"އަހަރެންގެ ހުރިހާވެސް އުފަލަކީ މިގޭ ހަތަރުފާރުން އެތެރޭގަ ދިރިއުޅޭ މީހުން. އަހަރެން މިއުޅެނީ ދުވަހަކުވެސް އިންސާނަކު ލޮލުން ނުދެކޭހާ އުފާވެރި ދިރިއުޅުމެއް. އަހަރެންގެ އަލަތު ލޯތްބަކީވެސް އަދި އާޚިރަތުގެ ލޯތްބަކީވެސް ޒާރާ. އެނާ މިހާރު އެދަނީ އަހަރެންގެ ދަރިއަކު މިދުނިޔެއަށް އުފަންކުރަން ތައްޔާރުވަމުން. އަހަރެންގެ ދިރިއުޅުމުންވެސް އަދި ނިއަމްގެ ހަޔާތުންވެސް ނުހާ އަށް ކުޑަވެސް ޖާގައެއްނެތް. ނުހާ މިގެއިން ދޭ. އެހެންނުނީ އަހަންނަށް ޖެހޭނީ ނުހާ އަށް ވިސްނައިވެސް ނުގަނެވޭވަރުގެ ފިޔަވަޅެއް އަޅަން"
އިސްޖަހައިގެން ހުރި ނުހާ ރޮމުން ދިޔައެވެ. އައްފާން ދެއްކި ވާހަކަތަކަށް ފަހު ދޭނެ ޖަވާބެއް އޭނާގެ ދުލަށް ނައެވެ.
ނުހާ އަމިއްލައަށް ނިކުމެގެން ދޭތޯ އައްފާން މަޑުކޮށްގެން ހުއްޓެވެ. ޖީބުން ފޯނު ނެގީ ނުހާ އެއްވެސް ހަރަކާތެއްނުކޮށް ހުރުމުންނެވެ. ހީވާގޮތުން އަދިވެސް ދާން ނުހާ ބޭނުންނުވާ ކަހަލައެވެ.
"ހަލޯ... ނުހާގެ ކުޑާ... ނުހާ މިގެއިން ގެންދޭ. ނުހާ ކައިރީގަ ބުނެދީ އަހަރެންގެ ދިރިއުޅުމަށް އުނދަގުނުކުރާށޭ. އަހަރެން ދުވަހަކުވެސް ނުހާ އަށް އުނދަގުކުރާކަށް ނުދާނަން"
ނުހާ ކަރުނަތަކާއެކު އައްފާނަށް ބަލައިލިއެވެ. އައްފާން އެކުރީ އޭނާ އެންމެ ކުރަން ބޭނުންނުވި ކަންތަކެވެ. އަނެއްކާވެސް އާއިލާ މީހުން ކުރިމަތީގައި އެވެއްޓުނީ އަގެވެ. ކުރާނެކަމެއް ނެތެވެ. އައްފާނަށް އެވަނީ ހީނުކުރާހާ ބޮޑު ބަދަލެއް އައިސްފައެވެ. އައްފާންގެ ހިތުގެ ކަނެއްގައި ކުޑަ މިންވަރެއްވެސް ލޯބި އޮތްކަމަށް ކުރެވުނީ ކުށްހީއެކެވެ. ހުސްއަތާ ފުރައިގެން ދާންވީއެވެ. ބަލި ގަބޫލުކުރަންވީ ވަގުތު ޖެހުނީއެވެ. ދޮރާ ދިމާލަށް ނުހާ އެއް ފިޔަވަޅު އެޅިއެވެ. އައްފާނާ އެއްހަމައެއްގައި ހުއްޓިފައި އައްފާނަށް ބަލައިލިއެވެ. އަހަރެން ހަމަ ދާންވީ ހެއްޔޭ އަހާލި ކަހަލައެވެ. އައްފާންގެ ސަމާލުކަން ނުލިބުމުން އޭނާ މޫނު އަނބުރާލިއެވެ. އެހިނދު އަނެއްކާވެސް ނުހާގެ ސަމާލުކަން އަތުލީ ކުޑަކުއްޖެއްގެ ހުނުމުގެ އަޑަށެވެ. ފަހަތަށް އެނބުރި ނުހާ ބަލައިލިއެވެ. ކުޑަ އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ފެންޑާއިން ނިކުމެގެން އެ އަންނަނީ ދުނިޔޭގެ އުފަލާ އަރާމަށްޓަކައި މައިވަންތަ ލޯބިން އޭނާ މަހުރޫމު ކުރި އޭނާގެ އަލަތު ދަރިފުޅެވެ. ދޮންދޮން މޫނެކެވެ. ޗަބީ ކޮލެކެވެ. އައްފާން ފަދައިން ފަން އިސްތަށިގަނޑެކެވެ. ކުދިކުދި ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް އައި ނިއަމް އުރާލީ ޒާރާ އެވެ. ޒާރާގެ ކަރުގައި ނިއަމް ބައްދާލި މަންޒަރު ފެނުމުން ނުހާ ކަރު އެލުވާލިއެވެ. ދުވަހަކުވެސް އެކުއްޖާ އޭނާ އަށް މަންމާ އޭ ކިޔާ ގޮވާކަށް ދެން ނާންނާނެއެވެ. މިއީ ހަގީގަތެވެ. ހަގީގަތް ގަބޫލުކޮށްގެން ނުހާ ދޮރުން ނިކުތެވެ. މުޅިންވެސް ނުވިސްނުމުގެ ނަތީޖާއެވެ. ހަމަބިމަށް މިއާދެވުނީ ހާދަ ވަގުތެއް ފާއިތުވިފަހުންނެވެ. އަމިއްލަ އެދުން އިސްކޮށް ރަހްމަތްތެރިންގެ ދަރަޖަ މަތިކުރެވުމުން މިވީ ހާދަ ދެރަގޮތެކެވެ. މަގު ހުރިގޮތަށް ހިނގާފައި ދިޔަ ނުހާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެ ކަރުނަތަކަށް ހަމްދަރުދީވާނެ އެއްވެސް އިންސާނެއް ނެތެވެ. ލޯބިވާ ހަމަ އެންމެ މީހެއްވެސް ނެތެވެ. ރަނގަޅު މަގަށް މަގު ދައްކަން ލޯބިވާ މީހުން ކިހާ މަސައްކަތެއް ކުރި ހެއްޔެވެ. ފަހު ވަގުތުގައިވެސް ކުރެވެން އުޅުނީ ނުބައި ކަމެކެވެ. ޖީބުގައި އޮތް ކަޓަރު ނަގާފައި ދުރަށް އޭނާ އެއްލާލިއެވެ. ކުރެވެން އުޅުނު ފާފައިން ސަލާމަތްވީތީ ނުހާ އުފާކުރިއެވެ.
****
ނިއަމް ނިންދަވާފައި އެނބުރުނު ޒާރާ އަށް ބަލައިލެވުނީ ފަހަތުން އައިސް ދާދި ކައިރީގައި ހުއްޓުނު އައްފާން ފެނިފައެވެ. ކޮޅަށް ތެދުވިގޮތަށް އައްފާންގެ މޭގައި ޒާރާ ބޯއެޅިއެވެ. އެ މޭގެ ތަނަވަސްކަން ޒާރާގެ ހިތަށް އިހުސާސްވުމާއެކު ދެލޯ މަރާލެވުނެވެ. ދުނިޔެއިން އޭނާ އަށް ލެއްވި ނަސީބަކީ ޔަގީނުންވެސް އެއީ ކަން އޭނާ އެއްވެސް ޝައްކެއްނެތް މިންވަރަށް ގަބޫލުކޮށްފިއެވެ.
"އައްޔާ. އަހަރެން ވަރަށް ލޯބިވޭ އައްޔަ ދެކެ. އަހަރެން ވަރަށް ވަރަށް ލޯބިވޭ" ޒާރާ ބުންޏެވެ.
އައްފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޒާރާގެ ބުރަކަށީގައި ފިރުމާލިއެވެ. ޒާރާގެ ދުލުން އެހެން ބުނެލާ ކޮންމެފަހަރު އޭނާގެ ހިތަށް ލިބިގެންދަނީ ބަޔާންނުކުރެވޭވަރުގެ ހިތްހަމަޖެހުމެކެވެ. އެއީ ހާދަ ދުވަހެއް ވަންދެން އޭނާ ކުރި އިންތިޒާރެއްގެ ނިމުމެވެ. މާތްﷲ ގެ ކުޅަދުންވަންތަވެރިކަން އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑެވެ.
"އަހަރެންވެސް. ޒާ ތިވާ ވަރަށް ވުރެ މާބޮޑަށް" އައްފާން ބުންޏެވެ.
"ގަބޫލުކުރަން.... " އައްފާންގެ މޫނަށް ބަލައިލަމުން ޒާރާ ބުންޏެވެ.
"މިރޭ ޖަންނަގެ ޝާދީ އަށް ދާން އެއްވެސް އެއްޗެއް ގަންނަން ބޭނުންތަ؟" އައްފާން އެހިއެވެ.
"ކީކޭ ޝާދީ އޭ" ހީލާފައި އައްފާންގެ އަތުތެރެއިން ޒާރާ ނިކުތެވެ. ދޮންނަން ނަގާފައި ހުރި އަންނައުނުތައް ޒާރާ ނަގަން ފެށުމުން އައްފާން އިށީނެވެ.
"އިންޑިޔާ މީހުން ކުރަނީ ޝާދީއެއް ނޫންތަ؟" އައްފާން ބުންޏެވެ.
"އިންޑިޔާ މީހަކަށް ވިޔަސް ސަލާމް އެއީ ސަތޭކަ ޕަސެންޓް މުސްލިމެއް. އެ ބުނީނު ޖަންނަ އާ މާމަ ދޫކޮށްފަ އޭނަ ދިރިއުޅޭކަށް ނުދާނަމޭ. މާމަ ގަބޫލުވާނީ ސަލާމްގެ ފަރާތުން ވަރަށް ބޮޑަށް ޔަގީންކަން ލިބުނީމަ" ޒާރާ ބުންޏެވެ.
"ތިއީ ތެދެއް. އެހެންވީމަ މި ރެއަށް ޒާ ރެޑީވައްޗޭ. އަހަރެން މި އަންނަނީ އާއިން މާމަ ގެއަށް ގެންގޮސްފަ" އައްފާން ބުންޏެވެ.
ކޮޓަރިން ނިކުތީ ދެމަފިރިން އެއްކޮށެވެ. ޒާރާ ހިނގައިގަތީ ދޮންނަ ގެއާ ދިމާލަށެވެ. އައްފާން ދޮރާއްޓާ ދިމާލަށް ދަނިކޮށް އަނެއްކާވެސް ޒާރާ ގޮވާލިއެވެ.
"މަންމަ ގެއަށް ދާން ނިކުމެލަންތަ؟ ސައްވީސް ގަޑިއިރުވެއްޖެ އެގެއަށް ނުދާތާ. އެއްރަށެއްގައި އުޅޭއިރު މަންމަ ކައިރިއަށް ނުގޮސް ހުންނާކަށް ނުވާނެއްނު" ޒާރާ ވާހަކދެއްކިއެވެ.
އައްފާން ހީލިއެވެ. މަންމަ ކައިރިއަށް ޒާރާ ދާން ބޭނުންވާވަރު އޭނާ އަށް އަންދާޒާ ކުރެވެއެވެ.
"އެންމެރަނގަޅު. އެކަމަކު ބަލައިގެން އުޅެއްޗެ. އެއްވެސް އެއްޗަކަށް ބޭނުވިއްޔާ އަހަންނަށް ގުޅައްޗެ" އައްފާން ބުންޏެވެ.
ޒާރާ ބޯޖަހާލިއެވެ. ނިކުންނަމުންވެސް އައްފާން ނިކުތީ އަތުން ކޮށްލި އިޝާރާތަކުން ޒާރާދެކެ ލޯބިވާކަން ހާމަކޮށްދީފައެވެ.
****
ޖޫލިޔާ ކޮޓަރިން ނިކުތްއިރު ސޯފާގައި އިން އަންހެނެއް ފެނި ހައިރާންވިއެވެ. ހަޅޭއްލަވައިގަންނަން ވީކަމެއް ނުވަތަ އެ އަންހެނާ އަށް މަރުހަބާ ކިޔަންވީ ކަމެއް ޖޫލިޔާ އަށް ނޭނގުނެވެ. ހަގީގަތަކީ އެއިން އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް އޭނާގެ ނެތްކަމެވެ. އެއްވެސް ކަމެއް ކުރާވަރަށް ވުރެ އޭނާގެ ނަފްސު ވަނީ ބަލިކަށިވެފައެވެ.
"ދަރިފުޅު ދޭބަލަ ދޮންބެ ކައިރީގަ މަޑުކޮށްލަން" ކޮމްޕިޔުޓަރު ކައިރީގައި އިން ހަގު ދަރިފުޅަށް ޖޫލިޔާ ބުންޏެވެ.
ޖޫލިޔާ ސޯފާގައި އިށީނީ އަންހެންކުއްޖާ އާ ތަންކޮޅެއް ދުރުގައެވެ. ވާހަކަދައްކަން ފަށަންވީ ކޮންދިމާލަކުން ކަމެއް އޭނާ އަށް ނޭނގުނެވެ. ހިތުގައި އިހުސާސްތައް ގިނަވެގެން ގޮސް ޖޫލިޔާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.
"އަހަރެން ދުނިޔެއަށް ނޭވާލާކަން އެކަނި. އަހަރެން ނެތް. އަހަރެންގެ ދަރިފުޅު މަރުގެ ތުންފަތް މައްޗަށް ވެއްޓުނު ދުވަހުން ފެށިގެން އަހަރެންގެ ދިރިއުޅުން ދޫކޮށްލައިފިން. ކުއްލިއަކަށް މުޅި ދުނިޔެމަތިން އަހަރެން ފޫހިކޮށްލައިފި. މީހަކާ ވާހަކަދައްކާހިތެއް ކާއެއްޗެއް ކާހިތެއް ފެންވަރާހިތެއް ވަޒީފާ އަދާކުރާހިތެއްނުވޭ" ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޖޫލިޔާ ފޮހެލިއެވެ. އެއަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
"އެކަމަކު އަހަންނަށް އެނގޭ މިއީ މާތްﷲ ގެ މިންވަރުފުޅުގަ ހުރިގޮތް ކަން. މިއީ އިމްތިހާނެއްކަން. މިދުވަސް ވެސް ހިނގައިދާނެކަން. އަހަރެން ހިތްވަރު ކުރާނަން. އެންމެފަހު ވަގުތާ ހަމައަށް ހިތްވަރުކުރާނަން. އެދަރިން ބޮޑުކޮށް މީހުންނަށް ހެދީވެސް އަހަރެން އެކަނި ކުރި މަސައްކަތުން"
ކުއްލިއަކަށް ޖޫލިޔާ ސިހުނީ އޭނާގެ ފައި ދަށަށް މާހީ ތިރިވުމުންނެވެ. ހައިރާންވެފައި ޖޫލިޔާ ދެފައި ތަންކޮޅެއް ދުރަށް ޖައްސާލިއެވެ.
"މާތްﷲ ގަންދީ ބުނަން މަންމާ. އަހަރެން މިއައީ ކުރީގެ މާހީ ދޫކޮށްލާފަ. ހަމައެކަނި ފައްވާޒަށްޓަކައި. އަހަރެންނަށް އިހުސާސްވެއްޖެ. އަހަރެން ފައްވާޒް ބޭނުންވަނީ މުޅި އުމުރަށް. އަހަރެން އިސްލާހު ވެއްޖައިން މަންމާ. އެ ވިޔާނުދާ ދިރިއުޅުމަށް އަހަރެން ދެން ދުވަހަކުވެސް އެނބުރި ނުދާނަން. މަންމަ އަށް ފެނިއްޖެއްނު އަހަންނަށް އައިސްފަ ހުރި ބަދަލު. މިބަދަލުގަ މަރުވަންދެން ހުންނާނީ. މަންމާ! މަންމަ ވީ ކޮންމެ ހާލެއްވާން އަހަރެން ހުންނާނަން. އަހަރެންނަށް ފުރުސަތުދީ" މާހީ ވާހަކަދައްކަމުން ދިޔައެވެ.
ޖޫލިޔާ އިނީ ގަބޫލުނުކުރެވިފައެވެ. މާހީ ހަމަ ބަދަލުވީ ހެއްޔެވެ؟ ލައިގެން ހުރި ހެދުމާ އަޅާފައިވާ ބޮޑު ބުރުގާ މާހީގެ ބަދަލުވެފައިވާ ދިރިއުޅުން ޖޫލިޔާ ގެ ލޮލަށް ދައްކައިދީފިއެވެ. މާހީ އަށް އެވަނީ ހަގީގަތުގައިވެސް އެކަލާނގެ ހިދާޔަތް ދައްކައިދީފައެވެ.
"ކުއްލިއަކަށް މާހީ އަށް ތިހާ ބޮޑު ބަދަލެއް ތިއައީ ކީއްވެ؟ މާހީ ނުރަނގަޅު ގޯޅިއެއް ނާޅުވާނެކަމުގެ އޮތީ ކޮން ޔަގީންކަމެއް؟"
"އަހަރެން ވައުދުވަން.. އިތުރަށް ދޭނެ ޔަގީންކަމެއް ނޭނގޭ" މާހީ އިސްޖަހާލިއެވެ.
"އަހަރެން ކައިރީގައި ބުނެދީފާނަންތަ މާހީ ބަދަލުވީ ކީއްވެގެންކަން" ޖޫލިޔާ އެހިއެވެ.
"މިއީ އަހަރެންގެ މައިންބަފައިން އަހަންނަށްޓަކައި ކުރި ހެޔޮ ދުއާގެ ނަތީޖާ. މައިންބަފައިން ކުރި އުއްމީދު. އަހަރެން ފަވާ ދެކެ ވާ ލޯބި. އަހަންނަށް އެނގޭ ފަވާ އަހަރެން ދެކެ ލޯބިނުވާކަންވެސް. އެކަމަކުވެސް ހެޔޮ. ﷲ އަށްޓަކައި އަހަރެން ލޯބިވާނަން" މާހީ ބުންޏެވެ.
"ތިހެން ދުލުން ބުނެލަން ފަސޭހަވެދާނެ. އެ ކޮޓަރިއަށް ގޮސް ބަލައިލަބަލަ ފައްވާޒް އޮތް ހާލު. އެއަށްފަހު މާހީ ގޮތެއް ނިންމާ" ޖޫލިޔާ ބުންޏެވެ.
"ކޮންމެ ހާލެއްގަ އޮތަސް ވަރިހަމަ. ފައްވާޒް އަދި ރަނގަޅު ކުރެވިދާނެ. އެކަމާ އުޅޭނީ މަންމައާ އަހަރެންނާ. ﷲ އިރާދަކުރެއްވިއްޔާ ފައްވާޒް ރަނގަޅު ކުރެވޭނެ" މާހީ ބުންޏެވެ.
ޖޫލިޔާ ހިތްހަމަޖެހުނެވެ. އޭނާގެ ހިތާއި ސިކުނޑި ގޮތެއް ނިންމިއެވެ. ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނަންވީ ވަގުތު ޖެހުނީއެވެ. ފަހަރެއްގައި އުފާވެރިކަމަށް ދިރިއުޅުން ބަދަލުވެދާނެއެވެ. މާތް ﷲ އާ ވަކީލެވެ.
"ތިހެންވިއްޔާ އަހަރެން ނުހާގެ މައިންބަފައިންނާ ބައްދަލުކުރަން ބޭނުން. އެ ދެމަފިރިންގެ ރުހުމާއެކު އަހަންނާއެކު ފުރަން ތައްޔާރުވޭ" ޖޫލިޔާ ބުންޏެވެ. މާހީއަށް ހެވުނެވެ. އޭނާގެ ދެ ލޮލުގެ ތެރެއިން ވިދައިގަތީ އުފާވެރިކަމުގެ ކަރުނައެވެ.
****
ދޮރާށި ތަޅުލާފައި ހުރުމުން ޒާރާ މިސްރާބުޖެހީ ފިހާރައިގެ ދޮރާ ދިމާލަށެވެ. ފިހާރައިގައި އިން ބޭރުމީހާ ޒާރާ ފެނުމުން ހީލިއެވެ. ބަދަލުގައި ހިނިތުންވުމެއް ޒާރާ ވެސް ދިނެވެ.
"މަންމަ އެބައުޅޭ ދޯ" ޒާރާ އެހިއެވެ.
ޒާރާ ގޭތެރެއަށް ވަނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަގުތުގެ ގޮތުން ނޫރީން ވާނީ ސްކޫލުގައެވެ. ޒާރާ ގޮސް ހުއްޓުނީ މަންމަ ކޮޓަރި ކުރިމަތީގައެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޮރު ތެރެއިން އެނދުގައި އިން މަންމަ ޒާރާ އަށް ފެނުނެވެ. ބޭސް ފުޅިއަކުން ފައިގައި ހާކަމުން ދިޔަ މަންމަ ފެނުމުން ޒާރާ ދެރަވިއެވެ. އެ އުޅެނީ ފައިގައި ރިއްސާތީއެވެ. ޒާރާ ދޮރު ބޮޑަށް ހުޅުވާލިއެވެ.
"އަނހަ ދަރިފުޅުތަ؟ މަންމަ ކައިރީގައި ބުނެލާފަ އައިނަމަ" ހިމްނާ ބުންޏެވެ. ލައިގެން އިން ހަރުވާޅުން ފައި ނިވާކޮށްލާފައި ބޭސްފުޅި އެނދުގެ ހެޑް ބޯޑު މަތީގައި ބޭއްވިއެވެ.
"މަންމަ ކައިރީގައި ނުބުނެ މިގެއަށް ނާދެވޭނެތަ؟" ޒާރާ އެހިއެވެ.
"ނޫނޭ މިއީ ޒާރާ ގެ ވެސް ގެ. މިގޭ ދޮރު ދުވަހަކުވެސް މަންމަގެ ދަރިއަކަށް ބަންދެއް ނުވާނެ" ހިމްނާ ބުންޏެވެ.
ޒާރާ ހީލާފައި އެރީ އެނދަށެވެ. ހިމްނާ ކައިރީގައި އިށީނދެފައި ހިމްނާގެ ކޮނޑުގައި ބޯއަޅާލިއެވެ.
"ފައިގަ ރިއްސަނީތަ؟" ޒާރާ އެހިއެވެ.
"އެ ފައިގަ ރިއްސަނީއެއް ނޫން. އެނދުގެ ކަނުގަ އިނގިލި ޖެހުނީމަ ރިހުމެއް އެބަހުރި. އެހެންވެ އިނގިލީގަ ބޭސްކޮޅެއް ހާކާލީ" ހިމްނާ ބުންޏެވެ.
"މަންމާ. އަހަރެން މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮށޯންނަންތަ؟" ޒާރާ ބުންޏެވެ. ދެން ބޮލުން ބުރުގާ ދަމައިގަނެފާ ދުރުގައި ބޭއްވިއެވެ. ވޫލުކޮޅަކުން އައްސާފައި ހުރި އިސްތަށިގަނޑުވެސް މިނިވަންކޮށްލިއެވެ.
ހިމްނާ އުނގުގައި ޒާރާ ބޯ އެޅިއެވެ. މީހަކާ އިނދެގެން ދިޔަ ފަހުން އެކަހަލަ ފުރުސަތެއް އޭނާ އަށް މިހާރު ނުލިބެއެވެ. މިއަދު އެގެއަށް އޭނާ އައީ ހިތަށް އުނދަގޫވާތިއެވެ. އަބަދުވެސް އޭނާ އަށް އެންމެ ހިތްވަރުދޭ މީހަކީ މަންމަ އެވެ.
"ކޯޗެއް ތި ވިސްނަނީ؟" ހިމްނާ އެހިއެވެ.
"ނިއަމް ގެ މަންމަ މިރަށުގަ އެބައުޅޭ. އަބަދު އައްޔަ ހޯދަން އެގޭ ދޮށަށް ދަނީ. މިއަދު ވަރަށް އެހެންކަހަލަ ކަމެއްވެއްޖެ. އައްޔަ ނުހާ އަށް ބަވާލީ. ކިއީ މީހަކު ހިތްފަޅައިގެންދާ ކަހަލަ އެއްޗެހި. ނުހާ އަށް ހުރީ ރޮވިފަ. އޭނަ އާދޭސްކޮށްފަ ބުނީ ފަހު ފުރުސަތު ދޭށޭ" ޒާރާ ވާހަކަދައްކަމުން ދިޔައެވެ.
"އެއީ ދަރިފުޅު ވިސްނަންޖެހޭ ކަމެއް ނޫނެއްނު. ނުހާ އަށް ފުރުސަތު ދިނުމަކީ އަލީ ގެ އަތްމަތީގަ އޮތް ކަމެއް. އެކަމަކު ފާޅުގަ އެބުނީނު ނޫނެކޭ. ދެން ތިކަމުގަ ޒާރާ ވިސްނަންޖެހޭ ކަމެއް އޮތްހެނެއް ހިއެއްނުވޭ" ޒާރާގެ އިސްތަށިގަނޑުގައި ފިރުމަމުން ހިމްނާ ވާހަކަދެއްކިއެވެ.
"ވިސްނަނީ އެކަމާއެއް ނޫން. އެވާހަކަތަކުގެ ތެރެއިން ނުހާ ބުނެލި އެއްޗަކުން" ޒާރާ ބުންޏެވެ.
"އަނެއްކާ ކީކޭ ބުނީ؟" ހިމްނާ އެހިއެވެ.
"އަހަރެންގެ މޫނު ފެނުނީމަ އޭނައަށް އެނގިއްޖެ އަހަންނަކީ ފައްވާޒު ކުރީ އިން މީހާ ކަން. ބުނީ މާހީ އަހަންނަށް ފަންޑިތަ ހަދާނަމޭ ބުންޏޭ. އެކަހަލަ ކަމެއް އެމީހުން ކޮށްފާނެ. ހަތަރެސް ފައިން ކިތައްމެ ބޮޑު ގޯހެއް ހަދަންޖެހުނަސް ފަސްޖެހޭނެ ހާލަތެއްގައެއް ނޫން އެމީހުން އެތިބީ. ހިތަށް އަރަނީ ހުރިހާ ދިމާލަކުންވެސް ބެދެނީ އަޅުގަނޑޭ. މާތް ﷲ އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް އަޅުގަނޑަކަށް ދެރައެއް ނުދެވޭނެ. އެކަމަކުވެސް ނޭނގެ. އޭނަ އެހެން ބުނިފަހުން ވަރަށް ހިތްނުތަނަވަސްވޭ"
"ހެއްދެވިފަރާތަށް ތިހާ އިތުބާރު އޮތްއިރު ކޮންހާ ބިރެއް؟ އެހެންނޫނަސް ފަންޑިތަ ހަދައިގެން ދެމަފިރިން ދުރުކުރެވިދާނެ. އެކަމަކު އެކަން ވެގެންދާނީ ވަގުތީ ކަމަކަށް. އެހެންނޫނަސް މަންމައަކަށް ހިއެއްނުވޭ އެއިން އެއްވެސް އަންހެނަކާ ދިމާލަށް ރުހުމުގެ ލޮލަކުން އަލީ ބަލާލާނެހެންވެސް. ދަރިފުޅު ދެކެ އަލީ ވަރަށް ލޯބިވޭ. ތަރައްޤީވަމުން އަންނަ ދުނިޔޭގައި ރަނގަޅު އުޅެނީ މަދު މީހެއް. ޢިއްފަތްތެރި ތިބީ މަދު އަންހެނެއް. ޢައުރަތައް ފޮރުވައިގެން ތިބެވެނީ މަދު އަންހެނެއް. އެފަދަ އަންހެނަކު ލިބެނީ މަދު ފިރިހެނަކަށް. އެފަދަ ނަޞީބެއް ލިބެނީ މަދު މީހަކަށް. މިއަދު ދަރިފުޅު ތިވަނީ ދަރިފުޅާ މެދު އަލީ ފަހުރުވެރިވާނޭ ފަދަ ފަރުދާވާނޭ ގޮތަށް ފަރުދާވެގެން. މަންމަ ޒާރާ އާ މެދު ފަހުރުވެރިވަން. އަބަދުވެސް ފަހުރުވެރިވާނަން. މަންމަ ދުނިޔޭގައި ހުރިހާ ހިނދަކު ވާނަން" ހިމްނާ ވާހަކަދެއްކިއެވެ.
ޒާރާގެ ތުންފަތަށްވެރިވީ ހިނިތުންވުމެކެވެ. ބޯހިއްލާލި ގޮތަށް މަންމަގެ ކަނދުރާގައި ދެއަތް ވަށާލާފައި ބައްދާލިއެވެ. އޭނާ މިހާރު ވަރަށް ހިތްހަމަޖެހިއްޖެއެވެ. ގެއަށް އައި ބޭނުން ފުރިހަމަވެއްޖެއެވެ. ހިތަށް އުނދަގު ކުރަމުން އައި އިހުސާސްތަކާ ދުރުވެވިއްޖެއެވެ.
"އަސްތާ... ދެން ނޭނގެ ދެވޭނެ ކަމެއްވެސް. ނޫރް ބަލާދާ ވަގުތު ޖެހެނީ" ހިމްނާ ބުންޏެވެ.
ކޮޓަރިން ނިކުތީ ހިމްނާ އާއި ޒާރާ އެކުގައެވެ.
****
ގެއާ ހަމައަށް ރަނގަޅަށް ނުދެވެނީސް ރަށުގައި ދުއްވާ އެމްބިޔުލާންސް ގެ އަޑު ޒާރާގެ ކަންފަތުގައި ޖެހުނެވެ. ގެއާ ދިމާލު ފާރު ކައިރީގައި އޭނާ މަޑުކޮށްލީ އެމްބިޔުލާންސަށް ތަން ދެއްކުމުގެ ގޮތުންނެވެ.
"ކާކު؟ ކިހިނެއްވީ؟" ޒާރާ ސުވާލުކުރީ ފަހަތުން އައި އަވައްޓެރިއަކާއެވެ.
"ޔާރައްބީ... އޭނަ ދުނިޔޭގަ އޮވެއްޖިއްޔާ އެއީ ﷲ ގެ ރަހްމަތްފުޅު. މިއުޅޭ ޖީޒާ. އަހަރެން ކަމަކު އެގެއަށް ވަދެލީ. ދެ ރުއް ދޭތެރެއަށް ވެއްޓިފަ އޮތީ. މުޅިތަނުގަ ލޭގެ ކޯރެއް ހެދިފަ. އަހަންނަށް ހީވަނީ ހާޓަކުއެޓަކު އެއް ކަންނޭނގެ"
ޒާރާ ކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް ޖީޒާ އަށް މިދިމާވިގޮތުން ދެރަވެސްވެއްޖެއެވެ.
(ނުނިމޭ)