"ކާކު؟ ކިހިނެއްވީ؟" ޒާރާ ސުވާލުކުރީ ފަހަތުން އައި އަވައްޓެރިއަކާއެވެ.
"ޔާރައްބީ... އޭނަ ދުނިޔޭގަ އޮވެއްޖިއްޔާ އެއީ ﷲ ގެ ރަހްމަތްފުޅު. މިއުޅޭ ޖީޒާ. އަހަރެން ކަމަކު އެގެއަށް ވަދެލީ. ދެ ރުއް ދޭތެރެއަށް ވެއްޓިފަ އޮތީ. މުޅިތަނުގަ ލޭގެ ކޯރެއް ހެދިފަ. އަހަންނަށް ހީވަނީ ހާޓަކުއެޓަކު އެއް ކަންނޭނގެ"
ޒާރާ ކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް ޖީޒާ އަށް މިދިމާވިގޮތުން ދެރަވެސްވެއްޖެއެވެ.
****
ޒާރާ ދޮރާށިން އެތެރެއަށް ވަތް ވަގުތު އެއީ ވަސީމާ ބަދިގެ ފަރާތަށް ނިކުތް ވަގުތެވެ. ވަސީމާ ގެ އަތްމަތީގައި ނިއަމް އިނެވެ. ޒާރާ އަށް ހެވުނެވެ. ނިއަމް އަށް ނިދާ ހޭލެވުނީ އަދި ކިރިޔާ ކަން އެނގުނެވެ. ހެވުނީ ނިއަމް ގެ ރުޅި މޫނުކޮޅު ފެނިފައެވެ.
"ހަމަ ދެންމެ ލޯފުޅު ހުޅުވާލީ" ޒާރާ ފެނުމުން ވަސީމާ ބުންޏެވެ.
ޒާރާ ނިއަމް އުރާލިއެވެ. ނިއަމް އަށް ޖޫސްފޮދެއް ދޭން ބަދިގެފަރާތަށް ދާން އުޅެނިކޮށް އެކަން މަނާކުރީ ވަސީމާ އެވެ. ވަސީމާ އެދުނީ ނިއަމް ގޮވައިގެން އެތެރެއަށް ޒާރާ ދާށެވެ.
"ދައްތަ މިދަނީ އެ ހިފައިގެން" ވަސީމާ ބުންޏެވެ.
ޒާރާ ހީލަމުން އެތެރެއަށް ވަނެވެ. މުޅި ދުވަހު އަދި ޒާރާ އަށް އަރާމުކޮށްލަން ވަގުތެއް ނުލިބޭކަން ވަސީމާ ހަނދާނުގައި ހުއްޓެވެ. ވަސީމާގެ ހެޔޮކަން ހިތަށް އެރުމުން ޒާރާ ހެއްދެވިފަރާތަށް ހަމްދުކޮށްލިއެވެ.
****
ނިއަމް ގެ ޖޫސްތަށި ހިފައިގެން ވަސީމާ ކޮޓަރިއަށް ވަންއިރު އައްފާންވެސް ކޮޓަރީގައި އިނެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ޒާރާ އިންއިރު އައްފާން އިނީ ތިރީ ޓައިލްސްތައް މަތީގައި ނިއަމް ކައިރީގައެވެ. ނިއަމް ޖުސްތަށި ދީފައި ޒާރާ އަށް ދިނީ ކޮށާފައި ހުރި ދޮންއަނބު ތައްޓެކެވެ.
"މީރުވާނެ ކާލަބަލަ" ޒާރާ ބަލަހައްޓައިގެން އިނުމުން ވަސީމާ ބުންޏެވެ.
ނިއަމް އަށް ޖޫސް ދެމުން ދިޔައީ އައްފާނެވެ.
"ދައްތަ އަށް އެނގޭތަ! އެއްކަލަ ޖީޒާ މާލެ ފޮނުވާލަނީނު" އައްފާން ބުންޏެވެ.
"ޖީޒާ އޭ. އޭނައަށް ކިހިނެއްވީ؟" ވަސީމާ އެހިއެވެ. "ފަތިހުވެސް އަހަރެން އޭނަ ދުށިން އެދިމާ އަތިރިން" ވަސީމާ އެނދުގައި އިށީނެވެ.
"ސްޓްރޯކެއް ޖެހުނީ. ވަރަށް ހާލު ދެރަ. މިކޮޅުން އެހީތެރިއަކަށް ދާނެ މީހަކު ނެތިގެން ދެންމެ އުޅުނީ. އަސީލަށްވެސް ނުގުޅޭ" އައްފާން ބުންޏެވެ.
"މާތްﷲ ގެ ހަޒްރަތުން އަވަސް ޝިފާއެއް ޖީޒާ އަށް ދެއްވާށި" ހިތާހިތުން ވަސީމާ ބުންޏެވެ.
"ދުނިޔޭގައި ލެއްވިހާ ނުބައި ކަމެއް ކުރަމުން ދުވާއިރު ތިމާ އަށް ނޭނގޭ ތިމާ އަކީ އަޅާލާނެ ޔާރެއް އިޔާރެއް ނެތް އިންސާނެއް ކަމެއް. އަވަސް ޝިފާއާ އެކު ހެޔޮ ވިސްނުންވެސް ދެއްވާށި" ވަސީމާ ބުންޏެވެ.
"ދައްތަ މިދަނީ ރިހަކޮޅު ކައްކާލަން. އަލީ، ދަރިފުޅު ގުރުއާން ކުލާހުން ކުޑަދެބެން ގެނެސްދޭނަން ދޯ" ވަސީމާ ވާހަކަދެއްކިއެވެ. އައްފާން ބޯޖަހާލިއެވެ.
****
ލޯގަނޑު ކުރިމަތީގައި ހުރި ޒާރާ އަށް އައްފާން ބަލައިލިއެވެ. އަލި ނޫކުލައެއްގެ ޓީޝާޓްކޮޅެއްގައި ޒާރާ ހުރިއިރު ބަނޑުކޮޅު ނިކުމެފައި ހުއްޓެވެ. އައްފާނަށް އެހެން ދިމާލަކަށް ބަލައިވެސް ނުލެވުނެވެ. އޭނާ މަޑުމަޑުން ޒާރާ އާ ގާތަށް ދިޔައެވެ. ބޮޑު ކަޅު ހެދުން ގަޔަށް ހެޔޮވަރު ނުކުރަނީސް އައްފާން ކުރިމަތީގައި ހުއްޓިއްޖެއެވެ.
"ތިއައީ އޯ. މިހާރުވެސް ލަސްވެއްޖެ. ޖަންނަ ބުނި އަހަރެން އަންނަންޖެހޭނޭ އެންމެ ކުރިން" ޒާރާ ބުންޏެވެ.
އައްފާން ހިފެހެއްޓީ ޒާރާގެ ދެ އަތުގައެވެ. ހެދުން އަތުލުމަށްފަހު އަލުން ކޮނޑުގައި އަޅުވާފާއި އަލަމާރި އަށް ލިއެވެ. ދެން ޒާރާ ނުވިސްނާ ހުއްޓާ ޒާރާގެ ގައިގައި ބައްދާލިއެވެ. ދެއަތުން ޒާރާގެ ބުރަކަށީގައި ބީހެމުން އައްފާން ދިޔައެވެ. އައްފާންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލު ޒާރާ އަށް އިހުސާސްވާން ފެށުމުން ޒާރާ ގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.
"އައްޔާ" ޒާރާ ގޮވާލިއެވެ. އައްފާން ޒާރާ އަށް ބަލައިލިއެވެ.
"ވަގުތެއް ނެތް" ޒާރާ ބުންޏެވެ.
"އަހަންނަކަށްވެސް ވަގުތެއް ނެތް" އައްފާން ބުންޏެވެ.
އައްފާން ޒާރާގެ ދަތްދޮޅީގައި ހިފަހައްޓާލާފައި ކުޑަކޮށް އުފުލާލިއެވެ. މޫނު އަރިކޮށްލި ގޮތަށް ޒާރާގެ މޫނާ ގާތްކޮށްލިއެވެ.
ޒާރާ އައްފާން ނުހުއްޓުވައެވެ. އައްފާން އަމިއްލަ އަށް ދުރުވެލަންދެން ޒާރާ ހުއްޓެވެ.
"ޒާ ނޫޅޭން ދޯ ލަސްވާތީއެއް. މިހާރު ގަޑިން ކިހާއިރެއްވެއްޖެ ކަމެއް ނޭނގޭތަ؟"
އައްފާންގެ ހަރަކާތްތައް ބަދަލުކޮށްލިލެއް ނިކަން އަވަހެވެ. ޒާރާ ގައިން ދޫކޮށްލި ގޮތަށް ލޯގަނޑާ ދިމާލަށް އެނބުރިފައި ދެއަތުން އިސްތަށިގަނޑު ރީތިކުރަން ފެށިއެވެ. ޒާރާ ހުރީ ހިނިއައިސްފައެވެ. ހުރިހާ ކަމެއް ކުރީ އައްފާނެވެ.
"ރީއްޗެއްނު. އައްޔަ އަހަރެން ހުއްޓުވާފަ އަހަރެން ކުށްވެރިކުރީނު" ޒާރާ ބުންޏެވެ. ލޯގަނޑުން ޒާރާ ގެ މޫނަށް އައްފާން ބަލައިލިއެވެ. ހެދުން ލާން ހުރި ޒާރާ އަށް އައްފާން ބަލަހައްޓައިގެން ހުރިތަން ފެނުމުން ލޯ އަޅާލިއެވެ.
"އަހަރެން ކޮންއިރަކު؟ މިހާރަށް އައިސް އަހަރެން ފެނުނީމަ ޒާ އަށް ތިވަނީ ކިހިނެއް؟ އަހަރެން ނޭވާ ވެސް ލާންޖެހެއޭ. ތިހުންނަނީ އަބަދު އަހަންނަށް ބޭނުންވެފަ. ޒާ އަށް ނޯވޭ ވަގުތެއް ވަގުތެއް. ދެންމެވެސް ކިހިނެއްތަ އެ އުޅުނީ؟" އައްފާން ވާހަކަދައްކަމުން ގަޔަށް ބޮޑީ ސްޕްރޭ ޖަހަމުން ދިޔައެވެ.
"އޯކޭ.. ދެން ބަލާތި އަހަރެން އެހެން އުޅޭތޯ" ޒާރާ ބުންޏެވެ.
ހިނގައިގަންނަން އުޅުނު ޒާރާގެ އަތުގައި އައްފާން ހިފެހެއްޓިއެވެ. ޒާރާ އެއްޗެއް ބުނުމުގެ ކުރިން ކައިރިއަށް ގެނެސްފައި ފަހަތުން ބައްދާލިއެވެ.
"ހިތަށް އަރާ ޒާ އެހެން އުޅޭނެނަމައޭ. އަހަންނަށް މިވާވަރު ޒާއަކަށް ނޭނގޭނެ. ގަޔަށް ބާރު ކުދިކުދި ޓީޝާޓްކޮޅު ލައިގެން މާ ހޮޓްވެގެން އުޅުނީމަ އަހަންނަށް ދޯ ބާރު ކުރާނީ" އައްފާން ބުންޏެވެ.
"އަނެއްކާވެސް ތި ހިފެހެއްޓީ އޯ. މިހާރު ލަސްނުވޭތަ؟" ޒާރާ ބުންޏެވެ.
"މިރޭ އޮންނާނެ ދޯ ކަމެއް" އައްފާން ބުންޏެވެ.
"އުނހު. އެހާ ސޭފްއެއް ނުވާނެ" ޒާރާ ބުންޏެވެ.
އައްފާން މޫނު ކުލަވަރު ބަދަލުވިގޮތް ފެނުމުން ޒާރާ ދެރަވެސްވިއެވެ.
"އަދި ވާނެއްނު. ދެން ކޮއްކޮ ދެރަނުވެބަލަ. ސްމައިލްއެއް ނުދީފިއްޔާ މިރޭ ޕާޓީ އަށް ކޮއްކޮ ނުގެންދާނަން އިނގޭ" މޫނު އަޅަން ހުރި ޒާރާ ބުންޏެވެ.
****
މަގުމަތިވެސް ވެސް އެއްކޮށް ވަނީ ކައިވެންޏަށް ތައްޔާރުކޮށްފައެވެ. ސަލާމްގެ އާއިލާ އެއްވެސް މެންބަރެއް ނެތް ނަމަވެސް ޖަންނަތަށް ހެޔޮއެދޭ ހުރިހާ މީހުން ގޭތެރޭގައި ތަށިމައްޗަށް ތިއްބެވެ. މުޅި ރަށަށް ވަނީ ދައުވަތު އަރުވާފައެވެ. ޖަންނަތު އެދުނު ފަދައިން ޒާރާ ހަތެއް ނުޖަހަނީސް ގޭތެރެއަށް ވަދެއްޖެއެވެ. އޭނާ އެންމެ ފުރަތަމަވެސް ވަނީ ޖަންނަތުގެ ކޮޓަރިއަށެވެ. ޖަންނަތުގެ ބުރުގާ އަޅުވަން ހުރި ޖަމީލާ ދުރަށްޖެހުނީ ޒާރާ ފެނުމުންނެވެ.
"ޒާރާ އައިއިއްސި. ދޮންކަނބުލޯ ހަވާލުވޭ. މާމަ ދަތިޖަހާ ގޮތެއް ލިބާހުގެ ރޫ ނަގާގޮތެއް ޖަންނައަކަށް ކަމަކުނުދޭ" ޖަމީލާ ބުންޏެވެ. ޖަންނަތު ފަހަތް ބަލައިލިއެވެ. ޒާރާ ފެނުމުން ހީލިއެވެ. ރަތްކުލައިގެ ލިބާހުގައި ހުރި ޖަންނަތު ލޯބިކަމުން ފުރަތަމަވެސް ޒާރާ އަށް ހެއްދެވިފަރާތަށް ދުއާކޮށްލެވުނީ އެ ފުރިހަމަ ކަމުގައި އަބަދަށް ޖަންނަތު ލެއްވުމަށް އެދިއެވެ.
"މާމަ މިދަނީ ބަދިގެ ފަރާތަށް" ޒާރާ އާ ހަވާލުކޮށްފައި ނިކުންނަމުން ޖަމީލާ ބުންޏެވެ.
ޖަންނަތު ކުރިމަތީގައި ޒާރާ ހުއްޓުނެވެ. އެއް ދަތިން ޖަންނަތުގެ ބުރުގާ ހައްޔަރުކުރަން ޒާރާ އުޅުނުއިރު އަނެއްދަރި އޮތޯ ޒާރާ ގެ ދެ ތުންފަތުން ހިފަހައްޓާލާފައެވެ.
"ދެން ބުނެބަލަ މި ލިބާސް ރީއްޗޭ" ޖަންނަތު ބުންޏެވެ.
ޒާރާ ކުޑަކޮށް ފަހަތަށް ޖެހިލާފައި ބަލައިލިއެވެ. ރަތްކުލައިގެ ކަސަބު އެޅި ރީތި ލިބާހެކެވެ. ޖަންނަތުގެ ހިމަ ހަށިގަނޑާ ނުލާހިކު ގުޅެއެވެ. ބޮލުގައި އޮތް ބުރުގާގެ ދަށުން ފެންނަން އޮތް ކަޅު ބުރުގާގެ ބޮޑުބައެއް ވަނީ ނިވާކޮށްފައެވެ. ނިތްމަތިން ފެންނަން އޮތް ތަންކޮޅު ނޫނީ ބުރުގަލުގެ މާބޮޑު ބައެއް ނެތެވެ. ބުރުގާ ވަނީ ރަތްކުލައިގެ ލޭސް ފޮތިންނެވެ. އެންމެ އިހުޒަމާނުގައި އަންހެނުން އީދު ދުވަހަށް ތައްޔާރުވާ ފަދައިން ޖަންނަތު ތައްޔާރުކުރީ ޒާރާ އެވެ.
"މާމަ އަށް ވުރެ ޒާ މޮޅެއްނު" އަމިއްލަ ސޫރައަށް ލޯގަނޑުން ބަލައިލަމުން ޖަންނަތު ބުންޏެވެ.
"ކޮބާ ސަލާމް؟ އަހަރެން ބޭނުމީ އޭނަ ބަލާލަން" މަޖާވެފައި ޒާރާ ބުންޏެވެ.
ކޮޓަރީ ދޮރު ހުޅުވާފައި މީހަކު ސަލާމް ގޮވާލުމުން ޒާރާ ބަލައިލިއެވެ. ވަދެގެން އައީ ނޫރީނެވެ.
"ޖަންނަދައްތަ ގޮވައިގެން އަންނާށޭ މާމަ ބުނީ" ނޫރީން ބުންޏެވެ. ތަންކޮޅެއް ދުރުގައި ހުއްޓިފައި ނޫރީން ވެސް ޖަންނަތަށް ބަލައިލިއެވެ. ނޫރީން ހީލިގޮތުން އެކަނިވެސް ޖަންނަތު ތައްޔާރުކޮށްފައި ހުރިގޮތް ނޫރީނަށް ކަމުދިޔަކަން ޒާރާ އަށް އެނގުނެވެ.
"ނޫރް ދޭ. ދޮންތި މިދަނީ ޖަންނަ ގޮވައިގެން" ޒާރާ ބުންޏެވެ.
ނޫރީން ހިނގައިގަތުމާއެކު އަނެއްކާވެސް ޒާރާ ގޮވާލިއެވެ.
"ދޮންތިބެ އައިސްފިތަ؟" ޒާރާ އެހިއެވެ.
"އެބަހުރި މަގުމަތީގަ" ނޫރީން ބުންޏެވެ.
އެވަގުތުގައި ވެސް ޒާރާ އައްފާން ހޯދުމުން ޖަންނަތު ދިމާކޮށްލިއެވެ. ޒާރާ ހީލިއެވެ.
"ކީއްކުރާނީ މިއީ ލޯބިވީމާ ހަމަ ވާގޮތް. އަބަދުވެސް އައްޔަ ކުރިމަތީގަ ހުރިއްޔާ ރަނގަޅީ. ތެދަށް ބުނަންޏާ އައްޔަ އާ އެކު މިހާރު އަހަރެން މިއުޅެނީ ހިތަށްވެސް ނާރާހާ އުފާވެރި ދުނިޔެއެއްގަ. އަހަންނަށް ހީވަނީ އަހަރެން އައްޔަ އާ ނުލާ މޮޔަވެދާނެހެން" ހިޔާލީ ގޮތަކަށް ޒާރާ ވާހަކަދެއްކިއެވެ.
"ހޮއެ ހޮއެ..." ޒާރާ ގެ މޫނުގެ ދެފަރާތުގައި ޖަންނަތު އަތުން ކުޑަކޮށް ޖަހާލިއެވެ. ޒާރާ އަށް ހަމަ ދުނިޔެއަށް އާދެވުނީ ދެނެވެ.
"ކޮންމެހެން ޝީރީން ފަރުހާދު އަލުން އުފަން ކުރަން އުޅޭނެ ކަމެއް ނެތް. މަ މަގޭ މަޖުނޫން ކައިރިއަށް އަވަހަށް ގެންގޮސްދީ" ޒާރާ ބުންޏެވެ.
ޒާރާ އަށް ހެވުނެވެ. ޖަންނަތުގެ އަތުގައި ހިފައިގެން ދޮރާ ދިމާލަށް ހިނގައިގަތެވެ.
ޒާރާ އާ އެކު އައި ޖަންނަތު ފެނުމުން ސަލާމް އެދިމާލަށް ހިނގައިގަތެވެ. ހުދު ކުލައިގެ އަތްދިގު ގަމީހާއި ހަމަ އެކުލައިގެ ގޮޅިޖެހި މުންޑުގައި ސަލާމަށް ހިނގަންވެސް އުނދަގޫވިއެވެ. ބޮލުގައި އައްސާފައިވާ ހުދު ކުލައިގެ ފޮތިގަނޑުގެ ސަބަބުން އޭނާގެ ބޮލުގައިވެސް ރިހެމުން ދިޔައެވެ. ހުރިހާ މީހުންގެ ތެރެއިން ޖަންނަތުގެ އަތްތިލައިގައި ސަލާމް ހިފާލިއެވެ. ޖަންނަތު ގޮނޑި އާ ހަމައަށް ގެންދިޔައީ ސަލާމެވެ. އަނެއްފަރާތުގައި ޖަމީލާ ވެސް ހުއްޓުނީ ސަލާމް އިޝާރާތް ކުރުމުންނެވެ. ރާއްޖޭގައި ކުރާ މުސްލިމް ކައިވެންޏަކީ ސަލާމް ވަރަށް ގަޔާވާ ކައިވެންޏެކެވެ. އެ ކައިވެންޏަށް ސަލާމްގެ އާއިލާ ނުގަބޫލެއް ނޫނެވެ. ނުގަބޫލުވީ ކައިވެންޏަށްފަހު ސަލާމް ރާއްޖޭގައި ދިރިއުޅުމަށެވެ. އިންޑިޔާގެ އާދައިގެ އަވަށެއްގައި ހުކުރު މިސްކިތެއްގެ މުދިމެއްގެ ވަޒީފާ އަދާކުރާ ސަލާމްގެ ބައްޕަ ތޮއްޔިބު ބޭނުންވީ ޖަންނަތުގެ އާއިލާ އެމީހުންނާ އެކު ދިރިއުޅޭށެވެ. އެކަމަށް ސަލާމް އިންކާރުކުރީ އެކަން ޖަމީލާ އަށް ވެސް ނޭނގިއެވެ. ކުއްލިއަކަށް މުޅި ދިރިއުޅުން އެހެން މާހައުލަކަށް ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫންކަން ސަލާމަށް އެނގެއެވެ. އޭނާ ހަޔާތުގެ ބައިވެރިއަކަށް ޖަންނަތު އިހްތިޔާރުކުރީ ހުރިހާ ގޮތަކުންވެސް އޭނާ އަށް ޖަންނަތު ކަމުދިޔައިމައެވެ. އޭނާ ބޭނުންވަނީ ފިރިއެއްގެ ފަރާތުން ފުރިހަމަ ލޯތްބާ އަޅާލުން ޖަންނަތަށް ދޭށެވެ. ޖަންނަތާއި އެންމެ ކުޑައިރުން ފެށިގެން ޖަންނަތު ބަލާ ބޮޑުކުރި ، އަދި މިއަދު އުމުރުން ދުވަސްވެފައި އިން އަންހެން މީހާ އަށް ތަކުލީފު ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.
****
މުޅިން އައު ދުވަހެކެވެ. އަނެއްކާވެސް އުންމީދުން ފުރިގެންވި ދުވަހެކެވެ. ޒާރާގެ އުފާވެރި ހަޔާތުގައި އަނެއްކާވެސް ރީތި ކުލައަކުން ކުލަ ޖެއްސޭނެ ދުވަހެކެވެ. ފަހަކަށް އައިސް މިހާރު ހުރިހާ ދުވަހަކީ ޒާރާ އަށް އެކަހަލަ ދުވަހެކެވެ. ކުޑަކުޑަ ނިއަމް ޒާރާ ގެ ދެއަތުގެ ތެރޭގައި ބޮޑުވާތަން ފެނުމަކީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ނިދިފައި އޮވެފައި ޒާރާ އަށް ހޭލެވުނީ ކުއްލިއަކަށެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއިރު މެންދުރުން އަނބުރާ ދޭއް ޖަހައިފިއެވެ. ބަނޑަށް ދުވަސްވަމުން ދާވަރަކަށް އޭނާގެ ހަށިގަނޑު ލޮޑުކަން ދިޔައީ އިތުރުވަމުންނެވެ. ފުރަތަމަ ފަހަރާ ހިލާފަށް ބަނޑު ނިކުންނަނީ މާ އަވަހަށެވެ. ހަށިގަނޑުގައި މަސްޖަހާ މީހާ ކުލަ އިތުރަށް އަލިވެއްޖެއެވެ. އެހެންނަމަވެސް އަބަދު ހުންނަނީ ވަރުބަލިވެފައެވެ. އެހެންކަމުން އަބަދު އޮށޯވެގެން ނޯންނަންވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ކައިރީގައި ނިދާފައި އޮތް ނިއަމް އަށް ޒާރާ ބަލައިލީ ނުލާހިކު ލޯބިންނެވެ. ނިއަމްގެ ކޮލުގައި ޒާރާ ބޮސްދިނެވެ. އެއަށްފަހު އޭނާ އަމިއްލަ ބަނޑުގައި ފިރުމާލިއެވެ. ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށް ޒާރާ އެދަނީ އެތައް އިންތިޒާރެއް ކުރަމުންނެވެ. ކުއްލިއަކަށް ޒާރާ ބަލައިލީ އަތުގައި އޮތް ފޯނަށް މެސެޖެއް އައިކަން އެނގުމުންނެވެ.
"ހައި މައި ސްލީޕިންގ ބިއުޓީ..." އައްފާންގެ މެސެޖް ގެ ފުރަތަމަ ތަންކޮޅު ކިޔާލާފައި ޒާރާ ގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
"ދާންވާއިރަށް ވަރަށް ލޯބިލޯބިކޮށް ތައްޔާރުވެގެން ހުންނައްޗެ......" ޒާރާ ހިތް އަވަސްވެލިއެވެ. ތައްޔާރުވާންވީ ކޮންކަމަކާ ގުޅިގެންތޯ އަހަން މެސެޖްކުރަން އުޅުނު ވަގުތު އެ މެސެޖާ ގުޅުވާފައި އޮތް ބައި ކިޔާލެވިއްޖެއެވެ.
"އުނހު... ސަޕްރައިޒެއް. ނުއެއް ބުނެވޭނެ." ޒާރާ ކައިރިއަށް ހިނިއައެވެ. އޭނާ އަހާނެކަން މާކުރިންވެސް އައްފާނަށް އެނގުނީއެވެ.
"ތިނެއް ޖަހަންވާއިރަށް ދާނަން އިރާދަކުރެއްވިއްޔާ" އައްފާން ފަހުން ފޮނުވާލާފައި އޮތް މެސެޖް ކިޔާލިއެވެ.
ޒާރާ ގަޑި ބަލައިލިއެވެ. އަދި ކިރިޔާ ދޭއް ޖެހީއެވެ. އަދި ވަރަށް ވަގުތު އެބައޮތެވެ. ތެދުވާހިތެއް ނެތެވެ. އެކަމަކު ނުތެދުވެ ވާކަށްވެސް ނެތެވެ. މެންދުރު ހަމައެކަނި ޖޫސްތައްޓެއް ބޮއެގެން ހުރުމުން ބަނޑުހައިވެސް އެބަވެއެވެ. އަނެއްކޮޅުން ދައްތަ ހުންނާނީ އޭނާ ކާން ނިކުންނަންދެން ނުކައެވެ. މަޑުމަޑުން އެނދުން ތިރިއަށް ދެފައި ބާލާފައި އޭނާ އިށީނެވެ. ސައިޑް ކަބަޑުމަތީގައި ހުރި ކަލަންޑަރު ފެނުމުން އޭނާ އެއަށް ބަލައިލިއެވެ. ދުވަސްތައް އަރައިގެން މިދަނީ ހާދަ އަވަހަށެވެ. ބަނޑުބޮޑުކަން އެނގުނީ އަދި އިހަކަށް ދުވަހުއެވެ. މިހާރު މީނީ ވިހަންވެފައެވެ. އިންސާނަކު އުފަލެއް އިހުސާސް ކުރާނަމަ ވަގުތަކީ ހާދަހާވާ ކުރު އެއްޗެކެވެ. އެހެންނަމަވެސް ހިތާމައެއް ތަހައްމަލު ކުރާނަމަ އެންމެ ދުވަހެއް ހީވަނީ އެއް ގަރުނު ހެންނެވެ. ޒާރާ ހީލާފައި ކަލަންޑަރު ބެހެއްޓިއެވެ. އިންސާނުން ކިތަންމެ ބޭނުންވިޔަސް ކޮންމެ ވަގުތަކީ ވެސް ފާއިތުވާނެ އެއްޗެކެވެ. އެއީ ގުދުރަތީ ގާނޫނެވެ.
****
ބޭރަށް ދާން ތައްޔާރުވެގެން ގޭތެރެއިން ޒާރާ އަށް ވުރެ ކުރިން ނިކުމެވުނީ އައްފާނަށެވެ. ޒާރާ ވަސީމާގެ ކޮޓަރިއަށް ނިއަމްގެ ބޫޓު ނަގަން ވަނުމުން އައްފާން މަޑުކޮށްގެން ހުއްޓެވެ. ނިއަމްގެ އިނގިލީ ކުރީގައި ހިފަހައްޓާލައިގެން އައި ޒާރާ ފެނުމުން އައްފާން ހައިރާންކަމާއެކު ޒާރާ އަށް އަނެއްފަހަރު ކުރިމައްޗަށް ނަޒަރު ހިންގާލައެވެ. ބަޔަކު އައިސް ތިބިތަން ޒާރާ އަށް ފެނުނީ ގޭތެރެއިން އެއްކޮށް ނިކުމެވުމުންނެވެ.
ޖޫލިޔާ ފެނުމުން ޒާރާ އަށް ހައިރާންކަމެއް ލިބުނެވެ. ކުއްލިއަކަށް ޖޫލިޔާ ކުރިމައްޗަށް އެ އައީ ހާދަ ދުވަހަކަށްފަހުގައެވެ. އަނެއްކާ ޖޫލިޔާ ގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޖޫލިޔާ ގެ ކައިރީގައި ހުއްޓި ހުރި އަންހެންކުއްޖާ ފެނުމުން އައްފާނަށް ފުރަތަމަ ލިބުނީ ހައިރާންކަމެވެ. އެހެންނަމަވެސް އޭނާ އެނގޭ ކަމަށް ނެހެދިއެވެ. މެހެމާނުންނާ ފުރަތަމަ ވާހަކަދެއްކީ އައްފާނެވެ.
"ވަންނަވާ އެތެރެއަށް" އައްފާން ވާހަކަދެއްކީ އެއީ ފައްވާޒްގެ މަންމަ ކަން އޭނާ އަށް އެނގޭތީއެވެ. އެއްފަރާތު ފާރު ކައިރީގައި ހުރި ޖޯލިފައްޗާ ދިމާލަށް ޖޫލިޔާ ބަލައިލިއެވެ. އެހެންނަމަވެސް އިށީންނަން ނޫޅެ ބަލައިލީ ޒާރާ އަށެވެ.
"އަޅުގަނޑު ބޭނުންވަނީ ޒާރާ އާ ބައްދަލުކޮށްލަން" ޖޫލިޔާ ބުންޏެވެ.
އައްފާން އައިސް ޒާރާ ކައިރީގައި ހުރި ނިއަމް އުރާލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ގޮނޑި ޒާރާ އާ ގާތްކޮށްލާފައި އެގޮނޑީގައި ޒާރާ އިށީންނަން އޭނާ އެހީވެދިނެވެ. ޖޯލިފަތީގައި ޖޫލިޔާ އިށީނީ ވާހަކަދައްކަން ޒާރާ ވަގުތު ދިނުމުންނެވެ.
"އަހަރެން މީނީ މަގުމަތި ޖޯލީގަ އެނގޭ" ޒާރާ ގެ ކޯތާފަތުގައި ފިރުމާލަމުން އައްފާން ބުންޏެވެ. އައްފާންގެ އަތުގައި ހިފަހައްޓާލަމުން ޒާރާ ބޯޖަހާލިއެވެ. އެ މަންޒަރު ފެނުމުން ޖޫލިޔާ ހިންދިރުވާލިއެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމަފިރިން ދުރުކުރަން އޭނާގެ ދެލޯ ނޭދި އެދޭ ދަރިފުޅު އުޅުނު ގޮތުން ހިތުގައި އިންތިހާ އަށް ރިއްސައިގަތެވެ.
"ލައްބަ ބުނޭ" ޒާރާ ބުންޏެވެ.
ދައްކަން އައި ވާހަކައިގެ ގޮތުން ކަންނޭނގެއެވެ. ޖޫލިޔާގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. އެ މަންޒަރު ފެނުމުން ޒާރާ ގެ ހިތަށް އަސަރުކުރިއެވެ. ބުނާނެ އެއްޗެއް ޒާރާ ގެ ދުލަކަށް ނައެވެ.
"ފައްވާޒްގެ ހަށިގަނޑުގައި ހަމައެކަނި ވިންދު ހުރިކަން. އެކުއްޖާ ދިރިއުޅުމުގެ ބޭނުން ކެނޑިއްޖެ" ޖޫލިޔާ ރޮމުން ވާހަކަދެއްކިއެވެ.
ޒާރާ އިންތިހާއަށް ދެރަވެއްޖެއެވެ. އެހެންނަމަވެސް އެކަމުގައި އޭނާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކޮންމެ ކަމެއްވެސްވެ ނިމިގެންދާނީ އެކަމެއް ވާން އެކަލާނގެ އިރާދަފުޅު ކުރައްވާފައިވާ ގޮތަށެވެ.
(ނުނިމޭ)