ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 59

2

"އަހަރެންގެ ފިރިމީހާ އަކީ މުސްކުޅިއެއް ނޫން. އަހަރެން އިނދެގެން އުޅެނީ.... އެއީ އޯގާތެރިއެއް. އަހަރެންދެކެ ފަވާ އަށް ވުރެވެސް ކުރިން ލޯބިވި މީހަކީ އެއީ. އައްޔަ.... އަހަންނަށް ކުރިން ނުވިސްނުނީ"

ވަޓް....؟"

ފައްވާޒަށް ހައިރާންކަން ލިބުނެވެ. ހީވީ ހިނދުކޮޅަކަށް ހަށިގަނޑު ގަނޑުފެން އެއްޗަކަށް ވެއްޓިގެން ދިޔަ ހެންނެވެ.

"އާނ. ތިއިވުނީ ރަނގަޅަށް. ހެޔޮނުވާނެ މިތަން ހުޅުވަދީ. އަމިއްލަ ބޭނުމެއް އިސްކޮށްގެން ފަވާ އަށް އަހަރެންގެ ދިރިއުޅުމާ ތިކުޅެވެނީ" ޒާރާ ބުންޏެވެ. އޭނާގެ އަޑު އައީ ކުރެހިގެންނެވެ.

****

އެނދުގައި އިށީނދެގެން އިން އައްފާންގެ ސިކުނޑި އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. ކޮޓަރިއަށް އޭނާ ވަނީ ހަމަ ދެންމެއެވެ. ލައިގެން ހުރި ސޯޓާއި ޓީޝާޓާއެކު މީހާ އިނީ ތެމި ފޯވެފައެވެ. ޒާރާ ފެނޭތޯ މަގުމައްޗަށް އޭނާ ނިކުތީ ވާރޭ އެންމެ ބޯކޮށްލި ވަގުތުގައެވެ. އިރުކޮޅަކު އެހެން އިނދެފައި އަނެއްކާވެސް އައްފާން ފުންމައިގެން ތެދުވިއެވެ. ކުޑަދޮރު ހުޅުވާލާފައި ބޭރު ބަލައިލިއެވެ. ވާރޭ ވަރަށް ބޮޑަށް ތުނިކޮށްލައިފިއެވެ. އައްފާން ނިކުތީ ކޮޓަރިން ބޭރަށެވެ. އޭނާ އެދިޔަ ބާރުމިނުގައި ހިފީ ވަސީމާ ކޮޓަރީ ތަޅުގައެވެ. ނަސީބަކުން އެވަގުތަކީ ވަސީމާ ވެސް ބޭރަށް ނިކުންނަން އައި ވަގުތެވެ. އައްފާން ފެނުމުން ވަސީމާ ހުއްޓުނެވެ.

"ޒާރާ އާ ގުޅިއްޖެތަ؟" ވަސީމާ އެހިއެވެ.

"ކޮބާ މާނީ؟ ނިދީތަ؟" އައްފާނަށް ޖަވާބު ދެވުނީ ވަސީމާ ކުރި ސުވާލަކަށް ނޫނެވެ.

"މާނީ މިއޮތީ" އަމާނީ ގެ އަޑު އިވުނެވެ.

ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް އެނދުގައި އޭނާ އަށް ބަލަހައްޓައިގެން އޮތް އަމާނީގެ ބޮޑު ދެލޯ ފެނުނެވެ. އައްފާން ވަދެގެން ގޮސް ހުއްޓުނީ އެނދު ކައިރީގައެވެ. ކޮޓަރީގެ ލައިޓް ދިއްލާލުމަށްފަހު ވަސީމާ ވެސް އައިސް ކައިރީގައި ހުއްޓުނެވެ.

"ދޮންބެ ކައިރީގަ ބުނެބަލަ. ހަވީރުގަ ގޭ ކައިރިއަށް އައިސްފަތަ ދޮންބެދައްތަ ތަނަކަށް ދިޔައީ؟" އައްފާން ބުންޏެވެ. އައްފާންގެ ސުވާލާއެކު އަމާނީ ގެ ކުޑަކުޑަ ހިތަށް ވެސް ކަމުގެ ސީރިޔަސްކަން އެނގުން ވެލައިފިއެވެ. އެކުއްޖާ ތެދުވެ އެނދުގައި އިށީނދެ އައްފާނަށް ބަލަހައްޓައިގެންނެވެ.

"ބުނެބަލަ ދަރިފުޅު. ދޮންބެ ސުވާލެއްނު އެކުރީ. މިއުޅެނީ ދޮންބެދައްތަ އެގަޑީގަ ގޮސްފަ ގެއަށް ނައިސްގެން" ވަސީމާ އެނދުގައި އިށީނދެ އަމާނީ ގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

"އެއްކަލަ މިގެއަށް ކުރީގަ އާދެއެއްނު ދައްތައެއް. މާނީ ގެ ފެންކުލަ ފޮށި ހަލާކުވެގެން މަންމަ އާ އެކު ފިހާރައަށް ދަނިކޮށް ވަރަށް ހަޑިކޮށް ވާހަކަދެއްކިއެއްނު. ހިމްނާދައްތަ އައި ދުވަހެއްގަވެސް އެދައްތަ އައެއްނު" ހީކުރި ވަރަށް ވުރެވެސް އަމާނީ ހަނދާންގަދައެވެ. ވަސީމާ ފުންމައިގެން ތެދުވިއެވެ. އެމީހާ އަކީ ޖީޒާ ކަން އެއްވެސް ޝައްކަކާ ނުލާ ވަސީމާ ހަނދާންވިއެވެ.

އައްފާންގެ މޫނަށް ވަސީމާ ބަލައިލިއެވެ.

"ޖީޒާ ޒާރާ ގެންދިޔައީ. ޒާރާ ގެއަށް ނައިސްގެން އެ އުޅެނީ ކޮންމެސް ކަމެއްވީމަ" ވަސީމާ ބުންޏެވެ.

****

ދުވެފައި ބޭރަށް ނިކުންނަން ދިޔަ އައްފާން ފަހަތުން ވަސީމާ ނިކުމެގެން ދިޔައެވެ. މިވަގުތު އޭނާ އައްފާން ހިފަހައްޓާންޖެހޭނެއެވެ. އިންސާނުންނަށް އެންމެ ބޮޑު ގޯސް ހެދޭނީ އިންތިހާދަރަޖައަށް ރުޅިއައިސްފައި ހުންނަ ވަގުތުގައެވެ. ވަސީމާ އަށް އައްފާން އަތުޖެހުނީ ދޮރާށިން ނިކުމެ ނިކުމެ ހުއްޓައެވެ.

"މަޑުކޮށްބަލަ. މީހާ ހަމަޖެހިބަލަ އިހަށް. އަހަންނަށް ޔަގީން ޒާރާ ހުންނާނީ ގެއަށް ނާދެވިފަކަން" ވަސީމާ ބުންޏެވެ.

"ދައްތަވެސް ހިނގާބަލަ. ހަމަ ތެދެއް މިބުނީ އަހަރެން ޒާރާ ދެކެ ވަރަށް ހިތްހަމަނުޖެހިއްޖެ. މީހަކު ހަމަ ބުނެލާއިރަށް ނުޖެހޭ ދާކަށް" އައްފާން ވާހަކަދެއްކިއެވެ.

****

ޝީޝާ ބޯން އިން ފިރިހެން ގުރޫޕެއް ކައިރީގައި މާހީ އިނީ ވަރަށް ގަޔާވެފައެވެ. ނުހާ އިނީ ދުރުގައެވެ. އެކަހަލަ ކަންކަމަށް އޭނާގެ ޝައުގުވެރިކަމެއް މިހާރު ނެތެވެ. ރަށަށް އައި މަގްސަދު ހާސިލުކުރަން ނޫޅެވޭތީ އޭނާ އިނީ އެކަމާވެސް ފޫހިވެފައެވެ. މާހީ އާ ވަކިން އާދެވުނުނަމަ މިހާރު އައްފާން ދިރިއުޅޭ ގެ ހޯދައިގެން އެގެއަށް އޭނާ ދާނެތާ ކިތަންމެ އިރެކެވެ. ކޮފީތަށި ލަސްލަހުން ބޮމުން ދަނިކޮށް މާހީ އައިސް ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

"ނުންނު މިހާރު ވަރަށް ބޯރިންގ" މާހީ ބުންޏެވެ.

"އަހަރެން މިހާރު ހާސިލްކުރަން ބޭނުންވަނީ އެންމެ ކަމެއް. އެކަން ހާސިލްނުވަނީސް ދުނިޔެވީ އެއްވެސް ކަމަކަށް އަހަރެންނަށް ޝައިގުވެރިކަމެއް ނުދެވޭނެ" ނުހާ ބުންޏެވެ.

"އޭ. މިއޮތީ ފައްވާޒް މިހާރު ގެންގުޅޭ ނަންބަރު. އެތާ އޭނީނު ބޯއީއެއް ބޮޑު މޫނެއް ޖަހާފައި އިން ޓީޝާޓެއް ލައިގެން. އެއީ ފަވާ ގެ ކްލާސްމޭޓެއް. މިރަށުގަ ފަވާ އެބައުޅޭ. އަނެއްކޮޅުން އައްފާންގެ ގެ ހުންނަ ތަންވެސް ބުނެދީފި. އެނގޭތަ އެއީ މިރަށުގެ ސްކޫލުގެ ވެރިއެއްނު. ބުނި މީހަކާ އިނދެލައިގެނޭ އުޅެނީ. ނުންނު ދައްކާފަ މަ ބުނީ ތީ އޭ އަސްލު އައްފާންގެ ލޯތްބަކީ"

ނުހާ މޫނު އުޖާލާވެގެން ދިޔައެވެ. ވަގުތުން އައްފާން އުޅޭ ގެއަށް ދާން އޭނާ ބޭނުންވިއެވެ.

"އުނހު މިރެއަކު ނޫން. މާދަމާ ދާނީ. ގެއިން ނިކުމެގެން ދެމީހުން ދާނީ ދެ ދިމާލަށް. ވަރަށް ޑްރާމާ ޖައްސައިގެން ވިޔަސް މިފަހަރު ކާމިޔާބު ކުރަންވާނެ. އަދި ނުބުނެވޭ ފަންޑިތައިގެ ވާހަކައެއް. އެކަމު އަހަންނަށް ހީވަނީ އެ ގުރޫޕާ ގައިގަ ތަންކޮޅެއްގަ އަތްޖައްސާލަން ދިނީމަ އެވަރުކަމެއް ކޮށްދީފާނެހެން"

މާހީ ދައްކާ ވާހަކަތަކަށް ނުހާ އަށް ސަމާލުކަމެއް ނުދެވެއެވެ. އޭނާ އިނީ ހިތް އަވަސްވެފައެވެ. ވަގުތު ގިނަވެފައެވެ. ހަޔާތަށް އަލުން އައްފާން ގެންނަ ހިތުން ކެތްތެރިކަން ކުޑަވެފައެވެ.

"އޭތް... އާގަމަވެފަ ނީނދެ ދެންވެސް މި ނަންބަރު ނޯޓްކޮށްލާ. މިއީ ނުންނުގެ އައްފުގެ ނަންބަރު"

ނަންބަރު ފޯނުގައި ސޭވްކޮށް މަޑެއްނުވެ ނުހާ ތެދުވެގެން ހިނގައިގަތެވެ.

"ރޫމަށް މިދަނީ. އައްފާނަށް ގުޅާނީ ރޫމުގަ އޮވެ. އެހެންނޫނީ މިތަނުން ފާޑުފާޑުގެ އަޑު އަރާނެއްނު" ނުހާ ޓެރަސް އިން ފައިބަން ދުއްވައިގަތެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ.

****

ބާރު ހިނގުމުގައި އެގެއާ ދިމާލަށް އަންނަ އައްފާނާ ވަސީމާ ފެނިފައި ދޮރާށި ކައިރީގައި ހުއްޓިގެން ހުރި ޖީޒާ ގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. މަގުކޮޅަށްވެސް އޭނާ ދެލޮލުގެ ނަޒަރު ދަތުރުކޮށްލިއެވެ. ކުއްޖަކު ފޮނުވާފައި އެގެއަށް އައުމަށް އޭނާ ހިމްނާ އަށް ވެސް ދައުވަތު ދީފިއެވެ. އެންމެ ބޭނުންވީ ހިމްނާ އަށް ވާގޮތް ބަލާލާށެވެ. އެކަމަކު އަދި ހިމްނާ ދައްކާނުލައެވެ.

"އަހަރެންގެ ގެއަށްތަ؟ ކޮން ދަތުރެއްގަ؟" އައްފާނާ ވަސީމާ އައިސް ކައިރީގައި ހުއްޓުމުން ޖީޒާ ބުންޏެވެ.

ގޭތެރެއަށް ވަދެގަންނަން ކިތަންމެ ފަހަރަކު އައްފާން އުޅެފިއެވެ. އެހެންނަމަވެސް އައި މަގުމަތީގައި ދައްތަ އޭނާ އަށް ވިސްނައިދިނީ ގަދަކަމުން މީހެއްގެ ގެއަށް ނުވަނުމަށެވެ. ކެތްތެރިވުމަށެވެ.

"ޒާރާ އައީ ޖީޒާ އާއެކު ނޫންތަ؟ ކޮބާ ޒާރާ؟ އެތެރޭގަ އުޅެންޏާ ބުނެބަލަ އަލީ އޭނަ ހޯދަން އައިސް ހުރި ވާހަކަ" ވަސީމާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

ޖީޒާ ފެށީ ހޭށެވެ. ދެބުމަ ގޮށްޖަހައިގެން ހުރި އައްފާން ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުން ދިޔައެވެ.

"ފިރިމީހާ އޭ... ހިނި އަންނާނެއްނު. މީގެކުރިން އަހަރެން ހީކުރީ އެންމެ ގަމާރު މީހަކީ މިރަށުން މަ ކަމަށް. މިހާރު އެނގިއްޖެ މަށަށް ވުރެ ކަލޭމެން މާ ގަމާރުކަން" ޖީޒާ ޖެހީ ވަށް ބަހަކުންނެވެ.

"ކަލޭ ދައްކާ ބޭކާރު ވާހަކަ އަހާކަށް ވަގުތެއްނެތް ޖީޒާ. ޒާރާ ގެއަށް ނާންނާތީ މިއައީ. ކަލެ އަށް ވެސް އެނގޭނެ ޒާރާ އަކީ ތުއްތު ކުއްޖެއްގެ މަންމަ ކަން" ވަސީމާ ބުންޏެވެ.

"އަނހަ. ތިހެރަ އަންނަނީނު. ޒާރާ ވީ ކޮންތަނެއްގައިކަން އަސްލު އެނގެންޖެހޭ މީހާ އޭ އެ އަންނަނީ" ވަސީމާ ފަހަތް ބަލައިލިއެވެ. އިސްޖަހައިގެން ހުރެ ބާރަށް ހިނގާފައި އެ އަންނަނީ ހިމްނާ އެވެ. އައްފާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ވަސީމާ ސިހިގެން ދިޔައީ ދާދި ގާތުން އިވުނު ބާރު އަޑުފަށްގަނޑެއްގެ ސަބަބުންނެވެ. އޭރު އައްފާން ޖެހިލެއް ބާރުކަމުން ހުޅުވުނު ދޮރުން އޭނާ އެތެރެއަށް ދެމިގެންފިއެވެ.

"އޭތް... ކަލޭ މަގޭ ގޯތި ދޮރޭ ތި ވައްޓާލީ. ކޯޓަށް ދާނަން" ޖީޒާ ހަޅޭއްލަވައިގަތް އަޑު އިވުނެވެ.

"ކޮންކަންތައްގަނޑެއް މީ" އަރާ ހަމަވި ހިމްނާ ބުންޏެވެ.

"ޖީޒާ، ކަލޭވެސް ތަންކޮޅެއް މައިތިރިވެގެން އުޅޭނަމަ މިކަހަލަ ކަންކަމެއް ނުވާނެ ދޯ"

****

"މިދުނިޔޭގަ އަހަންނަށް ކުރެވުނު އެންމެ ބޯ ގޯސް ކަންތައް މިއަދު މިކުރެވެނީ. އަހަރެން ދުވަހަކުވެސް ފައްވާޒަށް މައާފެއްނުކުރާނަން. މިއަދު އަހަންނާ މެދު ތިކަންތައްކުރާ ގޮތް ހަނދާންކުރާތި. އަހަންނާ އައްޔަ އާ ދެމީހުންގެ ކައިވެނީގައި ކުޑަވެސް މައްސަލައެއް އުފެދުނިއްޔާ މަރުވިޔަސް މި ހައްގެއް ނުކަނޑާނަން"

ކޮޓަރީ ދޮރުގައި ލެގިލައިގެން ހުރި ޒާރާ ވާހަކަދައްކަމުން ދިޔައެވެ. އެ އަޑެއް ފައްވާޒަށް ނީވެއެވެ. އޭނާ އިނީ އެނދުގައި އިށީނދެގެންނެވެ. ދުލުން ވަނީ ބަސް މަދުވެފައެވެ. ޒާރާ ގެ ފިރިމީހާ އަކީ އައްފާން ކަން އެނގުނު ހިސާބުން އޭނާ މައިތިރިވެފައި އިން ކަހަލައެވެ. އޭނާގެ ހިތާއި ސިކުނޑީގައި އެނބުރެމުން ދަނީ އެކިފަހަރު މަތިން އައްފާނާ ދިމާވެ ދެކެވުނު ވާހަކަތަކެވެ. އޭނާގެ ހަނދާނަށް އައެވެ. އެންމެފަހަރަކުވެސް އިނދެގެން އުޅެނީ ކާކާ ކަމެއް އައްފާން ނުބުނެއެވެ. މާލެއިން ދިމާވެ އައްފާން ކައިރީގައި ހުރި މޫނު އެޅި އަންހެންކުއްޖާ ފައްވާޒްގެ ހަނދާނަށް އައެވެ. އެއީ ވެސް ޒާރާ ހެއްޔެވެ؟ އަހަންނަށް ޒާރާ ފާހަގަނުވީ ކީއްވެ ހެއްޔެވެ؟ ފައްވާޒް އިސްއުފުލާ ޒާރާގެ މޫނަށް ބަލައިލިއެވެ.

"ކީއްވެ؟ ކީއްވެ ޒާރާ؟ އަހަންނަށް ހެދުނު އެންމެ ކުށެއްގެ އަދަބު ތިގޮތަށް ތިދިނީ ކީއްވެ؟ އަހަރެން ކެތްކުރާނީ ކިހިނެއް؟ މީހެއްގެ ހިތް ހަލާކުކޮށްލުމޭ ތިއަކަށް ނުކިޔޭނެތަ؟ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ހުރެ އައްފާން އެދިނީ ލަނޑެއްނޫންތަ؟"

އަދިވެސް ޒާރާ ގޮވަން ހުރި އެއްޗެހި ހިތުގައި ބައިވަރެވެ. އެކަމަކު މިހާރު ޒާރާގެ ހިތުގައި ވަނީ ފައްވާޒަށްޓަކައި ފޫހިކަމެވެ. މިއަދު ފައްވާޒް އެކުރި ކަމަކީ އެ ފޫހިކަން އެތައް ތަނެއް އިތުރުކުރާނެ ކަމެކެވެ. އައްފާން މަތިން ހިތަށް އަރާ ކޮންމެފަހަރަކު ޒާރާ އަށް ހީވަނީ އޭނާގެ ފުރާނަވެސް ރޮއިގަނެފާނެ ހެންނެވެ. މިހާރު ގެއްލިގެން ހޯދާނެކަން ޔަގީނެވެ. ވަރަށް ކަންބޮޑުވާނެއެވެ. ފަރުދާގެ ފުރަގަހުގައި ޖީޒާ ކުޅޭނީ ކޮންކަހަލަ ހަޑި ކުޅިވަރެއް ކަމެއްވެސް ނޭނގެއެވެ. ކަންބޮޑުވެފައި ޒާރާ ދެކޮޅަށް ހިނގަން ފެށިއެވެ. އެތަނުން އޭނާ ނެރެދެން އެތައް ފަހަރަކު އާދޭސްކުރެވިއްޖެއެވެ.

****

"މިދެން ކޮންކަމެއް؟ ބަލަ މިގެއަށް ޒާރާ ވަނީ އޭނާގެ ރުހުމުގަ. އަހަރެން ގަދަބާރެއް ނުދައްކަން. އަދި މިހާރު އޭނާ އެކޮޓަރި ތެރޭގަ އޭނާ ލޯބިވާ މީހާ އެކު ހުރީވެސް އެއްވެސް މީހަކު މަޖުބޫރުކޮށްގެނެއް ނޫން"

ސިޓިންގރޫމަށް ނުވަދެ ގޯތި މެދުގައި ހުއްޓިގެން ހުރި އައްފާން ބަލައިލީ ޖީޒާ ގެ އަޑަށެވެ. ހަތަރު ކޮޓަރި މެދުގައި އޭނާ ދާންވީ ކޮންދިމާލަށް ކަން ދާން ނޭނގިފައި ހުއްޓާ ޖީޒާ ގެ އެ ބަސްތަކުން ސިހުން ލިބިއްޖެއެވެ. އެންމެ މިނެޓަކުވެސް އޭނާ މަޑުނުކުރިއެވެ. ކޮޓަރިތަކާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. ޖީޒާގެ މަކަރުވެރިކަމާއި ހީލަތްތެރިކަމުގައި ޒާރާ ރަނގަޅަށް ބަނދެވިއްޖެކަން އެނގުމުން ހިމްނާ ހުރީ ހަރަކާތް ހުއްޓިފައެވެ.

"ޒާރާ..." އެންމެ ކައިރީގައި ހުރި ދޮރުގައި ފައިން ޖެހގިގޮތަށް އަޑުހަރުކޮށް އައްފާން ޒާރާ އަށް ގޮވަން ފެށިއެވެ. ހަމައެއަޑާއެކު ދޮރުފަތެއްގައި އެތެރޭގައި ހުރި ޒާރާ ތަޅަން ފެށިއެވެ.

"އަހަރެން މިތަނުން ނެރެދީ"

ޒާރާގެ އަޑު ކަންފަތުގައި ޖެހުމާއެކު އައްފާން އެ ދޮރުގައި ތަޅައިގަތެވެ. ފަހަތުގައި ހުރި ޖީޒާ ގެ ހަޅޭކަކަށް އޭނާ ނުބަލައެވެ. އެންމެފަހުން އެތެރޭގައި ހުރި ފައްވާޒަށް މަޖުބޫރުވި ތަޅުދަނޑިން ދޮރު ހުޅުވާށެވެ. އޭނާ އައްފާނާ ކުރިމަތިލާންވީ ވަގުތު ޖެހުނީއެވެ. މިފަހަރު ކޮންމެސް އެކަކު އަނިޔާވެ އަނެކަކު ސަލާމަތްވާނެއެވެ.

****

ޖޯލީގައި އިން ޖަންނަތު ކައިރީގައި ޖަމީލާ ވެސް އިނެވެ. އެކަކު ޖާގަ ދޫކޮށް ސަލާމްވެސް އިނެވެ. ޖަންނަތު ކަންބޮޑުވުމެއްގެ ތެރެއަށް ދޫކޮށްލާފައި އޭނާ އިނީ ދާން ނުކެރިފައެވެ.

"މާމައަށް ހީވަނީ މިއީ ވަރަށް ބޮޑު ނުބައެއްހެން" ޖަމީލާ ބުންޏެވެ.

"ޒާރާ ޅަ އެއްޗެއް ނާޅާނެ. ހަމަ ޔަގީން. ނޫރް އެބުނީނު ޖީޒާ ފޮނުވައިގެން ކުއްޖަކު އައިސް ބުނީމައޭ ހިމްނާއްތަ ދިޔައީ" ޖަންނަތު ބުންޏެވެ.

މާމަ ދާންވީނު ނިދަން. އަހަރެން ވަންނާނަން ޒާ އަށް ވާއެއްޗެއް ބަލާލާފަ" ޖަންނަތު ބުންޏެވެ.

"އުނހު. މާމަ ބޭނުން މިވާ އެއްޗެއް ބަލަން. މަގުތައް މިހާ އަނދިރިކޮށް ނެތްނަމަ މާމާ ދިޔައިމުސް އެގޭދޮށަށްވެސް. މާމަ މީނީ ކޮޓަރީގަ. ހަބަރެއްވިއްޔާ އަންގާލާތި"

ޖަމީލާ އެތެރެއަށް ވަނުމުން ޖަންނަތު ބަލައިލީ ސަލާމަށެވެ. ދިވެހިބަހުން ދެމާމައިން ދެއްކި ވާހަކަތައް އޭނާ އަށް ފަހުމުވިއެވެ. ޖަންނަތަށް ބަލައިލާފައި ސަލާމް ހީލިއެވެ.

****

ކޮޓަރިން ނިކުތްގޮތަށް ޒާރާ ގަބުވިއެވެ. ކުރިމަތީގައި ތިބި އޭނާ އާއިލާ އެވެ. ޒާރާގެ މޫނަށް އައްފާން ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ފަހަތުން ނިކުތް ފައްވާޒް ފެނުމާއެކު އައްފާނަށް ހީވީ އޭނާގެ މެއަށް ހޫނުފެން އެއްޗެއް އޮށްސާލިހެންނެވެ. ކުރިމަތިން ފެނުނު ހިތި ހަގީގަތަކީ ހުވަފެނަކަށް ވާނެނަމައޭ ހިތަށް އެރިއެވެ. އެކަމަކު އެއްކަމެއްވެސް ބަދަލުނުވިއެވެ. ޒާރާ އެނިކުތީ އޭނާގެ ކުރީގެ ފިރިމީހާ އާ އެކު ބަންދު ކޮޓަރިއެއް ތެރޭގައި ހުރެފައެވެ. މިހުރިހާއިރު ފޯނަށް ޖަވާބުދެވޭ ވަރަށް ވުރެވެސް ޒާރާ ބިޒީވީ ހެއްޔެވެ؟ މިހުރިހާއިރު ހުރީ ފައްވާޒާ އެކު ހެއްޔެވެ؟ ޒާރާ އާ މެދު ނުބައި ގޮތަކަށް ވިސްނަން ބޭނުންނުވިޔަސް އޭނާގެ ހިތް އެކަމަށް ފާޅުގައި ދެކޮޅުހަދަމުން ދިޔައެވެ. އޭނާގެ ސިކުނޑި ހިތަށް ފޯރުކޮށްދެމުން ދިޔައީ ނުބައި ވަސްވާސް ތަކެވެ. ޒާރާ އެއްޗެއް ނުބުނެ އެހުންނަނީ ކީއްވެ ހެއްޔެވެ؟ ފައްވާޒްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލުތަކުން އައްފާންގެ ހިތް ފުރެމުން ދިޔައެވެ.

"ފެނިއްޖެއްނު. ކަލޭ ކީއްކުރަން މަޖުބޫރުން އެކުއްޖާ އަންބަކަށް ހަދައިގެން ތިއުޅެނީ. ބަލަ ލޯބިވާ ދެމީހުންގެ ދެމެދަށް ނުވަދެބަލަ. އެސޮރަށް ޒާރާ ދީބަލަ" ތަނަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން ޖީޒާ ގެ އަޑު އައީ ހޮނު ގުގުރިއެއް ހެންނެވެ.

މަލާމާތުގެ ބަސްތައް ރައްދުކުރަމުން ގޮސް ޖީޒާ ހުއްޓުނީ ގަނޑުވެފައި ހުރި ހިމްނާ ގެ ކުރިމަތީގައެވެ.

"ކަލޭ ކީކޭ ދެން ބުނާނީ؟ ކަލެއަށް ކޮން ޔަގީންކަމެއް ދެވޭނީ ކަލޭގެ ދަރިފުޅުގެ ހަށިގަނޑުގެ ޠާހިރުކަމަށް. އެނިކުތީ ހިލޭ ފިރިހެނަކާއެކު ކޮޓަރި ތަޅުލައިގެން އޮވެފަ"

އައްފާންގެ ކުރިމަތީގައި އަބުރު ވެއްޔާ މޮޑެވިއްޖެކަން އެނގުމުން ޒާރާ އިސްޖަހާލިއެވެ. އެއާއެކު އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. ހަމަ ރަނގަޅަށްވެސް ޖީޒާ ނުބައި ކުޅިއްޖެއެވެ.

"ޖީޒާ، ދެން ތިކަހަލަ އެއްޗެއް ބުނެފިއްޔާ ކަލޭގެ ދޫ ބުޑުން ލުހެލާނަން" މިހުރިހާއިރު ހިމޭނުން ހުރި އައްފާން ހަޅޭއްލަވައިގަތެވެ. ޒާރާ ފަދައިން އައްފާންގެ ދެލޯވެސް ވަނީ ކަރުނަތަކުން ފުރި ބާރުވެފައެވެ.

"މިއީ ދެން މާބޮޑުކަމެއް ނޫނެއްނު" ފައްވާޒް ބުންޏެވެ.

އިންސާނަކަށް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ހުއްޓި ހުރި ހިސާބުން އައްފާން ނެއްޓިގެން ދިޔައީ ފައްވާޒްގެ އަޑަށެވެ. އެދިޔަ ބާރުމިނުގައި އެނާގެ ފައްވާޒްގެ އަނގަ މަތީގައި ބާރަކަށް ޖެހިއެވެ. ފައްވާޒަށް ހިވީ ލޮލުގެ ނަޒަރަށް ބަދަލު އައި ހެންނެވެ. މީހާ ހަމަޔަކަށް އެޅުނުއިރު ތުންފަތް ފަޅައިގެން ދިޔަ ތަނުން ލޭތައް ފައިބަން ފަށައިފިއެވެ. މައިނޭވާތަކެއް ލަމުން ދިޔަ އައްފާންގެ އަތުގައި ވަސީމާ ނުހިފެހެއްޓިނަމަ ތިންހަތަރު ބޮނޑި ފައްވާޒްގެ މޫނުމަތީގައި އައްފާން އެޅީހެވެ.

"އެއީ މަގޭ އަނބިމީހާ. އަހަރެން އޭނާ އާ އިނީ ކަލޭ އޭނަ ދޫކޮށްލާފަ ހުއްޓާ"

"އެއީ މަގޭ ހައްގެއް. އަހަރެން އޭނަ ކަލޭ އަތުން ޖަހައިގަންނާނަން. މިއަދު ތިފެނުނީ އަދި ކުޑަ ތަންކޮޅެއް"

އިސާހިތަކު މަންޒަރު ބަދަލުވެއްޖެއެވެ. އައްފާންގެ ގައިގައި ފައްވާޒް ތަޅައިގަތީ ދެންމެއަކު އައްފާން ދިން ހަމަލާގެ ބަދަލު ހިފުމަކަށް ނޫނެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އައްފާނާ މެދު އުފެދެމުންދާ ނަފްރަތު ހުޅުފަޅައިގެން ދިޔުމުގެ ސަބަބުންނެވެ. ވަސީމާ އަށް ހަދާނެ ގޮތެއްވެސް ނޭނގުނެވެ. ދެ މީހުންގެ ގައިންވެސް ލޭ ފެނިއްޖެއެވެ.، މިއީ ކޮންފަދަ ކަންތައްގަނޑެއް ހެންނެވެ.

"ކަލޭ ތިއީ މަކަރުވެރިއެއް. ކަލޭ ތިކުޅިއެއް ކުޅޭތަ ކިތައް ދުވަހެއް ކަމެއްވެސް ނޭނގެ. އަހަރެން ކަލޭ މަރާލާނަން"

ފައްވާޒް ހިފަހައްޓައެއް ނުލެވެއެވެ. ދެމެދަށް ވަސީމާ ވަދެ ހުރިއިރުވެސް ދެމީހުން ލައިގެން ހުރި ޓީޝާޓުން ބައެއް އޮތީ ދެމީހުންގެ އަތުތެރޭގައެވެ.

"މިދެން ކިހާ ބޮޑު މުސީބާތެއް. ކަލޭމެން ބަނޑު މުސާރައަށް ބައްދަން މަގޭ ގެ ދޫކޮށްފަ ދާންއުޅޭ. ހަމަ މިހާރު މިގެއިން ރައްކާވޭ. އެހެންނޫނީ ކައުންސިލުން މިގެއަށް ގެންނާނަން"

ޖީޒާ ހިތްހަމަޖެހޭވަރު ވުމުން ހަޅޭއްލަވަން ފެށިއެވެ. އައްފާން ދުރަށްލާން ޒާރާ ކައިރިވުމުން އެކަން މަނާކުރީ އައްފާނެވެ. އައްފާންގެ އެ އަމަލަކީ ޒާރާ ގެ ހިތް ކުދިކުދިވި ކަމަކަށް ވިއެވެ. އައްފާން ދަމާފައި ގެއަށް ގެންދެވުނީ ވަސީމާގެ ވަރަށް މަސައްކަތުންނެވެ.

"އަހަރެން ހިއެއް ނުކުރަން ކަލެއަކީ ތިކަހަލަ ހިޔަޅު އަންހެނެއް ކަމަކަށް" ފައްވާޒްގެ ނުރުހުމުގެ ބަސްތައް އަމާޒުވީ ޖީޒާ އަށެވެ.

"އަހަރެން ކަލެއަށް ކޮށްދިނީ ހެޔޮކަމެއް. އެއީ އެކަމުގައި އަހަރެންގެވެސް މަގްސަދެއް އޮވެގެން. އަހަރެންގެ މަގްސަދު އަހަންނަށް ކާމިޔާބުވެއްޖެކަން ޔަގީން" ޖީޒާ ހުރީ ހަމަޖެހިފައެވެ. އައްފާންގެ ނަޒަރު ހުއްޓުނީ ރޮވެމުން ދިޔަ ޒާރާ އަށެވެ. ކުރިއަށް ފިޔަވަޅު އަޅާނީ ކަމެއް ނުވަތަ އުމުރު ޖެހެންދެން ހުއްޓިގެން ހުންނާނީކަމެއް ޒާރާ އަށް ނޭނގުނެވެ.

"އަހަންނާއެކު ހިނގާ ދާން. ތިބުނާ ފިރިމީހާ އެދިޔައީ ހަގީގަތް ބަލާނުލާ ޒާރާ އަށް ޝައްކުކޮށްފަ. އަދިވެސް ގަބޫލުކުރަންތަ އޭނަ ލޯބިވާކަމަށް"

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟