"އަވަސްކުރޭ. ބުނެބަލަ. ދޮންތި ވީ ކޮންތާކު؟ ޕްލިޒް ޕްލިޒް... ބުނެބަލަ..." ނޫރީންގެ އަތުގައި ފައްވާޒް ހިފަހައްޓާލިއެވެ.
"ވަސިންތަމެން ގޭގަ ވީ" ނޫރީން ބުންޏެވެ.
ފައްވާޒަށް ހެވުނެވެ. ނޫރީންގެ މޫނުގައި ފިރުމާލާފައި އޭނާ ދޮރާ ދިމާލަށް ދުއްވައިގަތެވެ.
****
ޖެޓީ މައްޗަށް ފޭބިގޮތަށް ނުހާ އަށް ހުރެވުނީ ރަށާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހަޔާތުގައިވެސް އަތޮޅުތެރޭގެ ރަށަކަށް އޭނާ ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. ލޮލުގައި ނަންބަރު އައިނު ބޯ މައްޗަށް ހިއްލާލާފައި އޭނާ ބަލައިލީ އޭނާ އަށް ވުރެ ތަންކޮޅެއް ކުރީގައި ހުރި މާހީ އަށެވެ.
"މަބުނީ މަށަށް ބަލާލަބަލަ. ވަރަށް އައިބުތަ؟" މާހީ ބަލައިލުމުން ނުހާ ބުންޏެވެ.
ލޮލުގައި އޮތް އައިނު ނަގާފައި މާހީ ބަލައިލިއެވެ. ހަށިގަނޑުގައި ޖެހި ބޭކާރު މަސްތަކާއެކު އަދިވެސް ނުހާ ހިވަނީ އެހެން މީހެއް ހެންނެވެ. ކުޑަކޮށް މަސްތަކަށް ދޫވެލާފައި ހުރިހެން ހީވެއެވެ. ލައިގެން ހުރި ހެދުމުގެ ސަބަބުން ހިކި ކަމަށް ދައްކައެވެ.
"ދެން އެހާވެސް އައިބެއް ނޫނޭ. ރީއްޗޭ" މާހީ ބުންޏެވެ.
ނުހާ އަމިއްލަ އަށް ހަށިގަނޑަށް ނަޒަރެއް ދިނެވެ. ކުރިއަށް ވުރެ ހަށިގަނޑަށް ލުއި ހެން ހީވެއެވެ. ޖުމާ ދިން ބޭސްތަކުގެ އަސަރު ވަރަށް ރަނގަޅަށް ކޮށްފިއެވެ. ކުރިއަށް އޮތް ތަނުގައިވެސް ދާނީ ރަނގަޅު ވަމުންނެވެ. އިސާހިތަކު ކުރީގެ ހަށިގަނޑު ލިބިދާނެއެވެ.
"އޭ ކޮންތާކަށް މިދަނީ" ނުހާ ބުންޏެވެ.
"ގެސްޓްހައުސް އަކަށް. ވަރަށް ސަޅިވާނެ މިރަށު ގެސްޓްހައުސްތައް. މިދަނީ މަށާ ފަވާ އަބަދުވެސް ދާ ގެސްޓްހައުސް އަށް" މާހީ ބުންޏެވެ.
ދެކުދިން ހިނގާފައި ދިޔައިރު މާހީ ގެ ތުންފަތަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. މަގުގެ އެކި ދިމާ ހޯދަމުން ދިޔައީ ނުހާ އެވެ. އޭނާ އަށް ވަށައިގެން ފެންނަމުން ދިޔައީ ހައިރާންކުރުވާ މަންޒަރު ތަކެވެ. ރަށްފުށުގެ ދިރިއުޅުމެވެ. މަގުތަކުގައި ކުޅެން ތިބި ކުޑަކުދިންނާ ސިޔާސަ ދަރިން އަތުލަން ފަހަތުން ދުވާ މައިންނެވެ. ގޭގެއިން އަޑުގަދަ ކުރާ އަޑާއި މަސް ކައްކާ ގެތަކުގެ ހުޅުގަނޑުގެ އަޑެވެ. ކުނިކަހަން މަގުތަކުގައި ތިބި އަންހެނުންނާއި އޮޑި ދޯނި ފަހަރުގައި ވަރުބަލިކަމެއްނެތި މަސައްކަތުގައި ތިބި ފިރިހެނުންނެވެ. ތަންކޮޅަކަށް ހިނގާލާއިރަށް ނުހާ ވަރުބަލި ވާން ފެށިއެވެ. އެންމެ ވައިރޯޅިއެއް ވެސް ވަނީ އެއް ނޫނެވެ. ނުހާ އަނގަ އަށް ގޮތެއް ހަދާލިއެވެ. ކައިރިން ދިޔަ އުމުރުން ދުވަސްވީ އަންހެނަކު ގައިން ދުވި އަތަރު ވަހުންނެވެ. މަސް ކައްކާ ގެއަކާ އަރާ ހަމަވި ވަގުތު ދޮވި ވަހުންނެވެ.
"މި ރާއްޖެތެރޭ މީހުން މަގުތަކަށް ނިކުމެ އުޅެނީ ފެންވެސް ނުވަރާތަ؟ ޗީޑި. ފަކުރުބައެއް. މަގޭ އައްފާން އެ އުޅެނީ މިކަހަލަ ތަނަކުން ނަޖިސްގަނޑެއް ހޮވައިގެން" ނުހާ ހިތާހިތުން ވާހަކަދެއްކިއެވެ.
"ކާރުވެސް ނުދުއްވާ ރަށެއްތަ؟" ވަރުބަލިވެފައި ހުރި ނުހާ ބުންޏެވެ.
"ސާބަހޭ. މިއީ މާލެއެއް ނޫނޭ. ދެތިން ރެއަކު މަޑުކޮށްލާއިރަށް ބިޓުން ވާނެ ގެސްޓްހައުސްތަކުން. އޭރުން ހިލޭ ރައިޑްތަކަށް ވެސް ދެވޭނެ. ތަންކޮޅެއް ބާރަށް ހިނގާބަލަ" ނުހާ އަތުގައި ހިފައި ގާތަށް ދަމާލަމުން މާހީ ބުންޏެވެ.
****
މެޝިނުން ދޮވެފައި ހުރި އެއްޗެހި ހިފައިގެން ނިކުތް ގޮތަށް ވަސީމާ އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ގޯތީގެ މެދަކާ ހަމައަށް ވަދެ ހުރި ފައްވާޒް ގޭތެރޭގެ އެކި ދިމާ ހޯދަމުން ދިޔައެވެ. ހުރެވުނީ މޫނު ބުރުގާ ނާޅާ ކަން އެނގުމުން އިތުރަށް ހިނގައިގަންނާކަށް ވަސީމާ އަށް ނުކެރުނެވެ. ދޮންނަ ބައިގެ ތެރެއަށް ވަދެފައި ނިވާވެލިއެވެ. ވަސީމާގެ މޫނުމަތިން ފެނުނު ހައިރާންކަމާ އެއްވަރަށް ހިތްހަމަނުޖެހުން ވެސް ފެނުނެވެ. މީހެއްގެ ގެއަކަށް އެގޮތަށް އެއްވެސް މީހަކަށް ހުއްދަ ނުހޯދާ ވަދެވިގެން ނުވާނެއެވެ. އަމުދުން ފައްވާޒެވެ. މީނަ މިރަށުގައި މިއުޅެނީ ކޯޗެއް ހޯދަން އައިސް ހެއްޔެވެ؟ މިގެއަށް އެ އައީ ޒާރާ ހޯދަން ކަން ޔަގީނެވެ. މިގަޑީގަ ޒާރާ އާއި އަލީ ވާނީ ކޮޓަރީގައެވެ. ނުނިކުމެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
ވަސީމާ ނިވާވެގެން ހުރެ ފައްވާޒްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ.
ދެ އުކުޅުގައި އަތް ވިއްދާލައިގެން ހުރެ ގޯތީގެ އެކި ދިމާލަށް ފައްވާޒް ދިޔައީ ބަލަމުންނެވެ. ސިޓިންގރޫމުގެ ދޮރާ ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އަލުން އެތެރެއަށް ވަތް ދޮރުން ފައްވާޒް ނިކުމެގެން ދިޔައެވެ. ވަސީމާ އަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނީ ދެނެވެ. އަތުގައި ހުރި އަންނައުނުތައް އަވީގައި ހުރި ޖޯއްޔަށް އަޅާލާފައި އެދިޔަ ބާރިމުނުގައި ގޮސް ދޮރާށި ތަޅުލިއެވެ. ނިއަމް ގޮވައިގެން ޒާރާ ބޭރަށް ނިކުތީ ވެސް އެ ގަޑީގައެވެ. ކަންބޮޑުވުމާ ހާސްކަމާއެކު ޒާރާ އަށް ބަލަހައްޓައިގެން ވަސީމާ ހުއްޓެވެ. ބޫޓުކޮޅާކއެކު ބިމްނަތީގައި ނިއަމް ބަހައްޓައިގެން ދެ އަތުކުރީގައި ހިފަހައްޓާލައިގެން ޒާރާ އުޅުނު އިރު ތުންފަތުގައިވި ހިނިތުންވުން ވަސީމާ އަށް ފާހަގަވިއެވެ. އެ ހިނިތުންވުން ޒާރާ ގެ ތުންފަތް މަތިން ގެއްލެން ނަގާނީ ކިހާ ހިނދުކޮޅެއްބާއޭ ހިތަށް އެރުމުން ވަސީމާ ގެ ހިތުގައި ޙާސްކަމުގެ ރާޅުބާންޏެއް އުފެދުނެވެ. ފައްވާޒް އެގޮތަށް މިގެއަށް އައުމަކީ ރަނގަޅު ފާލެއް ނޫނެވެ. ވާންމިއުޅޭ ގޮތެއް ހިޔާލަށް ގެންނާކަށްވެސް ނޭނގެއެވެ.
"ވަސިންތާ..." ކުއްލިއަކަށް ވަސީމާ ސިއްސައިގެން ދިޔައީ ޒާރާ އޭނަގެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ.
"ކޮންވިސްނުމެއްގަ. ތެމިވެސްފައެއްނު ތިހުރީ" ޒާރާ ބުންޏެވެ.
ހުރެވުނު ގޮތާ މެދު ވަސީމާ އަށް ވިސްނާލެވުނީ ދެނެވެ. ގަޔަށް ފެންއެޅީ އޭނާ އަމިއްލަ އަށެވެ. ހޫނުގަދަކޮށް އޮތުމުން ހަށިގަނޑަށް އަރާމެއް ގެނައުމުގެ ގޮތުންނެވެ.
"އެއީ... އެއީ ދޮވެފައި ހުރި އެއްޗެހިތައް ހިފައިގެން ދައްތަ ނިކުތްއިރު މިތާ ޖަނބުރޯލު ގަސް ކައިރީގަ ފިރިހެނެއް ހުރީމަ. މިތާ ހުރެފަ މީހެއްގެ ހަބަރެއް ނުވީމަ ހިނގައްޖެ" ވަސީމާ ބުނީ މުޅިއަކުން ދޮގެއް ނޫނެވެ.
"ފިރިހެނެކޭ. ކާކު ކަން އެނގޭތަ؟" ޒާރާ ބުންޏެވެ.
"ދޮރާށި ތަޅުނުލެވި ހުރީމަ އެމީހާ އަށް އެ ވަދެވުނީ. އެއީ މިރަށު މީހެއްނޫން" ވަސީމާ ބުންޏެވެ.
"އެކަމަކު މީހުންގެ ތަންތަނަށް ވަންނައިރު ސަލާންގޮވަން ޖެހޭނެއްނު. ހާދަ ގޮތެއް ނެތީމައޭ މީހުންގެ ތަންތަނަށް އެގޮތަށް އައިސް ވަންނަން ކެރޭނީ" ހިތްހަމަނުޖެހިފައި ޒާރާ ބުންޏެވެ. ޒާރާގެ މޫނަށް ބަލައިލި ވަގުތު ވަސީމާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.
"ތިބުނީ ރަނގަޅަށް. ހަގީގަތުގައިވެސް އެއީ ގޮތެއް ހުރި އިންސާނެއް ނޫން. ގޮތެއް ހުރިނަމަ އެގޮތަށް މިގޭތެރެއަށް ވަންނާކަށް ނުކެރުނީސް. ދައްތަ ބުނަންތަ ވާހަކައެއް ދަރިއާ. ގޯއްޗެތެރެއަށް ނިކުމެ އުޅޭއިރު ދެފަރާތުގައި ހުރި ދެ ދޮރު ހުރީ ރަނގަޅަށް ތަޅުލެވިފަތޯ ޔަގީންކުރާތި" ހިނގައިގަންނަމުން ވަސީމާ ބުންޏެވެ.
ވަކި ހިސާބަކަށް ގޮސްފައި ވަސީމާ ފަސްއެނބުރި ބަލައިލިއެވެ. ޖަނބުރޯލު ގަހު އެލުވާފައި ހުރި ޖޯލީގައި އިން ޒާރާ ނިއަމް ފައި މައްޗަށް ލައިގެން އިނދެ ސަކަރާތްޖަހަމުން ދިޔައެވެ. ވަސީމާ އަށް ނޭނގުނަސް ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ޒާރާ ދިޔައީ ފިލުވަމުންނެވެ. އޭނާ އަށް ހަމަޖެހުމެއް ހޯދައިނުދެވުނީ އައްފާނަށެވެ. ހެނދުން ފަށައިގެން ބޮލެއްގައި ރިއްސާކަށް ބުނެފައި އައްފާން އެނދުން ނުތެދުވެއެވެ. ފައްވާޒް ހުރިކަން އެނގުމުން އައްފާން ވެސް ވިސްނަމުންދާކަން ޒާރާ އަށް އެނގުނެވެ. ދެރައީ އެކަކުވެސް ހިތުގައި ހުރި ވާހަކަތައް އަނެކަކާ ހިއްސާނުކޮށް ތިބިކަމެވެ. އެހެންނަމަވެސް ޒާރާ ހުރީ ރަނގަޅު ވަގުތަކަށް ބަލާށެވެ. އޭނާ އައްފާނާ ވާހަކަދައްކާނެއެވެ.
****
ކޮފީ ތަށި ހިފައިގެން މާހީ އާއި ނުހާ ނިކުތީ މަގުމަތީގައި ހުރި ޖޯއްޔަށެވެ. އަތިރިމައްޗާ ދިމާލަށް ހުރި ގެސްޓްހައުސް އެއްގެ އެދިމާލުގައި މީހުން މަދެވެ. އަލިކަމަށް ވުރެ ބޮޑަށް ފެތުރިފައިވަނީ އަނދިރިކަމެވެ. އެ ދިމާލުން ސައިކަލެއް ދަނީ ވެސް ގުނާލެވޭހާވެސް މަދުންނެވެ. ކޮފީ ތަށިން ކޯވަރެއް ބޯލާފައި ނުހާ މާހީ އަށް ބަލައިލިއެވެ.
"ކޮންއިރަކުން އަހަރެމެން އައި ކަންތައް ކުރަން ރަށުތެރެއަށް ނިކުންނާނީ؟" ނުހާ ބުންޏެވެ.
"ވިސްނަނީ. ނުންނު ނޭނގުނަސް މިރަށު ގިނަ މީހުންނަށް އަހަރެން އެނގޭނެހެން ހީވަނީ. އަހަރެން އެބަޖެހޭ މި ހެއާ ސްޓައިލް ބަދަލުކޮށް ފޮރުވެން" މާހީ ބުންޏެވެ.
"ދެން ތިގޮތަކަށްވެސް ހިނގާބަލަ ނިކުންނަން. މިހާރު ބޭކާރު ގޮތުގަ އެއްރޭ މި ފާއިތުވަނީ" ނުހާ ގެ އަޑުގައިވީ ކެތްތެރިކަން ކުޑަކަމެވެ.
"ނުންނު ހާދަ ކެތްތެރިކަން ކުޑައޭ. ނިކުންނާނަމޭ. މިފަހަރު މިއައީ ކާމިޔާބުކުރަން. ފަވާ ރުހިގެން ނައިއްޔާ ފަންޑިތަވެސް ހަދާނަން. އެ އުޅެނީ އަދި އަހަރެންގެ ހުރިވަރެއް ނޭނގިގެން" ނިއްކުރިމަތިން ވެއްޓިފައި އޮތް އިސްތަށިކޮޅު އިނގިލިން އޮޅާލަމުން މާހީ ބުންޏެވެ.
"ފަންޑިތައޭ... ސަޅި އައިޑިއާ އެއް. މަވެސް ބޭނުން" ނުހާ ބުންޏެވެ.
"ބައްޕަ އަހަންނަށް ދިން ރުފިޔާކޮޅުން މިކޮޅުގަ ހުރިހާ ހަރަދެއް ކުރަންމިޖެހެނީ. ބައްޕަ ހިތުން އަހަރެން މިއުޅެނީ ވަޒީފާއަކަށް އިންޓަވިއު އަށް އައިސް މާލެ ކައިރި ރަށެއްގަ. ނުންނު އަށް ނުލިބޭނެތަ ރުފިޔާކޮޅެއް" މާހީ ބުންޏެވެ.
"އަހަރެން ކޮންތާކުން؟ ބަޔަކު ދިނީމަ ކައިގެން ބޮއެގެން އަހަރެން އުޅުނީ" ނުހާ ދެރަވެއްޖެއެވެ. ކުރީގައި އައްފާނާ އެކު ލާރި މަތީގައި އުދުހިފައި އުޅުނު ދުވަސްތައް ހަނދާންވުމާއެކު ދެލޮލުން ކަރުނަ ނީރާލިއެވެ.
"އެބައިން ސަޅި ގޮތެއް. ހެސްކިޔާފަ ރުފިޔާ ލިބޭނެ. މިކޮޅު ގެސްޓްހައުސްގަ ތިބޭނެ ސަޅި ބިޓުން. ޔޫރަޕް މީހުންވެސް ތިބޭނެ. ނުންނު އެކަމަށް ނުލާހިކު މޮޅުވާނެކަން ޔަގީން. ނިކަން ތި ފިނޑިކަން ކަނޑުވާލަބަލަ. ކުރީގެ ނުންނު ކޮބާ މިހާރު؟ ބޭނުންކުރާވަރަށް ލާރިކޮޅެއް ލިބުނީމަ ދެން ހުއްޓާލާނީ. ދެން ބަލާނީ އެ ދެ ފިރިހެނުންނަށް ފަންޑިތަ ހެދޭތޯ. މިބުނީ ރީތިކޮށް ކިޔައިގެން ނައިއްޔާ"
މާހީ ދިން ހިޔާލު އެއްގޮތަކަށްވެސް ނުހާ އަށް ކަމުނުދިޔައެވެ. އެކަމަކު ދެކޮޅަކަށްވެސް އެއްޗެއް ނުބުނެވުނެވެ. އެހެންނަމަވެސް އޭނާ ރުފިޔާ ވެސް ބޭނުންވެއެވެ. ނުންނު ބުނިގޮތަށް ރުފިޔާ ހޯދުމުގެ ބަދަލުގައި އެންމެ ފުރަތަމަ ބަލާނީ ކުޑާ އަތުން ލޯނެއް ލިބޭތޯއެވެ. ބޭނުންވާވަރަށް ރުފިޔާ ހޯދަން ޖެހޭނީ ދޮގެއް ހަދާށެވެ. އެކަމަކު ބުނާނީ ކީކޭ ހެއްޔެވެ؟ ނުހާ ވިސްނުމަކަށް ގެއްލިފައި އިނެވެ.
****
އެނދުގައި އިށީނދެގެން އިން ފައްވާޒް އިރުކޮޅަކާ ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލައެވެ. އޭނާގެ ހިތު ތެރޭގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. ކައިރީގައި އޮތް ފޯނަށް މަންމަ ގުޅަމުން ދިޔައިރުވެސް އެ ފޯނަށް ޖަވާބުދޭން އޭނާ ބޭނުންނުވެފައި އިން ކަހަލައެވެ. މާކުރިންވެސް މަންމަ ގުޅާނެކަން އޭނާ އަށް އެނގެއެވެ. އެ ކޯލަށް އޭނާ ޖަވާބުދޭނެއެވެ. އެކަމަކު ފަހުންނެވެ. މިހާރު އޭނާގެ ހިތުގައި އަނދަމުންދަނީ އައްފާނަށްޓަކައި އަލިފާނެވެ. އޭނާ އަށް މަކަރު ހަދައި އޮޅުވާލީތީއެވެ. މަތިމަތިން މާ ރަނގަޅު މީހެއް ކަމަށް ހެދިގެން އައްފާން އުޅުނީތީއެވެ. މަޖުބޫރު ކައިވެންޏެއްގެ މަތީގައި އުނދަގޫ ދުވަސްތަކެއް ޒާރާ ހޭދަކުރަމުންދާކަން އެނގި ހުރެ ސިއްރުކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މީހަކާ އިނދެގެން ހުރެ އެހެރީ ރަނގަޅަށް ޒާރާ އަށް ހިތް ކިޔާފައެވެ.
"އައްފާން... އަހަންނަށް ދުވަހަކުވެސް ކަލެއަށް ދެން އިތުބާރެއް ނުކުރެވޭނެ" ފައްވާޒްގެ ހިތުން ކިޔާލިއެވެ.
ކައިރީގައި އޮތް ފޯނަށް ފައްވާޒް ބަލައިލިއިރު އެގާރަ ވަނަ ކޯލު މިސްވެއްޖެއެވެ. އޭނާ ފޯނު ނަގާފައި ގުޅާލިއެވެ.
"ފައްވާޒު ތިއުޅެނީ މަންމަ މިތަނުގަ ހުއްޓަނުދޭންތަ؟ ކީއްވެގެންތަ ތިގޮތަށް ކަންތައް ތިކުރަނީ ކީއްވެތަ؟" ފުރަތަމަވެސް ފައްވާޒަށް ކުރިމަތިލާންޖެހުނީ މަންމަގެ ޝަކުވާތަކާއެވެ.
"ސޮރީ އޭ މަންމާ. ފާހާނައިގައޭ އުޅުނީ. ލަސްވީ ފާހާނާގެ ހުރިހާ ތަނެއް ދޮވެލާފަ ނިކުންނަން ޖެހުނީމަ" ފައްވާޒް ބުންޏެވެ. މިވަގުތު މަންމަ ހިތްހަމަޖެއްސެއްން އޭނާ އަށް އޮތީ ދޮގެއް ހަދައިގެންނެވެ.
"ނަހުލާ ކީކޭތަ އެ ކިޔަނީ؟ ކޮންތާކަށް ދާން އުޅޭ ވާހަކަ އެކިޔަނީ؟" ޖޫލިޔާ ބުންޏެވެ.
"ނަހުލާއްތަވެސް ދޯ. މާލޭ ދާން އުޅޭ ވާހަކަ ބުނީ. ފުރަންވަންދެން މިއަތޮޅު ރިސޯޓްގަ މަޑުކޮށްލަން ދާން. ޗުއްޓީއެއް ނިންމާފަ ދާންވާނީ ޗުއްޓީއެއް ގޮތަކަށްނު" އަނެއްކާވެސް ފައްވާޒް ހެދީ ދޮގެކެވެ.
"މަންމައަށް ދޮގު ހަދަނީ ދޯ. ބުނަން ފައްވާޒު. އަހަންނަށް މަކަރެއް ހަދައިފިކަން ކިރިޔާ މީހެއްގެ ފަރާތުން އެނގުނަސް އަހަރެން ތިހުރި ތަނަކަށް ވަގުތުން ފުރައިގެންދާނަން. އަހަރެން ލަދުގަންނާނެވަރުގެ ކަމެއް ދެން ފައްވާޒްގެ ފަރާތުން ފެނުނިއްޔާ ހަނދާންކުރާތި..."
"ނުކުރާނަމޭ... މަންމާ... ވަރަށް ވަރުބަލިވެސްވެފަ ނިދިވެސް އައިސްފަ މިހުރީ. މަންމަ ދަންވަރު ޑިއުޓީގަ ހުއްޓަސް އަހަރެން ނިދި އާދޭ" ފައްވާޒް ބުންޏެވެ. ޖޫލިޔާ ޖެހުނީ އެންމެފަހުން ފޯނު ބާއްވާށެވެ. ފައްވާޒް ލޮލަށް ފެންނަ ހިސާބުގައި ނެތުމުން އޭނާ އަށް އޮތީ ފައްވާޒްގެ ވާހަކަތަކަށް އިތުބާރު ކުރުމެވެ.
ފައްވާޒް ފުން ނޭވައެއް ދޫކޮށްލިއެވެ. ދަބަސް ނަގައި އެނދުމަތީގައި ބަހައްޓާފައި އަންނައުނުތައް ޕެކްކުރަން ފެށިއެވެ. އޭނާ ނިކުންނަނީ އެގެއިންނެވެ. ރަށުން ފުރާކަށް ނޫޅެއެވެ. މުޅި ރަށުންވެސް އޭނާއަށް ޒާރާ ހޯދައިދޭން އެހީވެދޭން ހުރި މީހަކީ މީގެ ދެތިން ދުވަސްކުރިން އޭނާ އަށް ޒާރާގެ ވާހަކަތައް ކިޔައިދިން ޖީޒާ އެވެ. ފައްވާޒަށް އެގެއަށް ބަދަލުވާން ދައުވަތު ދިނީ ޖީޒާ އެވެ. އެ ދައުވަތު ފައްވާޒް ގަބޫލުކުރީ އޭނާގެ އަމިއްލަ އެދުމެއް އޮތީތީއެވެ. ޒާރާ ހާސިލްވުމާއެކު އެނާ އެގެއިން ނިކުންނާނެއެވެ.
****
ފެންވަރާލައިގެން ޒާރާ ނިކުތްއިރުވެސް އައްފާން އޮތީ އަނެއް ފަރާތަށް އެނބުރިގެންނެވެ. ދެލޯ މެރިފައި އޮތުމުން ޒާރާ އަށް ހީވީ އައްފާނަށް ނިދިފައި އޮތް ހެންނެވެ. ނިދާ ހެދުމަށް ބަދަލުކޮށްގެން އައިސް ޒާރާ އިށީނީ އައްފާންގެ މަގަތުންނެވެ. އައްފާން ދެލޯ ހުޅުވާލާފައި ބަލައިލީ ޒާރާގެ ޖިސްމުން ދުވި ވަސް އޭނާގެ ނޭފަތާ ހަމައަށް ފޯރުމުންނެވެ.
"ހާދަ ލޯބި ލޯބި ވަހެކޭ..." ހިނިތުންވެލަމުން އައްފާން ޒާރާ އާ ސަމާސާ ކޮށްލިއެވެ.
"އެކަމަކު އައްޔަ ގައިން ނުދުވާ މީރު ވަހެއް" ނޭފަތް ގުރުޑުކޮށްލަމުން ޒާރާ ބުންޏެވެ.
އައްފާނަށް ހެވުނެވެ. ޒާރާ ބުނާނީ ވެސް އެހެންކަން އޭނާ އަށް އެނގެއެވެ. މިއަދު ހަތަރުދަމު ފެނެއްނުވަރާ ވިއްޔާއެވެ. ތެދުވެ އެނދުގެ ހެޑްބޯޑުގައި އައްފާން ލެގިލިއެވެ.
"ޗުއްޓީ ކެނޑީތަ؟" ޒާރާގެ އަތްތިލައިގައި ހިފަހައްޓައިލަމުން އައްފާން ބުންޏެވެ. ޒާރާ ބޯޖަހާލިއެވެ. އިށީނދެގެން އިން ޒާރާ އާ އައްފާން މޫނު ގާތްކުރަމުން ދިޔައެވެ.
"ނެތްތަ ކަމެއް" ޒާރާ މޫނު ދުރަށްލިތަން ފެނުމުން އައްފާން ބުންޏެވެ.
"ދެން ކަމެއް އޮތަސް ނެތަސް އެނގޭނީ އައްޔަ ފެންވަރައިގެން އައިމަ" ޒާރާ ބުންޏެވެ.
ޒާރާގެ ބަސްގަބޫލުކޮށްގެން އައްފާން ތެދުވިއެވެ. އޭނާ ފާހާނާއަށް ވަނީ ވެސް ޒާރާ އަށް ނޭނގި ގައިގައި ބައްދާލާފައެވެ. މުޅި ދުވަސް އޭނާ ހޭދަކުރީ އަނބިމީހާ އާ ދުރުގައެވެ. މިހާރު އެކަމާ ދެރަވެއްޖެއެވެ. ފައްވާޒްގެ ސަބަބުން ދުނިޔޭގެ ހުރިހާ އުފާތަކެއް މަތީން ފޫހިވާން ނުޖެހޭކަން އެނގުނީ އަދި ކިރިޔާއެވެ.
އައްފާން ފާހާނާއިން ނިކުތުމުގެ ޒާރާ އެނދު ތަންމަތި ފޮޅާލިއެވެ. ގައިން އިތުރަށް މީރުވަސް ދުއްވާލިއެވެ. އިސާހިތަކު އެ މީރުވަސް މުޅި ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. އައްފާން ނިދަން ލާނެ ސޯޓެއް ނަގާފައި އެނދު މަތީގައި ބޭއްވިއެވެ. ކޮޓަރި އަލި ފަނޑުކޮށްލާފައި ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލައިގެން ބޭރު ބަލަހައްޓައިގެން ޒާރާ ހުއްޓެވެ. އައްޔަ އަށް ވުރެ ބޮޑަށް މިރޭ އޭނާ އަށް އިންތިޒާރު އެބަކުރެވެއެވެ. ޒާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަނެއްފަރާތަށް އެނބުރުނު ވަގުތު ޒާރާގެ މޫނު ޖެހުނީ އޭނާ އާ ދާދި ގާތުގައި ހުރި އައްފާންގެ މޭގައެވެ.
"އާހް... އެކްސިޑެންޓެއް ދޯ" ޒާރާ ބަލައިލުމާއެކު އައްފާން ބުންޏެވެ.
"މިތާ ތިހުރިއްޔޯ" ޒާރާ ބުންޏެވެ.
އައްފާންގެ އުނުގައި އައްސާފައި އޮތް ތުވާލި ޒާރާ އަށް ފެނުނީ މާ ލަހުންނެވެ. އެހިނދު ލަދުވެތިކަން ޒާރާ ގެ މޫނުމަތީގައި ވަށާލިއެވެ. އެ ފަނޑު އަލިކަމުގެ ތެރެއިންވެސް ޒާރާގެ މޫނުމަތީގެ ހަރަކާތްތައް އައްފާނަށް ފާހަގަވިއެވެ. ޒާރާގެ އެފަދަ ކޮންމެ ހަރަކާތަކީ އައްފާންގެ ހިއްސުތަކާ ކުޅެލާ އަސަރުތަކެކެވެ. އައްފާން ޒާރާ އާ ގާތަށް ޖެހިލިއެވެ. ޒާރާގެ އުނަގަނޑުގައި އަތްއަޅުވާލި ގޮތަށް ގާތަށް ދަމާލިއެވެ. ޒާރާގެ ދެއަތް ވިއްދާލީ އައްފާންގެ މޭގައެވެ.
"ކީއްކުރަން ތިއުޅެނީ؟" ޒާރާ އަށް ބުނެވުނެވެ.
އައްފާންގެ އެއްތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބޯއަރިކޮށްލާފައި އެނާ ގާތްވެލީ ޒާރާގެ ކަންފަތާއެވެ. ޒާރާ އަށް ދެލޯ މަރާލެވުނީ އައްފާންގެ ނޭވާގެ ހޫނުކަމާއި ހަށިގަނޑުން ދުވަމުން ދިޔަ ޝަވަރޖެލް ގެ ހިތްގައިމު ވަހުން ހިތަށް އަރާމުވީ ވަރުންނެވެ.
"މިވަގުތު އަހަރެމެން ދެމީހުންވެސް ބޭނުންވަނީ އެއްކަމަކަށް. ނޫންތަ؟" ޒާރާގެ ކަންފަތްދަށުގައި އައްފާން ބުންޏެވެ. ދެލޯ ހުޅުވާލާފައި ޒާރާ އައްފާނަށް ބަލައިލިއެވެ. ޒާރާ އަށް ބޯޖަހާލެވުނީ ބޭއިހްތިޔާރުގައެވެ. އެހިނދު އައްފާން ހީލި އަޑު ޒާރާ އަށް އިވުނެވެ. މިނޫނީ އައްފާންގެ ކުރިމަތީގައި އެކަހަލަ ކަމަކަށް ޒާރާ އިއުތިރާފުވެފައެއް ނެތެވެ. އައްފާންގެ އަތުތެރެއިން ދެމިގަންނަން ޒާރާ އުޅުނީ އޭނާގެ މޫނާ އައްފާންގެ މޫނު ނުހަނު ގާތްވެފައި ވަނިކޮށެވެ. ޒާރާ އެނބުރިލި ވަގުތު އައްފާންގެ މޫނުގައި އޭނާގެ މޫނު ބީހުނެވެ.
އެވަގުތު އައްފާން ހެދި ނުހެދިއެއް ނޭނގުނެވެ. އައްފާންގެ ހަށިގަނޑަށް ގެނައި ކުއްލި ޙަރަކާތަކާއެކު، ޒާރާގެ ބޮލުގެ ފުއްކިބައިގަޔާއި ދަތްދޮޅީގައި ހިފަހައްޓަމުން ޒާރާ އޭނާއާ އަދިވެސް އެއަށްވުރެވެސް ގާތްކޮށްލިއެވެ. އައްފާންގެ މިޙަރަކާތުން ކުޑަހިނދުކޮޅަކަށްޓަކައި ނަމަވެސް ޒާރާއަށް ލޯމަރާލެވުނެވެ. ދެމަފިރިންގެ މޭގައި އަނދަމުންދިޔަ އަލިފާންގަނޑުގެ ހުޅު ފަޅައިގެން ހިނގައްޖެއެވެ. ކެތްކުރަން މަސައްކަތް ކުރަމުންދިޔަ ޒާރާ ޖަޒުބާތުގެ އޮއިވަރެއްގައި ބެހިގެންދާން ފަށައިފިއެވެ. ވީނުވީއެއް ދެމަފިރިންނަށްވެސް ނޭނގުނެވެ. އެވަގުތަކީ ދެމަފިރިންނަށްވެސް އެކަކު އަނެކަކާ ވާހަކަދެއްކޭފަދަ ވަގުތަކަށް ނުވިއެވެ. ލޯބީގެ ހަދިޔާތައް ބަދަލުކުރަމުން ދިޔައީ ނަފްސުން ނަފްސަށެވެ. ލޯތްބާ އޯގާތެރިކަމާ އެކުގައެވެ.
****
ފަތިސް ނަމާދުކޮށްގެން މަޑެއްނުވެ ދަބަސް ހިފައިގެން ފައްވާޒް ހުރީ ޖީޒާ ގެ ގޭގައެވެ. ކޮފީ ތަށި ހިފައިގެން އައިސް ޖީޒާ ފައްވާޒްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ.
"މިގޭގަ ހުންނާނެ ވަރަށް ބައިވަރު ކޮޓަރި. ދޮންކަލޯ ބޭނުން ކޮޓަރިއެއްގަ ހުރޭ. މިހިސާބަކަށް ތި ނަހުލާމެން ހިސާބުގަ އުޅޭ މީހުން އައިސް ނޫޅޭނެ. އެކަކަށް އެއްކަމެއްވެސް ނޭނގޭނެ" ޖީޒާ ވާހަކަދެއްކިއެވެ.
ކޮފީތަށިން ކޯވަރެއް ބޯލާފައި ފައްވާޒު ޖީޒާ އަށް ބަލައިލިއެވެ.
"ޒާރާ ކައިވެނިކޮށްގެން ގޮސް އުޅެނީ ކޮންގެއަކު ކަމެއް އަދިވެސް ނޭނގޭ. ޖީޒާ ވެސް އެވާހަކައެއް ނުބުނޭ. ނޫރް ބުނެގެން ވަސީމައްތަ އުލޭ ގެއަށްވެސް ދިޔައިން. އެގެއަކުންވެސް ނުފެނުނު" ފައްވާޒް ވާހަކަދެއްކިއެވެ.
"ނާހަމަ ތެދެއްތަ؟ އެގެއަކުން ޒާރާ އެއް ނުފެނޭތަ؟ ހިނިގަނޑެއް ޖަހާލަމުން ޖީޒާ ބުންޏެވެ. ފައްވާޒަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ.
"އަދި އެންމެ މުހިންމު ވާހަކައެއް ނުބުނެވޭ ދޯ. އެނގޭތަ ޒާރާގެ ފިރިމީހާ އަކީ ކާކު ކަން. ހުރޭ. މިއަދު ކޮންމެސް ގަޑިއެއްގަ މަކަރަކުން މިގެއަށް އަހަރެން ޒާރާ ވައްދާނަން. ތައްޔާރަށް ހުންނާތި. ފިސާރި ބާރަކަށް ހިފަހައްޓާތި. މުށުން ދޫވެގެންދިޔަ ނުދޭތި. ދޮންކަލޯ ޒާރާ ގޮވައިގެން މިރަށުން ފުރައިގެން ދާންވެސް މި ޖީޒާ އެހީވެދޭނަން" ފަހުރުވެރިކަމާއެކު ޖީޒާ ބުންޏެވެ. އޭނާގެ ދެލޮލުން ފާޅުވަމުން ދިޔައީ މަކަރުވެރިކަމާ ހީލަތްތެރިކަމެވެ.
(ނުނިމޭ)