"ފައްވާޒްގެ ހަށިގަނޑުގައި ހަމައެކަނި ވިންދު ހުރިކަން. އެކުއްޖާ ދިރިއުޅުމުގެ ބޭނުން ކެނޑިއްޖެ" ޖޫލިޔާ ރޮމުން ވާހަކަދެއްކިއެވެ.
ޒާރާ އިންތިހާއަށް ދެރަވެއްޖެއެވެ. އެހެންނަމަވެސް އެކަމުގައި އޭނާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ކަމެއްވެސްވެ ނިމިގެންދާނީ އެކަމެއް ވާން އެކަލާނގެ އިރާދަފުޅު ކުރައްވާފައިވާ ގޮތަށެވެ.
"އެދުވަހު ހޮސްޕިޓަލުން ޒާރާ ގެ ފަހަތުން ފައްވާޒު ނިކުތްގޮތަށް ޕިކަޕެއް ދަށުވީ. ވަރަށް ހާލުދެރަވި. ބޭރަށް ގެންދަންވެސް ހުއްދައެއް ނުލިބުނު. ﷲ ގެ އިރާދަފުޅުން އެ ނުރައްކާތެރި ހާލަތުން ބޭރަށް ނިކުމެވުނު. އެކަމަކު...." ޖޫލިޔާ ގެ އަޑު އަނެއްކާވެސް ކެނޑުނެވެ.
"އެކަމަކު ސިކުނޑި އަށް ލިބުނު ގެއްލުން ބޮޑު. ފައްވާޒަށް ކޮޅަށް ނުހުރެވޭ. ވާހަކައެއް ނުދެއްކޭ. ހަރަކާތެއް ނުކުރެވޭ. ފައްވާޒުގެ ކަނދުރާ ހަރުނުލާ. މިއަތޮޅު ރަށެއްގައި ދިވެހި ބޭހެއްކުރާތާ ހަ މަސް ފަހުން އިއްޔެގަ ވާހަކައެއް ބުނި. އެކުއްޖާ ފުރަތަމަވެސް ކިޔާލީ ޒާރާ ގެ...."
ޒާރާ އަތުން ހުއްޓުވިއެވެ. އިތުރަށް އަހާކަށް ޒާރާ ބޭނުމެއް ނުވިއެވެ. ފައްވާޒްގެ އެއްވެސް ވާހަކައަކީ އޭނާ މުހިންމު ވާހަކަތަކެއް ނޫނެވެ.
"ފައްވާޒްގެ މަންމަ ބޭނުންވަނީ ކޮންކަމެއް؟" ޒާރާ އެހީ މަޑުމައިތިރިކަމާއެކުގައެވެ.
"މަޢާފް. ޒާރާ ގެ މަޢާފް. ފައްވާޒަށް މާފްކޮށްދީ. ހެޔޮނުވާނެ. މިހާރު އަނެއްކާވެސް މިއުޅެނީ ބޮޑު އޮޕަރޭޝަނަކަށް ބޭރަށް ފުރަން. މަގޭ ދަރިފުޅަށް ހިތްހެޔޮކޮށްދީ. އާދޭސްމިކުރީ. ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ. އޭގެ މާނައަކީ އޭނަ ދުނިޔޭގައި ހުރިހާ ހިނދަކު އެކަމުގެ ސަޒާ ލިބުމެއް ނޫން. ބައެއްފަހަރު ރަނގަޅު މީހުންނަށް ނުބައި ގޮތް އިހްތިޔާރުކުރެވޭ. އޭގެ މާނައަކީ އެމީހަކީ ގޯސް މީހަކަށް ވުމެއްވެސް ނޫން. އޭގެ މާނައަކީ އޭނަ އަކީ ވެސް އިންސާނެއްކަން" ޖޫލިޔާ ވާހަކަދެއްކިއެވެ.
"އެއްވެސް އިންސާނަކަށް އަހަރެން ހިތްބުރައެއް ނޫން. ފައްވާޒަށްވެސް. އަދި ފައްވާޒް އަހަރެންގެ ފިރިއެއްގެ ގޮތުގައި ހުއްޓާ އަހަރެންގެ ހައްގަކަށް އަރައިގަތް ތި އަންހެންކުއްޖާ އަށް ވެސް އަހަރެން މައާފްކޮށްފިން" ޒާރާ އިޝާރާތްކުރީ ޖޫލިޔާ ކައިރީގައި އިން މާހީ އަށެވެ. މާހީ އިސްއުފުލާ ޒާރާ އަށް ބަލައިލުމަށްފަހު އަނެއްކާވެސް އިސް ތިރިކޮށްލިއެވެ.
"އަހަރެންގެ ދުއާ އަކީ ފައްވާޒަށް ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރެއްވުން. ތިއިން އެކަކުވެސް ހިތްހަމަނުޖެހޭވަރުގެ ކަމެއް އަހަންނަށް ކުރެވިފައި އޮތްނަމަ އަހަންނަށްވެސް މަޢާފްކޮށްދީ" ޒާރާ ވާހަކަދެއްކިއެވެ.
ޖޫލިޔާ ކޮޅަށް ތެދުވިއެވެ. އޭނާގެ ހިތަށް ތަސައްލީއެއް ލިބިއްޖެއެވެ. ފައްވާޒް ބޭނުންވީ ޒާރާ ގެ ހިތްހެޔޮކަމެވެ. ކުރި ދިވެހި ބޭސްތަކަށްފަހު ފައްވާޒް އެންމެ ފުރަތަމަ ވެސް ބުނީ ޒާރާ ގެ ނަމެވެ. ދެވަނަ އަށް ބަހަކަށް އޭނާ އަންބެއްގެ ގޮތުގައި މާހީ ބަލައިގަތެވެ. އެންމެ ރަނގަޅު ގޮތުގައި ފައްވާޒަށް ވިސްނުނުއިރު މިވަނީ މީހާ ނިކަމެތިވެ ނުކުޅެދޭ މީހަކަށްވެފައެވެ. ފިރިއެއްގެ ފަރާތުން އަންބަކަށް ލިބެންޖެހޭ ލޯތްބާ އޯގާތެރިކަން ނުލިބޭނެކަން އެނގޭއިރު މާހީ ފިރިއެއްގެ ގޮތުގައި ފައްވާޒް ބަލައިގަތްކަން އެއީ ވެސް ޖޫލިޔާ އެކަމަށް ނުހަނު ޝުކުރުވެރިވާ ކަމެކެވެ.
"އަހަރެން ވައުދުވަން. ދުވަހަކުވެސް ޒާރާ ކީއްކުރަން، އެއްވެސް އަންހެނެއްގެ ދިރިއުޅުމަށް އުނދަގުކުރަން ފައްވާޒް ނުދާނެ. ފައްވާޒަށް ކުރި ކުށުގެ ސަޒާ އެދަނީ ލިބެމުން. މިއީ ފައްވާޒަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް. އަހަރެން މިދަނީ. ހިތްހެޔޮކުރާތި" ޖޫލިޔާ ވާހަކަދެއްކިއެވެ.
ގޭތެރެއިން ނިކުތް ވަސީމާ އައިސް ޒާރާގެ ފުރަގަހުން ހުއްޓި ޒާރާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އޭރު ޖޫލިޔާ އާއި މާހީ ދޮރާށިން ބޭރަށް ނިކުމެއްޖެއެވެ.
"މާތްﷲ ގެ ކުޅަދުންވަންތަކަން. އެމީހަކު އުޅުނު ގޮތް ދުނިޔެއިން އެމީހަކަށް ދައްކަވާފަ ގެންދަވާނީ" ވަސީމާ ބުންޏެވެ. މިހުރިހާއިރު ހިމޭންވެފައި އިން ޒާރާ ވަސީމާގެ ގައިގައި ބައްދާލިއެވެ. ފަހުވަގުތު ޒާރާ އަށް ރޮވިއްޖެއެވެ.
"އަހަރެން އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް ނޭދެން. ބަދު ދުއާ އެއްވެސް ނުކުރަން. ފައްވާޒަށް އެހެން އެވީ އަހަރެންގެ ކުށަކުން ނޫން" ޒާރާ ކިޔަމުން ދިޔައެވެ. އޯގާތެރިކަމާއި ލޯތްބާއެކު ޒާރާގެ ބުރަކަށީގައި ވަސީމާ ފިރުމަމުން ދިޔައެވެ. ގެއިން ބޭރުގައި ދޮރާއްޓާ ކުރިމަތިވާނެހެން ހުރި އައްފާން ވެސް ހުރީ ޒާރާ އަށް ބަލަހައްޓައިގެން ހެވިފައެވެ. ޒާރާ އަށް މިވަގުތު އޭނާ ހިމާޔަތް ނުދިނަސް ކައިރީގައި ހުރެ ޒާރާ ގެ ގައިގައި ފިރުމަމުން އެދަނީ މައެއް ފަދަ އަންހެނެކެވެ.
*****
ދޮޅު އަހަރު ފަސް
ނޫރީން ނިކުންނަންދެން ހިމްނާ އިނީ މަގުމަތި ޖޯލީގައެވެ. އަތުކުރީގައި އޮތް ރިހި ކުލައިގެ ހިމަ ގަޑިއަށް ބަލައިލާފައި ހިމްނާ ދެފަރާތަށް ބޯހޫރާލިއެވެ. ނޫރީން ނިކުންނަންދެން ޖޯލީގައި އޭނާ އިންނަތާ ވިއްސަކަށް މިނެޓް ވެއްޖެއެވެ. ދޮރާށިން ނިކުތް ނޫރީން ފެނުމުން ހިމްނާ ކިޔައިގަތެވެ.
"ތިއީ އެ ކޮތަޅު ބަލައި އެތެރެއަށް ދިޔަ މީހެކޭ. ކީއްތަކުރީ"
"ދޮންތިގެ ފޯނެއް އައީ. ފޯނު ޗާޖަށް ޖަހާލާފައި މިއައީ" ނޫރީން ބުންޏެވެ.
"އަޅުގަނޑު ހިތަށް އަރަނީ މި ފެނިފަ އަޅުގަނޑުގެ ކިއުޓީސް ތަކަށް ނޭނގޭނެބާއޭ މީގަ އޮތީ ކޯޗެއްކަން" ހީލަމުން ނޫރީން ބުންޏެވެ.
ހިމްނާ ފަހަތަށް އެނބުރިފައި ބަލައިލިއެވެ. ނޫރީން އަތުގައި އޮތް ހަދިޔާ ނޫރީން ގެ އިސްކޮޅާ އެއްވަރު ނުވެ ހުރީ ކުޑަ ތަންކޮޅެކެވެ.
"ހިނގާ އިބާދުމެން ގޯތި ކާރު ގެންނަމާ. މިހެން ކިހިނެއް ދާނީ" ނޫރީން ބުންޏެވެ.
"އުނހު. މިހާރު މިދެވެނީ. ސްކޫލު ނިމުނުފަހުން ގިނަ ވަގުތު ގޭތެރޭގައި އޮވެ އޮވެ ދަރިފުޅު މިހާރުވެސް ފަލަވެއްޖެ. ހިނގުމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެއް" ހިމްނާ ބުންޏެވެ.
****
ފެންވަރައިގެން ނިކުތް ގޮތަށް ޒާރާ ގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ހެދުން ބަދަލުކޮށްގެން މަޑެއްނުވެ އޭނާ ގޭތެރެއަށް ނިކުމެއްޖެއެވެ. ކަންފަތުގައި ފުރަތަމަވެސް ޖެހުނީ ކާޓޫނު ފިލްމަކުން އަންނަމުން ދިޔަ މިޔުޒިކެއްގެ އަޑެވެ. ގޭތެރެ ހަލަބޮއްޔެވެ. ޕްރޮޖެކްޓަރުން ފާރަށް އަޅުވާފައި ހުރި ކާޓުން ފިލުމު ބަލަން ހިސާބު ގަނޑު ކުޑަކުދިން ޖަމާވެފައި ތިއްބެވެ. ކޮންމެ ކުއްޖެއް އަތުގައި އެޕޯލޯ އާއި ޗޮކްލެޓް ހުއްޓެވެ. ޒާރާ ކައިރިވިކަން އެނގުމުން ނިއަމް ގެ ބޮލާ ދިމާލުގައި އިށީނދެގެން އިން އައްފާން ބަލައިލިއެވެ. ޒާރާ ގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އެންމެފަހުން ނިއަމް ގެ ޝަކުވާތަކަށް ނިމުމެއް އައީއެވެ. ޒާރާ ގުދުވެލާފައި ނިއަމްގެ މޫނުގައި ބޮސްދޭން އުޅުނެވެ. އެހިނދު އިޝާރާތުން އިހަށް މަޑުކޮށްލަން އައްފާން ބުންޏެވެ. އަދި މަޑުމަޑުން ނިއަމް ކައިރިން ދުރަށް ޖެހިލާފައި ޒާރާގެ އުނގަނޑުގައި އަތް އަޅުވާލިއެވެ. ދެމަފިރިން ހިނގައިގަތީ ކާ ގެ އާ ދިމާލަށެވެ. ހިމްނާ އާއި ނޫރީނަށް ގެއަށް ވަދެވުނު ގަޑިއަކީ ވެސް އެއީއެވެ. ޒާރާ ފެނުމާއެކު ނޫރީން އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ. ބަރުކޮށް އައުމުގެ ސަބަބުން ނޫރީންގެ ނިތްމަތިން ވަނީ ދާހިއްލާލާފައެވެ.
"ސާބަސް.... ދޮންތިބެ އަށް ގުޅާލި ނަމަވެސް ތި މިގެއާ ހަމައަށް ގެނެސްދިނީމުހެއްނު" އައްފާން ބުންޏެވެ.
"މީ މަންމަގެ ކަންތައް" ނޫރީން ބުންޏެވެ. "ކޮބާ އަޅުގަނޑުގެ ކިއުޓީސްތައް"
"ނިއަމް އަށް ނިދިފަ. ކުޑަމީހާ... އެހެރީ ދައްތަ ކައިރީގަ"
އައްފާން އަތަށް ހަދިޔާ ދިނުމަށްފަހު ނޫރީން ހިނގައިގަތީ ވަސީމާ ހުރި ދިމާލަށެވެ. ޒާރާ އާއި އައްފާން ގެ ހަގުދަރިފުޅު ޔޫކް އިނީ ވަސީމާ އަތުގައެވެ.
އައްފާނާއި ޒާރާ ވަނީ ކާގެއަށެވެ. ނިއަމް ގެ އަށް ހާއްސަ އެދުވަހަށްޓަކައި މުޅި ގޯތިތެރެ ވަނީ ފަނުން ހިޔާކޮށްފައެވެ. ބޮކިފަތި ދިއްލާފައި ހުރިއިރު ގޯތިތެރޭގައި ޖާދޫވީ ރީތިކަމެއް ހުއްޓެވެ. އިރުއޮށްސުމުގެ ކުލަތަކުން ދުނިޔެ ޖަރީކުރަމުންދާއިރު އެކުލަތަކުން އެކަނިވެސް އިތުރު ރީތިކަމެއް ގެނެސްދީފައިވެއެވެ. އައްފާނަށް ކޮފީތަށި ގެނެސްދީފައި ޒާރާ އައިސް އިށީނީ ހިމްނާ އާ ޖެހިގެން ހުރި ހުސް ގޮނޑީގައެވެ.
"ދަރިފުޅު ރަނގަޅުތަ؟" ޒާރާ އަށް ހިމްނާ ބުންޏެވެ.
ޒާރާ ބޯޖަހާލިއެވެ. ދެން ހިމްނާ ގެ އަތުގައި ބޯޖައްސާލާފައި ދެލޯ މަރާލިއެވެ. ހިމްނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. ނިއަމް އަށް ޓަކައި ޒާރާ އެހުންނަނީ ހިތްވަރުކޮށްގެންކަން ހިމްނާ އަށް އެނގުނެވެ. ޒާރާ ގެ މޫނުމަތިން ވަރުބަލިކަން ހިމްނާ އަށް ފެނިއްޖެއެވެ.
"ނިއަމްކޮގެ އެތަނަށް ކީއްހޯ އެ ބޭބެ ކުރީ. ޕޮލިސް ގެންނާށޯ އެ ބޭބެ ގެންދަން. ކުޑަކުދިންދެކެ ލޯބިވާކަށް އެބޭބެއަކަށް ނޭނގެޔޯ. ނިއަމްކޮގެ ބަޑި ހިފައިގެން ދާނަމޯ އެ ބޭބެ ގަޔަށް ޖަހަން"
ނިއަމް ކުރި ޝަކުވާތައް ޒާރާ ކިޔައިދެމުން ދިޔައެވެ. އެންމެފަހުން ޒާރާ އަށް ހެވިއްޖެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި ޒާރާ ގެ އެ ހުނުމުގައި އައްފާންވެސް ބައިވެރިވެލިއެވެ.
"އަދި ނިދެމުން ދަނިކޮށް ބުނި އެއްޗެއް އެނގޭތަ؟ ބައްޕި ނުދައްޗޯ. ބައްޕި ދާއިރަށް އެ ބޭބެ އައިސްދާނެޔޯ ބާކީ ތަންކޮޅު ބަލާ. އޭރުން ނީންނާނެޔޯ ނިއަމްކޮ ކުޑަޕުއްޕު ލާނެގޮތެއް" ހުރިހާ މީހުންނަށް އެއްފަހަރާ ހެވުނެވެ. އެ އެންމެންގެ ތެރެއިންވެސް އައްފާނަށް ސަމާލުކަންދެވުނީ ޒާރާ އަށެވެ. ޒާރާގެ ތުންފަތްވެސް ވަނީ ދެފަރާތަށް ދެމިލާފައެވެ. ޒާރާ އަށް ޓަކައި ކޮންމެ ސިކުންތަކު އައްފާން ފަހުރުވެރިވެއެވެ. ނިއަމް އަށްޓަކައި ޒާރާ ކުރާ ބުރަ މަސައްކަތުންނެވެ. ވަރިވެގެން ނިއަމް ގޮވައިގެން ރަށަށް އައި ދުވަހު އައްފާން އެންމެ ކަންބޮޑުވި އެއްކަމަކީ ނިއަމް ބޮޑުވަމުން އަންނައިރު 'މަންމަ' އާ ބެހޭގޮތުން އެކުއްޖާ ކުރާ ސުވާލަށް ޖަވާބުނުދެވިދާނެތީއެވެ. މިއަދު އެ ކަންބޮޑުވުމެއް ނެތެވެ. ފިރިހެން ދަރިއެއްގެ ހަޔާތުގައި އަންނަ އެންމެ ހާއްސަ އެއްދުވަހަކީ އެދަރިފުޅު ހިތާނަ ކުރެވޭ ދުވަހެވެ. މުޅި ދުވަހު ޒާރާ ހޭދަކުރީ ނިއަމްގެ އަށް ހާއްސަ މިދުވަހު ނިއަމް އާ އެކުގައެވެ. ހަގު ދަރިފުޅަށް ވުރެވެސް ބޮޑަށް ޒާރާ ސަމާލުކަންދިނީ ނިއަމް އަށެވެ.
***
ނިއަމް އަށް ކާންދިނުމަށްފަހު އޭނާ ކޮޓަރިއަށް ވަނީ ޔޫކް ގެ ކަންތައް ކޮށްލުމަށެވެ. ޔޫކް އަށް ކާންދިނުމަށްފަހު ވަސީމާ އާ ހަވާލުކޮށްފައި އޭނާ އަނެއްކާވެސް އިށީނީ ނިއަމް ކައިރީގައެވެ. ނިއަމް ބޭނުންވަނީ މަންމަވެސް ބައްޕި ވެސް ކައިރީގައި ހުންނާށެވެ. ތަންތަން ބުރިކޮށް ކުޑަކުދިންނަށް އަނިޔާކުރާ މީހުންނަށް އެގޭތެރެއަށް ވަނަނުދިނުމަށް ނިއަމް އޮތީ މައިންބަފައިންނަށް އަންގާފައެވެ. އެންމެފަހުން ޒާރާ ކޮޓަރިއަށް އެގާރަ ޖަހަން އުޅެނިކޮށް އަނގަތަޅުވަން އޮތް ނިއަމް އަށް ނިދުނުފަހުންނެވެ.
ކުއްލިއަކަށް ޒާރާ ބަލައިލީ އޭނާގެ އަތުގައި އައްފާން ހިފެހެއްޓުމުންނެވެ. އައްފާން ހިނިތުންވެލައިގެން ކައިރީގައި ހުރިއިރު ލޯބިގޮތެއް ހުއްޓެވެ.
"އެބަދަން ކުޑައިރުކޮޅަކުން" އައްފާން ބުންޏެވެ.
ޒާރާ ބޯޖަހާލާފައި އެތެރެއަށް ވަނެވެ. އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މިރޭ މިއީ އަނެއްކާވެސް އައްފާންގެ ލާނެތް ސަމާސާތަކާ ކުރިމަތިލާންޖެހޭނެ ރެއެކެވެ. މިރޭ ހާއްސަ ވާނޭކަމުގެ ރަތް ސިގުނަލެއް މާކުރިން އައްފާން ވަނީ ދީފައެވެ. ވާނީވެސް އެހެންނެވެ. ރަނގަޅަށް ދެމީހުންނަށް އެތަނެއްގައި ތިބެ ވާހަކަދައްކާ ނުލެވޭތާވެސް ހަފްތާއެއްހާ ދުވަސްވެއްޖެއެވެ. ތުވާލި ހިފައިގެން ފާހާނާ އަށް ވަންއިރުވެސް ޒާރާ ގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
ޒާރާ ފާހާނާއިން ނިކުތީ ފަނަރަ ވަރަކަށް މިނެޓް ފަހުންނެވެ. އެނދުގައި އޮތް އައްފާން ފެނުމުން ހުރެވުނުގޮތް ޒާރާ ބަލައިލިއެވެ. ލަދުވެސްގަތެވެ. އެކަމަކު ވެސް މާބޮޑު ކަމަކަށް ނަހަދާ ޒާރާ އަލަމާރި ކައިރީގައި ހުއްޓުނެވެ. ނިދާ ހެދުން ބަދަލުކޮށް އެނބުރުނު ވަގުތު ޖެހުނީ އައްފާންގެ މޭގައެވެ.
"ކީއްކުރަން ތިއުޅެނީ" ޒާރާ ބުންޏެވެ.
"އަހަރެން ހީކުރީ އެނގޭނެ ކަމެއް" ޒާރާ ގެ އުނގަނޑުގައި ހިފާ ގާތަށް ދަމައިލަމުން އައްފާން ބުންޏެވެ.
ޒާރާ އަށް އެނގެއެވެ. ވަކި ކަމަކަށް ބޭނުންވެގެން އުޅެންޏާ އައްފާންގެ ބީހުންތައް ތަފާތުވާނެއެވެ. ޒާރާ އަށް ކުރެވޭ އިހުސާސް ތަފާތުވާނެއެވެ. އެ ތަފާތުކަން ހަމަ އެހިނދު އޭނާ އަށް އިހުސާސް ވިއެވެ.
"އައްޔަ ތިހެރީ ސަސްޕެންޑްކޮށްފަ. ހަނދާންނެތުނީތަ؟" ޒާރާ ބުންޏެވެ.
"ނުލާހިކު ލޯބިވާ އަންބަކާ އެކު ލޯބިކޮށް، އޭގެ ނަތީޖާވެސް އެހާ ފޮނިކޮށް ނިކުތީ. އަހަރެން ހަނދާން އެބަހުރި. އެކަމަކު ޖަލު ހުކުމެއް އަޔަސް އަހަންނަށް ޒާ އާ ދުރުގައެއް ނުހުރެވޭނެ" އައްފާން ބުންޏެވެ.
ޒާރާ އަށް އިތުރަށް ވާހަކަދައްކަން އައްފާން ފުރުސަތު ނުދިނެވެ. އޭނާގެ ޖާދޫވީ ބީހުންތަކުގެ ތެރޭގައި ޒާރާ ގައިދުކޮށްލިއެވެ. އޭނާގެ އަތްދަނޑި މައްޗަށް ޒާރާ އުފުލާލިގޮތަށް ގެނެސް ބޭއްވީ އެނދުގައެވެ. ކައިރީގައި އައްފާން އޮށޯތުމަށްފަހު ޒާރާ ގެ މޫނަށް ބަލައިލިއެވެ. އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތުވާލި އޭރުވެސް އެގޮތުގައި އޮތެވެ.
"މިއަދު ޒާ ހާދަ ރީއްޗޭ. މާޝާﷲ" އައްފާން ބުންޏެވެ. ރަކި ހީލުމަކުން ހީލުމަށްފަހު ޒާރާ އަނެއްފަރާތަށް އެނބުރުނެވެ. ފަހަތުގައި އޮތް އައްފާން އެވަގުތު އިތުރަށް ޒާރާ އާ ގާތްވެލިއެވެ.
"ޒާ އާ ގާތްވެވޭ ކޮންމެފަހަރަކު އަހަންނަށް ހީވަނީ އަލަށް ޒާ އާ ގާތްވެވޭހެން. މިކަހަލަ ވަގުތުތަކުގަ އަހަންނަށް ކޮންކަހަލަ ސިހުރެއް ތިހަދަނީ..." އައްފާންގެ އަޑުގައިވީ މަސްތުކަމެވެ. ޒާރާ ގެ ދެލޮލުގެ ކުލަވަރު ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އައްފާނާ ދިމާލަށް އެނބުރުގޮތަށް ޒާރާ އައްފާންގެ ގައިގައި ބައްދާލިއެވެ. އެހިނދު ޒާރާގެ ހަށިގަނޑުގައި އައްފާންގެ ދެއަތުން ވަށާލިއެވެ.
****
އޭގެ ގަޑިއެއްގެ އިރު ފަހެވެ. ފެންވަރައިގެން ނިކުތްގޮތަށް އައްފާން ނިކުތީ ބޭރަށެވެ. ނިދާފައި އޮތް ނިއަމް ފަތިސް ނުވަނީސް ހޭނުލާނޭކަން އެނގޭ އިރުވެސް އެކުއްޖާ ބަލައިލުމަށެވެ.
"އަދިވެސް އޮތްގޮތަށް ނިދާފަ" ކޮޓަރި އަށް ވަން އައްފާން ބުންޏެވެ. އައްފާން އަންނަންދެން ޒާރާ އިނީ ހެޑްބޯޑުގައި ލެގިލައިގެންނެވެ. ފޯނާ ކުޅެން ޒާރާ އިންއިރު އިނީ ހެވިފައެވެ. ގަޑިން ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ޒާރާ ކިނބިއްސެއް އަޅާލިތަން ފެނުމުން އައްފާނަށް ހެވުނެވެ. ކައިރީގައި އިށިންގޮތަށް ޒާރާ ގެ މޫނުގައި ފިރުމާވެސްލިއެވެ.
"ސޮރީ ލަވް.... " އައްފާން ބުންޏެވެ.
ޒާރާ ހީލިއެވެ. އައްފާން އަމިއްލަ ނަފްސު ކުށްވެރިކުރިކަން އެނގުމުން ޒާރާ ދެރަވިއެވެ. ފޯނު ދުރުގައި ބާއްވާފައި އައްފާންގެ އަތުގައި ޒާރާ ހިފަހައްޓާލިއެވެ.
"މިކަހަލަ ރޭތައް ވެސް އަންނާނެ. އެވަރު ކަމެއް ނޫން. އަހަރެން ހިތަށް އަރަނީ އަހަރެމެން ދަރީން ބޮޑެތިވެ އެ ދަރީންނަށް ދަރީން ލިބުނީމަވެސް އައްޔަ އަހަރެންދެކެ ތިވާ ލޯތްބަށް ބަދަލެއް ނާންނާނެބާއޭ. އޭރުންވެސް ހަމަ އެހާ ލޯބިކޮށް ތިއަތުގެ ތެރޭގަ އަހަރެން ގެންގުޅޭނެބާއޭ. މިކަހަލަ ހާއްސަ ކިތައް ރޭ އަންނާނެބާއޭ" ޒާރާ ބުންޏެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ހިތަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ. ވިޔަސް ލޯބި ވާނީ އިތުރު" އައްފާން ބުންޏެވެ. ދެމަފިރިންގެ ދެއަތްތިލަވީ ޖޯޑުކޮށްލެވިފައެވެ.
"އައްޔަ ތިހެން މާބޮޑަށް ލޯބިވީވީނުން އަހަރެން އަބަދުވެސް މިޖެހެނީ މިހެން އިންނަން" ޒާރާ ބުންޏެވެ.
އައްފާން ކައިރިއަށް ހިނިއައެވެ. ޒާރާ އިޝާރާތްކުރީ ކޮންކަމަކަށް އޭނާ އަށް އެނގިއްޖެއެވެ.
"ތިއީ ސަޕްރައިޒެއް.... ނޫންތަ؟ އަހަރެން ވަރަށް އުފާވި. މިފަހަރު ޕްރިންސަސްއެއް. އެކަމަކު މިފަހަރު ޒާ ވިހެއިމަ އަހަރެން ބްރޭކެއް ދޭނަން އެނގޭ" އައްފާން ބުންޏެވެ.
"ބްރޭކެއް ބޭނުމެއްނޫން. އަހަރެން ބޭނުން ވަރަށް ބައިވަރު ދަރިން. ބްރޭކެކޭ ކިޔާފަ އައްޔަ ތިއުޅެނީ އެހެންކުއްޖެއް....."
ޒާރާ އަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އޭނާގެ އަނގަ މަތީގައި އައްފާން އަތް އެޅުމުންނެވެ. ޒާރާ ގެ ދެލޯ އައްފާންގެ ލޮލާ އަމާޒުވެގެން ދިޔައެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރަމުން އެހެން ނުބުނަށް އައްފާން އިޝާރާތް ކުރަމުން ދިޔައެވެ.
"ކޮންނަމެއް ބޭބީއަށް ކިޔާނީ" އައްފާން ބުންޏެވެ.
"އަދި މަޑުކޮށްބަލަ ބޭބީ އަންނަންދެން" ޒާރާ ބުންޏެވެ.
"އެނގޭތަ! އެއްކަލަ ޖަންނަ އިރުއަރައިގެން އުޅެނީ. ބުނި ޗުއްޓީ އަށް އިންޑިޔާ އަށް ދިޔަފަހުން ގިނަވަގުތު ނުނިދައޭ އުޅެނީ. ނިދި ނާންނާނީއޭ. މާމަ ވަރަށް ފައްކަލޯ މިތާ އުޅެން" ޒާރާ ހިއްސާކުރީ ދާދި ދެންމެއަކު ފޯނުން ޖަންނަތާ ދެކެވުނު ވާހަކަތަކެވެ.
"ޖަންނަ މާ ގަދައެއްނު. މެރީކުރި ފަހުން އެ އުޅެނީ ހަނީމޫން ދުވަސްތަކުގަ އަދިވެސް" އައްފާން ބުންޏެވެ.
"އަދި އެނގޭތަ ބުނި އެއްޗެއް. މިފަހަރު އަހަރެން ޕްރެގްވި ފަހުން އަބަދު ބުނާނެ މެރީކުރި ފަހުން ޒާ މިނޫން ގޮތަކަށް ހުއްޓަ އައްޔައަކަށް ނުފެންނާނޭ. މާނައަކީ އައްޔަ އަށް އަބަދުވެސް އަހަރެން ފެންނަނީ މި ބަނޑާއެކު ހުއްޓައޭ. އައްޔަ ތިއުޅެނީ އަހަރެން ސިފަ ބަދަލުކުރުވަންތަ؟" ޒާރާ ބުންޏެވެ.
އައްފާނަށް ހެވުނެވެ.
"ތި ބަނޑާއެކު ވެސް ތި ބަނޑު ނުލާވެސް އަދި ނުލާހިކު ހިކިކޮށް ހުއްޓަވެސް އަހަރެން ޒާ ބަލައިފިން. އަހަރެންގެ ދެލޮލަކަށް ބަދަލެއް ފާހަގައެއްނުވޭ. ޖަންނަ ކައިރީގަ ބުނޭ ގިނަ ދަރިން ޖަންނަ އަށް ދެއްވާތޯ ތިމަންނަ ދުއާ ކުރާނަމޭ" ޒާރާގެ އިސްތަށިގަނޑުގައި ފިރުމާލާ ނިތުގައި ބޮސްދެމުން އައްފާން ބުންޏެވެ.
****
މުޅިން އައު ދުވަހަކަށް ދުނިޔެ ލޯ ހުޅުވާލައިފިއެވެ. ޒާރާ އާއި އައްފާންގެ ހަޔާތަށް އިތުރު އާރޯކަމާއި ރޯޝަން ގެނުވަމުންނެވެ. އުސްގަނޑުތައް ޒާރާ ގެ ހަޔާތުން ފިލާ ނުދެއެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނާނެކަމަށް މީހުން ބުނާ ބުނުން ހަނދާންވާ ކޮންމެ ފަހަރަކު ހެއްދެވި ފަރާތަށް ދުއާކޮށްލައެވެ. އޭނާގެ ދިރިއުޅުން ތާ އަބަދަށް އުފާވެރިކަމުގައި ލެއްވުމަށް އެދިއެވެ. ޒާރާގެ ކުޑަކުޑަ އާއިލާ ހަސަދައިންނާއި އެސްފީނާ އިން ސަލާމަތްކޮށްދެއްވުމަށް އެދިއެވެ.
ދުވަހުގެ އިރުއަރަމުން އައި ވަގުތެވެ. ޒާރާ ގެ ކުޑަކުޑަ އާއިލާ ތިބީ ރަށުގެ މީހުން ދަތުރު ގޮސް އުޅޭ ދިމާލު އަތިރިމަތީގައެވެ. ބިންމަތީގައި ފަތުރާފައި އޮތް ރުކުގެ ފަނެއްގެ މަތީގައި ނިއަމް އާއި ޔޫކް ތިއްބެވެ. ފަހަތުން ޒާރާ ގެ ގައިގައި ބައްދާލައިގެން ހުރި އައްފާން ދިޔައީ އޭނާގެ އަތުގައި އޮތް ފޯނުން ގުދުރަތީ ހިތްގައިމު މަންޒަރުތަކާއެކު ހަނދާންތައް ރައްކާ ކުރަމުންނެވެ. އެއްވެސް އިންސާނެއްގެ ހިލަމެއްނުވާ އެ ސަރަހައްދުން އިވޭ ހަމައެކަނި އަޑަކީ ދޫނި ސޫފާސޫފީގެ ނަލަ އަޑުން ސަނާ ކިޔާ އަޑެވެ. ހީވާގޮތުން ޒާރާ އަށް ޓަކައި އެތަކެތިވެސް އުފާ ފާޅުކުރަމުންދާ ކަހަލައެވެ.
ކުއްލިއަކަށް ޒާރާ ހޭން ފެށިއެވެ. އައްފާން ބަލައިލުމުން އިޝާރާތުން ޒާރާ ދައްކާލީ ނިއަމް އާ ޔޫކް އެވެ. ނިއަމް ގެ އުނގުތެރޭގައި ޔޫކް އިންއިރު ނިއަމް ކުޅެން ގެންގުޅޭ ކުޅޭކުޅޭ ފޯނު ބޭނުންކޮށްގެން ސެލްފީ ނަގަމުން ދިޔައެވެ. އަނގަ ތަންމިނަށް ހުޅުވައިގެން އިން ޔޫކް ވެސް ދޮންބެ ނަގާ ފޮޓޯއަށް ތައްޔާރުވެގެން އިން ކަހަލައެވެ. ކުޑަ ދެބެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރުމަށްފަހު އައްފާންގެ ނަޒަރު މަޑުމަޑުން ޒާރާ ގެ މޫނަށް ހުއްޓުނެވެ. އައްފާނަށް ފެނުނީ ހަމައެކަނި ޒާރާ ގެ ދެލޮލެވެ. އެހެންނަމަވެސް ތުނި ފޮތިކޮޅުގެ ނިވަލުގައިވާ ޒާރާގެ ހިނިތުންވުން އޭނާގެ ހިތަށް ސިފަވެގެން ދިޔައެވެ. އެހިނދު އައްފާންގެ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.
އައްފާން ބަލަހައްޓައިގެން ހުރިކަން އެނގުމުން ޒާރާ ހިމޭންވިއެވެ. އަދިވެސް އައްފާންގެ ބެލުމުން ޒާރާ އަށް އަސަރުތަކެއް ކުރުވައެވެ. އެއީ ދުވަހަކުވެސް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. އައްފާން މަޑުމަޑުން ޒާރާ ގެ ބަނޑަށް ބަލައިލިއެވެ. ކަނާއަތް ހިއްލާލުމަށްފަހު މަޑުމަޑުން ޒާރާ ގެ ބަނޑުގައި އޭނާ ފިރުމާލިއެވެ. އެ އުފާވެރި ވަގުތުކޮޅުގައި އެ ދަރިފުޅުވެސް ބައިވެރިކުރަން އޭނާ ބޭނުންވިއެވެ. ބަނޑުން ދަރިފުޅު ތޮޅިލީ އައްފާންގެ އަތްތިލަ މަތީގައި ޒާރާ އަތް އެޅި ވަގުތުގައެވެ. ދަރިފުޅުގެ ޖަވާބު ދެމަފިރިންނަށް ލިބިގެން ދިޔަ ވަގުތު އެކަކު އަނެކަކަށް ނަޒަރެއް ދެވުނެވެ. ދެ ތުންފަތުގައިވެސް ވީ ހިނިތުންވުމެކެވެ.
****
އެއްވެސް އިންސާނެއްގެ ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. އަދި ހަމަ އެހެންމެ ވަކި ހިސާބަކުން ހުއްޓިފައި އޮންނާނެ އެއްޗެއް ވެސް ނޫނެވެ. ދިރިއުޅުމަކީ އޭގައި އެތައް ރަހައެއް އެކުލެވިގެންވާ ޖަޒުބާތެކެވެ. އުފަލާއި ހިތާމައެވެ. ކަރުނަ އާއި ހިތްދަތިކަމެވެ. ތަކުލީފާއި ވޭންތަކެވެ. އުންމީދާއި ޖޯޝެވެ. މީގެ ދުވަސްތަކެއް ކުރިން ޒާރާގެ ދިރިއުޅުން ހުއްޓުނު ކަހަލަ އިހުސާސެއް އޭނާ އަށް ކުރެވުނެވެ. ދުވަހަކުވެސް ވެއްޓިގެން ދިޔަ އަނދަވަޅުން ސަލާމަތްނުވާނެ ކަމަށް އޭނާ ހީކުރިއެވެ. ހިތާމަ އާއި ހިތްދަތިކަމުގައި އިންތިޒާރުކުރީ މަރުވާނެ ދުވަހަކަށެވެ. ދިރިހުރީތީ ދިރިއުޅުނީއެވެ. ޒުވާން އުމުރުގައި ކުރި ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު ތުނބުން ކިރު ވަސް ނުކެނޑެނިސް ލޯ މަތިން އަބަދުގެ އަބަދު ދިޔައީއެވެ. އެހެންނަމަވެސް ހެއްދެވިފަރާތުގެ ރޭވުންތެރިކަން ނިކަން ދެކިބަލާށެވެ. ޒާރާ އަށް ގެއްލިގެން ދިޔައީ އެނާ ދެކެ ލޯބިނުވާ ފިރިއެކެވެ. ބަދަލުގައި އެކަލާނގެ ޒާރާ ގެ ކެތްތެރިކަން އިމްތިހާން ކުރެއްވުމަށްފަހު ދެއްވީ ދެ ދުނިޔެއިން އަންބަކަށް ލިބޭނެ އެންމެ ބޮޑު ނަސީބެކެވެ. އޭނާ ދެކެ ނިހާޔަތަށް ލޯބިވާ ފިރިއެކެވެ. ގެއްލިގެން ދިޔަ ފިރިހެން ދަރިފުޅުގެ ބަދަލުގައި ދެ ފިރިހެން ދަރީން ދެއްވިއެވެ. އެ ދަރިފުޅަށް 'ޔޫކް' ގެ ނަމުން ނަން ދިނީ އައްފާނެވެ. އެއީވެސް ޒާރާ ދެކެ އައްފާނަށް ވެވިފައިވާ ލޯބި ހާމަކޮށްދޭ ވަރުގަދަ ރަމްޒެއް ނޫން ހެއްޔެވެ؟ އިއްތިފާގުން އެ ދަރިފުޅު ވައްތަރުވީވެސް ޒާރާ ގެ އަލަތު ދަރިފުޅު ޔޫކް އާއެވެ. ސުބްހާނަﷲ.... ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާއެވެ!
ޒާރާ އާއި އައްފާންގެ އާއިލާއަށް ބާއްޖަވެރި އަމާން ދަތުރަކަށް އެދެމުން މިހާ ހިސާބުން މި ވާހަކަ ނިންމާލާނަމެވެ. ނިހާނާއި ރޫޔާގެ ލޯބީގެ ދަރުބާރަށް މަރުހަބާ ކިޔަމުންނެވެ.
(ނިމުނީ)