އެކަން އައްފާނަށް އެނގުނީ ޒާރާގެ ދެލޯ ގާތުން ފެނުމުންނެވެ.
"މިތަނުގައެއް ނޫން... ޒާ...." އައްފާން ބުންޏެވެ.
ލަދުން ޒާރާގެ މޫނު ރަތްވިކަން އެނގުމުން އައްފާނަށް ހީނލެވުނެވެ. ޒާރާ އޭނާގެ މޭގައި ޖައްސާ ބާރުކޮށްލެވުނެވެ.
****
ނޫރީން ގެއަށް ވަތްގޮތަށް ދުއްވައިގަތީ މަންމަގެ ކޮޓަރިއާ ދިމާލަށެވެ. ނޫރީންގެ ފަހަތުން އައި ޖަންނަތު އައިސް ސޯފާގައި އާފަލަކާ ވަޅިއެއް ހިފައިގެން އިން ޒާރާގެ ކައިރީގައެވެ. ޒާރާގެ ގައިގައި ޖަންނަތު ބައްދާލިއެވެ.
"ކިހިނެއް؟" ޖަންނަތު އެހިއެވެ.
"ރަނގަޅެއްނު. އަލްހަމްދުލިއްލާހް. ކޮބާ މަގޭ އައްޔަ" ޒާރާ އެހިއެވެ.
"އޯހޯ މަގޭ އައްޔަ. ސްކޫލުގެ ވެރިންނަކަށް ނާދެވޭނެ އެހާ އަވަހަކަށް" ޖަންނަތު ބުންޏެވެ.
ޒާރާ ހީލިއެވެ. ކޮށާފައި ހުރި އާފަލުތަށި ހިފައިގެން ޒާރާ ހިނގައިގަތެވެ.
"އާދޭ ކޮޓަރިއަށް"
ޒާރާގެ ފަހަތުން ޖަންނަތުވެސް ހިނގައިގަތެވެ. އެނދުގައި އިށީނދެގެން އިން ހިމްނާގެ ގައިގައި އޮޅުލައިގަނެގެން އިން ނޫރީން ފެނުމުން ޒާރާއަށް ވެސް އަދި ޖަންނަތަށް ވެސް ހެވުނެވެ. ޖަންނަތު އިށީނީ ހިމްނާގެ ފައި ކައިރީގައެވެ. ހިމްނާގެ ފައިގައި ފިރުމާލަމުން ޖަންނަތު ހާލު އަހާލިއެވެ. ހީލަމުން ރަނގަޅު ކަމުގައި ހިމްނާ ބުންޏެވެ.
"މާމަ ބުނި ހަވީރު ފިނިޖެހުނީމަ އަންނާނެ ވާހަކަ" ޖަންނަތު ބުންޏެވެ.
"މަންމައަށް އެނގޭތަ ޖަންނަ އިންނަން އުޅެނީ މިރަށު ޑޮކްޓަރާއެއްނު" ހިމްނާ އަތަށް އާފަލު ތަށި ދިއްކޮށްލަމުން ޒާރާ ބުންޏެވެ. ހިމްނާ ޖަންނަތަށް ބަލައިލީ އެއީ ތެދެއް ހެއްޔޭ އަހާލާ ކަހަލަ ގޮތަކަށެވެ. ޖަންނަތު އަނގައިން ނުބުނެ ހީލިގޮތުންވެސް ހިމްނާ އަށް ޖަވާބު ލިބުނެވެ.
"ދަރިފުޅު ކައިފިންތަ؟" ޖަންނަތު އެހިއެވެ. ޒަރާ ދެފަރާތަށް ބޯހޫރާލިއެވެ.
"ނުކައި މާގިނައިރު ނުހުންނައްޗޭ. ނުކައި ހުރީމަވެސް މޭނުބައިކުރާނެ. އަނެއްކޮޅުން ދަރިފުޅު މިހާރު ޑަބަލް ވިސްނަންޖެހޭނެ" ހިމްނާ ބުންޏެވެ.
"ކިހިނެއްވީ ޒާ؟ އަނެއްކާ ބޮޑީތަ؟" ޖަންނަތު ބުންޏެވެ. އޭނާ އެހެން އެހީ ކަމަކަށް ޝައްކުވެގެނެއްވެސް ނޫނެވެ. މަޖާކޮށްލުމުގެ ގޮތުންނެވެ. ޖަންނަތު ފުންމައިގެން ތެދުވީ ޒާރާ ހީލިތަން ފެނުމުންނެވެ.
"ސީރިޔަސްލީ" އެދިޔަގޮތަށް ގޮސް ޖަންނަތު ހިފީ ޒާރާގެ އަތުގައެވެ.
ޒާރާ އިތުރަށް ބަހެއް ކިޔާނެ ފުރުސަތު ދިނުމެއްނެތި ކޮޓަރިން ނެރެގެން ގޮސް ވަނީ ބަދިގެއަށެވެ.
"ޕްލިޒް ޕްލީޒް ނުބުނައްޗޭ ނޫނެކޭ" ޖަންނަތު ބުންޏެވެ.
"އާއެނކޭ ބުނާނީ. އެކަމަކު އަދި ނުބުނާތި އެކަކު ކައިރީގަވެސް. އަދި އައްޔަ ގާތުގަވެސް ނުބުނަން" ޖަންނަތު ބުންޏެވެ.
އުފަލުން ގޮސް އަނެއްކާވެސް ޒާރާގެ ގައިގައި ޖަންނަތު ބައްދާލިއެވެ.
****
ރޭގަނޑު ހިމްނާ އަށް ކާންދީފައި މަގުމަތީގައި ހިނގާލަން ހިމްނާ ގޮވައިގެން ޒާރާ ނިކުތެވެ. މަގުގެ ދެފަރާތުގައި ހިމްނާ ހިނގަން ބަހައްޓާފައި ޒާރާ އިނީ ޖޯލީގައި އިށީނދެގެންނެވެ. މުޅި ދުވަހު އޭނާ އަށް އުޅެވުނީ ވަރަށް ބުރަކޮށްކަން އެނގުނީ އުނގަނޑާއެކު ބުރަކަށީގައި ރިއްސަން ފެށުމުންނެވެ. އިރުކޮޅަކުން ހިނގާފައި އައިސް ޒާރާ ކައިރީގައި ހިމްނާ އިށީނެވެ.
"ދަރިފުޅު ބަލާ އަލީ އަންނާނީ ކޮންއިރަކު؟" ހިމްނާ އެހިއެވެ.
"އަހަރެން މިގޭގަ އޮންނަންތަ؟ މަންމަ ދޫކޮށްލާފަ ދާން ވަރަށް ޖެހިލުންވޭ" ޒާރާ ބުންޏެވެ.
"ކޮންކަމަކާ ޖެހިލުންވަނީ. ﷲ އިރާދަކުރެއްވިއްޔާ ކުރިން މަންމަގެ ގައިގައި ހުރި ހިތްވަރު އަދިވެސް އެބަހުރި. މަންމަ އަށް ހެލިފެލިވެ އުޅެވޭނެ. ޑޮކްޓަރުވެސް ބުންޏެއްނު ހެލިފެލިވެ އުޅުނީމައޭ ރަނގަޅުވާނީ. މަންމަ މާބަލި މީހަކަށް ތިހަދަނީ ދަރިފުޅު. އަލީ އައިމަ ދަރިފުޅު ދޭ. މަންމަ ދެން ކުރާކަށް ކަމެއްވެސް އޮންނާނީއެއް ނޫނެއްނު. މިރޭ ކާންޖެހޭ ބޭހެއްވެސް ނުހުންނާނެ. މިރޭ މިގަޑީގަ ހިނގާލިޔަސް މާދަމާ ނޫރް ސްކޫލު ދޮށަށް ގެންގޮސްފަ ކުޑަކޮށް ހިނގާލާފަ އަންނާނީ. މަންމަ އާ މެދު ދަރިފުޅު އެހާ ކަންބޮޑުނުވޭ"
ޒާރާގެ އަތުގައި ފިރުމަމުން ހިމްނާ ދިޔައެވެ.
"ކިހާއިރަކު އަންނަނީ؟" ހިމްނާ އެހިއެވެ.
"މިހާރު އަންނާނެ" ޒާރާ ބުންޏެވެ.
އައްފާން އައީ އޭގެ ތިރީހަކަށް މިނެޓް ފަހުންނެވެ. ހިމްނާގެ ކޮޓަރިއަށް ފެންޖަގު ހިފައިގެން ވަން ޒާރާ އަށް އައްފާން ފެނުނީ ފުރަގަހުގައި އައިސް ހުއްޓުމުންނެވެ.
"ނިއަމް ނިދީތަ؟ ޒާރާ އެހިއެވެ.
"ހޫމް... މިރޭ މަންމައަށް ނިއަމް އުނދަގުލެއް ނުކުރާނެ. މިރޭ މަންމަ ލިބޭނީ ބައްޕިއަށް" އައްފާން ބުންޏެވެ. ޒާރާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ކޮޓަރިއަށް ވަންނަން އުޅުނު ޒާރާގެ އަތުގައި އައްފާން ހިފެހެއްޓިއެވެ. ޒާރާ ބަލައިލުމުން އައްފާން ކައިރިވެލާފައި ޒާރާގެ ކޯތާފަތުގައި ބޮސްދިނެވެ.
"ލަސްނުކުރައްޗޭ. މީނީ ބޭރު ޖޯލީގަ" އައްފާން ބުންޏެވެ.
ޒާރާ އެތެރެއަށް ވަދެފައި ހިމްނާ ކައިރީގައި އޭނާ ގެއަށް ދާ ވާހަކަ ބުންޏެވެ. އޭނާ ކޮޓަރިން ނިކުތީ ހެއްދެވިފަރާތާ ވަކީލުކޮށްފައެވެ. މަންމައަށް ވީގޮތް ހަނދާންވުމުން އަދިވެސް އޭނާގެ ހިތުގައިވީ ބިރުވެރިކަމެކެވެ.
****
ޒާރާ މަގުމައްޗަށް ނިކުތްއިރު އުޑަށް ބަލަހައްޓައިގެން އައްފާން ޖޯލީގައި އޮތެވެ. ޒާރާ ފެނުމުން އޭނާ ތެދުވިއެވެ.
"ދައްތަ އެބައިން މަގުމަތި ޖޯލީގަ ޒާ އަންނަންދެން. އަސްލު އުޅުނީ ތަންކޮޅެއް ދުރަށް ދުއްވާލާފަ ގެއަށް ދާން. އެކަމަކު ދައްތަ އިންތިޒާރުގަ ބައިންދާކަށް ނުވާނެއްނު. މިއީ އާންމުކޮށް ދައްތަގެ ބޮކި ނިއްވޭ ގަޑި" ސަމާސާ އެކުލެވޭ ރާގެއްގައި އައްފާން ބުންޏެވެ. ޒާރާ އަށް ވެސް ހެވުނެވެ. އައްފާން ސައިކަލާ ދިމާލަށް ހިނގައިގަތުމުން ޒާރާ ހިނގައިނުގަނެ ހުއްޓެވެ. ވީގޮތެއް އައްފާނަށް ނޭނގި އަލުން އައިސް ޒާރާ ކައިރީގައި ހުއްޓުނެވެ.
"އައްޔަ ދާންވީނު ސައިކުގަ. އަހަރެން ދާނަން ހިނގާލާފަ" ޒާރާ ބުންޏެވެ.
އައްފާންގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ޒާރާ އޭނާގެ ސައިކަލު ފަހަތަށް ނާރަން އުޅޭ ސަބަބު އޭނާ އަށް ގުޅުވާލެވުނީ ދެމަފިރިންގެ މެދުގައި އުފެދިގެންދިޔަ ދެބަސްވުމާއެވެ.
"ދެރަވީތަ؟" އައްފާން ހުރިގޮތުން ޒާރާ އެހިއެވެ.
އައްފާން ބަހެއް ނުބުނެ ހަމައެކަނި ދެފަރާތަށް ބޯހޫރާލިއެވެ.
"އެހެންމިބުނީ އަދިވެސް މޭނުބައިއެބަކުރޭ. މިއީ ދުވަސްތަކެއް ނިމުމެއް އޮތް ކަމެއްނޫން. ސައިކަލަށް އަރާ ދުއްވާލާއިރަށް ހޮޑުދުއްވާލެވޭނެ. ފަހަރެއްގަ އައްޔަ ގަޔަށްވެސް ލެވިދާނެ" ޒާރާ ވާހަކަދެއްކިއެވެ.
އައްފާން ކަންބޮޑުވިއެވެ. އަދިވެސް ޒާރާ ދަތުރުބަލި ވަނީ ހެއްޔެވެ؟ އެހެންވިއްޔާ އެންމެރަނގަޅު ވާނީ އަރާމު ކުރުމެވެ. އޭނާ ޒާރާ ބޭނުންވިގޮތަށް ޒާރާގެ އަތުގައި ހިފައިގެން ގެއާ ދިމާލަށް ދާން ހިނގައިގަތެވެ.
"ސައިކު ނަގަން މާދަމާ އަންނާނީ" ޒާރާ ބަލައިލުމުން އައްފާން ބުންޏެވެ.
****
"ހެޔޮ އަހަންނަށް. އަހަރެން ބޯގޮވައިފި. އައްފާންގެ ދައްތަވެސް ހީވަނީ އަހަންނާ ޖައްސާލާފަހެން ހުންނަނީ. އަޅެ މޮޅޭ ވާހަކަދައްކާލި ގޮތް" އެނދުގައި އޮތް ނުހާ ވާހަކަދެއްކިއެވެ. އޭނާ އޮތީ ފޯނުން ޖުމާ އަށް ގުޅައިގެންނެވެ. މާހީ މާލެ ދިޔަފަހުން ގެސްޓްހައުސް އަށް ފައިސާ ނުދެއްކޭތީ އޭނާ ހުންނަނީ ޖުމާ ގެ އެކުވެރިއެއްގެ އެކުވެރިއެއްގެ ގޭގައެވެ.
"ޖުމާ ހާދަ ރަނގަޅޭ. ތިގޮތަށް އަހަންނާ އެއްކޮޅަށް މާހީ ނުދައްކާނެ ވާހަކައެއް. އެ އަންހެނާ އަށް ކިހިނެއްތަ އެވީ. މާލެ ދިޔަގޮތަށް ބަހަބަރު" ނުހާ ބުންޏެވެ.
"ނޭނގެ. އަހަރެން ގުޅައިގެންވެސް ފޯނެއް ނުނަގާ. އެމީހުން މިހާރު ގެވެސް ބަދަލުކޮށްފި. މިހާރު އުޅޭ ގެއެއް ނޭނގޭ. އެކަމަކު ހޯދާލާފަ ނުންނު އަށް ހަބަރެއް ވާނަން އެނގޭ" ޖުމާ ބުންޏެވެ.
"އެކަމަކު... ކީއްވެ މާހީ ޗޭންޖުވީ. ނުލާހިކު ރީތިކޮށް މިކޮޅުގަ ހުރީ. ދެން ހެޔޮ މަށަށް. އަޅެ ޖުމާ ބުނެބަލަ އައްފާނުގެ އަނބިކަމަނާ އަށް ހަދާލާނެ ގޮތެއް. އަހަރެން އެކަނި ހުރީމަ ހައްތާވެސް މައްސަލައަކީ" ނުހާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ.
"ނުންނު އަށް ވާނެ. ނިކަން ކެރިގެން ނިކުމެބަލަ އައްފާން ހޯދަން. ދަރި އޮށްވާ އައްފާނަށް ކުޅިވަރެއް ނުކުޅެވޭނެ. ބުނޭ ތިމަންނަ ކުއްޖާ ބޭނުމޭ. ބުނޭ ކޯޓަށްވެސް ދާނަމޭ. ފުރަތަމަ ޖަޒުބާތުގަ ޖައްސައިގެން ވީ ފައިދާއެއް ނެތެއްނު. ދެން ބެލްމެއިލް ކުރޭ. އަހަރެމެންނަކީ އަންހެނުން. އަހަރެމެންނަށް ވާނެ"
ޖުމާ ދިން ހިތައްވަރުން ނުހާ އަށް އައު ޖޯޝެއް ލިބުނު ކަހަލައެވެ. ހިތުގައި އާ އުންމީދެއް އާވެއްޖެއެވެ. އަދިވެސް އެގޭ ދޮށަށް ދާން އޭނާ ނިންމިއެވެ. ކާމިޔާބު ނުވަނީސް ރަށުން ފޭބުމެއް ނެތެވެ. މޫނު ބުރުގާ އަޅާ ގޮތް ނޭނގޭ އަންހެނަކަށް ވުރެ ހުރިހާ ގޮތަކުންވެސް އައްފާނާ އެންމެ އެކަށީގެންވަނީ އަހަންނެވެ. ނުހާ ތެދުވެގެން ގޮސް ހުއްޓުނީ ތިން ދޮރުފަތްލީ އަލަމާރީގެ ލޯގަނޑު ލީ ބައިގެ ކުރިމަތީގައެވެ. އޭނާގެ އަމިއްލަ ސޫރައަށް އޭނާ ބަލައިލިއެވެ. ފައިން ފެށިގެން ބޮލާ ހަމައަށެވެ. ޖުމާ ދިން ބޭސްތައް ކައިގެން ކިތަންމެ މަހެއް ވިރިއްޖެއެވެ. ލައިގެން ހުރި ބޮޑު ޓީޝާޓް ފަހަތުން ހިފާލާފައި ހަށިގަނޑުގެ ބައްޓަންތައް ފާޅުކޮށްލިއެވެ. ފާހަގަކުރެވުނީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވާން އުޅުނު އިރު ދަށްބަނޑު ނިކުތް ގޮތަށް އަދިވެސް އެއްކޮށް ކުޑަނުވާ ކަމެވެ. އެހެންނަމަވެސް އެހެން ތަންތަން ހުރީ އައްފާން ލޯބިވާ ގޮތަށެވެ. އަދި އައްފާން އަންނާނެއެވެ. އަލަތު އަނބިމީހާ މަތިން އެއްވެސް ފިރިހެނަކު ހަނދާނެއް ނުނެތޭނެއެވެ.
****
އެނދުގައި ޒާރާ އޮށޯތުމާއެކު އައްފާން ފަހަތުން ޒާރާ ކައިރިވެލައިފިއެވެ. އެނާ ޒާރާގެ ގައިގައި ބައްދާލައިފިއެވެ. ޒާރާގެ ހަށިގަނޑުގެ އެކިތަންތަނުން އައްފާންގެ ބީހުންތައް އިހުސާސްވާން ފެށުމުން ޒާރާގެ މުޅި ނަފްސު އައްފާނާ ހަވާލުކުރެވެން އުޅުނެވެ. އެހެންނަމަވެސް އޭގެކުރިން ވާހަކަދައްކާލަން ބޭނުންވިއެވެ.
"ޒާ މިކޮޅަށް އެނބުރިބަލަ" އައްފާން ބުންޏެވެ.
ޒާރާ އައްފާނާ ވީކޮޅަށް އެނބުރިލިއެވެ. އޭނާ އަށް ބަލަން އޮތް އައްފާންގެ މޭދަށުގައި އިތުރަށް އޭނާ ބޮނޑިވެލިއެވެ. ޒާރާގެ ހަށިގަނޑުގައި އައްފާން ދެއަތުން ވަށާލުމަށްފަހު އިތުރަށް ގަޔާ ކައިރިކޮށްލިއެވެ.
"ޒާ ގެ ހަށިގަނޑުގެ ތިހުންނަ ލުއިލުއި ވަސް ޖެހުނަސް އަހަރެން މޮޔަވޭ" އައްފާން ބުންޏެވެ. ޒާރާ އޭނާ އަތުތެރެއަށް ލައިގެން އޭނާ އޮތީ ލޯ މަރާލައިގެންނެވެ.
"އައެމް ސޮރީ. އެއީ އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން. އަހަރެންނަށް ޖީޒާ އޮޅުވާލީ. އެއީ ފައްވާޒާ ޖީޒާ ގެ ރޭވުމެއް. އެއްވެސް ކަމެއް ނޭނގި އަހަރެން އެމަޅީގަ ޖެހުނީ. އެތަނުން ނިކުންނަން އަހަރެން މަސައްކަތްކުރީން. ފައްވާޒް އަތުގަ ތަޅުދަނޑި އޮތީ ފައްވާޒްގެ ޖީބުގަ" ޒާރާ ވާހަކަދައްކަން ފެށިއެވެ.
"އަހަރެން ތިވާހަކަނުދައްކާނަން. ކުށްވެރިއަކީ ޒާ އެއް ނޫން. އަހަރެން. ޒާ ނުޖެހޭނެ މަޢާފަށްއެދޭކަށް" އައްފާން ބުންޏެވެ.
"ނޫން. އަހަރެން މިވާހަކަ ނުދައްކަންޏާ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ. ޕްލީޒް އަހަރެން މި ވާހަކަ ދެއްކިޔަދީ. މިއީ އައްޔައަށް އެނގެންޖެހޭ ކަމެއް" ޒާރާ ވާހަކަދެއްކިއެވެ.
"އަހަރެންނަށް ނޭނގޭ އެއްޗެއް ޒާ ނުކިޔާނެ" އައްފާން ބުންޏެވެ.
ޒާރާ ހައިރާންކަމާއެކު އައްފާންގެ މޫނަށް ބަލައިލިއެވެ. ޒާރާގެ ދެލޮލަށް ބަލައިލާފައި އައްފާން ހީލިއެވެ. ދެން ޒާރާގެ ނޭފަތުގެ ކޮލުގައި ބޮސްދީފައި އަނެއްކާވެސް އިހު އޮތްގޮތަށް އޮތެވެ.
"އެއީ މިހާރު މާޒިއަށް ވެފައި އޮތް ކަމެއް. ޒާ ތިއީ އަހަރެންގެ މީހެއް. ފައްވާޒްގެ ސަބަބުން ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރު ވެއްޖިއްޔާ އަހަންނަށް ކިތަންމެ ބޮޑު ގޯހެއްވެސް ހެދިދާނެ. ޖަލުގަ އޮންނަން ޖެހުނަސް ޒާ ގެ ނުރުހުމުގައި ޒާ އާ ކައިރިވާ ކޮންމެ ފިރިހެނަކު މަރާލާނަން" އައްފާން ބުންޏެވެ. ޒާރާ ދެލޯ މަރާލިއެވެ. އެދަރަޖައަށް އޭނާ ދެކެ އައްފާން ލޯބިވާކަމަށް އޭނާ އަށް ގަބޫލުކުރެވެއެވެ. އެދުވަހު ކުރިން ފައްވާޒްގެ ގަޔަށް އަތްލީވެސް އައްފާނެވެ.
"އެކަމަކު... އަހަރެން... އެ ދުވަހު ނުހާ..." ޒާރާ އެ ވާހަކަދައްކަން އުޅުނެވެ.
"ތިކަންވެސް އަހަންނަށް އެނގޭ. ނުހާ ދެ ދުވަހު މިގެއަށް އައިސްފި. އަހަންނާ ދިމާވީ އެންމެ ދުވަހަކު. އަހަރެން އޭނައަށް ޖަވާބުދީފިން. ނުހާ އަހަންނަށް މުހިންމެއް ނޫން" އައްފާން ބުންޏެވެ.
"އޭނަ ނިއަމް ގެންދަން އެ ދުވަހުވެސް އުޅުނު. ނިއަމް..." ޒާރާގެ ތުންފަތުގައި އައްފާން އިނގިލިން ހުރަސްކޮށްލިއެވެ. ޒާރާ ބަލައިލުމުން މަޑުމަޑުން ދެފަރާތުން ބޯހޫރާލިއެވެ. އެ ވާހަކަތައް ނުދައްކާށޭ ބުނި ކަހަލައެވެ.
"ނިއަމް އަކީ އަހަރެމެން ދެމީހުންގެ ދަރިއެއް. ނިއަމް ބޮޑުވާނީ ނިއަމްގެ މަންމަ އާ ބައްޕަ ކައިރީގައި ހުރެ. ތިއަށް ވުރެ ރަނގަޅު މައެއް ދެން ހިއެއްނުވޭ ނިއަމް އަށް ލިބިދާނެހެނެއް" އައްފާން ބުންޏެވެ. ޒާރާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
"ނުހާ ހުރީ އެހާ އަވަހަށް ގޮތްދޫކުރާ ގޮތަކަށް ނޫން. އޭނަ ދައްތަ އާ ވާހަކަދެއްކީ ވަރަށް ގޮތުގައި ހުރެ. ހީވަނީ އަދިވެސް މިރަށުގައި އެބައުޅޭހެން. އަދިވެސް މިގޭދޮށަށް ނާންނާނެއެކޭ ނުބުނާނަން" އައްފާން ބުންޏެވެ.
ދެމަފިރިން އެކަކު އަނެކަކާ ބަހެއް ނުކިޔާ ހިނދުކޮޅެއް ދިޔައެވެ. އައްފާންގެ މޭގައި ޒާރާ މަޑުމަޑުން އިނގިލިން ފިރުމަމުން ދިޔައެވެ.
"އަހަރެން ހުރީ ދުވަހަކުވެސް ޒާ އަށް މިހެން ނުބުނަން. އެކަމަކު މިރޭ ބުނެލާނަން. މިއީކީ ފަހަރެއްގައިވެސް އަހަރެން ކުރާ ޝަކުވާއެއް ނޫން. އަހަންނަށް އެނގޭ އިންތިޒާރުގެ ނިމުމަކީ ފޮނި އެއްޗެއްކަން. އަހަރެން މެރީކުރިއިރު އެނގޭ އަހަރެން މެރީ މިކުރަނީ އަހަރެން ލޯބިވާ ކުއްޖަކާ ކަން. އަހަރެން ޒާ އަށް އަބަދުވެސް އިންތިޒާރުކުރަން. އަހަރެން ހިތަށް އަރާ ކޮންދުވަހަކުންބާއޭ ޒާ އަހަރެންދެކެ ލޯބިވާނީ. އެކަމަކު އެދުވަސް ދުރުގައި ނެތް. އަހަރެން ހެއްދެވިފަރާތަށް ވަރަށް އިތުބާރުކުރަން. އަބަދުވެސް އުންމީދު ކުރާނަން. ޒާ އަހަރެންދެކެ ލޯބި ނުވިޔަސް....."
އެހިސާބުން އައްފާނަށް ޖެހުނީ ހުއްޓާލާށެވެ. ޒާރާ އައްފާންގެ އަނގަ މަތީގައި އަތް އެޅުމުންނެވެ. ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު އައްފާނަށް ޒާރާ ގެ ދެލޮލުން އެތައް ވާހަކައެއް ބުނެދީފިއެވެ. ޒާރާ މަޑުން އައްފާންގެ އަނގަ މަތިން އަތް ނެގިއެވެ. ކުރިން އޮތްގޮތަށް އައްފާންގެ މޭގައި ބޮނޑިވެލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.
"ކިހިނެއް ކޮންއިރަކު ކަމެއް ނޭނގޭ އަހަންނަށް މި އިހުސާސް ކުރެވުނީ. އަހަންނަށް އެނގެނީ އަހަރެން ކައިރީގައި އައްޔަ ހުންނަން އަބަދުވެސް އެދެވޭކަން. އައްޔަ ގެ ތި ބީހުންތައް އައްޔަ އަހަންނަށް ބަލާލާގޮތް އަހަންނާ ގާތްވެލާ ގޮތް އައްޔަ ފެންނަން ނުހުންނަ ވަގުތުތަކުގަ ވަރަށް ހަނދާންވޭ. އަހަންނަށް ހީވަނީ އައްޔަ އާ އެކު މާލޭގައި ހޭދަކުރި ދުވަސްތަކުގަ މި އިހުސާސްތައް އަހަރެން ހިތުގަ އުފަންވެއްޖެހެން. މިއީ އެކަލާނގެ ރޭވުންތެރިކަން. އަހަރެން އައްޔަ ދެކެ ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. އަހަރެން މިކަމަށް އިއުތިރާފްވަނީ ހަމަ ހޭގައި އޮވެ ވަރަށް ބޮޑު ޔަގީންކަމަކާއެކު. އަހަރެންގެ ދުއާ އަކީ މި ލޯބި އަހަރެން ހިތުން އެކަލާނގެ ދުވަހަކުވެސް ފިލުވާނުލެއްވުން. ﷲ އިރާދަކުރެއްވިއްޔާ އަހަރެން އައްޔަ އާ އެކު މަރުވަންދެން އުޅޭނަން. ޖަންނަތުގައިވެސް އަހަރެންނާއެކު ވާން ބޭނުންވާ މިތުރަކީ ތިއީ. ހަގީގީ ލޯތްބެއްގެ ކުލަ ރަން އަކުރުން އަދި ކިރިޔާ އަހަރެންގެ ދިރިއުޅުމުގަ މިޖެހުނީ. އަހަރެން ހީކުރީ މިގޮތަށް އައްޔަ ކައިރީގަ ބުނާނެ ފުރުސަތެއް ދުވަހަކުވެސް އަހަންނަށް ނުލިބޭނެ ކަމަށް. އަހަރެން މަރުވާނީ ލޯބިވާ މީހާ ކައިރީގައި ލޯބިވާ ވާހަކަ ބުނެލާނެ ފުރުސަތު ނުލިބިކަމަށް"
މަޑުމަޑުން ޒާރާ ދައްކަމުން ދިޔަ ވާހަކަތައް އަހަން އޮތް އައްފާނަށް ކުރެވުނީ މުޅީން އެހެންކަހަލަގެ އިހުސާސެކެވެ. އޭނާ ހެއްދެވިފަރާތަށް ހިތާހިތުން ހަމްދުކޮށްލިއެވެ. އޭނާގެ ދެލޮލުގެ ދެ އަރިމަތިން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔަކަން ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ. ދެން އެކަން އެނގޭނީ އޭނާއަށެވެ.
"އަދި އެއްފަހަރު ބުނެލަބަލަ" އައްފާން ބުންޏެވެ.
"ކޯޗެއް" ޒާރާ އެހިއެވެ.
"އަހަންނާ މެދު ޒާ އަށް ކުރެވޭ އިހުސާސް. ހަމަ ތެދެއް މިބުނީ. ޒާ ދެންމެ ތިދެއްކި ވާހަކަތަކަކީ އަހަރެންގެ މުޅި އުމުރުގައިވެސް އަހަރެން އަޑުއެހި އެންމެ ހިތްގައިމު ބަސްކޮޅު. އަޑުއަހާއަހާ ފޫއްސެއްނުވާނެ. ހެޔޮނުވާނެ އަދި ބުނެބަލަ" އައްފާން ބުންޏެވެ.
ޒާރާ ކުޑަކޮށް ބޯހިއްލާލިއެވެ. އައްފާންގެ މޭގައި ދަތްދޮޅި އަޅުވާލުމަށްފަހު އޭނާގެ ނަޒަރު ސީދާކޮށްލީ އައްފާންގެ މޫނަށެވެ.
"އަހަރެން މިހެން ބުނާ އަޑު ކޮންމެދުވަހަކު ދެން އައްޔަ އަށް އިވޭނެ. އައި ލަވް ޔޫ އައްޔާ" ޒާރާ ބުންޏެވެ. އައްފާން ނުވިސްނާ އޮށްވާ އޭނާ ހިފީ އައްފާންގެ އަތުގައެވެ. އަނެއް ފަރާތުން އައްފާންގެ އަތްދަނޑިމަތީގައި ބޯއަޅާލުމަށްފަހު އައްފާންގެ އަތް ގެނެސް ބޭއްވީ އޭނާގެ ބަނޑުމަތީގައެވެ. އައްފާނަށް ހީކުރެވުނީ ޒާރާ ކަމެއް ބޭނުންވެގެން ދޭ ދައުވަތެއް ކަމަށެވެ. އެހެންނަމަވެސް އެ ކުށްހީ ފިލައިގެން ދިޔައީ ޒާރާ ބުނި އެއްޗަކުންނެވެ.
"މި ކުޑަކުޑަ ބޭބީވެސް ބައްޕި ދެކެ ވަރަށް ލޯބިވޭ" ޒާރާ ބުންޏެވެ.
އައްފާނަށް ގަބޫލުކުރަންވެސް ދަތިވިއެވެ. ފުންމައިގެން ތެދުވިގޮތަށް ޒާރާގެ މޫނަށް ބަލައިލިއެވެ. އޭނާއަށް ހީނލެވުނީ އިރުކޮޅަކު ޒާރާގެ މޫނަށް ބަލަން އިނުމަށްފަހުގައެވެ.
"އާނ. އަހަންނަށް މިކަން އެނގުނީ މާލޭގަ ހުއްޓާ" ޒާރާ އިތުރަށް ޔަގީންކޮށްދިނެވެ.
އައްފާނަށް އިތުރަށް ކެތެއް ނުވިއެވެ. ޒާރާ ދެއަތުގައި ހިފާ ގާތަށް ދަމާލިގޮތަށް ބައްދާލިއެވެ. އައްފާން ހެނީކަމެއް ރޮނީކަމެއް ޒާރާ އަށް ނޭނގުނެވެ. ބަލާކަށް ބޭނުމެއް ނުވިޔަސް މިވަގުތު އައްފާންގެ ހިތުގައި އުފެދިފައިވަނީ ކޮންމެ ކަހަލަ ޖަޒުބާތެއް ނަމަވެސް ދެލޮލުން އަންނާނީ އުފާވެރިކަމުގެ ކަރުނައެއް ކަން ޔަގީނެވެ.
ދުވަހަކުވެސް ދޫކޮށްލަން ނޭދޭ ފަދައިން އައްފާން ޒާރާއާ ގާތްވަމުން ދިޔައެވެ. އައްފާންގެ އެ ބީހުންތަކަށް އެދިއެދި އޮތް ޒާރާ އަށް ވެސް މިރޭ ކުރެވެމުންދާ އިހުސާސްތައް މުޅީން ތަފާތު ވެއްޖެއެވެ. އެތައް ދުވަހަކުއްސުރެ، ދެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު، އެކަކު އަނެކަކުގެ ހަށިގަނޑުގެ އެހީގައި ނިއްވައިލާން ދެހިތުން މަސައްކަތް ކުރިއެވެ. އައްފާންގެ ހައިބަވެތި ހަށިގަނޑާއި، ދެއަތުގެ ތެރޭގައި ޒާރާގެ ތުނިތުނި ހަށިގަނޑުވީއިރު، ދެ ހިތުންވެސް ކެނޑިނޭޅި އުފާވެރިކަމުގެ ކަރުނަ އޮހޮރެމުން ދިޔައެވެ. އެކަރުނަ ތިކިތައް ވެސް އެ ދުވަހަށްޓަކައި އިންތިޒާރު ކުރަމުންދާ ކަހަލައެވެ.
(ނުނިމޭ)