ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 61

5

"ޒާ... ތިއީ ސަލާމްގެ ފްރެންޑެއް. ސަލާމް ފޮނުވައިގެން ގޮސް އެހެރީ. އޭނަ ޒާ އަށް ދޭނެ ވަގުތީގޮތުން ބޭނުންކޮށްލަން ފޯނެއް. ދުވަހު ކުއްޔަށް ކޮޓަރިއެއްވެސް ނަގާފަ އެއައީ. ތި ހޮސްޕިޓަލް ކުރިމަތިން ހަމަ. ބޭނުމިއްޔާ ރެސްޓްކޮށްލަންވެސް ދެވޭނެ"

ޖަންނަތުގެ ހެޔޮކަން އިހުސާސްވުމުން އިތުރަށް ޒާރާ ރޮއްވާލިއެވެ. މިވަގުތު އެންމެ ގާތް އެކުވެރިޔާއަށް ވުރެ ބޮޑަށް އޭނާ އަށް ވަފާތެރި އެކަކުވެސް ނެތެވެ.

"އަހަރެން މިތަނުން ދާކަށް ބޭނުމެއްނޫން. އަހަރެން ކިހިނެއް މަންމަ ދޫކޮށްލާފަ ދާނީ" ޒާރާ ބުންޏެވެ.

"ޒާ ދާންބޭނުމިއްޔާ ކޮންމެ ގަޑިއެއްގަވެސް ދެވޭނެ އެނގޭ" އެންމެފަހުން ޖަންނަތު ބުންޏެވެ.

"ނޫރް... ނޫރް ކޮބާ؟" ޒާރާ އެހިއެވެ.

"ނިދިފަ އޮތީ" ޖަންނަތު ބުންޏެވެ.

****

އެނދުގައި އޮތް ނުހާ ބަލައިލީ ރުޅިއައިސް ރަތްވެފައި ކޮޓަރިއަށް ވަތް މާހީ ފެނިފައެވެ. ފުރަތަމަވެސް މާހީ ހުޅުވާލީ އަލަމާރި އެވެ. ފޮށި ހުޅުވާލި ގޮތަށް ވަގުތުން އެނާގެ ހެދުންތައް ޕެކް ކުރަން ފެށިއެވެ. ޑްރެސިންގޓޭބަލް މަތީގައި ހުރި ރީތިވާ ސާމާނުވެސް ނަގާފައި އަޅަން ފެށިއެވެ. ހައިރާންކަމާއެކު ނުހާ ތެދުވެ އެނދުގައި އިށީނެވެ.

"ކޮންތާކަށް ދާން ތިއުޅެނީ؟" ނުހާ އެހިއެވެ.

"ބޭނުމެއްނޫން ފައްވާޒެއް. ނޫޅެން މިތާ ހުންނާކަށް" މާހީ ބުންޏެވެ.

ނުހާ އައިސް މާހީ ކައިރީގައި ހުއްޓުނެވެ. މާހީ ގެ އަތުގައި ހިފާލިއެވެ. މާހީ ގެ ހަރަކާތްތައް ހުއްޓުނީ އެ ހިސާބުންނެވެ. އަތުގައި އޮތް ޓޮޕްކޮޅާއެކު އެނދުގައި މާހީ އިށީނެވެ. އެންމެފަހުން މާހީ އަށް ރޮވުނެވެ.

"އެއީ ފޮނިބޮޑު ފިރިހެނެއް. އަހަރެން މިތަނަށް އޭނަ ހޯދަން އައިމަ މާބޮޑަށް ފޮނިވީ" މާހީ ބުންޏެވެ.

ނުހާ މާހީ ކައިރީގައި އިށީނެވެ. މާހީގެ އަތުގައި ހިފާލިއެވެ.

"އަހަރެން ހީކުރީ އަހަރެމެންގެ ގުރޫޕުން އެންމެ ފިނޑި މީހަކީ އަހަރެން ކަމަށް. މިހާރު އެނގިއްޖެ އަހަރެން ނޫންކަން. މާހީ ކޮންއިރަކު ތިހާ ހިތްބަލިވީ. މިތަނަށް އައިރުވެސް އަހަރެމެންނަށް އެނގޭ ދޯ އެމީހުން އަހަރެމެންދެކެ ރުޅިއައިސްފައި ތިބިކަން. އަހަރެމެން ޖެހޭނީ ކުޑަ ހިތްވަރެއް ކުރަން" ނުހާ މާހީ އަށް ވިސްނައިދިނެވެ.

"އޭނަ އަށް އެނގޭނެ އަހަރެން އެ ޒާރާދެކެ ފޫހިވާވަރު. މިހާރު އެދުވަނީ ޒާރާ ފަހަތުން. އަހަރެން އެހާ ލޯބިން ބައްދާލީމަވެސް އޭނައަށް އެއްވެސް އަސަރެއް ނުކުރި. އަހަރެން ހިތަށް އަރާ އަހަރެން ހިތުގައި ޖައްސައިގެން އޭނާ އަށް ލިބެނީ ކޮން އުފަލެއްބާއޭ" މާހީ ވާހަކަދައްކަމުން ތެދުވިއެވެ.

"ވަޓް؟ ޔޫ ދިމާވީތަ ފަވާ އާ. ކޮންތާކުން އެހާ އަވަހަށް" ހައިރާންވެފައި ނުހާ އެހިއެވެ.

"މިތަނަށް އައިސް އެބަހުރި ރޫމެއްގަ. ކޮންމެސް ފައިޓެއް ހިންގާލާފަ އައިސް ހުރިހެން ހީވަނީ. ތުންފަތްވެސް ފަޅައިގެން ގޮސް ދުޅަވެފަ ހުރީ" މާހީ ބުންޏެވެ.

"ތިވީ މާ ރަނގަޅަކަށްނު. ސެޓުކުރަން ފަސޭހަވާނެއްނު. އަހަރެން މިއުޅެނީ އައްފާން ފޯނުވެސް ނުނަގައިގެން. ފޯނު ނުނަގަން ހުރިއިރު ހީވަނީ ގުޅަނީ އަހަރެންކަން އެނގިގެން ހުރިހެން"

ނުހާ އަނގަ ހަދާލިއެވެ. "އެކަމަކު އަހަރެން އެހާ އަވަހަށް ގިވްއަޕެއް ނުކުރާނަން"

****

ހިތާމަ އާއި ހިތްދަތިކަމުގައި ޒާރާ ދުވަސްތައް ހޭދަކުރަމުން ދިޔައެވެ. ހިމްނާ މާލެ ގެނައިތާ ދިހަ ވަނައަށް ވީ ދުވަސް އެއީ ޑޮކްޓަރުން ހިމްނާ ގެއަށް ފޮނުވަން އެއްބަސްވި ދުވަހެކެވެ. ޒާރާ އެންމެ ދެރަވަނީ ހިމްނާ އަނގައިން ނުބުނާތީއެވެ. އަދިވެސް އައްޔަގެ ހަބަރެއް ނުވެއެވެ. އެއީ އެމީހެއްގެ ފަރާތުން އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވި މީހާ އެވެ. މަންމަގެ ދުރުކަމާއި އައްޔަގެ އަޅާލުންކުޑަކަން ޒާރާ ގެ ނަފްސު މުޅިން ބަލިކޮށްލިއެވެ. ރަނގަޅަށް ކާއެއްޗެއް ނުކެވި ހޮޑުލެވި ޒާރާގެ މޫނުމަތި ހީވަނި ލޭކޮޅު ދަމާލާފައި ހުރިހެންނެވެ. ބަލިވެ އިނދެ ބަނޑަށް ދެމަސް ވެފައިވާކަން އެނގުނީ މާބޮޑަށް ވަރުބަލި ވާތީ ޑޮކްޓަރަށް ދައްކާފައި ހެދި ޓެސްޓަތަކުންނެވެ. އެ ހަބަރުން ޒާރާ ހައިރާންވެސް ވިއެވެ. އެންމެ މަހަކުވެސް އޭނާގެ މައްސަރު ކަންތައް ލަސްވެފައި ނުވެއެވެ. ވީއިރު އެފަދަ ގޮތަކަށް ބަނޑުބޮޑު ވެދާނެކަމަށް އޭނާ ހީކޮށްފައެއްވެސް ނެތެވެ. އެ ހަބަރު އެންމެ ފުރަތަމަވެސް އޭނާ ދޭން ބޭނުންވީ އައްޔަ އަށެވެ. އެކަމަކު އެހެރީ އައްޔަ ކަންތައްކުރި ގޮތެވެ. ކޮންމެ ސައްވީސް ގަޑިއިރެއް ނިމިދަނީ އެ ހިތްދަތިކަމުގައި އޭނާ ވަނިކޮށެވެ.

"މަންމާ ހިނގާ ދާން"

އެނދުގައި ހިމްނާގެ އަތުގައި ހިފާފައި ޒާރާ ނެގިއެވެ. ވަރަށް ފަސޭހައިން ހިމްނާ ތެދުވިއެވެ. ޒާރާ އާ އަނގައިން ނުބުނި ކަމުގައި ވިޔަސް ޒާރާ ބުނާ ގޮތް ހިމްނާ ހަދައެވެ. ޒާރާ އަތުން ލަވާފައި ކާން ދިނުމުން ކާލައެވެ. ފެންވަރު ފުނާ އަޅުވަދޭއިރު ހިމޭނުން އިނދެއެވެ. މަންމަ ވާހަކަނުދެއްކިޔަސް މަންމަ އާއެކު އެކަނިވާ ކޮންމެ ވަގުތަކު ޒާރާ އެތައް ވާހަކައެއް ދައްކައެވެ. ހިނިތުންވުމަކާ އެކުގައެވެ.

"ދެން ދައްކަންޖެހޭނީ ހަތްދުވަސް ފަހުން. ހަތްދުވަސް ވީމަ ޑޮކްޓަރުން ބަލާފަ ބުނާ އެއްޗަކުން ރަށަށް ދާނީ. ރަށަށް ދެވޭތީ މަންމަ އުފަލެއް ނުވޭތަ؟"

ވޯޑުން ނިކުންނަން އައި އިރު ޒާރާ އައީ ހުއްޓާނުލާ ވާހަކަދައްކަމުންނެވެ. ހޮސްޕިޓަލުގެ ދޮރާ ދިމާލަށް ދެމައިން ދަނިކޮށް ކުއްލިއަކަށް ޒާރާ ސިހުނީ ކުރިމައްޗަށް އެރތި ފައްވާޒް ފެނުމުންނެވެ. ހިމްނާ ހުއްޓަސް މިފަހަރު ފައްވާޒް ފަސްނުޖެހުނެވެ. ރަށުން ފުރައިގެން ޒާރާ ބަހައްޓާފައި އަންނަން ޖެހުމުން އޭނާ ހުރީ މުޅިން މާޔޫސްވާގޮތް ވެފައެވެ. އެނާ ރަށުން ފުރައިގެން އައީ ޖޫލިޔާ ފަހުގެ އިންޒާރު ދިނުމުންނެވެ. އެހެންމަވެސް އިއްތިފާގަކުން ހޮސްޕިޓަލުން ޒާރާ ފެނުމަކީ އޭނާ އަށް ބޮޑު އީދެއް އައި ކަމަކަށް ވިއެވެ. ވަގުތުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ފައްވާޒް ހީލިއެވެ. ޒާރާ މޫނުމައްޗަށް އައި ބަދަލު ފައްވާޒަށް ނުފެނުނަސް ދެލޮލުން ޒާރާ ނުރުހުންވީވަރު ފެނުނެވެ.

"ޒާ ކިހިނެއްތަ؟ ވަރަށް އުފާވެއްޖެ ބައްދަލުވީމަ" ފައްވާޒް ބުންޏެވެ. ހިމްނާ ބަހެއްވެސް ނުކިޔާ ފައްވާޒަށް ބަލަހައްޓައިގެން ހުއްޓެވެ.

"މަންމާ ހިނގާދާން. މިތާ އަހަރެން ދަންނަ މީހަކު އަދި މަންމަ ދަންނަ މީހަކުވެސް ނެތް" ޒާރާ ބުންޏެވެ.

"މަޑުކޮށްބަލަ. މަންމަ ކިހިނެއްތަ މިހާރު؟"

"މިދެން ކިހާ ދެރަކަމެއް. ބުނަންތަ ރަނގަޅު ވާހަކައެއް. ތިގޮތަށް އަހަރެން ފަހަތުން ނުނެއްޓި އުޅެންޏާ ފުލުހުންނަށް އަންގާނަން. ކަލެއަށް މިއަދު މަ ފެނިގެން ތިއުޅެނީ ކީއްވެތަ؟ ކަލޭގެ ސަބަބުން އަހަރެންނަށް ލިބެމުންދާ ދެރަ ކުޑައީތަ؟"

ހިމްނާ ބަލައިލީ ޒާރާ އަށެވެ. ހަގީގަތުގައިވެސް ޒާރާ ހުރީ ވަރަށް ރުޅިއައިސްފައި ކަން ހިމްނާ އަށް އެނގުނެވެ. މީގެކުރިން ޒާރާ އަކީ ދުވަހަކުވެސް މީހަކުދެކެ ރުޅިއައިސްގެން އެގޮތަށް ވާހަކަދެއްކި ކުއްޖެއް ނޫނެވެ. ކިތަންމެ ހިތްހަމަނުޖެހިފައި އެއްޗެއް ބުންޏަށް ބުނާނީ އަނެއްމީހާ ހިތުގައި އެއްޗެއް ނުޖަހާނެ ގޮތަކަށެވެ.

"ވީ ހުރިހާ ކަމަކަށް ސޮރީ ޒާ. އަހަރެން ބޭނުންވީ އަލުން ގުޅެން. ލޯބިން އުޅެން. އަހަންނަށް އެނގޭ އައްޔަ ދެކެ ޒާ ލޯބިނުވާކަން. ލޯބިނުވާއިރު ތިގޮތަށް އުޅެނީ ކީއްވެތަ؟ ބަލާލަބަލަ އެ އަންނަނީ އަހަރެންގެ މަންމަ. މަންމަ އާ ބައްދަލުކޮށްލާފަ ދާންވީނު. މަންމަ ވަރަށް އުފާވާނެ"

ފައްވާޒް އިޝާރާތް ކުރި ދިމާލަށް ޒާރާ ބަލައިލިއެވެ. ދަބަސް ކޮނޑުގައި އަލުވައިގެން އެ އަންނަނީ ފައްވާޒްގެ މަންމަ ކަން ޒާރާ އަށް އެނގުނެވެ. ކިތަންމެ ގިނަ އަހަރަކަށްފަހު ފެނުނަސް ޖޫލިޔާގެ އެ ލޫޅާފަތި ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސްފައި ނެތެވެ. އެއީ ލިބުނު ހަމައެކަނި މާމަ ދަރިފުޅާއެކު އިނގިލިން ގުނާލެވޭހާވެސް މަދުން ވަގުތު ހޭދަކޮށްފައިވާ އަންހެނެކެވެ. އެހެންނަމަވެސް ޖޫލިޔާ އާ ބައްދަލުކޮށް ވާހަކަދައްކަން ޒާރާ ބޭނުމެއް ނުވިއެވެ.

"އެއީވެސް އަހަންނަށް ބީރައްޓެއްސެއް. ތީވެސް އަހަރެން ދަންނަ މީހެއްނޫން" ފައްވާޒަށް ބަލައިލަމުން ޒާރާ ބުންޏެވެ. ފައްވާޒަށް ދެއަތް މުށްކެވުނެވެ. އެގޮތަށް ޒާރާ ދާން ދޫކޮށްނުލަން އޭނާގެ ހިތް ގޮވަމުން ދިޔައެވެ.

ޒާރާ ދިޔައީ ކުރިއަށް އައި ޖޫލިޔާ ފަސްދީފައެވެ. އެހާ ބާރަށް ޒާރާ ފަހަތުން އައި ފައްވާޒް ފެނިފައި ޖޫލިޔާ ހުރީ ހައިރާންވެގެން ކިޔާނެ ބަހެއްވެސް ނޭނގިފައެވެ. މޫނު ބުރުގާ އަޅާފައި ހުރި އަންހެންކުއްޖެއް ފަހަތުން ފައްވާޒް އެ އުޅެނީ އަނެއްކާ ކޮންކަމަކު ހެއްޔެވެ؟ އެއީ ޒާރާ އެއްވެސް ނޫން ވިއްޔާއެވެ.

"އޭތް.. ބަލަ ތިއީ ކޮންކަމެއް؟ ކޮންބައެއް އެއީ" ފައްވާޒް އަތުގައި ހިފާ ހުއްޓުވަމުން ޖޫލިޔާ ބުންޏެވެ.

"މަންމާ.. ޒާރާ އެދަނީ. ޒާރާ ހުއްޓުވާ. އޭނަ ކައިރީ ބުނޭ އަހަރެން ދޫކޮށްފަ ނުދާށޭ. ބުނޭ އަހަންނަށް ފަހު ފުރުސަތު ދޭށޭ. ފަހު ޝަރުތުކޮށްފަވެސް މައްސަލައެއްނެތޭ" މޮޔައެއްހެން ފައްވާޒް ކިޔަމުން ދިޔައެވެ. ފައްވާޒްގެ އަތުގައި ހިފައިގެން ހުރެ ޖޫލިޔާ ބަލައިލީ ދޮރާ ދިމާލަށް ދިޔަ ދެ އަންހެނުންނަށެވެ. އެއީ ޒާރާ ކަމަށް އޭނާގެ ސިކުނޑި ގަބޫލެއް ނުކުރިއެވެ. ޒާރާ އަކީ މޫނު ބުރުގާ އަޅާފައި ހުންނަ ކުއްޖެއް ނޫނެވެ. ފައްވާޒަށް އަނެއްކާ ސިކުނޑީގައި ބައްޔެއް ޖެހުނީ ހެއްޔެވެ؟

"މިއީ ހޮސްޕިޓަލް. ރާއްޖޭގެ އެކި ހިސާބުން މިތަނަށް މީހުން އަންނާނެ. ތަނަކުން މީހަކު ފެންނައިރަށް ޒާރާ އޭ ކިޔާފަ ތިގޮވަނީ. ބަލަ އެއީ ޒާރާ އެއް ނޫނޭ. ފައްވާޒް ތިހެން އުޅޭތީ މަންމަ ހާދަ ލަދެއް ގަނެއޭ" ޖޫލިޔާ ވާހަކަދެއްކިއެވެ.

"އެއީ ޒާރާ އޭ މަންމާ. އަހަރެން އަތުން ދޫކޮށްލާ"

ގަދަކަމުން ޖޫލިޔާގެ އަތުން ދެމިގަނެގެން ފައްވާޒް ދުއްވައިގަތެވެ. ޖޫލިޔާ އަށް ބާރަށް ދެވުނީ ބޭއިހްތިޔާރުގައެވެ. އެދާގޮތަށް ފައްވާޒް ކިތަންމެ ބޮޑު ގޯހެއް ވެސް ހަދާފާނެއެވެ. ފައްވާޒް ހުއްޓުވަން ޖެހޭނެއެވެ. ޖޫލިޔާ އަށް މަގަށް ނިކުމެވުނުއިރު ފައްވާޒް ކާރެއް ފަހަތުން ދުވާތަން ފެނުނެވެ. ހިތް ބިރުން ވިރިވިރި ހުރި ޖޫލިޔާ ބިމުން ކަނޑާ ވައްޓާލި ރުކެއްހެން ތިރިއަށް ވެއްޓިގެން ދިޔައީ ބާރު ސްޕީޑުގައި އައި ލޮރީއެއްގެ ދަށު ފައްވާޒް ވުމުންނެވެ.

****

ނިދާފައި އޮތް ނިއަމް އެނދުގައި ބާއްވާފައި ވަސީމާ އައިސް އިށީނީ އެނދުގައި އިން އައްފާން ކައިރީގައެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އައްފާނަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވަޒީފާ އިން އައުމަށްފަހު އެއްގޮތަކަށްވެސް ކޮޓަރިން ބޭރަށް ނުނިކުމެއެވެ. މުޅި ދުވަހު އެހުންނަނީ ކަޅު ކޮފީ ބޮއެގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނިއަމް އާ އެކުގައި އެއްގޮތަކަށްވެސް ވަގުތު ހޭދަނުކުރެއެވެ. މީހުން ވާހަކަދައްކާ އުޅުން އެއްކޮށް ހުއްޓާލައިފިއެވެ. މިހުރިހާ ދުވަހު ވަސީމާ ޒާރާ އާ ބެހޭގޮތުން އައްފާނާ ވާހަކަނުދެއްކީ އައްފާން އަމިއްލަ އަށް އުޅުމަށް ބަދަލު ގެނެސް އަމިއްލަ އަށް ވިސްނިދާނެ ކަމަށެވެ. ޒާރާ މާލެ ދިޔަކަމެއް ނުދާކަމެއްވެސް އައްފާނަށް އެނގޭކަމެއް ނޭނގެއެވެ. އަނެއްކޮޅުން މިހާރުވެސް ޒާރާ ގެ ވާހަކަތައް އަހަން އައްފާން ތައްޔާރުކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް ދެން އިތުރަށް މަޑުކުރަން ވަސީމާ ބޭނުމެއް ނުވެއެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކާއެކު އެދަނީ ދެމަފިރިންގެ ދެމެދުގައި ލެވިފައިވާ ފާރު ބޯވަމުންނެވެ. ކުޑަކުއްޖަކު އެދަނީ މައިންބަފައިންގެ ލޯބިން މަހުރޫމު ވަމުންނެވެ. ދުވަހެއް ދުވަހަކަށް އައްފާންގެ ހާލަތު އެދަނީ ގޯސްވަމުންނެވެ. އެކަން ނުހުއްޓުވައިފިނަމަ އައްފާން ސިކުނޑި ގޯސްވެ މޮޔައިންގެ މަރުކަޒަށް ފޮނުވާލަންވެސް ޖެހިދާނެއެވެ. އެހެން އެކަނި ހިތަށް އެރުމުންވެސް ވަސީމާ ގެ ގައިން ހީބިހި ނަގައިގަތެވެ.

"ދައްތަ އަށް އެނގޭ ބުންޏަސް ކާއެއްޗެއް ނުކާނެކަން. އެހެންވެ ކާން ދާކަށް ނުބުނާނަން" ވަސީމާ ވާހަކަދެއްކިއެވެ. އައްފާން ބަހެއް ނުކިޔައެވެ.

"ދައްތަ ވާހަކައެއްދައްކަން ބޭނުން" ވަސީމާ ބުންޏެވެ. އެވަރުންވެސް އައްފާން ބަހެއް ނުކިޔައެވެ.

"ޒާރާ ގޯހެއް ނޫން" ވަސީމާ ބުންޏެވެ. މިހުރިހާ އިރު ހަރަކާތް ކެނޑިފައިވާ ބުދެއްހެން އިން އައްފާން ޒާރާ ގެ ނަން އެހެން މީހަކު ކިޔާލި އަޑު އިވުމުން ދެލޯ މަރާލިތަން ވަސީމާ އަށް ފެނުނެވެ.

"ޒާރާ މިރަށު ނެތް. އެދުވަހު މިރަށުގައި ހިނގި ކަމެއް ހިނގުމަށްފަހު ހިމްނާ ގެ ހާލު ގޯސްވެގެން ޒާރާ ވީ މާލެ ގޮސް. އެކަން އެނގޭތަ؟" ވަސީމާ އެހިއެވެ. އައްފާންގެ ހަށިގަނޑަށް ސީދާކަމެއް ކުއްލިއަކަށް އައެވެ. ޒާރާ ރަށުގައި ނެތްކަން އަދި އޭނާ އަށް އެނގުނީއެވެ. ހައިރާންކަމާއެކު ވަސީމާގެ މޫނަށް އައްފާން ބަލައިލިއެވެ. އެބަލައިލުމުގައި ތިބުނީ ހަމަ ތެދެއް ހެއްޔޭ އަހާލި ކަހަލައެވެ. ވަސީމާ ބޯޖަހާލިއެވެ.

"އާނ. ފުރުމުގެ ކުރިން ޒާރާ މިގޭދޮށަށް އައި. ބޭރުގަ ހުރެގެން ދައްތަ އާ ވާހަކަދެއްކީ. އައީ ފުރުމުގެ ކުރިން ނިއަމް ދެކިލަން. އެދުވަހު ވަރަށް ރުއި. ދައްތަ އަށް ހަމަ ޔަގީން ޒާރާ ދަރިފުޅަށް އެއްވެސް މަކަރެއް އޮޅުވާލުމެއް އޮޅުވާލާފައި ނުވާކަން. ދަރިފުޅާ! އެގޮތަށް ޒާރާ އެކަނި ދޫކޮށްށްނުލާ. އެއީ ނިކަމެތި އަންހެނެއް. އެކަނިމާއެކަނި މާލޭގައި ބަލި މަޔަކު ގޮވައިގެން އެކުއްޖާ ފަކީރު ތެޅެނީ ކޮންހާލެއްގަ ކަމެއްވެސް ނޭނގޭ"

ވަސީމާގެ ވާހަކަތަކުން އައްފާންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާގެ ދެލޮލުން ކަރުނައެއް ނުފައިބައެވެ. އެހެންނަމަވެސް އޭނާގެ ހިތުން ފައިބަމުންދަނީ ލޭ ކަރުނައެވެ. އޭނާ ޒާރާ އާ ރުޅިއެއް ނުވެއެވެ. އެހެންނަމަވެސް ހިތުގައި ކޮޅެއް ނެތް މިންވަރަށް ޝަކުވާ އެބަހުއްޓެވެ. އެ ޝަކުވާތައް އިއްވަން އޭނާ ބޭނުންވަނީ ޒާރާ އަށެވެ. އޭނާ ބޭނުންވަނީ ޒާރާ ގެ ދެއަތުން އޭނާގެ ހިތުގައި ފިރުމާލާ އެ ޝަކުވާތައް ދުރުކޮށްދޭށެވެ. މިހުރިހާ ދުވަހު މޫނު ދައްކާލަންވެސް ޒާރާ ނައީތީ އޭނާ ހުރީ ދުނިޔެމަތިން ފޫހިވެފައެވެ. އެކަމަކު ޒާރާ ރަށުގައި ނެތްކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވިއްޖެއެވެ.

"ކޯޗެއް ތިވިސްނަނީ؟ އަދިވެސް ވަގުތު ފާއިތެއްނުވޭ. އަދިވެސް ޒާރާ އަކީ ދަރިފުޅުގެ ހަލާލު އަނބިމީހާ" ވަސީމާ ބުންޏެވެ.

އެއާއެކު އެދުވަހުގެ މަންޒަރުތައް އައްފާންގެ ލޯ ކުރިމަތީގައި ތަމްސީލުވާން ފެށިއެވެ. ކޮޓަރި ތެރޭގައި ޒާރާ އާ ޖެހުނު ސަކަރާތެވެ. ކުއްލިއަކަށް ފައްވާޒްގެ ވާހަކަތައް ފެށުމުން ޒާރާ އަށް އައި ބަދަލެވެ. އެވާހަކަތައް އަޑުނާހަން ޒާރާ އުޅުނު ގޮތެވެ. ވާހަކަ އޮޅުވާލަން ކުއްލިއަކަށް ބޭރަށް ދާން ހުއްދަ އަށް އެދުނު ގޮތެވެ. ފައްވާޒް ފުރައިފިއޭ ޒާރާ ބުނެ އޮޅުވާލި ގޮތެވެ. އޭނާގެ ކޯލުތަކަށް ޒާރާ ޖަވާބު ނުދިނުމެވެ. ފައްވާޒާ އެކު އެއްކޮޓަރީގައި ބަންދުވެގެން ތިބުމެވެ. އެހުރިހާއިރު ކޮޓަރީގައި ޒާރާ ހުރީ ކީއްވެގެން ހެއްޔެވެ؟ ފައްވާޒަށް އެއްވެސް އެއްޗެއް ނުބުނީ ކީއްވެގެން ހެއްޔެވެ؟

"ދައްތަ ތިބުނަނީ ތެދެއް ކަމަށްވާނަމަ އަހަރެންގެ ލޮލަށް އެ ފެނުނު މަންޒަރުތަކޯ. އެއީ ކޮންކަމެއް؟ ޒާރާގެ ބޭވަފާތެރިވީއޭ އަހަރެންގެ ހިތް ބުނަނީ ކީއްވެ؟ ޒާރާގެ ކުށެއްނެތްކަން ޒާރާ އަށް ސާބިތުކޮށްނުދެވުނީ ކީއްވެ؟ ފައްވާޒް ފުރައިފިއޭ ބުނެ ދޮގުހެދީ ކީއްވެ؟ އަހަރެން ދުވަހަކުވެސް ޒާރާ އަށް ދޮގެއް ނަހަދަން. ދެން ޒާރާ ކީއްވެ؟ އަހަރެން ހާދަ އިތުބާރެއް ކުރީމޭ. މީހަކު ޒާރާ އޭ ކިޔައިގެން ދެއްކި ވާހަކަތަކެއްނަމަ އަހަންނަށް ގަބޫލުނުކުރެވުނީސް. އެކަމަކު ލޮލަށް ފެނުނު މަންޒަރުތައް ދޮގުކުރާނީ ކިހިނެއް؟" އައްފާން ވާހަކަދެއްކިއެވެ.

"ބައެއްފަހަރު ތިމާގެ ލޯ ވެސް ތިމާއަށް ކެހިދޭ. އެހެންވެ ބުނަނީ ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއްނޫނޭ. ކޮންމެ ކަމެއްގަވެސް ދެކޮޅު އޮންނާނެ. ތިމާގެ ހިތުގައި އުފެދޭ ސުވާލުތަކާ ޝަކުވާތައް ފިލައިގެން ދާނީ ދެމަފިރިން ދުރުވެގެން ތިބެގެނެއް ނޫން. އަދި ވަރިވުމަކީވެސް ހައްލެއްނޫން. ހައްލަކީ ދެމަފިރިން އެއްތަނެއްގައި ތިބެ ވާހަކަދެއްކުން. އެކަކަކަށް ކުރެވުނު ކުށަށް އަނެކަކުގެ ކިބައިން މަޢާފަށްއެދުން. ދެމަފިރިން އެކަކު އަނެކަކަށް ހިތްސާފުކުރުން. ދެމަފިރިން އެކަކު އަނެކަކު ދެކެ ހިތްހަމަނުޖެހުނީމާ ވީގޮތެއް އޮޅުންފިލުވުން. އެންމެ ބޮޑު ކަމަކީ ކެތްތެރިވުން. ކެތްތެރިވުން އެންމެ ބޮޑަށް މިއަދު ދައްތަ އަށް ފެނުނީ ޒާރާގެ ފުށުން. ދަރިފުޅުގެ ހިތުގައި ތިވާ ޝަކުވާގެ ޑަބަލް ޝަކުވާ ޒާރާގެ ހިތުގައިވާނެ. ޒާރާ ދެވަނަ ކައިވެންޏެއްކުރީ އަލީ އަށް ކިހާ އިތުބާރެއްކޮށްފަ. ހިމްނާ ހިތަށް އަރާނީ ކީކޭ؟"

އައްފާން ކޮޅަށް ތެދުވިއެވެ. ވަސީމާގެ ވާހަކަތަކުން އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށިއެވެ. އެހެންނަމަވެސް މުޅިއަކުން ހިތްސާފެއް ނުވެއެވެ. އިސާހިތަކު އައްފާނަށް ރޮވެން ފެށުނެވެ.

"ތިހުރިހާ ކަމެއްގަ ޒާރާގެ ކުށެއް ނެތްނަމަ އަހަރެން އެވަރަށް ގުޅިއިރު ފޯނަށް ޖަވާބެއް ނުދެވުނީ ކީއްވެ؟ އެންމެފަހުން އަހަރެން ގުޅާވަރުން ބޮލަށް އުނދަގުވެގެން ފޯނު ނިވާލީ. އަހަރެންގެ ހިތަށްވެސް އަސަރުކުރިއޭ ދައްތާ" އައްފާންގެ އަޑު އައީ ކުރެހިގެންނެވެ.

"ނޫނޭ މަގޭ ދަރިފުޅާ. ވެދިޔަ ކަންތަކުން ހިތެއް އޮތް ކޮންމެ މީހަކަށް އަސަރުކުރާނެ. ދައްތަގެ ހިތަށްވެސް އަސަރުކުރި. އެކަމަކު ކަންތައްތައް ވެގެންދިޔައީ ދަރިފުޅު ތިހީކުރި ގޮތަކަށްނޫން. އެދުވަހު ޒާރާ ހުރީކީވެސް އުފަލަކުން ނޫން. އެދުވަހު ޒާރާ ބަނދަރުމަތީގައި އުޅެނިކޮށް އެނގޭތަ ނިއަމް ގެންދަން އުޅުނީ ކާކު ކަން. ނުހާ. ޒާރާ އަށް ދިމާލަށް ބުނެފަ ނުހާ ދިޔައީ ނިއަމް ބޭނުމިއްޔާ އަލީ ފޮނުވާށޭ. ފަހުން ނިއަމް ހަވާލުކުރީ ކީކޭ ހިތަށް އަރައިގެންކަމެއް ނޭނގޭ. މިކަން ދައްތަ އަށް އެނގުނީ އަމާނީ ގެ ފަރާތުން. ފަހުން ޒާރާ އާ ސުވާލުކުރިމަ ޒާރާ ކިޔައިދިނީ. ޒާރާ ޔަގީންކަންދޭ އެއީ ނުހާ ކަން. އެޝޮކުގައި ޒާރާގެ ފޯނު ވެއްޓުނީ ގާތަކުގެ ތެރެއަށް. މަޑުކުރައްޗެ"

ވަސީމާ ދެއްކި ވާހަކަތަކުން އައްފާން މުޅިން ގަނޑުވިއެވެ. ހިތުގައި އުފަންވަމުން އައި އާ ޝަކުވަތަކަށް މަޑުޖެހުމެއް އައެވެ.

"މިއީ ޒާރާގެ ފޯނު. އެވެއްޓުނު ތަނުން ފަތިހު ދައްތަ ހިނގަން ގޮސްފަ ނަގައިގެން އައިސް މިކޮޓަރީގަ ތިހެރަ ވަތްގަނޑުގަ ބޭއްވީ. ދައްތަ ހީކުރީ ކޮންމެސް އިރަކުން އަލީ އަށް މި ފެންނާނެ ކަމަށް. ކުއްލިއަކަށް އެދުވަހު ނުހާ ފެނުނީމަ ހުރިހާ ކަމެއްގެ މަތިން ޒާރާ ހަނދާންނެތުނީ. އެދުވަހު ފޯނު ވާރޭ ވެހުނީމަ ފެން އެޅިގެން ހަލާކުވެގެން ނިވިފަ އެ އޮތީ. ނިއަމް ގޮވައިގެން ޒާރާ އައިރު ގައިމުން އެ ސިކުނޑީގައި ވެސް ހާސްކަމާ ސިހުމާ ބިރުވެރިކަން އޮންނާނެ ދޯ. ހުސްއެކަނި އަމިއްލަ މީހާ އާ މެދު ރަނގަޅަށް ވިސްނާ އަނެއްމީހާ ގޯސްކޮށް އެހާ އަމިއްލަ އެދުން އިސްކުރާކަށް ނުވާނެ. އަމާނީ ބުނި ނުހާ ކައިރީގަ ހުރި އެހެން އަންހެނަކު ޒާރާ ފަހަތަށް ކޮށްޕާވެސްލިޔޭ. އެއީ ނުހާ ނޫނިއްޔާ އެފަދަ ކަމެއް ކުރާނީ ދެން ކާކު؟ އެ މޭރުމުން މިރަށުގައި އުޅޭ ބިދޭސީއެއްވެސް ޒާރާ އާ ވާހަކައެއްނުދައްކާނެ"

އައްފާން މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އިށީނެވެ. ދެ ކަކުލުގައި ދެ އަތުގެ އުނޅަބޮށި ވިއްދާލިގޮތަށް ދެއަތްތިލަ އެޅީ މޫނުމަތީގައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟