"އަދި އެންމެ މުހިންމު ވާހަކައެއް ނުބުނެވޭ ދޯ. އެނގޭތަ ޒާރާގެ ފިރިމީހާ އަކީ ކާކު ކަން. ހުރޭ. މިއަދު ކޮންމެސް ގަޑިއެއްގަ މަކަރަކުން މިގެއަށް އަހަރެން ޒާރާ ވައްދާނަން. ތައްޔާރަށް ހުންނާތި. ފިސާރި ބާރަކަށް ހިފަހައްޓާތި. މުށުން ދޫވެގެންދިޔަ ނުދޭތި. ދޮންކަލޯ ޒާރާ ގޮވައިގެން މިރަށުން ފުރައިގެން ދާންވެސް މި ޖީޒާ އެހީވެދޭނަން" ފަހުރުވެރިކަމާއެކު ޖީޒާ ބުންޏެވެ. އޭނާގެ ދެލޮލުން ފާޅުވަމުން ދިޔައީ މަކަރުވެރިކަމާ ހީލަތްތެރިކަމެވެ.
****
ނޫރީން ސްކޫލަށް ގެންގޮސްފައި އެނބުރި އައި މަގުމަތީގައި މީހަކު ފަހަތުން ގޮވާލިހެން ހީވެގެން ބަލައިލިއިރު ފަހަތުގައި ހުރީ ވަސީމާ އެވެ. ސައިކަލު މަތީގައި އިން ވަސީމާ ހީލާފައި ހިމްނާ އަށް ސައިކަލަށް އަރަން ބުންޏެވެ.
"ޔާރައްބީ. އަހަންނަށް ހަމަ ލާހިކެއްނެތް" ހިމްނާ ވަގުތުން އިންކާރު ކުރިއެވެ.
"ވާހަކައެއްވެސް ދައްކަންވެފަ އޮތީމަ" ވަސީމާ ބުންޏެވެ.
ދެ ރަހްމަތްތެރިން ވާހަކަދައްކަމުން އައީ ހިމްނާ ގެ ގެއާ ދިމާލަށެވެ. ވަސީމާ އައީ ހިމްނާ އާ އެއްވަރަށް މަޑުމަޑުން ސައިކަލް ދުއްވަމުންނެވެ. ގެއާ އަރާ ހަމަވުމާއެކު ދެ އެކުވެރިން ގޭތެރެއަށް ވަނެވެ.
"އަދި ސައެއްވެސް މާ ރަނގަޅަކަށް ތައްޔާރެއް ނުކުރެވޭ. ހިނގާ ކޮފީ ބޯން ދަމާ" ހިމްނާ ބުންޏެވެ.
"ނޫނޭ ކޮފީ ބޮވިދާނެ. އިހަށް އިށީނދެބަލަ" ހިމްނާ ގެ އަތުގައި ހިފާ ޖެހިގެން ހުރި ޖޯލީގައި ބައިންދަމުން ވަސީމާ ބުންޏެވެ. ހައިރާންވެފައި ހިމްނާ ބަލައިލިއެވެ. ވަސީމާ އަށް އަނެއްކާ ޒާރާގެ ފުށުން ހިތްހަމަނުޖެހޭ ކަމެއް ފެނުނީ ހެއްޔެވެ؟
"މިރަށުގަ އެ ފައްވާޒު އެބައުޅޭ. ކުރީ ދުވަހު ގޭތެރެއަށް ވަދެ ހުއްޓަ ފެނުނީ" ވަސީމާ ބުންޏެވެ. ހިމްނާ އިސްޖަހާލިއެވެ.
"އޭނަ މިރަށު އުޅޭކަން އަހަންނަށް އެނގޭ. އެކަމަކު ތިގެއަށް ވަދެ ހުއްޓަ ފެނިއްޖޭ ބުނީމަ ބިރުގަނެއްޖެ. އޭނަ އެ އުޅެނީ މަގޭ ޒާރާ ގެ ދިރިއުޅުން ހަލާކުކޮށްލަން. އެ ފުރުސަތު އޭނާ އަށް ޒާރާ ނުދޭނެ" ހިމްނާ ވާހަކަދެއްކީ ހަމަޖެހިގެން އިނދެއެވެ.
"އަހަރެން ވަރަށް ހިތްހަމަނުޖެހުނު. އަހަރެން ބޭނުމެއްނުވޭ އެއްވެސް ސިފައެއްގައި އެ ދެކުދިންގެ ކުރިމައްޗަށް އަރާކަށް. ޝައިތާނާ ބޮލަށް ވަދެގެން ނުބައި ކުޅިއެއް ނުކުޅުނިއްޔާ ހެޔޮވެދާނެ" ވަސީމާ ވާހަކަދެއްކިއެވެ.
"މިރަށުން ފުރައިފިއޭ ދެންމެ ސްކޫލު ކައިރިން ނަހުލާ ދިމާވެގެން ބުނި. ނަސީބެއް. އަހަރެން ހުރީ އޭނަ އާ ބައްދަލުކޮށްފަ އޭނަގެ ބޭނުން ސާފުކުރަން ކަމަށް. އެހެންވެ ނަހުލާ ކައިރީގަ އެހީ" ހިމްނާ ވާހަކަދެއްކިއެވެ.
"ފުރިއްޔޭ... ތިއީ އެހެންވިއްޔާ ހާދަ އުފާވެރި ހަބަރެކޭ" ވަސީމާ ވެސް ހަމަޖެހުނެވެ.
****
މެންދުރުފަހު ނިއަމް ނިންދަވަން އެނދަށް އެރީ ވަސީމާ އެވެ. ކޮޓަރީގައި ނޯންނަންވެގެން ޒާރާ ނިކުތީ އަތިރީ ދޮރުން ބޭރަށެވެ. ހެޔޮވަރަކަށް ވައިޖެހެމުން ދިޔައެވެ. ޖޯލީގައި ޒާރާ އޮށޯވެލީ ފޫހިވެގެންނެވެ. ޖަންނަތަށްވެސް އަދި އައްފާނާވެސް އެވަގުތަކީ ފޯނުން ބައްދަލުވާނެ ވަގުތެއް ނޫނެވެ. ފޯނަށް ބަލަހައްޓައިގެން އޮވެފައި ކުއްލިއަކަށް ޒާރާ މޫދާ ދިމާލަށް ބަލައިލިއެވެ. ވައިޖެހެމުން ދާތީ އޮއި ބާރު ކަމަށް ދައްކައެވެ. އެދިމާލަށް ފޯނު ކަންފަތު ޖަހައިގެން ހިނގާފައި އައި ފައްވާޒް ފެނިފައި ޒާރާ ކައްޓެއްހެން ތެދުވެ ޖޯލީގައި އިށީނެވެ. އޭނާ އަށް ނުވެސް އެނގި ނޭވާ އަވަސްވާން ފެށިއެވެ. ފައްވާޒް ހުރީ ފުދޭވަރަކަށް ދުރުގައެވެ. ހެމުން ކޮންމެސް މީހަކާ އޭނާ ދިޔައީ ވާހަކަދައްކަމުންނެވެ. އެންމެ ފަހަރަކުވެސް ޒާރާ އިން ދިމާލަށް ބަލައިނުލައެވެ. ކުއްލިއަކަށް އެތެރެއަށް ވަންނަން އުޅެފައިވެސް އެ ހިޔާލު އޭނާ ދޫކޮށްލިއެވެ. ތަނެއްގައި މީހަކު ހުރިއްޔާ އޭނާ އަށް ކޮންކަމެއް ހެއްޔެވެ؟ އަލުން ފޯނާ ކުޅެން ކަމަށް އޭނާ ހެދުނެވެ. އެހެންނަމަވެސް އިރުކޮޅަކާ ފައްވާޒް ހުރި ދިމާލަށް ބަލައިލައެވެ. އެގޮތަށް ކަންތައް ކުރެވޭތީ އޭނާ އަމިއްލަ ނަފސްދުދެކެ ރުޅިއައެވެ.
"އޭ ދޮންކަލޯ އާދޭ ކާން" ފައްވާޒްގެ ފަހަތުން އަންހެނަކު ގޮވާލި އަޑު އިވުނެވެ. ބަރު އަޑެކެވެ. ޒާރާ އަށް އިވުނީ ހަމައެކަނި އަޑެވެ. މީހަކު ނުފެނެއެވެ. ފޯނު ޖީންސުގެ ޖީބަށް ކޮށްޕާލާފައި ދާން އުޅެފައި ފައްވާޒް ފަހަތް ބަލައިލިއެވެ. އޭނާގެ ކަޅި އަމާޒުވީ ސީދާ ޒާރާ އަށެވެ. އެދިމާލު އަތިރިމަތިން އޭނާ އަށް މޫނު ބުރުގާ އަޅާފައި ހުރި އަންހެނަކު ފެނުނީ އަދި ފުރަތަމަ ފަހަރަށެވެ. ފުރަތަމަވެސް އޭނާ އަށް ޔަގީން ކުރެވިއްޖެއެވެ. އެއީ އައްފާންގެ އަނބިމީހާ އެވެ. އެކަމަކު އެ ސިއްރުވެރިޔާ ކޮބާ ހެއްޔެވެ؟ މާ ސޯލިހު މީހަކަށް ވެގެން އުޅޭ ފިރިހެނެކެވެ. މޫނު ބުރުގާ އަޅައިގެން ހުރި ރަނގަޅު ކުއްޖަކު އަންބެއްގެ މަގާމުގައި ބައިންދާފައި އެ އުޅެނީ މަގޭ ޒާރާ އާ ހިތާވެގެންނެވެ. ރަނގަޅަށްވިއްޔާ ރޫޅުނު ދިރިއުޅުމުގައި ވެސް ހަގީގީ ކުށްވެރިޔަކީ މީނައެވެ.
އެމަގުން ފައްވާޒް ގެއްލުމުން ޒާރާ ފުންމައިގެން ތެދުވިއެވެ. ފައްވާޒް އެ ހުންނަނީ މިގެ އާ ހާދަ ކައިރީގައެވެ. އޭނަވެސް ފޫހިވީމަ އެ ނިކުންނަނީ މިދިމާލަށެވެ. މޫނު ނިވާކޮށްގެން އުޅެވޭކަން ނަސީބެކެވެ. އެހެންނޫނީ ވާނެގޮތެއްވެސް ނޭނގެއެވެ. ފައްވާޒް ވަންނަ ގެއެއް ބަލަން ދާން އުޅެފައިވެސް އެ ވިސްނުން ދޫކޮށްލާފައި ޒާރާ ގޯތިތެރެއަށް ވަނެވެ.
****
"މިއީ މިއަދު އަހަރެން ބޭނި ހަންޖެއްގެ ގަރުދިޔަ. ކައިބަލަ މީރުވާނޭ. ކޮން ވިސްނުމެއްގަ ތި އިންނަނީ؟" ކާ މޭޒު ކައިރީގައި ފައްވާޒް އިންގޮތުން ޖީޒާ ސުވާލު ކުރިއެވެ.
"ވިސްނުމެއްގައެއް ނޫން. ވަސިންތަ ގޯއްޗާ ދިމާލު ޖޯލީގަ މޫނު ބުރުގާ އަޅާފައި އިން އަންހެނެއް. ވަރަށް ފަލަ މީހެއްހެން ހީވަނީ. އެގޭމީހުން ހާދަ ބަދަލުވެއްޖޭ ދޯ" ތައްޓާށް ބަތް އަޅަމުން ފައްވާޒް ވާހަކަދެއްކިއެވެ.
"ކޮންތާކު؟ ދެއްކުންތެރިކަން. ދަޅަކާ ނަގުލަކާ މަދުވަނީ" ޖީޒާ ބުންޏެވެ.
"ކޮންއިރަކުން ޒާރާ ގެނެސްދޭނީ؟" ފައްވާޒް އެހިއެވެ.
"ހަވީރަށް ތިކަމާ އުޅޭނީ ދޯ. އެގަޑިއަށް ހިމްނާ އާ އެކު ވަސީމާ ވެސް ދާނެ މިތާ މިއޮށް ފަސްގަނޑަށް ހިނގަން. ޒާރާ އަތުޖެހޭނީ އެގެއިން. މައްސަލައަކީ އެ އައްފާނުގެ ކުއްޖާ ގޮވައިގެން ޒާރާ އުޅޭތީ" ޖީޒާ ވާހަކަދެއްކިއެވެ.
"އިނދެގެން ކީއްކުރަން ގެންގުޅޭ އަންހެނެއް ތިހެންވިއްޔާ. އޭނަ އަނބިމީހާ އެކުއްޖާ ނުބަލަނީތަ؟" ކަށިކޮޅަކާ ވަކިކޮށްލި މަސްކޮޅެއް އަނގަ އަށް ލަމުން ފައްވާޒް ވާހަކަދެއްކިއެވެ.
މިފަހަރުވެސް ޖީޒާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. ފައްވާޒަށް އިނދެވުނީ ޖީޒާ އަށް ބަލަހައްޓާއިގެންނެވެ. ބައެއްފަހަރު އޭނާ އަށް ޖީޒާ ދެނެގަންނަން އުނދަގުވެއެވެ.
"އަހަރެން މިހިތަށް އަރަނީ ކަލޯ ހާދަ މޮޔައޭ. ލައިގެން ތި އިން ގަމީހުގެ ގިރުވާނުގައި އޮތް ފަންޏެއް ގައިގަ ހޭކޭއިރުވެސް ތި އިންނަނީ ކަހާތަން ހިރުވާވެސްނުލާ. ހިތަށް އަރަނީ ބޮލެކޭ ކިޔާފަ މިއިން އެތި މިއީ ހަށިގަނޑާ ގުޅިފައި އިން ބޭކާރު ގުނަވަނެކޭ" ފައްވާޒްގެ ބޮލުގައި އިނގިލިތަކުން އޮށްބާލަމުން ޖީޒާ ބުންޏެވެ.
"އަހަންނަށް ޖީޒާ ތިކިޔާ އެއްޗެއް ނޭނގޭ. ބައެއްފަހަރު ވާހަތަކުގެ މިސްރާބު ހުންނަނީ ސީދާ އަހަރެންގެ ސިކުނޑި އާ ދިމާލަށް. އެކަމަކު ވަންނަން އުޅެފައިވެސް އެދަތުރުކުރަނީ އެހެން ދިމާލަކަށް. ޖީޒާ އަށް ޒާރާގެ ކަމެއް އެނގެންޏާ އަހަރެން ކައިރީ ބުނެބަލަ. ބުނެބަލަ ޒާރާ އިނދެގެން އުޅެނީ މިރަށު މީހަކާތަ؟ ނޫނީ ބީރައްޓެއްސަކާތާ؟ އޭރުން އަހަރެން ހިނގައިދާނަމޭ އެގެއަށްވެސް"
ޖީޒާ އިނީ ވިހަ ހިނިތުންވުމަކާ އެކު ފައްވާޒަށް ބަލަހައްޓައިގެންނެވެ. ވާހަކަތަކުން ކޮންމެހެންވެސް ފައްވާޒަށް އެނގެންޖެހޭ ބައި އޭނާ އުނިކުރީ ހަމަ ގަސްތުގައެވެ. ކުރިން ބުނެގެން ފިލްމުގެ ފަހުބައި ގެ ކުރިމަރާލަން ބޭނުން ނުވާތީއެވެ. އޭނާ ބޭނުންވަނީ ފަހުބައި ފަހުވަގުތު ފައްވާޒަށް އެނގޭށެވެ. ފޯރިގަދަވާނީ އޭރުންނެވެ. ޒާރާ ތެޅޭވަރަކަށް ނޫނީ އެއަށް ވުރެވެސް ބާރަށް ހިމްނާ ތެޅޭނެއެވެ. މިރަށު ސިއްހީމަރުކަޒުން ކުރިން އެނދެއް ހޯދާފައި ބެހެއްޓިޔަސް ރަނގަޅުވާނެއެވެ.
"ބުނަން. މިއީ މަގޭ ފަހު އެތިފަހަރު. މިފަހަރު ކޮންމެސް އެކެއް ބަރުބާދުވާނެ. އަހަރެންގެ މަގްސަދުވެސް އަދި ދޮންކަލޯ ގެ މަގްސަދުވެސް ހާސިލުވާނެ. ބޭނުންވަނީ ހިތްވަރު. މިރަށަކީ ފުލުހުން އުޅޭ ރަށެއްވެސް ނޫން. ކަމެއްވެގެން ފުލުހަށް ގުޅިޔަސް މާބޮޑު ސަމާލުކަމެއް ނުދޭނެ. ކައުންސިލުން އައިސް ނަސޭހަތްދިނީމަ ހުރިހާ ކަމެއް ހަމަޖެހުނީ. އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ"
ޖީޒާ ގެ ވާހަކަތަކުން ފައްވާޒްގެ އުންމީދު ވަރަށް ބޮޑަށް އާވިއެވެ. ޒާރާ ހާސިލްވާނެކަމުގެ ފެހި ސިގްނަލް ލިބިއްޖެއެވެ. އަނެއްކޮޅުން ފަހުވަގުތު ޖީޒާގެ ސިއްރުވެރިފަރާތްވެސް ހާމަވާނެއެވެ.
****
ޒާރާ އަސުރު ނަމާދަށް ހުއްޓާ ކޮޓަރިއަށް މިހަކު ވަތްކަން އެނގުނެވެ. އެއީ އައްފާން ކަން އެނގުނީ ފޯނުން ވާހަކަދައްކަން ފެށުމުންނެވެ. ސަލާންދީފައި ބަލައިލިއރުވެސް އައްފާން އޮތީ ވާހަކަދައްކާށެވެ. ވަޒީފާ އިން އައި ގޮތަށެވެ. ކިޔަންޖެހޭ ޒިކުރުތައް ކިޔާފައި ޒާރާ ގޮސް އިށީނީ އައްފާން ފައި ކައިރީ އެނދުގައެވެ. އޭނާ އައްފާންގެ ދެފަޔަށް ލައްވާފައި އޮތް ދެ އިސްޓާކީން ފަޅި ބާލުވާލިއެވެ.
"މިވެސް " އައްފާން ބުންޏެވެ.
ފޯނު ނިންމާލާފައި އައްފާން އޮތީ ޒާރާގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.
"ތިއެއްޗެހި އައްޔަ އަމިއްލަ އަށް ބަދަލުކުރޭ. އަހަރެން ކުޑަކޮށް އެހީވެދިނީމަ ތިއުޅެނީ މިވަގުތުވެސް ކޮންމެހެން އެހެންކަމެއް ކުރަންވެގެނެއްނު" ޒާރާ ބުންޏެވެ. ޒާރާ ހުރީ ވަރަށް ހަމަޖެހިފައިކަން އައްފާނަށް އެނގުނެވެ. ވާހަކަދައްކާލަން ރަނގަޅު ވަގުތެކޭ އައްފާނަށް ހީވިއެވެ.
އައްފާނަށް ހެވުނެވެ. އޭނާގެ މިޒާޖު ޒާރާ އަށް މިހާރު އެނގެއެވެ.
"އާދެބަލަ ވާހަކައެއް ބުނަންވެފަ އެބައޮތޭ" އައްފާން ބުންޏެވެ.
ޒާރާ އައިސް އައްފާން ކައިރީގައި އިށީނެވެ. ޒާރާގެ މޫނަށް ބަލަހައްޓައިގެން އައްފާން އޮތީ ހިނިތުންވެފައެވެ. އެހެންނަމަވެސް ބުނަންއުޅޭ ވާހަކައިގެ ގޮތުން އެނާގެ ތުންފަތް މަތިން ހިނިތުންވުން ފަނޑުވާން ފެށިއެވެ. އުނދަގޫ ގޮތެއް އިހުސާސްވަމުން ދިޔައެވެ. އޭނާ މުޅި ދުވަހު ވިސްނައިފިއެވެ. ފައްވާޒްގެ ވާހަކަ ބުނަންވީ ވަގުތު ޖެހިއްޖެއެވެ. ފައްވާޒްގެ ބޭނުންވެސް ހާމަކުރަންވެއްޖެއެވެ. ޒާރާގެ ވިސްނުން ހުރިގޮތްވެސް ބަލަން ބޭނުންވެއެވެ.
"މިހާރު މިކަން ޒާ އަށް އެނގިފަވެސް އޮވެދާނެ" އައްފާން ބުންޏެވެ.
ވަގުތުން ޒާރާ އިސްއޮބާލައިފިއެވެ. އައްފާން ދައްކަން އެއުޅެނީ ފައްވާޒްގެ ވާހަކަތައް ކަން ޒާރާ އަށް ވިސްނުނެވެ.
"ތިވާހަކަ އަހަރެން ކައިރީގަ ބުނުން މުހިއްމު ކަމެއް ކަމަކަށް ނުދެކެން. އެހެންވީމަ ރަނގަޅީ ނުދެއްކިއްޔާ" ޒާރާ ބުންޏެވެ.
އައްފާން ހިންދިރުވާލިއެވެ. ފައްވާޒް އައިސް އުޅޭކަން ޒާރާ އަށް އެނގިފައިވާކަން އޭނާ އަށް ޔަގީންވިއެވެ. ހިތުގެ ކަނަކުން ދެރަވެސްވިއެވެ. ޒާރާ ކުރިން އެވާހަކަ ނުބުނީތީއެވެ. ޒާރާ އިސްއޮބާލައިގެން އިންހާއިރު އައްފާން އިނީ ޒާރާގެ މޫނަށް ބަލަށެވެ. ޒާރާގެ މޫނުން އޭނާ ކަމެއް ދެނެގަންނަން މަސައްކަތް ކުރަނީއެވެ. ފައްވާޒްގެ ވާހަކަތައް ނުދައްކާށޭވެސް ޒާރާ ބުނާނީ ހިތުގައި އެއްޗެއް އޮތީމައެވެ.
"ފަވާ ބޭނުންވަނީ ޒާ. އަހަރެން ކައިރީގަ ވަރަށް ރުއި. ފަވާ ހުރީ ބަދަލުވެފަކަމަށް އޭނަ ބުނަނީ. މިރަށަށް އައީ ވެސް...."
"އަހަރެން ބޭރަށް ނިކުމެލުމުގެ ހުއްދައެއް ދީ" ކުއްލިއަކަށް ޒާރާ ކޮޅަށް ތެދުވިއެވެ.
އައްފާން އެދައްކަނީ އޭނާ އަށް އަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެވާހަކަތައް އޭނާ ކައިރީގައި ދެއްކުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. ޒާރާ އައްފާންދެކެ ހިތްހަމަނުޖެހުނެވެ. ކުރީގެ ފިރިމީހާ ގެ ވާހަކަތައް އެގޮތަށް ދައްކާކަށް ނުވެސް ޖެހޭނެއެވެ. ދިރިއުޅުމުގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އޭނާ އަޅަމުން އެދަނީ އަމިއްލަ ނަފްސާ ދެކޮޅަށް އެތައް ހަނގުރާމައެއް ކުރަމުންނެވެ. މާޒީ، މާޒީގެ ގޮތުގައި ފަހަތަށް ދޫކޮށްލާފައި އޭނާ އެވަނީ މުސްތަގުބަލުގެ ދޮރާށިން އެތެރެއަށް ވަދެފައެވެ. އޭނާ އަށް މުހިންމީ މުސްތަގުބަލުގެ ވާހަކައެވެ. އައްފާން ދައްކަންވެސް ޖެހޭނީ މުސްތަގުބަލުގެ ވާހަކައެވެ.
"ޒާ އިހަށް މަޑުކޮށްބަލަ" ދޮރާ ދިމާލަށް ދިޔަ ޒާރާ އަށް އައްފާން ބުންޏެވެ.
ޒާރާ ހުއްޓުނެވެ. އެހެންނަމަވެސް ފަސްއެނބުރި ބަލައިނުލައެވެ. އައްފާން ތެދުވެގެން އައިސް ޒާރާގެ ފަހަތުގައި ހުއްޓުނެވެ. އެކަން ޒާރާ އަށް އިހުސާސް ވެސް ވިއެވެ.
"ޒާ ބޭރަށް ދިޔުމަށް އެއްވެސް ހުރަހެއްނެތް. އެކަމަކު އަހަރެން ބުނަން މިއުޅޭ އެއްޗެއް އަޑުއަހާލާފަ ދާންވީނުން" އައްފާން ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ. ދެންވެސް އައްފާން ބުނާނީ ފައްވާޒާ ގުޅޭ ވާހަކަތަކެއް ކަން އެނގޭތީ ޒާރާ ހުރީ ދެލޯމަރާލައިގެންނެވެ.
"އަހަރެން މޮޔަވެދާނެ. ފައްވާޒް.... އޭނަ އަހަރެން ކައިރީގަ މޮޔައެއްހެން އާދޭސްކުރަނީ. ޒާ ހޯދަން. ޒާ ގެ ނަންބަރު ހޯދަން. އަހަރެން މިހުރިހާދުވަހު މިއުޅެނީ އަހަރެން ވީތަނެއް އަހަންނަށްވެސް ނޭނގޭ ތަނެއްގަ" އައްފާން ވާހަކަދެއްކިއެވެ.
"އޭނަ އެއް ނެތް މިރަށުގަ. ފުރައިފި. މިއަދު މެންދުރު އަހަރެން އޭނަ ދުށިން. އަހަންނަށް އެއްވެސް ތަފާތެއް ނާދޭ. އައްޔަ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ" ޒާރާ ނިކުމެ ދޮރު ލައްޕާލިއެވެ.
އައްފާނަށް ހީނލެވުނެވެ. އެހާ އަވަހަށް ބަލި ގަބޫކޮށްފައި ފައްވާޒް ފުރައިގެން ދިޔައީ ހެއްޔެވެ؟ ބޮލުން ހީވީ އެތައް ޓަނެއްގެ ބުރަ ނެއްޓިގެން ދިޔަހެންނެވެ. އެކަމަކު ޒާރާ ހިތްހަމަނުޖެހުނުކަން އެނގުމުން ލިބެންވީ ހިތްހަމަޖެހުމެއް ނުލިބުނެވެ. މިކުރެވުނީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެގޮތަށް ޒާރާ ކައިރީގައި ފައްވާޒްގެ ބޭނުން ބުނެދީގެން ނުވާނެއެވެ. މިއުޅެވެނީ ޒާރާގެ ހިތް މިލްކުކުރުމުގެ ފުރަތަމަ މަރުހަލާގައިކަން ހަނދާންނެތުނީއެވެ. ފައްވާޒަކީ ޒާރާ އާ އެކުގައި ސާދަ އަހަރު ހޭދަކުރި މީހާ ކަން ވެސް ހަނދާންނެތުނީއެވެ. ކުރިއަށްދާން ޒާރާ ކުރަމުންދާ ހިތްވަރާމެދު ވިސްނާނުލެވުނީއެވެ. އެކަމަކު... ޒާރާ އެބުނީ ހަމައެކަނި ފައްވާޒް ފެނުނު ވާހަކައެވެ. ވާހަކަދެއްކި ކަމެއް ނޫންކަމެއް ނުބުނެއެވެ. އެހެންވީއިރު ފައްވާޒް ފުރިކަމެއް ޒާރާ އަށް އެހާ ޔަގީންކަމާއެކު ބުނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ފައްވާޒް ބުނީ ހެއްޔެވެ؟ ނޫނީ ފޯނު ކުރީ ހެއްޔެވެ؟ ނޫނީ މީހަކު މެދުވެރިކޮށް ބުނީ ހެއްޔެވެ؟ މާބޮޑަށް ވިސްނެން ފެށުމުން އައްފާން ދެފަރާތަށް ބޯހޫރާލިއެވެ
****
ޖެޓީމަތީގައި އިށީނދެގެން އިން ޒާރާ ގެ ނަޒަރު ހުއްޓިފައި ހުރީ އޭނާ ތަންކޮޅެއް ދުރުގައި ކުޅުމުގައި ތިބި އަމާނީ އާއި ނިއަމް އަށެވެ. ކުޑަ ދެކުދިންނަށް ހަމައެކަނި އޭނާގެ ނަޒަރު ހުއްޓިފައި ހުރިކަމެވެ. އޭނާގެ ވިސްނުން ގުޅިފައިވަނީ އައްފާން ދެއްކި ވާހަކަތަކަށެވެ. ފައްވާޒް ރަށުގައި ހުރި ވާހަކަ ބުނުމަކުން ގޯހެއް ނެތެވެ. ފައްވާޒް އައި ބޭނުން ކޮންމެހެން ބުނަންޖެހޭ ހެއްޔެވެ؟ ގަބޫލުކުރަން ބޭނުންނުވިޔަސް ފައްވާޒް ބަދަލުވެފައިވާކަމާއި އަލުން އޭނާ ހޯދަން ބޭނުންވާ ވާހަކަތައް އިވުމުން ވަރަށް ބޮޑަށް ހިތަށް އަސަރުކޮށްފިއެވެ. ކުޑަ ހިނދުކޮޅަކަށް ހީވީ އެދުވަސްތައް ތަކުރާރުވާން އުޅުނު ހެންނެވެ. ހިތާއި ސިކުނޑި ތެރޭގައި ދުވަހަކުވެސް ސާފުނުވާނޭފަދަ ތޫފާނެއް އުފެދިގެން އުޅޭ ކަހަލައެވެ. އެންމެ ދެރަވީ އެވާހަކަތައް އައްފާން ބުނުމުންނެވެ. ޒާރާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. ހިޔާލާ ވިސްނުންތަކެއްގެ ތެރެއަށް ހިތާ ސިކުނޑި ދޫކޮށްލައިގެން އިންދާ އޭނާ އަށް ހަމަބިމަށް އާދެވުނީ ނިއަމް ގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް ތެދުވަން އުޅުމުގެ ތެރޭގައި ކައިރީގައި އޮތް ފޯނު އަތުންޖެހި ދެގާގަނޑު ދޭތެރެއަށް ވެއްޓުނެވެ. ނަސީބަކުން ލޮނުގަނޑުގައި ނުޖެހި ފޯނު ފެންނަން އޮތެވެ. ފޯނަށް ސަމާލުކަންދިނުމުގެ ބަދަލުގައި ޒާރާ ދިޔައީ ނިއަމް އާ ދިމާލަށެވެ.
މަޑުމަޑުން ފިޔަވަޅު އަޅަމުންދިޔަ ޒާރާ މަޑުޖެހުނީ ނިއަމް އުރައިގެން އޭނާ އަށް ފުރަގަހަށް ހުރި އަންހެންމީހާ ކުރިމަތީގައެވެ. އެއީ ކާކު ކަމެއް ޒާރާ އަށް ނޭނގުނެވެ. އޭނާ އަށް އެނގެނީ އެމީހާގެ އަތުތެރެއިން ބިންމައްޗަށް ފައިބަން ނިއަމް މަސައްކަތްކުރަމުންދާ ކަމެވެ.
"މިއަދު ކުޑަކޮށް ރުޅިވެގެން އުޅޭ ދުވަހެއް. އެހެންވެ އެއުޅެނީ ފައިބަން" ޒާރާ ބުންޏެވެ.
ނުހާގެ ރުޅިވެރި ނަޒަރު ހުއްޓުނީ ޒާރާ އަށެވެ. ހަމައެކަނި ފެންނަން ހުރި ޒާރާގެ ދެލޮލަށް އެކަނި ބަލަހައްޓައިގެން ހުއްޓަސް ނުހާގެ ގައިގައި ރުޅިން ރޫރު އަޅަމުން ދިޔައެވެ.
"ނުންނު. މީއޭ އެމީހަކީ. މިއީ ނުންނުގެ އައްފާންގެ ހަޔާތަށް ވެރިވެގެން އުޅޭ ނިންޖާއަކީ. ބަލާބަ ހުރި ފާޑެއް" ޒާރާ އަށް ހައިރާންކަމާއެކު ބަލައިލެވުނީ ނުހާ ކައިރީގައި ހުރި މާހީ އަށެވެ. މިވާނުވާއެއް އަދި ޒާރާ އަށް ނަގައިނގަނެވުނެވެ. މާހީ ގެ މޫނު ތަނަކުން ދުށް ހަނދާނެއްވިއެވެ. މާބޮޑަކަށް ހަނދާންކުރާކަށް ނޫޅެވުނެވެ.
"ގެނޭ ނިއަމް" ޒާރާ އުޅުނީ ނިއަމް އުރާށެވެ. އެހެންނަމަވެސް ނުހާ އަށް ވުރެ ކުރީން ފަހަތަށް ޒާރާ ކޮށްޕާލީ މާހީ އެވެ.
ޒާރާ ކަންބޮޑުވީ ދެނެވެ. ރަށުތެރެއިން ނުދެކޭބަޔަކު ކުއްލިއަކަށް ކުރިމައްޗަށް އަރާ ދެބަސްވާން އުޅެނީ ކީއްވެގެން ހެއްޔެވެ؟ މިއީ ކޮންބައެއް ހެއްޔެވެ؟
"މިއީއޭ ނިއަމްގެ މަންމަ އަކީ. އެއީ އެއް ނޫނޭ" ރޮމުންދިޔަ ނިއަމް އަށް ނުހާ ބާރަކަށް ބުންޏެވެ. އޭރުވެސް ނިއަމް ދިޔައީ ކުރިމަތީގައި ހުރި ޒާރާއަށް 'މަންމަ' އޭ ކިޔާ ގޮވަމުން ނުހާ ގެ އަތުން ސަލާމަތްވާން މަސައްކަތް ކުރަމުންނެވެ.
"ނު... ނުހާ ތަ؟" ޒާރާ އަށް މަޑުމަޑުން ބުނެވުނެވެ.
"ގޮސް މީނަ ބައްޕަ ކައިރީގަ ބުނޭ. އަހަރެން އަތުގައޭ ދަރިފުޅު ވީ. ބުނޭ ދަރިފުޅު ބަލާ އޭނަ އައިއްޔާ ނޫނީ ނުދޭނަމޭ" ނުހާ ހިނގައިގަންނަން އުޅުނެވެ.
ގަދަވެލާފައި ނުހާ އާއި މާހީ ދާންއުޅުނަސް ބައެއް މީހުންގެ ސަމާލުކަން އެވެރިންނަށް ހުއްޓިފައި ހުރުމުން ކުރިއަށް ހިނގައިގަންނާކަށް ނުކެރުނެވެ. ގޮތްނޭނގޭ ރަށަކުން މޮޅުވާން އުޅުނަސް އަދި ކާމިޔާބު ނުވާނެކަން ވިސްނުނީ މާހީ އަށެވެ. އަނެއްކާ ދުރުގައި ތިބި ދެތިން އަންހެނުން އެދިމާލަށް އަންނަތަން ފެނުނެވެ. މަންޒަރު ބަދަލުކޮށްލާން ވަގުތުން މާހީ ހިތް ބުނެލިއެވެ. އެހެންނޫނީ ކުރަން އައި ކަންތައް ކާމިޔާބު ނުވަނީސް ރަށުން ފައިބަންޖެހިދާނެއެވެ.
(ނުނިމޭ)