ވާހަކަ

ގިސްލާ ނުރޮވޭނޭހޭ - 58

5

ގަދަވެލާފައި ނުހާ އާއި މާހީ ދާންއުޅުނަސް ބައެއް މީހުންގެ ސަމާލުކަން އެވެރިންނަށް ހުއްޓިފައި ހުރުމުން ކުރިއަށް ހިނގައިގަންނާކަށް ނުކެރުނެވެ. ގޮތްނޭނގޭ ރަށަކުން މޮޅުވާން އުޅުނަސް އަދި ކާމިޔާބު ނުވާނެކަން ވިސްނުނީ މާހީ އަށެވެ. އަނެއްކާ ދުރުގައި ތިބި ދެތިން އަންހެނުން އެދިމާލަށް އަންނަތަން ފެނުނެވެ. މަންޒަރު ބަދަލުކޮށްލާން ވަގުތުން މާހީ ހިތް ބުނެލިއެވެ. އެހެންނޫނީ ކުރަން އައި ކަންތައް ކާމިޔާބު ނުވަނީސް ރަށުން ފައިބަންޖެހިދާނެއެވެ.

***

ޖެހި ބުދެއްހެން ގާވެފައި ހުރި ޒާރާ އަށް އަނެއްކާވެސް ހައިރާންކަމެއް ލިބުނީ މާހީ ހީލާފައި އައިސް ކައިރީގައި ހުއްޓުމުންނެވެ.

"އަޅޭ ދައްތާ ސޮރީ... ނުދަންނަ މީހުންނާ ސަމާސާ ކުރުމަކީ މި ލަމް ވަރަށް ކުރާ ކަމެއް" ޒާރާގެ ކޮނޑުގައި އަތް ޖައްސަލައިލަމުން މާހީ ބުންޏެވެ. ވާނުވާ ނޭނގި ނުހާ ހުއްޓެވެ. މާހީ ގެ ސިކުނޑީގައި އެހެން ވިސްނުމެއް އޮވެގެން ނޫނީ އެފަދަ ކަމެއް ނުކުރާނެކަން ނުހާ އަށް އެނގެއެވެ. އެހެންކަމުން އޭނާވެސް ހީލާފައި ޒާރާ އަތަށް ނިއަމް ދިނެވެ.

ޒާރާ ނިއަމްގެ ގައިގައި އޮޅުލައިގަތެވެ. ގައިގައި ތަތްކޮށްލިގޮތަށް ދުރަށްވެސް ނުލިއެވެ. އޭނާ ފަސްދީ ދެ އަންހެނުންނަށް އޭނާ އަށް ނަޒަރެއްދެވުނީ މާފަހުންނެވެ. ޒާރާ އަށް އެއްކަމެއް ޔަގީނެވެ. އެއީ އެމީހުން ކުރި ސަމާސާއެއް ނޫނެވެ. އެއީ ހަމަ ނުހާ އެވެ. ޔަގީނެވެ. އެހެންނޫނީ ކުރިން އެމޭރުމުން ވާހަކައެއް ނުދެއްކީހެވެ.

"ދަންނަ ބައެއްތަ އެއީ" ޒާރާ ކައިރީގައި ހުއްޓުނު އަވަށްޓެރިއަކު ބުންޏެވެ.

"ޗުއްޓީ ހޭދަކޮށްލަން އައިސް އުޅުނު ބައެއް ކަންނޭނގެ" ޖަވާބުދިނީ ދެވަނަ އަށް ހުރި މީހާއެވެ.

"ކަންބޮޑުނުވޭ. ބައެއް މީހުންނަކީ ވަރަށް ސަމާސާ ބޮޑު ބައެއް" އަންހެންމީހާ ބުންޏެވެ.

****

ގޭދޮރުމަތީގައި ޒާރާ އަށް ފާރައަށް ހުރި ޖީޒާގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ އުޑުމަތީގައި ކަޅު ކުރަމުން އައި ވިލާގަނޑު ފެނިފައެވެ. އެވަގުތަށް މޫސުން ގޯސްވުމަކީ އޭނާގެ މަސައްކަތަށް އިތުރަށް ފަސޭހަކަމެއް ގެނުވާނެ ކަމެކެވެ. މިފަހަރު ލައިގަންނަ ތޫފާނުގެ ބާރު މާބޮޑަށްވެސް ގަދަވާނެކަން ޔަގީނެވެ.

މަގުކޮޅުން ޒާރާ ފެނުމާއެކު ޖީޒާ ހިނގައިގަނެއްޖެއެވެ. ޖަހަމުން ދިޔަ ވާރޭގެ ތިކިތަކަށް ބެލުމެއްނެތި ޖީޒާ ދިޔައީ ކުރިއަށެވެ. ޒާރާ ވެސް އައީ ވަރަށް ބާރަށް ހިނގާފައެވެ. އެއް އަތުގައި ހިފަހައްޓައިގެން ހުރީ އަމާނީ އެވެ. އަނެއް އަތްމަތީގައި އިނީ ނިއަމް އެވެ. ވާރޭގައި ދެ ކުޑަކުދިން ޖެހިދާނެތީ އޭނާ ބޭނުންވީ އަވަހަށް ގެއަށް ވަންނާށެވެ.

ކުއްލިއަކަށް ޒާރާ ހުއްޓުނީ އެގޭ ދޮރުމަތީގައި ހުރި ޖޯލިފަތި ކައިރީގައި ހުރި ޖީޒާ ވައިގެތެރޭގައި ދެއަތް ހަރަކާތް ކުރަން ފެށުމުންނެވެ. ލޮލަށް ނުފެނިގެން އުޅޭ މީހަކުގެ ހަރަކާތްތައް ހުންނަހެން އޭނާގެ ހަރަކާތްތައް ހުއްޓެވެ.

"ޖީޒާއްތާ...." ޖޯލި ތެރެއަށް ޖިޒާ ވެއްޓިގަތީ އަމިއްލަ އަށެވެ. ޖީޒާ އާ ދިމާލަށް ޒާރާ ހިނގައިގަތީ ނިއަމް ގޮވައިގެންނެވެ. ކުޑަކޮށް ލޯ ހުޅުވައިގެން އޮތް ޖީޒާ އެއް އަތުން ނަގަން އުޅެއުޅެ ޒާރާ އަށް ކާމިޔާބެއް ނުވިއެވެ.

"މާނީ ދޭ ކޮއްކޮ ގޮވައިގެން އެތެރެއަށް" އަމާނީ އަތަށް ނިއަމް ދެމުން ޒާރާ ބުންޏެވެ.

ޖީޒާ އަށް ވީގޮތް ކުރިމަތިން ފެނުމުން ޒާރާ އަށް ދެންމެ ވީ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލެވިއްޖެއެވެ. މާޒީ ގައި ޖީޒާ އަކީ އޭނާ އަށް ރަނގަޅަށް ކަމެއް ކޮށްދީފައިވާ މީހެއް ނޫނަސް އެވަގުތު އޭނާ ޖީޒާ އަށް އެހީވާން ބޭނުންވިއެވެ. ވާރޭ ކަނިވެސް ޖަހާއިރު މަގުމަތިން އެދެމީހުން ނޫން މީހެއް ފެންނަން ނެތެވެ. އެވަގުތު އެތާ އޮތީ ޖީޒާ ނޫން އެހެން މީހަކު ނަމަވެސް އެމީހަކަށް ޒާރާ އެހީވާނެއެވެ.

"އަސްތާ ވާރޭ ބޯކުރަނީ. ޖީޒާއްތަ އަށް ކިހިނެއް ތިވީ؟" ޒާރާ އަށް ޖީޒާ ތެދުކުރެވުނީ އެތައް މަސައްކަތަކުންނެވެ.

"އެކޮއި ހާދަ ރަނގަޅޭ. ބޭރަށް ނިކުމެލީ މީހަކު ބުނި މިސްކިތު މައިކު ހަލާކުވެފަ ހުރީމަ ވަރަށް މަޑުންނޭ ބަންގި ދޭ އަޑު އިވޭނީ. އެ އަޑު ނީވިދާނެތީ މި ނިކުމެލީ. ޖީޒާއްތަ އަށް ހީވަނީ މާބޮޑަށް ހަކުރު ދަށްވީހެން. ޖީޒާއްތަ ގެއަށް ގެންގޮސްދޭން ހިނގާބަލަ"

ވަރަށް ފަސޭހައިން ޖީޒާ ގެ ވާހަކަތައް ޒާރާ އަށް ގަބޫލުކުރެވުނެވެ. ޖީޒާ ގެ އެއް އަތުގައި ހިފައިގެން ޒާރާ ހިނގައިގަތެވެ.

"ކުޑަ ސޮރު ގޮވައިން ހިނގާލާފަ ދޯ ތިއަންނަނީ" ޖީޒާ ބުންޏެވެ.

****

"ކިހިނެއް ތިހެދީ؟" ހިނގާފައި ދިޔައިރު މާހީ އަށް ވުރެ ތަންކޮޅެއް ފަހަތުގައި ހުރި ނުހާ ބުންޏެވެ.

"އިހަށް ވާހަކަނުދައްކާ ހިނގާ ގެސްޓްހައުސް ކައިރިއަށް" މާހީ ބުންޏެވެ.

ދެކުދިން މައިތިރިވީ ގެސްޓްހައުސް ބޭރުގައި ހުންނަ ޖޯލިފައްޗާ ހަމައަށް ދެވުނީމައެވެ.

"އެގޮލާ އެކަނި އެތާ ހުރިނަމަ މިއަދު ރީއްޗަށް ރޮށްވާލީމުސް. ވަގުތުގެ ގޮތުން މީހުން ގިނައީ އެތާ" މާހީ ބުންޏެވެ.

"އަހަންނަށް ހުވާ އަހަރެންގެ އައްފާން އެ އަންހެންމީހާ އަށް ފޯލްއެއް ނުވާނެކަން. އެކަމަކު އަހަރެން ވަރަށް ޖެލަސްވެއްޖެ. ނުދޭނަން އޭނަ އަށް މަގޭ އައްފާން ވެސް މަގޭ ދަރިވެސް. އަދި އެކުއްޖާ ލައްވާ މަންމަ ވެސް ކިޔުއްވައިފިއެއްނު"

ނުހާ އިނީ ހިތްހަމަނުޖެހިފައެވެ. ކޮންމެ ހާލެއްގައިވެސް މިހާރު އޭނާ މޮޅުވާން ބޭނުންވެއްޖެއެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް އައްފާނާ ގުޅެނީ އޭނާ އެވެ. މޫނު ފޮރުވައިގެން ބޮޑު ފޮތގަނޑެއްގެ ތެރޭގައި ފޮރުވިގެން ގިނަ ފަހަރަށް ތިބޭނީ ފިރިންގެ ހަލާކެވެ. ބަރުބާދީއެވެ. އެއީވެސް އެކަހަލަ އަންހެނެކެވެ.

"މިރޭ އެބައޮތް މިތާ ރެސްޓޯރަންޓްގަ ޕާޓީއެއް. ތިބޭނެ ވަރަށް ގިނަ މީހުން. ވަރަށް ރެޑީވެލަންވާނެ މިރެއަށް. މިރޭ ލިބޭނެ ހުރިހާ މައުލޫމާތެއް. އޭރުން މާދަމާ މިޝަން ފެށޭވަރުވާނެ. ފަވާ މިރަށުގަ ފިލާ އޮތްތަނެއްވެސް މިފަހަރު އެނގޭނެ"

މާހީ ހުރިހާ ވާހަކަތަކެއް ދެއްކިއިރު އިނގިލީގެ ނިޔަފަތިގަނޑު ހަފަން ނުހާ އިނެވެ.

****

ވާރޭގައި ޖެހުމުން ފަސްގަނޑަށް ހިނގަން ނިކުތް ވަސީމާ އަށް ގެއަށް ވަދެވުނީ ފުދޭވަރަކަށް ލަހުންނެވެ. ކޮޓަރި އަށް ވަނުމާއެކު ފެނުނު މަންޒަރަކުން ވަސީމާ ހައިރާންވިއެވެ. އެނދުގައި ނިއަމް ބާލިސް މައްޗަށް ލައިގެން ތަޅުވަން އިނީ އަމާނީ އެވެ. ނިއަމް އަށް އޮތީ ނިދިފައެވެ. އަމާނީ ގެ ފުށުން އެފަދަ މަންޒަރެއް ފެނުމުން ފުރަތަމަވެސް ވަސީމާ އަށް ހޯދާލެވުނީ ޒާރާ އެވެ.

"ކޮއްކޮ މިގަޑީގަ ނިންދަވާކަށް ނުވާނެއްނު. ދޮންބެދައްތަ ކޮބާތަ؟" ވަސީމާ ބުންޏެވެ.

"ދޮންބެދައްތަ ބުނި މިއަންނަނީއޭ. ދޮންބެ ހުރީ ކޮޓަރީގަ ނަމާދަށް. ކޮއްކި އެތާ ހިނގާލަން ގޮސް ހުރި ގަޑީގަ ވަރަށް ގަދައަށް ރުއީމަ އެނިދީ" އަމާނީ ވާހަކަދެއްކިއެވެ.

"ރުއީ އޭ. ކިއްވެ ރުއީ؟" ބާލިސް މަތިން ނިއަމް ނަގާ އެނދުގައި ރީއްޗަށް ބާއްވާލަމުން އަމާނީ ބުންޏެވެ.

"އެހެން ދައްތިއެއް އައިސް ކޮއްކޮ ގޮވައިގެން ދާން އުޅުނީ. އެތަނުން އެއް ދައްތި ދޮންބެދައްތަ ފަހަތަށް ޕުޝް ވެސް ކޮށްލި" އަމާނީ ވާހަކަދެއްކިއެވެ.

އަމާނީގެ ވާހަކަތަކުން ވަސީމާ އަށް ލިބުނީ ހައިރާންކަމެވެ. އަމާނީ ގެ ދުލުން އެބުނެލީ ކުޑަކުޑަ ވާހަކަތަކެއް ނޫނެވެ. ޒާރާ އަތުން ގަދަކަމުން ނިއަމް އަތުލާ ޒާރާ އަށް އަތް އިސްކުރާނެ މީހަކު މިރަށުގައި ނޫޅޭނޭއެވެ. ދެން އެހެންވީއިރު އެއީ ކާކު ހެއްޔެވެ؟

"އާދެބަލަ މިތަނަށް މަންމަ ކައިރިއަށް" އެނދުގައި އިށިން ގޮތަށް އަމާނީ އުނގަށް ލަމުން ވަސީމާ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

"އެތަނުގަ ކިހިނެއްވީ؟ މަންމަ އަށް ކިޔައިދީބަލަ" ވަސީމާ އެހިއެވެ.

"މާނީ އާ ކޮއްކޮ ކުޅެން ތިބީ. އެތަނަށް އައީ ދެ ދައްތި. އެތަނުން އެއް ދައްތި ކޮއްކޮ އުރާލާފަ ގެންދަން އުޅުނީ. ކޮއްކޮ ރުއި އަޑަށް ދޮންބެދައްތަ އައީ. ދެން ދޮންބެދައްތަ ކޮއްކޮ އުރަން އުޅުނީމަ ކޮއްކި އުރައިގެން ހުރި ނޫން ދެން ހުރި ދައްތި ދޮންބެދައްތަ ޕުޝްކޮށްލީ. އަދި ބުނި ކޮއްކި ގެންދަނީއޭ. ބަލާ އަންނަން ޖެހޭނީ ދޮންބެއޭ. ދޮންބެދައްތަ ދެރަވެފަ ހުއްޓަ އަނެއްކާ އައިސްފަ ކޮއްކި ދިނީ"

އަމާނީ ގެ ވާހަތަކުން ވަސީމާ އަށް ވިސްނުނީ އެންމެ އެއްޗެކެވެ. އެއީ ނުހާ އެވެ. އެންމެފަހުން ނިއަމް ހޯދަން ނުހާ އައީތާއެވެ. އެކަން އަލީ އަށް އަނެއްކާ އެނގޭ ހެއްޔެވެ؟ ނިއަމް ގޮވައިގެން ގޮސް އަލުން އައިސް ދިނީ ކީއްވެގެން ހެއްޔެވެ؟ ނުހާ މިރަށުގަ ހުރިކަމަށް ވަންޏާ ނިއަމް ހޯދަން މިގޭދޮށަށް ނާންނަނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ސުވާލުތަކުގެ ޖަވާބުތައް ނުލިބުމުން ވަސީމާގެ ބޮލުގައި ރިއްސާލިއެވެ.

ކުއްލިއަކަށް ވަސީމާ ސިހުނީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. ދޮރުން އެތެރެއަށް ނުވަދެ ތަޅުގައި ހިފަހައްޓައިގެން ހުރީ އައްފާނެވެ.

"ނިއަމް ނިދާފަތަ؟... ޒާރާ ކޮބާ؟" އައްފާން އެހިއެވެ. ބަހެއް ނުބުނެ ވަސީމާ އަށް އިނދެވުނީ އައްފާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

****

ޖީޒާ ގޮވައިގެން އޭނާ ނިދާ ކޮޓަރި އާ ހަމައަށް ޒާރާ ދިޔައެވެ. އެނދުގައި ޖީޒާ އިށީނުމުން ޒާރާ ދާން އުޅުނެވެ.

"ރަނގަޅަށް ބޭސްކައިގެން އަރާމުކޮށްލާ" ޖީޒާ ބަލަން އިނުމުން ޒާރާ ބުންޏެވެ.

ހިނގައިގަތް ޒާރާ ހުއްޓުނީ އޭނާގެ އަތުގައި ޖީޒާ ހިފެހެއްޓުމުންނެވެ.

"ޖީޒާއްތަ ބުނަންތަ ރަނގަޅު ވާހަކައެއް. އެމީހަކު އުޅެންވާނީ އެމީހަކު ދެކެ ލޯބިވާ މީހަކާއެކު. ދިރިއުޅުމުގައި ލޯތްބަކީ ވަރަށް މުހިއްމު އެއްޗެއް" ޖީޒާ ވާހަކަދެއްކިއެވެ. ކުއްލިއަކަށް ޖީޒާ ފެށި ވާހަކަތަކަކުން ވިސްނަންވީ އެއްޗެއް ޒާރާ އަށް ނޭނގުނެވެ.

"ދިޔުމުގެ ކުރިން އެކޮޅު ބަދިގެ އާ ދިމާލަށް ހުރި ކޮޓަރީ ގަ ހުރި ފެންފުޅި ޖީޒާއްތަ އަށް ގެނެސްދެއްޗޭ" ޖީޒާ ބުންޏެވެ.

ހީލާފައި ބޯޖަހާލަމުން ޒާރާ ހިނގައިގަތެވެ. އެއާއެކު ލައިގެން ހުރި ހައުސްކޯޓުގެ ޖީބުގައި އޮތް ފޯނު ނަގާފައި ފައްވާޒްގެ ނަންބަރަށް ގުޅާލިއެވެ.

އަދިވެސް ވާރޭ ނުހުއްޓާކަން ޒާރާ އަށް އެނގުނީ ޖީޒާ ގެ ނިދާ ކޮޓަރިން ނިކުމެ ބޭރު ބަލައިލުމުންނެވެ. ލަސްވާތީ ޖީޒާ އެދުނު ގޮތަށް ކަންތައްނުކޮށް ދާން އުޅެފައިވެސް އޭނާ ހިޔާލު ބަދަލުވިއެވެ. ޖީޒާ އެދުނީ ފެނަށެވެ. ފެންފުޅި އެކޮޓަރިއަށް ލާފައި ދާން މިނެޓެއްވެސް ނުނަގާނެއެވެ. އައްޔަ ހޯދާނެކަން އެނގެނުނަސް ގުޅާލެވޭނެ ގޮތެއްވެސް ނެތެވެ. ފޯނު އޮންނާނީ ވެއްޓުނު ގޮތަށް ގާގަނޑު މަތީގައެވެ.

ޖީޒާ ބުނި ކޮޓަރި ހުޅުވާލިއިރު ޒާރާ އަށް ފެނުނީ އަނދިރިކަމެވެ. ފާރުގައި އަތް ހާކައިގެން ލައިޓްތައް ޖައްސާލުމާއެކު ސިހިގެން ގޮސް ޒާރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ފައްވާޒް މިހުރީ ދިމާ ކުރިމަތީގައެވެ. އެ މަދު ސިކުންތުކޮޅުގެ ތެރޭގައި ޒާރާ އަށް ހުރެވުނީ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތިފައެވެ. އެގޮތުގައި ޒާރާ އަށް ހުރީ އިރުކޮޅަކުއެވެ. ވަގުތުން ދޮރާ ދިމާލަށް އެނބުރުނީ ނިކުންނާށެވެ. އެހެންނަމަވެސް އެކަމަށް ހުރަސްއެޅީ ފައްވާޒެވެ

****

ލަސްލަހުން ކަޅު ސައިތަށި ބޮމުން ދިޔަ އައްފާން އިނީ ޒާރާ ގެ ފޯނަށް ގުޅާލަ ގުޅާލައެވެ. ކައިރީގައި ފިނި ފެންފުޅިއެއް ހިފައިގެން އައިސް ވަސީމާ ހުއްޓުނެވެ.

"ނުނަގާތަ؟" ވަސީމާ އެހިއެވެ.

"ނުނަގާ. ވަރަށް ގުޅައިފިން. ކޮންތާކަށްބާ އެދިޔައީ" އައްފާން ބުންޏެވެ.

"ވާރޭ ހުއްޓާނުލާތީ ނާދެވިފަ ކަންނޭނގެ. ކުޑައެއްވެސް ނޯންނާނެއްނު" ވަސީމާ ބުންޏެވެ.

"ޒާ އެތަނެއްގަ ހުރުމަކުން މައްސަލައެއްނެތޭ. ވާރޭ ހުއްޓާލި އިރަކުން އަޔަސްވެސް މައްސަލައެއް ނެތޭ. އެކަމަކު ފޯނު ނަގަންވާނެއްނު. އެނގޭނެ އަހަރެން ނުލާޙިކު ކަންބޮޑުވާނެކަން" އައްފާން ބުންޏެވެ.

"ހިމްނާ އަށް ގުޅާލަންވީ ދޯ އެގޭގަ ހުރިތޯ ބަލާލަން" ވަސީމާ ބުންޏެވެ.

"އުނހު ދައްތަ ފޯނަކުން ނޫން. އަހަރެން ގުޅާލާނަން" އައްފާން ބުންޏެވެ.

އައްފާން ހިމްނާގެ ނަންބަރު ހޯދާލާފައި ގުޅާލިއެވެ. ދެތިން ފަހަރު ރިންގުވުމާއެކު ހިމްނާ ފޯނު ނަގައިފިއެވެ.

"މަންމާ ކިހިނެއްތަ؟" އައްފާން ބުންޏެވެ.

"އަލްހަމްދުލިއްލާހް. ކަމަކުތަ ތިގުޅީ؟" ހިމްނާ އެހިއެވެ.

"ޒާރާ ދިޔަތަ ތިގެއަށް" އައްފާން އެހިއެވެ.

"މިގެއަށް. ނާދޭ. ކޮބާ ޒާރާ؟ ތަނަކަށް ދިޔައީތަ؟" ހިމްނާ ގެ ސުވާލުތައް ގިނަވާނެކަން އޭރުވެސް އައްފާނަށް އެނގެއެވެ. ހާސްކަމެއްގެ ތެރެއަށް ހިމްނާ ވައްޓާލަން ބޭނުންނުވާތީ އޭނާ ބެލީ ހިމްނާ ގެ ހާސްކަން ކުޑަކުރެވޭތޯއެވެ.

"މާބޮޑުކަމެއްނުވޭ. އަމާނީ ގޮވައިގެން އަމާނީ ގެ ކްލާސް ކުއްޖެއްގެ ގެއަށް ދިޔައީ ފޮތެއް ލާންވެގެން. ތަންކޮޅެއް ލަސްވީމަ ބަލާލީ ތިގެއަށް ދިޔަތޯ" އައްފާން ބުންޏެވެ.

"އެވާނީ ވާރޭ ވެހޭތީ މަޑުކޮށްލީ ކަމަށް" ހިމްނާ ބުންޏެވެ.

ފޯނު ބޭއްވިގޮތަށް ތުނިތުނިކޮށް ފަޅާފައި ހުރި ތުނބުޅީގައި އައްފާން އަތް ހިންގާލިއެވެ. ޒާރާ އަކީ މީގެކުރިން ދުވަހަކުވެސް އޭނާ ގުޅައިގެން ފޯނަށް ޖަވާބުނުދޭ ކުއްޖެއް ނޫނެވެ. ތަނަކަށް ދާންވިޔަސް ނުވަތަ ތަނެއްގައި ތާށިވެ ލަސްވިޔަސް މެސެޖެއް ކޮށްފައި ނަމަވެސް ބުނާނެއެވެ. ވީއިރު ޒާރާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ އަނެއްކާ ހަވީރު ވީ ކަންތަކާ ހިތްހަމަނުޖެހިފައި ހުރެ ދިޔައީ ހެއްޔެވެ؟ ގެއަށް ނާންނަންވެގެން ހުރީ ހެއްޔެވެ؟ ގަސްތުގައި އަހަރެން ތަޅުވަނީ ހެއްޔެވެ؟ ފައްވާޒް..... ފައްވާޒް ފުރައިގެން ދިޔަ ވާހަކަވެސް ޒާރާ ބުންޏެވެ.

އައްފާން ދެފަރާތަށް ބޯހޫރާލިއެވެ. މި ވިސްނެނީ މާބޮޑަށެވެ. ޒާރާ ނުބައި ފިޔަވަޅެއް ނާޅާނެއެވެ. އެއީ އިތުބާރުކުރެވޭނެ އަންބެކެވެ. ފިރިމީހާ އާ އި ދަރިންނާ އާއިލާ ގެ ފަސްބައިގައި ލައްގަނޑެއް ޖެހުނަ ނުދޭނެއެވެ. އެދިޔަ ތަނަކުން އަންނަންދެން ހުންނާނީ އެވެ. އައި އިރަކުން ވަރަށް ލޯބިން ބައްދާލާފަ ޝަކުވާ ކުރާނީއެވެ. އައްފާންގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.

"ގުޅާލަބަލަ ޖަންނަގެ ފޯނަށް" ވަސީމާ ބުންޏެވެ.

****

ކުއްލިއަކަށް ޒާރާ ދުރަށްޖެހުނީ އޭނާގެ ފައިބުޑަށް ފައްވާޒް ވެއްޓުމުންނެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން ޒާރާގެ ދެފައި ތިލައިގައި ފައްވާޒް ހިފެހެއްޓިއެވެ. އޭނާގެ ދެލޮލުން ފައިބައިގަތް ކަރުނަތައް ޒާރާ ގެ ދެ ފައި ތިލައިގައި ބޮސްދިނެވެ. ދުރަށް ދާންވެސް ހަނދާންނެތިފައި ޒާރާ އަށް ހުރެވުނީ ފައްވާޒްގެ ހަރަކާތްތައް ބަލަހައްޓައިގެންނެވެ. އޭނާގެ ދުލުގައި ތަޅެއް ލެވިފައިވި ކަހަލައެވެ. ފައްވާޒް ރޯ މަންޒަރު ބެލުމަކީ އޭނާ އަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ހިތުގައި އިންތިހާ އަށް ރިއްސަމުން ދިޔައެވެ.

"އަހަންނަށް މައާފްކުރޭ. ހެޔޮނުވާނެ. އަހަރެން މިއީ ކުރީގެ ފައްވާޒެއް ނޫން. ކުށްކުރެވޭނީ އިންސާނުންނަށް. ޒާރާ ހޯދުމަށް އަހަރެން މިކުރި މަސައްކަތް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތް. ޒާރާ... އަހަންނަށް ޖަވާބެއްދީބަލަ. އަހަންނަށް މައާފްކުރޭ. އަހަރެން ހުސްއަތާ ފޮނުވާނުލާ. އަހަރެން ކައިރިއަށް އާދޭ..." އިސްއުފުލާ ޒާރާގެ މޫނަށް ބަލައިލަމުން ފައްވާޒް ބުންޏެވެ.

ޒާރާ ދުރަށްޖެހުނެވެ. ދޮރާ ދިމާލަށް އެނބުރުނެވެ. ބޭނުންވީ އެ ދޮރުން ބޭރަށް ނިކުންނާށެވެ. އެހެންނަމަވެސް އޭނާ އަށް ނިކުމެވޭކަށް ނެތެވެ. ކޮޓަރި ތަޅުލާފައި ތަޅުދަނޑި ލީ ފައްވާޒްގެ ޖީންސު ޖީބަށެވެ. އަނެއްކޮޅުން ކުރީގެ ފިރިމީހާ ނަމަވެސް ފައްވާޒަކީ މިއަދު ހިލޭ ފިރިހެނެކެވެ. އެގޮތަށް ހިލޭ ފިރިހެނަކާއެކު ބަންދު ކޮޓަރިއެއްގެ ތެރޭގައި ހުރުމަކީ ހުތުރު ކަމެކެވެ. އެ މަންޒަރު ބަލާނެ ބަޔަކު ނެތަސް އަމިއްލަ ނަފްސަށް ޒާރާ ލަދުގަނެއްޖެއެވެ. އައްޔަ އެނގިއްޖިއްޔާ އެފަކީރު ދެރަވާނެއެވެ. އެހާ ލަދުވެސް ގަންނާނެއެވެ. އައްޔަ ގެ ކުރިމަތީގައި އަބުރު ވެއްޔާ މޮޑެވިގެން ދާނެއެވެ. ސިކުނޑިއަށް ވެރިވާން ފެށި އަސަރުތަކުން ޒާރާ ފިނިވާން ފެށިއެވެ.

"ހެޔޮނުވާނެ އަހަރެން މިތަނުން ނެރެދީ" ޒާރާ ބުންޏެވެ.

"ކޮންކަމަކާ ތި ބިރުގަންނަނީ؟ މިތަނަށް އެކަކުވެސް ނާންނާނެ. މިގޭ ޖީޒާ އަހަންނަށް ކޮށްދިނީ އަހަރެން ޒާރާ ދެކެ ލޯބިވާވަރު އޭނާ އަށް އިހުސާސްވީތީ" ފައްވާޒް ބުންޏެވެ.

ފައިބަމުންދިޔަ ކަރުނަތަކާއެކު ފައްވާޒްގެ މޫނަށް ޒާރާ ބަލައިލިއެވެ. މިހުރިހާ ކަމަކީ ޖީޒާ ގެ ރޭވުމެއްކަން އެނގުނީ އަދި ކިރިޔާއެވެ. ހަށިގަނޑުގައި އުފެދުނު ނަފްރަތުގެ އަލިފާން ޒާރާ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތުވާލިއެވެ.

"އަހަންނާ ކައިރިނުވާތި؟" ފައްވާޒް ކައިރިއަށް އަންނަން ފެށުމުން އިންޒާރެއް ފަދައިން ޝަހަދާތް އިނގިލި ކުރިމައްޗަށް ހުރަސްކޮށްލަމުން ޒާރާ ބުންޏެވެ.

"ކުރިންވެސް ފަވާ ދިޔައީ އަހަރެން ބިކަކޮށް ނިކަމެތިކޮށްލާފަ. އެއީ އަހަންނަށް ވުރެ ދޮން ޒަމާނީ އަންހެންއްގެ އަވައިގައި ޖެހިގެން. އަހަރެންގެ މުޅި ހަޔާތް ބަރުބާދުކޮށް ކުޑަދަރިއަކާއެކު އަހަރެން މުޅި ދުނިޔެއަށް ގިނަކޮށްލާފަ. އަހަންނަށް އުފަލެއް ލިބުނީ ހާދަ ދުވަހަކަށް ފަހުގައޭ. އެކަން އިހުސާސް ފަވާ އަކަށް ނުވާނެ. އެ އުފާވެރިކަން ކިރިޔާ އަހަރެންގެ ހިތާ ހަމައަށް ފޯރިތަނާ މިފަހަރުވެސް ތިއައީ މަކަރުވެރި ސިއްރުވެރި ކެހިވެރި އަންހެނަކާ ބައިވެރިވެގެން އަހަރެން ބަދުނާމުކޮށް ބަރުބާދުކުރަން. ތިހުރިހާ ކަމެއް ކޮށްގެން ކޮބާ ފަވާ އަށް ލިބޭ އުފަލަކީ؟ ބުނެބަލަ. ކީއްކުރަން ތިއައީ؟ ތި އައި ތަނަކަށް ދާންއުޅޭ. އަހަންނަށްޓަކައި ފަވާ މަރުވިތާ ކޮންދުވަހެއް" ޒާރާ ވާހަކަދެއްކީ ފައްވާޒަށް ފުރަގަހަށް ހުރެއެވެ.

"ނޫން ނޫން... ޖީޒާ ގެ މަގްސަދެއް އަހަންނަށް ނޭނގޭ. ޖީޒާ ބުނި ގޮތަށް އަހަރެން ކަންތައްކުރީ ޒާރާ އާ ބައްދަލުކުރަން ބޭނުންވާތީ. އެނގޭ ޒާރާ އަށް އަހަންނަށް އިތުބާރުކުރަން އުނދަގުވާނެކަން. އެކަމަކު އަހަންނަށް ވަގުތުދީ. މުޅި އުމުރަށް ޒާރާ ގެ އަޅެއްގެ ގޮތުގައި ހުންނަން ވިޔަސް އަހަރެން ހުންނާނަން" ފައްވާޒް ބުންޏެވެ.

ޒާރާ އަށް ވެސް ރޮވެނީ އެވެ. ހިތުގައި އިހުސާސްތައް އޮބަހައްޓަން އުނދަގުވެގެން ފައްވާޒަށް ކަރުނަތައް ހިފަހައްޓައި ނުލެވެއެވެ. ޒާރާ އެންމެ ދެރަވަމުން ދަނީ އެކަމާއެވެ. ފައްވާޒް ވެސް އަދި އެހެން އެއްވެސް މީހަކު ރޯތަން ދުށުމަކީ އޭނާ އަށް ވޭނެކެވެ.

"އަހަރެންގެ ފިރިމީހާ އާއެކު މި ހޭދަކުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައި، އަހަންނަށް ލައްކަ އެއްޗެހި ދަސްވެއްޖެ. ލޯތްބާއި، އޯގާތެރިކަމާއި، ވަފާތެރިކަމާއި، ހިތާމައާއި ވޭނުގެ އަސަރުތައް ވަރަށް ރަނގަޅަށް ދަސްވެއްޖެ. ހީލަތްތެރިކަމާއި، މަކަރުވެރިކަމާއި، ދެއްކުންތެރިކަން ވަރަށް ރަނގަޅަށް ދަސްވެއްޖެ. ފަވާ ބޭނުންވަނީ އަހަރެންގެ ޖަވާބެއްނު" ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް މޫނު ފޮތިކޮޅުން ފޮހެލަމުން ޒާރާ ބުންޏެވެ.

"އަހަރެންގެ ޖަވާބަކީ ނޫނެކޭ. އަހަރެން ބޭނުންވަނީ އަހަރެން ކޮށްގެން މިހުރި ކައިވެނިމަތީގަ ތާއަބަދަށް ދެމިހުންނަން. ފަހު ނޭވާވެސް ދޫކޮށްލަން ބޭނުންވަނީ އެ ވަފާތެރިޔާގެ އުނގުތެރޭގައި އޮވެ. އަހަންނަށް އޭނަދެކޭ ލޯބިވެވިއްޖެ" ޒާރާ ކިޔަމުން ދިޔައެވެ.

އެވާހަކަތައް އަހަން ފައްވާޒަށް އުނދަގު ވިއެވެ. އެދިޔާ ބާރުމިނުގައި ދޮރާ ދިމާލަށް ޒާރާ ގެންގޮސް ދެމީހުންގެ ދެމެދުގައިވާ ދާއިރާ ހަނިކޮށްލިއެވެ. އެހެން ފިރިހެނަކަށް ޒާރާ ފިދާވާ ވާހަތައް އަހަން އެނާ ކެތްތެރިކަން ކޮޅުންލީއެވެ.

"ތިއީ ހުސްދޮގު. ޒާރާ އިނދެގެން އުޅެނީ ބޮޑު މުސްކކުޅިޔަކާ. ތިއީ މަޖުބޫރީ ކައިވެންޏެއް. އަހަންނަށް ހުރިހާ ކަމެއް އެނގޭ. އަދިވެސް ޒާރާ ލޯބިވަނީ އަހަރެންދެކެ. ތިދެލޮލުން ފައިބަމުންދާ ކަރުނަތައް އެކަމަށް ހެކިވާނެ" ފައްވާޒް ކިޔަމުން ދިޔައެވެ.

ފައްވާޒްގެ އަތުތެރެއިން ޒާރާ އަށް ނިކުމެވުނީ އެތައް އިރަކު މަސައްކަތް ކުރި ފަހުންނެވެ. ޒާރާ އަކީ މާދޮން ކުއްޖެއް ނޫނަސް ދެއަތުން ފައްވާޒް ހިފހެއްޓި ތަނުގައި ފަނޑު ރަތްކަމެއް ހުއްޓެވެ.

"އަހަރެންގެ ފިރިމީހާ އަކީ މުސްކުޅިއެއް ނޫން. އަހަރެން އިނދެގެން އުޅެނީ.... އެއީ އޯގާތެރިއެއް. އަހަރެން ދެކެ ފަވާއަށް ވުރެވެސް ކުރިން ލޯބިވި މީހަކީ އެއީ. އައްޔަ.... އަހަންނަށް ކުރިން ނުވިސްނުނީ"

ވަޓް....؟"

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟