ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 63

1

އައްޔަ އަށް ހެޔޮ ވިސްނުން ލިބުނު ކަން ހަމަ ނަސީބެވެ. ފެނުނީމަ ބުނާނީ ކީކޭ ހެއްޔެވެ؟ މަޢާފަށްއެދޭނީ ހެއްޔެވެ؟ ނޫނީ އައްޔަ މަޢާފަށްއެދެން ދެން މަޑުކުރާނީ ހެއްޔެވެ؟ ނިއަމް... މަގޭ ދަރި.... މަންމަ ވަރަށް ހަނދާންވޭ ދަރިފުޅޫ" ނިއަމް މަތިން ހަނދާންވުމުން ޒާރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ. އަމިއްލަ ބަނޑުގައި އޭނާ ފިރުމާލިއެވެ. އެނާގެ އެތެރެހަށީގައި ކުޑަކުޑަ ފުރާނައެއް ވިންދުޖަހަމުން ދާކަން އެނގުމުން ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.

****

ސަލާމް ގޮވާލި އަޑަށް ބަދިގޭގައި ހުރި ވަސީމާ ބޭރަށް ނިކުތެވެ. ސަލާމް ބަލައިގަތީ ދޮރާށި ފެންނަ ހިސާބަށް ނިކުމެފައެވެ. ސަލާމްގޮވި ނުހާ ވަސީމާ އަށް ސަލާމް ބަލައިނުގަނެވެނީސް ހުރީ ގޯތިތެރެއަށް ވަދެފައެވެ. ފެންޑާގައި ނިއަމް ގޮވައިގެން ކުޅެން އިން އަމާނީ ވެސް ކަޅިޖަހާނުލާ ހުރީ ނުހާ އަށް ބަލަހައްޓައިގެންނެވެ.

"އައްފާން... އައްފާނާ ބައްދަލުކުރަން" ނުހާ ބުންޏެވެ.

ވަސީމާ ހައިރާންވިއެވެ. ނުހާ ވިސްނައިދިންތާ އަދި ސައްވީސް ގަޑިއިރު ނުވެއެވެ. އަނެއްކާ އެހުރީ އައްފާން ހޯދަން އައިހެވެ. ޒާރާ ބަލާ ބަނދަރަށް އައްފާން ގޮސްހުރި ވަގުތު ކަން ނަސީބެވެ.

"އާދޭ އެތެރެއަށް"

ވަސީމާގެ ފަހަތުން ނުހާ ހިނގައިގަތެވެ. އެ ދިޔުމުގައި ނުހާގެ ނަޒަރު އެއްފަހަރު ނިއަމް އަށް ހުއްޓުނެވެ.

"މިތާ އިށީނދޭ" ވަސީމާ ނުހާ އަށް ގޮނޑި ދެއްކީ ކާގެއިންނެވެ. ނުހާ ގޮނޑީގައި އިށީނުމުން ބިއްލޫރި ތައްޓަކާ ފިނި ފެންފުޅިއެއް ނުހާ ކުރިމަތީގައި ބެހެއްޓިއެވެ. ދެން އޭނާ ވަނީ ބަދިގެއަށެވެ. އުނދުން މަތީގައި ކެކި ކެކި ހުރި ރިހަ ތެލި ބާލާފައި އުނދުން ނިވާލުމަށްފަހު އޭނާ އައިސް ވަނީ ބަދިގެއަށެވެ.

"އަލީ ގެއަކު ނެތް. އޭނަ އަންހެނުން ބާލަން ބަނދަރަށް ގޮސްވީ" ވަސީމާ ބުންޏެވެ. ވަސީމާ އިށީނީ ނުހާ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އޭނާ އުޅުނީ ދެވަނަ ފަހަރަށްވެސް ނުހާ އަށް ވިސްނައިދޭށެވެ. އެގޮތަށް އައްފާން ހޯދަން އެގެއަށް ނުހާ އައުމަކީ ރަނގަޅު ކަމެއް ނޫނެވެ. އައްފާނާ ޒާރާގެ ގުޅުން އަދި ހަމަނުޖެހިގެން އުޅޭއިރު ނުހާގެ ސަބަބުން އިތުރަށް ގޯސްވެދާނެ ކަމަށް ވަސީމާ ޖެހިލުންވިއެވެ.

"ނުހާ ތިއުޅެނީ މާލެ ނުދެވިގެންތަ؟ ތި އާއިލާ މީހެއްގެ ނަންބަރު އަހަންނަށް ދެވިދާނެތަ؟ ނުހާއަށް ބުނަން ނުކެރެންޏާ އަހަރެން ގުޅާފަ ބުނެދާނަން ނުހާ ބަލައި އަންނާށޭ" ވަސީމާ ވާހަކަދެއްކިއެވެ.

އިސްޖަހައިގެން އިން ނުހާ ވަސީމާއަށް ބަލައިލިއެވެ. ވަސީމާގެ ވިސްނުން އެހުރީ މާ ކުރީގައެވެ. އާއިލާ މީހަކަށް ގުޅުމަކީ ގޭ މީހުންގެ ކުރިމަތީގައި އިތުރަށް އޭނާގެ އަގުވެއްޓިގެން ދާނެ ކަމެކެވެ.

"އަހަރެން މާލެ ދާން ބޭނުންވަނީ އައްފާން ގޮވައިގެން. އަހަރެން އައްފާން ބޭނުން. އައްފާން އަހަރެންދެކެ ނަފްރަތެއް ނުކުރާނެ. ވަރަށް ލޯބިވާނެ އަހަރެންދެކެ. ކައިވެންޏެއްވެސް އެކުރީ ބޯހަމަޖައްސަންވެގެން. ދައްތަ އައްފާނަށް ވިސްނައިދޭންވީނުން" ނުހާ ވާހަކަދެއްކިއެވެ.

ވަސީމާ އިނީ ހައިރާންކަން އެކުލެވިގެންވި ބެލުމަކުން ނުހާ އަށް ބަލަހައްޓައިގެންނެވެ. މިއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ އެހުރީ ކޮންކަހަލަ ވިސްނުމެއް ހެއްޔެވެ؟

"ބުނަން ނުހާ. އަހަރެމެންނަކީ އެއްވެސް މީހަކާ ދިމާލަށް އަޑުލައި ހަޑި އެއްޗެހި ގޮވާ އިހުތިރާމު ކުޑަކުރާނެ ބައެއް ނޫން. އެހެންވިޔަސް ފަހަރެއްގައިވެސް ހީނުކުރާތި ކޮންމެ ކަމެއް ހެޔކޮށްގެން ހުންނާނޭ. ނުހާ އާ އަލީ އާ ދެމެދު އޮތް ގުޅުން ރޫޅިއްޖެ. މިހާރު އަލީ އެ އުޅެނީ މީހަކާ އިނދެގެން. އެދެކުދިން އުޅެނީ އުފަލުގަ. އަލީ އިތުރު އަންހެނަކަށް ބޭނުމެއްނުވޭ. ނުހާވެސް އެކަން ގަބޫލުކުރޭ. އެހެންނޫނީ ނުހަ އަލީ ހޯދަން މިގެއަށް ތިއަންނަ އައުން އެހެން ގޮތަކަށް ހުއްޓުވަން ޖެހިދާނެ" ވަސީމާ ވާހަކަދެއްކީ މަޑުން ނަމަވެސް އަޑުގައި ހިތްހަމަނުޖެހުން ވިއެވެ.

ނުހާ ފުންމައިގެން ގޮނޑިން ތެދުވިއެވެ. ވަސީމާ ދެއްކި ވާހަކަތައް އޭނާ ގަބޫލެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ.

"އަހަރެން މިރަށުން ދާނީ އައްފާން ގޮވައިގެން. ތި އެންމެން ބަލަން ހުރޭ އަހަރެން އަތުގަ އައްފާން ހިފާތަން" ނުހާ ނިކުމެގެން ހިނގައިގަތެވެ. ވަސީމާ ދޮރާށި ފެންނަވަރަށް ނިކުމެލިއެވެ. ނުހާގެ އެ ޖެހިލުންކުޑަކަމާ ހުރެ ވަސީމާ ހިތްނުތަނަވަސްވިއެވެ. ކޮންމެސް ގޮތެއް ހަދައިގެން އެ އަންހެނާ މައިތިރިކުރަން ޖެހެއެވެ. އަތްއުރާލައިގެން މޮޅުވަނީ ކޮންބައެއްތޯ ބަލަން ތިބެވޭކަށް ނެތެވެ. ފިޔަވަޅު އަޅަންވީ މިހާރުއެވެ. ފަހަކުން ނޫނެވެ.

****

ދުނިޔެ މައްޗަށް އަވި އަރަމުން އައި ވަގުތެވެ. ލޯންޗު ނެރުން ވަދެގެން ބަނދަރާ ކައިރި ކުރަމުންދާ ވަރަކަށް ރުކެއްގައި ލެގިލައިގެން ހުރި އައްފާންގެ ހިތް އަވަސްވަމުން ދިޔައެވެ. ލޯންޗުން އައި މީހުންގެ އާއިލާގެ ބައެއް މެންބަރުންނާ ގެސްޓުންނާ ހަވާލުވާން އައިސް ތިބި މީހުން ލޯންޗާ ކައިރިވަމުން ދިޔައެވެ. އައްފާން ކުޑަތަންކޮޅެއް ކުރިއަށް ޖެހިލިއެވެ. ޒާރާގެ ފްލައިޓް ނައްޓާލިއްސުރެ އޭނާ އިންތިޒާރު އެކުރަނީ ޒާރާގެ ދެލޯ ފެންނާނެ ވަގުތަކަށެވެ. އެންމެ ފުރަތަމަ ޖެޓީ މައްޗަށް ފޭބީ ގެސްޓުންނެވެ. އޭގެފަހުން ފަޅުވެރިއެއްގެ އަތުގައި ހިފައިގެން ހިމްނާ ފޭބިއެވެ. ފަހަތުން ހިމްނާގެ ގައިގައި ހިފަހައްޓައިގެން ހުރި ޒާރާ އައްފާނަށް ފެނުނު ހިނދު މޭގައި އަމިއްލަ އަތުން ފިރުމާލިއެވެ. ޖެޓީ މަތީގައި އެހީވެދޭން ހުރި ފިރިހެންމީހާގެ އަތުގައި ނުހިފާ އަމިއްލަ އަށް ފައިބަންވެގެން ޒާރާ އަރިއަޅާނުލީ ކިރިޔާއެވެ. ޖެޓީ އަށް ފޭބިގޮތަށް ދުއްވައިގަތީ އެއްފަރާތުގައި ހެދިފައި ހުރި ގަސްތަކާ ދިމާލަށެވެ. ހިމްނާ ވެސް ޒާރާ ފަހަތުން ބާރަށް ހިނގާފައި ދިޔައެވެ. ގުދަށް އޮވެ ޒާރާ އޯކަށްދެމެމުން ދާތަން ފެނުމުން މިހުރިހާއިރު ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި އައްފާން އެދިމާލަށް ދުއްވައިގަތެވެ.

ޒާރާގެ ކައިރިން ހުއްޓުނު އައްފާން ފެނުމުން ހިމްނާ ކުޑަކޮށް ދުރަށްޖެހިލިއެވެ. ޒާރާ ބަލައިލީ އޭނާގެ އުނަގަނޑުގެ ދެފަރާތުން މީހެއްގެ އަތުގެ އިހުސާސް ވުމުންނެވެ. ވެފައި ހުރި ވަރުން އެއީ ކާކުތޯ ބަލަން ޒާރާ އަށް ނޫޅެވުނެވެ. ހީކުރެވުނީ އަބަދުވެސް އޭނާގެ އެންމެ ގާތުގައި ހުންނާނީ މަންމަ ކަމަށެވެ. އޭނާ އަށް ހަމައެކަނި އޯގާތެރިވާނެ މީހަކީ މަންމަ ކަމަށެވެ. އެހެންނަމަވެސް ޒާރާގެ ސަމާލުކަން މަންމަ އަށް ދީފައިވާ ވިސްނުމުން އެއްފަރާތް ކުރެވުނީ އޭނާ އަށް ދިއްކޮށްލި ފެންފުޅީގައި ހިފަން އުޅުނު ވަގުތުގައެވެ. އައްފާންގެ އިނގިލީގައި އޮތް ރިހި އަނގޮޓި ފެނުމުންނެވެ. ހަމަ އިސްކޮޅަށް ދެމިލުމަށްފަހު ދާދި ކައިރީގައި ހުރި އައްފާނަށް ބަލައިލިއެވެ. އެހިނދު އޯކާ ދެމުމުގެ ސަބަބުން ދެލޯ ކައިރިން ފޭދިފައިވި ފެންތަކުގެ ތެރެއަށް ދެލޮލުން ފައިބައިގަތް ފެންތައް އިތުރުވެގެން ދިޔައެވެ. ހިމްނާ ދުރަށްޖެހުނީ ދަރިންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ޒާރާއަށް ބަހެއް ނުކިޔުނެވެ. ހިތްދަތިވެފައި ހުރިވަރުން ޒާރާ އަށް ތުންފިއްތާލެވުނީ އޭނާގެ މޫނަށް ހަތަރުކަޅި ހަމަކޮށް އައްފާން ބަލަހައްޓައިގެން ހުއްޓައެވެ. އައްފާން އަތް އުފުއްލާލިއެވެ. ޒާރާގެ މޫނުގައި އަތުން ހިފަހައްޓާލިއެވެ. އިސްޖެހުނު ޒާރާގެ ކޮނޑުގައި އަނެއް އަތުން އަތް އަޅުވާލުމަށްފަހު ގަޔާ ކައިރިކޮށްލިއެވެ.

އައިމް ސޮރީ މައި ލަވް. އައިމް ސޮރީ ފޯ އެވްރީތިންގ" އައްފާން ބުންޏެވެ.

ކުރެވުނު ކުށް އިހުސާސްވުމުން އައްފާން މަޢާފަށްއެދުނު އަޑު އިވުމާއެކު ޒާރާ އިތުރަށް ހިތުގައިޖެހުނެވެ. ދެން އޮތީ އޭނާގެ ފަހަރޭ ހިތަށްއެރިއެވެ.

"ހިނގާ ގެއަށް ދާން" އެތަނުގައި ރަނގަޅަށް ޒާރާއަށް ވާހަކަނުދެއްކޭނެކަން އެނގުމުން އައްފާން ބުންޏެވެ.

****

ބަނދަރުމަތީގައި ހުރި ހޮޅުއަށީގައި ދެތިން ފިރިހެނުން އިށީނދެގެން ތިބިއިރު ހޮޅުއަށީގެ ތަންކޮޅެއް ފަހަތުގައި އިތުރު ފިރިހެނަކު އޮށޯވެގެން އޮތެވެ. ދެތިން އަންހެނުން ދުނިޔޭގެ ވާހަކަދެއްކުމުގައި ތިބިއިރު ކުއްލިއަކަށް އެމީހުންގެ ވާހަކަތައް ހުއްޓުމަކަށް އައީ މީހުންތައް ކައިރިއަށް އައިސް ހުއްޓުނު ޖީޒާ ފެނިފައެވެ. އެތަނުން އެކު ތަންކޮޅެއް ދުރަށް ޖެހިލާފައި ޖީޒާ އިށީންނަން ތަން ދެއްކިއެވެ.

"ރަށަށް ބަޔަކު އައިސްގެންތަ އެ އުޅެނީ" ޖީޒާ އެހިއެވެ.

"މިރަށަށް މީހުން ނާންނަ ދުވަހެއް ދޭތަ؟ ތިއޮތް ގެސްޓްހައުސްތަކަށް އަންނަ މީހުން އަންނާނެއްނު" ފިރިހެނަކު ބުންޏެވެ.

ޖީޒާ ޖަހާލީ ހިނިގަނޑެކެވެ. އޭނާ ހީކުރީ ލިބޭނީ ނުބައި ހަބަރެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ލޯންޗު އަންނަ ތަނަށް ޖީޒާ ދެއެވެ. އޭނާގޭ ބޭނުމަކީ ހިމްނާ އާދޭތޯ ބެލުމެވެ. އެ ލޯންޗުން ޖީޒާ ނުފޭބިއްޔާ އޭނާގެ ނަޒަރުގައި އަދިވެސް ހިމްނާ ގެ ހާލު ދެރައެވެ. އޭނާ ބޭނުންވަނީވެސް އެގޮތެވެ. ދުވަހަކުވެސް ހިމްނާ އަށް ކޮޅަށް ނުހުރެވޭ ގޮތް ވުން އެއީ އޭނާގެ އެންމެ ބޮޑު އުފަލެވެ.

"މި ހިމްނާ ޓްރޭޑާސް ކައިރިއަށް މީހުން އެއްވެގެން މިއުޅެނީ ކީއްވެ؟ އަނެއްކާ އެގޭ ހިމްނާ ގެ ހާލު މާ ގޯސްވީތަ؟" ޖީޒާ ވާހަކަދެއްކިއެވެ.

"ޖީޒާ ކަލޭތީ މިރަހު މީހެއްތަ؟ ނޭނގޭތަ މިރަހުން ކާޑު ހުސްވެފައި ހުރި ކަމެއް. އެފިހާރައިން ގަންނަން އައި ކޮންމެ މީހަކަށް ހެޔޮ އަގުގަ ކާޑު އެވިއްކަނީ. މީހުން ބުނެއެއްނު މަސް ދުވާނީ ފެން އޮތް ތަނަކަށޭ" ޖީޒާ އަށް ޖަވާބުދިނީ އޮށޯވެގެން އޮތް ފިރިހެނެކެވެ.

"މާތްﷲ ގެ ތަނަވަސް ރަހްމަތް ނިކަން ދެކިބަލަ. ހިމްނާގެ ދީލަތިކަން. މިރަހުން އޭނަ ގެންދިޔައީ އެނދުމަތި ކޮށްގެން. މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އެހެރަ ފެންނަނީ މީހާ ފުރިހަމަ އިސްކޮޅަށް ކޮޅަށް ހުރެ ހިނގާފައި އަންނަތަން"

އަންހެނަކު ވާހަކަދެއްކި އަޑަށް ޖީޒާ ދެލޯ ކުޑަކޮށްލާފައި އެދިމާލަށް ބަލައިލިއެވެ. ތެދެކެވެ. އެ އަންނަނީ ހިމްނާ އެވެ. އެހާ އަވަހަށް ރަނގަޅު ވީ ހެއްޔެވެ؟ މީހަކު ކުރާ ނުބައި އެސްފީނާއެއް ވެސް ޖެހޭ އަންހެނެއް ނޫނެވެ. ޖީޒާ މޭނުބައި ކުރިއެވެ. އިންތަނުން ކޮޅަށް ތެދުވެވުނީ ފަހަތުގައި ހުރި ޒާރާގެ އަތުގައި ހިފައިގެން ހުރި އައްފާން ފެނިފައެވެ.

"ކަލޭމެންނަކަށް ނޭނގޭނެ އެހެރަ ޒާރާ ކުރިކަމަކުންނޭ ހިމްނާ އަށް އެހެންވީ" ޖީޒާ ބޭނުންވީ އެ އާއިލާ ބަދުނާމު ކުރާށެވެ.

"އެމަންޖެ ކޮންކަމެއް ކުރީ؟" އަންހެނަކު ބުންޏެވެ.

"ފިރިހެނަކާއެކު އަހަރެންގެ ގޭ ކޮޓަރިއަކު އޮތީ. އެހެރަ ހެޑްމާސްޓަރަށް ފެނިގެން ކޮޓަރީގައި އޮތް ޒާރާގެ ކުރީގެ ފިރިމީހާ އާ ދެމީހުން ތަޅާފޮޅައިރު ހީވީ އެހެންފަދަ ކަމެއްހެން. ހިމްނާ އަށް އެހެންވެ އެހާ ބޮޑުވަރުވީ"

"ހެޔޮނުވާނެ. މި ޖީޒާ ދެއްކި ވާހަކަ އަޑުއެހި މީހެއްވެސް ފާފަވެރިވާނެ. އަހަރެންވާ މިތަނުން މިދަނީ" މިފަހަރު ވާހަކަދެއްކީ މިހުރިހާއިރު އަނގައިން ނުބުނެ އިން އަންހެނެކެވެ.

"ކަލޭ ޒާރާ އޭ ކިޔައިގެން ކޮންމެ އެއްޗެކޭ ކިޔަސް އެކަން ގަބޫލުކުރާނެ މީހަކު ނުހުންނާނެ. ޖީޒާ، ކަލޭގެ ތި ވިޔާނުދާ އުޅުން ބަދަލުކުރަން ވެއްޖެއްނު. ހިމްނާ ކަލެއަށް ކޮން ދެރައެއްދީގެންތަ އޭނަގެ ފަހަތުން ނެއްޓެން ނޭނގިގެން ތި ތެޅެނީ؟" އިތުރު ފިރިހެނަކު ބުންޏެވެ.

އިސާހިތަކު ހޮޅުއަށީގައި ޖީޒާ އެކަނިވިއެވެ. ޖީޒާގެ ރުޅިގަނޑު ވީ އިތުރެވެ. އޭނާ އާ އަރާ ހަމަވި ހިމްނާގެ އާއިލާ އަށް ބަލައިލީ ދެލޮލުގައި ގޮށް ޖަހައިގެން ހުރެއެވެ. މިފަހަރުވެސް ހިމްނާ ޖީޒާ އަށް ރައްދުކޮށްލީ ހިނިތުންވުމެކެވެ. އެއީ އޭނާ އަށް ޖީޒާ ބަލިކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ.

"އަހަރެން އަދިވެސް ނުހުންނާނަން މަޑަކުން. މުޅި ރަށަށް ކަލޭމެން ބަދުނާމު ކުރާނަން" ހިމްނާ އަށް އިވޭ ވަރަށް ޖީޒާ ބުންޏެވެ.

"ދަރިފުޅުމެން ދޭ ގޭދޮށަށް. މަންމަ އެބަދަން" ހިމްނާ ބުންޏެވެ.

އެހެންނަމަވެސް ޒާރާ ގަބޫލެއް ނުކުރިއެވެ. ހިމްނާ ފަހަތުގައި ޒާރާ ހުއްޓުނެވެ.

"ޖީޒާ ބުނަންތަ ރަނގަޅު ވާހަކައެއް. ކަލޭ ތިހާ ވިޔާނުދާ ކަންކަން ކުރަމުން ދުވާއިރު އެންމެ ފަހަރަކުވެސް ހެއްދެވިފަރާތް މަތިން ހަނދާންވިތަ؟ އަހަރެން ހިމޭނުން ހުންނަނީ އެކަލާނގެ މަތިން ހަނދާންވެފަ. އެކަމަކު ކަލޭ މިހާރު އަރައިގެން ތިދަނީ އަތްނުފޯރާ ފަށަށް. އެހެންވެ މިހާރު އަހަންނަށް މަޖުބޫރުވެއްޖެ ކަކެ އާ މެދު ފިޔަވަޅެއް އަޅަން. މިއަދު އެހެންނޫނީ މާދަމާ ވެސް މިރަށަށް ފުލުހުން އައިސްދާނެ ކަލޭގެ މައްސަލަ ބަލަން. އަހަރެން ކިތަންމެ ބަލިވެގެން މިރަށުން ފުރައިގެން ދިޔަސް މިތަނަށް އެނބުރި މިއައީ އަހަންނާ އަހަރެންގެ ދަރިންގެ އަބުރާ އިއްޒަތް ސަލާމަތްކުރުމަށް ފިޔަވަޅު އަޅާފައި. އެހެންވީމަ ފުލުހުންނާއެކު މިރަހުން ފުރަން ކަލޭ ތައްޔާރުވޭ"

ހިމްނާ ހިނގައިގަތެވެ. ޖީޒާ ނުރުހުމުގެ ބެލުމަކުން ހިމްނާ އަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ދުލަށް ދޭނެ ޖަވާބެއް ނައެވެ.

"ހުނ... އަދި މަށަށް ބިރުދައްކަން ފުލުހުންނޭ ކިޔައިފިއެއްނު" ޖީޒާ ކިޔާލިއެވެ.

****

ގެއަށް ވަދެ ހިމްނާ އަށް ބޭސްދީފައި ޒާރާ އަށް ރަނގަޅަށް ހިންދެމިނުލެވި އުޅެނިކޮށް ދޮރުމަތީގައި ހުރި އައްފާން ފެނުނެވެ. ޒާރާ އަށް ދުއްވައިގަނެވުނީ ބޭއިހްތިޔާރުގައެވެ. ވާނީވެސް އެހެންނެވެ. އައްފާންގެ އިނގިލީގައި ހިފަހައްޓާލައިގެން ތިރީގައި ހުރި ނިއަމް ވެސް ޒާރާ ފެނުމާއެކު ތެޅިފޮޅެން ފަށައިފިއެވެ.

"ދަރިފުޅާ. ތިހާލަތުގައި ނުދުވޭ" އެނދުގައި އިށީނދެގެން އިން ހިމާން ބުންޏެވެ.

އެއަޑެއް ޒާރާ އަށް ނީވޭއެވެ. ނިއަމް އުރާލިގޮތަށް އެކުއްޖާގެ ގައިގައި ބައްދައިގަތެވެ. ނިއަމްގެ މޫނުގެ އެތަންމިތާ ބޮސްދޭން ފެށިއެވެ. އައްފާން ހީލައިގެން ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ޒާރާ ފެނުނުފަހުން އަދި އެންމެފަހަރަކުވެސް ޒާރާ ބަހެއް ކިއި އަޑު ނީވެއެވެ.

އައްފާން ހިނގައިގަތެވެ. ޒާރާ ހުރަސްކޮށްފައި އޭނާ ގޮސް އިށީނީ ހިމްނާގެ މަގަތުންނެވެ. އޭނާ މައާފަށްއެދެންޖެހޭ މީހަކީ ހަމައެކަނި ޒާރާ އެއް ނޫނެވެ. އޭނާ އަށް އެ މަންމަވެސް ވަނީ ދުރުކޮށްލެވިފައެވެ.

"މަންމާ... އަހަންނަށް މަޢާފްކުރޭ. ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން. އަހަރެން ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަން" އައްފާން ބުންޏެވެ.

ހިމްނާ ހިނިތުންވެލިއެވެ. އޭނާގެ އަތްމަތީގައި އޮތް އައްފާންގެ އަތްމަތީގައި އަތް ބޭއްވިއެވެ.

"މަންމަގެ ހިތުގައި ތިއިން އެއްވެސް ކުއްޖަކާ މެދު ޝަކުވާއެއް ނެތް. އާނ މަންމަ ދެރަވި ޒާރާ ގެ ދިރިއުޅުން ހުއްޓުމަކަށް އައި ކަމަށް ހީކޮށްފަ. މަންމަ އަށް އެނގޭ ޒާރާ ވިޔާނުދާ ކަމެއް ނުކުރާނެކަން. އިންސާނަކު ދެރަނުވާނެ ގޮތަކަށް ނޫނެއްނު އެކަންތައް ވެގެން ދިޔައީ. އެކަމަކު މަންމަ އަށް ފާހަގަކުރެވުނު އެއްޗެއް ބުނެފާނަން. ތިދެކުދިންގެ މެދުގައި އޮތް ގުޅުން އަދި މަންމަ ހީކުރި ވަރަށް ވަރުގަދައެއް ނޫން. ވަރުގަދަ ނުވީމަ ސިކުންތަކަށް ނަމަވެސް ދެހިތުގައި ޝަކުވާ އުފެދުނީ. އެކަމަކު އިތުރަށް އެ ގުޅުން ބާރުގަދަ ވާނީ ވެސް ދިރިއުޅުމުގައި މިކހަލަ ކުދިކުދި މައްސަލަތައް ޖެހިގެން" ހިމްނާ ވާހަކަދެއްކިއިރު އިސްޖަހައިގެން އިން އައްފާން އަޑުއެހިއެވެ. އެވާހަކަތައް އޭނާ އަށް ގަބޫލުކުރެވުނެވެ. ފުރަގަހަށް އެނބުރި ހުއްޓަސް އެވާހަކަތައް ޒާރާ އަށް ވެސް އަޑު އިވުނެވެ.

"އަދިވެސް މަންމަ ބުނަންވެފަ އެބައޮތް ވާހަކައެއް. ޒާރާ ބަލި. ޒާރާ އަށް ބަލަންޖެހޭ. މިއަދުގެ ހާލަތު އޮތް ގޮތުން ޒާރާ އަށް އެންމެބޮޑު އަޅާލުމަކާ އޯގާތެރިކަމެއް ދެވޭނީ ފިރިމީހާ އަށް. މަންމަ އަށް އެނގޭ އެ އޯގާތެރިކަން އަލީ ޒާރާ އަށް ދޭނެކަން" ހިމްނާ ވާހަކަދެއްކިއެވެ.

އައްފާން ހައިރާންވިއެވެ. ޒާރާ ބަލިކަން އެނގުމުން ދެރަވެސްވިއެވެ. ޒާރާ ހުރި ދިމާލަށް ބަލައިލެވުނީ އެހެންވެއެވެ.

"ދަރިފުޅު ދޭބަލަ އަލީ އަށް ސައިހަދާދޭން. ދީބަލަ މަންމަ އަތަށް ނިއަމް" ހިމްނާ ބުންޏެވެ.

ހިމްނާ އަތަށް ނިއަމް ދީފައި ޒާރާ ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. ދޮރާ ހަމައިން ހުއްޓިފައި ފަހަތަށް އެނބުރި އައްފާނަށް ބަލައިލިއެވެ. ޒާރާގެ އެ ހިމޭން ބަހުރުވަ އައްފާނަށް ފަހުމުވިއެވެ. އޭނާ ތެދުވެގެން ޒާރާގެ ފަހަތުން ހިނގައިގަތެވެ. ބަދިގެއަށް ވަދެފައި ޒާރާ ދިޔައީ ޒިންކާ ދިމާލަށެވެ. ހަމައެހިނދު ޒާރާގެ އަތުގައި އައްފާން ހިފެހެއްޓިއެވެ. ޒާރާ ބަލައިލުމާއެކު ގާތަށް ދަމާލިއެވެ. އިތުރަށް ޒާރާ އާ ގާތަށް ޖެހިލާފައި އައްފާން ހިފެހެއްޓީ ޒާރާގެ މޫނުގެ ދެފަރާތުގައެވެ.

"ބަލީތަ؟ ތަނަކަށް ތަދުވަނީތަ؟" އައްފާން އެހިއެވެ.

ބޭއިހްތިޔާރުގައި ޒާރާ އަށް އަމިއްލަ ބަނޑުގައި އަތްޖައްސާލެވުނެވެ. އޭނާގެ ބަނޑުގައި އައްފާންގެ ދަރިއަކު އޮތް ވާހަކަ ބުނަންވީ ވަގުތު ޖެހުނީއެވެ. އެކަމަކު އެވަގުތު އެފަދަ ވާހަކައެއް ބުނަން އޭނާ އަށް ކަމުނުދިޔައެވެ.

"ބައްޔެއްނޫން" އައްފާންގެ ދެލޮލާ ނަޒަރު ވަކިކޮށްލަމުން ޒާރާ ބުންޏެވެ. އައްފާންގެ ދެ ތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. ޒާރާގެ އަޑު ކަންފަތުގައި ޖެހުމުން ހީވީ ފިނި ވައިރޯޅިއެއް މޫނުގައި ބީހިލި ހެންނެވެ. އިތުރަށް ޒާރާގެ މޫނު ކައިރިކޮށްލި ޒާރާގެ ފަރާތުން އޭނާ އެދިއެދި ހުރި އުފާ ލިބިގަތެވެ. ޒާރާ އަށް ދެލޯ މަރާލެވުނެވެ. އައްފާންގެ ބުރަކަށީގައި އޭނާ އަށް ބާރަށް ހިފަހައްޓާލެވުނީ ހުދު އެ އުފާ ލިބިގަތުން ނިމުމަކަށް ގެންނަން އޭނާ ބޭނުންނުވާތީއެވެ. އައްފާން ދުރުވެލަން ބޭނުންވިޔަސް ޒާރާ ބޭނުމެއް ނުވިއެވެ. އެކަން އައްފާނަށް އެނގުނީ ޒާރާގެ ދެލޯ ގާތުން ފެނުމުންނެވެ.

"މިތަނުގައެއް ނޫން... ޒާ...." އައްފާން ބުންޏެވެ.

ލަދުން ޒާރާގެ މޫނު ރަތްވިކަން އެނގުމުން އައްފާނަށް ހީނލެވުނެވެ. ޒާރާ އޭނާގެ މޭގައި ޖައްސާ ބާރުކޮށްލެވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟