ސިއްހަތު

މެޓަބޮލިޒަމްއާއި ފަލަވުން: އެނގެންޖެހޭ އަދި ވިސްނަންވީ ކަންކަން

ޙުސެއިން ޢާމިރު

މެޓަބޮލިޒަމްއަކީ ކޮބާ؟

މެޓަބޮލިޒަމްއަކީ އަހަރެމެން ކާ ކާނާ ހަށިގަނޑުގެ ސެލްތަކުގައި ހަކަތައަށް ބަދަލުކޮށްދޭ ކެމިކަލް ރިއެކްޝަނަށް ކިޔާނަމެކެވެ. އަހަރެމެންގެ ހަށިގަނޑުގެ ހުރިހާ ވަޒީފާތައް އަދާކުރުމަށް މި ހަކަތައަށް ބޭނުންވެއެވެ. އޭގެ ތެރޭގައި ހަރަކާތްކުރުމާއި، ވިސްނުމާއި ހެދިބޮޑުވުމާއި މި ހުރިހާ ކަމަކަށް ވެސް މެއެވެ.

މެޓަބޮލިޒަމް ރިއެކްޝަންގެ މަސައްކަތް ހަށިގަނޑުގައި ކޮންޓްރޯލް ކުރަނީ ވަކި ހާއްސަ ޕްރޮޓީނެއްގެ ސަބަބުންނެވެ. ހަށިގަނޑުގައި އެއްވަގުތެއްގައި އެތައްހާސް މެޓަބޮލިކް ރިއެކްޝަނެއް ހިނގައެވެ. އެއީ އަހަރެމެންގެ ހަށިގަނޑުގެ ސެލްތައް ސަލާމަތުން ހުރުމާއި އޭގެ މަސައްކަތް ރަނގަޅަށް ކުރުމަށްޓަކައެވެ.

މެޓަބޮލިޒަމް މަސައްކަތްކުރާ ގޮތަކީ ކޮބައި؟

ހަށިގަނޑުގެ ތެރެއަށް ކާނާ ދިއުމަށްފަހު ހަޖަމުކުރުމުގެ ނިޒާމުގައި މަސައްކަތްކުރާ އެންޒައިމްތަކުގެ ސަބަބުން:
• ޕްރޮޓީންތައް އެމިނޯ އެސިޑަށް ބަދަލުކުރެއެވެ.
• ސަރުބީތައް ފެޓީ އެސިޑްތަކަށް ބަދަލުކުރެއެވެ.
• ކާބޯ ހައިޑްރޭޓްސް ގުލްކޯޒު ފަދަ ސިމްޕަލް ހަކުރަށް ބަދަލުކުރެއެވެ.

ހަކުރާއި އެމިނޯ އެސިޑްސްއާއި ފެޓީ އެސިޑްތަކަކީ ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ ގޮތުގައި ބޭނުންކުރާ އަސާސީ މާއްދާތަކެވެ. މި ތަކެތި ސެލްތަކަށް ގެންގޮސްދެނީ ލޭގެތެރެއަށް ގިރުވާލައިގެންނެވެ.

ލޭގެ ޒަރީއާއިން ސެލްތަކަށް މި މާއްދާތައް ދިއުމުން އިތުރު އެންޒައިމްތަކުގެ އެހީގައި މެޓަބޮލިޒަމްގެ ކެމިކަލް ރިއެކްޝަން ހިނގުން އަވަސްކޮށްދެއެވެ. އަދި ބޭނުންވާ ހަކަތަ ހަށިގަނޑުގެ ޓިޝޫތަކުގައި ރައްކާކޮށްދެއެވެ. ހާއްސަކޮށް މޭގަނޑުގެ ތެރޭގަ އާއި، މަސަލްތަކުގެތެރޭގަ އާއި، ސަރުބީގަ އެވެ.

މެޓަބޮލިޒަމަކީ އެއް ވަގުތެއްގައި ވަޒަން ހަމަކޮށްކުރާ ދެ ވައްތަރެއްގެ ހަރަކާތަކާ ގުޅިފައިވާ މަސައްކަތެކެވެ:
• މީގެ ތެރެއިން އެއްކަމަކީ ހަށިގަނޑުގެ ޓިޝޫތައް ބިނާކޮށްދިނުމާއި ހަކަތަ ރައްކާކޮށްދިނުމެވެ. މިއަށް [އެނަބޮލިޒަމް] އޭ ކިޔެއެވެ.
• ދެވަނަކަމަކީ ބޭނުންވާ ހަކަތަ ހޯދުމަށް ހަށިގަނޑުގެ ޓިޝޫތައް ކުދިކޮށް ފަނާކުރުމުގެ ވަޒީފާ އަދާކުރުމެވެ. މިކަމަށް [ކެޓަބޮލިޒަމް] އޭ ކިޔެއެވެ.

އެހެންވުމުން؛ އެނަބޮލިޒަމް: ނުވަތަ ބިނާކުރުމުގެ މެޓަބޮލިޒަމްއަކީ ބިނާކުރުމާއި، ރައްކާކުރުމެވެ. އާ ސެލްތައް އުފެދުމާއި، ހަށިގަނޑުގެ ޓިޝޫތައް މަރާމާތުކުރުމާއި، ފަހުން ބޭނުންކުރަން ހަކަތަ ރައްކާކޮށްދިނުމަކީ އެނަބޮލިޒަމްގެ ވަޒީފާއެވެ. އެނަބޮލިޒަމްގެ މަސައްކަތުން ކާބޯހައިޑްރޭޓްސްއާއި، ޕްރޮޓީނާއި، ސަރުބީގައި ހުންނަ ކުދި މޮލިކިއުލްތައް ތަފާތު ބޮޑެތި މޮލިކިއުލްތަކަށް ބަދަލުކޮށް ރައްކާކުރެއެވެ.

ކެޓަބޮލިޒަމް: ނުވަތަ ފަނާކުރަނިވި މެޓަބޮލިޒަމްއަކީ ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ އުފައްދައިދިނުމެވެ. މި ގޮތުން ތަފާތު ބޮޑެތި މޮލިކިއުލްތައް ކުދިކޮށްގެން ބޭނުންވާ ހަކަތަ ނެރުމެވެ. އެނަބޮލިޒަމްގެ ސަބަބުން ހަށިގަނޑު ހޫނުކުރުމާއި މަސަލްތައް ހަރަކާތްތެރިވުމާއި، ގުނަވަންތަކުގެ އެހީގައި އެއްތަނުން އަނެއްތަނަށް ދިއުން ހިމެނެއެވެ.

މި މަސައްކަތުގެ އަނެއް ބަޔަކީ ހަށިގަނޑުން ބޭރުކުރަން ބޭނުންވާ ކުނިބުންޏާއި ވިހަތައް، ހަންގަނޑާއި، ކިޑްނީއާއި، ގޮހޮރުގެ ޒަރީއާއިން ބޭރުވެގެން ދިއުމެވެ.

މެޓަބޮލިޒަމް ކޮންޓްރޯލް ކުރަނީ ކޮން އެއްޗެއް؟

މެޓަބޮލިޒަމްގެ ހަލުއިމިނާއި ދާންވީ ދިމާ ކޮންޓްރޯލް ކުރަނީ އެންޑޮކްރީން ސިސްޓަމްގެ ބައެއް ހޯމޯންތަކެވެ. ތައިރޮއިޑް ގްލޭންޑުން ދޫކުރާ ހޯމޯނެއް ކަމުގައިވާ ތައިރޮކްސީންއަކީ، މީހެއްގެ ހަށިގަނޑުގައި މެޓަބޮލިޒަމް ރިއެކްޝަން ހަލުއިކުރުމަށް ނުވަތަ ލަސްކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ހޯމޯނެކެވެ.
ހަށިގަނޑުގައި ވަކި ވަގުތަކު ހިނގަނީ އެނަބޮލިކް ރިއެކްޝަންކަން ނުވަތަ ކެޓަބޮލިކްރިއެކްޝަންކަން ކަނޑައަޅަނީ ޕޭންކްރިއާސް (ޗިސްމޭ) އިން ފޮނުވާ ހޯމޯނަކުންނެވެ. މިސާލަކަށް ބުނާނަމަ އެނަބޮލިކް ހަރަކާތް އެންމެ ގިނައިން ހިނގާނީ މީހަކު ކާނާ ކެއުމުންނެވެ. އެއީ ކެއުމާއެކު ލޭގައި ގުލްކޯޒުގެ މިންވަރު މައްޗަށް ދާތީއެވެ. ގުލްކޯޒަކީ ހަށިގަނޑުން ދޭ އެންމެ މުހިންމު ހަކަތައެވެ.

މީހަކު ކާނާއެއް ކާއިރަށް ލޭގައި ގުލްކޯޒުގެ މިންވަރު މައްޗަށް ދާކަމުގެ އިހުސާސް ޕޭންކްރިއާސްއަށް ކުރާނެއެވެ. އެއާއެކު އިންސުލިން ހޯމޯން ދޫކުރަން ފަށައެވެ. މިއީ ހަށިގަނޑުގައި އެނަބޮލިކް ހަރަކާތް އިތުރުކުރުމަށް ދެވޭ ސިގުނަލެކެވެ.

މެޓަބޮލިޒަމަކީ ވަރަށް އޮޅުންބޮޅުން ބޮޑު ކެމިކަލް ހަރަކާތެކެވެ. އެހެންކަމުން ބައެއް މީހުން ހީކުރާގޮތަށް މީހެއްގެ ބަރުދަން ލުއިވުމާއި ފަލަވުމުގެ ހުރިހާ ކަމެއް ގުޅިފައިވަނީ މެޓަބޮލިޒަމަކާ ނޫނެވެ. މީގެ އެންމެ ބޮޑު ބަހާއެއް ކުޅޭނީ ކާއެއްޗެއްގައި ހުންނަ ކެލޮރީސްއެވެ. ކެލޮރީއަކީ ވަކި ކާނާއެއްގައި ހުންނަ ހަކަތަ މިންކުރާ ޔުނިޓަށް ކިޔާނަމެކެވެ. ޗޮކްލެޓް ބުރިއެއްގައި ހުންނަ ކެލޮރީސް އިން މީހެއްގެ ހަށިގަނޑަށް ދޭ ހަކަތައިގެ މިންވަރު، އާފަލަކުން ދޭ ކެލޮރީސްއަށްވުރެ މާބޮޑަށްވެސް އިތުރުވާނެއެވެ. އެހެންވުމުން މީރުވިއަސް ބައެއް ތަކެތި ގިނައިން ކާން ރަނގަޅުނުވެދާނެއެވެ.

ހަށިގަނޑުގައި ހަކަތަ ރައްކާ ކުރަނީ ކެލޮރީސްގެ ގޮތުގައެވެ. އެންމެ އާއްމު ހާލަތުގައި އެއީ ސަރުބީއެވެ. ކާރަކަށް ތެޔޮއަޅާއިރު ޓޭންކް ފުރިގެން ބަންޑުންވާވަރަށް އަޅައިފިނަމަ ބާކީބައި ފައިބާނީ ބިންމައްޗަށެވެ. އެގޮތަށް މީހަކަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކާނަމަ އެކަމުންވެސް ވާނީ ގެއްލުމެވެ. ކާނާގެ ބާކީބައި ރައްކާ ކުރާނީ ސަރުބީގެ ގޮތުގައެވެ.

ދުވާލެއްގެ މައްޗަށް މީހަކު އަންދާ ކެލޮރީސްގެ މިންވަރު ބަރޯސާވަނީ އޭނާ ކުރާ ކަސްރަތަކާއި، އޭނާގެ ގައިގައި ޖަހާފައިހުރި މަހާއި ސަރުބިއާއި، އެ މީހެއްގެ ބަސަލް މެޓަބޮލިކް ރޭޓް (ބީއެމްއާރު) ހުންނަ ގޮތެއްގެ މައްޗަށެވެ. ބީއެމްއާރުއަކީ ހިމޭނުން ހުންނަ ހާލަތުގައި މީހެއްގެ ހަށިގަނޑުގައި ކެލޮރީސްގެ ގޮތުގައި ހަކަތަ އަންދާ ރޭޓެވެ.

މީހަކު ފަލަވާގޮތަށް ބަލާއިރު އެމީހެއްގެ ބީއެމްއާރު އަބަދުވެސް މުހިންމު ދައުރެއް ކުޅޭނެއެވެ. މިސާލަކަށް ބުނާނަމަ ބީއެމްއާރު ދަށްމީހެއް ނަމަ އެވަރުގެ ހަށިގަނޑެއް ހުންނަ އެހެން މީހަކަށްވުރެ ނިދާ ކައިބޮއި އުޅޭވަރު އެއްވަރު ވިޔަސް ފަލަވާލެއް އަވަސްވާނެއެވެ.

ބީއެމްއާރުއަކީ މީހެއްގެ މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންގެ ސަބަބުންނާއި ސިއްހީ ހާލަތުގެ ސަބަބުންވެސް އަސަރުކުރާކަމެކެވެ. ބައެއް މީހުން އުފެދިފައި ހުންނަގޮތުން މަސަލްސްގެ ބައި އިތުރުވެފައި ސަރުބީގެބައި މަދުނަމަވެސް ބީއެމްއާރު ހަލުއިވާނެއެވެ. ގިނައިން ކަސްރަތު ކުރުމަކީ ހަމައެކަނީ ކެލޮރީސް އަންދަން ކުރަންވީ ކަމެއް ނޫނެވެ. އެއީ މީހާ ފީޓްކޮށް ހުރުމަށްޓަކއި ބޭނުންވާ ރަނގަޅު ސިއްހީ އާދައެކެވެ.