ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 65

13

އައްފާންގެ ހައިބަވެތި ހަށިގަނޑާއި، ދެ އަތުގެ ތެރޭގައި ޒާރާގެ ތުނިތުނި ހަށިގަނޑުވީއިރު، ދެ ހިތުންވެސް ކެނޑިނޭޅި އުފާވެރިކަމުގެ ކަރުނަ އޮހޮރެމުން ދިޔައެވެ. އެ ކަރުނަ ތިކިތައް ވެސް އެ ދުވަހަށްޓަކައި އިންތިޒާރު ކުރަމުންދާ ކަހަލައެވެ.

****

ފަތިސް ނަމާދުން ފައިބައިގެން ތަންކޮޅެއް އަވަހަށް އައްފާން ގެއަށް އައެވެ. ޒާރާ ބަލިވެ އިންކަން އެނގުނު ފަހުން އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކޮޓަރިއަށް ވަތްގޮތަށް އައްފާން ދެކޮޅު ހޯދާލިއެވެ. ފާހާނާއިން ނިއަމްގެ އަޑު އިވުމުން ދެމައިން ވީ ފާހާނާއިގައި ކަން އައްފާނަށް އެނގުނެވެ. އޭނާ ވަގުތުން ހިނގައިގަތީ ފާހާނާއާ ދިމާލަށެވެ. އެއީ ޒާރާ ނިކުތް ވަގުތެވެ. އައްފާން ވަގުތުން ނިއަމް އުރާލިއެވެ. ޒާރާއަށް ހީލުމެއް ދިނުމަށްފަހު ހިނގައިގަތެވެ.

ޒާރާ މަޑުމަޑުން ހިނގާލާފައި އައިސް އެނދުގައި އިށީނެވެ. ލޯބިން ފުރިގެންވީ ބެލުމަކުން އޭނާ އިނީ އައްފާނަށް ބަލަހައްޓައިގެންނެވެ. ނިއަމްއާ ސަކަރާތް ޖަހަމުން ނިއަމް ރީތިކޮށް ހުރިހާ ކަމެއް ކުރަމުން ދިޔައީ އައްފާނެވެ. އެ ސަކަރާތުގެ ތެރެއިން އެއްފަހަރު ޒާރާގެ މޫނަށް އައްފާން ބަލައިލިއެވެ. އެ ވަގުތު ޒާރާ ބަލަހައްޓައިގެން އިންކަން އެނގުމުން އައްފާނަށް އެހެން ދިމާލަކަށް ބަލައިވެސް ނުލެވުނެވެ.

"އައްޔަ ކިހިނެއް ތި އުޅެނީ؟ އަހަރެން އެހާ ބައްޔެއް ނޫނޭ" ޒާރާ ބުންޏެވެ.

ސޯޓްކޮޅު ލައްވާފައި ނިއަމް ތިރިއަށް ދުކޮށްލުމަށްފަހު އައްފާން އިށީނީ ޒާރާ ކައިރީގައެވެ. ޒާރާގެ އަތްތިލައިގައި އައްފާން ހިފަހައްޓާލިއެވެ. ޒާރާ ބަލަހައްޓައިގެން އިންދައި އެ އަތްތިލައިގައި ބޮސްދިނެވެ.

"ބޭބީ ދުނިޔެއަށް އަންނަންދެން ޒާ އަށް އެއްވެސް ތަކުލީފެއް ލިބޭކަށް އަހަރެން ނޭދެން" އައްފާން ބުންޏެވެ.

ޒާރާ ހީލިއެވެ. އައްފާންގެ އަތް މަތީގައި ޒާރާ އަތް އެޅިއެވެ. އައްފާންގެ ކޮނޑުގައި ބޯޖައްސާލިއެވެ. އެ ހިނދު އޭނާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އެ ކަރުނަތިކި އައިސް ޖެހުނީ އުނގުތެރޭގައި އޮތް ޒާރާގެ އަތްތިލަ މަތީގައެވެ. އައްފާން ވަގުތުން ޒާރާގެ މޫނަށް ބަލައިލިއެވެ.

"ހަމަ އުފަލުން ރޮވުނީ. އައްޔަ ތިވާ ލޯބި އިހުސާސްވެފަ" ޒާރާ ބުންޏެވެ.

އައްފާން ހީލިއެވެ. ޒާރާގެ އަނެއް އަތުން ޒާރާގެ ކޮނޑުގައި ފިރުމަމުން ދިޔައެވެ.

"ފުރަތަމަ ފަހަރާ މިފަހަރު ވަރަށް ތަފާތު. ވަރަށް ވަރުބަލިވޭ. ހޮޑުވެސްލަވާ" ޒާރާ ބުންޏެވެ.

"އަހަރެން މިހުރީނު. ޒާ ހޮޑުލި ވަރަކަށް ކަރަށް އަތްލާފަ ވިޔަސް އަހަރެންވެސް ހޮޑުލާނަން. އަބަދު ކައިރީގަ ހުންނާނަން" އައްފާން ބުންޏެވެ. ޒާރާއަށް ހެވުނެވެ.

"އަދި ދައްތަ ކައިރީގަ ބުނަންވެސްޖެހޭ" ޒާރާ ބުންޏެވެ.

****

ސައިބޮއެގެން މަޑެއްނުވެ އެ ދިމާލު އަތިރި މައްޗަށް ނުހާ ނުކުތެވެ. ގަހުގައި އެލުވާފައި ހުރި ޖޯލީގައި އޭނާ ރަނގަޅަށް އިށީނދެލިއެވެ. ޖޯލި އުސްކޮށް ހުރުމުން ބިންމަތީގައި އޭނާގެ ދެފައި ނުޖެހެއެވެ. އުނދޯލި އޭގެ ޒާތުގައި އަމިއްލައަށް ހެއްލެމުން ދިޔައިރު އޭނާ އޮތީ ފޯނުން ޖުމާ އަށް ގުޅާށެވެ. އެއްފަހަރު ގުޅައިގެން ފޯނު ނުނެގުމުން މޫނުމަތިން ފޫހިކަން ފެނުނެވެ. ފޯނުން ގަޑި ބަލައިލިއިރު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އައްފާން ހޯދަން ދާންވީ ވަގުތު ޖެހުނީއެވެ. އިރުކޮޅަކު އޮވެލާފައި ތެދުވަން އުޅެނިކޮށް ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު އަރާފައި އިނީ 'ކުޑާ'ގެ ނަމެވެ. ދެ ހިޔާލެއްގައި އިނދެފައި ނުހާ ފޯނު ނެގިއެވެ. ރަށަށް އައިފަހުން އާއިލާ އިން އައި ފުރަތަމަ ކޯލަށް ވުމުން ބިޒީކޮށްލަން ނުހާ ބޭނުންނުވިއެވެ.

"ކިހިނެއްތަ؟" ނުހާ ފޯނު ނެގުމާއެކު ދިމްނާ ބުންޏެވެ.

"ރަނގަޅު. ކުޑާއާ މަންމަ ރަނގަޅުތަ؟" ދިމްނާ ބުންޏެވެ.

"އަހަރެމެން އަދި މަރެއް ނުވޭ" ރުންކުރު ގޮތަކަށް ނުހާ ބުންޏެވެ.

ނުހާ ހިތްހަމަނުޖެހުނެވެ. ދިމްނާ ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. ނުހާ އެއްޗެއް ނުބުނެ ހިމޭންވިއެވެ.

"ދެން ތިކުރަން ދިޔަ ކަންތައް ކާމިޔާބުވެއްޖެތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދިމްނާ އެހިއެވެ.

ފުރަތަމަ ހިތަށް އެރީ ދޮގެއް ހަދާށެވެ. އެހެންނަމަވެސް ނުހާ ހާމަކުރީ ތެދެވެ.

"އަދި ނުވޭ" ނުހާ ބުންޏެވެ.

"ދެން ދެމަފިރިން ދެމެދަށް ވަންނަންތަ ތިރަށުގަތަ ތިހުންނަނީ. ކޮންއިރަކުންތަ ނުހާއަށް ވިސްނޭނީ" ދިމްނާ ބުންޏެވެ.

ނުހާ އަޑެއްލައްވާ ނުލާ ހުއްޓެވެ. ދިމްނާގެ ދަރުސްތައް ގިނަވާން ފެށުމުން ނުހާ ފޫހިވާން ފެށިއެވެ. ދިމްނާ ކައިރީގައި ދޮގެއް ހަދައިގެންވެސް އެ ވާހަކަތައް ހުއްޓުވަން ނުހާ ބޭނުންވިއެވެ.

"ކުޑާ... ކުޑާ އަޑުއަހާބަލަ. މިއަދު އެބައޮތޭ އެގެއަށް ދާންވެފަ. އައްފާނު ބުނެގެން. އަހަރެން މާލެ ދާނީ އައްފާނާ ނިއަމް ގޮވައިގެން. ބަލާތި" ނުހާ ބުންޏެވެ.

ދިމްނާ އެއްޗެއް ނުބުނެ ގިނައިރު ވާން ފެށުމުން ނުހާ ފޯނު ކަނޑާލިއެވެ.

****

ވަސީމާގެ ކޮޓަރިއަށް ވަނީ އައްފާނާއި ޒާރާ އެކުގައެވެ. އޭރު އޭނާ އުޅުނީ ބާލީސްތައް އަތްވަށް ލާން ތައްޔާރުވުމުގައެވެ. އައްފާނާއެކު ޒާރާ ފެނުމުން ވަސީމާ ބަލައިލީ ހައިރާންކަމާއެކުގައެވެ. އެކަކުވެސް ބަހެއް ނުކިޔާ ހުރުމުންނެވެ.

"ކަމެއްވީތަ އަނެއްކާ" ހީލާފައި ވަސީމާ އެހިއެވެ.

"ޒާ ބުނަންވީނުން" އައްފާން ޒާރާ އަށް ބަލައިލިއެވެ.

"އައްޔަ ބުނަންވީނު" ޒާރާ ބުންޏެވެ.

ވަސީމާ އަށް ހެވުނެވެ. މިއަދު ދެކުދިން އެކިޔާ އެއްޗެއް އޭނާ އަށް މާ ރަނގަޅަކަށް އަދި ފަހުމު ނުވިއެވެ.

"ކޯޗެކޭ ނުބުނެވިގެން ތިއުޅެނީ" ވަސީމާ އެހިއެވެ.

"އެއީ... އެއީ.. ޒާ... " އައްފާން ފަސްޖެހުނެވެ. ނުހާ ބަލިވެ އިން ފަހަރުވެސް ވަސީމާ އަށް އެ ހަބަރު ދިނީ ނުހާ މެދުވެރިކޮށެވެ.

މިފަހަރު ވަސީމާ އަށް ފަހުމުވެއްޖެއެވެ. އަތުގައި އޮތް ބާލީސް ބާއްވާފައި އައިސް ހުއްޓުނީ ޒާރާ ކުރިމަތީގައެވެ.

"ދައްތަ އަށް މި ހީވަނީ ރަނގަޅަށްތަ؟ ވަސީމާ ހިފަހައްޓާލީ ޒާރާގެ އަތުގައެވެ. ޒާރާ ހިނިތުންވެލިއެވެ.

"ބަލިވެ އިނީތަ؟" ވަސީމާ އެހިއެވެ. ޒާރާ ބޯޖަހާލިއެވެ. އެހިނދު ވަސީމާގެ ތުންފަތަށް ވެރިވި ހިނިތުންވުން ދެ ލޮލާ ހަމައަށް ފެތުރިގެން ދިޔައެވެ. ޒާރާގެ ގައިގައި ބައްދާލުމަށްފަހު ބުރަކަށީގައި ފިރުމާލިއެވެ.

"ކިތައް މަސް މިހާރު؟" އަލުން ޒާރާ އަށް ބަލައިލާފައި ވަސީމާ އެހިއެވެ.

"ތިން މަސް" ޒާރާ ބުންޏެވެ.

"އަލްހަމްދުލިއްލާހް. އަހަރެމެންގެ ކުޑަ ކުޑަ ނިއަމް ބޮޑުބޭބެއަކަށް ވަނީތާ" ހެމުން ވަސީމާ ބުންޏެވެ.

****

އާއިލާ އަށް ލިބުނު އުފަލުގައި މޭޒު ކައިރިއަށް މެންދުރު ކާން އެރީ ވަސީމާގެ އާއިލާ އެކުގައެވެ. އެއީ ވަރަށް މަދުން ނޫނީ ނުލިބޭ ފުރުސަތެކެވެ. ހުރިހާ ދަރީންނަށް ކާ އެއްޗެހި އަޅައިދިނީ ވަސީމާ އެވެ. ޒާރާ އަތަށް އެއްވެސް ކަމެއް ކުރާން ވަސީމާ ނުދިނެވެ.

"ދަރިފުޅުމެންނަށް އެނގޭތަ ނިއަމްކޮ އަށް ވުރެ ކުޑަ ބޭބީއެއް މިގެއަށް އަންނަނީނު" ވަސީމާ ހެމުން ބުނެލިއެވެ. އަމާނީ އާ އާއިން އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލައިލިއެވެ. ކޮއްކޮ އެއް އަންނަން އުޅޭކަން އެނގުމުން ދެކުދިންނަށްވެސް ހެވުނެވެ. ދެކުދިންނަށް ނޭނގުނީ ކޮއްކޮ އަންނާނެ އިރެކެވެ.

"ދަރިފުޅޫ ދޭ ކުޑަކޮށް ބައިސްކަލް ދުއްވާލަން" އާއިންގެ ތުން ދޮށްވާލަމުން ވަސީމާ ބުންޏެވެ.

ފެންތަށި ބޮއެގެން ނިކުންނަން ދިޔަ އަމާނީ އިރުކޮޅަކުން އައިސް ބަދިގޭ ދޮރު މަތީގައި ހުއްޓުނެވެ.

"ދޮރުގައި އެބަ ތަޅާ" އަމާނީ ބުންޏެވެ.

އަތްދޮވެލައިގެން ވަސީމާ ނިކުތީ މޫނު ފޮތިކޮޅު ތިރިކޮށްލައިގެންނެވެ. ދޮރުހުޅުވާލުމާއެކު ވަސީމާ އަށް ލިބުނީ ހައިރާންކަމެކެވެ. ދޮރުމަތީގައި ހުރީ ނުހާ އެވެ. ނުހާ ގެ ދެލޮލުގައި ވަނީ ކަރުނަ އެވެ. މޫނުމަތި ވަނީ މިލާފައެވެ.

"އަހަރެން މިއައީ ވަރަށް ވިސްނާފަ ކެތްނުވެގެން. އަހަންނަށް އައްފާން ހޯދައިދީ" ނުހާ ކިޔަން ފެށިއެވެ.

"ދޮންކަނބުލޯގެ ބުއްދި ރަނގަޅުތަ؟ ޑޮކްޓަރަށް ދެއްކިންތަ؟" ވަސީމާ އެހިއެވެ.

ކުޑަކޮށް ދޮރު ހުޅުވާލައިގެން ވަސީމާ ހުރީ ނުހާ އެތެރެއަށް ވަދެދާނެ ކަމަށެވެ. އެހެންނަމަވެސް ހަމަ އެހިނދު އަތުން ބާރަށް ދޮރުކޮށްޕާލާފައި ނުހާ ވަނެވެ. ވަސީމާ ގެ ބޮލުގައި ދޮރުފަތް އައިސް ޖެހުމާއެކު ތަދުވެގެން އަޑެއް ލައްވާލިއެވެ.

"އައްފާން... އައްފާން.... " ޖަނބުރޯލު ގަސް ކައިރީގައި ކޮޅަށް ހުރެ ނުހާ ގޮވަމުން ދިޔައެވެ. އައްފާނާއި ޒާރާ އަށް ނުހާ ފެނުނީ ކުޑަދޮރުންނެވެ. ވަގުތުން އައްފާން ނިކުމެގެން އައިސް ނުހާ ކުރިމަތީގައި ހުއްޓުނެވެ. ނުހާ އަށް އައްފާން ފެނުމާއެކު އައިސް ހިފީ އަތުގައެވެ. އެއާއެކު އައްފާން ނުހާގެ އަތް ދުރަށް ފޮޅުވާލިއެވެ.

ބޮލުގައި އަތް އަޅައިގެން އައި ވަސީމާ ޒާރާ އަށް ފެނުނީ މާފަހުންނެވެ. ވަގުތުން ވަސީމާ ކައިރިއަށް ޒާރާ ޖެހިލިއެވެ. ވަސީމާ އެއްޗެއް ބުނުމުން އެތެރެއަށް ވަދެފައި ދެން ޒާރާ ނިކުތް އިރު އަތުގައި އައިސްޕެކް އޮތެވެ.

"އަހަރެން ކަލެ އާ ދިމާލަށް އެއްޗެކޭ ނުބުނެ މަޑުމައތިރިކޮށް ވާހަކަދެއްކުން ކަލޭ ތި މާނަކުރަނީ ގޯސްކޮށް. އަހަރެން ނުބައި ވާންވެއްޖިއްޔާ ތިކަހަލަ އެއްހާސް އަންހެނުންނަށް ވުރެ ނުބައިވާނެ. ތިއީ އަހަންނާ އެއްވެސް ގުޅުމެއް އޮތް އަންހެނެއް ނޫން. ހަމަމިހާރު މިގެއިން ކަލޭ ނިކުމޭ. އެހެންނޫނީ އަހަރެންގެ މިދެއަތުން ކަލޭގެ ދެއަތުގައި ހިފާ ދަމާފަވެސް ނެރޭނަން" އައްފާން އިންޒާރު ދިނެވެ. ޒާރާ އަށް ހުރެވުނީ އައްފާނަށް ބަލަހައްޓައިގެންނެވެ. ނުހާ އަންހެނަކަށްވެ ހުރެ އެދަރަޖަ އަށް ވެއްޓުނީތީ ޒާރާ ދެރަވެސްވިއެވެ.

"ކީކޭ؟ ތިހެން ބުނެފަ އައްފާނަށް ނިންމާލެވޭކަށް ނޯންނާނެ. އައްފާން ކައިރީގައި އަހަރެންގެ ދަރިއެއް ހުރިކަން ހަނދާންނައްތާނުލައްޗޭ" ނުހާ ބުންޏެވެ. ނުހާ ހުރީ މިއަދު އެހާ ފަސޭހައިން ބަލި ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާ ހުރީ އެކަން ކޮޅެއްގެ ޖައްސާށެވެ.

"ދަރިއެކޭ. ނުހާ ދަރިއަކު ވިހެންއިންތަ؟ އަހަރެން ނުދެނަހުރިން. ނުހާ ދަރިއަކު ވިހޭކަން އެނގޭ މީހަކު ހުރިއްޔާ ނިކަން ބުނެބަލަ މިވެނި މީހަކަށް އެނގޭނޭ. ފަހަރަކު އޭރުން ގަބޫލުކުރެވިދާނެ" އައްފާން ވާހަކަދެއްކިއެވެ. ނުހާ އާ އައްފާން ވާހަކަދެއްކީ ނުހާ އަށް ފުރަގަހަށް ހުރެއެވެ. ޒާރާ ނޫނީ އެހެން އެއްވެސް އަންހެނަކަށް ހަތަރުކަޅި ހަމަކޮށް ބަލަން އޭނާ ބޭނުމެއް ނުވެއެވެ. އަމުދުން ނުހާ އަށެވެ.

"އަހަންނާ ތިފާޑަށް ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް ނޯންނާނެ. އަހަރެން ގަބޫލުކުރަން އަހަރެން ގޯސްހެދިކަން. އެކަމަކު މިހާރު އެދުވަސް މާޒީވެއްޖެ. އަހަރެން އުޅުނު ނުބައި ގޮތް ފަހަތަށް ދޫކޮށްލާފަ މިއައީ ހަމައެކަނި ނިއަމް އާ އައްފާނަށްޓަކައި. ކީއްވެ އަހަންނަށް ދެވަނަ ފުރުސަތެއް ހައްގުނުވާންވީ" ނުހާ ވާހަކަދެއްކިއެވެ.

"ހެހެހެ... ބޭކާރު ވާހަކަނުދައްކާ. ތިއީ އަހަރެން ދަންނަ އަންހެނެއް ނޫން. އެންމެ ރަނގަޅުވާނީ މިގެއިން ދިޔައިއްޔާ. އަހަރެންގެ މި އުފާވެރި ދިރިއުޅުމަށް ވެރިވެގަންނަން މަސައްކަތްނުކުރޭ. އެއީ ކަލެއަށް ދުވަހަކުވެސް ކާމިޔާބުވާނެ ކަމެއް ނޫން" އައްފާން ވާހަކަދެއްކިއެވެ. އައްފާން މިއަދު ނުހާ އަށް ފުރަގަސްދީފައި ނުދާނެއެވެ. އެއީ ޒާރާ ވެސް ހާޒިރުވެ ހުރި ތަނެކެވެ. ނުހާ އަކީ އޭނާގެ ދިރިއުޅުމުގައި އެއްވެސް މަގާމެއް ދެވިފައިވާ އަންހެނެއް ނޫންކަން މިއަދު އެންމެންނަށް އޭނާ ސާބިތުކޮށްދޭނެއެވެ.

ނުހާ ދަތްކުޑި ވިކާލިއެވެ. ދެއަތް މުށްކަވާލިއެވެ. ދެފަރާތަށް ހޯދައި ބަލައިލީ އައްފާން އޭނާ އަށް ފުރަގަސްދޭ ސަބަބު ކައިރީގައި ހުރިތޯ ޔަގީންކޮށްލުމަށެވެ. ވަސީމާ ކައިރީގައި ހުރި ޒާރާ އާ ހަތަރުކަޅި ނުހާ ހަމަކޮށްލިއެވެ. ޒާރާ މޫނުފޮތިކޮޅު އުފުލާލިއެވެ. ދެން އިސްޖަހާލީ ނުހާ ބަލަހައްޓައިގެން ހުރި އަލިފާނުގެ ބެލުމުން އޭނާ ފިހިދާނެ ކަމަށްޓަކައެވެ. އެއްޗެއް ބުނަން އުޅުނަސް ނުހާ ހައިރާންވިއެވެ. ޒާރާ ގެ މޫނަކީ އޭނާ އަށް ބީރައްޓެހި މޫނެއް ނޫނެވެ. އެއީ ކޮންމެސް ތަނަކުން އޭނާ ދުށް މޫނެކެވެ. އެކަމަކު ކޮންތާކުން ހެއްޔެވެ؟ ނުހާ ސިކުނޑި އަށް ބާރުލިއެވެ. ހަނދާންވެއްޖެއެވެ. އެއީ އެ ޒާރާ އެވެ. ޒާރާ ގެ ފޮޓޯ ގެންގުޅުނީ މާހީ އެވެ. އެދުވަހު ޒާރާގެ މުޅި ފޮޓޮއަށް މާހީ ޕިން ހެރިއެވެ. ޒާރާ އަކީ މާހީ މުޅި ދުނިޔެއިންވެސް އެންމެ ނަފްރަތު ކުރާ އިންސާނާއެވެ. ފައްވާޒުގެ ކުރީގެ އަނބިމީހާ އެވެ. މިހާރު ފައްވާޒު އެދަނީ ޒާރާ ހޯދުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރަމުންނެވެ. ޒާރާ އަށް ބަލަހައްޓައިގެން ހުރި ނުހާގެ ތުންފަތަށް ވެރިވެގެން ދިޔައީ މަލާމާތުގެ ހިނިތުންވުމެކެވެ.

"މިއީ... ޒާރާ... ފައްވާޒުގެ އެކްސް ވައިފް ދޯ. ހެހެހެ... މީނަ ހޯދަން މާހީ ވެސް އައޭ. ބުނި ފަންޑިތަވެސް ހަދާނަމޭ.... މިނޫނީ މީހަކު އައްފާނަށް މި ބޮޑު ދުނިޔެއިންވެސް ނުލިބުނީތަ؟ ރީތިވެސް މީހެއްނަމަތާ. ކޮބާ އަދި ރީތި ސިފައެއް ލިބިފަ ހައިސިއްޔަތެއް ލިބުމުން މީނަގެ ފެންވަރަކީ؟ ބޮޑު ފޮތި ފޭއްޔެއް ގައިގަ އޮޅައިގެން އުޅޭ މުސްކުޅި އަންހެނެއް. އައްޗީޑި...."

އައްފާނަށް ކެތެއް ނުވިއެވެ. އެއްވެސް މީހެއްގެ ދުލުން އެފަދަ ބަދު ބަސްތަކެއް ޒާރާ އަށް އަމާޒުވެގެން ދިޔުމަކީ އޭނާ އަށް ރުހެވޭނެ ކަމެއް ނޫނެވެ. އެނބުރުނުގޮތަށް ނުހާ އަށް ބަލައިލިއިރު ނަފްރަތުން އައްފާންގެ ހިތް އަނދަމުން ދިޔައެވެ. ނުހާގެ ކުރިމަތިން ހުރަސްކޮށް ގޮސް ހުއްޓުނީ ޒާރާ ގެ ކުރިމަތީގައެވެ. ނުހާ ހުރީ އައްފާން ކުރަން އެ އުޅޭ ކަމެއް ބަލަހައްޓައިގެންނެވެ.

އައްފާން ހުއްޓުމުން ޒާރާ އިސްއުފުލާ އައްފާނަށް ބަލައިލިއެވެ. އައްފާން ހަދިޔާކޮށްލި ހިނިތުންވުމުގެ ބަދަލުގައި ޒާރާވެސް ހިނިތުންވެލިއެވެ. ވަސީމާ ވެސް ހުރީ އައްފާން ކުރަން އެ އުޅޭ ކަމެއް ނޭނގިފައެވެ. އެހެން ހުރެފައި ބައެއްފަހަރު ހިތްހަމަނުޖެހިފައި ނުހާ އަށް ބަލައިލައެވެ.

"ޒާ މޫނު ފޮރުވަންޖެހޭނީ ހަމައެކަނި ހިލޭ ފިރިހެނުންގެ ކުރިމަތީގައެއް ނޫން. މިކަހަލަ ގޮތެއްފޮތެއް ނެތް އަންހެނުން ކުރިމަތީގައި ވެސް ޒާ ގެ ތި ލޯބިކަން ހާމަކުރާކަށް އަހަރެން ބޭނުމެއްނުވޭ. އެސްފީނާ ޖެހިދާނެ. މިކަހަލަ އަންހެނެއްގެ ދުލުން ބޭރުވެގެން ނުދާނެ ހަމަޖެހޭ އެއްވެސް ވާހަކައެއް. މިއީ ވަރަށް ކޫޑި އަންހެނެއް. މީނަ ކުރިން މީހަކާ ކައިވެނިކުރި. އެކަން ނިމިގެންދިޔަ އޭނާގެ ފިރިމީހާ އަށް ބޭވަފާތެރި އަނބިމީހާ ހިލޭ ފިރިހެނުންނާއެކު ތަންމަތި ހޫނުކުރާކަމާ އޭނަ ހެދި ދޮގުތަކަށް ކެތްނުވެގެން. މިއީ ދިރިއުޅެން އެނގޭ އަންހެނެއް ނޫން. މިއަދު އަހަރެން ހޯދަން މީނަ އައިސް ހުއްޓަސް އަހަރެންގެ ހިތް ޒާ ނޫން އެހެން އެއްވެސް އަންހެނަކަށް ދީލާނުލާނެ. ކޮންމެ ދުވަހަކު އަހަރެންގެ ހިތް އެދެމުން ދަނީ ޒާ އަށް. އަހަރެން މަރުވަންދެން އުޅޭނީ އެކުގަ. އަހަރެމެންގެ ކުޑަކުޑަ އާއިލާ" އައްފާންގެ ވާހަކަތަކުން ޒާރާ ގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ.

"ކަލެއަށް އަލީގެ ޖަވާބު ލިބިއްޖެކަމަށް ހީކުރަން. ދެންވެސް އަވަހަށް މިގެއިން ދޭ" ވަސީމާ ބުންޏެވެ.

ހުރިތަނުން ނުހާގެ ފައި ގުޑުވާވެސް ނުލިއެވެ. ދެރަވެގެން ކަމެއް ނޫނީ ރުޅިއައިސްގެން ކަމެއް ނޭނގެއެވެ. ނުހާ އަށް ރޮވެމުން ދިޔައެވެ. އިސާހިތަކު ނުހާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ކުރަން އައި އެއްވެސް ކަމެއް އޭނާ އަށް ނުކެރުނެވެ. ޒާރާ ގެ ގައިގައި އަޅަން ގެނައި ކަޓަރު އަދިވެސް އޭނާ ލައިގެން ހުރި ޖީންސުގެ ޖީބުގައި އޮތެވެ.

"ނޫން... އައްފާން އަހަންނަށް ތިހެންނަހަދާ. އަހަންނަށް މައާފްކުރޭ. އަލުން އަހަންނަށް ދިރިއުޅުމެއް ހޯދައިދީ. ހެޔޮނުވާނެ. ތިގޮތަށް އަހަރެންގެ މި އެދުމަށް ފުރަގަސްނުދީ. އައްފާންދެކެ އޭރުވެސް މިހާރުވެސް އަހަރެން ލޯބިވޭ. އަހަރެން އަންބަކަށް ހަދައިދީ. ދެއަންބަށްވިޔަސް ހެޔޮ"

އައްފާނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ނުހާ މައިތިރިވިކަން އެނގުމުންނެވެ. ހީލާފައި ނުހާ އާ ތަންކޮޅެއް ގާތަށް އައްފާން ޖެހިލިއެވެ. މިފަހަރު އޭނާ ނުހާގެ މޫނަށް ބަލައިލިއެވެ. ކިތަންމެ ވަރަކަށް ނުހާގެ ދެލޮލުން ކަރުނަ ފޭބިޔަސް މިފަހަރު އައްފާންގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.

"ލޯތްބޭ.. ނުހާ ލަދެއް ނުގަނޭތަ ތިހެން ބުނަން. ނުހާ އަހަރެންދެކެ މިހާރު ކީއްކުރަން. އޭރުވެސް ލޯތްބެއްނުވޭ. މިހާރު އަހަރެންގެ ކުރިމަތީގައި ތިއީ އެއްވެސް އަގެއް ހުރި އަންހެނެއް ނޫން. ތިއީ ކުޑަވެސް އަގަލެއް ހުރި އަންހެނެއް ނަމަ އަހަރެންގެ އަންބެއްގެ ގޮތުގައި ހުރެ ހިލޭ ފިރިހެނުން ކައިރިއަކަށް ނުދުވާނެ. ތިމާގެ އަމިއްލަ ދަރިއަކު މައެއްގެ ލޯތްބަށް އެދި އާދޭސްކުރަމުން ދިޔައިރު އަލިފާނެއް ފެނެއް ވަކިނުވާ އެ ތުއްތު ކުއްޖާ އަށް ނުހާ ދިނީ ފުރަގަސް. ދަރިއެކޭ ކިޔައިގެން އަނގަ ހުޅުވަން ނުހާ ލަދެއް ނުގަނޭތަ؟ އަހަރެން ނުހާ އަށް އުނިކުރީ ކޯޗެއް؟ ބޭނުންވި ކޮންމެ އެއްޗެއް ދުލުން ބޭރުވުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ވިޔަސް އެ އެއްޗެއް ގެނެސްދެން. މިނިވަންކަން ދިނިން. ނުބައި ގޯޅި އަޅައިގެން ދިޔައީ ގެންގުޅުނު ވިޔާނުދާ ރައްޓެހިންގެ ބަހަށް ހެއްލިގެން. ނުހާ ހީކުރީ ނުހާގެ އެއްވެސް ކަމެއް އަހަންނަށް ނޭނގޭ ކަމަށްތަ؟ ނޫނީ އަހަރެން ނުހާ އާ އެކު އުޅުނީ އަހަރެންނާ އިންނާނެ އެހެން އަންހެނަކު ނުލިބިގެން ކަމަށްތަ؟ އަހަރެން ނުހާ އާ އެކު އުޅުނީ އޭރު އަހަންނަށް ލޯބި ދަސްނުވާތީ. މިއަދު އަހަންނަށް އަހަރެންނަށް ބޭނުންވާ ލޯބި ފުދި އިތުރުވާވަރަށް ލިބޭ. އަހަރެންގެ އަނބިމީޙާ ނުހާ އަށް ފެންނަ ގޮތާ އަހަންނަށް ފެންނަ ގޮތް ވަރަށް ތަފާތު. ކަޅު ކުލައިގެ ސާލުގައި ނިވާވެގެން އިން މީރުވަސްދުވާ ފިނިފެންމަލެއް މިއީ"

ފަހަތަށް އެނބުރުނުގޮތަށް އޭނާ އަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި ޒާރާ ގެ އަތްތިލައިގެ ތެރެއަށް އައްފާން އަތްތިލަ ލައްވާލިއެވެ. ދެން ޒާރާގެ އަތްތިލަ އުފުލާލާފައި އެ އަތްތިލައިގައި އައްފާން ބޮސްދިނެވެ.

"އަހަރެންގެ ހުރިހާވެސް އުފަލަކީ މިގޭ ހަތަރުފާރުން އެތެރޭގަ ދިރިއުޅޭ މީހުން. އަހަރެން މިއުޅެނީ ދުވަހަކުވެސް އިންސާނަކު ލޮލުން ނުދެކޭހާ އުފާވެރި ދިރިއުޅުމެއް. އަހަރެންގެ އަލަތު ލޯތްބަކީވެސް އަދި އާޚިރަތުގެ ލޯތްބަކީވެސް ޒާރާ. އެނާ މިހާރު އެދަނީ އަހަރެންގެ ދަރިއަކު މިދުނިޔެއަށް އުފަންކުރަން ތައްޔާރުވަމުން. އަހަރެންގެ ދިރިއުޅުމުންވެސް އަދި ނިއަމްގެ ހަޔާތުންވެސް ނުހާ އަށް ކުޑަވެސް ޖާގައެއްނެތް. ނުހާ މިގެއިން ދޭ. އެހެންނުނީ އަހަންނަށް ޖެހޭނީ ނުހާ އަށް ވިސްނައިވެސް ނުގަނެވޭވަރުގެ ފިޔަވަޅެއް އަޅަން"

އިސްޖަހައިގެން ހުރި ނުހާ ރޮމުން ދިޔައެވެ. އައްފާން ދެއްކި ވާހަކަތަކަށް ފަހު ދޭނެ ޖަވާބެއް އޭނާގެ ދުލަށް ނައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟