ޕީރިއަޑްވުމުން ބަނޑުގައި ރިހުމަކީ ވަރަށް ގިނަ އަންހެނުންނަށް ތަހައްމަލްކުރަންޖެހޭ ވޭނެކެވެ. ބައެއް އަންހެނުންނަށް ޕީރިއަޑް އައުމުން އެއްވެސް އުނދަގުލަކާ ނުލައި ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވެއެވެ. އަނެއްބައި މީހުންނަށް ކޮންމެވެސް ވަރެއްގެ އުނދަގުލަކަށްވާއިރު ދިރިއުޅުމުގައި އާއްމުކޮށް ކުރަންޖެހޭ ކަންކަމަށް ދަތިވާވަރަށް ވެސް ކޮންމެވެސް ބަޔަކަށް މި އުނދަގޫ ތަހައްމަލްކުރަން ޖެހެއެވެ.
މި ގޮތަށް ބަނޑުގައި ރިއްސުމަށް ޑޮކްޓަރީގޮތުން ކިޔާ ނަމަކީ (dysmenorrhea) އެވެ. އެއީ ރާޅުބާނިތަކެއްހެން ދަށްބަނޑުގައި ވޭންއަޅާފައި ރިއްސާ ރިއްސުމެކެވެ. ގިނަ މީހުންނަށް ޕީރިއަޑް ފެށުމުގެ ތަންކޮޅެއް ކުރިން ފެށިގެން ޕީރިއަޑް ދުވަސްވަރުގައި ބަނޑުގައި ރިއްސައެވެ.
އެންޑޯމެޓްރިއޯސިސް ކިޔާ ހާލަތެއްގެ ސަބަބުންވެސް މި ރިހުން އިތުރުވެއެވެ. މި ހާލަތުގައި ވާގޮތަކީ ރަހިމުގެ އެތެރެތަންމަތީގައި ހުންނަ ޓިޝޫއާ އެއްވައްތަރެއްގެ ޓިޝޫ ރަހިމުގެ ބޭރުގައި އުފެދެނީއެވެ. މީއީ އޭގެ ޒާތުގައި ވޭންލިބޭ ސަބަބަކަށްވެއެވެ.
ޕީރިއަޑްގެ ސަބަބުން ރިހޭ ރިހުން އުމުރު މައްޗަށް ދާވަރަކަށް ލުއިވާގޮތްވެސް ދިމާވެއެވެ. އަދި ވިހެއުމާއެކުވެސް ބައެއް މީހުންނަށް މި ރިހުން ކެނޑެއެވެ.
އަލާމާތްތައް:
ޕީރިއަޑް ރިހުމުގެ އަލާމާތްތަކުގެގޮތުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި؛
• ރާޅުބާނިތަކެއްހެން ވޭން އަޅާފައި ދަށްބަނޑުގައި ގަދައަށް ރިއްސުން
• ޕީރިއަޑް ވުމުގެކުރިން އެއް ދުވަހާއި ތިން ދުވަހުގެ މުއްދަތަކަށް ބަނޑުގައި ރިއްސުމާއި، ޕީރިއަޑްވުމަށްފަހު ދެދުވަހާއި ތިން ދުވަހުގެ މުއްދަތަކަށް މި ރިހުން ހުރުން
• ފޫހި ތަދެއް މެދުކެނޑުމެއްނެތި ހުރުން
• ރިހުން އުނަގަނޑުގެ ތިރިއަށާއި ފައިގެ ފަލަމަސްގަނޑުގައި ހުރުން
އަދި ބައެއް އަންހެނުންނަށް:
• ހޮޑުލެވުން
• ބޮލުގައި ރިއްސުން
• ބަނޑުދިޔާވުން
• ބޯއެނބުރުން، މި ހާލަތްތައްވެސް މެދުވެރިވެއެވެ.
ޑޮކްޓަރަށް ދައްކަންޖެހޭނެތަ؟
ޕީރިއަޑް ރިހުމުގެ ސަބަބުން ކޮންމެ މަހަކު ދިރިއުޅުމުގެ ކަންކަން ކުރަން ދަތިވާވަރަށް ރިއްސާނަމަ ޑޮކްޓަރަށް ދައްކަންވާނެއެވެ. އެއްފަހަރުން އަނެއްފަހަރަށް ރިހުން ގަދަވަމުން ދާނަމަ، އަދި އެއް ޕީރިއަޑެއްގެ ތެރޭގައި ވެސް އެއްދުވަހުން އަނެއް ދުވަހަށް ރިހުން ގަދަވާނަމަ ޑޮކްޓަރަށް ދާންވާނެއެވެ. ކުރިން ޕީރިއަޑް ރިހުން ނުހުންނަ މީހަކު އުމުރު މައްޗަށް ދިއުމުން ރިހެން ފަށައިފިނަމަވެސް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
ޕީރިއަޑްވުމުން ބަނޑުގައި ރިހެނީ ކީއްވެ؟
ޕީރިއަޑްގެ ތެރޭގައި ރަހިމުގެ ބަތާންގަނޑު ދޫކޮށްލުމަށްޓަކައި ރަހިމުގެ އެތެރެ ފަށަލަ ފިއްތަން ފަށައެވެ. އަދި އެދުވަސްވަރު ހޯމޯނަކާ ވައްތަރު ސަބްސްޓެންސެއްކަމުގައިވާ ޕްރޮސްޓާގްލާންޑިންސް ކިޔާ ރިހުން އުފައްދާ މާއްދާއެއް ގިނަވާން ފަށައެވެ. މި މާއްދާގެ ވަޒީފާއަކީ ރަހިމުގެ އެތެރެފަށަލަ ފިއްތުމެވެ. ޕްރޮސްޓާގްލާންޑިންސް ގިނައިން ދޫކުރިވަރަކަށް ރިހުން ގަދަވާނެއެވެ.
ޕީރިއަޑްރިހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި
• ރަހިމުގެ ބަތާނުގައި ހުންނަ ފަދަ ޓިޝޫތަކެއް ރަހިމުގެ ބޭރުގައާއި ފެލޯޕިއަން ޓިއުބްގައާއި އޯވަރީފަދަ ތަންތަނުގައި އުފެދެންފެށުން.
• ރަހިމުގެ ބިއްތަކުގައި ފައިބްރޮއިޑްތައް އިތުރުވުން. ނަމަވެސް މިއީ ކެންސަރެއް ނޫނެވެ.
• ޖިންސީގުޅުން ހިންގުމުން ބެކްޓީރިއާއެއް ޖައްސާ ބައްޔެއްގެ ސަބަބުން ދަރިމައިވުމާ ގުޅޭ އެތެރޭގެ ގުނަވަނެއް ދުޅަވުން.
• ރަހިމުން ލޭ ބޭރުވާ ލޯވަޅު ހިމަވުމުގެ ސަބަބުން ވެސް ބައެއް މީހުންނަށް ތަދުވުން އެކަށީގެންވޭ.
ޕީރިއަޑް ރިހުން އެންމެ ބޮޑަށް ޖެހޭނީ:
• އުމުރުން 30 އަހަރަށްވުރެ ހަގުވުން
• އުމުރުން 11 އަހަރު ނުވަނީސް ޕީރިއަޑްވުން
• ޕީރިއަޑް ދުވަސްވަރު ވަރަށް ގިނައިން ލޭއައުން. މި ހާލަތަށް ކިޔަނީ (menorrhagia)
• ޕީރިއަޑްވުން އިންތިޒާމުން ކައްސާލާފައިވުން
• ޕީރިއަޑްވުމުން ބަނޑުގައި ރިއްސުމުގެ ކަންތައް އާއިލީކަމަކަށްވުން
• ދުންފަތުގެ އިސްތިއުމާލު ކުރުން
ޕީރިއަޑް ރިހުން ލުއިކުރުމަށް ކުރެވިދާނެ ބައެއް ކަންތައް
• ތެޔޮކޮޅެއް ލައިގެން ދަށްބަނޑު މަސާޖްކުރުން
• ރިހުން ލުއިކުރާ ބޭހެއް ނެގުން. އޭގެތެރޭގައި، އައިބުޕްރޯފެން (ibuprofen)، ނެޕްރޯޒެން (naproxen) އެސްޕްރިން (aspinine) (ބްރޫފިން) ހިމެނެއެވެ.
• ކަސްރަތުކުރުން
• ހޫނުފެން ޓަބަށް އެރުން
• ކޭން ބުއިމުގެ އާދަތައް ރަނގަޅުކުރުން، އޭގެ ތެރޭގައި، ވިޓަމިން B6, B1, E, D ގިނައިން ހުންނަ ކާނާ ކެއުން ގިނަކުރުން
• ކޮފީއާއި ލޮނުގަދަ ކެއުމާ ދުރުވުން
• ގިނައިން ފެންބުއިން
ދިމާވެދާނެ ހާލަތްތައް:
ޕީރިއަޑްގެ ސަބަބުން ރިއްސާ ރިއްސުމަކީ ގިނަފަހަރަށް މެޑިކަލް ގެއްލުންތަކެއް ނުވަތަ ކޮމްޕްލިކޭޝަންތަކެއް ދިމާވާނެ ކަމެއް ނޫނެވެ. ގިނަ ފަހަރަށް މައްސަލައަކަށް ވަނީ އަޅާ ވޭނުގެ ސަބަބުން ދިރިއުޅުމުގެ އާއްމު ހާލަތުގައި ކޮށްއުޅޭ ކަންތައްތައް ކުރަން ދަތިވުމެވެ. ކިޔަވާ ކުއްޖެއްނަމަ ސްކޫލަށް ނުވަތަ ކޮލެޖަށް ދާން ދަތިވުމާއި، ވަޒީފާގެ ކަންތައްތަކާއި އަދި ވެސް އިޖްތިމާއީ އެހެން ހަރަކާތްތަކުގައި ބައިވެރިވާން ދަތިވުމެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި ކޮމްޕްލިކޭޝަންސްއާ ކުރިމަތިވެދާނެއެވެ. މިސާލަކަށް އެންޑޯމެޓްރިއޯސިސް ނުވަތަ ރަހިމުގެ ބަތާނުގައި ހުންނަ ފަދަ ޓިޝޫ ރަހިމުގެ ބޭރުގައާއި ފެލޯޕިއަން ޓިއުބްގައާއި އޯވަރީފަދަ ތަންތަނުގައި އުފެދެންފެށުމުގެ މައްސަލައަކީ ދަރިމައިވުމުގެ ސިއްހަތަށް އަސަރުކޮށްފާނެ ކަމެކެވެ. ޕީރިއަޑްވުމުގެ ސަބަބުން އަންނަ ރިހުމަކީ ގިނަ އަންހެނުން މޫޑް ގޯސްވާވަރުރުގެ ކަމަކަށްވިޔަސް އެއާއެކު ދިރިއުޅުމުގެ އާއްމު ކަންކަން ކޮށްލައިގެން އުޅެވޭވަރުގެ ރިހުމެކެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް މިކަން ތަހައްމަލްކުރަންޖެހޭ ނަމަ ޑޮކްޓަރެއްގެ އެހީ ހޯދަން ވާނެއެވެ.