. އަހަރެންމެންގެ ދެމައިންނަށް އޭނަ އެދިން އަނިޔާގެ ބަދަލު ވަރަށް ހިތިކޮށް ހިފާލާނަން. އެހެންނޫނީ އަހަންނަށް މ.ސިތާރާގޭ ކަމާލުއްދީންގެ އަނބި ގިސާމަތެކޭ ނުކިޔާނެ" ރުޅިވެރިކަމާއި ބޮޑާކަން އެކުލެވޭ ރާގެއްގައި ގިސާމަތު ބުންޏެވެ. ރުޅިއައިސްފައިވާ މިނިކާވަގެއް ފަދައިން ދަނޑިގަނޑު ޖައްސައިގެން ހުރެ މުޅި ކޮޓަރިތެރޭގައި އޭނާ ހިނގަމުން ދިޔައެވެ. ހީވީ އަތުޖެހުނު ކޮންމެ އެއްޗެއް ނޮޅާލަން ތައްޔާރުވެގެން ހަތަރު މުށްގަނޑު ޖަހައިގެން އޮތް ވަލުޖަނަވާރެއް ހެންނެވެ.

****

ރޭގަނޑުގެ ކެއުން މޭޒުމައްޗަށް އެރުވުމަށްފަހު ބޮޑުކޮޓަރީގައި ތިބި ގިސާމަތަށާއި އަޖްވަދަށް މަސައްކަތު ކުދިން ހަބަރު ދިނެވެ. އެހިނދު އަޖްވަދުގެ އެހީތެރިކަމާއެކު ކާ މޭޒާ ދިމާލަށް ގިސާމަތު ހިނގައިގަތެވެ. އޭނާއަށް ހާއްސަކޮށްފައިވާ ބޮޑު ގޮނޑީގައި އިށީނދެފައި މޭޒު މަތީގައި ހުރި ކާއެއްޗިއްސަށް ނަޒަރު ހިންގާލިއެވެ. ހީވާގޮތުން އެދުވަހުގެ ރޭގަނޑުގެ ކެއުމަށް އޭނާ ތައްޔާރުކޮށްފައިވާ މެނޫ އިން އެއްވެސް ބާވަތެއް އުނިވެފައި ހުރިތޯ ޗެކްކޮށްލީއެވެ. އޭނާ ފުން ނޭވައެއް ދޫކޮށްލި ގޮތުން މޭޒު މަތީގައި އޭނާ ބޭނުންވާ ހުރިހާ ސާމާނެއް ހުރިތަން ފެނުމުން މީހާ ހަމަޖެހިލިކަން އެނގުނެވެ. ނޭވާ ހިފަހައްޓާލައިގެން ތިބި މަސައްކަތު ކުދިންނަށްވެސް ހަމަޖެހުމެއް ލިބުނީ ދެނެވެ.

"އަދިވެސް ޝައުން ގެއަށް ނާންނަނީތަ؟" ގިސާމަތު ސުވާލުކުރީ ކައިރީގައި އިން އަޖްވަދާ އެވެ.

"އިރުކޮޅެއް ކުރިން ގުޅި. ބުނި ކުޅެ ނިންމާފަ ރައްޓެހިންނާއެކު ކޮފީބޯން ދާ ވާހަކަ" އަޖްވަދު ބުންޏެވެ.

ގިސާމަތު ހީލާފައި ކައިރީގައި ހުރި ފަޒީލާ އަށް ބަލައިލިއެވެ. ގިސާމަތުގެ އެ ބަލައިލުމުގެ މާނަ އެނގި ކުރިމަތީގައި ބަންޑުން ބާއްވާލާފައި އޮތް ތަށި ފަޒީލާ ސީދާކޮށްލި އެވެ. އޭނާ ކާން ތައްޔާރުވަމުން ދަނިކޮށް އަނެއްކާވެސް ކަމެއްގެ މަތިން ހަނދާންވިއެވެ.

"މިގެއަށް ރޭގަ އައެއްނު ސޮރެއް. އަދި އަހަންނާ ބައްދަލެއްނުވޭ. ކަލޭމެން އޭނަ ކައިރީ ނުބުނަންތަ އަހަންނާ ބައްދަލު ކުރާކަށް. އަހަރެންގެ އަމިއްލަ ގެއެއްގަ އަހަންނަށް ނުފެނި އެއްވެސް މީހަކަށް ނޫޅެވޭނެ" ގިސާމަތު ބުންޏެވެ.

"އަޅުގަނޑު ބުނިން. އެ ޒުވާނާ ބުނީ އެއް ގެއެއްގަ އުޅެންޏާ ބައްދަލުވާނެއް ނޫންހޭ. މިސްކިތަށޭ ބުނެފަ ދިޔައީ. އަދި ނާދޭ" ޖަވާބު ދިނީ އެގޭ އެންމެ އިސް މަސައްކަތު މީހާ ފަޒީލާ އެވެ.

"މިސްކިތަށޭ...." މިސްކިތުގެ ނަން ބުނުމުންވެސް ގިސާމަތު ހޮޑުލަވާ މޭނުބައިކުރާ ގޮތްވިއެވެ.

"ދަމުން އަޅުގަނޑު ކައިރީގައި ބުނި" މައްސަލަ ގޯސްވެދާނެތީ އަޖްވަދު ބުންޏެވެ.

"ތަންތަނަށް ދާއިރު ބުނަން ޖެހެނީ އަޖުވަދު ކައިރީގަތަ ނޫނީ އަހަރެން ކައިރީގަތަ؟ އަނދުނުން ފަވާލާފައިވާ ބޮޑު ދެލޮލުން އަޖްވަދަށް ނަޒަރެއް ދެމުން ގިސާމަތު ބުންޏެވެ. ވަގުތުން އަޖްވަދު ދޫ ބަންދުވެ އިސްޖެހިއެވެ. އޭނާގެ އެ އަމަލުން އުމުރުން ފަންސާސް އަހަރުގައިވެސް އޭނާ މަންމައަށް ކުރާ އިހުތިރާމް ހާމަވެގެން ދިޔައެވެ.

"ނިހާނަށް ނޭނގުނީ މަންމާ. މިގޭ ރޫލްތައް އޭނައަށް އަދި ނޭނގެނީ. އެހެރަ އައީ" ދޮރުން އެތެރެއަށް ވަތް ނިހާން ފެނުމުން އަޖްވަދު ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟