"މިއީ ޒާރާގެ ފޯނު. އެވެއްޓުނު ތަނުން ފަތިހު ދައްތަ ހިނގަން ގޮސްފަ ނަގައިގެން އައިސް މިކޮޓަރީގަ ތިހެރަ ވަތްގަނޑުގަ ބޭއްވީ. ދައްތަ ހީކުރީ ކޮންމެސް އިރަކުން އަލީ އަށް މި ފެންނާނެ ކަމަށް. ކުއްލިއަކަށް އެދުވަހު ނުހާ ފެނުނީމަ ހުރިހާ ކަމެއްގެ މަތިން ޒާރާ ހަނދާންނެތުނީ. އެދުވަހު ފޯނު ވާރޭ ވެހުނީމަ ފެން އެޅިގެން ހަލާކުވެގެން ނިވިފަ އެ އޮތީ. ނިއަމް ގޮވައިގެން ޒާރާ އައިރު ގައިމުން އެ ސިކުނޑީގައި ވެސް ހާސްކަމާ ސިހުމާ ބިރުވެރިކަން އޮންނާނެ ދޯ. ހުސްއެކަނި އަމިއްލަ މީހާ އާ މެދު ރަނގަޅަށް ވިސްނާ އަނެއްމީހާ ގޯސްކޮށް އެހާ އަމިއްލަ އެދުން އިސްކުރާކަށް ނުވާނެ. އަމާނީ ބުނި ނުހާ ކައިރީގަ ހުރި އެހެން އަންހެނަކު ޒާރާ ފަހަތަށް ކޮށްޕާވެސްލިޔޭ. އެއީ ނުހާ ނޫނިއްޔާ އެފަދަ ކަމެއް ކުރާނީ ދެން ކާކު؟ އެ މޭރުމުން މިރަށުގައި އުޅޭ ބިދޭސީއެއްވެސް ޒާރާ އާ ވާހަކައެއްނުދައްކާނެ"
އައްފާން މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އިށީނެވެ. ދެ ކަކުލުގައި ދެ އަތުގެ އުނޅަބޮށި ވިއްދާލިގޮތަށް ދެއަތްތިލަ އެޅީ މޫނުމަތީގައެވެ.
****
ހިމްނާ އަށް ދޭން ކާއެއްޗެހި ޒާރާ އަށް ގެނައީ ހޮޓަލަކަށް އޯޑަރުކޮށްގެންނެވެ. ތައްޓަކަށް ސޫޕްކޮޅު އަޅައިގެން އެނދުގައި އިށީނދެފައި ހިމްނާ އަށް ބަލައިލިއެވެ.
"ކުޑަކޮށް ހޫނު" ޒާރާ ބުންޏެވެ.
ހިމްނާ ގެ އަނގަ އާ ދިމާލަށް ޒާރާ އަތް ގެންދިޔައެވެ. އެހިނދު ހިމްނާ ޒާރާގެ އަތުގައި ހިފެހެއްޓިއެވެ. ޒާރާ އަށް ހީކުރެވުނީ އަނެއްކާވެސް މަންމަގެ ނުރުހުމާ ކުރިމަތިލާންޖެހުނު ކަމަށެވެ. ދެރަވެފައި ޒާރާ އިސްޖަހާލިއެވެ.
"ކުރެވުނު ކަންތަކަށް އަހަންނަށް މައާފްކުރޭ މަންމާ. އެއީ އަހަންނަށް ވިސްނާނުލެވުނީމަ ވީގޮތެއް. އެކަމަކު ދެން ކުރާނެކަމެއް ނެތްތާ" ޒާރާ ބުންޏެވެ. އޭނާގެ އަޑުގައި ރިހުމެއް ވިއެވެ.
"މަންމަ..." ހިމްނާ ބުންޏެވެ.
ޒާރާ އިސްއުފުލާ މަންމަގެ މޫނަށް ބަލައިލިއެވެ. ދިމާވި ހާދިސާ އަށް ފަހު މަންމަ ވާހަކަދެއްކީ ފުރަތަމަ ފަހަރަށެވެ. ޒާރާ އަށް ހިނިތުންވެވުނެވެ.
"ދަރިފުޅަށް މަންމަ ހިތް ބުރައެއް ނުކުރަން. ދުވަހަކުވެސް ނުކުރާނަން. މަންމަ އަށް ވީގޮތެއްވީ މާބޮޑަށް ވިސްނާލެވުނީމަ. ކޮންމެ މަޔަކުވެސް ދެރަވާނެ. ދަރިފުޅުގެ ދިރިއުޅުން ކޮޅަށް ޖެހުނީ ކިހާ މަސައްކަތެއްކޮށްގެން. ޖީޒާ ގެ އެ ނުލަފާ ރޭވުމާ އެއްކޮށް ދެވަނަ ފަހަރަށް ދަރިފުޅުގެ ދިރިއުޅުން މަންމަގެ ދެލޮލުގެ ކުރިމަތީގައި ބިމާހަމަވެގެން ދިޔައީ" ހިމްނާ ވާހަކަދެއްކިއެވެ.
މަންމަގެ ވާހަކަތައް އިވުމުން ޒާރާ ދެރަވެއްޖެއެވެ. މަންމަގެ ހިތްހެޔޮކަން ލިބިފައިވިކަން އެނގުމުން ހިތަށް ފަސޭހަވެގެން ވެސް ދިޔައެވެ. މޭޒުމަތީގައި ސޫޕްތަށި ބަހައްޓާފައި މަންމަގެ އުނގުގައި ބޯއަޅަމުން ތިރީގައި ޒާރާ އިށީނެވެ.
"އަދިވެސް އަހަންނަކީ އައްޔަގެ އަނބިމީހާ. އައްޔަ ހުރީ ރުޅިއައސްފައެއް ނޫން. ހިތަށް އަސަރުކޮށްފައި ހުރުމުން މިހާ ދުވަސް އައްޔަ އެ ނަގަނީ ހަމަޔަކަށް އެޅެންވެގެން. އަހަރެން ރަށަށް ދިޔުމުން އަހަރެން ބަލާ އައްޔަ އަންނާނެކަން ޔަގީން. މަންމާ. އަހަންނަށް އައްޔަ ކަހަލަ މީހެއް ދެނެއް ނުލިބޭނެ. އަދި އަހަރެންވެސް މިދުނިޔެއިން އައްޔަ ނޫން އެހެން ފިރިހެނެއް ބޭނުމެއްނޫން. ﷲ ތއާލާ އަހަރެންގެ ހިތުގައި އަހަރެންގެ ފިރިމީހާއަށް ޓަކައި ލޯބި ލައްވައިފި. އަހަރެން ލޯބިވަނީ އައްޔަދެކެ. އަދި މިހާރު އެ ލޯބި މިވަނީ މާބޮޑަށްވެސް އިތުރުވެފަ" ޒާރާ ވާހަކަދައްކަމުން ދިޔައެވެ. ޒާރާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ހިމްނާގެ ލޮލުން ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަތކެވެ.
"މަންމާ..." ބޯ ހިއްލާލާފައި ހިމްނާގެ މޫނަށް ޒާރާ ބަލައިލިއެވެ.
"އަހަންނަށް ލިބޭ ކޮންމެ އުފަލެއްގަވެސް އަދި ކޮންމެ ހިތާމައެއްގަވެސް އެންމެ ކައިރީގައި ހުރީ މަންމަ" ޒާރާ ތެދުވެ މަންމަ އާ އެއްހަމައެއްގައި އިށީނެވެ. މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. ހިމްނާގެ އަތުން ޒާރާގެ އަތުގައި ފިރުމަމުން ދިޔައެވެ.
"މަންމާ. އައްޔަ އަށް ފެނުނު މަންޒަރުތަކުން އައްޔަ އަށް އެކުރި އަސަރު. އަދި އައްޔަ އަހަރެން ދުރުކޮށްލި މިންވަރު. އެހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން ބިރުގަތީ އަދި ދެރަވީ އަހަރެންގެ ސަބަބުން މަންމަ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުނީތީ. މިއީ އަނެއްކާވެސް އަހަރެންގެ ހަޔާތަށް އައި އަނދިރި ދުވަސްތަކެއް. އެކަމަކު މި އަނދިރިކަމުގެ ތެރެއިން އަހަންނަށް އަލިކަމެއް ފެނިއްޖެ. ހިތާމަތަކުން ނިކުންނާނެ މަގެއް އެކަލާނގެ އަހަންނަށް ދައްކަވައިފި. ދުވަހަކުވެސް އަހަންނާ އައްޔަ ވަކިނުކުރައްވާނެ ކަމުގެ އިޝާރާތެއް އެކަލާނގެ ދެއްވައިފި" ޒާރާ ކިޔަމުން ދިޔައެވެ.
"ކޮންކަމެއްގެ ވާހަކަ ދަރިފުޅު ތިދައްކަނީ" ހިމްނާ އެހިއެވެ.
"މަންމާ' އަހަރެން ބަނޑުބޮޑު. ބަނޑަށް ދެމަސްވެއްޖެ" ޒާރާ ބުންޏެވެ. ހިނިތުންވެލަމުން މަންމަގެ މޫނަށް ޒާރާ ބަލައިލިއެވެ.
އެހިނދު ﷲ އަށް ހަމްދުކުރަމުން މޫނުގައި ހިމްނާ އަތްއަޅާލިއެވެ. ދުވަހަކުވެސް ހިތަށް ނުލިބޭހާ ހިތްހަމަޖެހުން ލިބިއްޖެއެވެ. ޒާރާ ބުނިހެން ﷲ ގެ ރަހްމަތްފުޅު ވަރަށްވެސް ތަނަވަހެވެ.
"އަލީ އަށް އެނގޭތަ؟" ހިމްނާ އެހިއެވެ.
"ނޭނގޭނެ. އެންމެފުރަތަމަވެސް މިބުނީ މަންމަ ގާތުގަ. ރަށަށް ދެވުނީމަ އައްޔަ ކައިރީގަ އަހަރެން ބުނާނަން" ޒާރާ ބުންޏެވެ.
"ތި އުފާވެރި ހަބަރު ނޫރަށް ދިނިންތަ؟ މަންމަ އަށް ނޫރަށް ގުޅާދީބަލަ" ހިމްނާ ބުންޏެވެ.
****
ކުނިކަހަން އޮތް ވަސީމާ ހަށިގަނޑު ދަމާލުމުގެ ގޮތުން ސީދާވެލިއެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ އަތިރިމަތީ ޖޯލީގައި އޮތް އައްފާނެވެ. ގަޑިން އަދި ކިރިޔާ ހައެއް ޖެހީއެވެ. ޖޯއްޔަށް އައްފާން ނިކުތް ވަގުތެއް ނުވެސް އެނގެއެވެ. އަލުން އަތިރީ ދޮރާށިން ގޭތެރެއަށް ވަދެފައި އިލޮށިފަތި އަށިމަތީގައި ބޭއްވިއެވެ. ދެވަނަ ފަހަރަށް އޭނާ ބޭރަށް ނިކުތީ އއްފާނަށް ކޮފީ ތަށި ހިފައިގެންނެވެ. ވިސްނުމަކަށް ގެއްލިފައި އޮތް އައްފާން ބަލައިލީ ވަސީމާ ކޮފީތަށި ދިއްކޮށްލުމުންނެވެ.
"ދެން ތިހެން އެހާވަރަށް ނުވިސްނަބަލަ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް" ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ވަސީމާ ބުންޏެވެ.
"ޒާ އަށް ގުޅޭނެ އެއްވެސް ގޮތެއް ނެތް. ހީކުރީ ޖަންނައަށް އެނގޭނެ ކަމަށް. އެކަމަކު ޖަންނަ ވެސް ބުނި ހަބަރެއްނުވެއޭ" އައްފާން ބުންޏެވެ. ކޮފީތަށި ހިފައިގެން އިނަސް އޭގައި އޭނާ އަނގަވެސް ޖައްސާނުލައެވެ.
"ދެން ކެތްތެރިވޭ. ޒާ އަންނާނެ މާލަހެއްނުވެ" ވަސީމާ ބުންޏެވެ.
"ހުރިހާ ކަމެއްވާނީ އެއްފަހަރާ. ބޮލުގައި އެޅިފައިވާ ޒިއްމާގެ ސަބަބުން ދެވޭގޮތެއްވެސް ނުވި. ހިތަށް އަރަނީ މިނިސްޓްރީން އިން ޗުއްޓީ ހަމަނުޖެހުނަސް ދާންވީއޭ. އޭރުން ދެން ދިމާވެދާނެ ހާލަތަކަށްވެސް ވިސްނަން އެބަޖެހޭ" އައްފާން ވާހަކަދެއްކިއެވެ.
"ދައްތަ އަށް އިހުސާސްކުރެވޭ އަލީ ދާންބޭނުންވެފައި ހުރި ވަރު. އެކަމަކު ކެތްކޮށްލާ. ކުރިއަށް އޮތީ އުފާވެރިކަން"
އައްފާން ބަހެއްނުކިޔާ އިނެވެ. އިރުކޮޅަކުން ކޮފީތަށި ވަސީމާ އަތަށް ދިއްކޮށްލިއެވެ. ކިތަންމެ ބޮޑަށް ބަނޑުހައި ވިޔަސް އޭނާ އަށް ފެންފޮދެއް ދިރުވަންވެސް އުނދަގުލެވެ. އަމދުން ޒާރާ އާ ނުލާ އޭނާ ހޭދަކުރަނީ އުފާވެރި ދުވަސްތަކެއް ނޫނެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކާއެކު އޭނާގެ ފިކުރުތައް ދަނީ އިތުރުވަމުންނެވެ. ޒާރާ ދިމާވެ ވާހަކަނުދެއްކޭހާ ހިނދެއްގައި އޭނާ ހަމަޔަކަށް ނޭޅޭނެއެވެ.
"ދައްތަ ކީއްވެ އަހަންނަށް ވިސްނައިދޭން މިހާ ގިނަދުވަސް ނެގީ. ކުރިން ވިސްނައިދިންނަމަ ޕްރިންސިޕަލަށް ވުރެ ކުރީން އަހަންނަށް ޗުއްޓީ ނެގުނީހެއްނު. އަހަންނަށް ޒާ ކައިރިއަށް ދެވުނީހެއްނު. އަހަންނަށް ވިސްނާލަން ވެސް ދަތި ޒާ ރޯނެވަރު" އައްފާން އަސަރާއެކު ބުންޏެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އެންމެ ވިލާކޮޅެއްވެސް ނެތް ނޫކުލައިގެ ސާފު އުޑަށެވެ.
"ދައްތަ ހަމަ ހައިރާންވެއްޖެ. އަލީ ހަނދާންވެސް ބަލީތަ؟ ކިހާ މަސައްކަތެއް ދައްތަ ކުރީން. އަލީ ދައްތަ އަށް އެ ފުރުސަތު ދިނިންތަ؟ ޒާރާގެ ނަން ދައްތަ ހަމަ ކިޔާލާއިރަށް އަލީ އެތަނަކުންދޭ. ނުވީތާކަށް ކޮޓަރިއަށް ވަދެ ތަޅުވެސްލަނީ. ދަރިފުޅު އެގޮތަށް އުޅުނީމަ އޭރު ދައްތަވެސް ހުރީ ބޯ ގޮވާފަ. އެކަމަކުވެސް ދައްތަ މަސައްކަތްކުރީން. ދަރިފުޅު ފުރަގަސްދިނީ" ވަސީމާ ވާހަކަދެއްކިއެވެ.
އައްފާނަށް ގަބޫލުކުރެވުނެވެ. ދައްތަ މަސައްކަތްކުރިއެވެ. އެކަމަކު އެވާހަކަތައް އަހަން އޭނާ އިންކާރުކުރީއެވެ. ހިތަށް މާބޮޑަށް އަސަރުކުރަނީ އެވެ. އެހެންނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް މިހާރު ދެރަވެއްޖެއެވެ. އެހާ ބޮޑަށް ޒާރާ ދުރުކޮށްލެވުނީތިއެވެ. އެންމެފަހަރަކު ނަމަވެސް އޭނާ ބޭނުންވަނީ ޒާރާ އާ ވާހަކަދައްކާލާށެވެ. ކުރެވުނު ކަންތަކަށް މަޢާފަށްއެދޭށެވެ. ޒާރާ އެއްފަސްގަނޑެއްގައި ހުރިނަމައެވެ. ފައިދަށުގައި އަޅަކަށް ވެގެން އޮތީމުހެވެ.
"ޒާ... މަގޭ ދޫންޏާ. ތިއީ އަހަރެންގެ ފުރާނަ. އަހަރެން ޒާ ދެކެ މިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދޭ. ދުވަހަކުވެސް ނާންނާނެ. އެހެންނަމަވެސް ކުޑަކުޑަ ދުރުކަމެއް އައިސްފި ދޯ. އަހަންނަށް މަޢާފްކުރޭ ލޯބިވާ..." އައްފާންގެ ލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ.
****
ހުކުރު ދުވަހެވެ. އައްފާން ޖަންނަތާ ބައްދަލުކުރީ ޖަންނަތު ދިރިއުޅޭ ގޭ ކަންމަތިންނެވެ. އައްފާން ފެނުމާއެކު ޖަންނަތު ހީލިއެވެ. އައްފާންގެ ތުންފަތުގައި ހިނިތުންވުމެއް ވިޔަސް މޫނުމަތިން ހިތާމައިގައި އަސަރު ޖަންނަތަށް ފެނުނެވެ.
"ތަނަކަށް ދާންތަ ތިދަނީ؟" އައްފާން އެހިއެވެ.
"ގެއަށް. އެއްޗެއް ގަނެލަން ނިކުތީ. އައްޔަ ކަމަކުތަ؟" ޖަންނަތު އެހިއެވެ.
"ހިނގާބަލަ ޖޯއްޔަށް ވާހަކަދައްކާލަން" އައްފާން ބުންޏެވެ.
ދެކުދިން ހިނގައިގަތީ ޖަންނަތުގެ ގެއިން މަގަށް ނެރެފައި ހުރި ޖޯއްޔަށެވެ. ވަކިވަކިން ހުރި ދެ ޖޯލި ނަމަވެސް ދެ ޖޯލި ބަހައްޓާފައި ހުރީ ކައިރީގައެވެ.
"އަހަރެންގެ ހިތް ބުނޭ ޒާ އަށް ގުޅޭނެ ނަންބަރެއް ޖަންނަ އަށް އެނގޭނޭ. އަހަންނަށް ނުދެވޭނެތަ؟ އަހަރެން ބޭނުން މަޢާފަށްއެދެން" އައްފާން ބުންޏެވެ.
ޖަންނަތު ވިސްނާލިއެވެ. ޒާރާ އަށް ގުޅޭނެ ނަންބަރު އޭނަ އަށް އެނގުނަސް ޒާރާ ކައިރީގައި ވައުދު ވެވިފައި އޮތުމުން ދޭކަށް ނުކެރުނެވެ. ޖަންނަތު ޖަވާބެއްނުދީ އިސްޖަހައިގެން އިންގޮތުން އައްފާނަށް ހެވުނެވެ.
"ޖަންނަވެސް އަހަރެންދެކެ ރުޅިއައިސްފަ ދޯ. ނޫނީ ހިތްހަމަނުޖެހިފަ. އެނގޭ އެހެންކަން ވާނީ. އަސްލު ހިނގާދިޔަ ކަންތަކުގަ އެކަކުގެވެސް ކުށެއްނެތް" އައްފާން ބުންޏެވެ.
ޖަންނަތު އައްފާނަށް ބަލައިލިއެވެ. އައްފާން އެބުނީ ތެދެއްކަން އޭނާ އަށް ގަބޫލުކުރެވުނެވެ. އެކަމުގައި އެކަކުގެވެސް ކުށެއް ނެތެވެ.
"އަހަންނަށް ހީވަނީ ފޯނުން ވާހަކަދެއްކުމުގެ ބަދަލުގައި އެންމެރަނގަޅު ވާނީ ދެކުދިން އެކަކު އަނެކަކުގެ ކުރިމައްޗަށް އަރާ ވާހަކަދެއްކުންހެން. އަނެއްކޮޅުން ނަންބަރު ނުދޭން ޒާ އޮތީ ބުނެފަ" ޖަންނަތު ބުންޏެވެ.
"އެންމެރަނގަޅު. އަހަރެން އެބައިންތިޒާރުކުރަން. ޖަންނައަށް ޒާ ގުޅައިފިއްޔާ އެހެން ބުނެދެއްޗެ" އަސަރާއެކު އައްފާން ބުންޏެވެ.
"މާދަމާ ހެނދުނު ޒާ އަންނާނެ"
އައްފާންގެ ދެލޯ ވިދައިގަތެވެ. ވަގުތުން އޭނާ އަށް ގަޑި ގުނެން ފެށުނެވެ. ހިތްއަވަސްވާން ފެށިއެވެ.
"ކިހާއިރަކު؟ އަހަންނަށް ބަނދަރަށް ޒާ ބަލާ ނިކުތުމުގެ ހުއްދައެއްވެސް ނެތްތަ؟"
****
އިޝާނަމާދުން އައްފާން މިސްކިތުން ފޭބިއިރު މަގު ކަންމަތީގައި ހުރި މީހަކު ފާރާ ނިވާވެލިއެވެ. އެ މަގު ހުރަސްކޮށް އައްފާން ދާން ފެށުމުން މަޑުމަޑުން ނުހާ ނިކުތެވެ. އޭނާގެ ހިޔަނި އައްފާންގެ ހިޔަންޏާ އެއްވަރަށް ހުރުމުން ކުޑަކޮށް މަޑުޖެހިގެން ހުއްޓެވެ. މި ހުރިހާދުވަހު ނުހާ އެހުންނަނީ އައްފާނާ ބައްދަލުކުރާނެ ގޮތެއް ނޭނގިފައެވެ. ކުއްލިއަކަށް މާހީ ފުރައިގެން ދިޔުމުން މާލެ ނުގޮސް އޭނާ މަޑުކޮށްގެން ހުރީވެސް އައްފާން ދޫކޮށްފާ ދާންބޭނުންނުވާތީއެވެ. އައްފާން ނުލާ މާލެ ގޮސްގެން މަންމަގެ މަޢާފް ނުލިބޭނެތީއެވެ.
އައްފާން ފަހަތުން ދުރުދުރުގައި ހުރެ ނުހާ ހިނގަމުން ދިޔައެވެ. ފަހަތުން ގޮސް އައްފާންގެ ގައިގައި ބައްދައިގަންނަން އެނާ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އޭނާ ދިޔައެވެ. ޖޯލީގަ މަޑުކޮށްލުމުގެ ބަދަލުގައި މިފަހަރު އައްފާން ވަނީ ގޭތެރެއަށެވެ. ފަހަތުން މީހަކު ވަތްހެން ހީވުމުން އައްފާން ފަހަތް ބަލައިލިއެވެ. އެހިނދު އައްފާނަށް ލިބުނީ ހައިރާންކަމެވެ. ނުހާ އަށް ކިތަންމެ ބަދަލެއް އައިސްފައި ހުއްޓަސް އެތައް ދުވަހެއް ފަހުން ފެނުމުންވެސް އޭނާ އަށް ނުހާ ފާހަގަކުރަން އެނގުނެވެ.
"ނުހާ..." އައްފާން އެ ނަން މަޑުމަޑުން ކިޔާލިއެވެ. މަޑުމަޑުން އިސްއުފުލާލާފައި ނުހާ އައްފާނަށް ބަލައިލިއެވެ. ނުހާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ފެނި އައްފާންގެ ދެބުމަ ކައިރިކޮށްލެވުނެވެ. ނުހާ މިއުޅެނީ ކޮންކަމެއް ސާބިތުކޮށްދޭން ހެއްޔެވެ؟
"ސޮރީ...." ނުހާ ބުންޏެވެ.
އެ އަޑު އައްފާނަށް އިވުނެވެ.
"ދަރިފުޅާ އާދޭ ކާން..." ބަދިގެއިން ބޯދިއްކޮށްލި ވަސީމާ ބުންޏެވެ. އެވަގުތު ވަސީމާގެ ހަރަކާތްތަކަށްވެސް ހުއްޓުމެއް އައީ ދޮރުމަތީގައި ހުރި އަންހެންކުއްޖާ ފެނިފައެވެ. އެއީ ނުހާ ކަމެއް އޭރަކު އޭނާ އަށް ނޭނގެއެވެ.
"ނުހާ ތިއައީ އަހަރެންގެ މަޢާފްހޯދަންތަ؟" އައްފާން އެހިއެވެ.
ނުހާ ބޯޖަހާލިއެވެ.
"އަހަރެން މަޢާފްކޮށްފިން" އައްފާން ބުންޏެވެ.
ކަރުނަތަކާއެކު ނުހާ އަށް ހިނިތުންވެވުނެވެ. އެއްފިޔަވަޅު ކުރިއަށް އަޅާލެވުނީ އައްފާން ކައިރިއަށް ދިޔުމަށް ހިތްއެދޭ ވަރުންނެވެ.
"އެކަމަކު..." ނުހާ ހުއްޓުނެވެ.
"އަހަރެން މިދިނީ ހަމައެކަނި މަޢާފް. އިތުރު އެއްވެސް ކަމަކަށް އަހަރެންގެ ފަރާތުން އުއްމީދު ނުކުރާތި" އައްފާން ބުންޏެވެ.
ކިތަންމެ މަޑުން ބުނި ނަމަވެސް އައްފާންގެ އަޑުގައިވި ހަރުކަށި ކަން ނުހާ އަށް އިހުސާސް ވިއެވެ.
"ޕްލީޒް..." އައްފާން ސިހުނީ ކުއްލިއަކަށް އޭނާގެ ފައިގައި މީހަކު ހިފެހެއްޓުމުންނެވެ. ހައިރާންވެސްވިއެވެ. ކުއްލިއަކަށް އައްފާން ދުރަށް ޖެހުނެވެ. އެއްވެސް މީހަކު އޭނާގެ ފައިދަށަށް ވެއްޓި އާދޭސްކުރުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ.
"އަހަރެން މިއައީ ވަރަށް އުންމީދާއެކު. އަހަންނަށް ވިސްނިއްޖެ. އަހަރެންގެ މުޅި ދިރިއުޅުން އައްފާނާ ހަވާލުކުރާނަން. އަހަންނަށް ހެދުނު ގޯސްތައް ރަނގަޅުކުރަން ފުރުސަތުދީ. ހެޔޮނުވާނެ. އަހަރެމެންގެ ދަރިފުޅަށްޓަކައި" ނުހާ އަށް ރޮވެމުން ދިޔައެވެ.
އައްފާން ޖަވާބެއް ނުދިނެވެ. އަންބެއްގެ ގޮތުގައި ނުހާ ހުރިއިރުވެސް ނުހާ އާ ދެބަސްވާން އޭނާ މަސައްކަތެއް ނުކުރެއެވެ. މިފަހަރުވެސް ނުހާ އަށް ރައްދުދޭން އޭނާ ނޫޅުނެވެ. ކުރީގައި އޭނާ އެއްޗެއް ނުބުނެ ހިމޭންކަން އިހްތިޔާރުކުރީ ނުހާ އަކީ އަނބިމީހާއަށް ވުމުންނެވެ. އަދި އެއީ ދަރިފުޅުގެ މަންމަ އަށް ވެފައި ނުހާ އަކީ އަންހެނަކަށް ވީތީއެވެ. އެންމެ ބޮޑަށް ނުހާ ގެ އާއިލާ އަށް ކުރާ ގަދަރެއްގެ ބޮޑުކަމުންނެވެ. އޭރުވެސް ކިޔަންޖެހޭ ބައިވަރު އެއްޗެހި ހުއްޓެވެ. މިފަހަރުވެސް ހިތުގައި އެތައް އެއްޗެއް ހުއްޓެވެ. އެހެންނަމަވެސް އޭނާ ނުހާ އާ ވާހަކަދައްކަން އެތަނުގައި ހުންނަން ބޭނުންނުވިއެވެ. ނުހާ އަކީ އޭނާ ފަދަ އިންސާނަކަށްވެފައި އެއް އިންސާނަކު އަނެއް އިންސާނަކަށް އިހްތިރާންކުރަން ޖެހޭނެކަން އެނގޭތީ އޭނާ ހިނގައިގަތެވެ.
"އައްފާން... ޕްލީޒް.. ނުދޭ" ނުހާ ފަހަތުން ހިނގައިގަތެވެ.
އައްފާން ބަލައިލީ ވަސީމާ އަށެވެ. ވަސީމާ ހުރީ ހައިރާންކަމާއެކު ނުހާ އަށް ބަލަހައްޓައިގެންނެވެ.
"ދައްތަ އޭނައަށް އަހަރެންގެ ފަރާތުން ޖަވާބުދީ" ވަސީމާ އަށް އައްފާން ބުންޏެވެ.
****
ކުޑަދޮރު ކައިރީގައި ފޯނުގައި ކަންފަތުގައި ޖަހައިގެން ހުރި ޒާރާ އަށް ހެވުނެވެ. އޭނާ ވާހަކަދައްކަން ހުރީ ޖަންނަތާއެވެ. ޖަންނަތު އޭނާ އަށް ދިނީ އައްފާންގެ ހަބަރެވެ. އުފަލުން ޒާރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"އައްޔަގެ އެންމެ ބަލާލުމަކުންވެސް އަހަރެންގެ ހިތުގެ ހުރިހާ ޝަކުވާއެއް ފިލައިގެން ދާނެ" ޒާރާ ބުންޏެވެ.
"ކިހާ އިރަކު ލޯންޗު އިނީ، އަހަރެން ޖެހޭނެ އައްޔަ އަށް އަޕްޑޭޓް ދޭން" ޖަންނަތު ބުންޏެވެ.
"ލޯންޗުގައެއް ނޫން. މަތިން ދަނީ. ހޮޑުލެވޭވަރުން ލޯންޗަކަށް ނޭރޭނެއްނު" ޒާރާ ބުންޏެވެ.
"އެކަމު ޒާ ތިއީ އެހާ ހޮޑުލާ މީހެއްނޫން. އެކަމުވެސް އަހަންނަށް ހެޔޮ އުދުހިފައި އަޔަސް އަވަހަށް އާދޭ" ޖަންނަތު ބުންޏެވެ.
ޒާރާ ފޯނު ކަނޑާލާފައި ކުޑަދޮރުގައި ލެގިލިއެވެ. އެނދުގައި އޮތް މަންމަ އަށް އޭނާ ބަލައިލީ ނުހަނު ލޯބިންނެވެ. މިއަދު އޭނާގެ ދެއަތުން މަންމަ އަށް ހިދުމަތްކޮށްދޭން ފުރުސަތު ލިބުމުން އޭނާ އަށް ލިބިފައިވަނީ އިންތިހާދަރަޖައިގެ ހިތްހަމަޖެހުމެވެ. އައްފާންގެ ތަސްވީރު އޭނާގެ ހިތަށް އައިސް ވަނީ ކުއްލިއަކަށެވެ. ޒާރާ ހިތުން ގުނާލިއެވެ. ބަރާބަރު ތޭރަ ދުވަސް ވެއްޖެއެވެ. އެ ތޭރަ ދުވަސް އެނާ ހޭދަކުރި ހިތްދަތިގޮތް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ. ތޭރަ ދުވަސް ހީވަނީ ތޭރަ ގަރުނު ހެންނެވެ. މާދަމާއަކީ ސާދަވަނަ ދުވަހެވެ. މާދަމާ އޭނާ ހުންނާނީ އައްފާން ކުރިމަތީގައެވެ. ޒާރާ މަޑުމަޑުން ހިނގާފައި ގޮސް އިށީނީ ތިރީ ޓައިލްސްތަކުގެ މަތީގައެވެ. ތިރީގައި ބަހައްޓާފައި ހުރި ދަބަހަށް އެނާ ހެދުންތައް ފަތްޖަހަމުން އަޅަމުން ދިޔައެވެ. އަންނަ ތަނަށް މާދަމާ އައްޔަ އަންނާނެ ހެއްޔެވެ؟ އައްޔަ އަށް ހެޔޮ ވިސްނުން ލިބުނު ކަން ހަމަ ނަސީބެވެ. ފެނުނީމަ ބުނާނީ ކީކޭ ހެއްޔެވެ؟ މަޢާފަށްއެދޭނީ ހެއްޔެވެ؟ ނޫނީ އައްޔަ މަޢާފަށްއެދެން ދެން މަޑުކުރާނީ ހެއްޔެވެ؟ ނިއަމް... މަގޭ ދަރި.... މަންމަ ވަރަށް ހަނދާންވޭ ދަރިފުޅޫ" ނިއަމް މަތިން ހަނދާންވުމުން ޒާރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ. އަމިއްލަ ބަނޑުގައި އޭނާ ފިރުމާލިއެވެ. އެނާގެ އެތެރެހަށީގައި ކުޑަކުޑަ ފުރާނައެއް ވިންދުޖަހަމުން ދާކަން އެނގުމުން ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.
(ނުނިމޭ)