ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 60

6

"ހުއްޓާލާ. އަހަރެން ކަލެއަށް ނަފްރަތުކުރަން. ދުވަހަކުވެސް މި ހިތެއް ހެވެއް ނުވާނެ" ޒާރާ ހަޅެއްލަވައިގަތެވެ. މިފަހަރު ޒާރާގެ އަޑު އައީ ވަރަށް ބާރަށެވެ.

"މަންމަ... މަންމަ ކޮބާ؟" ޒާރާ ގޯތިތެރެ ހޯދާލިއެވެ. ހިމްނާ ފެންނަން ނެތުމުން ގެއިން ނިކުންނަން ދުއްވައިގަތެވެ.

****

ޒާރާ ފެނުމާއެކު އައްފާންގެ ކޮޓަރި ތެރޭގައި ހުރި ވަސީމާ ބަލައިލިއެވެ. ޒާރާ އަށް ދޭންވީ ހިނިތުންވުމެއް ކަމެއް ނޫނީ އަންނަންވީ ރުޅިކަމެއް ވަސީމާ އަށް ނޭނގުނެވެ.

"އެ އައީ ޒާރާ. ކަންކަން ހައްލުވާނީ ދެކުދިން ވާހަކަދައްކައިގެން" ވަސީމާ ނިކުމެގެން ދިޔައެވެ. ވަސީމާ އަށް ބަލައިލާނެ ހިތްވަރެއް ޒާރާ އަށް ނުލިބުނެވެ. ކޮޓަރިއަށް ވަންނަން ފިޔަވަޅު ނެގި ކަމެއް ނޭނގި ޒާރާގެ މޫނު މައްޗަށް ދޮރުފަތް ލެއްޕިގެން ދިޔައެވެ. ޒާރާ ދިޔައީ ސިހިގެންނެވެ. އައްފާނަށް ވަރަށް ބަދަލު އަތުވެއްޖެއެވެ. ދޮރުފަތް ކައިރީގައި ހުރެފައި ޒާރާ އެނބުރުނެވެ. މިވަގުތު އޭނާގެ ބަސް ގަބޫލުކުރާކަށް އެއްވެސް މީހަކު ތައްޔާރުނުވާނެކަން އޭނާގެ ސިކުނޑި ގަބޫލުކޮށްފިއެވެ. އެންމެންނަށް ޖެހޭނީ ވަގުތުދޭށެވެ. އެއްވެސް ކަމެއް ގޯސްނުވާނެއެވެ.

ޒާރާ އެގެއިން މަގުމައްޗަށް ނިކުތެވެ. ނިކަމެތި މަންމަ ކައިރިއަށް ދާން އޭނާ ހިނގަމުން ދިޔައެވެ. މިހާރު އޭނާގެ ދެލޮލުގައި ކަރުނައެއް ނެތެވެ. އެހެންނަމަވެސް މޭގައި އޮތް ހިތް ހުއްޓުމެއްނެތި ރޮމުން ދިޔައެވެ. އިންސާނިއްޔަތަށްޓަކައި ޖީޒާ އަށް އެހީވުމުން މިއީ ނިކުތް ނަތީޖާ އެވެ. ވިސްނާނުލެވުނީއެވެ. އެކަމަކުވެސް ދެން ކުރާނެ ކަމެއް ނެތެވެ. ވީކަމެއް ނުވާކަމަކަށް ނުވާނެއެވެ.

ޒާރާ ގެއާ ހަމަވެފައި ހައިރާންވިއެވެ. ދޮރާށި ހުރީ ހުޅުވާލާފައެވެ. އެއީ މީގެކުރިން އަބަދު ލައްޕާފައި ހުންނަ ދޮރެކެވެ. އެތެރެއަށް ވަތްއިރު އެތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ބަދިގެއިން އަޑެއް އިވޭތީ އޭނާ ދިޔައީ އެދިމާލަށެވެ. ގޮނޑި އަކަށް ކޮޅަށް އަރާ ހުރި ނޫރީން ކަބަޑެއް ހުޅުވައިގެން ތަޅުދަނޑި ފައްޗެއް ނަގަން މަސައްކަތްކުރާ މަންޒަރު ޒާރާ އަށް ފެނުނެވެ.

"ނޫރް..." ޒާރާ އަޑަށް ނޫރިން ބަލައިލިއެވެ.

"ދޮންތީ. މަންމަ ކޮޓަރިއަށް ވަދެފަ ގޮވާގޮވާ ނުހުޅުވި. އެހެންވެ ހުޅުވަން މިއުޅެނީ. މަންމަ ހުރީ ވަރަށް ފާޑަކަށް. އަޅުގަނޑު ވަރަށް ބިރުގަނޭ އެބަ. ދޮންތިއަށް ވަރަށް ގުޅައިފިން" ނޫރީން އެއްފައްޗަކަށް އަމުނާލިއެވެ.

ޒާރާ އެކޮޓަރި އާ ދިމާލަށް ދުއްވައިގަތެވެ. ދޮރުފަތުގައި ތަޅަން ފެށިއެވެ. ހިމްނާ އަށް ގޮވަން ފެށިއެވެ. މަންމަ އަށް އެއްވެސް ކަމެއް ވާތަން ބެލުމަކީ އޭނާއަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ދޮރު ބުޑުގައި އިށީނދެގެން އިން ޒާރާ ގޮވަމުން ދިޔައެވެ. ކައިރީގައި އިން ނޫރީން އިނީ ޒާރާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"މަންމާ... އަހަންނަށް މައާފްކުރޭ..." ޒާރާ ގޮވަމުން ދިޔައެވެ.

ކޮޓަރި ދޮރުފަތުގައި ކަންފަތް ޖަހައިގެން އިން ޒާރާ ސިހިގެން ދިޔައީ ކޮޓަރި ތެރެއިން އެއްޗެއް ވެއްޓުނު އަޑަށެވެ. އެއާއެކު ކޮޅަށް ތެދުވެފައި ކޮޓަރީގެ ތަޅު އަނބުރަން ފެށިއެވެ.

****

ފޫހިކަމެއް ނެތި އެނދުގައި އޮށޯވެގެން އޮތް ނުހާ ދިޔައީ އައްފާންގެ ނަންބަރަށް ގުޅަމުންނެވެ. ނަންބަރު ބިޒީ ނުކުރާތީ އައްފާން ހުރީ ވަރަށް ހަމަޖެހިފައިހެން ނުހާ އަށް ހީވިއެވެ. ނުދަންނަ ނަންބަރަކުން ގުޅާތީ ފޯނު ނުނަގަން ހުރީ ކަންނޭނގެއެވެ. ކޮންމެސް އިރަކުން ފޯނު ނަގާނެއެވެ. ދިމާލަށް ހުރި އަނެއް އެނދުގައި އޮތް މާހީ ނުހާ އަށް ބަލަން އޮވެފައި އަނގަ ހަދާލިއެވެ. ނަންބަރު ދިންފަހުން އެހެން ކަމެއް ނުކުރެއެވެ. ކުރާނެކަމެއް ނެތި ފޫހިވުމުން މާހީ ތެދުވިއެވެ. ލޯގަނޑު ކައިރީގައި ހުއްޓިފައި ތައްޔާރުވާން ފެށިއެވެ. މޭޒުމަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން ނިކުންނަމުން ނުހާ އަށް ބަލައިލިއެވެ.

"ކޮންތާކަށް؟" ނުހާ އަހާލިއެވެ.

"ބޭރަށް. އަހަންނަކަށް މިހާ ފޫހިކަމެއް ބަރުދާސްތެއް ނުކުރެވޭނެ. ނުންނު އޮވޭ"

ދޮރުލައްޕާލާފައި މާހީ ނިކުތެވެ. ސިޑިން ފައިބައިގެން އޭނާ އުޅުނީ މަގުމައްޗަށް ނިކުންނާށެވެ. މިވަގުތަކީ ގެސްޓްހައުސް ބޭރުގައި ފަތުރުވެރިން ރާޒުވާ ކުޅެން ތިބޭނެ ވަގުތެވެ. އެތާ އިނަސް މާ ފޫހިފިލާނެއެވެ. އެހެންނަމަވެސް މާހީގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ރިސެޕްޝަން ކައިރީގައި ދަބަހެއް ކޮނޑު އަޅުވައިގެން ހުރި ފައްވާޒް ފެނިފައެވެ. ނުހާ ގެ ދެތުންފަތް ދެފަރާތަށް ދެމުނެވެ. ފައްވާޒް ކަންތައްކުރާ ގޮތެއް ބަލަން އޭނާ ހުރީ ނިވާ ވެގެންނެވެ.

"މިރެއަކު ނެތް ކުޅުމެއް. ވާރޭ ވެހޭތީ ކެންސަލްވެއްޖެ" މާހީ ކައިރިން ދިޔަ ރައްޓެއްސަކު ބުންޏެވެ.

ކުޅުމުގެ ޝައުގު އެއްކޮށް ގެއްލިއްޖެއެވެ. ކިތަންމެ ގިނައިރު ބަޔަކު އެތަނުގައި ތިބެ ކުޅުނަސް ދެން އޭނާ ނުދާނެއެވެ. ބަލަން ބޭނުންވި މަންޒަރު ފެނިއްޖެއެވެ. އެނާގެ އަތުތެރެއަށް ފައްވާޒް އެވަނީ އަމިއްލަ އަށެވެ. އިރުކޮޅަކުން ތަޅުދަނޑިއެއް ހިފައިގެން ފައްވާޒް ހިނގައިގަތެވެ. ސިއްރު ސިއްރުން ފައްވާޒް ފަހަތުން މާހީ ހިނގަމުން ދިޔައެވެ.

****

ދުވެފައި ގޭތެރެއަށް ވަން ޖަންނަތުގެ ގައިގައި ނޫރީން ބައްދާލިއެވެ. ހަބަރު ހުސްވެފައި އޮތް ހިމްނާގެ ބޯ އޮތީ ޒާރާގެ އުނގުގައެވެ. ހަދާނެ ގޮތެއް ނޭނގި ޒާރާ ރޮމުން ދިޔައެވެ. ޖަންނަތާ އެކު ސަލާމް އައިކަން ހަމަ ނަސީބެވެ. އަނގައިން ހުދު ފޮނުތަކެއް އައިސްފައިވާ ހިމްނާގެ ވިންދު ސަލާމް ޗެކްކޮށްލިއެވެ. އެއާއެކު ވަގުތުން ހިމްނާ ހޮސްޕިޓަލަށް ގެންދަން އޭނާ ބުންޏެވެ.

އިސާހިތަކު ހިމްނާ ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ބޭރު ގޮނޑިތަކުގައި ނޫރީން އާ ޒާރާ އިނެވެ. ދެކުދިން ވެސް ދިޔައީ ރޮމުންނެވެ. ކައުންޓަރު ކައިރީގައި ހުރެ ލިޔުންތައް ފުރަމުން ދިޔައީ ޖަންނަތެވެ.

"ޝޮކެއްޖެހިފަޔޯ. ލޭވެސް ހުރީ ވަރަށް މަތީގަ. އެންމެ ރަނގަޅުވާނީ ފުރައިފިއްޔާއޭ ސަލާމް ބުނި"

ޒާރާ އަށް އިވުނީ ޖަންނަތު ފޯނުން ވާހަކަދެއްކި އަޑެވެ. ފުންމައިގެން ތެދުވިއެވެ.

"ކިހިނެއްވީ؟ މިއީ އަހަރެންގެ ސަބަބުން ވީގޮތެއް. ޖަންނާ... މިވަގުތު އަހަންނަށް އެހީވާން ހުރި މީހަކީ ތިއީ. އަހަރެން ބޭނުން މަންމަ ގޮވައިގެން ފުރަން. ނޫރް ބަލައިދެއްޗޭ" ޒާރާ ރޯން ފެށުމުން ޖަންނަތު ތުންފަތުގައި ދަތްއަޅާލިއެވެ. އެގޮތަށް ޒާރާ ގެ ދޮލުން ކަރުނަ އެ ފެނުނީ ހާދަ ދުވަހަކަށް ފަހުގައެވެ.

"އައްޔަ އަށް ގުޅަންވީނު. ޒާ ކިހިނެއް އެކަނި ދާނީ" ޖަންނަތު ބުންޏެވެ.

"ނޫން... މިވަގުތު އަހަންނަކީ އެކަނި ހުރި މީހެއް. ސަލާމް ކައިރީގަ ބުނެގެން މިކަމާ އުޅެދީ ޖަންނާ. އަހަރެން ބޭނުމެއްނޫން ލަސްކުރާކަށް"

ޖަންނަތު ބޯޖަހާލިއެވެ. ޒާރާގެ އަތުގައި ހިފައިގެން ހުރެފައި ހިމްނާ އޮތް ދިމާލަށް ހިނގައިގަތެވެ. ޒާރާ މަޑުމަޑުން ގޮސް އިށީނީ ނޫރް ކައިރީގައެވެ. ނޫރް ގެ ދެލޯ ކައިރި ފޮހެދީފައި ނޫރްގެ މޫނުގައި ބޮސްދިނެވެ.

"ދޮންތި މަންމަ ގޮވައިގެން ފުރާނަން. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަންމަ ގޮވައިގެން އަންނާނަން. ނޫރް ހުރޭ ޖަންނަދައްތަ ކައިރީގަ. އެތަނުގަ ހުއްޓަސް ނޫރްގެ ހުރިހާ ކަމެއް ދޮންތި ކުރާނަން" ކަރުނަތައް ހިންދާލާފައި ނޫރީންގެ ހިތްވަރަކަށް ޒާރާ ވިއެވެ. އޭނާ ކުށެއްނެތްކަން އެންމެންނަށް އޭނާ ހާމަކޮށްދޭނެއެވެ.

****

އަމާނީ ދޮރަށް އެރިތަން ފެނުމުން އައްފާންގެ ބުރަކަށީގައި ވަސީމާ ކޮށްޓާލިއެވެ. އެއާއެކު ވަސީމާ އާ ދުރަށްޖެހިލާ އައްފާން އެނބުރުނީ އަނެއް ފަރާތަށެވެ. އައްފާން ހަމަޔަކަށް އެޅުނުކަން އެނގުމުން ވަސީމާ ދޮރުލައްޕާލާފައި ނިކުތެވެ.

"ދޮންބެދައްތަ އެބަހުރި. އެތެރެއަށް ނައި" އަމާނީ ބުންޏެވެ.

ވަސީމާ ފުންނޭވައެއް ދޫކޮށްލިއެވެ. މިދަނޑިވަޅުގައި ޒާރާ ގެ ހިތަށް ކުރާނެ އަސަރު އޭނާ އަށް އަންދާޒާ ކުރެވެއެވެ. އަމިއްލަ ގެއަށް ވަންނަން ނުކެރިފައި ޒާރާ ހުރުމުން ވަސީމާ ދެރަވެސްވިއެވެ. ދުރުކަމެއް އުފެދިގެން މިދިޔައީ ހާދަ އަވަހަށެވެ. ކޮންމެގޮތެއް ވިޔަސް އަދިވެސް އެއީ އަލީގެ އަނބިމީހާ އެވެ. ވަސީމާ ބޭރަށް ނިކުތެވެ. ދޮރާށި ކައިރީގައި އިސްޖެހިފައި ހުރި ޒާރާ ފެނުމުން ވަސީމާގެ ހިތުގައި ރިއްސާލިއެވެ.

"ވަސިންތާ. އަހަރެން މިދަނީ މަންމަ ގޮވައިގެން ފުރަން" ޒާރާ ބުންޏެވެ.

ވަސީމާ ކުރިއަށް ޖެހިލިއެވެ. ޒާރާގެ އަތުގައި ހިފާލިއެވެ. ހިމްނާގެ ހާލު އަހާލިއެވެ. އެހިނދު ޒާރާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ވަސީމާގެ ގައިގައި ޒާރާ ބައްދާލިއެވެ. ހީކޮށްގެން ހުރީ ވަސިންތަވެސް ހުންނާނީ ހިތްހަމަނުޖެހިފައި ކަމަށެވެ. އެހެންނަމަވެސް އެންމެ ހިތްދަތިވެފައި ހުރި ވަގުތު ވަސިންތަގެ އޯގާތެރިކަން ފެނުމުން ކެތެއްނުވިއެވެ.

"މަންމަ ވަރަށް ބަލިވެއްޖެ ވަސިންތާ. މިހުރިހާ ކަމެއް މިވީ އަހަރެންގެ ސަބަބުން. އަހަންނަށް ނުވިސްނުނީ. ޖީޒާ ގެ ރޭވުންތެރިކަމާ މެދު ކުޑަކޮށްވެސް ވިސްނާނުލެވުނީ. އަހަރެން ކައިރީގަ މިއަދު މަންމަ ބުނި ފައްވާޒް ފުރައިގެން ދިޔަ ވާހަކަ. ފައްވާޒާ އެކު ކޮޓަރިއެއްގައި ބަންދުކުރަން އުޅެއޭ އަހަރެން ކިހިނެއް ހިތަށް އަރާނީ. އަނެއްކޮޅުން... އަނެއްކޮޅުން އަހަންނަށް އައްޔަ ކައިރީގައިވެސް ބުނެވުނު ފައްވާޒް ފުރި ވާހަކަ. އައްޔަ އަށް ހީވާނީ އަހަރެން ދޮގުހެދީއޭ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އައްޔަގެ ކުރިމަތީގައި އަހަރެން ބަދުނާމުވެގެން އެދިޔައީ. އަހަރެން ކުށެއް ނުކުރަން. ބޭވަފާތެރިއެއްވެސް ނުވަން. މާތްﷲ ކަނޑައަޅުއްވާފައިވާ އިންފަހަނައަޅާ ނުދަން. އާނ... އެއްފަހަރު ފައްވާޒް ރުޅި އައިސްގެން އަހަރެންގެ އަތުގައި ހިފީ. އަހަރެން ގޮތްހުސްވީ. ނިކުންނާނެ އެއްވެސް ގޮތެއް އޮތްނަމަ އަހަރެން އެކޮޓަރީގައި ނުހުންނާނަން. ވަސިންތާ... އަހަންނަށް އިތުބާރުކުރައްޗޭ. މަންމަ އަށް ހެޔޮ ދުއާ ކޮށްދެއްޗޭ. މިއަދު އަހަރެން މިވަނީ ވަރަށް ނިކަމެތިވެފަ. އަހަންނަށް އަޅާލާނެ އެއްވެސް މީހަކު ނެތް. މަންމަ ގޮވައިގެން ފުރަންދާ ވަގުތު މިޖެހެނީ. އަހަންނަށް މާގިނަ ވަގުތެއްވެސް ނެތް. އަހަރެން އެންމެފަހަރަކު ނިއަމް ކައިރިއަށް ދާން ބޭނުން"

ޒާރާގެ ވާހަކަތަކުން ވަސީމާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ޒާރާގެ ވާހަކަތަކަށް އޭނާ ޝައްކެއް ނުކުރެއެވެ. އެގޭތެރޭގައި ޒާރާ އާ އެއްކޮޅަށް ވާހަކަނުދެއްކުނީ ވަގުތާ ހާލަތަށް ވިސްނާފައެވެ. އެކަމަކު އިތުރަށް އޭނާ މަޑެއްނުކުރާނެއެވެ. ޒާރާގެ ކުށެއް ނެތްކަން އަލީ އަށް އޭނާ ސާބިތުކޮށްދޭނެއެވެ. އެކަމުގައި ޒާރާ ގެ ކުށެއް އޮތްތަނަމަ އެގޮތަށް ވަސީމާގެ ކުރިމައްޗަށް ޒާރާ ނައީހެވެ.

"ހިނގާ އެތެރެއަށް. މިއީ ދަރިފުޅުގެވެސް ގެއެއްނު"

"ނޫން... އަހަރެން ދެން މިގެއަށް ވަންނާނީ އައްޔަ ބޭނުންވެގެން އަހަރެން ބަލައި އައި ދުވަހަކުން" ޒާރާ ބުންޏެވެ.

"އަލީގެ ހާލުވެސް އެހާ ރަނގަޅެއްނޫން. ފައްވާޒް ތަޅައިގަތް ތަންތަން ހުރީ ނޫފައިގެންފަ. މިވަގުތު އެބައޮތް ކޮޓަރީގަ. އަލީ އަށް ވަގުތު ބޭނުންވޭ. ކަންތައްތައް ވެގެންދިޔައީ އެއްވެސް މީހެއްގެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތްކުރާނެ ގޮތަކަށް ނޫނެއްނު" ވަސީމާ ލޯތްބާއެކު ވާހަކަދެއްކިއެވެ.

****

ގަޑިން ބާރަޖަހައިފިއެވެ. އެނދުގައި ފައްވާޒް އޮތެވެ. އަދިވެސް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ވަނީ ޒާރާ ދިން ޖަވާބުތަކެވެ. ހަގީގަތުގައިވެސް ޒާރާ ގެ ހިތުގައި ހަމަ އެއްވެސް އިހުސާސެއް ނެތީ ހެއްޔެވެ؟ ލޯތްބަކީ އެކަހަލަ އެއްޗެއް ހެއްޔެވެ؟ މިއަދު އެހެން މީހެއް ދެކެއެވެ. މާދަމާ އެހެން މީހެއް ދެކެއެވެ. ނޫނެކެވެ. ކައިވެންޏެއްގެ މަތީގައި ހުރުމުން ޒާރާ އެހެދީ ދޮގެކެވެ. ޒާރާ ނޫނަސް ކޮންމެ އަންހެންކުއްޖެއްވެސް އެވަގުތު ތެދެއް ނުބުނާނެއެވެ.

ފައްވާޒް އެނބުރިލިއެވެ. އަތްޖެހުނު ގޮތަކުން ތުންފަތުން ފަޅައިގެން ގޮސްފައިވާ ތަނުގައި ރިއްސާލިއެވެ. އެވަގުތުވެސް އޭނާގެ ލޭ ކެކިގަތެވެ. އައްފާން މަތިން ހިތަށް އެރުމުން އަނެއްކާވެސް އެގެއަށް ދާން ހިތް ބުންޏެވެ. އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ހުރެފައި އެހެރީ ދިން ލަނޑެވެ. ދުވަހަކުވެސް އައްފާނަށް ހިތްހެވެއް ދެނެއް ނުވާނެއެވެ. މިއަދު ނޫނަސް އައްފާން އަތުން ޒާރާ ހޯދާނަމެވެ. އެވެސް ޒާރާގެ ރުހުމާއެކުގައެވެ. އަދިވެސް ފައްވާޒް ގޮތްދުލެއް ނުކުރެއެވެ. އޭނާގެ ހިތުގައި އަޒުމެއް ވިއެވެ.

ދޮރުފަތުގައި ޓަކިޖަހާލި އަޑު އިވުނެވެ. ކުއްލިއަކަށް ދޮރާ ދިމާލަށް ފައްވާޒް ބަލައިލިއެވެ. ދެން ބަލައިލީ ގަޑިއަށެވެ. ބާރަ ގަޑި ފަނަރައެވެ. މިވަގުތު ކާކު ހެއްޔެވެ؟ ތެދުވެގެން ގޮސް ފައްވާޒް ދޮރުހުޅުވާލިއެވެ. ވީނުވީއެއްވެސް ނޭނގުނެވެ. މާހީ ގެ ހަރަކާތްތައް އެހާ އަވަހެވެ. ކުޑަ ތަންކޮޅަކުން އެތެރެއަށް ދެމިގަތްގޮތަށް ފައްވާޒްގެ ގައިގައި އޮޅުލައިގަތެވެ. އެއީ ކާކުކަން ފައްވާޒަށް ދެނެގަންނާނެ ވަގުތެއްވެސް ނުދިނެވެ. ފުރަތަމަވެސް ހީކުރީ އެހެން ކޮޓަރިއަކަށް ވަންނަން އައި ގެސްޓަކަށް އޮޅުނީކަމަށެވެ. މާހީ ދުރަށް ޖައްސާފައި ފައްވާޒް ފަހަތަށް ޖެހުނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިންވެސް އޭނާ އަށް މާހީ ވަކިވިއެވެ. އެހާ އަވަހަށް ކޮޓަރީގެ ލައިޓްތައް ޖައްސާފައި އައިސް މާހީ ކުރިމަތީގައި ހުއްޓުނެވެ.

"މާހީ...؟" ރުޅި އައުމުގެ ބަދަލުގައި ފައްވާޒް ވީ ހައިރާނެވެ. އެފަދަ ވަގުތެއްގައި މާހީ އެރަށުން އަދި އެކޮޓަރިން ފެންނަންވީ ކީއްވެ ހެއްޔެވެ؟

"އާނ އަހަރެން. ފަވާ ހޯދަމުން މިރަށަށް މިއައީ. އަހަރެންގެ ހުރިހާ އެއްޗެއް ދޫކޮށްލާފަ. ހަމައެކަނި ފަވާއަށް ޓަކައި. ޕްލީޒް. އަލުން ހިނގާ ރައްޓެހިވާން. ފަވާ ބުނި ކޮންމެ ގޮތަކަށް ރުހިގެން އަހަރެން އުޅޭނަން"

މާހީގެ ވާހަތަކުން ފައްވާޒަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. ހިނދުކޮޅަކަށް ނަމަވެސް މާހީ ގެ އެ ބަސްތަކުގެ ޖާދޫގައި އޭނާ ބަނދެވެން އުޅުނެވެ. އެކަމަކު ސިކުނޑީގެ މައްޗަށް އޭނާގެ ހިތް ކުރި ހޯދިއެވެ. ބަހެއްނުކިޔާ ހުރެފައި ކޮޓަރީގެ ތަޅު ހުޅުވާލިއެވެ.

"މިހެރީ ކަލޭ އެތެރެއަށް ވަތް ދޮރު. ހަމަމިހާރު ނިކުމޭ" ފައްވާޒް ބުންޏެވެ.

ކަރުނަވީ ދެލޮލުން ފައްވާޒަށް ބަލަހައްޓައިގެން ހުރެފައި މާހީ ޖެހުނީ އެތެރެއަށެވެ. ފައްވާޒްގެ އެނދުގައި މާހީ އިށީނެވެ.

"ނުދާނަން. ފަވާ ވެސް އަހަންނަށް ބޭނުންވޭ. އާދެބަލަ މަޖާކޮށްލަން" މާހީ ބުންޏެވެ.

ދޮރުލައްޕާލާފައި ފައްވާޒް އައިސް މާހީގެ އަތުގައި ހިފާފައި ނެގިއެވެ.

"އިރެއްގަ އަހަރެން ކަލޭގެ ލޯބީގާ ދީވާނާވެގެން އުޅުނަސް މިހާރު ހަމަ އެއްވެސް އިހުސާސެއް ނެތް. އަހަރެންގެ ދިރިއުޅުމަށް އަލުން ވަންނަން މަސައްކަތްނުކުރޭ. އަހަރެން ކަލޭ ބެހެއްޓި ހިސާބުގަ ހުރޭ. އަހަރެން މިރަށަށް މިއައީ އަހަރެންގެ އަލަތު ލޯބި ހޯދަން. ޒާރާ ހޯދަން. އަހަރެން އެކަން ކާމިޔާބުވެސް ކުރާނަން. ބަލާބަލަ މި ފޯނު. މިއީ ޒާރާ އަކީ. ދެން ބަލާބަލަ އެހެރަ ތަން. އެ ފޮޓޯގައިވެސް އެއީ ޒާރާ. އަހަރެން މިހާރު މިހުރީ އެ ލޯބީގައި ދީވާނާވެފަ"

ފައްވާޒް ފަހަތަށް ކޮށްޕާލިގޮތަށް މާހީ ފުން ނޭވާތަކެއް ލާން ފެށިއެވެ. ޒާރާގެ ނަން އެކަނި އިވުމުންވެސް އޭނާގެ ލޭ ކެކިގަނެއްޖެއެވެ.

"އައްޗީޑި. ތިއީ ތިކަހަލަ ފިރިހެނުންގެ ފާޑު. ފުރަތަމަ ޒާރާ. ދެން އަހަރެން. އަނެއްކާވެސް ޒާރާ... ހެހެހެ... މާދަމާ އަނެއްކާވެސް ކޮންމެސް އެހެން އަންހެނެއް. އަހަންނަށް ރަނގަޅީ ކަލެއަށް ދުވަހަކުވެސް ދިރިއުޅުމެއް ނުލިބުނިއްޔާ. ދެން ކަލޭ ކައިރިއަށް އަންނާނެ އެއްވެސް އަންހެނަކު ނުވާނެ. ކާކު މިޒަމާނުގަ ޖީބަށް ހުސް ވޮލެޓެއް ލައިގެން އުޅޭ މީހަކު ކައިރިއަށް އަންނާނީ. ބުނަންތަ ވާހަކައެއް. ކަލެއަށް ދެން ޒާރާ އެއްވެސް ނުލިބޭނެ"

ފައްވާޒް ކައިރިއަށް އައީ ހިންޏެވެ. އެއީ ހަމަ މާހީއެވެ. އެންމެ ތަންފުކެއްވެސް ބަދަލުވެފައި ނެތެވެ. އެގޮވާލީ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރުވެސް ގޮވާލި އެއްޗިއްސެވެ. މީނަ ވާނީ ހަމަ މީނަ އަށެވެ. މިއީ ދުވަހަކުވެސް އިސްލާހުވާނެ އަންހެނެއް ނޫނެވެ.

"ޝަޓްއަޕް... ކަލޭ މިތަނުން ނެރޭނެ ގޮތެއް ދެން އެނގޭނީ މަށަށް" މާހީގެ އަތުގައި ހިފެހެއްޓި ގޮތަށް ދަމަމުން ކޮޓަރިން ނެރުމަށްފަހު ދޮރު ލޮކްކުރިއެވެ.

****

ތިން ގަޑިއިރުގެ ދަތުރަކަށްފަހު ހޮސްޕިޓަލުގައި ހިމްނާ އެޑްމިޓް ކުރިއެވެ. އެމެޖެންސީ ރޫމު ތެރޭގައި ޒާރާ ހުރީ ގޮތްހުސްވެފައެވެ. ތަނަކީ އޭނާ އާ ތަންކެވެ. އެހެންނަމަވެސް އެވަގުތު އޭނާ އަށް އޮތީ އަމިއްލަ އަށް ކަންކަން ކުރުމެވެ. އެންމެ ހިނދުކޮޅަކަށްވެސް އެނާ އެކަން ހަނދާންނައްތާނުލައެވެ. ކުޑަ ހިތްވަރެއްކޮށްލައިގެން އުޅުނީމަ ވާނީ ރަނގަޅެވެ. އެވަގުތު ޒާރާގެ ސިކުނޑީ އޭނާ އަށް ވިސްނައިދީ ރަނގަޅު ކަންކަމެވެ.

ކުއްލިއަކަށް ހިމްނާ ބާއްވާފައި އޮތް އެނދު ކައިރީގައި ހުރި ޑޮކްޓަރު ބޭރަށް ނިކުތެވެ.ޒާރާ އަށް ގޮވާލާފައި އެނދާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ޒާރާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔަ ވަގުތެވެ.

"ޕޭޝަންޓް މިވަގުތު ސްޓޭބަލް. އީސީޖީ އިން ދައްކަނީ ކުޑަ ހާޓްއެޓޭކެއް ކަމަށް. ލޭ ވެސް ހުރީ މަތީގަ. ހިތުގެ ކަމެއްވީމަ އިތުރަށް ވަރަށް ގިނަ ކަންކަން ބަލަންއެބަޖެހޭ. އެހެންކަމުން ކުޑައިރުކޮޅެއްގެ ތެރޭގަ ޕޭޝަންޓް އައިސީޔޫ އަށް ޝިފްޓްކުރެވޭނެ. ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ"

ޒާރާ ހިތާހިތުން ޝުކުރުކޮށްލިއެވެ. އެއީ އެކަލާނގެ މިންވަރުފުޅެވެ. ހުރިހާ ކަމެއްވެސް އެކަލާނގެ މެދުވެރިކުރައްވާނީ އެންމެ ރަނގަޅަށެވެ. ޒާރާ ބޭރަށް ނިކުމެ ބަލައިލިއެވެ. އެއްފަރާތުގައި ހުރީ އޭނާ ގެނައި ކުޑަ ދަބަހެކެވެ. އޭގައި އޮތީ އޭނާގެ އެންމެ ހެދުމެކެވެ. ރީތިވާ އެއްޗެއް ކާނޭ އެއްޗެއް އޭނާ ނުގެނެއެވެ. ގޮސް މަޑުކޮށްލާނެ ތަނެއްވެސް ނެތެވެ. ފާރު ކައިރީގައި ހުރި ގޮނޑީގައި ޒާރާ އިށީނެވެ. އޭނާ އައްފާން މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. އޭނާ ފިރިމީހާގެ އެހީތެރިކަމަށް އެންމެ ބޭނުންވި ވަގުތު ކޮބާ ހެއްޔެވެ؟ އައްޔަ ދެއްކި ވާހަކަތައް ކޮބާ ހެއްޔެވެ؟ ޒާރާ ދެލޮލުން ކަރުނަތައް އޮހެން ފެށިއެވެ. އެހުރިހާ ފެނެއް އެނާގެ މޫނު ފޮތިކޮޅުގެ ނިވަލުގައި ވިކަން ނަސީބެކެވެ.

"ތިއީތަ ޒާރާ އަކީ"

ކައިރިން ފިރިހެން އަޑެއް އިވުމާއެކު ޒާރާ ފުންމައިގެން ތެދުވިއެވެ. ކުރިމަތީގައި ހުރި ނުވެސް ދަންނަ ފިރިހެނެކެވެ. ރާއްޖޭގެ ފިރިހެނުންގެ ހުންނަ ދޮންކަމަށް ވުރެ އަލި ދޮންކަމެއް ލިބިފައިވާ މީހެކެވެ. އަތްކުރު ޓީޝާޓަކާއެކު ދަށަށް ޖަހާފައި ހުރުމުން ޒާރާ އަށް ވައްތަރުވީ ބޭރު މީހަކާއެވެ. ވާހަކަދެއްކީވެސް އިނގިރޭސި ބަހުންނެވެ. އަނެއްކޮޅުން ތުނބުޅި މަތިމަހެއްވެސް ނެތެވެ. އައިބު ގޮތެއް މޫނުމަތީގައި ހުއްޓެވެ.

"ޒާރާ ދޯ. އަހަންނަށް ގޯސްކޮށްތަ މިބުނެވުނީ" ޒާރާ ބަހެއްނުކިޔާ ހުރުމުން އަނެއްކާވެސް އެމީހާ ބުންޏެވެ.

ޒާރާ ބޯޖަހާލިއެވެ. އެވަގުތު އެމީހާ ހިނިތުންވެލިއެވެ.

"ހެލޯ ޒާރާ. އައިމް ޑޮކްޓަރ ނިތޭޝް. މަޑުކޮށްލައްޗެ" ޒާރާ ހުރީ ހައިރާންވެފައެވެ. ނުވެސް ދަންނަ މީހަކު އައިސް އެހާ ގާތްކޮށް ވާހަކަދެއްކުމުންނެވެ. އަމުދުން ނަން އެނގުމުންނެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އެމީހާ ނަންބަރަކަށް ގުޅިއެވެ. ފޯނު ސްޕީކަރަށް ލާފައި ޒާރާ އާ ގާތްކޮށްލިއެވެ.

"ހެލޯ ޒާ.." އިސްޖަހައިގެން ހުރި ޒާރާ ކުއްލިއަކަށް އެމީހާ ކައިރިކޮށްލި ފޯނަށް ބަލައިލިއެވެ.

"ޖަންނާ..." ޒާރާ ގެ އަޑު އައީ ކުރެހިގެންނެވެ.

"ޒާ... ތިއީ ސަލާމްގެ ފްރެންޑެއް. ސަލާމް ފޮނުވައިގެން ގޮސް އެހެރީ. އޭނަ ޒާ އަށް ދޭނެ ވަގުތީގޮތުން ބޭނުންކޮށްލަން ފޯނެއް. ދުވަހު ކުއްޔަށް ކޮޓަރިއެއްވެސް ނަގާފަ އެއައީ. ތި ހޮސްޕިޓަލް ކުރިމަތިން ހަމަ. ބޭނުމިއްޔާ ރެސްޓްކޮށްލަންވެސް ދެވޭނެ"

ޖަންނަތުގެ ހެޔޮކަން އިހުސާސްވުމުން އިތުރަށް ޒާރާ ރޮއްވާލިއެވެ. މިވަގުތު އެންމެ ގާތް އެކުވެރިޔާއަށް ވުރެ ބޮޑަށް އޭނާ އަށް ވަފާތެރި އެކަކުވެސް ނެތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟